އަސްމާ އަބޫބަކުރު
1 މާރިޗް 2026
ހަވާގެ ތަފާތު ކުލަތަކާ އެކު މުޅި ހިސާބު ގުގުމަނީއެވެ. އައު އަހަރަށް މަރުޙަބާކިޔާން ދުނިޔެ ކުޑަތަންވަމުން ދާއިރު އަހަރެން ތައްޔާރުވަމުން މިދަނީ ޑޭވިޑާ އެކު އައު އަހަރު ފާހަގަކުރާން ކުލަބަށް ދާށެވެ. ޑޭވިޑަކީ އަހަރެންގެ ހަތަރުވަނަ ލޯބިވެރިޔާއެވެ. ޒުވާންކަމާ އެއްވަރަށް ޑޭވިޑަކީ ރީތި ވެސް މީހެކެވެ. ރަތްދޮންކުލައިގެ ޑޭވިޑް ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އުފާވެރިކަން ގެނުވައެވެ. އޭނާޔަށް ޓަކައި އަހަރެންގެ ހިތް ފިދާވެއެވެ. ޑޭވިޑް ބުނި ކޮންމެ ކަމެއް ކުރުމަށް އަހަރެން ބޭނުންވެއެވެ. އެ ރީތިކަމުގައި އަހަރެން ބޭނުންވަނީ އޮޔާދިއުމަށެވެ.
އަހަރެން ޢުމުރުން ދިހަ އަހަރުގައި ކިޔަވާން އިނގިރޭސިވިލާތުގެ އެޑިންބަރާއަށް ބައްޕަ ފޮނުވީ ވަރަށްބޮޑު އުންމީދަކައިގެންނެވެ. އަހަރެމެންގެ ޢާއިލާއަކީ ފުދުންތެރި ޢާއިލާއެކެވެ. ބައްޕައަކީ ވަރަށް ދުރަށް ވިސްނާ މީހެއްކަން ބައްޕަގެ ވާހަކައިން އެނގެއެވެ. މިހާރު އަހަރެންގެ ޢުމުރުން ބާވީސް އަހަރު ފުރެނީއެވެ. މި ޤައުމަށް އައިފަހުން ރާއްޖެ ދިޔައީ ދެ ފަހަރަކުއެވެ. ޢާއިލާއާ އެކީގައި މި ކޮޅުގައި ތިބޭތީ ދާހިތެއް ވެސް ނުވެއެވެ. މާމައާއި ކާފަ ވެސް އަހަރަކު އެއް ފަހަރު މިތަނަށް އާދެއެވެ. ޗުއްޓީގައި އަހަރެމެން ދަނީ އެހެން ގައުމުތަކަށެވެ. މިހާރު ވަރަށްގިނަ ގައުމުތަކަށް ދެވިއްޖެއެވެ. ބައްޕަ ޢާންމުކޮށް އުޅެނީ ރާއްޖޭގައެވެ. ދޭތެރެ ދޭތެރެއިން އަހަރެމެން ގާތަށް އަންނާނެއެވެ.
"ދޮނާ. ތިވަރަށް މޭކަޕް ނުކުރިއަސް ރީއްޗޭ. ޑޭވިޑް އުއްބައްތިއެއް މެލްޓްވާހެން ވިރޭނެ ތިޔަ ރީތިކަން ފެނިފައި. ތިޔަހައި ވަރަށް މޭކަޕު ނުކުރިއަސް ތިއީ ނެޗުރަލް ބިއުޓީއެއް." ބަދީޙާ އަޑުލައިގަތެވެ. ބަދީޙާއަކީ އަބަދުވެސް ތެދަށް ވާހަކަދައްކާ އަނގަ ހަލުވި ކުއްޖެކެވެ.
"ބަލްގީސް. ފޯނެއް." މަންމަގެ އަޑު އިވުނެވެ. އަހަރެން ފޯނު ބާއްވައިފައި ތައްޔާރުވާން އައި ގޮތަށް ފޯނުމަތީން ހަނދާނެއް ވެސް ނެތެވެ. ޑޭވިޑް ގުޅީ ކަންނޭގެއެވެ. ކިތަންމެ ރީއްޗަސް ޑޭވިޑަކީ ތަންކޮޅެއް ރުޅިގަދަ ޒުވާނެކެވެ. ފޯނު ނުނެގުނަސް ކަންތައް ވަރަށް ބޮޑުކޮށްލާނެއެވެ. އެ ކަމާ ހެދި އަހަރެން ފޯނު އޮންނާނީ ރިންގް ފުލްކޮށްފައެވެ. އަހަރެން ދުވެފައި ގޮސް އެ ކޯލަށް ޖަވާބު ދިނީމެވެ. މިރޭ ދާންޖެހޭ ކުލަބުގެ ލޮކޭޝަން ފޮނުވައިފައި އަހަރެން ރިޕްލައި ނުކުރުމުން ޑޭވިޑް ހިތްހަމަ ނުޖެހުނީއެވެ.
"ސޮރީ. ސޮރީ" އަހަރެންގެ ސޮރީއަކީ ޑޭވިޑްގެ ހިތްހަމަޖެހުމެވެ. އެހެން ނުބުނެވިއްޖެއްޔާ ވަރަށް ކަންތައް ބޮޑުކޮށްލާނެއެވެ. އެހެންވެ ކިތަންމެ ކުޑަކަމެއްވިއަސް އަހަރެން އިސްވެ ސޮރީގެ ލަފުޒު ދުލަށްގެންނަމެވެ.
އަހަރެމެން ކުލަބަށް ދެވުނުއިރު ތަން އޮތީ ތޮއްޖެހިފައެވެ. މިއުޒިކް އަޑުގަދަވެ، މުޅި ހޯލު ތަރިތަކެއް ފަދައިން ވިދަމުން ދިޔަ އިރު މަޑު އަލިކަމެއްވެއެވެ. އެންމެން ނަށަމުން ދިޔައީ އެއްވެސް ހާސްކަމެއް ނެތް ކަހަލަ ގޮތަކަށެވެ. ޑޭވިޑް އެރޭ ވަކިން ރީއްޗެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނެތޭ ފަދަ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. އަހަރެން ހަނދާންވަނީ ހަމައެކަނި އޭނާއާ އެކު ވާއިރު އަހަރެން ކިހާ އުފާވެރިހެއްޔެވެ؟ އަހަރެމެން ކްލަބުގެ ދުނިޔެއަށް ގެއްލިފައި ތިއްބައި ކުއްލިއަކަށް ބާރުގަދަ ގުގުރިއެއްގެ އަޑުން މުޅިތަން ގުގުމައިގަތެވެ. ވާރޭ ވެހެން ފެށުމާއެކު ފުރާޅުގައި ހިލަތަކެއް ޖެހުނު ކަހަލަ އަޑެއް އިވުނެވެ. ހިނދުކޮޅަކަށް އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައީ މިއީ ބިންހެލުމެއްހެއްޔެވެ؟ އަހަރެން އެނބުރިލީ ޑޭވިޑާ ދިމާއަށެވެ. އެ މޫނުމަތިން ފެންނަ ހިނިތުންވުން ވަނީ ފިލައިގެން ގޮސްފައެވެ. މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ބިރުވެރިކަމުން އޭނާގެ ދެލޯ ބޮޑުވިއެވެ.
މީހުން ހަޅޭއްލަވަން ފެށިއެވެ. ގޮނޑިތައް އުކާ އަޑާއި، ބިއްލޫރި ކުދިކުދިވާ އަޑުއިވެން ފެށިއެވެ. އެވަގުތު މުޅިތަނުން ކަރަންޓް ވެސް ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ޑާންސް ފްލޯރ ހަލަބޮލިކަމަށް ބަދަލުވިއެވެ. ތޫފާނާއި ބިރުވެރިކަމުން ސަލާމަތްވާން މަސައްކަތްކުރަމުން އެންމެން ދުވަމުން ގެންދިޔައީ އެ ތަނުން ނިކުންނާށެވެ. ފޯނުތަކުގެ އަލިން ކޮންމެވެސް ވަރަކަށް ތަންތަން ފެނެއެވެ. މީހުންގެ ރުއިމުގެ އަޑު ގަދަވާން ފެށިއެވެ.
އެ އަޑުގަދަވުމާއި އޮޅުންބޮޅުންތަކުގެ ތެރޭގައި ހުއްޓިލައިގެން ހުރިއިރު އަހަންނަށް އާދަޔާ ޚިލާފު އިހުސާސެއް ކުރެވުނެވެ. އަހަރެން އެތަނަށް ނިސްބަތް ނުވާކަން ވިސްނުނެވެ. އަހަންނަކީ މުސްލިމް އަންހެން ކުއްޖެކެވެ. މި ފަދަ ތަންތަނަށް އައިސްގެން ނުވާނެއެވެ. މިއުޒިކާ އެކު ތޫފާނެވެ. ކުލަބު ތެރޭގައި އެއްވެސް މީހަކު ހަމަހެއެއްގައި ނުހުރެއެވެ. ފާހިޝް ޢަމަލުތައް ކުރަމުންދާ ތަނަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކުރިމަތިވީއެވެ. މީހުންގެ ރުއިމުގެ އަޑުން މުޅިތަން ގުގުމަނީއެވެ.
ވިއްސާރަޔާ އެކު ގުގުރަމުން ދިޔައިރު ވިދައިލާ ވިދުވަރުން ބިރުން ފިތްކަނޑައިގެންދާ ވަރުވެއެވެ. އަހަރެން މަޑުމަޑުން އަމިއްލަ ނަފްސަށް ބުނީމެވެ.
"މިއީ މިކަހަލަ ތަނަކަށް އަހަރެން އަންނަ އެންމެ ފަހުފަހަރު." އެވަގުތު ޑޭވިޑް އަހަރެންގެ އަތުގައި ހިފައިލުމުން އަހަރެމެން ދުވެފައި ދިޔައީ އެއްވެ ތިބި މީހުންނާއެކު ބޭރަށްނިކުންނަށް ހުރި ދޮރާދިމާއަށެވެ. އަހަރެންގެ ހިތް ތެޅެމުން ދިޔައީ ހާދަހާ ބާރަކަށެވެ. ކުއްލިއަކަށް ފަހަތުން އައި ބަޔަކު އަހަރެމެން ކޮއްޕާލިއެވެ. އަދި އަހަރެމެންގެ ދެމެދަށް މީހަކު ވެއްޓުނުކަން އެނގުނެވެ. އަހަރެން އަތުން ޑޭވިޑްގެ އަތް ދެމިގެންދިޔައެވެ.
"ޑޭވިޑް" ބިރުވެރިކަމުގެ ތެރޭގައި އަހަރެން ބާރަށް އޭނާއަށް ގޮވީމެވެ. އެކަމަކު ޑޭވިޑްގެ އަޑެއް ނީވުނެވެ. ޑޭވިޑް ގެއްލުނީއެވެ. އަހަންނަށް ރޮއިގަނެވިއްޖެއެވެ.
އަހަރެން އެކަނި ދުވެފައި ބޭރަށް ނިކުތީމެވެ.
އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔަ އިރު މަގުމަތި މީހުން ހަރަކާތްތެރިވާހެން ހީވިއެވެ. އަހަރެން ޑޭވިޑް ފެނޭތޯ މަގުމަތީ ހުރެ އޭނާގެ މޫނު ހޯދަމުން ދިޔަ ނަމަވެސް އޭނާއެއް ނުފެނުނެވެ. އެވަގުތު އަހަރެންގެ ސިކުނޑި މަސައްކަތް ނުވެސް ކުރެއެވެ. އެ ހުރިހާ މީޙުންގެ ތެރެއިން ބޯ ވިއްސާރައިގެ ތެރޭގައި ޑޭވިޑް ވަކިކުރާން އެނގޭނީ ވެސް ކިހިނެއްހެއްޔެވެ؟ އަހަރެން މަޑުކޮށްލީ ޑޭވިޑް އައިސް އަހަރެންގެ ނަމުން ގޮވާލާނެ ވަގުތަކަށެވެ. އެކަމަކު ފަސްމިނިޓް ވީއިރު ވެސް ޑޭވިޑްގެ ޚަބަރެއްނެތެވެ. އެންމެން ހަޅޭއްލަވަމުން ދުވަމުން ގެންދިޔައެވެ. އެންމެފަހުން އަހަރެން ގެއާ ދިމާއަށް ދުއްވައިގަތީމެވެ. އެ ކުލަބާ އަހަރެންގެ ގެއާ ދެމެދު މާ ދުރެއްނޫނެވެ. އެކަމަކު ވިއްސާރައިގެ ތެރޭގައި ކުރިއަށް ފިޔަވަޅެއް އެޅެނީއެއް ނޫނެވެ. އަހަރެން ގެއަށް ދިޔައިރު ހުރީ ތެމިފޯވެފައެވެ. ބިރުން ގޮސް ވާހަކަ ވެސް ނުދެއްކެއެވެ. ދެއަތް ތުރުތުރުއަޅަމުން ދިޔައީ ބޮޑު ކުށެއް ކޮށްފައިވާ މީހަކު ފަދައިންނެވެ. އަހަރެންގެ ހިތްބުނަމުން ދިޔައެވެ. މިއީ އަހަރެންގެ ވަޒަނެއް ނޫނެވެ. އެނބުރި އަމިއްލަ ވަޒަނަށް ދާށެވެ. ތުރުތުރު އަޅަމުންދާ އަތުން ފޯނު ނަގައި ބައްޕައަށް ގުޅާލުމާ އެކު ބައްޕަގެ ފޯނު ނަގައިފިއެވެ.
"އަހަރެން ބޭނުމީ ރާއްޖެ ދާން. މިތާކު ނޫޅޭނަން." އަހަރެންގެ ތުރުތުރު އަޅާއަޑުއިވުމުން ބައްޕަ ވަރަށް ކަންބޮޑުވިއެވެ. ވީހާ އަވަހަށް ރާއްޖެ އައުމަށް ޓިކެޓު ހަމަޖައްސާނެކަމުގައި ބުނެ ފޯނު ބޭއްވިއެވެ. މީގެ ކުރީން އަހަރެން އަބަދު ވެސް ދައްކަމުން ދިޔައީ އެ ގައުމު ފަސޭހަ ވާހަކައެވެ. ފުރުޞަތުތައް އޮތް ވާހަކައެވެ. ރާއްޖެ ކުޑަވެފައި އަދި ވެސް މީހުން ތަރައްޤީނުވާ ވާހަކައެވެ. ދާން ބޭނުންނުވާ ވަހަކައެވެ.
އެޑިންބަރާ ދޫކޮށް އަހަރެން ރާއްޖެ އަންނަން ނިންމީ އެ ވަޒަން ދެކެ ބިރުގަންނާން ފެށުމުންނެވެ. ރާއްޖޭގެ އެއަރުޕޯޓަށް ފޭބުމާއެކު ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެއީ ރަމަޟާން މަހުގެ ފުރަތަމަ ފަތިހެވެ. އަހަރެމެން އައިސް ގެއަށް ވަންނާން ކާރުން އެޅި ފިޔަވަޅާ އެކު ފަތިސް ނަމާދުގެ ބަންގީގެ އަޑުން މުޅި ފަޒާ ގުގުމާލިއެވެ. މަޑުމައިތިރި އެހެނަސް ބާރުގަދަ އަޑެކެވެ. ކުއްލިއަކަށް ގައިން ހީބިހި ނަގައިގަތެވެ. މުޅިމީހާ ފިނިވި ކަހަލައެވެ. ފުރަތަމަ ފަހަރަށް ޙަޔާތުގައި ބަންގިއާ މެދު ވިސްނައިލެވުނެވެ. އެ އަޑު އިވުނީ އަޑެއްގެ ގޮތުގައެއް ނޫނެވެ. މެސެޖެއްގެ ގޮތުގައެވެ.
"އަހަންނަކީ މުސްލިމެއް. އަދި ދުވަހަކު ރޯދައެއްނުހިފަން. ނަމާދެއް ނުކުރަން." މިރޭ ބަންގީގެ އަޑާއެކު އަހަރެންގެ ހިތގައި ބިރުވެރިކަން އުފެދިއްޖެއެވެ. ދެދުނިޔޭގެ ފަލާޙާ ކާމިޔާބަށް އެދި ގޮވަނީއެވެ. އަހަރެންގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ތަޢުލީމީ، ވިސްނުންތޫނު އަދި ޤާބިލު މީހެކެވެ. އެކަމަކު ޚާލިޤުވަންތަ ﷲގެ ކުރިމަތީގައި ހުއްޓޭން ނޭނގޭ މީހަކަށް އަހަރެން ވީތީ ދެރަވެއްޖެއެވެ.
ކޮޓަރިއަށްވަނުމާ އެކު ފުރަތަމަ ފަހަރަށް ނަމާދުކުރަން ފެށީމެވެ. ނަމާދުގައިކިޔާ ތަކެތި ނޭނގުނަސް ޙަރަކާތް ކުރާން އެނގުނެވެ. ތުރުތުރުއަޅަމުން ދިޔަ ދެއަތްތިލަ އުފުލައިލީމެވެ. ތެޅިތެޅި އޮތް އަޑަކުން ފުރަތަމަ ފަހަރަށް އިޚްލާޞްތެރިކަމާ އެކު ދެއަތް އުފުލައި ދުޢާކުރާން ފެށީމެވެ.
"ޔާﷲ. މި އަޅާ މި ހުރިހައި ދުވަހު އުޅުނީ ބޭނުން ގޮތަކަށް. މިއަޅާގެ ކުށަށް މަޢާފް ކޮށްދެއްވައި، ތެދުމަގު ދައްކަވައިފާނދޭވެ." ފަތިސް ނަމާދަށް ފަހު ދުޢާކުރުމުގައި އެތައް ވަގުތެއް ހޭދަކުރީމެވެ.
ޖެހިގެން އައި ދުވަހު ފިހާރަޔަށްގޮސް އަބަޔާ ގަނެގެން އައިސް ކުރިންލީ ހުރިހާ ހެދުމެއް އުކައިލީމެވެ. މަޑުމަޑުން، ކެތްތެރިކަމާ އެކު، ނަމާދުކުރާން ދަސްކުރާން ފެށީމެވެ. ރުކޫޢުކުރާނެ ގޮތާއި، ސަޖިދަކުރާނެ ގޮތް ދަސްވިއިރު، ނަމާދުގައި ކިޔާތަކެތި ދިޔައީ ދަސްވަމުންނެވެ. ފުރަތަމަ ރޯދައަށް ހުންނައިރު ބަނޑުގައި ރިއްސައި، ކަރު ހިއްކި ނަމަވެސް ފުރަތަމަ ފަހަރަށް ހިތަށް އުފާވެރިކަމުގެ އިޙްސާސް ކުރެވުނެވެ.
ދުވަސްތައް ހަފުތާތަކަކަށް ބަދަލުވިއެވެ. ހިތުގައި އަޅައިގެން އުޅުނު ލޯބިވާ ޑޭވިޑް ގެއްލިއްޖެއެވެ. މަޑުމަޑުން އެ ހަނދާންތަކާ ދުރުވާން އަހަރެން މަސައްކަތް ފެށީމެވެ.
ހަތަރު މަސް ފަހުން އެއްދުވަހަކު މަންމަ ގޮވާ އަޑަށް ސިޓީންގ ރޫމަށް ނިކުތްއިރު ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ.
"ޑޭވިޑް" އެ ނަންކިޔުނީ ސިއްރުންނެވެ.
"ބަލްޤިސް. އަހަރެން ވަރަށް ހޯދިން. އެންމެ ފަހުން ޔުނިވަރސިޓީން ލިބުނީ ރާއްޖޭގެ ނަންބަރު" ޑޭވިޑް މަޑުމަޑުން ބުނެލިއެވެ.
އަހަރެން މިހާރު ޑޭވިޑާ ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. އަހަރެމެންނަކަށް އެކީގައެއް ނޫޅެވޭނެއެވެ. އަހަރެން ބޭނުމީ މުސްލިމް ފިރިހެނެކެވެ.
"އަހަރެން ބޭނުމީ މުސްލިމެއް" އަހަރެން ޑޭވިޑާ ދިމާއަށް ބަލާންނުކެރިގެން އިސްޖަހައިލަމުން ބުނީމެވެ.
"އަހަރެންމީ މުސްލިމެއް. ނަމަކީ ދާއޫދު. އެ ތޫފާނީ ރޭގެ ޙާދިސާ އިން ޢިބްރަތް ލިބިގަނެ އަހަރެން ބޭނުންވީ ފުރިހަމަ ދީނަކަށް އަޅުކަންކުރަން." އަދި އެ ދަތުރުން އޭނާ އިސްލާމްދީނަށް ގެންގޮސްފައިވާކަމަށް ކިޔައިދިނެވެ.
އަހަރެން ވަރަށްއުފާވިއެވެ. މާގިނަ ދުވަހު މަޑުކުރާން ނުހަދައި އަހަރެމެން ކައިވެނި ކުރެވުނެވެ. މިހާރު އަހަރެމެންނަކީ ދުނިޔެ ފަހަތުން ދުވާ ދެމީހުންނެއް ނޫނެވެ. އީމާންތެރިކަމާއި ޞުލްޙައާއި ﷲގެ މަގުގައި ހިނގާ ދެ ނަފްސެވެ. އަދި މިފަހަރު، އަހަރެމެން ވަކިކުރާކަށް އެއްވެސް ތޫފާނެއް ނާދެއެވެ... ހަމައެކަނި ރަޙުމަތް އައީ އަހަރެމެން އަބަދަށް ޓަކައި އެއްބައިވަންތަކުރުމަށެވެ. މާތްﷲ ތެދުމަގު ދައްކަވާން ހުރިއަޅަކަށް ތެދުމަގު ދައްކަވާނެއެވެ. (ނިމުނީ)