އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
10 ފެބްރުވަރީ 2026
ރަމަޟާން މަހަށް ހަނދުބަލާ މަންޒަރެއް
އިސްލާމީ ބޮޑެތި ގައުމުތަކާއި ބައިނަލްއަޤްވާމީ ފަލަކީ ހިސާބުތައް ބުނާ ގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ 2026 ފެބުރުވަރީ 18ވަނަ ދުވަހެވެ.
ސުޢޫދީ ޢަރަބިއްޔާގެ ފަލަކީ ޖަމްޢިއްޔާ ކަށަވަރުކޮށްދޭ ގޮތުގައި މި ފެބްރުވަރީ މަހަކީ ފަލަކީ ތަފާތު ކަންތައްތަކެއް ފެންނާނެ މަހެކެވެ. މި ޖަމުޢިއްޔާ ބުނާ ގޮތުގައި ފެބްރުވަރީ 18 ވިލޭރޭ (ބުދަ ވިލޭރޭ) ވަރަށް ހިމަ ރޮއްޖެއްގެ ގޮތުގައި ރަމަޟާން މަހުގެ ހަނދު ފެންނާނެއެވެ. އަދި ބުރާސްފަތި ވިލޭރޭ މި ހަނދު ވަރަށް ސާފުކޮށް ފެންނާނެއެވެ.
ފަލަކީ ގޮތުން މުލަރޯދަ ބުދަ .. ޢީދު ހުކުރު
މޫސުމާއި ފަލަކާ ބެހޭ ޢާލިމެއްކަމުގައިވާ ޑރ. ޚާލިދުއްޒައްޢާޤު ވިދާޅުވާ ގޮތުގައި ފަލަކީ ހިސާބުތައް ދައްކާ ގޮތުގައި ރަމަޟާންމަހުގެ ހަނދު ޝައުބާން މަހުގެ 29ވަނަ ދުވަހު ހަވީރު މާލޭ ގަޑީން 5:01ގައި އުފަންވާނެއެވެ. އެ ދުވަހު އިރު އޮއްސޭ އިރު އަދި ހަނދެއް ނުއޮއްސޭނެއެވެ. މި ކަމުން އެނގެނީ ރަމަޟާން މަސް އަތުވެއްޖެކަމެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ފަލަކީ ހިސާބުތަކާ އެއް ގޮތަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 2026 ފެބުރުވަރީ 18ވަނަ ދުވަހެވެ. މި ރަމަޟާން މަސް ވަނީ 30 ދުވަހުގެ މަހަކަށެވެ. އެހެންކަމުން ޢީދުވާނީ 20 މާރިޗު 2026 ވާ ހުކުރުދުވަހަށެވެ.
ބައިނަލްއަޤްވާމީ ފަލަކީ މަރުކަޒު ބުނާގޮތުގައި އިސްލާމީ ގައުމުތަކަށް އަންގާރަ ވިލޭރޭ ހަނދު ފެނުމަކީ މުސްތަޙީލު ކަމެކެވެ. އިސްލާމީ ދުނިޔޭގެ އެއްވެސް ރަށަކަށް އަންގާރަ ވިލޭރޭ ހަމަލޮލަކަށް ވެސް ދުރިމިއަކަށް ވެސް އަދި ޒަމާނީ ފަންނިއްޔަތުގެ ވަސިލަތްތަކުން ވަސީލަތަކަށް ވެސް ހަނދެއް ނުފެންނާނެއެވެ. އެއީ އެ ދުވަހު އިސްލާމީ ދުނިޔޭގެ އިރުމަތީ ގައުމުތަކަށް އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭނެތީއެވެ. ޑެންޖަން މިންގަނޑު ބުނާ ގޮތުގައި ހަނދާއި އިރާ ދެމެދުގައިވާ ދަރަޖަ 6.5 ދަރަޖައަށް ވުރެ ކުޑަވެއްޖެ ނަމަ ހަމަ ލޮލަކަށް ހަނދެއް ނުފެންނާނެއެވެ. އަދި 5.5 ދަރަޖައަށް ވުރެ ކުޑަވެއްޖެ ނަމަ ދުރުމިއަކަށް ނުފެންނާނެއެވެ.
ބައިނަލްއަޤްވާމީ ފަލަކީ މަރުކަޒު ބުނާ ގޮތުގައި މައްކާއާއި ޤާހިރާއާއި އަބޫ ޡަބްޔި (އަބޫދާބީ)އާއި ރިބާޠު ފަދަ އިސްލާމީ މައި ރަށްތަކުން ބުދަ ވިލޭރޭ ހަނދު ބަލާނެއެވެ.
މިޞްރުގެ ދާރުލްއިފްތާއިން އިޢުލާންކޮށްފައިވާ ގޮތުގައި މިޞްރުގައި ރަމަޟާން މަހަށް ހަނދުބެލުމުގެ ރަސްމިއްޔާތު ބޭއްވޭނީ 17 ފެބްރުވަރީ 2026 ގައެވެ. މި ރަސްމިއްޔާތުގައި ޝަރުޢީ އަދި ފަލަކީ ހަތް ކޮމެޓީއެއް ބައިވެރިވާނެއެވެ. މި ކޮމެޓީތަކުގައި ތިއްބަވާނީ ދާރުލްއިފްތާއީގެ މެންބަރުންނާއި މިޞްރުގެ ފަލަކީ ދިރާސާތަކާ ބެހޭ ގައުމީ މަރުކަޒުގެ ޢިލްމުވެރީންނެވެ. ހަނދުލެއްވުމުގެ ހުރިހައި ކަމެއް ވެސް ހިގަމުންދާނީ ޝަރުޢީ އަދި ފަލަކީ އުޞޫލުތަކާއި މީޔާރުތަކާ އެއް ގޮތަށެވެ.
މި ޒަމާނަކީ މީސްމީޑިއާގެ ޒަމާންކަމުން މި އޮޅިތަކުގައި ފެތުރޭ ދޮގު ޚަބަރުތަކަށް ސަމާލުވުމަށް ދާރުލްއިފްތާއިން ނަސޭހަތްދީފައިވެއެވެ.