އަސްމާ އަބޫބަކުރު
22 ފެބްރުވަރީ 2026
ޖުވާ ކުޅެނީ!!
ގަޑީން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އަހަރެން ދެކެ ނިދި ވެސް ރުޅިއައިސް ހުރިކަހަލައެވެ. މިހެން އޮވެއޮވެ ފޫހިވެއްޖެއެވެ. ނިންޖެއް ނައެވެ. ވިސްނާ ވިސްނާ ބޯހަލާކު ވެއްޖެއެވެ. އަހަރެންގެ ޒިންމާގައި އަނބިމީހާއާއި ދެކުދީން އެބަތިއްބެވެ. އެމީހުންގެ ޚަރަދުތަކަށް ކޮންމެ މަހަކު ޚަރަދު ކޮށްފައި އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ. ވަރަށް މަސައްކަތުން ދެވަނަ ދަރިފުޅުގެ ޚިތާނު ކުރުމަށް ފޮރުވި ދިހަ ހާސްރުފިޔާ ފިޔަވައެވެ. އެ ރުފިޔާކޮޅު ވެސް ބެހެއްޓުނީ އެތައް ދުވަހެއްގެ ޤުރުބާނީއާ މަސައްކަތުންނެވެ.
މިރޭ ލޮލަށްނިދި ނައިސްގެން މިއުޅެނީ އެ ދިހަ ހާސް ރުފިޔާ ހުސްކޮށްލެވުނީތީއެވެ. ރައްޓެއްސަކާ ދެކެވުނު ވާހަކައެއްގައި އޭނާ އިންވެސްޓްކޮށްގެން ފަންސާސް ހާސް ރުފިޔާ ހޯދި ވާހަކަ ބުނުމުން، އަހަރެން ވެސް ބޭނުންވީ އެ ފައިސާ އިންވެސްޓް ކުރާށެވެ.
[ތިޔައީ ކަނޑައެޅިގެން ޖުވާކުޅުން. ތިޔަ ކުޅޭން ފަށައިފި މީހަކު ސަލާމަތުން ހުއްޓައެއް އަހަރެން ނުދެކެން. އިންވެސްޓޭ އެބަކިޔައެއްނު؟] އޮފީހުގައި އުޅޭ ރަޒީން އަހަރެން ދެކެ ހިތްހަމައެއްނުޖެހުނެވެ.
[މުޝްފިޤަށް ރަނގަޅަކަށް މި ބުނަނީ. ތިޔައީ ޖުވާ. ތިޔައިގެ ތެރެއަށް ނުވަދޭ. ފަހުން ހިތާމަކުރާނެ.] އޭނާ ކިތަންމެ ވަރަކަށް އެހެން ބުނިކަމުގައިވިއަސް އަހަރެން ބޭނުންވަނީ ފައިސާއެވެ. އަބަދު އަތްމަތި ދަތިވެގެން އުޅޭކަށް ބޭނުމެއްނޫނެވެ. މިހެން އުޅެއުޅެ ފޫހިވެއްޖެއެވެ. ލިބޭ މުސާރައިން ދެ ދަރީންގެ ޓިއުޝަން ފީތަކާއި، ގޭގެ ކަރަންޓްބިލާ ފެންބިލާއި އެހެން ބިލުތައް ދައްކައފައި އިތުރަށް އަތުގައި އެއްޗެއް އޮންނަނީކީ ނޫނެވެ. ކާއެއްޗެހީގެ ޚަރަދު ވެސް އެހައި ބޮޑެވެ. އެއް ދުވަހު ހުރި އަގަކަށް އޭގެ ހައެއްކަ ދުވަސް ފަހުން ގަންނާން ލިބޭ އެކައްޗެއް ވެސް ނެތެވެ.
އެންމެ ފަހުން އަހަރެން އަންހެނުންނަށް ވެސް ސިއްރުން ޖުވާކުޅޭން ފެށީއެވެ. ކޮންމެ ގޮތެއްވިއަސް ދަރިފުޅު ޚިތާނުކުރާން އަދި ދުވަސްކޮޅެއް އެބައޮތެވެ. އެހައި ތަނަށް ގޭމް ކުޅެގެން އިތުރަށް ފައިސާކޮޅެއް ލިބިއްޖެ ނަމަ ގޭގައި ކުލަލައި ރީތިކޮށްލެވިދާނެއެވެ.
ގޭމްކުޅެން ފެށުމަށް ފުރަތަމަ އެޅީ ފަންސާސްރުފިޔާއެވެ. ދެވަނަ އަދި ތިންވަނަ ފަހަރު ވެސް އެއްޗެއް ނުލިބުނެވެ. ހަތަރުވަނަ ފަހަރު އަހަރެން ސަތޭކަ ރުފިޔާ އަޅައިގެން ކުޅޭން ފެށި އިރަށް ތިންސަތޭކަ ރުފިޔާ ލިބިއްޖެއެވެ. ފައިސާ ލިބޭން ފެށުމުން އަހަރެން އޮފީހަށް ގޮސް ޖުވާ ކުޅެމެވެ. އަހަރެންގެ ނަޒަރުގައި މީ ވިޔަފާރި ގޭމެކެވެ. އެހެން މީހުން ޖުވާ ކިޔަސް އަހަރެން އަޅައެއްނުލަމެވެ. ލިބުނު ތިންސަތޭކަ ރުފިޔާ އަނެއްކާ އަޅައިގެން ކުޅެން ފެށި އިރަށް އިތުރަށް ދުއިސައްތަ ރުފިޔާގެ ފައިދާ ލިބިއްޖެއެވެ.
އަހަރެން ވީ އުފަލުން އަނެއްކާ ފަސްސަތޭކަ ރުފިޔާ އަޅައިފީމެވެ. ލިބުނީ ލަނޑެވެ. އެންމެފަހުން ހާހުން ރުފިޔާ އަޅާން ފެށީއެވެ. މަޑުމަޑުން އެ ކަމަށް ދެވިހިފާން ފަށައިފިއެވެ. އަޅާ ރުފިޔާކޮޅު ގެއްލޭ އިރަށް ހިތަށް އަރައެވެ.
[އަހަރެމެންނަކަށް ލަނޑުދޭކަށް ތިހެން ހުސްކޮށްލާނެ ކަމެއްނެތް.] އަންނަ ފޯރީގައި ދެހާހުން ތިންހާހުން ޖުވާއަށް ޚަރަދުކުރެވެން ފެށިއެވެ. އެންމެފަހުން އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެއްޖެއެވެ. އެކަމާ ކަންބޮޑުވެގެން އިންދައި ކުއްލިއަކަށް ޚިޔާލެއް އަތުވެއްޖެއެވެ. ބޭންކުން ލުއި ލޯނެއް ނަގަންވީއެވެ. ފަންސަވީސް ހާހުގެ ލޯނެއް ލިބުމާއެކު ގޭގައި ކުލަލާން ޚަރަދުކުރީ ފަސްހާސް ރުފިޔާއެވެ. ދެންހުރި ފައިސާ ޖުވާ ކުޅެ ހުސްވެއްޖެއެވެ. އަތަށް އެކައްޗެއް ވެސް ނުލިބުނެވެ.
ދެ ދުވަސް ވަންދެން އެ ކަމާ ކަންބޮޑުވެގެން ގޭގައި އޮވެވުނެވެ. އަންހެނުންނަށް މި ކަމުގެ އެއްވެސް ޚަބަރެއް ނޭނގެއެވެ. އަހަރެން ފޯނު ހިފައިގެން ގިނައިރު އިންނާތީ އަންހެނުން ސުވާލުކުރެއެވެ.
[މުޝްފިޤު ވެސް މިހާރު ދެން ދެވަނަ މީހަކު ހޯދާން އުޅޭ ކަހަލަ. އަބަދު ޗެޓުކުރުމުގައި މުޅި ދުވަސް ހޭދަކުރަނީ.] އަންހެނުން ރުޅި ހަދައިލައިފާނެކަމަށް އަހަރެން ވަރަށް ބިރުގަނެއެވެ. ދެ ކުދީން އެއްލައިލައިފައި ހިނގައްޖިއްޔާ އަހަރެން އެކުދީން ބަލާނީ ކިހިނިއްހެއްޔެވެ؟ ރިޝްފާ ކުދީން އެ ބަލަނީ ހާދަ ރަނގަޅަކަށެވެ. އަހަރެން މުސާރަ ގެންނަކަށް އެކަންޏެވެ. ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަނީ ރިޝްފާއެވެ.
[ރިޝްފާ ހުއްޓައި އަހަރެން އެހެންމީހަކު ހޯދާނެތަ؟ އައިސްބަލަ ފޯނުން ކުރާކަމެއް ބަލައިލާން. އަހަރެން ގޭމް ކުޅެނީ. އިތުރުކަމެއް ނުކުރަން.] ރިޝްފާ ޗެކުކުރާކަށް ނާދެއެވެ. އެހެންނަމަވެސް ރިޝްފާ ވަރަށް ވިސްނައިފިހެން ހީވެއެވެ.
[އަހަރެން ބޭނުން ވަޒީފާއަކަށް ދާން. މުޝްފިޤަށް ލިބޭ އެއްޗަކުން އެކަނި ދެކޮޅެއް ނުޖެހޭ. ބަލާބަލަ އަހަރެމެންގެ އަންނައުނުތައް ބާވެފައި ހުރި ވަރު. ކުދީންނަށް ޢީދު ރޯދައަށް ހެދުން ގަނެފައި ގޭގެ އެހެނިހެން ޚަރަދުތައް ކިރިޔާ ކުރެވެނީ. އަބަދު ފިރީންނަށް ލިބޭ އެއްޗަކަށް އެކަނި ބަރޯސާވެގެން ނުހުރެވޭނެއްނު." ރިޝްފާ ދެއްކި ވާހަކައަށް އަހަރެން އެއްބަސްވީމެވެ.
[އަހަރެން ވަޒިފާއަކަށް ދާން ހުއްދަ ދިނީ ދޯ؟] ރިޝްފާ ގަބޫލުނުކުރެވިގެން އަހައިލިއެވެ. މީގެ ކުރީން ވެސް އެތައް ފަހަރަކު ރިޝްފާ ވަޒީފާއަށް ދާން އުޅެފިއެވެ. އަހަރެން އެއްބަސްނުވާތީ ނުދެވެނީއެވެ. އެކަމަކު މިހާރު ކުދީން އެކަނި އުޅެވޭ ވަރުވެއްޖެއެވެ. ރިޝްފާ ކުޑައިރުކޮޅަކު ހުއްޓިފައި އަދިވެސް އަހަރެންގެ މޫނު ބަލަހައްޓައިގެން ހުރީ އަހަރެންގެ ހުއްދަނުދީފާނެކަމަށެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.
"ރިޝްފާ ބޭނުން ނަމަ ވަޒީފާއަށް ދެވޭނެ." އޭނަ އުފަލެއް ނުވިއެވެ. އެ ބެލުމުގައި ވެސް ވަނީ އުފާވެރިކަމެއް ނޫނެވެ. މަޖުބޫރީ ޙާލަތެވެ. ވިލާގަނޑަށް އިތުރަށް އިތުބާރުނުކުރާ ވަރަށް ވާރޭގެ އިންތިޒާރުގައި އެހާ ގިނައިރު ހުރި މީހަކު ފަދައިން އޭނާ ހަމަ މަޑުމަޑުން ބޯޖަހައިލިއެވެ. ދެން އެނބުރިލައިފައި ދޮންނާން ގެންގުޅުނު ވަށިގަނޑު ހިފައިގެން މެޝިން ކައިރިއަށް ހިނގައްޖެއެވެ.
އެރޭ އަހަރެން އަވަހަށް ނިދާކަމަށް ހަދައިގެން އޮތީމެވެ. އެކަމަކު އަހަރެންގެ ސިކުނޑި ނަންބަރުތައް ގުނުން ހުއްޓައެއް ނުލިއެވެ. އަހަރެންގެ އަތުން ގެއްލުނު ފައިސާގެ ޢަދަދެވެ. އަހަރެންނަށް ދައްކާންޖެހޭ ލޯނު،. . . އަހަރެން އެހެން މީހުންނަށް ހެދި ދޮގުތަކެވެ. ސީލިންގަން ބަލަހައްޓައިގެން އޮތް ވަގުތު އަހަންނަށް އިހުސާސް ކުރެވެނީ ފައިން ފެށިގެން ބޮލާ ހަމައަށް މީހަކު ރޯނު ފޯއްޔަކުން އަހަރެން ބަންނަ ކަހަލަ އިހްސާސެކެވެ.
އަނެއް ދުވަހު ހެނދުނު ފަތިސް ވުމާއެކު ރިޝްފާ ހޭލައިފިއެވެ. އަހަރެން އެނދުމަތީގައި އޮވެ ބަލަމުން ގެންދިޔައީ ރިޝްފާގެ ޙަރަކާތްތަކަށެވެ. ރިޝްފާ އުޅެނީ ފުރަތަމަ ދުވަހު ވަޒީފާއަށް ދާން ލާނެ ރަނގަޅު ހެދުމެއް ހޮވުމުގައެވެ. [މި ރަނގަޅު.] ހަނގުރާމައަށް ނުކުންނަ ފަދައިން ފަޚުރުވެރިވެލައިފައި ހެދުމެއް ނެގިއެވެ. އެއީ، މީގެ ތިން އަހަރު ކުރިން އޭނާ ފެހި ހެދުމެކެވެ. ވޭތުވެ ދިޔަ ތިން އަހަރު ރިޝްފާއަށް އައު ހެދުމެއް ނުލިބެއެވެ. އެކަމަކު އޭނާ ޝަކުވާއެއް ނުކުރެއެވެ. މިއަދު ހިނިތުންވެލައިފައި އެ ހެދުން ހިފައިގެން އިސްތިރި ކުރާ މޭޒުކައިރިއަށް ދާން ހިނގައިގަތެވެ.
"ކޮން ތާކަށް ވަޒީފާއަށް ދަނީ" އަހަރެން އެހެން އެހީ ރިޝްފާ އެ ވާހަކަ ހިއްސާކުރި ހަނދާންނުވާތީއެވެ.
"ގަބުރުސްތާނު ކައިރީ ހުރި ޓެކްސްޓައިލް ފިހާރައިގައި. އެމީހުން ބޭނުންވަނީ އެކައުންޓްތައް ބެލެހެއްޓުމަށް މީހަކު."
އެކައުންޓްތައް. އެ ލަފުޒު އަހަރެންގެ ގައިގައި ޖެހުނީ ވަރަށް ބާރަށެވެ.
" ތިޔަ ކަން ވާނެތަ؟" އަހަރެން އަހާލީމެވެ. ރިޝްފާ ކުޑަކޮށް ހިނިތުންވެލިއެވެ.
"އަހަރެން މިއީ ކޮމާސް ސްޓޫޑެންޓެއް. އެ ކަން ހނަދާން ނެތުނީތަ؟" ތެދެކެވެ. ރިޝްފާ ކިޔެވީ ކޮމާސް ސްޓްރީމެވެ. އަހަރެން ކިޔެވީ ސައިންސް ސްޓްރީމެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައެވެ. ރިޝްފާ މަސައްކަތް ފެށިއެވެ. ވަޒީފާއަށް ދަމުން ހެދިކާ ހަދައިގެން ވިއްކުމެވެ. ބަދިގެއިން މީރުވަސް ދުވައެވެ. ކުދީން މޫނުމައްޗަށް ހިނތުން ވެރިވާން ފެށިއެވެ. އަހަރެން ފައިސާ ބޭކާރު ކުރިއަސް ރިޝްފާ ކުރިލައި ހެދެން ފަށައިފިއެވެ. ގޭތެރެއަށް ތިޔާގިކަން ވެރިވާން ފަށައިފިއެވެ.
އަހަރެން ޖުވާ ކުޅިވަރު ކުޅުން ހުއްޓައިލީމެވެ.
އަހަރެން ވަރުގަދަވީމައެއް ނޫނެވެ.
އަހަރެން ބިރުގަތީމައެވެ.
އެޕް ހުޅުވައިލާ ކޮންމެ ފަހަރަކު އަހަރެންގެ ދެއަތް ތެޅިގަތެވެ. އަހަރެންނަށް ފެނުނީ 10،000 މި ޢަދަދު އިންޒާރެއް ފަދައިން ވިދައިލި ތަނެވެ. ރަޒީންގެ އަޑު އަހަންނަށް އިވުނު ކަހަލައެވެ. [ފަހުން ހިތާމަކުރާނެ.]
އެއް ދުވަހަކު ހަވީރު ރިޝްފާ ގެއަށް އައީ ސިޓީއުރައެއް ހިފައިގެންނެވެ.
[އަހަރެންގެ ފުރަތަމަ މުސާރަ] މޭޒުމަތީގައި އެ ސިޓީއުރަ ބާއްވަމުން ބުނެލިއެވެ.
އަހަރެން އޭގައި އަތެއް ނުލަމެވެ.
އޭނާ އެ ސިޓީއުރަ އަހަރެން ކައިރިއަށް ކޮއްޕައިލިއެވެ.
[ގުނައިލަބަލަ!] އެ ހުޅުވައިލުމާ އެކު އަހަރެންގެ އިނގިލިތައް ތުރުތުރު އަޅަމުން ދިޔައެވެ.
[ބަރާބަރު ދިހަހާސް.] އަހަރެންގެ ކަރު ހިކިގެން ދިޔައެވެ.
[ތިޔައީ މުޝްފިޤް އަތުން އެންމެ ފަހުން ޖުވާއަށް ޚަރަދުކުރި ދިހަ ހާސް ރުފިޔާ. ދަރިފުޅު ޚިތާނުކުރާން ގުރުބާންވެގެން ފޮރުވި ދިހަ ހާސް ރުފިޔާ]
އޭނާގެ ބަސްތަކުން އަހަރެންގެ ހިތް ތޮރުފިގެން ދިޔަ ކަހަލައެވެ. އެ ޖުމްލައިގައި ހުރީ މަލާމާތުގެ އަސަރެއް ނޫނެވެ. ވިސްނައިދިނުމުގެ ރާގެވެ.
އެރޭ އަހަންނަށް ދެނެއް ނުނިދުނެވެ.
ކުށްވެރިވުމުގެ ސަބަބުން ނޫނެވެ.
ލަދުވެތިކަމުގެ ސަބަބުންނެވެ.
ދެހަފުތާ ފަހުން އަހަރެންގެ ފޯނަށް މެސެޖެއް އައެވެ.
[ސާބަސް! ސްޕެޝަލް ބޯނަސް އޮފާއެއް އިންތިޒާރު ކުރަމުން އެބަ އޮތް. މިހާރު ޑިޕޮސިޓްކޮށްފިއްޔާ ބޮޑު ކާމިޔާބީއެއް ލިބޭނެ.]
އަހަރެންގެ އިނގިލި އިސްކިރީންގެ މައްޗަށް އުދުއްސައިގަތެވެ.
[އަހަރެން މޮޅުވެއްޖެއްޔާ... އަހަރެންނަށް ހުރިހާ ކަމެއް އަނބުރާ ގެންދެވޭނެ. އަހަންނަށް އަނެއްކާ ވެސް ރަނގަޅު ފިރިއަކަށް ވެވޭނެ. އަހަންނަށް އެ ހުރިހާ ކަމެއް ރަނގަޅު ކުރެވޭނެ.] ޝައިޠާނާގެ ވަސްވާސް ހިތަށް ވަނީއެވެ.
އަހަރެން ކްލިކް ކޮށްލީމެވެ. އަނބިމީހާގެ ފައިސާ އިން އަހަރެން ކުޅުނީއެވެ. އެކަމަކު އަނެއްކާ ބަލިވީއެވެ. އުއްމީދާއެކު އެންމެ ފަހު ފަހަރަށް ކުޅުމުން ވެސް އަހަރެން މޮޅެއް ނުވިއެވެ.
އަހަރެންގެ އަތުން ފޯނު ބިންމައްޗަށް ވެއްޓި ފުނޑުފުނޑުވިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ބޭރުން އަޑުތަކެއް އިވުނެވެ. ފިރިހެނުންގެ އަޑެވެ.
އަހަރެން ދޮރު ހުޅުވައިލީމެވެ.
އޭރު ދޮރުމަތީގައި އެތިބީ އަހަރެން އެބަޔަކު އަތުން ފައިސާ ނަގައިފައި ދޮގުހެދި ދެ މީހުންނެވެ. ފައިސާ ހޯދާން އައިހެވެ.
[އަހަރެމެންގެ ފައިސާކޮޅު އަވަހަށް ދީ... އެހެން ނޫނީ....] އަހަރެން ޖަވާބު ދިނުމުގެ ކުރިން ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. ފަހަތް ބަލައިލެވުނު އިރު ފަހަތުގައި ހުރީ ރިޝްފާއެވެ.
"އެހެން މީހުން އަތުން ވެސް ފައިސާ ނެގީތަ؟" ރިޝްފާ އަހައިލީ ކަންބޮޑުވެފައި ހުރެގެންނެވެ. އަހަރެންގެ ސަބަބުން އަހަރެންގެ އަންހެނުން އެ ހުރީ ލަދުންނެވެ. އެވަގުތު ހިތަށް އެރިއެވެ. ބިންފަޅައިފައި އަޑިއަށް ދާނެ ނަމައެވެ.
ރިޝްފާ ހަޅޭއްލަވައެއް ނުގަނެއެވެ. ނުރޮއެވެ. ރުޅިއައިސްގެން ވެސް ނޫޅެއެވެ. އެކަމަކު ދެރަވެ މާޔޫސްވެފައި ހުންނަކަން އެނގެއެވެ.
[ކިހާ ވަރެއް؟] މަޑުމައިތިރިކަމާ އެކު އެ މީހުންނާ ސުވާލުކުރިއެވެ.
"އަހަރެން އަތުން ދެ ހާސް ރުފިޔާ، މީނަ އަތުން ތިން ހާސް ރުފިޔާ"
[އަހަރެން ތި ފައިސާ ދައްކާނަން.] ރިޝްފާ ބުންޏެވެ.
[ނޫން! އެ ފައިސާ އަހަރެން ދައްކާނަން.] އަހަރެން ބުނީމެވެ.
އެ މީހުން ދިޔައީ އެންމެ ފަހު ފަހަރަށް މުއްދަތެއް ދީފައެވެ.
ގޭތެރެއަށް ކެތްނުކުރެވޭހާ ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ.
އެންމެ ފަހުން ރިޝްފާއަށް ކުރެވުނު ޝައްކު ޔަގީން ކުރުމަށް ވާހަކަދައްކާން ފެށިއެވެ.
[ޖުވާ ކުޅުނީތަ؟]
އަހަންނަށް އިތުރަށް ދޮގެއް ނުހަދަމެވެ.
[އާނ.] ދެން އޭނަ ކުރި ކަމަކީ އަހަރެން ދުވަހަކުވެސް ހީވެސް ނުކުރާ ކަމެކެވެ.
އޭނާ އިށީނެވެ. އޭނާގެ ދެލޯ އަހަރެންގެ ލޮލާ އަމާޒުކޮށް އެނާއާ ދިމާއަށް ބަލާން ބުނެ ވާހަކަ ދައްކަން ފެށިއެވެ.
"ލޯނު ނަގައި، މީހުން އަތުން ދަރަންޏަށް ފައިސާ ނަގައި، ތިޔައީ އުޅޭންވާނެ ގޮތެއް ނޫން. އަދި އެކައުންޓްގައި ހުރި ދިހަ ހާސް ރުފިޔާ. އެއީ އަހަރެމެންގެ ދަރިފުޅުގެ ޚިތާނުކުރާން ފޮރުވި ފައިސާކޮޅު. އެ ވެސް ހުސްކުރީ ޖުވާއަށް" ރިޝްފާ ލޮލުން ކަރުނަ އޮހެރެން ފެށިއެވެ. އަހަރެންގެ ހިތަށް ތަދުވީ އެވަގުތެވެ.
އަހަރެންގެ ބަލިކަށި ކަމުގެ އިހުސާސް ކުރެވުނެވެ.
[މި ވަގުތު އަހަރެން ބޭނުމީ އެންމެ ޖަވާބެއް. މުޝްފިޤަށް އަހަރެން ދޭނީ ތިން ސިކުންތު.] ރިޝްފާ ވާހަކަދެއްކިއެވެ.
ކޮޓަރި ތެރޭގައި ހިމޭންކަން ވެރިވިއެވެ.
އަހަރެން އެއްބަސްވީމެވެ.
[ބޭނުމީ ފެމެލީތަ؟ ނޫނީ ޖުވާތަ؟]
[ފެމެލީ.] ތިން ސިކުންތު ތެރޭގައި އަހަރެން ޖަވާބު ދިނީމެވެ. އެ ހިސާބުން ޖުވާ ނުކުޅޭން ހުވައިކުރުވީ ރިޝްފާއެވެ. އަދި މީހުންނަށް ދޭން ހުރި ފައިސާ ދިނުމާ، ބޭންކު ލޯނު ދެއްކުމާ ޙަވާލުވީ ވެސް ރިޝްފާއެވެ.
"ކުރީ ދުވަހު ގެނައި ސިޓީއުރައަކީ އެކައުންޓުގައި ހުރި ދިހަ ހާސް ރުފިޔާ. އެއީ އަހަރެންގެ މުސާރައެއް ނޫން." ރިޝްފާ އެކަން ކުރީ އަހަރެން ފައިސާ ހުސްކުރާތީ އެވެ. އަހަރެން ހީކުރީ ކުޅެގެން އެ ފައިސާ ހުސްވީކަމަށެވެ. އަހަރެންގެ އަނބިމީހާގެ ސަބަބުން ޖުވާއިން އަހަރެން ސަލާމަތްވިއެވެ. އެއީ ހެޔޮ ފާލެކެވެ. ޖުވާ ހުއްޓައިލި ފަހުން ދެތިން މަސްވީއިރު އަހަރެމެން ހަމައަކަށް އެޅިއްޖެއެވެ. މިހާރު އަހަރެމެންގެ ޢާއިލާއަކީ ފުދުންތެރި ޢާއިލާއެކެވެ. (ނިމުނީ)