އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 ފެބްރުވަރީ 2026
ކޮންމެ އަހަރަކު ވެސް ދައުރުހަމަކޮށްފައި ރަމަޟާން މަސް އަޅުގަނޑުމެންގެ ގާތަށް އަންނަނީ ވަރަށް ލޮބުވެތި މެހުމާނެއްގެ ގޮތުގައި ﷲގެ ޙަޟުރަތުން ގިނަގުނަ ހަދިޔާތަކަކާއިގެންނެވެ. އޭގެ ވަށަލައިގައި ވަނީ ހިތްހަމަޖެހުމެވެ. މުޖުތަމަޢަށް ގެނެސްދެނީ އޯގާވެރިކަމާއި އަމާންކަމެވެ. މިއަދުގެ ސުވާލަކީ އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކަށް ރަމަޟާންމަހުގެ ރޫޙު ވައްދައިދޭނީ ކިހިނެއްހެއްޔެވެ؟ ރަމަޟާނީ ބަގީޗާ ތެރޭގައި އެ ކުދީން ބޮޑުކުރާނީ ކިހިނެއްހެއްޔެވެ؟ ހަމައެކަނި ރަމަޟާންމަހުގެ ހުސްތޮށިގަނޑަކުންނޫނެވެ. އޭގެ ދިޔައާއި މަދުންނެވެ.
ރަމަޟާންމަހަކީ ހަމައެކަނި ދުވާލުގެ ވަގުތުކޮޅެއްގައި ކެއުމާއި ބުއިމުން ދުރުހެލިވެގެން ތިބުމެއްނޫނެވެ. އެހެނަސް އެއީ ފުރިހަމަ ތަރުބަވީ މަދުރަސާއެކެވެ. ކެތްތެރިކަމުގެ މަދުރަސާއެކެވެ. ނަފުސު ކޮންޓުރޯލުކުރުމުގެ މަދުރަސާއެކެވެ. ވަގުތު ތަންޒީމުކޮށްދިނުމުގެ މަދުރަސާއެކެވެ. އެހެން މީހުންގެ ޝުޢޫރުތަކަށް އިޙްތިރާމުކުރާން ދަސްކޮށްދޭ މަދުރަސާއެކެވެ. އަޅުގަނޑުމެންގެ ޅަދަރީންނަށް މި ކަންކަން އުނގަންނާދެވޭނީ އަމުރުތަކަކުންނޫނެވެ. އެ ކުދީންނަށް ކޮންމެ ދުވަހަކު ފެންނަ މަންޒަރުތަކުންނެވެ. ކޮންމެ ދުވަހަކު އިފުޠާރުގެ މޭޒުމަތީގައި ދައްކާ ވާހަކަތަކުންނެވެ. ރޯދަހިފަމުންދާ އިރު އަޅުގަނޑުމެންގެ ކިބައިން އެ ކުދީންނަށް ފެންނަ ރިވެތި އަޚްލާޤުންނާއި މުޢާމަލާތުތަކުންނެވެ. އަޅުގަނޑުމެންގެ މީޑިއާ ވަސީލަތްތަކުން ލިބޭ ހެޔޮ ޚަބަރުތަކާއި ނަސޭހަތްތަކުންނެވެ. އަޅުގަނޑުމެންގެ މިސްކިތްތައް އާރާސްތުކުރާ ރޯދަވެރީންގެ އަޅުވެރިކަމުންނެވެ. އަޅުގަނޑުމެންގެ ރޭއަޅުކަންތަކުންނާއި ތެދުވެރި ދުޢާތަކުންނެވެ. އަޅުގަނޑުމެން ކީރިތި ޤުރްއާނަށް ކުރާ އިޙުތިރާމާއި ކިޔަވާ ކިޔެވުންތަކުންނެވެ.
ރަމަޟާން އައުމުން ވަރަށް ގިނަ ބަޔަކު ޚާއްޞަކޮށް މަންމައިން ކުރާ ސުވާލެއް އޮވެއެވެ. އަޅުގަނޑުގެ ކުޑަ ދަރިފުޅު ރޯދައަށް ބަހައްޓާންވީ ކޮން އިރަކުންހެއްޔެވެ؟ މި ސުވާލުގެ ރީތި ގޮތަކީ [އަޅުގަނޑުމެންގެ ދަރީން ރޯދަހިފުމަށް ލޯބިޖައްސުވާންވީ ކޮން އިރަކުންހެއްޔެވެ؟]
ޖަވާބުގައި ދަންނަވާންޖެހެނީ ތަޅުދަނޑިއަކީ ފިޔަވަހިކޮށް ހަރުފަތަކުން ހަރުފަތަކުން މައްޗަށް އެރުމެވެ. ފުރަތަމަ ދުވަހު ކުޑައިރުކޮޅަކު ރޯދައަށް ބަހައްޓައިފައި ކޮއްކޮއަށް މި ވަރު ފުދެއޭ ކިޔާފައި ހިތްވަރުދީ އިނާމުދިނުމެވެ. ޢާއިލާގެ އެންމެން މި ކަން ވަޒަންކޮށް އަގުކޮށް ސެޓުފިކެޓްދިނުމެވެ. ރޯދަހިފުމަކީ ބުރަ ކަމެއްކަމުގެ އިޙުސާސް އެ ކުއްޖާއަށް ކުރެވިގެން ނުވާނެއެވެ. ކުރާންޖެހޭ ކަމަކީ މި ކަމުގައި އެ ކުއްޖާ ކުރިއަށްދާ މިންވަރު ބަލައި ހިތްވަރުދިނުމެވެ.

އަޅުގަނޑުމެންގެ ތެރޭގައި ތިބޭ ނުކުޅެދޭ ކުދީންގެ މަތީން ވެސް ހަނދާންނައްތައިނުލާށެވެ! އެ ކުދީންގެ ޤާބިލުކަމާ އެއް ވަރަށް އެ ކުދީން ވެސް ރޯދައިގެ ކަންތައްތަކުގައި ބައިވެރިކުރުވާށެވެ! ރޯދައިގެ އިފުޠާރު މޭޒު ތައްޔާރުކުރުމުގައި ބައިވެރިކުރުވާށެވެ! ރޯދަވީއްލާ ގަޑީގައި މިސްކިތްދޮށުގައި ކަދުރު ބެހުމުގައި ބައިވެރިކުރުވާށެވެ! ދުޢާކުރުމުގައި ވެސް ބައިވެރިކުރުވާށެވެ!
ރަމަޟާން މަހަކީ އިޖުތިމާޢީ ގިޔަމުތައް އަޅުގަނޑުމެންގެ ޅަދަރީންގެ ގައިގައި އަށަގެންނެވުމަށް ތަނަވަސްވެފައިވާ ރަނުގެ މައިދާނެކެވެ. ގޭގައި ފަޤީރުންނަށް ޞަދަޤާތްކުރުމަށް ޓަކައި ފައިސާ ލާން ކުޑަކުޑަ ފޮށްޓެއް ބަހައްޓައިގެން އެ ކުދިން ލައްވައި މި ފޮށްޓަށް ދުވާލަކު ރުފިޔާއެއް ދެ ރުފިޔާ ފަދަ މިންވަރެއް ލާނީއެވެ. ފަޤީރު އަވަށްޓެރިޔާގެ ގެއަށް އިފްޠާރު ހިފައިގެން ދާއިރު އެ ކުއްޖާ ގޮވައިގެން ދާނީވެ. އޯގާވެރިކަމުގެ ބަހުން ހައިހޫނުކަމުގެ މާނަ އެ ކުއްޖާއަށް ކިޔާދޭށެވެ. މިގޮތަށް އަޅުގަނޑުމެން ޢަމަލުކުރުމުން އެ ކުދީންނަށް ކޮންމެ ދުވަހަކު ޢަމަލީ ދަރުސްތައް ލިބެމުންދާނެއެވެ. ނަޒަރީ ދަރުހަކުން ކުރާ އަސަރަށް ވުރެ ޢަމަލީ ކަންކަމުން ކުރާ އަސަރު މާ ބޮޑުވާނެއެވެ. މި އޮށްތައް މަޑުމަޑުން ފަޅަމުންދާނެއެވެ. އޭނާއާ އެކު މި ގަސްތައް ފޯދި ބޮޑުވެ މޭވާ އަންނާނެތެވެ.
ރަމަޟާންމަހަކީ ޚަތިމުކުރުމުގެ މުބާރާތެއްނޫނެވެ. އެއީ ހިތްތައް އިޞްލާޙުކުރުމުގެ މައިދާނެކެވެ. ކިތައް ހިތް އިޞްލާޙުކުރެވުނުތޯ ބަލާށެވެ! އެ ކުޑަ ކުއްޖާގެ ހިތާ އެންމެ ގާތަށް ދެވުނީ ކިތައްކިތައް ފަހަރުތޯ އަދަދުކުރާށެވެ! އެ ކަމަށް ރަންވަނަ ދޭށެވެ!
ބައެއް ލަފުޒުގެ މާނަ
ވަށަލަ ނ. ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ. orbit
ފިޔަވަހި ނ. (1) ކުރެވޭ މަސައްކަތުގެ ތަފާތު ބައިތަކުގެ ތެރެއިން ބައެއް. (2) މަޝްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަކުރެވޭ ފަދަ ބައިބައި phase
ގިޔަމު ނ. ސަގާފަތާއު އާދަކާދައާއި އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާގީ މީޔާރުތައް ނުވަތަ މިންގަނޑުތައް values