ad_banner
މުޖުތަމަޢުން ފެންނަ ވިޔާނުދާ ޢަމަލުތަކުގެ ޒިންމާ އެންމެ ބޮޑަށް އުފުއްލާން ޖެހޭނީ ކާކު؟

ފާޠިމަތު ލަމްހާ

7 މާރިޗް 2026

ދަރީންނަކީ ވަރަށް ބޮޑު ނިއުމަތެކެވެ.

ދުނިޔެމަތީގައި ދެމަފިރިއަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތަކީ އެ ދެމަފިރީންގެ ޙަޔާތް އުޖާލާކުރާނޭ ދަރިއަކު ދެއްވުމެވެ. ބަނޑުގައި ދަރިފުޅު އޮންނަ ނުވަ މަސްދުވަހުގެ ދިގު ދަތުރުގެ ތެރޭގައި ވޭނާއި އުނދަގުލާއި ކެކުޅުންތައް ތަޙައްމަލުކުރުމަށް ފަހު، ﷲގެ ހެޔޮ ރަޙުމަތާއި ވާގިފުޅުން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ލޯބިލޯބި ރުއިމުގެ އަޑަކާ އެކު އުފަންވާ ދަރިފުޅު ތަރުބިއްޔަތުކުރުމުގެ ބުރަ މައްސޫލިއްޔަތު އަހަރެމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް ހަނދާންނެތެނީ ކީއްވެބާއެވެ؟

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެ މީހެއްގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅިފައިވާ ބަޔެއްކަމާއި އަދި ޤިޔާމަތް ދުވަހު އެ މަސްއޫލިއްޔަތުތަކާ މެދު ސުވާލުކުރެވޭނެ މީހެއްކަން ހަނދާންނެތެނީ ކީއްވެބާއެވެ؟

ހިތާމައަކީ މިފަދަ ބޮޑު ނިޢުމަތެއް ދެއްވެވުމުން ވެސް އަހަރެމެންނަށް އެ ނިޢުމަތްތަކަށް އިޙްމާލުވެވޭކަމެވެ. މައިންބަފައިންނަށް ދަރީން ހެޔޮ ގޮތުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ނުކުރެވި، މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލެވޭތީއެވެ.

މުޖުތަމަޢުގައި މާރާމާރީއާއި ފިތުނަފަސާދައަކީ އާދަކާދައަކަށްވެ، އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަމަކީ ތާރީޚީ ކަމަކަށްވެ، މުޖްތަމަޢުގައި ހަރުލައިފައި ހުރި އަޚުލާޤީ ގިޔަމުތައް ގެއްލެނީ ކޮން ބަޔެއްގެ ސަބަބުންތޯއެވެ؟ ވައްކަންކުރުމާއި ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މީހުން މެރުމާއި ޒިނޭކުރުމާއި ކުޑަކުދީންނާ އެކު ބަދުއަޚުލާޤީ ޢަމަލު ހިންގުމާއި މި ނޫން ވެސް ދިވެހި މުޖުތަމަޢު ސިފަކުރުމުގައި މިއަދު ބޭނުންކުރާން ޖެހިފައިވާ ކޮންމެ ހާދިސާއެއްގައި އެތައްއެތައް ކުޑަކުދީންނެއް ޝާމިލްވަމުން އެބަދެއެވެ.

އެ ކުދީން މި ދުނިޔެއަށް އައިސްފައި އެ ވަނީ މައިންބަފައިން ނެތިތޯއެވެ؟ އެ ކުދީން އެ ކުރާ ކުށްތަކުގެ ޒިންމާ މައިންބަފައިން އުފުލާންނުޖެހޭތޯއެވެ؟

އެންމެހައި ލޮބުވެތި މައިންބަފައިންނޭއެވެ! އަހަރެމެންގެ އަތުގައި އޮންނަ ފުށްގަނޑެއް އަހަރެމެން ބޭނުންގޮތަކަށް މޮޑެލެވޭ ބީދައިން ކުޑަ ދަރިފުޅަ ވެސް އަހަރެމެން ބޭނުން ގޮތަކަށް ތަރުބިއްޔަތުކޮށްލެވިދާނެއެވެ. އެ ކުއްޖާއަކީ ރިވެހި އަޚުލާޤުގެ ވެރިޔަކަށް ހަދާން ބޭނުން ނަމަ އެކަންވެސް ކުރެވިދާނެއެވެ.

ދަރީން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ޚާއްސަކޮށް މަންމަގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ފިރިމީހާގެ މުދަލާއި ގޯތިގެދޮރާއި ދަރީން ބެލެހެއްޓުމަކީ އިސްލާމްދީނުގައި މައިމީހާގެ ވަޒީފާއެވެ. އަނބިދަރީންނަށް ކާންބޯންދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެހެންނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ތެރެއިން ފެންނަނީ އިސްލާމުދީނުގެ ރިވެތި އުސޫލުތަކާ ޚިލާފަށް ކަންތައްވަމުންދާ މަންޒަރެވެ. މި ކާއިނާތާއި ކާއިނާތުގެ ތެރޭގައިވާހާ އެއްޗެއް ޚަލްޤުކުރެއްވި ހުސްތާޙިރުވަންތަ، ޙިކުމަތްވަންތަ ޙަކީމްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކާ ޚިލާފަށް އަހަރުމެންގެ ނިކަމެތި ސިކުނޑިތަކުން ވިސްނާ ވިސްނުންތަކާ އެއް ގޮތަށް ޢަމަލުކުރަމުންދާތަނެވެ. ދެމަފިރީން ރެއާއި ދުވާލު ވަޒީފާގައި އުޅެމުން ދަރީން ކޮންމެ ވެސް ބޭރު ކަރައެއްގެ މީހެއްގެ ބެލުމުގެ ދަށުގައި ތަރުބިޔަތުކުރާން ދޫކޮށްލައިފައިވާ ހިތާމަވެރި މަންޒަރެވެ.

ހިތާމައެއްގެ ކޮޅެއްވެސް ނެތެއެވެ. މަންމަގެ ބަނޑުބޮޑުކަން އެނގުމާ އެކު، ފޮނި އުންމީދުތަކަކާ އެކު ލޯބީން ބަލައި ބޮޑުކޮށް ތަރުބިއްޔަތުކުރުމުގެ ހުވަފެންތައް ދެކެމުން އައި އެ މަންމަގެ އިޙްސާސްތަކާއި ޝުއޫރުތައް ވިހެއުމުގެ ބުރަތަކާއި އުނދަގޫތައް ތަޙައްމަލްކުރުމަށް ފަހު، ޖަހާ ރާޅުތަކާއި ޖެހޭ ފިނިފިވަޔާ އެކު ފަޒާގެ ތެރެއަށް ބުރުވައިލެވުނީބާއެވެ!؟ ﷲ ތަޢާލާގެ ނިޢުމަތް ހަނދާން ނެތުނީބާވައެވެ!؟ މީހުންގެ އެސްފީނާތަކުންނާއި ބަދުދުޢާތަކުން ސަލާމަތްކުރާން ލޯބިލޯބި އެނދެއްގެ ތެރޭގައި ބަލައި ބޮޑުކުރަމުން އައި ދަރިފުޅު އެންމެ ފަހުން ބޭރު މީހެއްގެ އުނގުގެ ތެރެއަށް ދާންޖެހުނީއެވެ. ބޭރުމީހެއް ކީއްކުރަންތޯއެވެ؟! ގިނަ ފަހަރަށް މުސްލިމް ނޫން މީހެއްގެ "ލާދީނީ" ތަރުބިއްޔަތުގެ ހިޔާވަހިކަމުގެ ތެރެއަށެވެ. ހަމަ ތެދެކެވެ. [ތިމާ ލޯބިކުރާ އެއްޗެއް ތިމާގެ ލޯމަތީން ބީވެގެން މެނުވީ ތިމާއަށް އޭގެ ހަޤީޤީ އިޙްސާސެއްނުކުރެވޭނެއެވެ.] ދަރީން ލިބުމުގެ ނަޞީބުން މަޙްރޫމް ވެފައިވާ ކިތައްކިތައް މީހުން އެބަ އުޅޭބާއެވެ؟ އެ މީހުންގެ އިޙުސާސްތައް ވަޒަންކުރެވޭބާއެވެ؟ އެހެންކަމުން ﷲ ތިބާއަށް ދަރީންގެ މަތިވެރި ނިޢުމަތް ދެއްވުން އެ ނިޢުމަތަށް ޝުކުރުކުރުމަކީ އެ އަމާނާތުން ތިބާ އެއްކިބާވުންހެއްޔެވެ؟ ނޫނެކެވެ.

އަހަރުމެންނަށް ޢިއްޒަތާއި ޤަދަރާއި ޝަރަފު ގެނެސްދިން މަތިވެރި އިސްލާމުދީނާއި އެ ދީނުގެ ރިވެތި އަޚުލާޤާއި ސުލޫކާއި އެ ދީން އަހަރުމެންނާ ހަމައަށް ފޯރުކޮށްދެއްވި މި އުންމަތުގެ މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ރިވެތި އިރުޝާދުތަކަށް ރުޖޫޢަ ނުވާހައި ހިނދަކު އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ހެވެއްނެތެއެވެ.

އަހަރުމެންގެ ތެރެއިން އިސްވެ ދިޔަ ޖީލުތަކުގެ ރަސޫލުންނާއި ނަބީންނާއި ސަލަފުއްޞާލިޙުންގެ ޙަޔާތުން ޢިބްރަތް ލިބިގަންނަމާތޯއެވެ! ހަމަ އެހެންމެ ސުވަރުގޭގެ ދާއިމީ ގޮވައްޗަށް އެދިގެން ދަރީން ތަރުބިޔަތުކުރި މަންމައިންގެ ބުރަ މަސައްކަތާއި ނަސޭހަތުގެ ބަސްތަކުން ޢިބްރަތް ލިބިގަންނަމާތޯއެވެ!

ކޮމެންޓު