އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
7 މާރިޗް 2026
ރަމަޟާންމަހުގެ ހުޅެވި ހަނދާ އެކު މުސްލިމުން އެމީހުންގެ ޙަޔާތުގައި އައު މަހަކަށް އިސްތިޤުބާލުކުރެއެވެ. އެ މީހުންގެ ރޫޙާނީ އުޑުގައި އައު ތާރީޚަކަށް މަރްޙަބާކިޔައެވެ. މިސްކިތްތަކުގައި މީސް ގިނަވެ އަލުން ބައިބޯވެއެވެ. މަތާރަންފިލާތައް މަތީގައި ހުރި މުޞްޙަފުތައް ނަގައި އުނގުމައްޗަށް ލައެވެ. ރޭގަނޑާއި ދުވާލު ޤުރްއާނުގެ އާޔަތްތަކުން ގެދޮރު ބަރަކާތްތެރިކުރާން ފަށައެވެ. މާތް ﷲ ރަޙުމަތްލެއްވި އިބްނު ރަޖަބު ވިދާޅުވިއެވެ. [ބާއްޖަވެރިއަކީ މަސްތަކާއި ދުވަސްތަކާއި ގަޑިތަކުގެ މޫސުންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފި މީހާއެވެ. އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތާ ކުއްތަންވުމަށް ޓަކައި ފުރުޞަތުގެ ބޭނުންކުރި މީހާއެވެ. ﷲގެ ނަފަޙާތުތަކުން ނަފަޙާތެއް އެ މީހާގެ ގައިގައި ބީހުނު މީހާއެވެ.]
މި މަހުގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ނައްސުތައް ވަރަށް ގިނައެވެ. އިސްލާމީ ތާރީޚުގައި މި މަސް ފަދަ ދަރުމައާއި ސަވާބުން ފުރިފައިވާ މަހެއް ނުވެއެވެ. ކައު ރަސޫލާ صلى الله عليه وسلم މި މަހަށް މަރުޙަބާ ވިދާޅުވިއެވެ. މި މަހުގައި ވާ ހެޔޮ ކަންތައްތަކުގެ ބިޝާރަތުދެއްވިއެވެ. ((لَمّا حضَرَ رَمَضانُ قال رسولُ اللهِ صلّى اللهُ عليه وسلَّمَ: قد جاءَكم رَمَضانُ، شَهْرٌ مُبارَكٌ، افتَرَضَ اللهُ عليكم صِيامَه، تُفْتَحُ فيه أَبْوابُ الجنةِ، وتُغلقُ فيه أبوابُ الجحيمِ، وتُغَلُّ فيه الشَّياطينُ، فيه ليلَةٌ خَيْرٌ مِن أَلْفِ شَهرٍ، مَن حُرِمَ خَيْرَها فقد حُرِم – ރަމަޟާންމަސް އައުމުން ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. އެ މަހުގައި ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް ރޯދަހިފުން ފަރުޟުކުރައްވައިފައެވެ. އެ މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ޖަޙީމުގެ ދޮރުތައް ބަންދުކުރެވެއެވެ. އެ މަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވި މީހާ ހަމަކަށަވަރުން ހުރިހާ ހެޔޮ ކަމަކުން މަޙުރޫމުވެއްޖެއެވެ.))
މި ހެޔޮ ޚަބަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި މި މަސް ވުނަކުރާށެވެ! މި މަހުގައި ތަނަވަސްވެފައިވާ ވުނަކުރުމުގެ ފުރުޞަތުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ފުރުޞަތުތަކަށް ބަލައިލާނަމެވެ.
ތަޤުވާވެރިކަން ޙާޞިލުކުރުން
މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިކުރެއްވުމަށް ޓަކައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ -[1] އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ.)) ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަވެރިޔާ ޙާޞިކުރާން މަސައްކަތްކުރާންޖެހޭ ތަޤުވާވެރިކަމަކީ މާތް ﷲ ކުރާން އަންގަވައިފައިވާ ކަންކަން ކޮށްގެންނާއި ނަހީކުރައްވައިފައިވާ ކަންކަމާ ދުރުހެލިވެގެން ﷲގެ އަޒާބުން ރައްކައުތެރިވުމެވެ. ރޯދައިން ޙާޞިލުކުރުމަށް މަސައްކަތްކުރާންޖެހޭ ތަޤުވާގެ އުޑީގެ ދެ ކިބައަކީ މިއެވެ. އަމުރުފުޅުތަކާއި ނަހީތަކާ އެއް ގޮތަށް އަމަލުކުރުމެވެ. މި ރަމަޟާންމަހުގައި މި މާތް މަޤްޞަދުތައް ޙާޞިކުރެވޭތޯ ތިބާ ޢަޒުމުކަނޑައަޅާށެވެ! ޖަމާޢަތުގައި ފަރުޟުނަމާދުތައްކުރުމަށާއި ސުންނަތް ނަމާދުތައްކުރުމަށް ދަހިވެތިވާށެވެ! ﷲ ހަނދުމަކޮށް ޒިކުރުކުރުމުގައި ވަގުތުކޮޅެއް ހޭދަކުރާށެވެ!
ތިބާގެ ޢަޒުމާއި ނިޔަތް ޚާލިޞްކޮށްގެން ސަލަފުން ދެއްވައިފައިވާ ނަސޭހަތްޕުޅުތަކާ އެއް ގޮތަށް ޢަމަލުކުރާށެވެ! މާތް ﷲ ރަޙުމަތްލެއްވި އިބްނުލް މުސައްޔަބު އެންމެ ފަހު ނޭވާފުޅު ލައްވަމުން ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلمގެ މިސްކިތްކޮޅުގައި އަހުރެން ނެތި ބަންގިނުގޮވޭތާ ހަތްދިހަ އަހަރުވެއްޖެއެވެ.
އެހެން ބޭކަލަކު ވިދާޅުވިއެވެ. ވޭތުވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި އަހުރެންނަށް ޙަރަންބަން ތަކްބީރު ފާއިތުވެގެން ގޮސްފައިވަނީ ހަމަ އެންމެ ފަހަރަކުއެވެ. އެއީ މަންމަގެ ޖަނާޒާގެ ކަންތައްތަކުގައި އަވަދިނެތިއުޅޭން ޖެހުމުގެ ސަބަބުންނެވެ.
ތިންވަނަ ބޭކަލަކު ވިދާޅުވިއެވެ. އަހުރެން ފަރުޟު ފަސްނަމާދުގައި މީހެއްގެ ބޮލުގެ ފުއްކިބަ ނުދެކޭތާ ސާޅީސް އަހަރުވެއްޖެއެވެ.މީގެ މާނައަކީ އެކަލޭގެފާނު ފުރަތަމަ ސަފުގައި ނަމާދުފުޅު ކުރައްވާތާ ސާޅީސް އަހަރުވެއްޖެއެވެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންވާ ނަމޫނާތަކެއްނޫންތޯއެވެ؟ މި ގޮތަށް ނަމާދަށް ފަރުވާބަހައްޓާ މީހަކު މާތްﷲ ޙަރާންކުރެއްވި ކަމެއް ކުރާނެތޯއެވެ؟ މާތްﷲގެ އަމުރުފުޅަކާ ޚިލާފުވާނެތޯއެވެ؟ މާތްﷲ ވަޙީކުރެއްވިއެވެ. ((وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ [2]-އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.))
ޤުރްއާންކިޔެއުމާއި އުނގެނުން
ރަމަޟާންމަހުގައި ވުނަކުރުމަށް ލިބިފައިވާ ފުރުޞަތުތަކުގެ ތެރޭގައި ކީރިތި ޤުރްއާނަށް އިސްކަންދިނުން ވެއެވެ. ޤުރްއާން ކިޔެވުމަށާއި ހިތުދަސްކުރުމަށާއި ޤުރްއާނާ ބެހޭ ޢިލްމުތައް (ތަފުސީރު ފަދަ ޢިލްމުތައް) ދިރާސާކުރުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާން މަހުގައެވެ. ލައިލަތުލްޤަދްރިވިލޭރޭގައެވެ. ރަމަޟާން މަހުގައި ކައުރަސޫލާ r ޖިބްރީލު uއާ އެކު ކީރިތި ޤުރްއާން މުދާރަސާކުރެއްވިއެވެ. ރަސޫލާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ރަމަޟާން މަހުގައި އެ ދެ ބޭކަލުން ކީރިތި ޤުރްއާން އެއްކޮށް ދެ ފަހަރު މުދާރަސާކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ [3]- رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ.))
މި މަހުގައި ތިބާއަށް ޤުރްއާނާއެކު ވުނަކުރެވިދާނެއެވެ. އެއް ޚަތިމުކުރެވޭތޯ ބަލާށެވެ! އެއް ޚަތިމު ކުރެވިއްޖެ ނަމަ ދެވަނަ ޚަތިމެއް ވެސް ކުރެވޭތޯ މަސައްކަތްކޮށްލާށެވެ! ތިބާ ތެދުވެރިކަމާ އެކު، މި ކަން ކޮށްފި ނަމަ، ތިބާ ވާނީ ރަނގަޅު ވުނޭރަކަށެވެ. ޤިޔާމަތްދުވަހުން ތިބާ އެ ކަމާ މެދު އުފާކުރާނެތެވެ. އެ ދުވަހު ރޯދައާއި ޤުރްއާން ތިބާއަށް ޓަކައި ތެދުވެ ތިބާ ދިފާޢުކުރާނެއެވެ. ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((الصِّيامُ والقُرآنِ يَشفعانِ للعبدِ؛ يقولُ الصِّيامُ: ربِّ إنِّي مَنعْتُهُ الطَّعامَ والشَّهواتِ بالنَّهارِ؛ فشفِّعني فيه، ويقولُ القرآنُ: مَنعْتُه النَّومَ باللَّيلِ؛ فشفِّعْني فيه، فيُشَفَّعانِ [4]- ރޯދައާއި ޤުރްއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! މި އަޅާ އޭނާއަށް ދުވާލުގެ ވަގުތުތަކުގައި ކާނާއާއި ޝަހްވަތްތައް މަނާކުރީމެވެ. ފަހެ މިއަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތްލައްވައިފާނދޭވެ! އަދި ޤުރްއާން ދަންނަވާނެއެވެ. މި އަޅާ އޭނާ ރޭގަނޑުގެ ނިދިން މަޙުރޫމުކުރީމެވެ. ފަހެ މި އަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތްލައްވައިފާނދޭވެ! ފަހެ އެ ދެ ފަރާތަށް ޝަފާއަތްލެއްވޭނެއެވެ.))
އެހީގެ އަތްދިއްކޮށްލުން
ރަމަޟާންމަހުގައި ތަނަވަސްވެފައިވާ ވުނަކުރުމުގެ ފުރުޞަތުތަކުގެ ތެރޭގައި ހެޔޮފޯރުވުމާއި މުހުތާދުވެރިންގެ ބޭނުންތައް ފުއްދައިދިނުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުންވެއެވެ.ރަސޫލާ r އަކީ ވަރަށް ދިލަތި ބޭކަލެކެވެ. ރަމަޟާންމަހުގައި އެކަލޭގެފާނުގެ ދީލަތިފުޅުކަން އަދި މާ ބޮޑެވެ. ދުނިޔެ މައްޗަށް ހެނދުންވާ ކޮންމެ ދުވަހަކު ﷲ ތަޢާލާގެ އަމުރުފުޅަށް ދެ މަލާއިކަތަކު ބިމަށް ފައިބާވަޑައިގަންނަވާނެއެވެ. ﷲ އަންގަވައިފައިވާ ގޮތަށް ހޭދަކުރާ މީހުންނަށް ހެޔޮ ބަދަލުދެއްވުމަށް އެއް ބޭކަލަކު ދުޢާކުރައްވާނެއެވެ. އެ މަލާއިކަތާ ދުޢާކުރައްވާ ﷲއަށް ދަންނަވާނެއެވެ. ((اللَّهُمَّ أعْطِ مُنْفِقًا خَلَفًا[5] – ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އެންގެވި ގޮތަށް ހޭދަކުރާ މީހާއަށް ހެޔޮ ބަދަލު ދެއްވާނދޭވެ!)) ތިބާ މި މައިދާނުގައި ވުނަކުރާ ނަމަ ﷲ ތަޢާލާގެ މަލާއިކަތުންގެ ދުޢާފުޅުގެ ސަބަބުން ތިބާއަށް ﷲގެ ތަނަވަސް ދެއްވުމުގެ ދޮރުކޮޅުން އެތެރެއަށް ވަދެވޭނެއެވެ. މީގެ އިތުރަށް ތިބާ ﷲގެ އަމުރުފުޅަށް އިޖާބަދިނުމުގެ ސަބަބުން ތިބާއަށް ﷲ ހޭދަކުރައްވާނެތެވެ. ކީރިތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((قالَ اللَّهُ: أنْفِقْ يا ابْنَ آدَمَ أُنْفِقْ عَلَيْكَ[6] - މާތް ﷲ ވަޙީކުރެއްވިއެވެ. އޭ އާދަމުގެދަރިޔާއެވެ! ތިބާ ހޭދަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިބާއަށް ހޭދަކުރައްވާހުށީމެވެ!)) ތިބާ ހެޔޮފޯރުވުމުގެ ސަބަބުން ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތި ޢަމަލުތަކުގެ ބުސްތާނަށް ތިބާއަށް ވަދެވޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( أَحَبُّ الأعمالِ إلى اللهِ عزَّ وجلَّ سُرُورٌ تُدخِلُهُ على مُسلِمٍ، أو تَكشِفُ عنهُ كُربةً، أو تَقضِيَ عنهُ دَيْنًا، أو تَطرُدَ عنهُ جُوعًا [7]- ﷲ ޢައްޒަ ވަ ޖައްލަގެ ޙަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން މުޞީބަތެއް ފިލުވާލައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަމެއް ދުރަށްލައިދިނުމެވެ.)) މި މަޖާލުގައި ތިބާއަށް އޭނާއަށް އިފުތާރެއް ދެވިދާނެއެވެ. ނުވަތަ ސުހޫރެއް ދެވިދާނެއެވެ. އޭނާއަށް ބޭނުންވާ ބޭހެއް ގަނެދެވިދާނެއެވެ. ޞަދަޤާތުގެ ގޮތުގައި މުހުތާދުވެރިއަކަށް ފައިސާގެ އެހީއެއް ދެވިދާނެއެވެ. ކުޑަކުޑަ އެއްޗަކުން ތިބާއަށް ﷲގެ ބުސްތާނަށް ވަނުމަށް ޓިކެޓެއް ހޯދިދާނެއެވެ.
ރަމަޟާންމަހުގެ ޤިޔާމު
ރަމަޟަންމަހުގެ ޤިޔާމަކީ ރަމަޟާންމަސް އިޙްޔާކުރުމުގެ އެންމެ މުހިންމެ އެއް އުންޞުރެވެ. ރަސޫލާ صلى الله عليه وسلمޙަދީސްކުރެއްވިއެވެ. ((مَن قامَ رَمَضانَ إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ[8] - މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާންމަހު ޤިޔާމުކުރި މީހާގެ (ދިރުވައި އިޙްޔާކުރި މީހާގެ) އިސްވެދިޔަހާ ފާފަތައް ފުއްސެވޭނެތެވެ.)) މިއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ފުރުސަތެކެވެ. އިމާމާއާއެކު ތަރާވީޙު ނަމާދުކުރި މީހާ ރަމަޟާން މަސް ދިރުވައިފިކަން ކަށަވަރެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ((من قام مع الإمامِ حتى ينصرفَ كُتِب له قيامُ ليلةٍ[9] – އިމާމާ ނަމާދުކޮށް ފައިބަންދެން އޭނާއާއެކު ޤިޔާމުކުރި މީހާއަށް އެ ރޭގެ ޤިޔާމު ލިޔުއްވޭނެތެވެ.)) މި ބަސްފުޅުން އެނގެނީ މިސްކިތުގެ އިމާމާއާ އެކު ތަރާވީޙު ނަމާދު ކުރުމަކީ ރަމަޟާންމަހުގެ ރޭތައް ދިރުވި މީހެއް ކަމެވެ. އޭނާއަށް ﷲގެ ފުއްސެވުން ލިބޭނެއެވެ.
ރަޙިމުގެ ގުޅުން ވާޞިލުކުރުން
ރަޙިމުގެ ގުޅުން ވާޞިލުކުރުމަކީ އެކަމަށް އިސްލާމްދީންގޮވައިލާ ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. ރަމަޟާންމަސް ވުނަކުރުމަށް ޓަކައި ގާތްތިމާގެ މީހުންނާ އެކު ގުޅުން ވާޞިލުކުރުމަކީ ފައިދާ ހުރި މަޝްރޫޢެކެވެ. ރަޙިމުގެ ގުޅުން ވާޞިލުކުރާ މީހާއާ އެކު ﷲގެ ޢިނާޔަތް ވެއެވެ. ﷲ އެ މީހަކާއެކު ގުޅުން ވާޞިލުކުރައްވާނެއެވެ. މިގުޅުން ކަނޑާ މީހާއާއެކު ﷲ ވެސް ގުޅުން ކަނޑުއްވައިލައްވާނެއެވެ.
ރިވެތި އަޚްލާޤުން މުޢާމަލާތުކުރުން
ރަމަޟާން މަސް ވުނަކުރުމަށް ޓަކައި ލިބިފައިވާ ފުރުޞަތުތަކުގެ ތެރޭގައި އެހެން މީހުންނާއެކު މުޢާމަލާތުކުރުމުގައި ރިވެތި އަޚްލާޤުގެ ދާއިރާ ފުޅައުކުރުން ވެއެވެ. ނަބިއްޔާ r ޙަދީސްކުރައްވައިފައިވާ ގޮތުގައި ޤިޔާމަތްދުވަހުން މީޒާނުގައި ރިވެތި އަޚްލާޤަށް ވުރެ ބަރު އެއްޗެއް ނުވާނެއެވެ. ރިވެތި އަޚްލާޤުގެ ވެރިއަކީ ރަމަޟާންމަހުގައި ރުޅި އިސްކުރާނެ މީހެއްނޫނެވެ. މީހުންނާ މުޢާމަލާތުކުރުމުގައި ރުންކުރެއްނުކުރާނެއެވެ. މީހުންނަށް އިޙުތިރާމުކުރާނެއެވެ. ކަމޭދުންނަށް ކަންކަން ލުއިކޮށްދީ އަވަހަށް ފުއްދައިދޭނެއެވެ. އަޚްލާޤުގެ މަޝްރޫޢުތަކަކީ އަދަދުނުކުރެވޭހައި ގިނަ މަޝްރޫޢުތަކެކެވެ. ރިވެތި ބަހަކީ ޞަދަޤާތެކެވެ. މުސްލިމު އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. މުހުތާދުވެރީންގެ ބޭނުންތައް ފުއްދައިދިނުމަކީ ނުވަތަ އެ ކަންކަމުގައި އެހީވެދިނުމަކީ ޞަދަޤާތެކެވެ.
ޢުމްރާވުން
ރަމަޟާންމަސް ވުނަކުރުމަށް ޓަކައި އެ މަހުގައި ޢުމްރާއެއް އަދާކުރެވިދާނެއެވެ. ކައު ރަސޫލާ r ޙަދީސްކުރައްވައިފައިވާ ގޮތުގައި ރަމަޟާން މަހުގައި ޢުމްރާއެއް ވުމަކީ އެކަލޭގެފާނުގެ އަރިހުގައި ޙައްޖެއްވުމާ އެއްފަދަ ކަމެކެވެ. ސަވާބު މަތިވެރި ކަމެކެވެ. މީހަކު ޢުމްރާއަށް ފޮނުވުމަކީ ނުވަތަ އެކަމުގައި އެހީވުމަކީ މި ފުރުޞަތުގެ ބޭނުންހިފުމެކެވެ.
އިޢުތިކާފުކުރުން
ރަމަޟަންމަސް ވުނަކުރުމަށްޓަކައި ލިބިފައިވާ ފުރުޞަތުތަކުގެ ތެރޭގައި ރަމަޟާންމަހުގައި އިޢުތިކާފުކުރުންވެއެވެ. ޚާއްޞަކޮށް މި މަހުގެ ފަހު ދިހައިގައެވެ. ކައު ރަސޫލާ އިޢުތިކާފުކުރެއްވިއެވެ. އަދި ފަހުދިހައިގައި އަނބިއަނބިކަނބަލުން ވެސް އިޢުތިކާފަށް ޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. މި ޝަޢީރާއަކީ ރާއްޖޭގައި އެހައި އާންމު ކަމެއްނޫނެވެ. މިއީ ލުއިފަސޭހަ ކަމެކެވެ. މާތްﷲ ގެ ވަޖްހުފުޅު އަދައިގެން މިސްކިތަކަށް އަރައި އިނުމަކީ އިޢުތިކާފު ކުރުމެވެ.އިޢުތިކާފުގައި އިންނަ އިރު ނަމާދުކޮށް ޤުރްއާންކިޔެވިދާނެއެވެ. ޒިކުރުކޮށް ދުޢާ ކުރެވިދާނެއެވެ. ފިލާވަޅު ދަސްކުރެވިދާނެއެވެ. މީހަކަށް ފިލާވަޅެއް ކިޔާދެވިދާނެއެވެ.
ކުރުކޮށް ދަންނަވާނަމަ ރަމަޟާންމަހަކީ ވުނަކުރުމުގެ ފުރުޞަތުތައް ގިނަ މަހެކެވެ. މި ފުރުޞަތު ދެވަނަ ފަހަރަށް ނުލިބި ހިނގައިދާނެއެވެ. ރަނގަޅު ވުނޭރަކަށް ވެވޭތޯ މަސައްކަތްކުރާށެވެ!
ބައެއް ލަފުޒުގެ މާނަ:
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. client, customer,
ވުނަކުރުން މ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest
ވުނޭރު ނ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވާ މީހާ. investor
މުހުތާދު ނ. ބޭނުންތެރިވާ ވުން. need
[4] - أخرجه أحمد (٦٦٢٦) والطبراني (١٤/٧٢) (١٤٦٧٢)، والحاكم (٢٠٣٦) و البيهقي في ((شعب الإيمان)) (١٩٩٤)
[5] - أخرجه البخاري (١٤٤٢) ومسلم (١٠١٠) و أحمد (٢١٧٢١) وابن حبان (٦٨٦) والطبراني في ((المعجم الأوسط)) (٢٨٩١)
[6] - أخرجه البخاري (٥٣٥٢)، ومسلم (٩٩٣)
[7] - أخرجه الطبراني في ((المعجم الأوسط)) (٦٠٢٦) وابن عساكر في ((تاريخ دمشق)) (٦٤/١٧)
[8] - أخرجه البخاري (٣٥، ٢٠٠٨)، ومسلم (٧٥٩، ٧٦٠)، وأبو داود (١٣٧١، ١٣٧٢)، والترمذي (٦٨٣، ٨٠٨) والنسائي (٢٢٠٦)، وأحمد (٩٤٤٥) وابن ماجه (١٣٢٦)
[9] - أخرجه الترمذي (٨٠٦)، والنسائي في ((الكبرى)) (١٣٠٠)، وابن خزيمة (٢٢٠٦) وابن ماجه (١٣٢٧)