އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
6 ފެބްރުވަރީ 2026
ޚިޔާލީ ކުރެހުމެއް
މިޞްރުގައި ޤިބްޠީއަކާއި ޔަހޫދީއަކާ ދެމެދުގައި ހިނގި އަރައިރުމެއްގައި ޔަހޫދީ މީހާ މޫސާގެފާނުގެ ކިބައިން ވާގިވެރިކަމަށް އެދުނު ހިނދު މޫސާގެފާނު ޤިބްޠީ މީހާގެ މޭމަތީގައި އަތްޕުޅުން ބޮނޑިއެއް އެޅުއްވިއެވެ. އެ ޤިބްޠީމީހާ ވަގުތުން މަރުވިއެވެ. މޫސާގެފާނުގެ ވަރުފުޅުގަދަކަން އެނގިވަޑައިގަތީ އެ ހިސާބުންނެވެ.
މި މަންޒަރު އޭގެ އަނެއް ދުވަހު ވެސް ތަކުރާރުވިއެވެ. އެ ޔަހޫދީމީހާ މިޞްރުގެ އެހެން ޤިބްޠީއަކާ އެކު އަރާރުންގަނޑެއް ހިންގީއެވެ. މޫސާގެފާނަށް އެ ހިސާބަށް ވަޑައިގެންނެވުމުން ޔަހޫދީ މީހާ މުސާގެފާނުގެ އަރިހުން ވާތްގަށް އެދުނެވެ. މި ފަރުދާ ނިމެނީ އިއްޔެ ހިނގި ކަންތައްތައް ބޭޒާރުކޮށް މިޞްރުގެ ދައުލަތުގެ އަމްނާ ބެހޭ އިދާރާއަށް މަސްއަލަ ހުށައެޅުމުންނެވެ. މިޞްރު ސަރުކާރުން މޫސާގެފާނު ހިފައި ހައްޔަރުކުރުމުގެ މަސައްކަތް ފެށުމުންނެވެ. އެ ހިސާބުން މޫސާގެފާނު ފިއްލެވިއެވެ. ރައްކައުތެރިކަމާއި ހުޝިޔާރުކަން މަތީގައި ހުންނަވައިގެން ޙަރަކާތްތެރިވެވަޑައިގަންނަވާން ފެށްޓެވިއެވެ.
މޫސާގެފާނަށް ކުރެއްވުނު ޢަމަލަކީ ރަނގަޅު ޢަމަލެއް ނޫންކަން އިޙްސާސްކުރެއްވުނެވެ. ވަގުތުން މާތްﷲއަށް ތައުބާވެވަޑައިގެން އިސްތިޣުފާރުކުރެއްވިއެވެ. މާތް ﷲ މި ވާހަކަ ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ ﴿١٥﴾ قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ [1] - އަދި އެ ރަށުގެ أهل ވެރީން، غافلކަމުގައި ތިބި ތަންވަޅެއްގައި އެ ކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅައިފޮޅާ ދެމީހެކެވެ. އެ ތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ عدوّންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ عدوّންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެ ހިނދު موسىގެފާނު އޭނާގެ ގައިގައި މުށްކަވައިފައި ޖެއްސެވިއެވެ. ފަހެ (އެ ހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މި ކަންތައް މިވީ شيطانއާގެ عملގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطانއާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوةތެރިޔެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفسއަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މި އަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.))
މާތްﷲ އެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރެއްވިކަން އިޙުސާސްކުރެއްވުނު ހިނދު އެކަލޭގެފާނު މާތްﷲއަށް ކަށަވެތިވެވަޑައިގަތީ މުޖުރިމުންނާއެކުގައި ނޫޅުއްވުމަށެވެ. އެއީ މާތް ﷲ އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކަށް ވަފާތެރިވެވަޑައިގަތުމުގެ ގޮތުންނެވެ. އެކަލޭގެފާނު މާތްﷲއަށް ދެންނެވިއެވެ. ((قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ [2]- އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާޔަށް نعمة ދެއްވައިފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މި އަޅާ ނުވާހުށީމެވެ.))
މޫސާގެފާނުގެ މި ކަށަވެތިވެވަޑައިގަތުމަކީ މުޠުލަޤު ޢަހުދުކަށަވަރެކެވެ. މީގެ ފަހުން ދުވަހަކު ވެސް މުޖުރިމަކަށް އެހީތެރިވެވަޑައިނުގަންނަވާނެކަމަށް ވެވަޑައިގަތް ކަށަވެތިވެވަޑައިގަތުމެކެވެ. ކުށްކުރާ މީހުންނަށް ވާގިވެރިވެވަޑައިނުގަންނަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދެކެވެ. މިއީ ހުރިހައި ބާވަތެއްގެ ޖަރީމާތަކަކުން ބަރީއަވެވަޑައިގަތުމެކެވެ. އަނިޔާވެރިކަމާއި ހައްދުފަހަނަޅައި ދިޔުމުގެ ހިތިކަމާ އެކުގައި ވެސް މެއެވެ. ރުޅީގެ ތެރޭގައި ވެސް މެއެވެ. މިއީ އެކަލޭގެފާނުގެ ދުޢާފުޅު މާތް ﷲ ޤަބޫލުފުޅުކުރެއްވީތީއެވެ. އެއީ އެކަލޭގެފާނަށް މާތް ﷲ ދެއްވި ބާރާއި ޢިލްމާއި ޙިކްމަތުގެ ނިޢުމަތަށް ވަފާތެރިވެވަޑައިގަތުމުގެ ގޮތުން ކަށަވެތިވެވަޑައިގަތް ގަތުމެކެވެ. މޫސާގެފާނުގެ ވާހަކަ އައްސަވާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ ﴿١٨﴾ فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسَۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ ﴿١٩﴾ وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّٰصِحِينَ ﴿٢٠﴾ فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴿٢١﴾[3] - ފަހެ، އެކަލޭގެފާނު އެރަށުގައި ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކޮށްކޮށް ހުންނެވިއެވެ. ފަހެ، އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީ ދުވަހު އެހީއަށް އެދުނު މީހާ (އަނެއްކާ ވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށް އެދި ގޮވައިލިއެވެ. موسىގެފާނު އޭނާއަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ. (18) ފަހެ، އެ ދެމީހުންގެ عداوةތެރިޔަކުކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވި ހިނދު، އެމީހާ ބުންޏެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވި ފަދައިން، ތިމަން ވެސް މެރުއްވުމަށް ގަސްދުކުރައްވަނީތޯއެވެ؟ ބިމުގައި جبّارއަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި إصلاحކުރާ މީހުންގެ ތެރެއިން ވުމަކަށް ވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. (19) އަދި އެ ރަށުގެ އެންމެ ދުރު ފަރާތުން މީހަކު ދުވަމުން އައިސް ދެންނެވިއެވެ. އޭ موسىގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتلކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މި ރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحةތެރިވާ މީހުންގެ ތެރެއިންނެވެ. (20) ފަހެ، އެކަލޭގެފާނު ބިރުވެރި حالގައި (އަތުވެދާނެ ނުރައްކަލަކަށް) انتظارކުރައްވަމުން އެ ރަށުން ނުކުމެވަޑައިގެންނެވިއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މި އަޅާ ސަލާމަތްކުރައްވާނދޭވެ! ))
މޫސާގެފާނުގެ ޢަމަލުފުޅުތަކުން އެނގެނީ ސަނާކިޔައިގެން ވިޔަސް، އަތްތިލަބަޑިތަޅައިގެން ވިޔަސް، ބަހުން ވިޔަސް، ޢަމަލުން ވިޔަސް އަނިޔާވެރިކަމާއި އަނިޔާވެރީންނާ އެކުގައި ވުމަކީ އެ ކަމަށާއި އެ މީހުންނަށް ކުރެވޭ ތާއީދެކެވެ. އެއީ ބާޠިލު ފިކުރަކަށް ދެވޭ ހިތްވަރުދިނުމެކެވެ. ވަގުންނާއި އާންމު މުދާ ކާ މީހުން ވަންހަނާކުރުމާއި އެ މީހުންގެ މި ނުބައި ޖަރީމާތައް ފޮރުވައި އެ ކަންކަމުގައި މަތިޖެހުމަކީ އަދި އާންމު މިނިވަންކަމުގެ ނަމުގައި ޖަރީމާތަކާއި ނުބައި ޢަމަލުތައް ހިންގުމަކީ ޝަރުޢު ވެސް ޢުރުފު ވެސް އަދި ޤާނޫނު ވެސް ހުއްދަކުރާ ކަންތައްތަކެއްނޫނެވެ.
ބާޠިލާއި އަނިޔާވެރިކަމާއި ޖަރީމާތަކުގެ ސަފުގައި ހުއްޓިނުހުރުމަކީ ﷲގެ ނިޢުމަތަށް ޝުކުރުވެރިވުމެކެވެ. މި ކަންކަމަށް ތާއީދުކުރުމަކީ ﷲއަށް އުރެދުމެކެވެ. އެއީ ﷲގެ ނިޢުމަތަށް ހަރާންކޯރުވުމެކެވެ.
އަނިޔާވެރިކަން ދުރަށްލުމަށާއި ޢަދުލުއިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސީ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އިސްލާމީ އަސްލު އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަނީ އެކަލާނގެ މަތިވެރި ޒާތުފުޅަށް އަނިޔާވެރިކަން ޙަރާންކުރައްވައިފައެވެ. އެއީ އެކަލާނގެ އެކަލާނގެ އަޅުންނަށް ޙަރާންކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( يا عبادي إنِّي حرَّمتُ الظُّلمَ على نَفسي وجعلتُهُ بينَكم محرَّمًا فلا تَظالموا [4]- އޭ ތިމަންރަސްކަލާނގެ އަޅުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކލާނގެ ތިމަންރަސްކަލާނގެ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާންކުރެއްވީމުއެވެ. އަދި އެ ކަން ތިޔަބައިމީހުންގެ މެދުގައި ޙަރާން ކަމެއްކަމުގައި ލެއްވެވީމުއެވެ. ފަހެ ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ!)) އަނިޔާވެރިކަމާ ދުރުހެލިވެވޭނެ ގޮތް ބަޔާންކޮށްދެއްވައި ލޮބުވެތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((انصُر أخاكَ ظالِمًا أو مَظلومًا. قيلَ: يا رَسولَ اللهِ، هذا أنصُرُه مَظلومًا، فكَيفَ أنصُرُه إذا كانَ ظالِمًا؟ قال: تَحجُزُه تَمنَعُه؛ فإنَّ ذلك نَصرُه[5] - ތިބާގެ އަޚާ ޒާލިމުގެ ޙާލުގައްޔާއި މަޒުލޫމުގެ ޙާލުގައި އޭނާއަށް ވާގިވެރިވެ ނަޞްރުދޭށެވެ! ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! މަޒުލޫމު ޙާލުގައި އޭނާއަށް ނަޞްރުދޭން އެނގެއެވެ. އެހެނަސް އޭނާ ޒާލިމުގެ ޙާލަތުގައި ވާ އިރު އޭނާއަށް ނަޞްރުދޭނީ ކިހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިބާ އޭނާގެ އަނިޔާވެރިކަމަށް ހުރަސްއަޅާށެވެ! ނުވަތަ އެ ކަން މަނާކުރާށެވެ! ފަހެ ހަމަކަށަވަރުން އެއީ އޭނާއަށް ނަޞްރުދިނުމެވެ.))
މޫސާގެފާނުގެ ބަސްފުޅު ((رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ [6]- އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި އަޅާޔަށް نعمة ދެއްވައިފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މި އަޅާ ނުވާހުށީމެވެ.))އަކީ ކޮންމެ މުއުމިނަކަށް އޮތް މެސެޖެކެވެ. ދުވަހަކު ވެސް ބާޠިލުގެ ނުވަތަ އަނިޔާވެރިކަމުގެ ނުވަތަ ޖަރީމަތައް ހިންގައި އެ ކަންކަމަށް ވާގިވެރިވާ ފޭލިގެތަކުގެ މީހަކަށް އެއްވެސް މުއުމިނަކު ނުވުމަށް ގޮވައިލައްވައި ދެއްވައިފައިވާ އަގު ބޮޑު ނަސޭހަތެކެވެ. ކުރީން ވެސް ބަޔާންކުރި ފަދައިން އެ ފަދަ މީހުންނަށް ސަނާކިޔުމާއި މަތިވެރިކުރުމާއި އެ މީހުންނަށް ވާގިވެރިވުމާއި އެ މީހުން ޙިމާޔަތްކުރުމަކީ އެ މީހުންނަށް ވާގިވެރިވުމެކެވެ. އެ މީހުންނާ އެއްބައިވުމެކެވެ. އެ މީހުންނަށް ވެވޭ އެހީވުމެކެވެ. އެ މީހުން ގާތްތިމާގެ މީހުންކަމުގައި ވިޔަސް ރަޙުމަތްތެރީންކަމުގައި ވިޔަސް އެ މީހުންނަށް އެހީގެ އަތްދިއްކޮށްލައިގެން ނުވާނެއެވެ. ޙައްޤުކަން ބޮޑީ ޙައްޤަށް ތަބާވުމެވެ.
ބައެއް ލަފުޒުގެ މާނަ:
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ. victim
ސަނާ ނ. ތަޢުރީފު praise
ޒާލިމު ނ. އަނިޔާކުރާ ނުވަތަ އަނިޔާ ދޭ މީހާ
މަރުޖާ: