ad_banner
ﷲގެ އަޅުންނަށް އެކަލާނގެ ހެޔޮފުޅުވަންތަކަން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

8 މާރިޗް 2026

ތިބާ މީހަކު އަތުން 9000 ހާސް ރުފިޔާ ދަރަންޏަށް ނަގައިފި ކަމަށް ބަލާށެވެ. އެއަށްފަހު މި މީހާގެ ދަރިއަކު ތިބާ އަތުން 6000 ރުފިޔާ ދަރަންޏަށް ނަގައިފިއެވެ. ދުވަސްތަކަކަށް ފަހު މި މިހާ އެ ފައިސާ ހޯދަން އައިމާ ތިބާ އޭނާއަށް 3000 ރުފިޔާ ދީފާ ބާކީ އޮތް 6000 އެ ކުއްޖާ އަތުން ހޯދުމަށް  ތިބާ ބުނީއެވެ.

މީހަކު ބޭރު ގައުމަކަށް ގޮސް 90 ޑޮލަރަށް ކޮޓަރިއެއް ހިފައިފިއެވެ. އެއަށްފަހު މި މީހާގެ ފިރިހެން ދަރިއަކު މި ހޮޓަލަށް  އައިސް 60 ޑޮލަރަށް ކޮޓަރިއެއް ހޯދައިފިއެވެ. ދެބަފައިން ބައްދަލުވުމުން އިތުރު އެއްޗެއް ހޮޓަލަށް ނުދީ ކައިރިކައިރީގައި ޖެހިގެން ހުރި ދެ ކޮޓަރީގައި ތިބެން ބޭނުންވެއްޖެއެވެ. ކޮންމެ މީހަކުވެސް  އޭނާގެ ކޮޓަރިއަށް ދައްކާނީ 75 ޑޮލަރެވެ. އޭރުން ބައްޕައަށް ދައްކަންޖެހޭ މިންވަރުން 15 ޑޮލަރު މަދުވާނެއެވެ.އޭނާގެ ދަރިއަށް 15 ޑޮލަރު އިތުރަށް ދައްކަންޖެހޭނެއެވެ. މި ކަމުގެ ސަބަބުން ދެބަފައިންނަށް ކައިރިކައިރީގައި ހުރި ދެ ކޮޓަރީގައި ތިބެވި އެއްތަންވެވުނީއެވެ.

އެހެނަސް އަޅުގަނޑުމެންގެ ދީލަތިވަންތަ ޢިއްޒަތްވަންތަ ރަސްކަލާނގެ މިއަށްވުރެ މާ ހެޔޮފުޅުވަންތައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍ[1] - އަދި إيمانވި މީހުން އެއުރެންގެ ދަރިން إيمانވުމާ އެކު، އެއުރެންނަށް تبعވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عملއަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ.))

ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ހެޔޮފުޅުވަންތަކަން ކިހައި ބޮޑުތޯއެވެ؟ އެކަލާނގެ އެކަލާނގެ ހެޔޮފުޅުވަންތަކަމާއި ދީލަތިވަންތަކަމާއި އިޙްސާންތެރިކަމުން، އީމާންވި މީހުންގެ ދަރީން އީމާންވެ އެ މީހުންނާ ތަބާވެއްޖެ ނަމަ މައިންބަފައިންނާ އެއް ދަރަޖައެއްގައި ސުވަރުގޭގައި އެ ދަރީން ލައްވަވާނެއެވެ. އެއީ މައިންބަފައިންނަށް ސުވަރުގޭގައި ހިތްހަމަޖެހުން ދެއްވުމަށް ޓަކައެވެ. ދަރީންގެ އުނި ޢަމަލުތައް މައިންބަފައިންގެ ހެޔޮޢަމަލުތަކުން ފުރިހަމަކޮށްދެއްވުމަށް  ޓަކައެވެ. މި ކަމުގެ ސަބަބުން  މައިންބަފައިންގެ ދަރަޖައަށް އެއްވެސް އުނިކަމެއް ނުލިބޭނެއެވެ. ދަރީން މައިންބަފައިންގެ ދަރަޖައަށް އުފުއްލެވުމަކީ މައިންބަފައިންގެ ސަބަބުން ލިބޭ "ޕްރޮމޯޝަން"އެކެވެ.

1-   މައިންބަފައިންގެ ސަބަބުން ދަރިންގެ ދަރަޖަ އުފުއްލަވާ ގޮތަށް ދަރީންގެ ސަބަބުން މައިންބަފައިންގެ ދަރަޖަ ވެސް އުފުއްލަވައެވެ. ނަބިއްޔާ r  ޙަދީސްކުރެއްވިއެވެ. ((إِنَّ اللَّه لَيَرْفَع الدَّرَجَة لِلْعَبدِ الصَّالح فِي الجَنَّة فَيَقول يَا ربّ أَنَّى لِي هَذِهِ ؟ فَيَقُول بِاستِغفَارِ ولَدك لَك[2]  - ހމަކަށަވަރުން މާތްﷲ ސުވަރުގޭގައި ޞާލިޙު އަޅާގެ ދަރަޖަ އުފުއްލަވާނެއެވެ. އެ ހިނދު އޭނާ ދަންނަވާނެއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! މި އަޅާއަށް މި ދަރަޖަ ލިބުނީ ކިހިނެއްތޯއެވެ؟ އެކަލާނގެ ވަޙީކުރައްވާނެއެވެ. ތިބާގެ ދަރިފުޅު ތިބާއަށް ފާފަފުއްސަވައިދެއްވުމަށް އެދުނުއެދުމުގެ ސަބަބުންނެވެ.)) ކައުރަސޫލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((إِذَا مَاتَ اِبْن آدَم اِنْقَطَعَ عَمَله إلا مِنْ ثلاث: صَدَقَة جَارِيَة أَو علم يُنْتَفَع بِهِ أَو وَلَد صَالِح يدعو لَه[3]  - އާދަމުގެދަރިޔާ މަރުވެއްޖެނަމަ އޭނާގެ ޢަމަލުތައް ހުއްޓިދާނެއެވެ. ތިން ބާވަތެއްގެ ޢަމަލުތައް މެނުވީއެވެ. މެދުނުކެނޑި އެއިން ފައިދާލިބެނިވި ޞަދަޤާތަކާއި އެއިން މީސްތަކުންނަށް މަންފާކުރަނިވި ޢިލްމަކާއި އޭނާއަށް ދުޢާކޮށްދޭނޭ ޞާލިޙު ދަރިޔެކެވެ.))

2-   މާތް ﷲއަށް އަޅުކަންކުރުމަށް ޓަކައި ހެއްދެވި އިންސާނާ ކުރާ ޞާލިޙު ޢަމަލުތަކަށް ޖަޒާދެއްވުމަކީ އެކަލާނގެ ހެޔޮފުޅުވަންތަކަމާއި އިޙްސާންތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ އެމީހުންގެ ހެޔޮޢަމަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ޖަޒާދެއްވައި އެ މީހުންގެ ކުށްފާފަތައް ދީލަތި ފުއްސެވުމަކުން ފުއްސަވާދެއްވައެވެ. މާތް  ﷲ ވަޙީކުރެއްވިއެވެ.((لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ[4] - އެއުރެން ކޮށްފައިވާ ނުބައި عمل ތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށް ޓަކައެވެ. އަދި އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވުމަށް ޓަކައެވެ.))

3-   އެކަލާނގެ ފަޟުލުވަންތަކަމާއި ހެޔޮފުޅުވަންތަކަމުގެ ސަބަބުން އެކަލާނގެ އަޅާ ކުރާ މަދު ޢަމަލުތަކަށް ގިނަގުނަ ސަވާބުދެއްވުން ވެއެވެ. ﷲގެ އަޅާ ކުރާ ކޮންމެ ހެޔޮކަމަކަށް އޭގެ ދިހަ ހެޔޮކަމުގެ ސަވާބު ދެއްވައެވެ. މި ހެޔޮކަމުގެ ސަވާބު ދިހަ މަސީލުން 700 މަސީލާ ހަމައަށް އިތުރުކޮށްދެއްވައެވެ. ރޯދަ ޚާއްޞައެވެ. ރޯދައަށް ދެއްވާ ސަވާބުގެ މިންވަރު ދެނެވޮޑިގަންނަވަނީ ހަމައެކަލާނގެއެވެ. އެހެނަސް ﷲގެ އަޅާއަށް ކުރެވޭ ނުބައި ޢަމަލުތަކަށް ޖަޒާ ދެއްވަނީ ހަމަ އެ  މިންވަރުންނެވެ.އިތުރުނުކުރައްވަވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا  [5]-  اللَّه، (އެއްވެސް މީހަކަށް) ذر އެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ثواب) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ.))  އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. ((وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ[6] - އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެއުރެންގެ ކުށްފާފަފުއްސަވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު عمل ތަކުގެ އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ.))

4-   އެކަލާނގެ ދީލަތިކަން ނިކަން  ދެކެބަލާށެވެ! އެކަލާނގެ ނުބައި ޢަމަލުތައް ފުއްސަވާދެއްވަތެވެ. އޭގެ އެއްވެސް އަސަރެއް ވެސް ނުހުންނާނެއެވެ. ހެޔޮ ޢަމަލުތަކަށް ދެއްވާ ސަވާބުގެ ނިސްބަތް މަތިކުރައްވައެވެ. އައްޒުމަރު ސޫރަތުގައި މާތް ﷲ  މި ކަން ބަޔާންކުރައްވާފައިވާ އާޔަތްތަކަށް ބަލައިލަމާ ހިނގާށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ ﴿٣٣﴾‏ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ ﴿٣٤﴾‏ لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ [7]-  ތެދާއިގެން އަންނަމީހާއާއި އަދި އެތެދު قبول ކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوى ވެރިންނެވެ. (33) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން އެދޭހާކަމެއް އެއުރެންނަށް ހުށްޓެވެ. އެއީ إحسان ތެރިންނަށްހުރި ޖަޒާއެވެ. (34) އެއުރެންކޮށްފައިވާ ނުބައި عمل ތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި އެއުރެން عمل ކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާދެއްވުމަށްޓަކައެވެ.))

މާތް ﷲ މި ފުއްސަވާދެއްވަނީ އެބައިމީހުން ކޮށްފައިވާ އެންމެ ނުބައި ޢަމަލުތަކެވެ. އެންމެ ނުބައި އަމަލުތަކަކީ ބޮޑެތި ފާފަތަކެވެ. އެހެންވީމާ ކުދި ފާފަތައް ފުއްސަވާދެއްވާނެކަން ކަށަވަރެވެ. މި އާޔަތްތަކާމެދު ފުންކޮށް ވިސްނައިލަމާހިނގާށެވެ! މުސްލިމު އަޅާ ކުރާ ބޮޑެތި ހެޔޮ ޢަމަލުތަކަށް މާތްﷲ މަތިވެރި ގިނަގުނަ ސަވާބު ދެއްވައެވެ. އޭނާ ކުރާ ކުދި ރަނގަޅު ޢަމަލުތަކަށް ކުޑަ މިންވަރަކުން ސަވާބުދެއްވައެވެ. އެކަލާނގެ މި ކުޑަ މިންވަރު ގިނަކޮށްދެއްވަނީއެވެ. ސަވާބު އިތުރުކޮށް ދެއްވަނީއެވެ. މި ކަމުގެ ސަބަބުން ހެޔޮކަންތައް ގިނަވެ ނުބައިކަންތައް މަދުވަނީއެވެ. މުސްލިމު އަޅާ ސުވަރުގެ ވަންނަނީ މިހެންވެގެންނެވެ. އޭނާ ސުވަރުގެ މި ވައްދަވަނީ ﷲގެ ހެޔޮފުޅުކަމާއި ފަޟުލުވަންތަކަމާއި ދިލަތިވަންތަކަމުންނެވެ.

މި ރަމަޟާންމަހުގައި މި ހިފާ ރޯދައަށް އެއްވެސް އިމެއް މިންވަރެއް ނެތި ސަވާބުދެއްވާ އަޅަމެންގެ ރަސްކަލާނގެއަށް ކިޔަމަންގަތުމަށް ޢަހްދު ކަށަވަރުހިފަމާ ހިނގާށެވެ! ޖިންނީންނާއި އިންސީންގެ ޝައިޠާނުންނަށް ފުރަގަސްދީ އުރެދުންވަމާ ހިނގާށެވެ!

 
މަރުޖާ:

[1]  - الطور : 21

[2]  - أخرجه أحمد (١٠٦١٠)   والبزار (٩٠٢٤) وابن ماجة (٣٦٦٠) وابن أبي شيبة (٣٠٣٥٩)، والطبراني في ((الأوسط)) (٥١٠٨

[3]  -  أخرجه مسلم (١٦٣١)، وابن أبي الدنيا في ((النفقة على العيال)) (٤٣٠

[4]  - الزمر : 35

[5]  - النساء : 40

[6]  -  العنكبوت : 7

[7]  - الزمر : 33-35

ކޮމެންޓު