ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
13 ފެބްރުވަރީ 2026
ބުޅަލުގެ ނަގުލަށް އެރުމަކީ ވެސް ބައެއް ފަހަރު ރަނގަޅަކަށް ދިމާވާ ކަމެކެވެ.
ގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލުގެ ނިގުލަށް، އެއްދުވަހަކު، އޮޅިގެން ގޭގެ ވެރި މީހާއަށް އެރުނެވެ. ދެން، ރުޅިއައިސްގެން އެ ބުޅާ ގެއިން ނިކުމެގެން ދިޔައީއެވެ. އެކަމާ ގޭގެ ވެރި މީހާ ވަރަށް ދެރަވެގެން، ބުޅާ ހޯދަން ދިޔައެވެ. ނަމަވެސް އެއްވެސް ތާކުން، އޭނާއަށް ބުޅަލެއް ނުފުނެނެވެ. އާދެ، ބުޅާ ރުޅިއައިސްގެން ގެއިން ނިކުމެގެން ދިޔައީއެވެ.
ދެން ގޭގެ އަންހެން ސާހިބާ ބުޅަލަށް ކާން އަޅާ ތަށި އެއްލައިލިއެވެ. އެ ތަށީގެ ބޭނުން ކެނޑުނީމައެވެ. މީގެ އިތުރަށް، އެހެންކަމެއް ވެސް އަންހެން ސާހިބާއަށް ފާހަގަކުރެވުނެވެ. ގޭގެ ބަޖެޓުގެ ފައިސާ އިތުރުވީކަމެވެ. ބުޅަލަށް ޚަރަދުކުރާން ޖެހޭ އެއްޗެހި ޚަރަދު ކުރާން ނުޖެހުމުގެ ސަބަބުންނެވެ. މީގެ އިތުރަށް ވެސް، ގޭގެ ބިންމަތީ އަޅައިފައި އޮންނަ ދޫލައާއި އަދި ސޯފާތަކާއި ގޮނޑިތައް ވެސް ސާފުކަން އަންހެން ސާހިބާއަށް ފާހަގަކުރެވުނެވެ. އަދި ކިއެއްހެއްޔެވެ؟ ގޭ ތެރޭގެ ވައި ސާފުކަން ވެސް އޭނާއަށް ފާހަގަކުރެވުނެވެ.
މި ހުރިހައި ކަމެއް ގޭ އެންމެންނަށް އަންހެން ސާހިބާ ކިޔައިދިނެވެ. ދެން، އެންމެން ވެސް ނިންމީ ބުޅާ އެނބުރި އަޔަސް ވެސް ގެއަށް ނުވެއްދުމަށެވެ. ބޭކާރު ޚަރަދު އެއަށް ކުރާން ޖެހޭ، އަދި ގެ ހަޑިވެސް ކުރާ އެއްޗަކަށް ވުމުންނެވެ. އާދޭހެވެ! ބުޅަލުގެ ނިގުލަށް އޮޅިގެން އެރުންވީ، އާޚިރުގައި، ރަނގަޅު ކަމަކަށެވެ.
އިންސާނުންގެ ތެރޭގައި ވެސް މި ފަދަ ބުޅާ އުޅެއެވެ. ވަކިން ޚާއްސަ ގޮތެއްގައި ސިޔާސީ މައިދާނުގައެވެ. މުޅި ގައުމު ޚަރާބުކުރަމުންދާ ސިޔާސީ ބުޅާތަކެވެ. ގައުމު ވިއްކައި ގައުމުގައި ދިގަށާއި ހުރަހަށް ފަސާދައިގެ އަމަލުތައް ފާޅުގައި ހިންގައި، ގައުމަކީ މަސްތުވާތަކެތީގެ އައްޑާއަކަށް ހަދަމުންދާ ސިޔާސީ ބުޅާތަކެވެ. ކުރިއަށް އޮތް އިންތިޚާބުގައި މި ފަދަ ސިޔާސީ ބުޅާތަކުގެ ނިގުލަށް އަރައި އެ ބުޅާތައް ގައުމުގެ ސިޔާސީ މައިދާނުން ބޭރުކުރުން ވަރަށް ވެސް މުހިންމެވެ. ގައުމުގެ ޚަރަދުތައް ކުޑަކޮށް، ގައުމު ސާފުތާހިރުކޮށް، ގައުމުގެ ވައި ބަދަލުކޮށްލުމަށް ޓަކައެވެ.