ad_banner
ޙަދީޘްފުޅުތަކުގެ އަލީގައި ޖިންނީންގެ ވާހަކަ

ޙަކީމް ސަލްމާނު ފަހުމީ

9 ފެބްރުވަރީ 2026

މުސްލިމު ޖިންނީގެ ޖަމާޢާތެއް (ޚިޔާލީ އަތުކުރެހުމެއް)

ކީރިތި ޤުރްއާނުގައި ޖިންނީންނާ ބެހޭ ގޮތުން ބަޔާންކުރައްވައިފައިވާ ޚަބަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ނަބަވީ ސުންނަތުންނެވެ. ޚާއްޞަކޮށް، ޖިންނީންނަށް ކީރިތި ޤުރްއާނުގެ އަޑު އިވި، އެބައިމީހުން އިސްލާމްދީން ގަބޫލުކުރި ގޮތުގެ ތަފުސީލީ މަޢުލޫމާތު ޙަދީޘްފުޅުތަކުން އެނގޭން އެބަ އޮތެވެ. ޤުރްއާނުން އެ ކަމުގެ ޢަޤީދާއާ ގުޅޭ މެސެޖުތައް ލިބިދޭ އިރު، ޙަދީޘްތަކުން އެނގެނީ އެ ކަން ހިނގައި ދިޔަ ތާރީޚީ ގޮތާއި އޭގެ ޙަޤީޤީ ތަޞްވީރެވެ.

ޞަޙީޙު ރިވާޔަތްތަކުން އެނގޭ ގޮތުގައި، ކީރިތި ރަސޫލާ "ޢުކާޡު" ބާޒާރުން އެނބުރި ވަޑައިގަންނަވަނިކޮށް، މައްކާއާ ގާތުގައިވާ "ނަޚުލާ" ވާދީގައި މަޑުކުރެއްވިއެވެ. ރޭގަނޑުގެ ވަގުތެއްގައި އެކަލޭގެފާނު ނަމާދުފުޅަށް ހުންނަވައި ބާރަށް ޤުރްއާން ކިޔަވައިވިދާޅުވަމުން ގެންދެވިއެވެ. އެ ވަގުތު "ނަޞީބީން"އޭ ކިޔުނު ރަށުގެ ޖިންނީންގެ ޖަމާޢަތެއް އެ ތަނުން ދަތުރުކުރަމުން ދިޔައެވެ. އެބައިމީހުންނަކީ އުޑުތަކުގެ ޚަބަރުތައް ވަގަށް އަޑުއެހުމަށް މަސައްކަތްކުރާ ބަޔެކެވެ. ނަމަވެސް، ރަސޫލާ ޤުރްއާން ކިޔަވައިވިދާޅުވާ އަޑުފުޅު އިވުމާ އެކު، އެބައިމީހުން ވަގުތުން މަޑުޖެހި، ވަރަށް ފަރުވާތެރިކަމާ އެކު ހިމޭނުން ތިބެ އަޑުއެހިއެވެ. މިއީ ސޫރަތުލްޖިންނިގައި އިޝާރާތްކުރައްވައިފައިވާ އަދި ޙަދީޘްތަކުގައި ތަފުސީލުކޮށްދެއްވައިފައިވާ މުހިންމު ހާދިސާއެވެ.

ޢަބްދުﷲ ބިން ޢައްބާސް (رضي الله عنهما) ރިވާކުރައްވާ ގޮތުގައި، ޖިންނީން އެކަލޭގެފާނުގެ ކިޔަވައިވިދާޅުވުން އަޑުއަހާކަން އެންމެ ފުރަތަމަ ރަސޫލާ އަކަށް އެނގިވަޑައެއްނުގަނެއެވެ. އެބައިމީހުން އެ ތަނަށް އައިކަމާއި، އެބައިމީހުން އީމާންވިކަމުގެ ޚަބަރު މާތްﷲ އެކަލޭގެފާނަށް އެންގެވީ އޭގެ ފަހުންނެވެ. ޤުރްއާނުގެ އަޑު އިވުމުން، އެބައިމީހުންނަށް އުޑުތަކުގެ ޚަބަރުތައް ހޯދުމަށް ކުރީން އޮތް ފުރުޞަތު ބަންދުވެ، ކައުނުގެ ނިޒާމަށް ބޮޑު ބަދަލެއް އަތުވެއްޖެކަން އެބައިމީހުންނަށް ވިސްނުނެވެ. އަދި މިއީ ޙައްޤު މަގަށް މަގުދައްކައިދޭ އިލާހީ ފަހު މެސެޖުކަން އެބައިމީހުން ގަބޫލުކުރިއެވެ. މިއީ ސީދާ ދަޢުވަތެއް ނުދިނަސް، މާތްﷲގެ ވަޙީބަސްފުޅުގެ ބާރުގަދަކަމުން ހިތްތަކަށް ހިދާޔަތް ލިބޭނެކަމުގެ ހެތްކެކެވެ.

އެހެން ރިވާޔަތެއްގައިވާ ގޮތުން، ފަހުން ރަސޫލާ އަށް އަމުރުކުރެވުނީ ޖިންނީންނަށް ޤުރްއާން ކިޔަވައިދެއްވުމަށެވެ. އެކަލޭގެފާނު މައްކާއިން ބޭރަށް ވަޑައިގެން، އިބްނު މަސްޢޫދު (رضي الله عنه)އަށް ރައްކާތެރިކަމުގެ ރޮނގެއް ކުރައްސަވައި، އެ ރޮނގުން ބޭރަށް ނނުކުމެވަޑައިނުގަތުމަށް އެންގެވިއެވެ. އެއަށް ފަހު، އެ ތަނަށް އެއްވި ގިނަ އަދަދެއްގެ ޖިންނީންނަށް އެކަލޭގެފާނު ޤުރްއާން ކިޔަވައިދެއްވިއެވެ. އިބްނު މަސްޢޫދު ވިދާޅުވި ގޮތުގައި، އެކަލޭގެފާނަށް ފެނިވަޑައިގަތީ ހިޔަނިތަކެއް ފަދަ ސިފަތަކެކެވެ. އަދި އެބައިމީހުންގެ އަޑުތައް ވެސް އިވިވަޑައިގަތެވެ. ނަމަވެސް، އެއްވެސް ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިނުވާކަން އެކަލޭގެފާނު ފާހަގަކުރެއްވިއެވެ.

ޙަދީޘްތަކުގައިވާ ގޮތުން، ޖިންނީން ރަސޫލާ އާ މުޢާމަލާތްކުރީ ވަރަށް އަދަބުވެރިކަމާއި ކިޔަމަންތެރިކަމާ އެކުގައެވެ. ޢަޛާބުގެ އާޔަތްތައް ކިޔަވައިވިދާޅުވާ އިރު، އެބައިމީހުން ބިރުން ރޮއި ހިތާމަކުރެއެވެ. އަދި ރަޙުމަތުގެ އާޔަތްތައް ކިޔަވައިވިދާޅުވާ އިރު، އުންމީދުން ފުރިގެންވާކަން ހާމަކުރެއެވެ. މިއިން އެނގެނީ އިންސާނުން ފަދައިން ޖިންނީންނަކީ ވެސް އިޙްސާސްތަކާއި، ބިރުވެރިކަމާއި، އުންމީދު އެކުލެވިގެންވާ ބަޔެއްކަމެވެ.

ކީރިތި ރަސޫލާ ﷺ، އީމާންވި ޖިންނީންނަށް ދިރިއުޅުމުގެ ބައެއް އާދަތަކާއި ތާހިރުކަމުގެ ޙުކުމްތައް ވެސް އުނގަންނަވައިދެއްވިއެވެ. ޞަޙީޙު ޙަދީޘްފުޅުތަކުގައިވާ ގޮތުން، މާތްﷲގެ އިސްމުފުޅު ކިޔައި ކަތިލެވިފައިވާ ޖަނަވާރުތަކުގެ ކަށިތަކަކީ ޖިންނީންގެ ކާނާއެވެ. އަދި ޖަނަވާރުގެ ނަޖިހަކީ ޖިންނީން ގެންގުޅޭ ޖަނަވާރުތަކުގެ ކާނާއެވެ. އެހެންކަމުން، އެބައިމީހުންގެ ކާނާއަށް އިޙުތިރާމްކުރުމުގެ ގޮތުން، ފުރަގަސްފަރާތުން ތާހިރުވުމަށް (އިސްތިންޖާކުރުމަށް) ކަށި ބޭނުންކުރުން ރަސޫލާ ނަހީކުރެއްވިއެވެ. މިއިން އެނގެނީ އެކަލޭގެފާނަކީ ދެ ޢާލަމަށް ވެސް ފޮނުއްވި ރަޙުމަތެއްކަމެވެ.

މީގެ އިތުރަށް، ޖިންނީންގެ ކިބައިން އެހީތެރިކަމާއި ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމާ މެދު ރަސޫލާ އިންޒާރުދެއްވިއެވެ. އެކަލޭގެފާނު ބަޔާންކުރެއްވި ގޮތުގައި، ޖިންނީންނަށް ބަރޯސާވުމަކީ ބިރުވެރިކަމާއި މަގުފުރެދުމަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި، ރައްކާތެރިކަން ހޯދުމަށްޓަކައި ﷲއަށް ދަންނަވާނެ ދުޢާތަކާއި، އާޔަތުލްކުރުސިއާއި، މުޢައްވިޛަތައިނި (ފަލަޤް އަދި ނާޞް ސޫރަތް) ފަދަ ޤުރްއާނުގެ އާޔަތްތައް ކިޔެވުމަށް އުނގަންނައިދެއްވިއެވެ. މިއީ ސިހުރުވެރިކަމާއި ކާހިނުކަމުގެ ދޮރުތައް ބަންދުކޮށްދެއްވި އުނގަންނައިދެއްވިމެކެވެ.

ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި ޖިންނީންނަކީ އިލާހީ ޤާނޫނުތަކަށް ތަބާވާންޖެހޭ، އީމާންވުމާއި ކާފިރުވުމުގެ އިޚުތިޔާރު ލިބިގެންވާ، އަދި ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ މަޚްލޫޤުތަކެކެވެ. ރަސޫލާ އާ އެކު އެބައިމީހުން ބޭއްވި ގުޅުމަކީ އިޙުތިރާމާއި، މަޑުމޮޅިކަމާއި، ޙައްޤު ބަސް ގަބޫލުކުރުމުގެ ރީތި ނަމޫނާއެކެވެ. މި ވާހަކައިން އިސްލާމްދީން ބާރުއަޅަނީ، ޣައިބުގެ ކަންކަމާ މެދު ބިރުވެރިކަމާއި ސިހުރުވެރިކަމުގެ ތެރޭގައި އުޅުމުގެ ބަދަލުގައި، ހަމަ އެކަނި މާތްﷲއަށް ބަރޯސާވެ، ޒިންމާދާރުކަމާ އެކު އުޅުމަށެވެ.

ކޮމެންޓު