ad_banner
މައްކާ ފަތަޙަކުރެއްވުން: ޢިބްރަތްތަކާއި ފިލާވަޅުތައް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

9 މާރިޗް 2026

އިސްލާމީ ތާރީޚުގައި ރަމަޟާންމަހަކީ މުހިންމު އެތައް ޙާދިސާތަކެއް ހިނގައިފައިވާ ބަރަކާތްތެރި މަހެކެވެ. މި މަހުގައި ހިނގި މުހިންމު ޙާދިސާތަކުގެ ތެރޭގައި ﷲ ތަޢާލާ އެކަލާނގެ ރަސޫލާއަށް  މައްކާ ފަތަޙަކޮށްދެއްވުންވެއެވެ. މި ޙާދިސާއަކީ އެ ކަމުގެ ސަބަބުން މާތް ﷲ އިސްލާމްދީނާއި މުސްލިމުން ޢިއްޒަތްތެރިކުރެއްވި ޙާދިސާއެކެވެ. މި ޙާދިސާގެ ސަބަބުން މީސްތަކުން ފައުޖުފައުޖަށް ޖަމާޢަތްޖަމާޢަތަށް ﷲގެ ދީނަށް ވަންނާންފެށިއެވެ. މި ފަތަޙައިގެ ސަބަބުން މައްކާ އިސްލާމްދީނުގެ ގޮވައްޗަކަށް ބަދަލުވިއެވެ. މައްކާ ޝިރްކުން ޠާހިރުވެ އިބްރާހީމުގެފާނުގެ ދުޢާފުޅާ އެއް ގޮތަށް ﷲގެ އެއްކައުވަންތަކަމުގެ ވެށްޓަކަށް ބަދަލުވިއެވެ.

މިއީ ޖާހިލިއްޔަތުގެ ބޮޑާކަމާއި ފަޚުރުވެރިކަން ނައްތައިލި ޙާދިސާއެކެވެ. މައްކާ ފަތަޙަކުރެއްވުމުގެ ސަބަބުން ޢަދްލު އިންސާފާއި ބާރުގެ މަތީގައި ޙައްޤުގެ ބިނާ އާރާސްތުކުރާން ފެށުނެވެ. އަދި ޞުލްޙައިގެ ބިނާ ހެޔޮކަމާއި ހިތްހެޔޮކަމާއި އޯގާތެރިކަމުގެ މަތީގައި އާރާސްތުކުރާން ވެސް ފެށުނެވެ. މިހެންވެ ސީރަތުގެ އަހްލުވެރިން މި ޙާދިސާއަށް "އަލްފަތުޙުލްއަޢުޡަމު" – އެންމެ މަތިވެރި ފަތަޙަ - ގެ ނަން ދެއްވިއެވެ.[1]

ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ސުންނަތުގައި މި ޙާދިސާގެ މަތިވެރިކަމާއި މުހިންމުކަމުގެ ބަސްފުޅުތައް އައިސްފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا[2] - ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ.)) މުފައްސިރުން ވިދާޅުވާ ގޮތުގައި މި އާޔަތް ބާވައިލެއްވީ ޞުލްޙުލްޙުދައިބިއްޔާއާ ބެހޭ ގޮތުންނެވެ. މައްކާ ފަތަޙަކުރެއްވުމަށް މަގުކޮށައިދިނީ މި ޞުލްޙަކަމަށްވާތީ މިޞުލްޙައަށް  "ފަތަޙަ"ގެ ނަންދެވުނީއެވެ. އެއީ މި ޞުލްޙައިގެ ފޮނި މޭވާއެވެ.[3]

މި ޙާދިސާގެ މުހިންމުކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((لا هِــجْرَةَ بَعْدَ الفَتْحِ[4] މައްކާ ފަތަޙަވުމަށް ފަހު ހިޖުރައެއްނެތެވެ.)) ރަސޫލާعليه الصلاة والسلام ގެ މި ބަސްފުޅުން މައްކާ ފަތަޙަވުމުގެ ސަބަބުން މުސްލިމުންނަށް ލިބުނު ގަދަފަދަކަމާއި ޢިއްޒަތްތެރިކަން އެނގެއެވެ.

މައްކާ ފަތަޙަކުރެއްވުމުގެ ޙާދިސާއަކީ ރަމަޟާން މަހުގެ ރޫޙާނީ ޖައްވުގެ ތެރޭގައި ހިނގައިފައިވާ ތާރީޚީ ބޮޑު ޙާދިސާއެކެވެ. އިސްލާމީ ދައުލަތުގެ ޝާނާއި ޝައުކަތު ބަދަލުކޮށްލި ޙާދިސާއެކެވެ. ޝިރުކުގެ ކިއްލާތައް ކުދިކުދިވެގެން ގޮސް ތައުޙީދުގެ ކަލިމަފުޅު މަތިވެރިވެގެން ދިޔަ ޙާދިސާއެކެވެ. ހިޖުރައިން 8ވަނަ އަހަރުގެ 20ވަނަ ދުވަހު (މީލާދީން 630 ވަނައަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަސް) މާތްﷲ އެކަލާނގެ ލޮބުވެތި ރަސޫލާގެ އަތްޕުޅު މައްޗަށް މި ދެއްވި ފަތަޙައަކީ ވަރުގަދަ ރޭވުމަކާއި ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން ލައިފައި ވުޖޫދަށް ނެރުއްވައިދެއްވި ފަތަޙައެކެވެ. 

މައްކާ ފަތަޙަކުރެއްވުމުގެ ކުރި

ޙަޤީޤަތުގައި މައްކާ ފަތަޙަކުރުމުގެ މަސައްކަތް ފެށުނީ ހިޖުރައިން ފަސްވަނަ އަހަރުގައި ހިނގި  "ޚަންދަޤު ހަނގުރާމަ"އަށް ފަހުގައެވެ. ރަސޫލުﷲގެފާނު މި ކަން އިޢުލާންކުރައްވައި ޙަދީސްކުރެއްވިއެވެ. ((الآنَ نَغْزُوهُمْ ولا يَغْزُونَنا [5]-  މިއަދުން ފެށިގެން އެބައިމީހުންނާ ހަނގުރާމަ ކުރާނީ އަހުރެމެންނެވެ. އެބައިމީހުން އިސްވެ އަހުރެމެންނާ ހަނގުރާމައެއްނުކުރާނެތެވެ.))  މި ފަދައިން އެ ކަލޭގެފާނު ޙަދީސް ކުރެއްވީ ޚަންދަޤު ހަނގުރާމައިގެ ސަބަބުން މައްކާގެ މުޝްރިކުންނާ ޔަހޫދީންނާ ދެމެދުގައި އޮތް އެއްބާރުލުން ރޫޅިގެން ދިޔުމުންނެވެ. މި ފަދަ އެއްބާރުލުމެއް އެކުލަވައިލުމުގެ ޤާބިލުކަން އެމީހުންގެ ކިބައިން ނެތިގެން ދިޔުމުންނެވެ. އިސްލާމީ ދައުލަތާ އޭގެ ޅަފަތުގައި ކުރިމަތިލާން ޖެހުނު ދާޚިލީ އަދި ޚާރިޖީ ދުޝްމަނުންގެ ކިބައިން އަމާންކަން ލިބުމުންނެވެ.

ކީރިތި ރަސޫލާގެ ނަބަވީ މި ވިސްނުންފުޅު، ސިޔާސީ ގޮތުންނާއި ޢަސްކަރީ ގޮތުން ތަޙްލީލުކުރައްވާ ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ އޭގައި ވަރަށް އިސްތިރާޖީ ދުރުމިންތަކެއް ހިމެނޭ ތަޞައްވުރެކެވެ. އެހެނީ ޚަންދަޤު ހަނގުރާމައަށް ފަހު އިސްލާމްދީން އައީ ފެތުރެމުންނެވެ. މުޝްރިކުންގެ ބާރުތައް ދިޔައީ ހުލިވަމުންނެވެ. ޔަހޫދީންނަށް ޚައިބަރުގައި މެނުވީ ފައިތިލަ ސާބިތުކޮށްލާނެ ބިމެއް ލިބިފައެއް ނުވެއެވެ.

ޚަންދަޤު ހަނގުރާމައާ މައްކާ ފަތަޙަކުރެއްވުމާ ދެމެދުގައި ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކީރިތި ރަސޫލާ ގެންގުޅުއްވި ސިޔާސީ އަދި ޢަސްކަރީ  އިސްތިރާޖީގެ ސަބަބުން މުސްލިމުންނަށް މުހިންމު ދެ އަރުތައެއް ޙާޞިލުވިއެވެ.

ހ-  ޢަރަބި ކަރައިގައި އޮތް ޔަހޫދީ ބާރު ނެތިގެން ދިޔުން: އިސްލާމްދީނަކީ ޙައްޤު ދީންކަން ޔަހޫދީންނަށް އެނގުނުކަމުގައި ވިޔަސް އެމީހުން އެ ދީން ޤަބޫލެއްނުކުރިއެވެ. އެމީހުން ދިޔައީ އެ ދީން ނައްތައިލުމަށް ޓަކައި ނުބައި ރޭވުންތައް ރާވަމުންނެވެ. މިހެންވެ ކީރިތި ރަސޫލާގެ އަމާޒަކަށްވީ ޔަހޫދީންގެ މޫތައް ޢަރަބިކަރައިން އުފުރައިލެއްވުމެވެ. އެ މީހުންގެ މަކަރާއި ނިފާޤާއި ނުނިޔަތްލުންތަކުން އިސްލާމްދީން ރައްކައުތެރިކުރެއްވުމަށް ޓަކައި މި ނޫން ޙައްލެއް ނެތްކަން ރަސޫލާއަށް ކަށަވަރުވެވަޑައިގަތެވެ. އެ ކަލޭގެފާނު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މަދީނާގައި ތިބި ޔަހޫދީން މަދީނާއިން ބޭރުކުރެވުނެވެ.

ށ- ދެވަނަ ފިޔަވަޅަކީ މުޝްރިކުން ޙިޞާރުކޮށް އެމީހުންގެ ފައިތިލަތަކުގެ ދަށުން މަޑުމަޑުން ދޫލަ ދަމައި ނެގުމެވެ. މިކަމުގެ ތެރޭގައި އިސްލާމްދީނަށް ވަންނާން ބޭނުންވި މުޝްރިކުންނަށް މި ފުރުޞަތު ދެވުނެވެ. މުޝްރިކުންގެ ބޯހަރުކަން ނައްތައިލުމަށް ޓަކައި މުސްލިމުންނަށް ބޭނުންވީ ވަގުތަށެވެ. އެއީ ފަރުމާކުރުމަށް ޓަކައި ލިބިފައިވާ ރޯ މާއްދާއެކެވެ. އެއީ މުސްލިމުން ބޭނުންވާ ތާހުގެ ތެރެއަށް ލައިގެން ވިރުވައި ބައްޓަންކުރެވޭ ގޮތަށް ތިބި ބަޔެކެވެ. މި ކަމުގައި  ކީރިތި ރަސޫލާގެ އިސްތިރާޖަކީ ދީނަށް ގޮވައިލުމާއި ނަފުސާނީ ގޮތުންނާއި ޢަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އެމީހުން ސިއްސުވުމާއި ކޮންމެހެން ބޭނުން ވެގެން މެނުވީ އެމީހުންނާ ދެކޮޅަށް ހަނގުރާމަނުކުރުމެވެ. މުޝްރިކުންނަށް މުސްލިމުންގެ ހައިބަތާއި އާރާއި ބާރު ދައްކުވައިގެން އެ މީހުންނާއި އިސްލާމްދީނާ ދެމެދުގައިވާ ހުރަސްތައް ނައްތައިލުމެވެ. މިހެންވެ ކީރިތި ރަސޫލާ އެމީހުންނަށް ދީލަތި މާފަކުން މާފުދެއްވިއެވެ. ނަތީޖާއަކަށް ވީ އެމީހުންގެ ހިތްތަކުގެ ލޯބި ލިބިވަޑައިގެން އެމީހުންގެ ހިތްތައް ރަސޫލާއަށް ލެބޭން ފެށުމެވެ. 

ޞުލްޙުލްޙުދައިބިއްޔާ

މައްކާ ފަތަޙަކުރެއްވުމުގެ ފަހު ފިޔަވަހީގެ ފެށުމަކީ ޞުލްޙުލްޙުދައިބިއްޔާއެވެ. ނުވަތަ ޙުދައިބިއްޔާގެ ޞުލްޙައިގެ އެއްބަސްވުމެވެ. މިއީ މުސްލިމުންނާއި މުޝްރިކުންނާ ދެމެދުގައި ހިގަނމުން ދިޔަ ކުރިމަތިލުންތައް ވަގުތީ ގޮތުން ހުއްޓައިލުމާ ބެހޭ ދިހަ އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ހިމެނޭ މާއްދާއެއް ބުނާ ގޮތުގައި "މުޙައްމަދުގެފާނުގެ ފޭލިގެއަށް ވަންނާން އެދޭ ބަޔަކަށް އެ ފޭލިގެއަށް ވަދެ އެކަލޭގެފާނާ އެއްބައިވެވިދާނެއެވެ. އަދި ޤުރައިޝުންގެ ފޭލިގެއަށް ވަންނަން އެދޭ ބަޔަކަށް އެ ފޭލިގެއަށް ވަދެ އެމީހުންނާ އެއްބައިވެވިދާނެއެވެ." މި އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން ޚުޒާޢަތު ވަންހައިގެ މީހުން މުސްލިމުންނާ ގުޅި އެއްބައިވިއެވެ. އަދި ބަކުރު ވަންހައިގެ މީހުން މައްކާގެ މުޝްރިކުންނާ ގުޅި އެ މީހުންނާ އެއްބައިވިއެވެ.

ކީރިތި ރަސޫލާގެ ނުބޫއަތާ އެއްގޮތްވާ ގޮތުގެ މަތީން، ފެނިގެން ދިޔައީ ގުރައިޝުން މި އެއްބަސްވުމާ ޚިލާފުވި ތަނެވެ. އެއީ ބަކުރު ވަންހައިގެ މީހުން ޚުޒާޢަތު ވަންހައިގެ މީހުންނަށް ދިން ޙަމަލާއެއްގައި ޤުރައިޝުން މުދަލާއި ހަތިޔާރުން ބަކުރު ވަންހައިގެ މީހުންނަށް އެހީ ވުމުންނެވެ. ޚުޒާޢަތު ވަންހައިގެ މީހުން މައްކާގެ ޙުރުމަތްތެރިވެގެންވާ ޙަރަމްފުޅުގެ ތެރޭގައި ތިއްބައި ދިން ޙަމަލާގައި އެމީހުންގެ ވިއްސަކަށް މީހުން ވަނީ މަރައިލައިފައެވެ. މި ކަމުގެ ޝަކުވާ ކީރިތި ރަސޫލާއަށް ދެންނެވުމުން ޝަކުވާގެ ވަފްދުގެ ރައީސާ މުޚާޠަބު ކުރައްވާ ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ.  ((نصرتَ يا عمرُو بنُ سالِمٍ[6] އޭ ޢަމްރު ބުނު ސާލިމެވެ! ތިބާއަށް ނަޞްރު ލިބިއްޖެއެވެ.))

ކީރިތި ރަސޫލާ صلى الله عليه وسلمގެ މި ބަސްފުޅާމެދު ވިސްނައިލަމާތޯއެވެ! މިއީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުން އުޞޫލެއް ހާމަކޮށްދެއްވި ބަސްފުޅެކެވެ. މަޒުލޫމުންނަށް ނަޞްރުދިނުމަކީ އިސްލާމްދީން އެކަމަށް ގޮވައިލާ އުޞޫލެކެވެ. މީސްތަކުންގެ މެދުގައި ޢަދުލުއިންސާފު ޤާއިމުކުރެވޭނީ މަޒުލޫމުންނަށް ނަޞްރުދީގެންނެވެ. އޭނާއަށް ލިބިފައިވާ އަނިޔާ ނައްތައިލައިގެންނެވެ. މާތް ﷲ ވަޙިކުރެއްވިއެވެ. ((وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ[7] - އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.)) މުސްލިމުން އަނިޔާވެރި ބަޔަކަށްވެގެންނުވާނެކަން އަންގަވައި ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ((المُسْلِمُ أَخُـو المُسْلِمِ، لا يَظْلِمُهُ وَلا يُسْلِمُهُ[8] -މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ.އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ. އަދި އޭނާ އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ.))

މައްކާ ފަތަޙަކުރެއްވުމަށް ޓަކައި ރަސޫލުﷲގެފާނު މަދީނާއިން ނުކުމެވަޑައިގަތީ ރަމަޟާން މަހުގެ ދިހަވަނަ ދުވަހުއެވެ. އެއީ ހިޖުރައިން އަށްވަނަ އަހަރެވެ.

މާތްﷲ ކީރިތި ރަސޫލާގެ ދުޢާ އިޖާބަކޮށްދެއްވައި މުޝްރިކުންނަށް މުސްލިމުންގެ ޚަބަރުތައް ވަންހަނާކޮށްދެއްވިއެވެ.

މުޝްރިކުން ޞުލްޙުލްޙުދައިބިއްޔާއާ ޚިލާފުވުމާ ވިދިގެން މުސްލިމުން ޤުރައިޝުންނާ ދެކޮޅަށް ފިޔަވަޅެއް އަޅާފާނެތީ ޤުރައިޝުންގެ އޭރުގެ ޒަޢީމު އަބޫ ސުފްޔާން  މުސްލިމުންގެ ޚަބަރުތައް ހޯއްދެވުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަތެވެ. މައްކާއާ ކައިރި ހިސާބަކުން މުސްލިމުން އަބޫ ސުފްޔާނު ހައްޔަރުކުރިއެވެ. ނަތީޖާއަކަށްވީ އަބޫ ސުފްޔާނު އިސްލާމްވެވަޑައިގަތުމެވެ. އަދި އިތުރުއެކަލޭގެފާނު، އަބޫ ސުފްޔާނަށް މުސްލިމުންގެ ލަޝްކަރުގެ އާރާއި ބާރު ދެއްކެވިއެވެ. އަބޫ ސުފްޔާނަށް މުސްލިމުންގެ ލަޝްކަރުތައް ފެނިވަޑައިގަތުމުން މައްކާއަށް ވަޑައިގެން ހަރުއަޑުން ގޮވައިލެއްވިއެވެ. "އޭ ޤުރަޝީންނޭވެ! ތިޔަބައިމީހުންނާ ކުރިމަތި ނުލެވޭ ވަރުގެ ބާރަކާ އެކު ތިޔަބައިމީހުންގެ ގާތަށް މުޙައްމަދުގެފާނު ވަޑައިގެންފިއެވެ. އަބޫ ސުފްޔާނުގެ ގެއަށް ވަން މީހަކަށް އަމާންކަން ލިބިއްޖެއެވެ. އެ މީހެއްގެ ގޭގެ ދޮރު ލައްޕައިގެން ހުރި މީހަކަށް އަމާންކަން ލިބިއްޖެއެވެ. މިސްކިތަށް ވަދެ އިން މީހަކަށް އަމާންކަން ލިބިއްޖެއެވެ."    

ކުރިމަތިލުމާ ދުރުހެލިވެވަޑައިގަތުން

ކީރިތި ރަސޫލާ މި އެޅުއްވި ފިޔަވަޅުގެ ސަބަބުން މުސްލިމުން މައްކާ ފަތަޙަކުރީ ނަފްސާނީ ހަނގުރާމައަކުންނެވެ. ލޭ އޮހޮރުވުމެއް ނެތް ހަނގުރާމައަކުންނެވެ. މި ޒަމާނުގައި މި ކިޔާ ގެއިން ބޭރަށް ނުކުތުން މަނާކުރުމުގެ ސަބަބުން މުސްލިމުންނަށް، އެމީހުންގެ ރޭވުމާ އެއްގޮތްވާ ގޮތުގެ މަތިން، އެމީހުންގެ ލަނޑުދަނޑި ޙާޞިލު ކުރެވުނެވެ. ކީރިތި ރސޫލާ އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި މި ދަންނަވާ ކަންތައްތައް ފާހަގަ ކުރެވެއެވެ.

1-     މުސްލިމުންގެ ލަޝްކަރުތައް މައްކާއަށް ވަނުމުގެ ކުރީން އޯގާވެރިކަމާއި މާފުކުރުމުގެ ދޮރު ހުލުވައިލެއްވުމުގެ ސަބަބުން ޤުރައިޝުންގެ ކިބައިން ކުރިމަތިލުމުގެ ފޯރި ކެނޑިގެން ދިޔައެވެ.

2-     މުސްލިމުން ރާވައިފައިވަނީ ހަތަރު ފަރާތަކުން އެއްފަހަރާ މައްކާއަށް ވަނުމަށެވެ. މިއީ މުޝްރިކުންގެ ލަޝްކަރު ބައިބައިކޮށް ނިކަމެތިކޮށްލުމަށް ޓަކައި ރަސޫލުﷲގެފާނު އެޅުއްވި ފިޔަވަޅެކެވެ.

ކާމިޔާބުގެ ވަގުތުގައި ހިތްތިރިކުރުން

ކީރިތި ރަސޫލާގެ އިސްތިރާޖުގެ ސަބަބުން މުސްލިމުންނަށް މާ ބޮޑު ކުރިމަތިލުންތަކަކާ ނުލައި މައްކާއަށް ވަދެވުނެވެ. އަދި މައްކާގެ ގިނަ ބޮޑުން އިސްލާމްދީނަށް ވަދެ ރަސޫލާގެ ޒަޢާމަތު ޤަބޫލު ކުރިއެވެ. ކީރިތި ރަސޫލާ މައްކާއަށް ވަދެވަޑައިގަތީ އެކަލޭގެފާނުގެ ބަޣަލުކޮޅު މަތީގައި އިންނަވައި سورة الفتح ވިދާޅުވަމުންނެވެ. މާތް ﷲއަށް ޝުކުރު ދެންނެވުމަށް ޓަކައި އިސްތަށިފުޅު ތިރިކުރައްވައިގެންނެވެ.  

މި ބޮޑު ފަތަޙަ ހަދާނަށް ގެނެސްދެނީ ރަސޫލާގެ ރިސާލަތުގެ ދިގު މާޒީއެވެ. މައްކާއިން ފައްސައިލެވުނު ގޮތާއި، ޢިއްޒަތްތެރިކަމާއި ޤަދަރުވެރިކަމާ އެކު މައްކާއަށް އެބުރިވަޑައިގަތުމެވެ. މާތް ﷲ އެކަލާނގެ ރަސޫލާއަށް މި ދެއްވީ ކޮން ފަދަ ބޮޑު ކަރާމަތެއްތޯއެވެ!

ކީރިތި ރަސޫލާގެ ކިބައިން ބަދަލުހިއްޕެވުމުގެ އެއްވެސް ރޫޙެއް ފެނިފައެއް ނުވެއެވެ. މައްކާއަށް ވަދެވަޑައިގެން މައްކާގެ މީސްތަކުންނަށް ދެއްވީ ބޮޑު ޢަފޫއާންމެކެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ "ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ބޭނުން ތަނަކަށް ދާށެވެ!"

މި ޒަމާނުގައި އިންސާނީ ޙައްޤުތަކުގެ އަޑު އުފުލާ މީހުން ޤައުމުތަކަށް އަރައި ލޭ އޮހޮރުވައި މީހުން މަރައި ތަންތަން ލޫޓުވާ ގޮތަށް ރަސޫލުﷲގެފާނު ޢަމަލެއްނުކުރައްވައެވެ. މިއަދު އިސްރާއީލުން ޣައްޒާއަށް އަރައި އެ ބިމުގައި ނަސްލުހޭދުގެ ޖަރީމާތައް ހިންގަމުން އެ ދަނީ އެމެރިކާގެ ފުރިހަމަ ތާއީދާއި މަދަދާ އެކުގައެވެ.

ކިހާ މަތިވެރި ފިލާވަޅުތަކެއްތޯއެވެ؟ ކިހާ މަތިވެރި ނަމޫނާއެއްތޯއެވެ؟ މާތްﷲ ވަޙީ ކުރައްވަނީ ((لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّـهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّـهَ كَثِيرًا-[9]  ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.))

 

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.     އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު genocide

އިސްތިރާޖު   ނ.     ލަނޑުދަނޑިއެއް ޙާޞިލުކުރުމަށް ޓަކައި ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް. strategy

އިސްތިރާޖީ   ނއ.    މަގުސަދު ނުވަތަ ލަނޑުދަނޑި ޙާޞިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

ފިޔަވަހި     ނ.     (1) ކުރެވޭ މަސައްކަތެއްގެ ތަފާތު ބައިތަކުގެ ތެރެއިން ބައެއް. (2) މަޝްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަކުރެވޭ ފަދަ ބައިބައި. phase


 

މަރުޖާ:

[1]  - زاد المعاد في هدي خير العباد، ج3، ص275.

[2]  - الفتح: 1

[3]  - التحرير والتنوير، ج26، ص144

[4]  - أخرجه البخاري (٤٣٠٥، ٤٣٠٦)، ومسلم (١٨٦٣وأحمد (١٥٨٥١) والطبراني ( (٢٠/ ٣٢٤)) (٧٦٦)

[5]  - أخرجه البخارى ( 4110 )

[6]  -  أخرجه الطبراني (١٠٥٢) (٢٣/ ٤٣٤)، و البزار (٨٠١٣)، والبيهقي في ((دلائل النبوة)) (٥/ ١٣) وأبو نعيم في ((معرفة الصحابة)) (٤٩٠٦)

[7]  - المائدة: 2

[8]  - أخرجه البخاري (٢٤٤٢)، ومسلم (٢٥٨٠)

[9]  - الأحزاب : 21

ކޮމެންޓު