ad_banner
ދުވަހުގެ މޫސުމީ ބަދަލުތަކާއި، ޞިއްޙަތާއި، އިސްލާމީ ޙިކުމަތާ ހުރި ގުޅުން

ޙަކީމް ސަލްމާނު ފަހުމީ

6 ފެބްރުވަރީ 2026

ދުވަހުގެ މޫސުމީ ބަދަލުތަކާއި، ޞިއްޙަތާއި، އިސްލާމީ ޙިކުމަތް

މާތްﷲ ކޮންމެ އެއްޗެއްމެ އުފައްދަވައިފައިވަނީ ވަކި ނިޒާމެއްގެ ދަށުން، ފުރިހަމަ މީޒާނަކާއި ޙިކުމަތެއްގެ މަތީގައިކަން އިސްލާމްދީން އަހަރެމެންނަށް އުނގަންނައިދެއެވެ. ތަބީޢީ ކަންކަން ހިނގަނީ އިއްތިފާގަކުން ނޫނެވެ؛ އެއީ ޚާލިޤުވަންތަ ރަސްކަލާނގެ ކަނޑައަޅުއްވައިފައިވާ ސީދާ އުޞޫލުތަކަކަށް ތަބާވެގެންނެވެ. ޔޫނާނީ ބޭސްވެރިކަމުގެ ޢިލްމުގައި ބަޔާންކުރާ ގޮތުގައި، ކޮންމެ 24 ގަޑި އިރެއް ހަތަރު މޫސުމީ ފިޔަވައްސަކަށް ބެހިގެންވެއެވެ. މިއިން ކޮންމެ މަރުޙަލާއަކީ އިންސާނާގެ ހަށިގަނޑަށް ނުފޫޒު ފޯރުވާ މަރުހަލާއެކެވެ. އިސްލާމީ ތަޢުލީމުތަކުގައި ބާރުއަޅަނީ، މި ނިޒާމުތަކާ މެދު ފިކުރުކޮށް، މާތްﷲ އުފެއްދެވި ތަބީޢަތާ އެއް ގޮތަށް ދިރިއުޅުން ބައްޓަންކުރުމަށެވެ. އެއީ ޞިއްޙަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ:

]އަދި އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭ ވަގުތެއްކަމުގައި ލެއަވި ރަސްކަލާނގެއެވެ.[ (އަލްފުރްޤާން: 47)

މި އާޔަތުން ދޭހަވަނީ ވަގުތަކީ ވެސް އިލާހީ އިރުޝާދެއްގެ ބައެއްކަމެވެ.

ރޭގަނޑު 9:00އިން ފެށިގެން ދަންވަރު 3:00އާ ހަމައަށް މާޙައުލު ފިނިވެފައި ތެތްކަން ހުރެއެވެ. މިއީ އަރާމުކުރުމާއި، ހަށިގަނޑު އާރޯކުރުމަށް މާތްﷲ ކަނޑައަޅުއްވައިފައިވާ ވަގުތެވެ. މި ވަގުތުގައި ހަށިގަނޑުގެ ހޫނުމިން ހަށިގަނޑުގެ އެތެރެއަށް ޖަމާވެ، ހަށިގަނޑުގެ ހަތާތަކަށް ކާނާ ލިބި، ބަލިތަކުން ފަސޭހަވުމަށް ހަށިގަނޑު ތައްޔާރުވެއެވެ. ނަބިއްޔާ ޢިޝާ ނަމާދަށް ފަހު، ބޭކާރު ވާހަކަދެއްކުމުގައި ހޭލައި ތިބުމާ ނުރުހުންތެރިވެވަޑައިގަންނަވައެވެ. އަދި އަވަހަށް ނިދާ ބާރުއެޅުއްވިއެވެ. އެހެނީ މި ވަގުތުގައި ނުނިދައި ހޭލައި ހުރުމާއި ބަރު ކާތަކެތި ކެއުމަކީ ބަލިމަޑުކަމާއި، ހަޖަމުކުރުން ބަލިކަށިވުމާއި، ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ. މި ދެންނެވި ވަގުތުގެ އަރާމު ނިދީގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމާއި ރޫޙާނީ ބާރުވެރިކަން ލިބިދެއެވެ.

ފަތިހު 3:00އިން ހެނދުނު 9:00އާ ދެމެދު މާޙައުލަށް ހޫނުކަމާއި ތެތްކަން ވެރިވެއެވެ. ހަށިގަނޑުގެ ހޫނުމިން މަޑުމަޑުން މަތިވެ، ސިކުނޑި ތާޒާވެއެވެ. އިސްލާމްދީނުގައި މި ވަގުތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ: [އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! މިއަޅާގެ އުންމަތުގެ ހެނދުނުގެ ވަގުތުގައި ބަރަކާތް ލައްވާފާނދޭވެ!]

ފަތިސް ނަމާދަށް ހޭލުމާއި، ޒިކުރުކުރުމަކީ މި މޫސުމީ ބަދަލާ އެންމެ އެކަށީގެންވާ ކަންކަމެވެ. އިރުއަރާ ފަހުން ނިދުމަކީ ހަށިގަނޑު ބަރުވެ، ކަންނެތްވެ، ދުވަހުގެ ބަރަކާތް ގެއްލޭ ކަމެކެވެ.

ހެނދުނު 9:00އިން މެންދުރުފަހު 3:00އާ ހަމައަށް މާޙައުލު ހޫނުވެފައި ހިކިވެއެވެ. މިއީ ހަކަތަ އެންމެ ގަދަ، އަދި ހަޖަމުކުރުމުގެ ބާރު އެންމެ ވަރުގަދަ ވަގުތެވެ. ޙަލާލު މަސައްކަތްކޮށްއުޅުމަށް އިސްލާމްދީން މި ވަގުތުގައި ބާރުއަޅައެވެ. ޔޫނާނީ ބޭސްވެރިކަމުގައި ބޮޑެތި ކެއުންތައް ކާން އެންމެ ރަނގަޅު ވަގުތަކީ މިއީއެވެ. ނަމަވެސް، މާބޮޑަށް ހޫނުވުމާއި، ފެން މަދުވުމާއި، ކުޅިގަދަ ކާތަކެތި ކެއުމުން ހަށިގަނޑުގެ މީޒާން ގެއްލި، ރުޅިގަދަވުމާއި ވަރުބަލިކަން އިޙްސާސްކުރާންޖެހެއެވެ.

މެންދުރުފަހު 3:00އިން ރޭގަނޑު 9:00އާ ހަމައަށް މާޙައުލު މަޑުމަޑުން ފިނިވާން ފަށައެވެ. ހަށިގަނޑުގެ ހަރަކާތްތައް މަޑުޖެހި، އަރާމަށް ތައްޔާރުވެއެވެ. ހަޖަމުކުރުމުގެ ބާރު ދަށްވެ، ޖަޒުބާތީ ގޮތުން ނާޒުކުވެއެވެ. މި ވަގުތުގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމަށާއި، ޒިކުރުކުރުމަށާއި، ލުއިކޮށް ކާން އިސްލާމްދީން އިރުޝާދުދެއެވެ. ރޭގަނޑު މާ ގިނައިން ކެއުމަކީ ނިދި ގިނަވެ، ހަށިގަނޑު ބަލިކަށިކުރާ ކަމެއްކަމުގައި ނަބިއްޔާ އިންޒާރުދެއްވައިފައިވެއެވެ.

މި ޒަމާނުގެ ގިނަ ޞިއްޙީ މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ނުބައި ކާނާގެ ސަބަބުންނެއްނޫނެވެ؛ އެއީ ތަބީޢީ އަދި އިލާހީ ވަގުތުތަކަށް އިޙްތިރާމް ނުކުރުމުގެ ސަބަބެއްވެސްމެއެވެ. މާ ލަސްވަންދެން ހޭލައި ހުރުމާއި، ކެއުންބުއިމުގެ އުޞޫލެއް ނެތުމަކީ ހަށިގަނޑާއި ފުރާނައިގެ ހަމަޖެހުން ގެއްލުވައިލާ ކަމެކެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ: [ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. އަދި އިސްރާފު ނުކުރާށެވެ!] (އަލްއަޢުރާފް: 31)

ރާއްޖެފަދަ ތެތްކަން ބޮޑު ސަރަޙައްދުތަކުގައި މި ކަމަށް ސަމާލުވުން ވަރަށް މުހިންމެވެ. ނިދުމާއި، ކެއުމާއި، މަސައްކަތާއި، އަޅުކަން ދުވަހުގެ މި މޫސުމީ ބަދަލުތަކާ އެއް ގޮތަށް ބައްޓަންކުރުމަކީ ބަލިތަކުން ދިފާޢުވެ، ނަފުސާނީ ހަމަޖެހުން ލިބޭނެ ކަމެކެވެ.

އެންމެ މުހިންމު ކަމަކީ، ރޭގަނޑުގެ ފަހު ބައެވެ. އެއީ ހަމައެކަނި ހަމަހިމޭން ވަގުތެއް ނޫނެވެ؛ އެއީ ޚާލިޤުވަންތަ ރަސްކަލާނގެއާ ބައްދަލުކުރާ ވަގުތެވެ.

 

ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބައިގައި މާތްﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން، ދުޢާކުރާ މީހުންގެ ދުޢާ އިޖާބަކުރައްވައި، ފާފަ ފުއްސެވުމަށް އެދޭ މީހުންނަށް ފާފަ ފުއްސަވައިދެއްވާކަން ރަސޫލާ އުނގަންނައިދެއްވިއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ: [އަދި އެއުރެން ހާރުދަމުގައި  ފާފަ ފުއްސެވުމަށް އެދި ދުޢާކުރެއެވެ.] (އައްޛާރިޔާތު: 18)

ޔޫނާނީ ބޭސްވެރިކަމުގެ ނަޒަރުގައި މިއީ ހަށިގަނޑު އެންމެ ހަމަޖެހިފައިވާ ވަގުތެވެ. އިސްލާމީ ނަޒަރުގައި މިއީ، އަޅާ އޭނާގެ ވެރި ރަސްކަލާނގެއާ އެންމެ ކުއްތަންވާ ވަގުތެވެ. ދަމުނަމާދުކުރުމާއި، ޒިކުރުކުރުމަކީ ހަށިގަނޑާއި، ބުއްދިއާއި، ފުރާނަ އެއްގަލަކަށް އަރުވައިދޭ ކަމެކެވެ. މި ވަގުތުގެ ބޭނުންނުހިފާ މީހާއަށް ރޫޙާނީ މަތިވެރިކަމާއި ނަފުސާނީ ހަމަޖެހުން ގެއްލިގެންދެއެވެ.

އެހެންކަމުން، ދުވަހުގެ މޫސުމީ ބަދަލުތަކަކީ ހަމައެކަނި ޞިއްޙީ މަފުހޫމެއް ނޫނެވެ؛ އެއީ އިލާހީ ދަޢުވަތެކެވެ. ރޭގަނޑުން ދަސްކޮށްދެނީ ކިޔަމަންތެރިކަމެވެ. ފަތިހުން ދަސްކޮށްދެނީ އުންމީދެވެ. ދުވާލުން ދަސްކޮށްދެނީ މަސައްކަތެވެ. އަދި ހަވީރުން ދަސްކޮށްދެނީ ޝުކުރުވެރިވުމެވެ. މި ވަގުތުތަކާ އެއް ގޮތަށް ދިރިއުޅޭ މީހާގެ ޞިއްޙަތު ސަލާމަތްވެ، ދިރިއުޅުމުގައި ބަރަކާތްލައްވައި، މާތްﷲއާ އޮންނަ ގުޅުން ވަރުގަދަވެގެންދެއެވެ.

ރޭގަނޑުގެ ފަހުބަޔަކީ ހަމައެކަނި އަރާމުކުރާ ވަގުތެއް ނޫނެވެ. އެއީ އެނބުރި ދިއުމުގެ ވަގުތެވެ.

އަޅާ އެކަލާނގެއާ ކުއްތަންވުމަށް ގޮވައިލައްވާ ރަސްކަލާނގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވުމުގެ ވަގުތެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަތާ     ނ.   (1) ދިރޭއެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭ އެއްޗެހި އެ އެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކްރޯބް ފަދަ ސާދާ ދިރޭ އެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. (2) ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާ ގެ. (3) ތުނި ގައު ފޮތިފޮތި. (4) މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު. cell

ނުފޫޒު   ނ.   މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި މަގާމާއި ދަރަޖައާއި ހައިސިއްޔަތުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު.

މަރުޙަލާ  ނ.   (1) އިންސާނީ ޙަޔާތުގެ ފާހަގަކޮށްލެވޭ ދައުރުތަކުގެ ތެރެއިން ދައުރެއް. (2) ދަތުރެއްގެ ނުވަތަ މަސައްކަތެއްގެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރެއިން ބައެއް.

މަފުހޫމު  ނ.   (1) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.  concept

ފިޔަވަހި  ނ.   (1) މަޝްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަ ކުރެވޭފަދަ ބައިބައި. (2) ކުރެވޭ މަސައްކަތެއްގެ ތަފާތު ބައިތަކުގެ ތެރެއިން ބައެއް.  phase

ކޮމެންޓު