ad_banner
އުސްމާނީ ޚިލާފަތުގެ އެންމެ ފަހު ހުކުރުދުވަސް

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

7 ފެބްރުވަރީ 2026

ޚިޔާލީ ކުރެހުމެހ

އެއީ އުސްމާނީ ޚިލާފަތަށް އިރު އޮއްސުމުގެ ކުރީން އައި އެންމެ ފަހުގެ ހަވީރެވެ. އުސްމާނީ ޚިލާފަތުގެ އެންމެ ފަހު ހުކުރު ދުވަހުގެ ހުކުރު ޚުޠުބާ ދެއްވީ، 1922 ނޮވެންބަރު 10ވަނަ ދުވަހުއެވެ. އޭގެ ފަހުން ވެސް، 1924 ފެބުރުވަރީ 29ވަނަ ދުވަހާ ހަމައަށް، އާދަކާދައިގެ މަތީން، ހުކުރު ދުވަހުގެ އެ އިޙުތިފާލު ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ފަހުން އެއީ، އުސްމާނީ ޚިލާފަތުގެ ނަމުގައި ފާހަގަކުރެވުނު އިޙުތިފާލުތަކެއް ނޫނެވެ. ތުރުކީގެ ގްރޭންޑް ނެޝެނަލް އެސެމްބްލީއިން އުސްމާނީ ޚިލާފަތު އުވައިލީ 1922 ނޮވެންބަރު ފުރަތަމަ ދުވަހުއެވެ.

އުސްމާނީ ޚިލާފަތުގެ އެންމެ ފަހުގެ ހުކުރު ދުވަހުގެ ޚުޠުބާ ދެއްވީ، އެންމެ ފަހުގެ އުސްމާނީ ސުލްޠާން މުޙައްމަދު ވަޙީދުއްދީން (ހަވަނަ)އެވެ. އޭނާ، އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އިސްތަންބޫލްގެ ޙަމީދިއްޔާ މިސްކިތުގައެވެ. ދީނީ، އަދި ރަމުޒީ ސިޔާސީ ޙަރަކާތެއްކަމަށްވާ، ހުކުރު ދުވަހުގެ އެންމެ ފަހުގެ ބޮޑު ޖަމާޢަތް ބާއްވައިފައި ވަނީ އެ ދުވަހުއެވެ. މިސްކިތުގައި ދޭ ރަސްމީ ދަރުހެއްކަމަށްވާ ޚުތުބާއަކީ ވެސް އުސްމާނީ ޚިލާފަތުގައި 480 އަހަރު ވަންދެން، އާންމު ދިރިއުޅުމުގެ ބަޔެއްގެ ގޮތުގައި ދެމި އޮތް ދީނީ ސަޤާފަތެކެވެ. ކުލަގަދަ ރަސްމިއްޔާތަކާ އެކު ކުރިއަށް ގެންދެވުނު، އެ އިޙުތިފާލަކީ 1453ވަނަ އަހަރު އިސްތަންބޫލު ފަތަޙަކުރެވުނު ދުވަހުން ފެށިގެން، އުސްމާނީ ޚިލާފަތު އުވައިލުމާއި ހަމައަށް މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވާ ޙަރަކާތެކެވެ.

އިސްތަންބޫލުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ދުވަހުގެ ހުކުރު ޚުޠުބާ ނިންމަވައިލައްވާފައި، މުޙައްމަދު (ހަވަނަ) ކުޑައިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އެއަށް ފަހު، ވިދާޅުވީ އެންމެ ޖުމްލައެކެވެ.

[މިއަދުން ފެށިގެން ޚިލާފަތުގެ ނަމުގައި ދެން ޚުޠުބާއެއް ނުދެވޭނެއެވެ.] ހުކުރުނަމާދަށް މިސްކިތަށް ޖަމާވެފައިވާ މީހުންގެ ތެރެއަށް ވަރަށް ފުން ހިމޭންކަމެއް ވެރިވެގެންދިޔައެވެ. އެއަށް ފަހު ޖަމާޢަތަށް ހާޒިރުވެ ތިބި ބައެއް މީހުންގެ ރުއިމާއި، ގިސްލުމުގެ އަޑުން މިސްކިތުގެ ހަމަހިމޭންކަން ނަގައިލިއެވެ. ބައެއް މީހުން ތިބީ ބުނާނެ އެއްޗެއް ނޭނގި ހާސްވެ ކަންބޮޑުވެފައެވެ.

އެ ދުވަހުގެ އިރު އޮއްސުމާ އެކު، ހަ ޤަރުނު ވަންދެން މުސްލިމުންގެ މަތިވެރިކަމުގެ ރަމްޒެއްގެ ގޮތުގައި އޮތް، އުސްމާނީ ޚިލާފަތަށް ވެސް އިރުއޮއްސުނެވެ. އެއްވެސް ބަޑިއެއް ނުޖަހައެވެ. އަދި އެއްވެސް ހަނގުރާމައެއް ނުހިނގައެވެ. ހަމަ އިސްލާމީ އުންމަތުގެ އެތެރޭގައި، ހުޅަނގުގެ މުނާފިޤު ހިޔަޅުން، ކަންބަޅީގެ ކެހެރީގައި އައިސް އުފެއްދި ޤައުމިއްޔަތުގެ ފިކުރާއި، ދާޚިލީ ފިތުނައާއި، އަރައިރުމުގެ ތެރޭގައި، މަޑުމަޑުން ހީނަރުވެ ބަލިކަށިވަމުން ގޮސް، އެންމެ ފަހުން ދުނިޔޭގެ ކުރިމަތީގައި އިސްލާމީ ޚިލާފަތުގެ ބިންގާ ފުނޑުފުނޑުވެ، ވަޔަށް ބުރައިގެން ދިޔައީއެވެ.

އަދި، އޭގެ ހަފުތާއެއް ފަހުން، 1922 ނޮވެންބަރު 17ގައި، އިނގިރޭސި ހަނގުރާމަ މަނަވަރެއްގައި މުޙައްމަދު (ހަވަނަ) ވަނީ އިސްތަންބޫލުން ފުރާވަޑައިގެންނެވިއެވެ. އެއާ އެކު، އުސްމާނީ ޚިލާފަތުގެ ވެރިކަން ނިމުމަކަށް އައެވެ.

އެ ނުބައި ފިތުނައިން އަދިވެސް އަރައެއްނުގަނެވެއެވެ. އަދި އޭގެ ފަހުން އިސްލާމީ އުންމަތުގެ މައްޗަށް އޮތީ ހުޅަނގުގެ އިސްތިޢުމާރީންގެ ބާރެވެ. އަދިވެސް އިސްލާމީ އުންމަތަށް މި ކަންކަމުން ފިލާވަޅެއް ލިބުނުހެނެއް ހިއެއްނުވެއެވެ؟

އުންމަތްތައް ހަލާކުވެ ފަނާވެގެންދަނީ ހަމައެކަނި ދުޝްމަނުންގެ ޙަމަލާތަކުގެ ޝިކާރައަކަށް ވެގެންނެއް ނޫނެވެ. އެކަމަކު، އުންމަތުގެ ފަރުދުންގެ ޖާހިލުކަމާއި، ޚިޔާލު ތަފާތުވުންތަކާއި، ބައިބައިވުމާއި، އުންމަތުގެ ތާރީޚަށް އިހުމާލުވުމުން ވެސް އުންމަތްތައް ހަލާކުވެގެންދެއެވެ. އުންމަތުގެ ދަރީންނަށް، އުންމަތުގެ ތާރީޚު ދަސްކޮށް ނުދެވިއްޖެ ނަމަ، ތަކުރާރުވާނެ، ހުރިހައި ކަމެއް، އިސްލާމީ އުންމަތުގައި، މިއަދު އެދަނީ ތަކުރާރުވަމުންނެވެ.

ގައުމެއްގެ ހައިސިއްޔަތުން ގައުމުތަކަށް ވެސް އެ ގޮތް ދިމާވާނެއެވެ. އަޅުގަނޑުމެންގެ ގައުމިއްޔަތު ފުނޑުފުނޑުވެ، ދވެހިއްޔަތާއި ދިވެހިވަންތަކަމަށް ދިވެހީންގެ ހިތުގައި އޮންނަ ލޯބި ކެނޑިގެން މި ދަނީ އަޅުގަނޑުމެންގެ ތޫނުފިލިކަމާއި ވިސްނުމުގެ ފުންކަމުގެ އަސްލުކަމުގައިވާ ދިވެހިބަހާ މެދު މި ޖީލަށް އިހުމާލުވެވޭތީއްޔޭ އަޅުގަނޑު ދަންނަވަނއިފި ނަމަ، ތިޔަ ބޭފުޅުން ދެކޮޅުހެއްދެވިޔަސް ހަގީގަތަކީ އެއީއެވެ.

ކޮމެންޓު