ad_banner
ހަގީގީ ދުނިޔެ

ފާޠިމަތު ލަމްހާ

27 ފެބްރުވަރީ 2026

ފެންކަޅިވެފައިވާ ޒުވާނާ އެނދުގައި އޮށޯވެގެން އޮތް އިރު، އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮތެވެ. ޒުވާނާގެ ޚިޔާލުތައް އެ ވަނީ އެނބުރެމުންދާ ފަންކާގެ ފިޔަތައްފަދައިން އެނބުރެން ފަށައިފައެވެ. ބުރަކަށް ފަހު ބުރެކެވެ. ހިނދުހިނދުކޮޅުން ގިސްލުމުގެ އަޑު ވެސް ގުގުމައިލައެވެ.
މިއަދު އެ ޒުވާނާ އެވަނީ އެކަނިވެރިއަކަށް ވެފައެވެ. ޒަމާނުގެ އުފާތަކުން ލިބިގަންނަމުން އައި ލައްޒަތުތަކުން މަޙުރޫމުވެ އެ އޮތީ ބަލި އެނދެއްގައެވެ.

ބަލާ ބެލުމަށް އެއީ ހަމަ އާދައިގެ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. މޫނުމަތީން ވެސް އެއްވެސް ބައްޔެއްގެ ނިޝާނެއް ފެންނާކަށެއް ނެތެވެ. އަދި ނުރައްކާތެރި ބައްޔެއްގައި އުޅޭ މީހެއްގެ ފުށުން ފެންނަ ފަދަ އެއްވެސް އަސަރެއް ވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ކަޝްފުވަމުން ދިޔައީ ޒުވާނާގެ އުފާވެރި ދުވަސްތަކެވެ. އެ ހަނދާންތައް އާވުމުން ޒުވާނާގެ ލޮލުން ކަރުނަ ހިލުވައިލާ ހިތްދަތި މާޒީއެކެވެ.

ޒުވާނާގެ އުފާވެރި ޙަޔާތުގެ ތަރި ފިޔަޖަހާންފެށީ، މީގެ ގާތް ގަނޑަކަށް އަށެއްކަ އަހަރު ކުރީންނެވެ. ޒުވާނާއަކީ މާލޭ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ.
ސުކޫލު ދައުރުގައި ޒުވާނާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސުކޫލުގެ ބަސްވިކޭ، ތަޢުލީމީ ދާއިރާގައި ރަން ވަނަތަކެއް ހޯދައިފައިވާ ކިޔަމަންތެރި ދަރިވަރެކެވެ. ސުކޫލުގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ހަރަކާތްތެރިވި، އަދި ސުކޫލުގެ ވެރީންނާއި މުދައްރިސުންގެ ރުހުން ލިބިފައިވާ ދަރިވަރެކެވެ. ސުކޫލު ދައުރަށް ފަހު، ޒުވާނާ ނުކުތީ މުޖުތަމަޢުގެ ތެރެއަށެވެ. އިތުރަށް ކިޔަވާން ލިބުނު ފުރުޞަތު ދޫކޮށްލީ، އޭނާ ދެކެ ލޯބިވާކަމަށް ބުނާ ބައިވެރިޔާ ދޫކޮށްލައިފައި ދާން ހިތް ނޭދޭތީއެވެ. އަދި މައިންބަފައިން ވެސް މާބޮޑަށް "މަޖުބޫރު"ނުކުރާތީއެވެ. މަންމައާއި ބައްޕަ ވެސް ވިސްނައިދިނީ ދަރިފުޅު ބޭނުން ކަމެއްކުރުމުގެ އިޚުތިޔާރު ލިބިފައިވާކަމަށާއި، އެހެން ނޫނަސް ބޮޑުވެފައިވާ ދަރިއެއްގެ މިނިވަންކަމަށް އަރައިގަތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނަމުންނެވެ. ޙަޤީޤަތަކީ ހަމަ އެއީއެވެ.

ޒުވާނާ ބޭނުންވީ އޭނާގެ އާޢިލާގެ ވާރުތަވަމުން އައި ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. ހުރިހައި ކަމެއްގައި ވެސް ވަރަށް ކާމިޔާބެވެ. ވިޔަފާރީގެ ވެރިޔަކީ ޒުވާނާގެ ބައްޕަކަމުން ޒުވާނާއަށް ވަކި މުސާރައެއް ކަނޑައެޅިފައެއް ނެތެވެ. [މި ހުރިހައި އެއްޗަކީ ވެސް ދަރިފުޅުގެ އެއްޗެހި.] މިއީ ޒުވާނާގެ ބައްޕަގެ އަތްމަތީ ބަހެވެ.

ޒުވާނާގެ ޅަ ސިކުނޑި ވަރަށް އަވަހަށް ފައިސާއަށް ހޭނިއްޖެއެވެ. ރަޙުމަތްތެރީންގެ ޢަދަދު އިތުރުވީ ހީކުރި ވަރަށްވުރެ ވެސް އަވަހަށެވެ. އެއީ ނަސީބުގަދަ ޒުވާނެކެވެ. ބޭނުންވާ ކޮންމެ ކަމެއް ކޮންމެ ވަގުތަކު ކޮށްލެވޭން ހުރެއެވެ. ބޭނުންވާ ވަރަކަށް ބޭނުން ޢަދަދަކަށް ފައިސާލިބޭން ހުރެއެވެ. ޒުވާނާގެ އުޅުން ގޯހެކޭ މީހަކު ނުބުނެއެވެ. އެހެން މީހުންނަށް ފެންނަނީ އުންމީދީ ޒުވާނެއްގެ ގޮތުގައެވެ.

ޒުވާނާގެ މައިންބަފައިން ވެސް ޒުވާނާއަށް ހިތްވަރުދެމުން ދެއެވެ. ރައްޓެހީންނާ ގުޅުން ބަދަހިކުރުމާއި، ހިތްހަމަޖެހިގެން އުފަލުގައި އުޅުމަށް ބާރުއަޅައެވެ. މި ގޮތުގެ މަތީން ޒުވާނާގެ ހުސް ވަގުތުތަކާއި ޗުއްޓީތައް ހޭދަވެގެންދަނީ ތަފާތު ޕާޓީތަކާއި، ރޭގަނޑު ބޭއްވޭ ދެ ޖިންސުގެ ނެށުންތަކާއި، ރިސޯޓުތަކުގައި ބޭއްވޭ ކުލަގަދަ ހަފުލާތަކުންނެވެ. ޒުވާނާގެ މައިންބަފައިން ތިބެނީ އުފަލުންނެވެ. އެ ފަދަ ނަސީބުވެރި ދަރިޔަކު، އެ ފަދަ ނަސީބުވެރި ދެމަފިރިޔަކަށް ނޫނީ ނުލިބޭނެކަމަށް އެ ދެމަފިރީން ލޮލާއި ބޮލުން ޤަބޫލުކުރެއެވެ. ނަމަވެސް ދުނިޔެމަތީގައި ގިނަ ފަހަރަށް މުއްސަނދީންގެ ނަސީބު ގުޅިފައި އޮންނަނީ ފައިސާއާއެވެ. ނަމަވެސް އެ ފައިސާތަކާއި މުދާތައް، ކިތަންމެ މަހުޖަނެއްގެ ހަލާކަށް ވެފައި ވެސް އެބަހުއްޓެވެ. ދުނިޔެ ހިނގަމުން ދަނީ އަބަދު ވެސް މި ޢަޖާއިބުކުރަނިވި އުޞޫލުގެ މަތީންނެވެ.

ޒުވާނާގެ މުއްސަނދިކަމާއި ފާގަތިކަމުގެ ތަރި މެދުއުޑުގައި ފިޔަ ޖަހަމުން ދިޔައެވެ. ހަމަ އެޔާ އެކު ޒުވާނާގެ އުޅުމަށް ވެސް ބޮޑު ބަދަލުތަކެއް އަންނާން ފަށައިފިއެވެ. ސަބަބަކީ އެހައި ގިނަ ފައިސާތަކާއި، އުފަލާއި ތަނަވަސްކަމުގައި އުޅޭއިރު ވެސް ޒުވާނާގެ ޒަމީރަށް ލިބެމުންދިޔަ ނުތަނަވަސް ކަމެވެ. ދިރިއުޅުމުގައި ކޮންމެވެސް ކަމެއް މަދުވާކަމުގެ އިހުސާސްކުރެވެނީއެވެ. ޒުވާނާ މި ކަންކަމާ ވަރަށް ބޮޑަށް ފިކުރުކުރިއެވެ. ނަމަވެސް ޒުވާނާއަކަށް މި ކަމެއް އޮޅުންފިލާ ގޮތެއްނުވިއެވެ. ފިކުރުކުރަމުން ގޮސް ކަންކަމާ ހާސްވާންވެސްފަށައިފިއެވެ.

މައިންބަފައިން ލަފާދިނީ މާބުރަކޮށް މަސައްކަތްނުކޮށް، ތާޒާވެލައި އަރާމުކޮށްލުމަށް ޓަކައި ދުނިޔޭގެ ކޮންމެވެސް ތަނަކަށް ދަތުރުކޮށްލުމަށެވެ. ދުނިޔެ ބަދަލުވަމުން ދަނީ ވެސް ވަރަށް އަވަހަށެވެ. ޒުވާނާއަށް ދުނިޔެ ފެންނަމުންދަނީ ބަދަލުވަމުންދާ ތަނެއްގެ ގޮތުގައެވެ. ޒުވާނާ ވިސްނައިވިސްނައި ވެސް މި އޮޅުންބޮޅުންގަނޑު ނިއުޅައިލެވޭނެ ގޮތެއް ނުވިއެވެ.

ޒުވާނާ އެހެން ޤައުމަކަށް ދިޔުމަށް ޓަކައި ދަތުރުކުރަމުން ދިޔައެވެ. މަންޒިލަށް ދެވުމާއެކު ޒުވާނާ އެއަރުޕޯޓަށް ފައިބައިފިއެވެ. ހުރިހައި މީހުން ވެސް ހޭލަމޭލަވަމުން ދިޔައިރު މުޅި ތަން "ރަކަރަކަ" އަޅާ ކަހަލައެވެ. ކުއްލިއަކަށް ޒުވާނާއަށް ހައިރާންކަމެއް ލިބުނީ ފަހަތުން އައި މީހެއްގެ އަތް ޒުވާނާގެ ކޮނޑުމަތީގައި ބާއްވައިލުމުންނެވެ.

އެއީ ޒުވާނާގެ ކުޑަ އިރުގެ ރަޙުމަތްތެރިއެކެވެ. ހަމަ އެޒުވާނާއާ އެއް ޢުމުރެއްގެ ދީންވެރި ޒުވާނެކެވެ. ޒުވާނާއަށް އޭނާގެ ރަޙުމަތްތެރިޔާއާ ބައްދަލުކުރެވުނީ ހަމަ އެންމެ ރަނގަޅު ވަގުތުގައެވެ. ދެ މީހުން ވާހަކަ ދައްކަމުން ގޮސް ޒުވާނާގެ ހިތުގެ އުދާސްތައް ރަޙުމަތްތެރިޔާއަށް ހާމަކޮށްދިނެވެ. އެ ގޮތުގައި ވަގުތު ދެމިގެން ދާންފަށައިފިއެވެ.

ގަޑީގެ ވަގުތު އަބަދު ވެސް އޮންނަނީ ކުރިޔަށް އޮންނަ ވަގުތު އަތުލައިގަތުމަށް ދަހިވެތި ވެފައެވެ. ނުހަނު މަޑު މަޑުން ސިކުންތަކަށް ފަހު ސިކުންތެއް ފަހަތަށް ލަނީ، އަޖަޢިބުވާ ހައި ވަރަށްވުރެ ވެސް އަވަހަށެވެ. ގިނަ ފަހަރަށް އިންސާނާއަށް އެނގުމަކާ ވެސް ނުލައެވެ. އަބަދުވެސް އޮންނަނީ ވަގުތުގެ ފަހަތުން އިންސާނާއަށް ދުވާން ޖެހިފައެވެ. ބައެއް ފަހަރަށް ވަގުތު ވެފައިވަނީ އިންސާނާގެ ހަތުރަކަށެވެ. އަނެއްބައި ފަހަރަށް ވަގުތަކީ އިންސާނާގެ ލަނޑުދަނޑި ކަމަށްވެސް ވެދެއެވެ.

ޒުވާނާ ހިނގައިގަތީ ދެ މީހުން ފަހުން ބައްދަލުވުމަށް ވަޢުދުވަމުންނެވެ. ހުންނާން ހަމަޖެހިފައިވާ ތަނަށް ދިޔުމަށް ޓަކައި ސަވާރީގައި ދަތުރަށް ފަށައިފިއެވެ. ކާރޫބާރޫ ބޮޑުމަގުން ކާރު ދުއްވަމުން ދިޔައިރު، މަގުގެ ދެފަރާތުން ފެންނަމުން ދިޔައީ، އިންސާނާގެ މަސައްކަތްތެރި ކަމުގެ ކުޅަދާނަކަމެވެ. ނަމަވެސް އެއިން ލިބެނީ ކޮން ހިތްހަމަޖެހުމެއްބާވައޭ ޒުވާނާގެ ހިތަށް އަރައި ފައިބަމުންދިޔައެވެ. އޭރު ކާރުހުރީ އޭގެ ދުވެލި މެކުހަށް ޖަހައިފައެވެ. އިރުކޮޅެއް ނުވެ އިވުނީ ގަދަފަދަ އަޑެކެވެ. ޒުވާނާއަށް ވީއެއް ނުވީއެއް ނޭންގުނެވެ. މޫނު މައްޗަށް އަނދިރިވެއްޖެއެވެ.
ޒުވާނާގެ ހޭވެރިކަން ރުޖޫޢަވީ އިރު، ޒުވާނާ އޮތީ މިހާރު އެއޮތް ބަލި ހާލަތަށް ރުޖޫޢަވެފައެވެ. ހަށިގަނޑުގެ ވާތްފަރާތް އެއްކޮށް ވާވުމުގެ ސަބަބުން މުޅި އުމުރަށް ވެސް ހިނގައިބިނގާވެ އުޅުމުން މަޙުރޫމުވެފައެވެ.
މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟ ބައެއް ދުވަސް ދުވަހު ނުހަނު ރީތި ޗާލާކީ ކުލަތައް އެކި ގޮތްގޮތަށް ދައްކައިދެއެވެ. އަނެއްބައި ދުވަސް ދުވަހު ހަމަ އެކުލަތައް އަވާ މެންދުރަކަށްވަނީ ވެސް މަދެއްކޮށެއް ނޫނެވެ.

އެޔަށްފަހު ޒުވާނާގެ ދުނިޔެ ހަނިވެއްޖެއެވެ. ކިތަންމެ ފައިސާ ގިނަ ނަމަވެސް ޞިއްޙަތެއް ނުގަނެވުނެވެ. ވަށައިގެން ޕަރުވާނާތަކެއް ފަދައިން އުޅުނު ރަޙުމަތްތެރީން ލޮލުގެ ކުރިމަތީން ޣައިބުވެއްޖެއެވެ. އެކަނިވެރިޔެކޭ ބުނާން ބޭނުންނުވިކަމުގައިވިޔަސް ޙަޤީޤީ އެކަނިވެރިޔަކަށް ވެއްޖެއެވެ. ކަމަކަށް ބޭނުންވިޔަސް ތިބެނީ ތުން ފިއްތައިގެން، މުސާރަކޮޅުގެ ދަހިވެތިކަމުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ޒުވާނާ މި ކަންތައްތަކާ މާބޮޑަކަށް އަޅައެއްނުލައެވެ. ޒުވާނާގެ ދުނިޔެވަނީ ފަންވަތްއަރިއެއް ހައި ހަނިވެފައެވެ. ނަމަވެސް ޒުވާނާ ކަންބޮޑުވެ ހާސްވަނީ، ގަދަވެ ސަލާމަތުން ހުރިއިރު ޙައްޤު ގޮތް ނުވިސްނުނީތީއެވެ. ޒުވާން އުމުރުގެ އަގުހުރި ވަގުތުކޮޅު، ބޭކާރު ކަންކަމުގައި ނަގައިލެވުނީތީއެވެ. އެކަމަކު ޒުވާނާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ހެއްދެވި ފަރާތަށް ތައުބާވީ ހެޔޮހިތުންނެވެ. ދިމާވެފައިވާ ދަތި އުނދަގޫތަކަށް ކެއްކުރަމުން ދަނީ ވެސް ކިޔަމަންތެރިކަމާއި ޙަޤީޤީ އީމާންތެރިކަމާ އެކުއެވެ. ﷲ ސުބުޙާނާހޫ ވަތަޢާލާ ދެއްވައިފައިވާ ނިޢުމަތްތައް ހާދަހާވާ ގިނައެވެ. އެ ހުރިހައި ނިޢުމަތްތަކެއް ހަނދުމަކޮށް، އެކަލާނގެ ކުޅަދުންވަންތަކަމާއި، ހައިބަތު ހިތަށް ގެނައުމުން ހިތަށް އެ ލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމާއެވެ! ޒުވާނާގެ ހިތުގައި މިހާރު އެއްވެސް އޮޅުންބޮޅުމެއްނެތެވެ. ހިތް އެވަނީ އީމާންތެރިކަމުގެ ހުޅުކޮޅުން އެކީ އެކައްޗަކަށް ދިއްލި ހުޅުދާންވެފައެވެ. ދުނިޔެއަކީ ފަނާވެދަނިވި ވަގުތީ ފާލަމެކެވެ. ފައިސާއާއި މުދަލަކީ އަވާމެންދުރެއް ފަދަ އެއްޗެކެވެ. ނުހަނު އަވަހަށް ބީވެގެން ހިނގައިދާނެއެވެ. އޮށޯވެލައިގެން އޮތް ޒުވާނާގެ ހިތްވަނީ މަޑުމޮޅިވެފައެވެ. ތެދުމަގު ދެއްކެވީތީ ޝުކުރުކުރާ ހާލުގައެވެ. ނަމަވެސް ޒުވާނާގެ ފަސްމަގުގެ އަނދިރ ދުވަސްތައް ހަނދާންވުމުން ހިތަށް ގުޑުންއަރާ ކަހަލައެވެ. އަދިވެސް އެ ތަދު ހިތުގައި ނުފިލައި ހިނގާ ކަހަލައެވެ.

ފެންކަޅިވެފައިވާ ޒުވާނާގެ ލޮލުން ނުކުތް، ވިދަވިދައި އޮތް ކަރުނަ ތިއްކެއް، ލުއިލުއި ގޮތަކަށް ފުރޮޅިލައިފައި ގޮސް ކޯތާފަތުގެ ދަށަށް ވަދެ ޣައިބުވެއްޖެއެވެ. ޒުވާނާ ނޭވާ ހިފަހައްޓައިލިއެވެ. ނަމަވެސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ހޯސްލައިފައި ފައިބަމުން ދިޔަ ކަރުނަތަކާ އެކު، ގިސްލުމުގެ އަޑު ކޮޓަރީގެ ހަތަރު ބިތަށް ފޭދިގެން ހިނދިއްޖެއެވެ.

 

ކޮމެންޓު
ކޮމެންޓުތައް
ނޭޗަރ ލަވް
28 ފެބްރުވަރީ 2026 04:39
ޢިބްރަތްތެރި ވާހަކައެއް.