ad_banner
ރަމަޟާނަށް ތައްޔާރުވާނީ ކިހިނެއް؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

13 ފެބްރުވަރީ 2026

ރަމަޟާން މަހަށް ތައްޔާރުވާނޭ ގޮތް

އެއްވެސް މުސްލިމަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަން ވަންހަނާވެގެންނެއް ނުވާނެއެވެ. މިއީ އަހަރުގެ އެހެން މޫސުންތަކާ ތަފާތު މޫސުމެކެވެ. ވަގުތުތައް މުޅިން އެހެން  ބައްޓަމަކަށް ބަދަލުވެގެންދެއެވެ. ގޭތެރޭގެ އިންތިޒާމުތައް އައު ގޮތަކަށް ތަރުތީބުކުރެވެއެވެ. މަސައްކަތްކުރާ ގަޑިތައް ބަދަލުވެއެވެ. ކައިބޮއި ހަދާ ގަޑިތަކަށާއި ކައިބޮއި ހަދާ އެއްޗެއްސަށް ވެސް ބަދަލު އާދެއެވެ. މީހުންގެ މިޒާޖަށާއި ޠަބީޢަތަށް ވެސް ބަދަލުއާދެއެވެ.

މި ބަދަލުތަކުގެ މަލަތަކުން އިހުމާލާއި އިސްރާފު ފެނެއެވެ. މި މަގާލުގައި ބަލައިލާނީ ރަމަޟާން މަހަށް ތައްޔާރުވުމަށް ޓަކައި ވިސްނާންޖެހޭ ބައެއް ކަންތައްތަކަށެވެ. ދީލަތި ރަމަޟާން މަސް ބަރަކާތްތެރި މަހަކަށް ހެދޭތޯއެވެ. ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. ((مَن حُرِم خيرَه فقد حُرِم[1] - އެ މަހުގެ ހެޔޮކަމުން މަޙްރޫމުވި މީހާ ހަމަކަށަވަރުން ހުރިހައި ހެޔޮ ކަމަކުން މަޙްރޫމުވެއްޖެއެވެ.))  

މޫސުމުގެ އަހަންމިއްޔަތު

އަޅުގަނޑުމެންގެ ކުރިމަތީގައި މި ވަނީ ވަރަށް މަތިވެރި މޫސުމެކެވެ. އެ މަހަށް އިހުމާލުވުމަކީ ގިނަގުނަ ސަވާބުތަކަކާއި ދަރުމަތަކަކުން އަޅުގަނޑުމެން ޙިރުމާންވެގެންދާނެ ކަމެކެވެ. އެ މަސް ނަގައިލުމަކީ  ފުރިހަމަ މާނައިގައި ބޮޑުވެގެންވާ ގެއްލެނިވުމެކެވެ.

-     ރަމަޟާންމަހަކީ ފުއްސެވުމާއި ރަޙުމަތާއި ތައުބާގެ މޫސުމެވެ. މި މަހަކީ މި މަހުގެ އަގުބޮޑު ވަގުތަކުގައި ހެޔޮކަންތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުކުރައްވާ މަހެކެވެ.

-     ރަމަޟާން މަހަކީ ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރެވެ. ނަރަކައިން މުއްތިކުރެއްވުމަކީ ކޮބައިހެއްޔެވެ؟ އެއީ އެންމެ ބިރުވެރި ގޮވަތީން ނަޖާކުރެއްވުމެވެ. އެންމެ ވޭންދެނިވި ޢަޒާބުން ސަލާމަތްކުރެއްވުމެވެ.

-     ރަމަޟާންމަހަކީ އެ މަހުގައި މާތްވެގެންވާ ރެއެއް މާތްﷲ ލައްވައިފައިވާ މައްސަރެވެ. މި ރޭގައި އަޅުކަންކުރުމުން 83 އަހަރު އަޅުކަންކުރުމުގެ ސަވާބު ލިބެއެވެ. މި ރެއަށް ލައިލަތުލްޤަދްރި ވިލޭރޭގެ ނަން ދެއްވެވީ އަޅުގަނޑުގެ ވެރި ރަސްކަލާނގެ ﷲއެވެ.

ރަމަޟާން މަހަށް ފަރުވާކުޑަކުރުމަކީ ގެއްލެނިވުން ބޮޑު ކަމެއް

ކީރިތި ރަސޫލާ صلى الله عليه وسلمއަކީ ދުނިޔެއަށް ފޮނުއްވި ރަޙުމަތެކެވެ. އެކަލޭގެފާނު މީހެއްގެ މައްޗަށް ބަދުދުޢާކުރައްވައިފި މީހާގެ  ޙާލާ މެދު ވިސްނައިނުލާނަންހެއްޔެވެ؟ ޞައްޙަ ޙަދީސްފުޅުތަކުން އެނގޭ ގޮތުގައި ރަމަޟާން މަހުގައި މާތްﷲ ދެއްވި ރަނުގެ ފުރުޞަތުގެ ބޭނުންނުކުރާ މީހާގެ މައްޗަށް އެކަލޭގެފާނު ވަނީ ބަދުދުޢާކުރައްވައިފައެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((أنَّ النَّبيَّ صلّى اللهُ عليه وسلَّم صعِد المنبرَ فقال آمين آمين آمين قيل يا رسولَ اللهِ إنَّك صعِدتَ المنبرَ فقلتَ آمين آمين آمين فقال إنَّ جبريلَ عليه السَّلامُ أتاني فقال من أدرك شهرَ رمضانَ فلم يُغفرْ له فدخل النّارَ فأبعده اللهُ قُلْ آمين فقلتُ آمين  -[2]- ހަމކަށަވަރުން ނަބިއްޔާ r މިންބަރަށް އަރައިވަޑައިގަތެވެ. ފަހެ އެކަލޭގެފާނު އަރައިވަޑައިގަންނަވަމުން ތިންފަހަރު އާމީން ވިދާޅުވިއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު މިންބަރަށް އަރައިވަޑައިގަންނަވަމުން ތިންފަހަރު އާމީން ވިދާޅުވީމުއެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. ޖިބްރީލު ޢަލައިހިއްސަލާމު ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ރަމަޟާން މަހާ ބައްދަލުވެ އޭނާއަށް ފާފަނުފުއްސެވުނު މީހާ ހަމަކަށަވަރުން ނަރަކައަށް ވަދެއްޖެއެވެ. އަދި މާތްﷲ އޭނާ އެކަލާނގެ ރަޙުމަތާ ދުރަށް ލައްވައިފިއެވެ. ކަލޭގެފާނު އާމީން ވިދާޅުވާށެވެ. ފަހެ ތިމަންކަލޭގެފާނު އާމީން ވިދާޅުވީމެވެ.))

ރަމަޟާންމަހަށް ނަފުސު ތައްޔާރުކުރުން 

މައްސަރުތަކުގެ ސާހިބާ ރަމަޟާންމަހަށް ޓަކައި އަޅުގަނޑުމެން ނަފުސާނީ ގޮތުންނާއި ހޭލުންތެރިކަމުގެ ގޮތުން ތައްޔާރުވާންޖެހޭނެއެވެ. މޫސުމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ޓަކައި ނަފުސާނީ ގޮތުން ތައްޔާރުވުމަކީ ވަރަށް މުހިންމު ކެމެކެވެ. ކުރިމަތިވަމުންދާ މޫސުމަކީ ހެޔޮކަންކަމުން ފުރިގެންވާ ބަރަކާތުން ފުރިގެންވާ މޫސުމެއް ކަން އެނގުމުން މި ހެޔޮކަމާއި ބަރަކާތް ޙާޞިލުކުރުމަށް ޝައުޤުވެރިވުން އިތުރުވެގެންދާނެއެވެ. އެ މޫސުން އަންނާތީ އެ ކަމާ އުފާވާނެއެވެ. ވީމާ އެ މޫސުމަށް މަރުޙަބާ ކިޔައި އިސްތިޤްބާލުކުރާން ތައްޔާރުވާށެވެ!

ކުށްފާފަތައް މަދުކުރުން

މިއީ ރަމަޟާނީ ނަފަޙާތުތަކަށް ހުށަހޮޅިގަތުމަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ. ރަމަޟާންމަހުގައި ބައެއް މީހުންނަށް ބައެއް ކަންކަމުގައި ފަރުވާކުޑަކުރެވޭ ތަން ފެނެއެވެ. އެ މީހުންނަށް މި ކަމުގެ ސަބަބެއް ނުވިސްނެއެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މި ކަމުގެ ސަބަބަކީ އެނގިގެންނާއި ނޭނގި ތިބެ ކުދި ފާފަތަކަށް އަރައިގަނެވުމެވެ. ﷲގެ ރަޙުމަތް ތަނވަސްވެގެން ވިޔަސް ކުށްފާފަތަކާ ދުރުހެލިގެން އުޅޭ އަޅުތަކުންނަށް ހެޔޮކަންކަން ކުރުމުގައި ﷲ ދެއްވާ ތައުފީޤު މާ ތަނަވަސްވެގެންވެއެވެ. އެ މީހުންނަށް ދެއްވާ ދެއްވުންތައް މާ ބޮޑުވެ ފުޅައުވާނެއެވެ.

މި ބަރަކަތްތެރި މޫސުން ލިބިގަތުމަށްޓަކައި ތިބާގެ ނިޔަތް ތެދުވެރި އެއްޗަކަށް ހަދާށެވެ! ﷲ ސުބްޙާނަހޫ ވަ ތަޢާލާ ބައްލަވައިވޮޑިގަންނަވަނީ އަޅާގެ ނިޔަތަށެވެ. ތިބާގެ ނިޔަތް ރަނގަޅުކުރާށެވެ! އިންސާނާ ކުރާ ޢަމަލުތައް ޤަބޫލުކުރައްވަނީ އޭނާގެ ނިޔަތަށް ބައްލަވައިގެންނެވެ.

ކުރިއަށްވުރެ ރަނގޅުކުރާން އިސްކަން ދިނުން

ރަމަޟާންމަހުގެ ބަރަކާތްތަކުން ފައިދާ ލިބިގަތުމަށް ޓަކައި ތިބާގެ ނަފުސު ރަނގަޅުކޮށް  އިޞްލާޙުކުރާން ވިސްނާށެވެ. ކުރީގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނެވޭތޯ މަސައްކަތްކުރާށެވެ! ރާސްތާ ބަދަލުކޮށް މިސްރާބު ބަދަލުކުރާށެވެ! ޖަމާޢަތުގައި ނަމާދުތައް ކުރާށެވެ! ރަވާތިބު ސުންނަތްތައް ކުރާށެވެ! ކީރިތި ޤުރްއާނާ ގުޅުން ބޮޑުކުރާށެވެ! މި ކަމަށް ޓަކައި ވަގުތުކޮޅެއް ޚާއްޞަކުރާށެވެ! މި މޫސުމުގެ ހެވާ ތިބާއާ ދެމެދަށް ހުރަސްއަޅާ އެންމެހައި ބަހާތައް އެއް ފަރާތްކުރާށެވެ!

އެދުމުގައި ތެދުވެރިވުން

އިސްވެދިޔަ ހުރިހައި ކަމެއް ޙާޞިލުކުރެވޭނީ އެ ކަމަށް މާތްﷲ މަގުދައްކަވައިގެންނެވެ. މި ކަމަށް ލިބިގެންވާ އެންމެ ލުއި އެންމެ ރަނގަޅު ވސީލަތަކީ ދުޢާއެވެ. މާތްﷲ އަންގަވަނީ ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވާނަމެވެ. ދުޢާގައި ތެދުވެރިވާށެވެ! ހިތްނިޔަތް ޚާލިޞްކުރާށެވެ! އެ ކަލާނގެ ދެއްވާދެއްވުމުގައި އިމެއް ނެތެވެ. ހައްދެއް ނެތެވެ. އެކަލާނގެއަށް ދަންނަވާ މީހާއަށް އެކަލާނގެ ދެއްވާނެތެވެ.

 

މަރުޖާ:

[1]  - أخرجه الدارقطني، علل الدارقطني(٢٥٩٥ ( و الشجري في ((أماليه)) (١٣٨٩)، وابن عدي في ((الكامل)) (٧/ ١٨)، وابن عساكر في ((تاريخ دمشق)) (٦٢/ ١٥٠)

[2]  -  أخرجه ابن حبان كما في ((موارد الظمآن)) للهيثمي (٢٣٨٧) و ابن خزيمة (١٨٨٨)، والطبراني في ((المعجم الأوسط)) (٨١٣١

ކޮމެންޓު