ad_banner
ތަޢުލީމުދިނުމުގެ ބޭނުން އެ ކަމުގެ މަސްލަހަތުވެރީންނަށް އެނގެނީ ކިހައި ވަރަކަށް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

8 ފެބްރުވަރީ 2026

ސާނަވީ އިމްތިހާނު ހަދާން ތިބި ދަރިވަރުންތަކެއް ދައްކުވައިދޭ އަތުކުރެހުމެއް

ދިވެހިރާއްޖެއަކީ އެންމެ ބޮޑަށް ތަޢުލީމަށް ޚަރަދުކުރާ އެއް ގައުމަށް ވާނެއެވެ. މި ހިނގާ 2026ވަނަ އަހަރަށް 64 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅައި އޭގެ ތެރެއިން 5655.1 މިލިއަން ރުފިޔާ ތަޢުލީމަށް ޚަރަދުކުރައްވާން ކަނޑައަޅުއްވައިފައިކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ ބަޖެޓުގެ ހަމަ ބޮޑު އިންސައްތައެކެވެ. މީގެ އިތުރަށް ބެލެނިވެރީން ދަރިވަރުންނަށް ކުރާ ޚަރަދު އަންދާޒާކޮށްލާކަށް ވެސް ނޭނގެއެވެ.

މި ހުރިހައި ޚަރަދެއް ކޮށްގެން އަޅުގަނޑުމެންނަށް ދިވެހި ގައުމުގެ ދަރީންނަށް އަޅުގަނޑުމެން ބޭނުންވާ ތައުލީމު އެބަދެވޭތޯއެވެ؟ މިއީ އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލެކެވެ. މި ސުވާލު އުފެދެނީ ތަޢުލީމުގެ ބޭނުމާއި މަގުސަދު ގިނަ މީހުން މިހާރު ހަނދާންނެތިފައިވާ ހެން ހީވާތީއެވެ. ތައުލީމުގެ މަގުސަދެއްކަމަށް ގިނަ މީހުން ބަލަނީ އެއީ އާމްދަނީ ހޯދާ ވަސީލަތެއްކަމަށެވެ. މި ހެން ވިސްނާ ނަމަ . . . މިއީ ކުށް ހީއެކެވެ. ފައިސާވެރިވެ ކުރިއަރައިގެން ގޮސްފައިވަނީ އެންމެ މޮޅު މީހުންނެއް ނޫނެވެ. މަތީ މަގާމުތައް ލިބެނީކީ ވެސް ކޮންމެހެން އެންމެ ބޮޑަށް ތަޢުލީމު ޙާޞިލުކޮށްގެން ތިބޭ މީހުންނަކަށް ނޫނެވެ. މި ގޮތަށް ވިސްނާ ނަމަ، ތަޢުލީމުދިނުމުގެ ބޭނުމެއް ނެތްތާއެވެ!!

ދެން . . . މިއަދު ތަޢުލީމީ ގޮތުން އެންމެ މަތީ މީހުންކަމަށް ބަލަނީ ނިޒާމީ ތަޢުލީމުގެ މަރުޙަލާގައި ގިނަ އޭ ހޯދައި މަތީތަޢުލީމުގައި ގިނަ ޑިގުރީ ހޯދާ މީހުންނެވެ. ހިތުގެ އަޑީން ގަބޫލުކުރަމެވެ. އެއީ ތަޢުލީމީ ފެންވަރު މިންކުރާން މިއަދު ކޮންމެހެން ބޭނުން ކަރުދާސްތަކެކެވެ. ނަމަވެސް އެ ކަރުދާސްތަކުން އެ ރަމްޒުކޮށްދޭ ފެންވަރު އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ގައިގައި ހުންނާން ޖެހޭނެއެވެ. މި ކަމަށް ބާރުއެޅެނީ ކިހައި މިންވަރަކަށްތޯ ސުވާލު އުފެދޭ ފަދަ ކަންކަން ބައެއް ފަހަރު އެބަ ފެންމަތިވެއެވެ.

ގުރޭޑު 8އިން ފެށިގެން އިމްތިޙާނު ކަރުދާސްތައް މުރާޖަޢާކޮށް ހަމައެކަނި އިމްތިޙާނުގައި [އޭ] ހޯދާން ބާރުއަޅާކަން ދޭހަވާ ގޮތަށް ވާހަކަ އެބަދެކެވެއެވެ. ދާދި ފަހުން މި ފަދަ ޚަބަރެއް ރާއްޖޭގެ މަޝްހޫރު ނޫހަކުން ދުށީމެވެ. އެއީ ދިވެހިބަހުގެ އިމްތިޙާނު ކަރުދާހުގައި އެހެން ލިޔުމަކާ ޙަވާލާ ދީގެން ސިޓީއެއް ލިޔާން އޮވެގެން އޮޅުންއެރިކަމަށް އޮތް ޚަބަރެކެވެ. ނޫހުގައި ލިޔުއްވައިފައިވާ ލިޔުންތެރިއާއާއި އެ ލިޔުމުގައި ޙަވާލާދެއްވި ދަރިވަރުންނާއި މުދައްރިސުން ވެސް އެ އިމްތިހާނުކަރުދާސް ވަރަށް ބޮޑަށް ގޯސްކޮށް ވާހަދެއްކިކަމަށް އެ ނޫހުގައި އޮތް ލިޔުމުން ދޭހަވިއެވެ. އަދި އެ ދަރިވަރުން އިމްތިޙާނަށް ތައްޔާރުވުމަށް ޓަކައި މުޠާލިޢާކޮށް ފަރިތަކޮށްފައިވަނީ، އަދި އެ މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދީފައިވަނީ، ހަމައެކަނި ފަސް އަހަރުގެ އިމްތިޙާނު ކަރުދާސްތައްކަން އެ ވާހަކަތަކުން ދޭހަވިއެވެ.  

އަޅުގަނޑަކީ ވެސް ތިން ދަހަރެއް ހައި ދުވަހު އެ ދާއިރާގައި ހަރަކާތްތެރިވި މީހަކަށްވާތީ އެ ޚަބަރު ކިޔައިލެވުނީމާ ވަރަށް ދެރަވިއެވެ. ދެރަވީ ކުދީން ކުރިކަމަށް ނޫހުގައި ހުރި ކޮމެންޓުގައި ކިޔައިފައެއް ނޫނެވެ. ދެރަވީ މުދައްރިސަކު ކުރެއްވިކަމަށް އޮތް ކޮމެންޓެއް ކިޔައިލެވުނީމައެވެ.

ދިވެހިބަހުން ލިޔާ ރަސްމީ ސިޓީގައި އެންމެ ގިނައިން ލިޔާން ޖެހޭނީ ކޮންމެވެސް ލިޔުމަކާ ޙަވާލާދީފައެވެ. ސިޓީއެއްގެ ޖަބާވުގައި ނުވަތަ ސިޓީއަކާ ގުޅޭ ގޮތުންނެވެ. ނުވަތަ އެ ނޫނަސް ކޮންމެވެސް ލިޔުމަކާ ޙަވާލާދީފައެވެ. ޙަވާލާދިނުމަކީ ހަމަ އެންމެ ޕެރެގުރާފެއްގައި އެންމެ ޖުމުލައަކުން ކުރާ ކަމެކެވެ. ދިވެހިބަހުން ސިޓީ ލިޔާން ދަސްކޮށްދޭ އިރު، މި ކަން ދަސްކޮށްނުދެވި އޮތުމަކީ އިމްތިޙާނު ކަރުދާސް ކުށްވެރިކުރާންޖެހޭ ކަމެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނެވެ. އަދި ވޭތުވެ ދިޔަ ކިތަންމެ އަހަރެއްގައި ދަރިވަރުން ހެދި އިމްތިޙާނުތަކުގެ އިމްތިޙާނު ކަރުދާހުގައި އެ ވައްތަރުގެ ސިޓީއެއް ނެތުމަކީ ދަރިވަރުންނަށް ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުން، ސިޓީބިޓީ ލިޔުމުގެ ހަމަތަކާއި އުޞޫލުތަކާއި ގަވާއިދުތަކާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިނުދޭން އޮތް ބަހަނާއެއްކަމަކަށް އަޅުގަނޑަކަށް ހަމަ ނުވިސްނުނެވެ.

އިމްތިޙާނު ކަރުދާސް ގޯސްކޮށް [ތަޖުރިބާކާރު] ޓީޗަރަކު ވިދާޅުވިކަމަށް ނޫހުގައި ސާފުކޮށް ލިޔެފައި އޮތީ [ދަރިވަރުން އިމްތިހާނަށް ތައްޔާރުވަނީ ޕާސްޕޭޕަރު ހަދައިގެން]ކަމަށެވެ. މިއީ ތެދެއްކަމަށްވާ ނަމަ، މިހާރު ދަރިވަރުންނަށް ތަޢުލީމު މި ދެވެނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށް ދިރިއުޅުމުގެ މައިދާނުގައި ދަރިވަރުން ޙަރަކާތްތެރިވާން ބޭނުންވާ ޢިލްމާއި މަޢުލޫމާތާއި ހުނަރު ދަރިވަރުންނަށް ލިބިދޭން ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. ހަމައެކަނި ދަރިވަރުން މުޠާލިޢާކުރާ، ފަސް އަހަރުގެ އިމްތިޙާނު ކަރުދާސްތަކުގައި ހުންނަ ސުވާލުތަކުގެ ޖަވާބުދޭން އެކަނި ދަރިވަރުން ތައްޔާރުކުރާ ނަމަ، ދަރިވަރުން އެ ތައްޔާރުކޮށްދެވނީ ޢަމަލީ މައިދާނުގައި ޤާބިލުކަމާ އެކު ޙަރަކާތްތެރިވާން ނޫންކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ ތަޢުލީމަށް ހަދާ މަކަރެކޭ މީހަކު ބުނެފި ނަމަ، އެ ކަމާ ދެކޮޅު ހަދާނީ ފަހެ ކިހިނެއްތޯއެވެ؟

އިމްތިޙާނުދޭނީ ދަރިވަރުން ކިޔަވާ އެއްޗެއްގެ ވަރަށް މަދު މިނަވަރަކުންނެވެ. 10 އަހަރު ދުވަހު ދަރިވަރުން ކިޔެވި ހުރިހައި ބައިތަކަކުން ހުރިހައި މައުލޫމާތެއް އިމްތިޙާނު ކަރުދާހަކު ނުހިމެނޭނެއެވެ. ނަމަވެސް އެ ދަރިވަރު ހުންނާންވާނީ އޭނާ ފުރިހަމަކުރި މަންހަޖުގައި އެ މާއްދާއެއްގެ މުގައްރަރުގައި ހިމެނޭ ކޮންމެ ބަޔަކުން ސުވާލުކުރިޔަސް އެކަށީގެންވާ މިނަވަރަކަށް ޖަވާބުދެވޭ ވަރަށް ތައްޔާރުކުރެވިފައެވެ. މި ގޮތަށް ތައްޔާރުކުރެވޭ ދަރިވަރަކަށް ކޮންމެ ކަހަލަ ސުވާލެއް ވެސް މުގައްރަރުގެ ތެރެއިން ކުރެވިއްޖެ ނަމަ، ހަމަ ގައިމު ވެސް ގިނަ ސުވާލުތަކަށް ޖަވާބުދޭން އެނގޭނެއެވެ. އެހެން ނޫން ނަމަ، ތަޢުލީމީ މައިދާން ދޫކޮށް މުޖުތަމަޢުގެ ޢަމަލީ މައިދާނަށް ނުކުންނަ އިރު، ކުރާންޖެހޭ ކަންކަން ކުރާކަށް އެ ކުދީން ހުނަރުވެރިއެއް ނުވާނެއެވެ.

އަޅުގަނޑު މި ޙަވާލާދިން ލިޔުން އެ ނޫހުގައި ލިޔުއްވި ލިޔުންތެރިޔާ ވެސް ތާއީދުކުރާއްވާކަމަށް ދޭހަވީ [ޓެސްޓުޕޭޕަރު] ކިޔަވައިދޭންކަމަށް ދޭހަވިއެވެ. މައްސަލައެއް ނެތެވެ. ދަރިވަރުން ލައްވައި ކުރީގެ އިމްތިޙާނު ކަރުދާސް ވެސް މުޠާލިޢާކުރުވައި އިމްތިޙާނަށް ތައްޔާރުކުރާންވީއެވެ. ނަމަވެސް އެއީ [ޓެސްޓުޕޭޕަރު] ކިޔަވައިދޭންކަމަށް ހަދައިގެންނެއް ނުވާނެއެވެ. އެއީ އިމްތިޙާނު ކަރުދާސްތައް ހުންނަ އުސްލޫބާއި އޭގެ ވައްޓަފާޅިއަށް ދަރިވަރުން އަހުލުވެރިކޮށް އިމްތިޙާނު ހެދުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބޭނުންތެރި ކަމަކަށް އެ ކަން ވެދާނެއެވެ. ނަމަވެސް ދަރިވަރުންނަށް ހަމައެކަނި އެނގޭންވާނީ އިމްތިޙާނުގައި ހުންނަ ސުވާލުތަކުގައި އެ ބުނާ މަޢުލޫމާތެއް އެކަންޏެއް ނޫނެވެ. އެ މަންހަޖެއްގެ އެ މާއްދާއެއްގެ މުޤައްރަރުގައި ދަރިވަރުން ޙާޞިލުކުރާން ކަނޑައަޅައިފައިވާ ހުރިހައި މަޢުލޫމާތަކާއި ހުނަރެއް ދަރިވަރުންނަށް ލިބިދެވިފައިވާކަން ކަށަވަރުކުރުމަކީ މުދައްރިސުންނާއި އިސްކޫލުގެ ހިންގުންތެރީންނާއި ބެލެނިވެރީންގެ ވެސް މަސްއޫލިއްޔަތަކަށް ހަދާން އެބަ ޖެހެއެވެ.

އިސްވެ ދެންނެވުނު ގޮތަށް ދަރިވަރުން ޢަމަލީ މައިދާނަށް ތައްޔާރު ނުކޮށް ހަމައެކަނި ޓެސްޓުޕޭޕަރު ކިޔަވައިދީގެން [އޭ] ހޯދިޔަސް . . . އެ ކުއްޖަކު ދައުލަތުގެ އޮފީހެއްގައި ވަޒީފާ އަދާކުރާން ދިމާވުމުން [މިވެނި ސިޓީއަކާ ޙަވާލާދީ މިވެނި ވާހަކައެއް ބަޔާންކޮށް ސިޓީއެއް ލިޔާށޭ ބުނާ ދަނޑިވަޅެއްގައި [އަޅުގަނޑަށް ޙަވާލާދީގެން ސިޓީ ލިޔާކަށް ނޭނގެޔޭ] ބުނާން ޖެހިއްޖެ ނަމަ، އެ ހޯދި [އޭ]ގެ އަގަކީ ކޮބައިތޯއެވެ؟

ތަޢުލީމުދިނުމުގެ މައިގަނޑު މަގުސަދަކަށްވާން ޖެހޭނީ ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ޠަބީޢަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ވިސްނުމުގެ ރޮނގުންނާއި ޢިލްމީ ރޮނގުންނާއި، ޖިސްމާނީ ގޮތުންނާއި، ރޫޙާނީ ގޮތުން ކުރިއަށް ގެންގޮސްދިނުމެވެ. އެއީ ރަނގަޅު ސިފަތައް އަށަގެންފައިވާ ހުނަރުވެރި، ޤައުމަށް ބޭނުން ހިފޭ ހަރުދަނާ ޖީލެއް ބިނާކުރުމަށް ޓަކައެވެ. ތަޢުލީމުގެ ނިޒާމު ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ ދަރިވަރުންގެ ވިސްނުމާއި، ހުނަރުތައް ކުރިއަރުވައި އެ ކުދިންގެ ޢަޤީދާ ވަރުގަދަކޮށްދެވިފައިވާން ޖެހޭނެއެވެ. އެކުވެރިކަމާ އެކު، އެކަކު އަނެކަކަށް އިޙުތިރާމުކޮށް މުޖުތަމަޢުގައި އުޅޭން ދަސްކޮށް ދޭންޖެހޭނެއެވެ. އަދި ހަމައެއާ އެކު ރީތި އާދަކާދައާއި އަދަބުވެރިކަމާއި ސަގާފަތް، އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދޭންޖެހޭނެއެވެ. ދިވެހިބަހަކީ [ބަޔާންކޮށްދެވި] ބަހަކަށްވާތީ ދިވެހި ކާބަފައިންގެ ހުނަރުވެރިކަމާއި ކުޅަދާންކަން އެ ހައި މަތީ މިންވަރަކަށް ހުރީ ދިވެހިބަހުގެ ސަބަބުންކަން ދަރިވަރުންނަށް އަންގައިދެވޭން ޖެހެއެވެ. ދިވެހިބަހުގެ މި ދެންނެވި މުހިންމު ސިފަ ގިނަ މީހުންނަކަށް ނުވިސްނެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތަޢުލީމުދިނުމުގެ ބޭނުމަކީ އިސްވެ މި ދެންނެވީއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ތަޢުލީ މަންހަޖުގެ ގައުމީ ފަލްސަފާއަކީ ވެސް މި ކަންކަމެވެ.

ވީމާ، ޙަވާލާދޭ ސިޓީއެއް ލިޔާން އިމްތިޙާނު ކަރުދާހުގައި އޮވެގެން ދަރިވަރުންނަށް އިމްތިޙާނު ހަދާން އުނދަގޫވާ ވާހަކަ ބަޔަކު، ޚާއްޞަކޮށް މުދައްރިސުން، ދައްކާ ނަމަ، އަޅުގަނޑަށް ވިސްނެނީ އެއީ ލަދުވެތި ވާހަކައެއްކަމަށެވެ. ދަރިވަރުންނަށް އިމްތިޙާނުޕޭޕަރު ކިޔަވައިދިނުމުގެ ބަދަލުގައި އިމްތިޙާނު ކަރުދާސް ދަރިވަރުންނަށްދީ އެ ކަމަށް ފަރިތަކުރުވަނީ އިމްތިޙާނު ކަރުދާސް ހުންނަ ގޮތަށް ދަރިވަރުން އަހުލުވެރިކުރުވާންކަން ދަންނާންޖެހޭނެއެވެ. އަދި އިމްތިޙާނު ކަރުދާހުގައި ހުންނަ މަދު ސުވާލުތަކުގެ މަޢުލޫމާތު ދިނުމުގެ ބަދަލުގައި މުޤައްރަރުގައި ކަނޑައަޅައިފައިވާ ހުރިހައި މަޢުލޫމާތަކާއި ހުނަރެއް ދަރިވަރުންނަށް ލިބިދެވޭތޯ މަސައްކަތްކުރާންޖެހޭނެއެވެ. އޭރުން ޙަވާލާދޭ ސިޓީއެއް އިމްތިޙާނު ކަރުދާހުގައި އޮވެގެން ނުވަތަ ނޯވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ތަޢުލީމުދިނުމަކީ އިމްތިޙާނަށް ޓަކައި ކުރާ ކަމެއްގެ ބަދަލުގައި އެއީ ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ޤާބިލު، ހުނަރުވެރި، އަޚުލާޤު ރަނގަޅު އިންސާނުންތަކެއް ނެރެ، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި ކުރާ ކަމެއްކަން މި ކަމުގައި ޝާމިލުވާ އެންމެން ގަބޫލުކުރާން އެބަ ޖެހެއެވެ. އެހެން ނޫން ނަމަ، މި ހައި ބޮޑު ޚަރަދެއްކޮށްގެން ތަޢުލީމުދިނުމުގެ މަގުސަދެއް ހާޞިލެއްނުވާނެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަރުދަނާ     ނއ.   (1) ރަނގަޅު އުސޫލެއްގައި ސާބިތުވެހުންނަ. (2) އުޅުމުގެ ގަވާއިދުތައް ރަނގަޅު.

ހުނަރު      ނ.    (1) ތަމުރީނު ނުވަތަ ތަޖުރިބާ ލިބިގެން ކަމެއް މޮޅަށް ކުރުމުގެ ގާބިލުކަން. skill  (2) ކަމެއް މޮޅަށް ކުރުމަށް ލިބިފައިވާ ޠަބަޢީ ގާބިލުކަން. talent (3) ވަކި ކަމެއް މޮޅަށް ކުރުމުގެ ފަންނު. (4) ކަންތައް ކުރުމުގެ ފާޑު.

ނަޒަރު      ނ.    (1) ފެންނަ ފެނުން. (2) ވިސްނޭ ވިސްނުން.

ކޮމެންޓު     ނ.    ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން.coment

މަންހަޖު     ނ.    އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް. curriculum

މައިދާން     ނ.    ވަކި ޚާއްޞަ ރޮނގެއް. (2) ޚާއްޞަ ކަންކަމަށް ޓަކައި މީހުން ނުކުމެ ތިބޭ ތަން. (3) ހާމަޔަށް އޮންނަ ތަނަވަސް ބިން.

މުގައްރަރު    ނ.    ތަޢުލީމީ ގޮތުން ވަކި މަގުސަދެއް ނުވަތަ މަގުސަދުތަކެއް ޙާޞިލުކުރުމަށް ޓަކައި ބަޔަކަށް ފޯރުކޮށްދޭން ކަނޑައަޅައި ތަރުތީބުކޮށްފައިވާ މަޢުލޫމާތާއި ހުނަރާއި ސިފަތަކާއި އޭގެ މިންވަރު. syllabus

ފަލްސަފާ    ނ.    (1) އަމިއްލަ ސިކުނޑީން ވިސްނައިގެން ހޯދާ ރަނގަޅު ގޮތްތަކާ އުޞޫލުތައް. (2) ކަންކަން ހިނގާ ގޮތާ މެދު، ވިސްނައި އެ ކަންކަމުން ޢިބްރަތާއި ޙިކުމަތް ލިބިގަތުގެ ޢިލްމު. philosophy

ދަހަރު      ނ.    ދިހަ އަހަރު. decade

ތަބީއަތު      ނ.    އުފެދުމުގައި ހުރި ގޮތް. nature

ސަގާފަތް    ނ.   އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބަޔެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހައި ކަމަކާ ގުޅިފައިވާ އާދަކާދަ. culture

ޖީލު       ނ.    (1) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (2) އެއް ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް.     generation

ކޮމެންޓު