އަބާ މުޙަންމަދު
16 ފެބްރުވަރީ 2026
މިހާރު ބާޒާރުމަތި ވަރަށް ހތްގައިމެވެ.
މީހުން ކުރާ ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް ޓަކައި ނަސޭހަތްދޭ ފަދައިން ރަނގަޅަށް ކުރާ ކަންކަން އެ ގޮތުގައި ދަމަހައްޓާން ހިތްވަރުވެސްދޭންވާނެއެވެ. އަބަދާއި އަބަދު ނުވާ ކަންކަމުގެ ވާހަކަ ދައްކައި ދޮގުހަދައިގެން މީހުންނަށް ދުލާއި ގަލަމުން އުނދަގޫކުރުމުގެ ބަދަލުގައި ހެޔޮ ކަންކަމަށް އަމުރުކުރުމާ އެކު، އެ ފަދަ ޙަރަކާތްތަކަށް ތަޢުރީފުކޮށް ތަހުނިޔާ ވެސް ކިޔާން އެބަޖެހެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ކިބައިގައި ޚުޝާމަދުނުކޮށް ތަޢުރީފުކޮށް ހިތްވަރުދިނުމުގެ ހުނަރާއި ކެރުންތެރިކަން ހުންނަނީ ވަރަށް މަދު މީހެއްގެއެވެ.
މި ފަހަރު ރަމަޟާންމަހާ ދިމާކޮށް ސަރުކާރުން ކުރެއްވި ވަރަށް ބޭނުންތެރި އެއް މަސައްކަތަކީ ބާޒާރުމަތީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެއްދެވުމެވެ. މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ގިމަތައިން ފެށިގެން އުތުރު ބަނދަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާން ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް ނިންމައިލިތާ ދުވަސްކޮޅެއްވެއްޖެއެވެ. އެއީ ބޮޑު ފާލަމުން ފެށިގެން ރާއްޖޭގެ ތަކެތީގެ މާރުކޭޓާ ހަމައަށެވެ.
މި މަޝްރޫޫޢޫގެ ދެވަނަ ފިޔަވަޖީގެ މަސައްކަތުގެ 99.99 އިންސައްތަ މަސައްކަތް ނިންމައިފައިވާ ތަން މިހާޜު އެބަ ފެނެއެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މުޅީން ނިންމާލެވޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ކުރީން ވަނީ ދެއްވައިފައެވެ. އެމްޓީސީސީއިން ވިދާޅުވެފައިވަނީ ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅައިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެއީ ތެދުފުޅޭކެވެ. ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެކަމަށް 2އެމްޓީސީސީއިން ވިދާޅުވެފައިވެއެވެ.
އަދި މި ސަރަހައްދު ހުޅުވައިލައްވައިފައި ނުވިޔަސް މިހާރުވެސް އެ މަގުން ދެކޮޅަށް އުޅަނދުތައް މިނިވަންކަމާ އެކު [އުފަލުން] ދުއްވާތަން ފެނެއެވެ. ލަސްތަކެއް ނުވެ، ރަސްމީކޮށް އެ މަގު ހުޅުވައުލާނެކަމަށް ބެލެވެއެވެ.
މިއީ ފަހަކަށް އައިސް ސަރުކާރުން ސީދާ ރައްޔިތުންގެ ލުއި ފަސޭހައަށް ޓަކައި ކުރެއްވި ވަރަށް މުހިންމު މަސައްކަތްޕުޅެކެވެ. މި މަސައްކަތުގެ ސަބަބުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރުކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރީންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމާ މެދަކު ޝައްކެއް ނެތެވެ. މި މަޝްރޫޢުގެ ފައިދާ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނުލިބޭ ހަމަ އެކަކު ވެސް ދިވެހިރާއްޖެއަކު ނުހުންނާނެއެވެ. މި މަޝްރޫޢަކީ އެމްޓީސީސީގެ ޤާބިލުކަން ވެސް ސާބިތުކޮށްދިން މަޝްރޫޢެކެވެ.
މަޝްރޫޢެއް ފަށައި މިހައި އަވަހަށް ނިންމައިލިޔަސް މިއީ ފަސޭހަ ކަމެއް ނޫނެވެ. މަގުތައް ކޮނެ، ފެނާއި ނަރުދަމާގެ ޚިދުމަތާއި ފެން ހިންދުމާއި ކަރަންޓު ވިއުގައާއި އިންޓަރނެޓާއި ޓީވީގެ ވިއުގަތައް ސަލާމަތްކޮށް ފަހުން ވެސް މި ޚިދުމަތް ދެވޭނެ ގޮތަކަށް އިންތިޒާމުތައް ކުރާން ޖެހެއެވެ. މި މަސައްކަތުގައި އެމްޓީސީސީއާއި އެމްޑަބްލިއެސްސީއާއި ސްޓެލްކޯ ގުޅިގެން ކުރި ކަވި އުނދަގޫ މަސައްކަތްތައް ހިމެނެއެވެ. މި ހުރިހައި ކަމެއްކޮށް ތާރުއަޅައި މަގު ތަރައްޤީކުރުމުގެ އިތުރަށް، ބަނދަރުގެ އެއްގަމު ތޮށްޓާއި ދެ ފަރާތު ދުވާރުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި ވެއެވެ.
މިއީ ޝުކުރުވެރިވުން ޙައްގު މަސައްކަތެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. وإذ تأذن ربكم لئن شكرتم لأزيدنكم ([އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމިހުން ޝުކުރުކޮށްފި ނަމަ،ހަމަކަށަވަރުން ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށިމެވެ.]) (إبراهيم: 7) އެހެންކަމުން ދިވެހި ސަރުކާރަށް އަދި މި މަސައްކަތުގައި ޢަމަލީ ގޮތުން މަސައްކަތްކުރެއްވި، ބިނާރާ ބެހޭ ވުޒާރާއާއި އެމްޓީސީސީއަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ.