ad_banner
ސިޔާސާ ޝަރުޢިއްޔާ (14)

އައްޝައިޚު އިބްރާހީމް އަޙުމަދު

25 ފެބްރުވަރީ 2026

2026 ޖަނަވަރީ 27ވަނަ ދުވަހާ ގުޅޭ)

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ޔަހޫދީންނާއި ނަޞާރާއިންނަށް ލަޢުނަތުގެ ބަސް ބާވައިލައްވައިފައެވެ. އެއީ އެބައިމީހުން ﷲ ފިޔަވައި ކަލެއްކަމުގައި އެބައިމީހުންގެ ފާދިރީން ހިމަނައިފައިވާތީއެވެ. އެ ފާދިރީންނަކީ އެބައިމީހުންނަށް ކަންކަން ޙަރާމްކޮށްދީ ޙަލާލުކޮށްދީ ޝަރީޢަތުގައި ކަންތައްތައް ހިމަނާ ބަޔެއްކަމުގައި އެބައިމީހުން ދެކޭތީއެވެ. ފަހެ މި ކަމަށް އިންކާރުކުރައްވައި ﷲ ވަޙީކުރައްވައިފައި ވެއެވެ. اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ [1] މާނައީ: "އެއުރެންގެ ޢިލްމުވެރީންނާއި، ފާދިރީންނާއި، މަރްޔަމުގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު)އަކީ، اللَّه ފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ."  އަދިވެސް ޙަދީޘްގައި ވާރިދުވެފައި ވެއެވެ. عن عدي بن حاتم قال : أتيت النبي صلى الله عليه وسلم وفي عنقي صليب من ذهب فقال يا عدي اطرح عنك هذا الوثن وسمعته يقرأ في سورة براءة { اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ [2] } قال أما إنهم لم يكونوا يعبدونهم ولكنهم كانوا إذا أحلوا لهم شيئا استحلوه وإذا حرموا عليهم شيئا حرموه [3] މާނައީ: "ޢަދިއްޔު ބުނު ޙާތިމްގެ އަރިހުން ރިވާވެފައި ވެއެވެ. ތިމަންކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ވަޑައިގަތް އިރު، ތިމަންކަލޭގެފާނުގެ ކަރުފުޅުގައި ރަނުންވާ ޞަލީބެއް ވިއެވެ. އެ ހިދު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. އޭ ޢަދިއްޔެވެ! ތިބާގެކިބައިން ބުދު ދީނުގެ މި ކަންކަން ނައްތައިލާކަށް ނުވޭހެއްޔެވެ؟ ބަރާއާ ސޫރަތުގެ އިސްވެދިޔަ އާޔަތް ކިޔަވައިވިދާޅުވި އަޑުފުޅު ތިމަންކަލޭގެފާނު އެއްސެވީމެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. "އެ މީހުން އެޔަށް އަޅުކަންކުރާކަމުގައެއް ނުވެއެވެ. އެކަމަކު އެބައިމީހުން ޙަރާމްކުރާ ކަމެއް ޙަރާމްކޮށް ޙަލާލުކުރާ ކަމެއް ޙަލާލުކޮށް ހަދާ ބަޔަކުކަމުގައި ވެއެވެ."

އިސްލާމީ ދައުލަތެއްގައި ވެރީންނާއި ރައްޔިތުންނާ ދެބައިމީހުން ވެސް ﷲގެ ޙުކުމްތައް ތަޠުބީޤުކޮށް އެޔާ އެއް ގޮތަށް ޢަމަލުކުރާނެއެވެ. އިސްލާމީ ދައުލަތް ނޫން ދައުލަތްތަކުގައި ވެރީންނަކީ ރައްޔިތުންނަށް އެބައިމީހުން އުޅޭންވީ ޤަވާޢިދުތައް އުފައްދައި ބަޔާންކުރާ ބަޔެކެވެ. އެކަމަކު އިސްލާމީ ދައުލަތުގެ މިޝަރީޢަތުގައި ރައްބާނީ ސިފަ އެކުލެވުމުގެ މާނައަކީ ﷲ ތަޢާލާ ފުރިހަމައަށް މަޢުރިފާކޮށް ދެނެގަނެވޭނެ މިންވަރަށް އިންސާނުންނާ ﷲ ތަޢާލާއާ ގުޅުވައިލަދޭކަމަކަށް މި ސިފަ ވެފައި ވުމެވެ. އަދި އިންސާނީ އަޅުވެތިކަމުން ސަލާމަތްވެ ﷲއަށް އެކަނި އަޅުވެތިވާން ދަސްވެފައި ވުމެވެ.

1.    އަޚްލާޤީ ސިފަ

އިސްލާމް ދީނުގައި ސިޔާސަތު ހިމެނޭ ނިޒާމަކީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވާންޖެހޭ ނިޒާމެކެވެ.  އަދި އެއީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރާ ސިޔާސަތެކެވެ. އޭގައި ގޮވައިލަނީ އެއްބަސްވުންތަކާއި ހުވައިތަކާއި ބުނާ ބަހަށް ރައްކާތެރިވެ އިންސާނީ ޙައްޤުތަކަށް ރައްކާތެރިވެ ދެކޮޅުވެރިކަމާއި ބޮޑާކަމުން ދުރުހެލިވެ އުޅުމަށެވެ. އަދި ހަމަ އެ ފަދައިން އަސީރުންނަށް ހެޔޮކޮށް ހިތައި، އެމީހުން ދޫކޮށްލެވެންދެން ހެޔޮކޮށްހިތައި އިޙްސާންތެރިވާނެ ސިޔާސަތެކެވެ. ﷲ ވަޙީކުރެއްވިއެވެ. فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً [4] މާނައަކީ  "ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށް ފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން فديةނެގުމެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرً‌ا[5] މާނައަކީ "އަދި އެ ތަކެއްޗަށް ލޯބި ހުރުމާ އެކު ވެސް، مسكينންނާއި، يتيمންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ." އިސްލާމްދީނުގައި ހަނގުރާމައަކީ ބަދަލުހިފައި ތަންތަން ފަނާކޮށް ޚަރާބުކުރުމަށް ކުރާ ކަމެއްނޫނެވެ. އެހެންކަމުން މުސްލިމުންނާ ހަނގުރާމަނުކުރާ އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނާއި ނުކުޅެދޭ ބަލިކަށި ނިކަމެތީންނާއި އާންމުންނާ ހަނގުރާމަކުރުމެއް ނުވެއެވެ. ފަހެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. عَنِ ابْنِ عُمَرَ ؛ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - رَأَى فِي بَعْضِ مَغَازِيهِ امْرَأَةً مَقْتُولَةً ، فَأَنْكَرَ ذَلِكَ ، وَنَهَى عَنْ قَتْلِ النِّسَاءِ وَالصِّبْيَانِ .[6] މާނައީ: "ޢަބްދުﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެފައިވާ ގޮތުގައި ކޮންމެވެސް ހަނގުރާމައެއްގައި އެކަމާ ނުބެހޭ އަންހެނަކު ޤަތުލުވެގެން މައިދާނަށް ވެއްޓިފައި އޮއްވައި އެ ތަން ދެކެވަޑައިގެން އަންހެނުންނާއި ކުޑަކުދީން ޤަތުލުކުރުން ރަސޫލާ ނަހީކުރެއްވިއެވެ." މި ދެންނެވުނު އުޞޫލުން ދޭހަވަނީ ދީނުގައި ހަނގުރާމައިގެ ޙާލަތުގައި ޢަމަލުކުރާނެ ސިޔާސަތާއި ހަނގުރާމައަށް ފަހު ޢަމަލުކުރާނެ ގޮތުގެ ސިޔާސަތު ކަނޑައަޅައިދީފައިވާކަމެވެ.  އިސްލާމްދީން އަންގަނީ ތިމާގެ ޢަދާވާތްތެރިއަކާ ހަނގުރާމަކުރަމުން ގޮސް އޭނާ ޤަތުލުވުމަށް ފަހު ދެން އޭނާގެ ނޭފަތް ކަނޑައި ކަންފަތްކަނޑައި ބަނޑުފަޅައި ނުހެދުމަށެވެ. އަދި އެ ފަދަ ޙާލަތުގައި ވެސް އެ ކަން ކުރުން ދީން ހުއްދައެއް ނުކުރެއެވެ. އަދި މުސްލިމުންގެ ޢަދާވާތްތެރިއަކު މުސްލިމަކާ މެދު މި ގޮތަށް ކަންކުރި ނަމަ އެ ކަން ކުރި މީހަކާ ދެކޮޅަށް މި ކަން ކުރުން ހުއްދަވި ނަމަވެސް އޭގެ އޮތް ރަނގަޅު ގޮތަކީ އެ ކަން ނުކޮށް ދޫކޮށްލުންކަމުގައެވެ. ފަހެ މާތްﷲ ވަޙީ ކުރެއްވިއެވެ. وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِ  وَلَئِن صَبَرْ‌تُمْ لَهُوَ خَيْرٌ‌ لِّلصَّابِرِ‌ينَ [7] މާނައަކީ "އަދި ތިޔަބައިމީހުން، عقوباتދޭ ނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوباتދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފި ނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ. " މި އާޔަތުން އެނގެނީ ހަނގުރާމައިގެ ޙާލަތުގައި ޢަމަލުކުރުން އޮތީ އެއް ފަދަ އުޞޫލަކުން އެ ކަން ކުރި މީހަކާ މެދުގައި ކަމެވެ. އަދި އެމީހުން އެކަން ކުރިގޮތަށް ނުކޮށް ކެތްތެރިވުމަކީ ހެޔޮކަން ބޮޑުވެގެންވާ ގޮތްކަމުގައެވެ.

ބުރައިދާގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްކަރަކަށް އަމީރެއް ކަނޑައަޅުއްވާ ސަރިއްޔާއަކަށް ނެރުއްވާ ނަމަ އެ ބަޔަކަށް ﷲއަށް ތަޤްވާވެރިވުމަށް ވަޞިއްޔަތްކުރައްވައެވެ. އަދި އެލަޝްކަރުގައިވާ މުސްލިމުންނަށް ހެއުކޮށް ހިތުމަށް އަންގަވައެވެ. އަދި އެޔަށްފަހު ހަދީޘްކުރައްވައެވެ. اغْزُوا بِسْمِ اللَّهِ وَفِي سَبِيلِ اللَّهِ وَقَاتِلُوا مَنْ كَفَرَ بِاللَّهِ ، اغْزُوا وَلا تَغْدُرُوا وَلا تَغْلُوا وَلا تُمَثِّلُوا وَلا تَقْتُلُوا وَلِيدًا [8] މާނައީ: " މާތްﷲގެ އިސްމުފުޅުން ﷲގެ މަގުގައި ހަނގުރާމަކުރާށެވެ. އަދި ﷲއަށް ކާފިރުވީ މީހުންނާ ހަނގުރާމަކުރާށެވެ!  ﷲގެ މަގުގައި ހަނގުރާމަކުރާށެވެ. އަދި ޣަދަރުވެރިނުވާށެވެ!  އަދި ޢަހްދު އުވައިލާ ބަޔަކުކަމުގައި ނުވާށެވެ! އަދި މީސްތަކުންގެ ގުނަވަން ކަނޑާ ބަޔަކުކަމުގައި ނުވާށެވެ! އަދި ކުޑަކުދީން ޤަތުލުނުކުރާށެވެ!" މީގެ މާނައަކީ މުސްލިމުންނަށް ޢަދުއްވުން ބަލިކޮށްލުމަށް ބޭނުންވާ އެކިއެކި ވަސީލަތް ބޭނުންކުރުން މަނާވެފައި ވުމެއްނޫނެވެ. އެ ގޮތުން ހަނގުރާމައިގެ ޙާލަތުގައި ކާމިޔާބު ހޯދުމަށް މަކަރުހެދުން ވެސް ދީނުގައި ހުއްދަކުރެއްވިއެވެ. ފަހެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.  قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْحَرْبُ خَدْعَةٌ  މާނައީ: "ރަސޫލާ ޙަދީޘްކުރެއްވިއެވެ. ހަނގުރާމައަކީ މަކަރުހެދުން އޮތް ކަމެކެވެ."

އިމާމު ނަވަވީ ވިދާޅުވަނީ "ކާފަރުންނާ ކުރިމަތިލުމަށް ހަނގުރާމައިގެ ޙާލަތުގައި މަކަރުހެދުމަކީ މި ސިޔާސަތުގައި ހުއްދަ ކަމެކެވެ. އެއީ ޢަހްދެއްވުމަށް ޢަހްދު އުވައިނުލުމާއި އަމާންދިނުމަށްފަހު އަމާން އުވައިލުން ނުހިމެނޭ ގޮތުންނެވެ. އެ ކަންކަން އެ ގޮތުގައި ކުރުން ދީނުގައި ހުއްދަވެގެންނެއް ނުވެއެވެ."[9] އެހެންވީމާ މިއިން އެގެނީ އިސްލާމްދީނުގައި ސިޔާސަތު ބައްޓަންކުރާން ޖެހެނީ އިންސާނީ ކަރާމާތް ދެމެހެއްޓޭނެ އަޚްލާޤެއްގެ މަތީގައިކަމެވެ. 

ޢަބްދުﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. އަންހެނަކަށް އޭނާ ބަނދެގެން ގެންގުޅުނު ބުޅަލެއް މަރުވެ ދިޔަ މައްސަލައިގައި ޢަޒާބު ލިބުނެވެ. މި ކަމަށް އިޝާރާތް ކުރައްވައި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. عَنْ عَبْدِ اللَّهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ عُذِّبَتْ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ فَدَخَلَتْ فِيهَا النَّارَ لَا هِيَ أَطْعَمَتْهَا وَسَقَتْهَا إِذْ حَبَسَتْهَا وَلَا هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ [10] މާނައީ: "ރަސޫލާގެ އަރިހުން ޢަބްދުﷲ ބުނު ޢުމަރު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އަންހެނަކު އޭނާ ބަދެފައި ބޭއްވި ބުޅަލެއް ފެންނުދީ ކާންނުދީ ބޭއްވުމުގެ ސަބަބުން މަރުވީތީ  އެ އަންހެންމީހާ ނަރަކައަށް ލެވުނެވެ. އެއީ އެ އަންހެން މީހާ އެބުޅަލަށް ކާކަށް ނުދެއެވެ. ބޯފެނެއް ވެސް ނުދެއެވެ. އަދި ބިމުގެ އެހެން ތަނަކަށް ގޮސް ބިމުގެ ފަނިފަކުސަ ފަދަ ތަކެތި ކައިއުޅުމަށް ދޫކޮށެއް ވެސް ނުލައެވެ."  އަދި ހަމަ އެ ފަދައިން ފެންބޮވައިގެންފައި އޮތް ކުއްތާއެއް ފެނި އެ ކުއްތާއަށް ފެންދިން މީހާއަށް އޭނާ ސުވަރުގެ ލެއްވެވުމުގެ ސަބަބެއްކަމުގައި އޭނާއަށް އެ ކުއްތާގެ ޙާލަތު އަމިއްލައަށް އިޙްސާސްވެ ދިރޭތަކެއްޗަށް ހެއުކޮށް ހިތުމުގެ ގޮތުން އެއެއްޗަށް ފެންދިން ފެންދިނުން  ހިމެނިގެން ދިޔައެވެ. (ނުނިމޭ)

 

މަރުޖާ:

[1]  ސޫތަތުއްތައުބާ

[2]  ސޫތަތުއްތައުބާ

[3]  ރަވާހުއްތިރުމިޛީ

[4]  ސޫރަތު މުޙައްމަދު: 4

[5]  ސޫރަތުލްއިންސާން 8

[6]  މުޙައްމަދު ބިން އިސްމާޢީލު އަލްބުޚާރީ، ޞަޙީޙުލްބުޚާރީ: ( ޙަދީޘް ނަންބަރ 3015)

[7] ސޫރަތުއްނަޙްލު 126

[8] ة މުސްލިމު ބުނުލްޙައްޖާޖު، ޞަޙީޙު މުސްލިމު ޙަދީޘް ނަންބަރު173

[9]  މުޙްޔިއްދީނު، ޔަޙްޔާ ބުނު ޝަރަފު ،ޞަޙީޙު މުސްލިމު ބިޝަރުޙިއްނަވަވީ (ޤާހިރާ، މަޠުބަޢަތިލްމިޞްރިއްޔާ، 1929) ޖ12/ޞ 45

[10]  މުޙައްމަދު ބުނު އިސްމާޢިލު އަލްބުޚާރީ ، ޞަޙީޙުލްބުޚާރީ ( ޙަދީޘް ނަންބަރު 2628) މުސްލިމު ބުނު އަލްޙައްޖާޖު، ޞަޙީޙު މުސްލިމު

ކޮމެންޓު