ޙަކީމް ސަލްމާނު ފަހުމީ
18 ފެބްރުވަރީ 2026
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ތިމާގެ އުޅުމަށް ގެންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައި ދަމަހައްޓާންވާނެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ކޮންމެ މުއުމިނެއްގެ ރޫޙާނީ ދިރުމާ ގުޅިފައިވާ މުހިންމު ވަގުތެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތާއި، ފާފަފުއްސެވުމާއި، ހިދާޔަތުގެ ދޮރުތައް ހުޅުއްވައިދެއްވާ ބަރަކާތްތެރި މައްސަރެއްގެ ފެށުމެވެ. ރަމަޟާން މަހަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރެވެ. އަދި މި މަހު ރޯދަހިފުމަކީ އިސްލާމްކަމުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ.
ރަމަޟާން މަހުގެ ހަނދު ފެނުމާ އެކު މުސްލިމް އަޅާ އޭނާގެ ނިޔަތް އާކޮށް، ހިތް ތާހިރުކޮށް، މަޑުމޮޅިކަމާއި އުންމީދާ އެކު އިޚުލާޞްތެރިކަމާއެކު މާތް ﷲ އަށް ކުރިމަތިލައެވެ. ރޯދައަކީ ހަމައެކަނި ކެއުމާއި ބުއިމުން މަނާވެގަތުމެއް ނޫނެވެ. އެއީ ފާފަތަކާއި، ބޮޑާކަމާއި، ރުޅިވެރިކަމާއި، ޣާފިލުކަމުން ދުރުހެލިވުމެވެ. އެއީ އިންސާނާގެ ހުރިހައި ކަމެއްގައިމެ އޭނާ ހެއްދެވި ފަރާތަށް ބޭނުންޖެހިފައިވާ މިންވަރު އިޙްސާސްކޮށްދޭ، ނަފުސު ތަރުބިއްޔަތުކޮށްދޭ އަޅުކަމެކެވެ.
މި މައްސަރު ފެށުމާ ގުޅޭ ގޮތުން ޚާއްޞަ ދުޢާތައް ރަސޫލާ ﷺ އުނގަންނައިދެއްވައިފައިވެއެވެ. ހަނދު ފެނުމުން އެކަލޭގެފާނު މި ފަދައިން ދުޢާކުރައްވައެވެ: "اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ، وَالسَّلامَةِ وَالْإِسْلَامِ، وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَى. رَبُّنَا وَرَبُّكَ اللَّهُ". މާނައީ: [އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަމާންކަމާއި އީމާންކަމާ އެކު، އަދި ސަލާމަތްތެރިކަމާއި އިސްލާމްކަމާ އެކު، އަދި އިބައިލާހު ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކަންކަމަށް ތައުފީޤުދެއްވާ ހާލުގައި މި ހަނދު އަޅަމެންނަށް ފާޅުކޮށްދެއްވައިފާނދޭވެ! އަޅަމެންގެ ވެރި ރަސްކަލަކީ އަދި ތިޔަ ހަނދުގެ ވެރި ރަސްކަލަކީވެސް ﷲ އެވެ.]
މި ދުޢާއިން ދޭހަވަނީ ވަގުތަކީވެސް ﷲގެ އަމުރުފުޅުގެ ދަށުގައިވާ އެއްޗެއްކަމާއި، ހަގީގީ ސަލާމަތާއި ކާމިޔާބީ ލިބެނީ ހަމައެކަނި އެކަލާނގެ ހަޟުރަތުންކަން މުއުމިނާ ގަބޫލުކުރާ މިންވަރެވެ. ފުރަތަމަ ރޭ، މުސްލިމް އަޅާ މާތް ﷲގެ ވަޖުހުފުޅަށް ޓަކައި ކުރިއަށް އޮތް ދުވަހު ރޯދަހިފުމަށް ހިތުން ނިޔަތްގަނެއެވެ. އިޚުލާޞްތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށް ކަމަށް ރަސޫލާ ﷺ ހަދީޘްކުރައްވައިފައިވާތީއެވެ.
ރޯދަ ވީއްލާ ވަގުތު، މާތް ﷲ ގެ ރަސޫލާ ﷺ ޝުކުރުވެރިކަމާއި ވަކީލުކުރުމުގެ ބަސްފުޅުތަކުން ދުޢާކުރައްވައެވެ. ސާބިތުވެފައިވާ ދުޢާތަކުގެ ތެރޭގައި: "ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ" ހިމެނެއެވެ. މާނައީ: "ކަރުހިއްކުން ފިލައިފިއެވެ. ނާރުތައް ތެމި ފިނިވެއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ ދަރުމަ ސާބިތުވެއްޖެއެވެ." އަދި މި ފަދައިން ވެސް ދުޢާކުރައްވައެވެ: "اللَّهُمَّ إِنِّي لَكَ صُمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ" މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރޯދަ ހިފީ އިބައިލާހަށްޓަކައެވެ. އަދި އީމާންވީ އިބައިލާހަށެވެ. އަދި ވަކީލުކުރީ އިބައިލާހަށެވެ. އަދި ރޯދަވީއްލީ އިބައިލާހު ދެއްވި ރިޒުޤުންނެވެ." މި ދުޢާތަކުން އެނގެނީ ރޯދަ ފެށުމާއި ނިމުން ވެސް ވަނީ މާތް ﷲ ހަނދުމަކުރުމާ ގުޅިފައިކަމެވެ. ކެއުމުގެ އަމަލަކީ ވެސް، އެއީ ޝުކުރުވެރިކަމާ އެކު ކުރެވޭ ކަމެއް ނަމަ އަޅުކަމަކަށް ވެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ފަށާންވާނީ ތައުބާވުމާއި ޒިކުރުކުރުން އިތުރުކުރުމާ އެކުގައެވެ. ރަސޫލާ ﷺ ރަމަޟާން މަހު ދީލަތިކަން އިތުރުކުރައްވައި، ކީރިތި ޤުރުއާނަށް ދެއްވާ ސަމާލުކަން ބޮޑުކުރައްވައެވެ. މުއުމިނާގެ ވަގުތުތައް ޤުރުއާން ކިޔެވުމާއި، ނަމާދުކުރުމާއި، ޞަދަޤާތްދިނުމާއި، ރީތި އަޚުލާޤަށް ހުސްކުރާންޖެހެއެވެ. ދުލަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މީހަކު ދޮގުހެދުމާއި، ޣީބަ ބުނުމާއި، ޖަދަލުކުރުމުގައި ދެމިހުރި ނަމަ، އޭނާގެ ރޯދަ ފުރިހަމައެއް ނުވެއެވެ. ރަސޫލާ ﷺ އިންޒާރު ކުރައްވާފައިވާ ގޮތުގައި، ދޮގު ވާހަކަދެއްކުމާއި ނުބައި އަމަލުތައް ދޫނުކުރާ މީހަކު، އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމަކަށް ﷲ ބޭނުންވެވޮޑިގެން ނުވެއެވެ. އެހެންކަމުން، ރޯދައަކީ އިންސާނާގެ ބޭރުފުށާއި އެތެރެފުށް ތާހިރުކޮށްދޭ ކަމެކެވެ.
ސިއްހީ ގޮތުން ބަލާއިރުވެސް، ރޯދަހިފުމަކީ ހަށިގަނޑުގެ ތަވާޒުނު ނުވަތަ ހަމަހަމަކަން ގާއިމުކޮށްދޭ ކަމެކެވެ. ޔޫނާނީ ބޭސްވެރިކަމުގައި ރޯދައަކީ ހަޖަމުކުރުމުގެ ނިޒާމު ތަރުތީބުކޮށް، ހަށިގަނޑުގެ ގުދުރަތީ ހޫނުމިން ވަރުގަދަކޮށް، ބަލްޣަމް އަދި ސައުދާ ފަދަ އިތުރު މާއްދާތައް ހަށިގަނޑުން ބޭރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ފުރަތަމަ ދުވަހު މެދުމިންކަން އިޚުތިޔާރުކުރުން މުހިންމެވެ. ސުންނަތުގައިވަނީ ކަދުރު ނުވަތަ ފެނުން ރޯދަވީއްލުމަށެވެ. މިއީ ބަނޑަށް ބާރުބޮޑުނުކޮށް ހަށިގަނޑަށް ބޭނުންވާ ހަކަތަ މަޑުމަޑުން ހޯދައިދޭ ގޮތެކެވެ. ތެލުލި އެއްޗެހީގެ ބަދަލުގައި ލުއި ސޫޕާއި، ބާރުލީގެ ބާވަތްތަކާއި، އާދައިގެ ކާނާ ބޭނުންކުރުން ރަނގަޅެވެ. ހައްދުން ނެއްޓި ގިނައިން ކެއުމަކީ ރޯދައިގެ ރޫޙާނީ މަޤްޞަދު ގެއްލި، ހަށިގަނޑު ވަރުގަދަވުމުގެ ބަދަލުގައި ބަލިކަށިވާނެ ކަމެކެވެ.
ނިންމާލަމުން ދަންނަވާނީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މުޅި މަހުގެ ތަރުތީބު ކަނޑައަޅައިދޭ ދުވަހެވެ. އެއީ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުވާ އިޤްރާރެކެވެ. ތައުޙީދާއި، ކެތްތެރިކަމާއި، ޝުކުރުވެރިކަން އާކުރުމެކެވެ. މުއުމިނާ ރަމަޟާން މަހާ ކުރިމަތިލަނީ ފާފަފުއްސެވުމުގެ އުންމީދާއި، ހެޔޮ ބަދަލެއް ގެނައުމުގެ އަޒުމާ އެކުގައެވެ. ދުޢާކުރުމާއި، ރޯދަހިފުމާއި، ނަމާދުކުރުމާއި، ނަފްސު ކޮންޓްރޯލްކުރުމުގެ ތެރެއިން އޭނާ އެދެނީ ﷲ ގެ ކުއްތަންވެވުމަށާއި ހިތުގެ ސާފުކަމަށެވެ. ފުރަތަމަ ދުވަސް އިޚުލާޞްތެރިކަމާއި، ޒިކުރުކުރުމާއި، މެދުމިންކަމާ އެކު ފަށައިފި ނަމަ، ބާކީ އޮތް ދުވަސްތަކަކީ ނޫރާއި، ރަޙުމަތާއި، ރަނގަޅު ބަދަލުތަކުން ފުރިގެންވާ ދަތުރަކަށްވާނެއެވެ.
ލަފުޒެއްގެ މާނަ:
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance