އަސްމާ އަބޫބަކުރު
15 ފެބްރުވަރީ 2026
ތަސްވީރު
ކުލަޖައްސާ ފިއްސެއްގައި އަހަރެން އަތްނުލާތާ މިއަދަށް ދިހަ އަހަރު ފުރުނީއެވެ. ކީއްވެގެންކަން އެނގޭހެއްޔެވެ؟ އަހަރެންގެ އެތައް ވަގުތެއް ހޭދަކޮށްގެން ބައިވެރިކުރި ކުރެހުމުގެ މަޢުރަޒުން އިވުނު ބަސްތަކުން ހިތަށް ތަދުވެގެންނެވެ. ޚާއްޞަކޮށް އެ ޖުމްލަ ބުނި މީހެއްގެ ސަބަބުންނެވެ. އެހެން ބުނީ އަހަރެން އެ މީހެއް ދެކެ އެންމެ ލޯބިވާމީހާއެވެ. ނިޔާޒަކަށް އަހަރެން އޭނާ ދެކެ ލޯބިވާކަމެއް ނޭނގޭނެއެވެ. އަހަރެން ލޯބިވީ އަހަރެންގެ ހިތުންނެވެ. އެއް އަތް ޖެހިއަސް އަޑެއް ނީވޭ ފަދައިން އެއް ފަރާތުން ލޯބިވިއަސް ނޭނގޭނެތާއެވެ.
އެ ދުވަހު އާޓު ގެލެރީގައި ބޭއްވި މަޢުރަޒަށް އެތައް ބަޔަކު ޒިޔާރަތްކުރިއެވެ. އަހަރެންގެ ކުރެހުން ބަހައްޓައިފައި ހުރި ހިސާބަށް ގޮސް ނިޔާޒުގެ އެކުވެރިޔާއާ ދިމާއަށް ބުނި ޖުމްލަ މިއަދު ވެސް ވަރަށް ރީއްޗަށް ހަނދާންވެއެވެ.
[މިއީ އެއްވެސް ހުނަރެއް ނެތް މީހަކު ކުރެހި ކުރެހުމެއް.] ނިޔާޒު އެހެން ބުނީ ކުރެހުމަށް ބަލައިފައެވެ. އެއިން ނިޔާޒަށް އެއްވެސް މާނައެއް ނުފެނުނަސް އެ ކުރެހުމުން އެތައް ވާހަކައެއް ކިޔައިދެއެވެ. އިތުރު ކުރެހުމަކާ ހަމައަށް ނިޔާޒު ދިޔުމުގެ ކުރީން އަހަރެން އެ ތަނުން ނިކުމެ ގެއާ ދިމާއަށް ދުއްވައިގަތީއެވެ. ވީ ދެރައިން ދެތިން ދުވަސް ވަންދެން އުޅޭންޖެހުނެވެ. އޭގެ ފަހުން އަހަރެން ވަޒީފާ އަދާކުރަމުން ދިޔަ އޮފީހުން އެހެން އޮފީހަކަށް ބަދަލުވީއެވެ.
[ނަޒުމާ. ހިނގާ ބަލަ މިތާ ކައިރީ ހުރި އާޓް ގެލެރީއަށް ދާން!] މިހާރު އަހަރެން މަސައްކަތް ކުރާ އޮފީހުގައި އެންމެ ގާތް އެކުވެރިޔާ އެދުނެވެ. އާޓްގެލެރީ ބުންޏަސް އަހަރެން ބިރުގަނެއެވެ. ހިތަށް އުނދަގޫވެއެވެ. ނިޔާޒު މަތީން އަނެއްކާ ހަނދާންވިއެވެ. އެ ޖުމްލައަކުން އަހަރެންގެ ހިތް ކުދިކުދިވި ޖުމްލަ މަތީން ހަނދާންވިއެވެ.
[ނަޒްމާ. އަހަރެން އެހެންބުނީމާ މޫނަށް ތިޔަ ބަދަލު އައީ ކީއްވެ؟] އަހަރެން ޚިޔާލަށް ގެއްލިފައި އިންދައި ފިރުޝާ ވާހަކަ ދައްކާންފެށިއެވެ.
[ނުދާނަންތަ؟ އަޅެ ވަރަށް ރީތި ކުރެހުންތައް އެތާ ހުންނަ ވާހަކަ އަޑުއެހިން. އަހަރެން ބޭނުން ކޮޓަރީގައި ބަހައްޓާން ރީތި ކުރެހުމެއް ގަންނާން.] ފިރުޝާ ކުރުނުކޮށްގެން އެންމެފަހުން އެ ގެލެރީއަށް ދާން އެއްބަސްވީއެވެ.
ހިތާ ދެކޮޅަށް ދިހަ އަހަރުފަހުން ގެލެރީއަކަށް ވަންނާން މަޖުބޫރުވީއެވެ. އޮފީސް ނިމުމާ އެކު ފިރުޝާ ގެއަށް ދާން އަވަސްވެގަތެވެ. އަހަރެން ވެސް އަވަސްކޮށްލައިފައި ގެއަށް ދާން ނިކުތީމެވެ. ހަވީރު ހަތަރެއް ޖަހަންދެން ވެސް އަހަރެންގެ ހިތް އަވަސްވަމުން ދިޔައެވެ. ގެލެރީއަށް ދާން ނިންމި ހިސާބުން އަހަރެން ހިތް އަވަސްވާން ފެށީ ކީއްވެބާއެވެ؟ ގަޑިން ހަތަރެއް ޖަހަން ދިހަ މިނިޓް ހުއްޓައި ވެހޭން ފެށި ވާރޭ ހުއްޓައިލާނެކަމުގެ ކޮޅުމަތި ވެސް ނުފެނެއެވެ.
ފިރުޝާގެ ކޯލް އައީ ވެސް އަހަރެން ތައްޔާރުވެގެން ހުންނަތާ އެތައް އިރެއްވީފަހުންނެވެ.
[ނަޒްމާ! މިއަދު ކިހިނެއް ދާނީ؟ ހާދަ ވިއްސާރަވެއްޖޭ.]
[އާނ! ވަރަށް ބޯކޮށްވެހެނީ. ހުއްޓައިލާނެ އިރެއް ވެސް ނޭނގޭ!]
[ދެން ހިޔެއްނުވޭ ދެވޭނެހެން.] އެންމެ ފަހުން ފިރުޝާ ކެންސަލުކުރީއެވެ. އެ ވަގުތު އަހަރެންގެ ހިތަށް އެރީ ކުޑަ ހިފައިގެން ވެސް ގެލެރީއަށް ދިއުމަށެވެ. ވާރެއާ ތެމިގެން ވެސް ގެލެރީއަށް ދާހިތްވެއްޖެއެވެ. އަހަރެން މަޑުމަޑުން ގެއިން ނިކުމެ ހިނގައިގަތީމެވެ. ގެލެރީއާހަމައަށް ދެވުނުއިރު ކޮންމެ ވެސް ވަރަކަށް ހުރީ ތެމިފައެވެ.
ގެލެރީއަށް ވަދެ ދާނެ ދިމާއެއް ނޭނގި ހުރެ އަހަރެން ތަންތަން ބަލަމުން ދަނިކޮށް ތަނުގެ މުވައްޒަފެއް އައިސް ކުރެހުމުގެ މަޢުރުޒު އޮތް ތަން އަތުގެ އިޝާރާތުން ދެއްކިއެވެ. އެ ތަނަށްދެވުނު އިރު އެ ހިސާބުގައި ވަރަށް ގިނަ ބަޔަކު ތިއްބެވެ. ފޮޓޯތަކަށް ބަލަމުން އެކި ވާހަކަތައް ދައްކަމުން މީހުންތައް ތިބެ ހިނގަމުން ގެންދެއެވެ. އެއްވެސް މީހަކު ކުރެހުމެއް ގަންނާން އުޅޭ ތަނެއް ނުފެނެއެވެ. އެ ތަނުގައި ހުރި ކުރެހުންތަކަށް ބަލަމުން ދިޔަ އިރު އަހަރެންގެ ހަނދާންހުރީ މީގެ ދިހައަހަރު ކުރީގައެވެ. އޭރު އަހަރެން އެކަން ކުރީ ވަރަށް ކުރާ ހިތުންނެވެ.
އިސްކޫލު ނިންމުމަށް ފަހު އަހަރެން ކުރި މަސައްކަތަކީ ތަފާތު މަންޒަރުތަކުގެ ފޮޓޯ ނަގައިގެން އައިސް އެ ބަލައިގެން ކުރެހުމެވެ. އެކަމުގައި ރޭގަނޑުގެ އެތައް ވަގުތެއް އަހަރެން ހޭދަކުރަމެވެ. އަހަރެން އުޅެނީ މަންމައާ އެކުގައެވެ. ބައްޕަ އަހަރެމެން ގެއިން ދިޔަ ފަހުން ޚަބަރެއް ނުވެއެވެ. މަންމަގެ ދުލުން ބައްޕަގެ ވާހަކައެއް ނުދައްކައި ވޭތޯ ބަލައެވެ. އަހަރެން ސުވާލުކުރިއަސް ބައްޕަ އުޅޭ ތަނެއް ދިޔައީ ކީއްވެކަމެއް ނުބުނެއެވެ. ވަރުބަލިވުމުން އެ ވާހަކަ ހުއްޓައިލީއެވެ. އަހަރެން އޭރު މަޢުރުޒުގައި ބައިވެރިކުރާން ކުރެހީ އަހަރެމެންގެ ހިތްދަތި ދިރިއުޅުން ދައްކުވައިދޭ ކުރެހުމެކެވެ.
އެ ކުރެހުމާ ގުޅޭ ގޮތުން އެއްވެސް މީހަކު ސުވާލެއް ވެސް ނުކޮށް އުޅެނިކޮށް ނިޔާޒުގެ ބަސްތައް އަޑުއިވުމުން އަހަރެންގެ ހިތަށް ތަދުވީއެވެ. މިއަދު ވެސް އެ ހަނދާން އަނެއްކާ އުދަނގޫކުރާންފެށި ކަހަލައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ނަންކިޔައިފައި އެ ތަނުގައި ވާހަކަދައްކާ އަޑަށެވެ. އެ ވަގުތު އެ ދައްކާ ވާހަކައަށް ސަމާލުކަންދެވުނެވެ.
[ތިއީ ނަޒްމާ ރުޝްދީގެ ކުރެހުމެއް. ތިޔަ ކުރެހުމުން ދައްކުވައިދެނީ އެކަނިވެރި މައެއް ދަރިފުޅު ގޮވައިގެން އުޅޭ މަންޒަރު. އަދި ތިޔަހަރަ ކުދި ކުރެހުންތަކުން ދައްކުވައިދެނީ އެ ދެމައިންގެ އެކަނިވެރި މަޑުމޮޅި ހަޔާތް.] އާޓްގެލެރީގެ ވެރިޔާ ދެއްކެވި ވާހަކައިން އެންމެންގެ ސަމާލުކަން އެކުރެހުން ސެޓަށް ހުއްޓުނެވެ.
[އަހަރެންގެ ކުރެހުން9 އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. މީގެ ދިހައަހަރު ކުރީން އަހަރެން ކުރެހި ކުރެހުން މިއަދު އެ ގެލެރީގައި އެ ހުރީ ވިއްކާން ބަހައްޓައިފައެވެ. އެންމެންގެ ސަމާލުކަން ލިބުނީ އަހަރެންގެ ކުރެހުމަށެވެ. އެންމެ ފަހުން އެންމެ ބޮޑު އަގުގައި ވިކުނީ އަހަރެންގެ ކުރެހުމެވެ. އެ ކުރެހުން ބޮޑު އަގުގައި ގަތް މީހާ ދާންވެގެން އެނބުރުނު ވަގުތު އަހަރެން ފެނުނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ނިޔާޒެވެ. ދިހަ އަހަރު ފަހުން އަހަންނަށް ނިޔާޒު ފެނުނު އިރު އޭނާއަށް އައިސް ހުރީ ކުދި ބަދަލުތަކެކެވެ. ބޮލާއި ތުނބުޅީގައި ޖަހާފައި ހުރި ނުރަ ފިޔަވައި މާބޮޑު ބަދަލެއް އައިސްފައި ހުރިހެނެއް ހިޔެއް ނުވެއެވެ.
ނިޔާޒު އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ކަންބޮޑުވެގެން އިސްޖަހައިލީ ނުފެންނަކަމަށް ހަދާށެވެ. އެ ލޮލަށް ބަލާން އަހަރެން ޖެހިލުންވެ ކަންބޮޑުވެއެވެ.
[ނަޒުމާ! އަހަރެންބޭނުން ވާހަކަދައްކާން. ވަގުތުކޮޅެއް ލިބިދާނެތަ؟] ނިޔާޒު ހުރީ އަހަރެންގެ ކުރިމަތީގައެވެ. އެ ވަގުތު އެ ތަނުން ނިކުމެ ފިލެވޭނެ ނަމަ އަހަރެން ދުވެފައި ފިލީމުހެވެ. އެކަމަކު ވަގުތުގެ ގޮތުން އެ ތަނުން ނިކުންނާނެ ޖާގަ ވެސް ނެތީއެވެ. އަހަރެން ބޯޖަހައިލީ އާއެނކޭ ބުނުމުގެ ގޮތުންނެވެ. އެގޮތްމިގޮތުން ތަން ހޯދައިގެން ނިކުމެވުނު ވާރޭ ހުއްޓައިލައިފިއެވެ. އަހަރެން ނިޔާޒާއެކު ބޭރަށްނިކުމެ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަދެ އިށީނުމާއެކު ނިޔާޒު ވާހަކަފެށިއެވެ.
[ކީއްވެ އޮފީހުން ކެނޑިގެން ކުއްލިއަކަށް ދިޔައީ؟ އަހަރެން ނަޒްމާ ހޯދާން ހާދަ މަސައްކަތެއް ކުރީމޭ. މޮބައިލް ނަންބަރަކަށް ގުޅެނީއެއް ނޫން. ކީއްވެ ކުއްލިއަކަށް ނަޒްމާ ގެއްލުނީ؟] ނިޔާޒުގެ ވާހަކަތަކުން އަހަރެން އިނީ ކަންބޮޑުވެފައެވެ. ދެންވެސް ވާހަކަދެއްކީ ނިޔާޒެވެ. އަހަރެން އޭނާގެ ސުވާލުތަކަށް ޖަވާބެއް ނުދެމެވެ.
[އޮފީހުގައި ކޮންމެ ދުވަހަކު އަހަރެން ކުރިމަތީގައި އިންނަ ރީތި އަންހެން ކުއްޖާ މަތީން ހަނދާން ނައްތައިލާން އުޅެއުޅެ ވެސް އަހަރެން ހަނދާނެއް ނުނެތުނު. އަހަރެން އެ ކުއްޖާ ދެކެ ހިތުން ލޯބިވެގެން އުޅުނީ. އޭރު ބުނަންބުނަން ހުއްޓައި ގެއްލުނީ. އޭގެފަހުން ވޭތުވެދިޔައީ ދިހަ އަހަރު. އެކީގައިކޮންމެ ދުވަހަކު ސައިބުއި ހަނދާނާއި، ފައިލްތައް ހިފައިގެން އައިސް ކޮންމެ ދުވަހަކު އެ ފައިލްތަކުގައި ހުންނަ ލިޔުންތައް އަހަރެން ކިޔާން ނުޖެހޭ މިންވަރަށް ކިޔައި ސޮއިކުރާން ބުނާ އަޑު މިއަދު ވެސް އަހަރެންގެ ކަންފަތުގައި ގުގުމަމުންދޭ. އެ މަޑުމައިތިރި، ހިތްހެޔޮ ކުއްޖާމަތީން އަހަރެން ހަނދާނެއް ނުނެތުނު.] ނިޔާޒު އެ ދައްކަނީ އަހަރެންގެ ވާހަކަ އެވެ. އަދި ވެސް އެ ހުރީ ނުސީދާ ބަހުރުވައެވެ.
[ނިޔާޒު ބުނުއްވާން ތިއުޅުއްވާ އެއްޗެއް ނޭނގުނު. ސާފުކޮށް ބުނުއްވީމާ ނޫންތޯ އެނގޭނީ.] އަހަރެން ހިތުގައި އުފާވެރިކަން އުފެދޭންފަށައިފިއެވެ. ޒަމާންތަކެއް ވަންދެން ފޮރުވައިގެން އުޅުނު ލޯބީގެ ވާހަކަ ދައްކަން މިހާރު މާލަސްވެއްޖެއެވެ. ނިޔާޒު ވެސް އަހަރެން ދެކެ ލޯބިވާކަން އެނގިއްޖެއެވެ.
[ނަޒްމާ. މިހާރު ކިތައް ކުދީން އެބަތިބި؟] ނިޔާޒު ކުރި ސުވާލުން އަހަރެން ކޮށިއަރައިފިއެވެ. ބަނޑަށް ހީނހީނ ހަލާކުވާވަރުގެ ސުވާލުތައް ނިޔާޒު އަހަރެންނާ އެ ކުރަނީ އަހަރެން ހުރީ ހުސްކޮށްތޯ އަހާން ނުކުރިގެންކަން ނޭގެއެވެ.
[އަޅުގަނޑު ކުދީން ތިބޭނީ ކައިވެއްޏެއްކުރި ނަމަ ނޫންތޯ.] ނިޔާޒުގެ ދެލޯ ބޮޑުކޮށްލިއެވެ.
[ނަޒްމާ. ތިޔަ ހުރީ ހުސްކޮށް؟ މިހައި ދުވަސްވީ އިރު ވެސް؟] ނިޔާޒު ކޮޅަށް ތެދުވެފައި އަނެއްކާ ގޮނޑީގައި އިށީނެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެކަން މޫނުމަތިން ދޭހަވެއެވެ.
[މިއަދު ނިޔާޒު ތިޔަ ބައްލަވައިގަތް ކުރެހުމަށް އެ ދުވަހު އެ ކުރެއްވި މަލާމާތް އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވި. އަޅުގަނޑުގެ މުޅި ހަޔާތް ދައްކުވައިދިން ކުރެހުމަށް އެ ދުވަހު ނިޔާޒުގެ ދުލުން ބޭރުކުރެއްވި ޖުމްލައަކީ އަޅުގަނޑު ވަރަށް ހިތްދަތިވި ޖުމްލައެއް.]
[ކީކޭ ބުނެވުނީ؟ އަހަރެން ނެތް ހަނދާނެއް އެއްވެސް ވަރަކަށް.] ނިޔާޒު އިނީ ހައިރާންވެފައެވެ.
[އެ ދުވަހު ބުނުއްވީ އެ ކުރެހުމަކީ އެއްވެސް ހުނަރެއް ނެތް މީހަކު ކުރަހައިފައިވާ ކުރެހުމެއްކަމަށް. އެއީ އަޅުގަނޑު އެއްމަސް ދުވަސްވަންދެން ވަރަށް ދަންވަންދެން ހޭލައި އިނދެގެން ކުރެހި އަމިއްލަ ދިރިއުޅުމުގެ ތަސްވީރު. އެ ޖުމުލައިގެ ސަބަބުން ހިތަށް އުނދަގޫވީ.]
އެ ކަމާ ނިޔާޒު ވަރަށް ބޮޑަށް މަޢާފަށް އެދުނެވެ. އެ ދުވަހު އެތަސްވީރު ފެނުމުން މާނައެއް ދޭހަނުވިއަސް މިއަދު އާޓު ގެލެރީގެ ވެރިޔާ ދެއްވި ތަފުސީލުގެ ސަބަބުން އެ ކުރެހުން ރީތިނުވާ އެކަކުވެސް ނެތެވެ. މިއަދު މަޢުރުޒުގައި އެންމެ ހިނގި ކުރެހުމަކީ ވެސް އެއީއެވެ. އެންމެފަހުން އެކުރެހުމަށް އެންމެ ބޮޑު އަގެއް ކަނޑައެޅުނީއެވެ.
[އަހަރެން ނަޒްމާ ދެކެ ލޯބިވޭ. މިހެން ބުނާން އޭރު ހިތްވަރު ވެސް ނުލިބުނީ.] އަހަރެމެން ރެސްޓޯރެންޓުން ނިކުތީ ޙަޔާތުގެ އައު ބާބެއް ހުޅުވައިފައެވެ. ގެއަށް ދިޔަ ގޮތަށް ގޮސް އަހަރެންގެ ކުރަހާ ސާމާނު ހުރި ފޮށި ހުޅުވައިލީމެވެ. އެތައް ޒަމާނެއް ވަންދެން އަހަރެން އަތްނުލައި ހުރި ކުރެހުމުގެ ސާމާނުތައް އަލުން ނަގައިގެން ކޮންމެ ފިއްސެއް ވަކިވަކިން އަތަށް ހެޔޮވަރުކޮށް އަލުން ކުރަހާ އެ މަންޒަރުގައި ކުލަޖެއްސުމުގެ މަސައްކަތް ފެށީއެވެ. ފޯނަށް މެސެޖެއް އައިސްގެ ބަލައިލިއިރު ނިޔާޒުގެ މެސެޖެކެވެ.
[މި ހިމޭން ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރެއިން އަހަރެންގެ ހިތަށް އުޖާލާކަން ގެނެސްދެނީ ތިބާގެ ފޮނި ހަނދާންތައް. ދުނިޔެ ނިދީގެ ފުންމިނަށް ފީނަމުންދާ އިރު، އަހަރެންގެ ހިތުގެ ކޮންމެ ވިންދެއް ގޮވަނީ ނަޒުމާގެ ނަމުން. ތިޔައީ، އަހަރެންގެ ދިރިއުޅުމުގެ ބަގީޗާގައި ފޮޅިފައިވާ އެންމެ މީރުވަސްދުވާ މާ. ނަޒުމާ. އަހަރެންގެ ދުޢާއަކީ މިރޭގެ ނިދި ތިބާއަށް އަމާން އަދި އުފާވެރި ނިދުމަކަށްވުން. ތިބާގެ ހުވަފެންތަކުގައި ފޮނިކަމާއި ކުލަގަދަކަން ލެއްވުން. މާދަމާ އިރުއަރާ އިރު، ތިބާގެ މޫނުމަތީން ފެންނާނީ އުފާވެރި ހިނިތުންވުމެއްކަމުގައި އަހަރެން އުންމީދުކުރަން. ވަރަށް ބޮޑަށް ލޯބިވޭ! އަމާން ރެއަކަށް އެދެން.]
އެ މެސެޖު ކިޔައިލެވުނީ ކިތައް ފަހަރުކަމެއް ވެސް ނޭނގެއެވެ. އަހަރެންގެ ލޯބި އަހަންނަށް ހާސިލުވުމުން، ލިބުނު އުފަލުގެ ކޮޅެއް ނެތެވެ. ނިޔާޒުގެ ފޮނި ބަސްތަކުން ހިތަށް ގެނުވި އުފާވެރިކަމުގައި ފިހި ހިފައިގެން އޮއްވައި ނިދުނު އިރެއް ވެސް ނޭނގެއެވެ. (ނިމުނީ)