އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
6 މާރިޗް 2026
ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްޞަ މަހެކެވެ. އެއީ އެ މަހުގައި މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ރޯދައިގެ ސަބަބަކުންނޫނެވެ. އެ ކަމުގެ އިތުރަށް ރަމަޟާން މަހަކީ އިސްލާމީ އުންމަތުގެ ތާރީޚާއި މަޖުދާއި ޝަރަފާ ގުޅިފައިވާ މަހެކެވެ. މި މަހުގައި ހިނގި ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތުގެ މަލަތަކުގެ އިތުރަށް ދުނިޔޭގެ ތާރީޚުގެ މަލަތައް ވެސް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. އެއީ އެތައް މުޢުޖިޒާތްތަކެއް ހިމެނޭ ހާދިސާއެކެވެ. މި ހަނގުރާމައާއެކު އިންސާނިއްޔަތުގެ ރާސްތާއަށް ހެޔޮ ބަދަލުތަކެއް އަންނާން ފެށިއެވެ.
ހިޖްރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17ވީ ހުކުރު ދުވަހު ހެނދުނު ހިނގި މި ހަނގުރާމައިގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު ކުރެހެން ފެށުނެވެ. އަދި ހަމަ އެއާ އެކު، މުޅި ދުނިޔޭގެ ޗާޓު ވެސް އަލުން ކުރެހެން ފެށުނެވެ. ކީރިތި ޤުރުއާން ބުނާ ގޮތުގައި އެއީ ((يَوْمَ الْفُرْقَانِ [1] - ޙައްޤާއި ބާޠިލު ވަކިވެގެން ދިޔަ ދުވަހެވެ.)) ނުވަތަ އެއީ ((يَوْمَ الْتَقَى الْجَمْعَانِ [2] - ދެ ބައި މީހުން ބައްދަލުވި ދުވަހެވެ.)) ތާރީޚު ފޮތްތައް ބުނާ ގޮތުގައި އެއީ "غَزْوَةُ بَدْرِ الكُبْرَى - ބަދުރުގެ ބޮޑު ހަނގުރާމައިގެ ދުވަހެވެ."
ބަދުރުގެ ބޮޑު ހަނގުރާމައަކީ އާޚިރަތަށް ޓަކައި އެ މީހުންގެ މުދަލާއި ޖާނު ވިއްކައިފައިވާ މުއުމިނުންނާ މައްކާގެ މުޝްރިކުންނާ ދެމެދުގައި ހިނގައިފައިވާ ހަނގުރާމައެކެވެ. މިއީ މުޝްރިކުންނާ މުސްލިމުންނާ ދެމެދުގައި ހިނގި އެންމެ ފުރަތަމަ ހަނގުރާމައެވެ. ކީރިތިރަސޫލާ صلى الله عليه وسلم މަދީނާއިން ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ 314 މީހުންނެވެ. މުސްލިމުންގެ ލަޝްކަރަކީ މާއްދީގޮތުންނާއި، ޢަދަދުގެ ގޮތުންނާއި، ހަތިޔާރުގެ ގޮތުން ބަލާ އިރު، މުޝްރިކުންގެ ލަޝްކަރަށް ވުރެ، މާ ނިކަމެތި ލަޝްކަރެކެވެ. މުޝްރިކުން މައްކާއިން ނުކުތީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެން ހަނގުރާމަކުރުމަށް ޓަކައެވެ. އެހެން ކަމުން ރަސޫލުﷲގެފާނަށް ވަރަށް މުހިންމު ޤަރާރެއް ކަނޑައަޅުއްވާން ޖެހިވަޑައިގަތެވެ. މުސްލިމުންގެ ޢަދަދު މުޝްރިކުންގެ ޢަދަދަށް ވުރެ ތިން ގުނަ މަދެވެ. މުސްލިމުންގެ އަތުގައި ހުރި ހަތިޔާރަކީ ހަނގުރާމައެއްކުރާން އެކަށީގެންވާ ވަރަށް ވުރެ މާ ދެރަ ހަތިޔާރުތަކެކެވެ. އެހެންކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާކުރެއްވިއެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ލިބިވަޑައިގެން ޖަވާބަކީ އެކަލޭގެފާނާ މެދު އެ ބޭކަލުން ކުރައްވާ އިތުބާރުގެ ބޮޑުކަން ހާމަކޮށްދިން ޖަވާބެކެވެ. އެކަލޭގެފާނު އެ ކަމާ މެދު ހިތްޕުޅު ހަމަޖެހުނު ޖަވާބެކެވެ. މި ބަސްފުޅުތައް އިވިވަޑައިގަތުމުން ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ކުރިއަށްދާށެވެ! އުފާވެރިކަންހުށްޓެވެ! ހަމަކަށަވަރުން މާތްﷲ ދެ ކަމުން ކުރެ އެއް ކަމެއް ތިމަންކަލޭގެފާނަށް ދެއްވާން ވަޢުދުވެ ވޮޑިގެންފައިވެއެވެ."
މި ހަނގުރާމައިގައި ޤުރައިޝުންގެ ތެރެއިން ހަތްދިހަ މީހަކު މަރުވެ ހަތް ދިހަ މީހަކު އަސީރުވިއެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ ސާދަ މީހުންނެވެ. ކީރިތި ރަސޫލާ rއަށާއި މުސްލިމުންނަށް މި ފަދަ ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަތީ ކީއްވެގެންހެއްޔެވެ؟ މާތްﷲ މި ފަދަ ބޮޑު ނަޞްރެއް ދެއްވި ދެއްވުމުން މުސްލިމުން ޙާޞިލުކުރާން ޖެހޭ ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ވެއެވެ.
ހަނގުރާމަކުރެއްވި ގޮތް
ރަސޫލުﷲގެފާނު ބަދުރު ހަނގުރާމައިގައި ދުޝްމަނުންނާ ހަނގުރާމަކުރެއްވުމުގައި ލަޝްކަރު ސަފުސަފަށް އަތުރައިލެއްވިއެވެ. މިއީ ޤުރައިޝުން ހަނގުރާމަކޮށް އުޅުނު ގޮތެއް ނޫނެވެ. ބަދުރުގެ ކުރީން ޢަރަބީން ހަނގުރާމަކޮށްފައިވަނީ ޖަހައިފައި ފިލާ ގޮތަށެވެ. ކީރިތި ރަސޫލާ އިސްލާމީ ލަޝްކަރުގެ ސަފުތައް އެތުރުއްވީ ނަމާދުގައި ސަފުތައް އަތުރައިލެވޭ ގޮތަށެވެ. ފުރަތަމަ ސަފުގައި ތިބޭ މީހުންގެ މަސައްކަތަކީ ދުޝްމަނުންގެ ލޮންސިތަކުން ލަޝްކަރުގެ އެހެން ސިފައިން ދިފާޢުކުރުމެވެ. އެއާ ޖެހުނު ސަފުތަކުގައި ތިބީ ދުނިދަނޑީގެ ފަހުލަވާނުންނެވެ. ކީރިތި ރަސޫލާއަށް މާތްﷲ އެންގެވިއެވެ. ((إِنَّ ٱللَّـهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّا كَأَنَّهُم بُنْيَـٰنٌ مَّرْصُوصٌ[3] - ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެން ތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުން ދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ.))
ކީރިތިރަސޫލާ rއާއި މުސްލިމުން ރަމަޟާންމަހުގެ 16ވީ ބުރާސްފަތި ދުވަހު ބަދުރުގައި ހަމަޖެހިއްޖެއެވެ. އެ ދުވަހު ހަވީރު ކީރިތި ރަސޫލާ މާތްﷲއަށް ނަޞްރުދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާން ފެށްޓެވިއެވެ. މިއިން އެނގެނީ ހަނގުރާމައަށާއި އެހެނިހެން ކަންތައްތަކަށް މާއްދީ ގޮތުން ތައްޔާރުވާން ޖެހޭ މިންވަރަށް ތައްޔާރުވުމަށް ފަހު، ކާމިޔާބީއަށް އެދި މާތްﷲގެ ޙަޟުރަތަށް ދުޢާކުރާންޖެހޭނެކަމެވެ. ނަޞްރަކީ އެކަލާނގެ ދެއްވާ އެއްޗަކަށް ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ [4]- ގަދަފަދަވަންތަ ޙިކުމަތްވަންތަﷲގެ ޙަޟުރަތުން މެނުވީ ނަޞްރުލިބިގެން ނުވެއެވެ.))
ހުކުރުދުވަހު ހެނދުނު (އެއީ ރަމަޟާންމަހުގެ 17ވަނަ ދުވަސް) ދެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިއެވެ. އެއް ލަޝްކަރަކީ މުސްލިމުންގެ ލަޝްކަރެވެ. މި ލަޝްކަރު ދިފާޢުކުރަނީ ޙައްޤެވެ. އަނެއް ލަޝްކަރަކީ މުޝްރިކުންގެ ލަޝްކަރެވެ. އެއީ ޝައިޠާނާ ދިފާޢުކުރާ ލަޝްކަރެކެވެ. ބާޠިލަށް ނަޞްރުދޭން ނުކުތް ލަޝްކަރެކެވެ. ހަނގުރާމަ އެންމެ ގަދަވި ވަގުތު މުސްލިމުންނަށް ހިތްވަރުދެއްވުމަށާއި މަދަދުދެއްވުމަށް ޓަކައި މާތްﷲ މަލާއިކަތުންގެ ފައުޖެއް ފޮނުއްވިއެވެ.
ހަނގުރާމަ ނިމިގެންދިޔައީ މުސްލިމުންނަށް ވަރުގަދަ ނަޞްރަކާއި ކާމިޔާބީއެއް ލިބިގެންނެވެ. މުޝްރިކުންގެ ބޮޑެތި ފަހުލަވާނުންތައް ޤަތުލުވެ މަރުވެގެންނެވެ. އެ މީހުންގެ ތެރެއިން 70 މީހަކު މަރުވެ، 70 މީހަކު، އަސީރުންގެ ގޮތުގައި ހައްޔަރުވެގެންނެވެ. މުސްލިމުންގެ ތެރެއިން 14މީހަކު ޝަހީދުވެގެންނެވެ.
ހަނގުރާމަ ނިމުމުން މުޝްރިކުންގެ ތެރެއިން ހައްޔަރުކުރެވުނު އަސީރުންނާ މެދު ކަންތައްކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެކަލޭގެފާނަކީ ލަޝްކަރުގެ ވެރިޔާ، ކޮމާންޑަރ-އިން ޗީފްކަމުގައި ވިޔަސް އަމިއްލަ ފުޅަށް ޤަރާރު ކަނޑައެއްނާޅުއްވައެވެ. މިއީ އިސްލާމްދީނުގައި ވާ ޝޫރާގެ އުޞޫލުތައް އުގަންނައިދެއްވުމަށް އެކަލޭގެފާނުގެ މަދުރަސާގެ ދަރިވަރުންނަށް ދެއްވި ފިލާވަޅެކެވެ.
ކާމިޔާބާއި ނަޞްރުގެ ސަބަބުތައް
މުސްލިމުންނަށް މި ފަދަ މަތިވެރި، މި ފަދަ ބޮޑު ކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކާ ހުރެ ކުރާން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާއެއްކުރަން ތައްޔާރުވެގެނެއް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލާ އިރު، މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބުވަގުތެއް ނޫނެވެ. ރަމަޟާން މަސްކަމުގައިވާތީއެވެ. ރަމަޟާން މަހަކީ އާންމު ގޮތެއްގައި ޢަރަބީން ހަނގުރާމަކޮށް އުޅޭ މަހެއްނޫނެވެ. މިހެންވެ، މުސްލިމުންނަށް ބަދުރުގައި މިހާ ބޮޑުކާމިޔާބީއެއް ލިބުމުން އެ ކަމާ މެދު ސުވާލުތައް އުފެދެއެވެ. މި ޒަމާނުގެ ޢަސްކަރީ މިންގަނޑުތަކުން ބަލާ އިރު، މުސްލިމުންނަށް ބަދުރުހަނގުރާމައިގައި ކާމިޔާބުލިބިގެން ނުވާނެއެވެ.
ނަމަވެސް ﷲގެ މިންގަނޑު ތަފާތެވެ. މާތްﷲ މި ހަނގުރާމައިގައި ސާފު ހެކިތަކުން ބަޔާންކޮށްދެއްވި އެއްކަމަކީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއްކަމެވެ. މާތްﷲއަށާއި ﷲގެރަސޫލާއަށް ނަޞްރުދޭ ބަޔަކަށް މާތްﷲ ނަޞްރުދެއްވާނެކަމެވެ.
މުސްލިމުން މި ހަނގުރާމަކުރީ ވަރުގަދަ ޢަޤީދާއަކާއި އިޚުލާޞްތެރިކަމަކާ އެކުގައެވެ. ހަނގުރާމަކޮށް މޮޅުވެއްޖެ ނަމަ، ނަޞްރާއި ޣަނީމާތަކެވެ. ހަނގުރާމަކޮށް ޝަހީދުވެއްޖެ ނަމަ، ސުވަރުގެއެވެ.
މުސްލިމުން ހަނގުރާމަކުރީ އެމީހުންގެ ކޮމާންޑަރަށް ފުރިހަމައަށް ކިޔަމަންގަނެ އިތުބާރުކޮށްގެންނެވެ. ކީރިތިރަސޫލާ އެންގެވި ގޮތަށެވެ. އެކަލޭގެފާނުގެ އެއްވެސް ބަސްފުޅަކާ ޚިލާފުނުވެއެވެ.
ރަޙުމަތުގެ ނަބިއްޔާ
ކީރިތި ރަސޫލާ ޤުރައިޝުންގެ ތެރެއިން ހައްޔަރުކުރެވުނު ކާފިރުންނާ މެދު ކަންތައްކުރެއްވި ގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ! އެމީހުންގެ ކިބައިން ބަދަލެއްނުހިއްޕަވައެވެ. ފިދުޔަ އަތުލުއްވައިފައި އެ މީހުން ދޫކޮށްލެއްވީއެވެ. ކީރިތިރަސޫލާ މައްކާ ފަތަޙަކުރެއްވި ދުވަހު ވެސް ޢަމަލުކުރެއްވީ ހަމަ މި ފަދަ އޯގާތެރިކަމާ އެކުގައެވެ. އެ މީހުންނަށް ހަދީސްކުރެއްވީ ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ބޭނުން ތާކަށް ދާށެވެ. ތިޔަބައިމީހުންގެ ކުށެއްނެތޭ ވެސް ވިދާޅުވިއެވެ. އެބައިމީހުން ރަސޫލުﷲގެފާނަށާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ކުރި ގޯނާތަކާއި ދުއްތުރާތަކަށް ދެއްވީ މަޢާފެވެ. އެހެން ނުވާނީ ކީއްވެތޯއެވެ. މާތްﷲ އެކަލޭގެފާނާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. ((وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ [5] – އަދި ޢާލަމުތަކަށް ރަޙްމަތެއްކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ރަސޫލުކަމާއިގެން ނުފޮނުއްވަމެވެ.)) މިއިން އެނގެނީ އިސްލާމްދީނުގެ ސަމާޙަތެވެ. ވީމާ މުސްލިމުންގެ ބުރިކަށިތަކުގައި ހަރުކަށި ޢަމަލުތަކުގެ ލޭބަލްތައް ތަތްކުރެވިދާނެތޯއެވެ؟
ބަދުރު ހަނގުރާމައިން ދަސްކުރާންޖެހޭ ދަރުސުތައް ވަރަށް ގިނައެވެ. ކާމިޔާބު ލިބޭނީ ވެރީންނަށް ކިޔަމަންވެގެންކަން އެގެއެވެ. ކާމިޔާބު ލިބޭނީ މަތިވެރި ޢަޒުމަކާއި އިޚުލާޞްތެރިކަމާ އެކު މަސައްކަތްކޮށްގެންކަން އެނގެއެވެ. އަދި މުސްލިމުން އަބަދު ވެސް މަސައްކަތްކުރާން ޖެހޭނީ ﷲގެ ބަސްފުޅު މަތިވެރިކުރުމަށްކަން ވެސް އެނގެއެވެ.
ބަދުރު ހަނގުރާމައިގައި ހައްޔަރުކުރެވުނު އަސީރުންގެ ތެރޭގައި ތިބި މާލީ ތަނަވަސްކަން ނެތް މީހުންގެ ފިދުޔައެއްކަމުގައި ރަސޫލުﷲގެފާނު ލެއްވެވީ މުސްލިމުންގެ 10 ކުއްޖަކަށް ލިޔާންކިޔާން ދަސްކޮށް ދިނުމެވެ. އިސްލާމްދީން ތަޢުލީމަށާއި ޢިލްމަށް ދޭ އަހައްމިއްޔަތާއި ޤަދަރު މި ކަމުން ހާމަވެއެވެ. ތަޢުލީމަކީ މިނިވަންކަންކަން އެނގެއެވެ. އަދި ޖާހިލުކަމަކީ އަޅުވެތިކަމާ އެއް ފަދަ ކަމެއްކަން ވެސް އެނގެއެވެ.
ހަނގުރާމައިގެ ނަތީޖާތައް
ބަދުރުހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ކާމިޔާބީގެ ސަބަބުން މުސްލިމުންގެ އާރާއި ބާރާއި ހައިބަތު ބޮޑުވެގެން ދިޔައެވެ. އަރަބިކަރައިގެ ހުރިހާ ޤަބިލާތަކެއް ބިރުގަންނަ ޖަމާއަތަކަށް އިސްލާމީ އުންމަތް ބަދަލުވެގެންދިޔައެވެ. ކީރިތި ރަސޫލާގެ މަޤާމު މަދީނާއާއި މަދީނާގެ ވަށައިގެން އުޅޭ ޤަބީލާތަކުގެ މެދުގައި އުފުލިގެންދިޔައެވެ. މަދީނާގެ މުޝްރިކުންނަށް އިސްލާމީ ދަޢުވަތާ ދެކޮޅަށް ފާޑުކިޔާން ޖެހިލުންވިއެވެ. އިސްލާމްދީނާ ދެކޮޅަށް ޢަދާވާތްތެރިކަން ފާޅުކުރާން ޖެހިލުންވިއެވެ. މި ކަމާ ވިދިގެން މުނާފިޤުން ފާޅުވިއެވެ. ނަބިއްޔާގެ ކުރިފުޅުމަތީގައި އިސްލާމްކަން ފާޅުކޮށް ވަންހަނާކަމުގެ ލިބާހުގައި ކާފިރުކަން މަތީގައި ދެމިތިބޫއެވެ.
ބަދުރު ހަނގުރާމައިގެ ނަޞްރުގެ ސަބަބުން މުސްލިމުން ﷲއަށާއި ރަސޫލާއަށް ކުރާ އިތުބާރު ބޮޑުވެ އީމާންކަން ވަރުގަދަވިއެވެ. ޤުރައިޝުންގެ ތެރެއިން އެތައް ބަޔަކު އިސްލާމްދީން ޤަބޫލުކުރިއެވެ. މި ކަމުގެ ސަބަބުން މުސްލިމުންގެ މަޢުނަވިއްޔާތު އުފުލިގެންދިޔައެވެ. އަދި ﷲގެ ނަޞްރާ މެދު އުންމީދު އައުވެ ހަހުރަވެތިވެގެން ދިޔައެވެ. އިސްލާމީ އުންމަތް ފުޅައުވެ ފެތުރިގެންދާނޭ ކަން އެމީހުންނަށް ޔަޤީންވިއެވެ.
މި ހަނގުރާމައިގެ ސަބަބުން މުސްލިމުންގެ ޢަސްކަރީ ބާރު ގަދަވެ އެ މީހުންގެ ޢަސްކަރީ ތަޖުރިބާ އިތުރުވެ ހަނގުރާމަކުރުމުގެ އައު އުކުޅުތަކާއި ހުނަރުތައް މުސްލިމުންނަށް ދަސްވިއެވެ. ކީރިތި ރަސޫލާއަކީ ރަސޫލު ބޭކަލެއްގެ އިތުރަށް ހަރުދަނާ ޢަސްކަރީ ޤާއިދެއްކަން މުސްލިމުންނަށް އެނގުނެވެ.
މި ހަނގުރާމައިގައި ޤުރައިޝުންނަށް ލިބުނު ނާކަމިޔާބީއަކީ އެމީހުން ލަފާކުރި ނާކާމިޔާބީއެއްނޫނެވެ. އެ މީހުން ހުރިހައި ބާރުތަކަކާ އެކު ރަސޫލާއާ ދެކޮޅަށް ނުކުތީ ރަސޫލާއާއި އެކަލޭގެފާނަށް އީމާންވެފައިވާ މީސްކޮޅު ނައްތައިލުމަށް ޓަކައެވެ. ކާފިރުންގެ ބޮޑެތި ޒަޢީމުންކަމުގައިވާ އަބޫ ޖަހުލު ބުނު ހިޝާމާއި އުމައްޔަތު ބުނު ޚަލަފާއި ޢުތުބަތު ބުނު ރަބީޢަތު މި ހަނގުރާމައިގައި ޤަތުލުވެ މަރުވެގެން ދިޔައީ ވަރަށް ނިކަމެތި ގޮތަކަށެވެ. އިބްނު މަސްޢޫދުގެފާނާއި ބިލާލުގެފާނު ފަދަ ޤުރައިޝުންގެ ތެރޭގައި އުޅުއްވި ނިކަމެތި ފަޤީރު ބަޔެއްގެ އަތުންނެވެ. މި ޒަޢީމުންތައް މަރުވެ ފަނާވުމުން ޤުރައިޝުންނަށް ލިބުނު މާނަވީ ގެއްލުންތައް ވެސް ވަރަށް ބޮޑެވެ. މި ކާމޔާބީގެ ސަބަބުން ޤުރައިޝުންގެ ޤާފިލާތަކަށް މަދީނާގެ ބިރު ބޮޑުވެގެންދިޔައެވެ. މީގެ އިތުރަށް މައްކާގެ ސިޔާދަތީ ބާރާ ވާދަކުރާ ބާރަކަށް މަދީނާ ބަދަލުވެގެން ދިޔައެވެ.
ބަދުރުހަނގުރާމަ – ހަނގުރާމަތަކުގެ މިންގަނޑުން – ކުޑަ ހަނގުރާމައަކަށް ވިޔަސް އެއީ އިސްލާމީ ތާރީޚުގެ މޭލުގަލެކެވެ. އިސްލާމީ ތާރީޚު ބަދަލުކޮށްލި ހާދިސާއެކެވެ. މިހެންވެ މާތްﷲ ބަދުރު ހަނގުރާމައިގެ ދުވަހަށް "ޔައުމުލްފުރްޤާނި"ގެ ނަންދެއްވިއެވެ. އެ ދުވަހު ޙައްޤާއި ބާޠިލު ވަކިވެގެން ދިޔުމުންނެވެ. އިސްލާމްދީން ފާޅުވެ، އެ ދީނުގެ ނަބިއްޔާގެ ދަޢުވަތު ފެތުރެން ފެށުމުންނެވެ.
ބައެއް ލަފުޒުގެ މާނަ:
ހަހުރަވެތިކަން މ. އަނެކަކަށް ލިބިފައިވާ ކުޅަދާނަކަމެއް ނުވަތަ ނިޢުމަތެއް ތިމާއަށް ވެސް ލިބޭނެނަމައޭ ހިތަށް އަރާ އެރުން.
މަލަ ނ. (1) ދުރުން ފެންނަ ރަށެއްގެ ގަސްކަރަ. (2) އަވަސް. (3) ހަލުވި.