ad_banner
ޤިބްލަ ބަދަލުކުރެއްވުން: ﷲގެ އަމުރުފުޅާ އެއް ގޮތަށް މުސްލިމުން ދައުރުކުރުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

9 ފެބްރުވަރީ 2026

ޤިބުލަ ބަދަލުކުރެއްވުން

އިންސާނާއަށް ބޭނުންވާ ކަންތައްތަކަކީ ޒަމާނާއި ތަނާއި އަދިކިއެއްތޯ، ޢުމުރާ ވެސް ގުޅޭ ގޮތުން ބަދަލު އަންނަމުންދާ ކަންތައްތަކެކެވެ. އިއްޔެއަށް މުނާސަބު އެއްޗެއް މިއަދަށް މުނާސަބުނުވެދާނެއެވެ. މިއަދަށް މުނާސަބު އެއްޗެއް މާދަމާއަށް އެކަށީގެންނުވާ އެއްޗަކަށް ވެދާނެއެވެ. އިންސާނާއަށް ކުޑައިރު މުނާސަބުވި އެއްޗެއް އޭނާ ބޮޑުވުމުން މުނާސަބުނުވެ ހިނގައިދާނެއެވެ. މި ބަދަލުވުންތައް ދައުރުވަމުންދާނީ އާންމު ގިއުގަނޑުގެ ތެރޭގައެވެ. މުޖުތަމަޢުގެ ޒައުގާއި ރަހަތަކުގެ ތެރޭގައެވެ. ދީނާއި ސަޤާފަތުގެ އިމުގެ ތެރޭގައެވެ.

ކާބޯތަކެއްޗާއި ފޭރާމާއި ބޯހިޔާވަހިކަމަކީ އިންސާނާއަށް ބޭނުންވާ އެއްޗެހިތަކެކެވެ. އޭނާ މި ބިންމަތީގައި ލެއްވި ދުވަހުން ފަށައިގެން ޤިޔާމަތްދުވަހާ ހަމައަށް މި ތަކެއްޗަށް އޭނާ ބޭނުންވާނެއެވެ. އެހެނަސް އިންސާނާ ބޭނުންވާ މި ބާވަތުގެ އެއްޗެހީގެ ބާވަތް ޒަމާނާ އެކު ބަދަލުވަމުންދާނެއެވެ. ޒަމާނާއި ތަނާ އެކު އަދިކިއެއްހެއްޔެވެ؟ އޭނާގެ ޢުމުރާ އެކުގައި މި ތަކެތީގެ ބާވަތަށް ބަދަލު އަންނަމުންދާނެތެވެ.

ޢަޤީދާގެ އެއް ގޮތްކަމާއި ޝަރީޢަތް ތަފާތުވުން

ދީނުގެ ކަންކަމަށް ބަލާ އިރުގައި ވެސް އޮތީ ހަމަ މި އުޞޫލެވެ. އާދަމުގެފާނުން ފެށިގެން ކައު ނަބިއްޔާ rގެ ރިސާލަތާ ހަމައަށް އައި އިރުގައި ވެސް ބަދަލުނުވާ ކަންތައްތަކެއް ވެއެވެ. ހުރިހައި ރަސޫލުބޭކަލުން ވެސް ﷲގެ އެއްކައުވަންތަކަމަށާއި ﷲއަށް އަޅުކަންތައް ޚާލިޞްކުރުމަށް ގޮވައިލެއްވިއެވެ. އެކަލާނގެއަށް ތަޤްވާވެރިވުމަށް އަމުރުކުރެއްވިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. )وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ[1]  - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!( ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. )يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَى مَنْ يَشَاءُ مِنْ عِبَادِهِ أَنْ أَنْذِرُوا أَنَّهُ لَا إِلَهَ إِلَّا أَنَا فَاتَّقُونِ[2] -އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمر ފުޅާ އެކު، وحىއާއިގެން ملائكةން ފޮނުއްވަތެވެ. (وحىކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذارކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إلهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!(

އެހެނަސް އިންސާނާގެ މުހުތާދުތަކާ އެއް ގޮތަށް ޢިބާދާތުގެ ބާވަތްތައް ވަނީ ތަފާތުވެފައެވެ. ޝަރީޢަތްތަކުގެ ތެރެއިން ބައެއް ކަންތައްތައް ބަދަލުނުވެ ދެމިއޮތެވެ. ﷲ ތަޢާލާގެ ޙިކުމަތްފުޅާ އެއްގޮތަށް ޝަރީޢަތުގެ ބައެއް ކަންތައް ބަދަލުކުރައްވައިފައި ވެއެވެ. އަނެއް ބައި ކަންތައްތައް  މަންސޫޚުކުރައްވައިފައިވެއެވެ. 

ތަޤުވާވެރި ވަރަޢުވެރި މުސްލިމަކީ ﷲގެ އިރާދަފުޅަށް ބޯލަނބާ މީހާއެވެ. ﷲގެ އަމުރުފުޅުތަކާއި ނަހީތަކާ އެކު ދައުރުވާ މީހާއެވެ. ކީރިތި ރަސޫލާގެ ޞަޙާބީންގެ ކިބައިން ފެނިފައި ވަނީ މި ގޮތެވެ. ބައިތުލްމަޤްދިސުން ކައުބަތުﷲ ގެފުޅަށް ޤިބްލަ  ބަދަލުކުރެއްވުމުން އެ ބޭކަލުން ﷲގެ މި އަމުރުފުޅަށް އިތުރު ސުވަލަކާ ނުލައި ކިޔަމަންވެވަޑައިގަތެވެ.

ޤިބްލަ ބަދަލުކުރެއްވުމުގެ މުހިންމު ޙާދިސާ ހިނގައިފައިވަނީ ހިޖުރައިން ދެވަނަ އަހަރުގެ ރަޖަބުމަހާއި ޝަޢުބާން މަހާ ދެމެދުގައެވެ. މަޝްހޫރު ބަހަކީ އެއީ ޝައުބާންމަހުގެ 15 ވަނަ ދުވަހެވެ.[3] މަޝްހޫރު ދެވަނަ ރައުޔަކީ އެއީ ރަޖަބުމަހުގެ ފަނަރަވަނަ ދުވަހެވެ. މި  ރައުޔާ ނުގުޅޭ ރައުޔަކީ މޫސާ ބުނު ޢުޤްބަތުގެ އަރިހުން ވާރިދުވެފައިވާ  ބަހެވެ. މި ބަސް ބުނާ ގޮތުގައި ޤިބްލަ ބަދަލުކުރެއްވުމުގެ ޙާދިސާ ހިނގައިފައި ވަނީ ޖުމާދަލްއާޚިރާ މަހުގައެވެ.

ޤިބްލަ ބަދަލުކުރެއްވުން

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން މުސްލިމުންގެ ޤިބްލައަކީ ބައިތުލްމަޤްދިސެވެ. އެކަލޭގެފާނު މައްކާގައި އަލްމަސްޖިދުލްޙަރާމުގައި ނަމާދުފުޅުކުރެއްވި އިރު ކުރިމަތިލައްވައިފައި ވަނީ ބައިތުލްމަޤްދިސަށެވެ. އެ ގޮތަށް ނަމާދުފުޅުކުރެއްވި އިރު ހުންނެވީ ގެފުޅާ ދިމާއަށެވެ. އެހެން ކަމުން އެކަލޭގެފާނަށް ނަމާދުފުޅުކުރެއްވިފައި މިވަނީ ދެ ޤިބްލައަށް އެއް ވަގުތެއްގައި ކުރިމަތިލައްވައިގެންނެވެ.

އެހެނަސް މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، މި ގޮތަށް ނަމާދުފުޅުކުރެއްވުން މުސްތަޙީލު ކަމަކަށް ވިއެވެ. މައްކާއާއި ބައިތުލްމަޤްދިސް ދެ ދިމާއެއްގައި އޮންނާތީއެވެ. ﷲގެ އަމުރުފުޅާ އެއް ގޮތަށް  ރަސޫލުﷲގެފާނާއި އަޞްޙާބުން މަދީނާގައި ފުރަތަމަކޮޅުގައި ނަމާދުކުރެއްވީ ބައިތުލްމަޤްދިސަށް ކުރިމަތިލައްވައިގެންނެވެ. އެދިވަޑައިގަންނަވާ ކަމަކަށް ނުވިޔަސް ﷲގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތުމުގެ ގޮތުންނެވެ. މިގޮތުގެ މަތީގައި ސޯޅަ ނުވަތަ ސަތާރަ މަސްދުވަސް ހޭދަކުރެއްވިއެވެ. އެއަށް ފަހު މާތް ﷲ މުސްލިމުންގެ ޤިބްލަ ބައިތުލްމަޤްދިސުން އަލްމަސްޖިދުލްޙަރާމަށް ބަދަލުކުރެއްވިއެވެ. މިކަމާ ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. )قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ [4]- އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާ ތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވަޑައިގަންނަވާނޭ قبلةއަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެ ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: قبلة އާ މެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ حضرةން އެންގެވި حق ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ عملތަކާ މެދު، غافل ވެވޮޑިގެންވާ ކަލަކުކަމުގައި اللَّه ނުވެއެވެ.(

ޤިބްލަ ބަދަލުކުރެއްވުމުން މީސްތަކުން ބައިބައިވުން

ޤިބްލަ ބަދަލުކުރެއްވި ޙާދިސާ ހިނގި ދުވަސްވަރު ތިބި މީހުން މި މަސްއަލައިގައި ތިން ބަޔަކަށް ބެހިގެން ދިޔައެވެ.

1- ފުރަތަމަ ބަޔަކީ އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުމަށް ޓަކައި މި ޙާދިސާއިން އަނަފާ ނަގާން އުޅުނު މީހުންނެވެ.

2- ދެވަނަ ބަޔަކީ މި ކަމާ ބެހޭ ﷲގެ ބަސްފުޅު އިވުމުން އެ ކަމާ މެދު ޝައްކުކޮށް މުރުތައްދުވި މީހުންނެވެ.

3- ތިންވަނަ ބަޔަކީ ﷲގެ މިބަސްފުޅުގެ ސަބަބުން އެބައިމީހުންގެ އީމާންކަން އިތުރަށް ވަރުގަދަވެ ހަރުދަނާވީ މީހުންނެވެ. މިއީ ﷲގެ ރަސޫލާއާއި އެކަލޭގެފާނުގެ އަޞްޙާބުންނެވެ. އެއީ ﷲގެ ކޮންމެ އަމުރުފުޅަކަށް ވަގުތުން އިޖާބަދޭ މީހުންނެވެ.

ޝައްކުވެރީންނަށް ކީރިތި ޤުރްއާނުގެ ރައްދު

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ފުރަތަމަ ޖަމާޢަތުގެ މީހުންނަށް ރައްދުދެއްވައި އެ މީހުންގެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ބަޔާންކުރެއްވިއެވެ. އެ މީހުން އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަކުރަމުން ބުންޏެވެ. "މި މުޙައްމަދުގެފާނު މި އުޅުއްވަނީ ކިހިނެއްހެއްޔެވެ؟ އެއް ފަހަރު ބައިތުލްމަޤްދިސަށް ކުރިމަތިލައްވައިގެން ނަމާދުފުޅު އެބަ ކުރައްވަތެވެ. އަނެއް ބައި ފަހަރަށް ނަމާދުފުޅު މި ކުރައްވަނީ އަލްމަސްޖިދުލްޙަރާމަށް ކުރިމަތިލައްވައިގެންނެވެ." މި ގޮތަށް މި ބައިމީހުން މި ވާހަކަދެއްކީ އެ ކަމުގެ ޙިކުމަތް ދެނެގަތުމުގެ ބޭނުމުގައްޔެއްނޫނެވެ. އެހެނަސް އިސްލާމްދީނާ މެދު ޝައްކު އުފެއްދުމަށެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެ މީހުންނަށް ރައްދުދެއްވައި ވަޙީކުރެއްވިއެވެ. )سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ[5]- މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި قبلة ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! مشرق އާއި مغرب މިލްކުވެވޮޑިގެންވަނީ اللَّه އަށެވެ.( މިބައިމީހުން ރަސޫލާއާ ޖަދަލުކުރުމުގެ ގޮތުން ބުނޫއެވެ. އެކަލޭގެފާނުގެ ފުރަތަމަ ޤިބްލަ ޞައްޙަ ޤިބްލައެއް ކަމުގައިވާ ނަމަ، އެ ޤިބްލަ މި ބަދަލުކުރެއްވީ ކީއްވެގެންހެއްޔެވެ؟ ކުރީގެ ޤިބްލަ ނުބައިކަމުގައިވާ ނަމަ، ކުރީން މަރުވެ ދިޔަ މީހުން ކޮށްފައިވާ ނަމާދުތަކުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ މިއީ އެބައިމީހުންގެ ގަބުކަން ފެނިގެން ދިޔަ ސުވާލެކެވެ. މާތް ﷲ އެބައިމީހުންނަށް ރައްދުދެއްވައި ވަޙީކުރެއްވިއެވެ. )وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمْ [6]- އެއުރެން ތިބި ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: دينން ބޭރުވެ مرتد ވާ މީހުންނާއި) رسول އާއަށް تبعވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށް ޓަކައި މެނުވީ، އެ قبلةއެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلةއެއް ކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށް މެނުވީ، އެ ކަންތައް އެއީ ކަށަވަރުން ވެސް ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ إيمانކަން ގެއްލެނި[7]ކުރައްވާކަށެއް اللَّه ވޮޑިގެނެއް ނުވެއެވެ.(

ޤިބްލަ ބަދަލުކުރެއްވުމުގެ ޙިކްމަތް

ﷲ ތަޢާލާ  މި ތާނގައި މި ބަޔާންކޮށްދެއްވަނީ މުސްލިމުން ސޯޅަ ވަރަކަށް މަސްދުވަސް ވަންދެން ބައިތުލްމަޤްދިސާ ދިމާއަށް އެނބުރި ތިބެ ނަމާދު ކުރާން މަތްﷲ އެންގެވި އަމުރުފުޅުގެ ޙިކުމަތެވެ. އެއީ ﷲއަށް އެބައިމީހުން ކިޔަމަންގަންނަ މިންވަރު ބެއްލެވުމެވެ. އެމީހުން އިމްތިޙާނުކުރެއްވުމެވެ. ﷲގެ އަމުރުފުޅާ އެއް ގޮތަށް އެނބުރޭ މީހުންނާ ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވާ މީހުން ހާމަކުރެއްވުމެވެ. އިސްވެދިޔަ އާޔަތުގައި މި އަންގަވަނީ ((އެއުރެން ތިބި ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިގަނެ دينން ބޭރުވެ مرتدވާ މީހުންނާއި رسولއާއަށް تبعވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށް ޓަކައި މެނުވީ، އެ قبلةއެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلة އެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ.[8]

ޞަޙާބީން އިޖާބަދެއްވީ ވަރަށް އަވަހަށް

ﷲގެ އަމުރުފުޅުތަކާއި ނަހީތަކާ އެކު އެނބުރޭ މީހާއަށް އެއީ ބޮޑު ކަމެއްނޫނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )إِلاَّ عَلَى الذين هَدَى الله [9]-  اللَّه ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ އެވެ.( އަލްއިމާމުއްނަސަފީ ވިދާޅުވާ ގޮތުގައި އީމާންކަން މަތީ ސާބިތުވެ ތިބި ބަޔަކަށް އެއީ ބޮޑު ކަމެއްނޫނެވެ. އެ މީހުންނާ ބެހޭ ގޮތުން މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެފާނު ވިދާޅުވިއެވެ. [މި އާޔަތް ބާވައިލެއްވީ ނަބިއްޔާ r އާއި އެކަލޭގެފާނު އަޞްޙާބުން  ބައިތުލްމަޤްދިސާ ދިމާއަށް ކުރިމަތިލައްވައިގެން ނަމާދުފުޅު ކުރައްވާން ތިއްބަވަނިކޮށްނެވެ. ބަނީ ސަލަމަތު ވަންހައިގެ މީހަކަށް އެ ވަންހައިގެ މީހުން ފަތިސްނަމާދުގައި ބައިތުލްމަޤްދިސަށް ކުރިމަތިލައިގެން ރުކޫޢުކުރާ ތަން ފެނިގެން ގޮވައިލިއެވެ. މީސްތަކުންނޭވެ! ފަހެ ދަންނާށެވެ! ޤިބްލައަކީ ގެފުޅުކަމަށް ބަދަލުވެއްޖެއެވެ. މި ގޮތަށް އޭނާ ދެ ފަހަރު ގޮވައިލިއެވެ. އެ ހިނދު އެބައިމީހުން ރުކޫޢުގައި ތިބެ ގެފުޅާ ދިމާއަށް އެނބުރިގަތެވެ.] މުސްލިމުން ﷲގެ ބަސްފުޅަށް އިޖާބަދިންލެއް އަވަސް ކަން މި ޙާދިސާއިން ދޭހަވެއެވެ.

އިމާމުއްސުބްކީ މި އަޘަރު ޝަރަޙަކުރައްވަމުން ވިދާޅުވިއެވެ. "އިމާމާ ސަފުގެ ކުރީކޮޅުން ސަފުގެ ފަހަތުކޮޅަށް ބަދަލުވިއެވެ. ގެފުޅަށް  ކުރިމަތިލެވެނީ ބައިތުލްމަޤްދިސަށް ފުރަގަސްދީގެންކަމަށް ވާތީއެވެ."

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވާ ގޮތުގައި )مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنْقَلِبُ عَلَى عَقِبَيْه(ގެ މާނައަކީ ޔަޤީނުގެ އަހުލުވެރީންނެވެ. ﷲގެ އަމުރުފުޅުތައް އެނބުރެމުންދާ ގޮތަށް އެނބުރެމުންދާ ތެދުމަގު ލިބިގެންވާ ޢަދުލުވެރި މެދުމިން އުންމަތުގެ މީހުންނެވެ. އެމީހުން ސިފަކުރައްވައި މާތް  ﷲ ވަޙީކުރެއްވިއެވެ. )وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً [10]- އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.(

އީމާންކަމުގެ މަދަކީ ކިޔަމަންތެރިކަން

ބައެއް ޞަޙާބީން ﷲގެ އަމުރުފުޅަށް އިޖާބަދެއްވުމަށް ޓަކައި އަވަސްވެވަޑައިގަތް މިންވަރަށް ނިކަން ބަލާބަލާށެވެ. ރަސޫލާ  r ދެއްވާން ހުންނެވި ޚުޠުބާ ނިމިވަޑައިނުގަންނަވަނީސް ބައެއް ޞަޙާބީން ތެދުވެވަޑައިގެން ގެފުޅާ ދިމާއަށް އެނބުރިވަޑައިގެން ދެ ރަކުޢަތުގެ ސުންނަތް  ނަމާދެއް ކުރެއްވިއެވެ. އަލްޤުރްޠުބީ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވާ ގޮތުގައި ޤިބްލަ ބަދަލުކުރައްވައިފިކަން އެންގެވުމުން ގެފުޅާ ދިމާއަށް އެނބުރިވަޑައިގެން އެންމެ ފުރަތަމަ ނަމާދުފުޅެއް ކުރެއްވީ އަބޫސަޢީދު ބުނުލްމުޢައްލާއެވެ. ރަސޫލުﷲގެފާނު ޚުޠުބާ ދެއްވަމުން ޤިބްލަ ބަދަލުކުރައްވައިފިކަން އަންގަވައި ބާވައިލެއްވި އާޔަތް ކިޔަވައިވިދާޅުވުމުން ރަސޫލާ މިންބަރުމަތީން ފައިބާވަޑައިގަތުމުގެ ކުރީން އަބޫސަޢީދު ދެ ރަކުޢަތުގެ ސުންނަތް ނަމާދެއްކުރެއްވިއެވެ.

އިސްލާމީ އުންމަތުގެ ފުރަތަމަ އިސްވާރުންނަކީ ހެޔޮކަންތަކުގައި އަބަދު ވެސް ވާދަވެރި ބަޔެކެވެ. އެ މީހުން ﷲގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށް އަވަސްވެގަނެއެވެ. ﷲގެ އަމުރުފުޅުތަކާ އެކު އެނބުރެމުން ނުދާ މީހާ ސިފަކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. )سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا [11]- މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި قبلة ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟( މި ފަދަ މީހާ އަބަދުވެސް އުޅޭނީ ﷲގެ އަމުރުފުޅު ތަންފީޒުނުކޮށް ވޭތޯއެވެ. އެ ކަމަށް ސަބަބެއް ފެނޭތޯއެވެ. މިއީ ޔަހޫދީންގެ ގައިގައިވާ ސިފައެކެވެ. މޫސާގެފާނު ގެރިއެއް ކަތިލަން އަމުރުކުރެއްވުމުން ގެރިއެއް ނުކަތިލާންވެގެން ކިތައްކިތައް ބަހަނާ ދެއްކިތޯއެވެ!

ﷲގެ އަމުރުފުޅާ އެކު ދައުރުކުރުމަކީ ހަރުކަށިވުމެއްނޫނެވެ. ﷲގެ އަމުރުފުޅު ތަންފީޒުކުރުމަށް ޓަކައި އިޖުތިހާދުކުރާން ޖެހޭ ވަގުތުގައި އިޖުތިހާދުކުރާން ޖެހޭނެއެވެ. އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާގެ ޞަޙާބީންތަކެއް ދަތުރުފުޅެއް މަތީގައި އުޑުމަތި ބަނަވުމުގެ ސަބަބުން ޤިބްލަ އެނގިވަޑައިނުގަންނަވައިގެން އިޖުތިހާދުކުރެއްވިއެވެ. އެކި ބޭކަލުން ނަމާދުފުޅު ކުރެއްވީ އެކި ދިމާއަށެވެ. މި ބޭކަލުން ދަތުރުފުޅުން އެނބުރިވަޑައިގެން މި ކަމާ ބެހޭ ގޮތުން ރަސޫލާއަށް ސުވާލުދެންނެވިއެވެ. މި ސުވާލުގެ ޖވާބުގައި މާތް  ﷲ ވަޙީކުރެއްވިއެވެ. )فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ [12]- ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެ ތަނެއްގައި اللَّه ވޮޑިގެންވެއެވެ.(

ﷲ ތަޢާލާގެ ކޮންމެ އަމުރުފުޅަކަށް ކައު ރަސޫލާގެ ޞަޙާބީން އިޖާބަދެއްވީ މި ގޮތަށެވެ. ފަސްޖެހިވަޑައިގަތުމެއް ނެތިއެވެ. އިތުރުސުވާލަކާ ނުލައެވެ. ރާ ޙަރާންކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން ރާގެ ކަންވާރުތައް ވަގުތުން ތަޅައިލެއްވިއެވެ. ޖާޑިތަކުގައި ހުރި ރާތައް އޮއްސަވައިލެއްވިއެވެ.

 

ބައެއް ލަފުޒުގެ މާނަ:

އަނަފާ       ނ.    ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާ ނެގުން. exploitation

އިޖާބަދިނުން   މ.    (1) ކަމަކާ ގުޅިގެން ފިޔަވަޅުއެޅުން.  (2) ސުވާލެއް ކުރީމާ ޖަވާބު ދިނުން. (3) ކަމަކަށް އެދުނީމާ އެކަމެއް ކޮށްދިނުން. (4) ދަޢުވަތު ގަބޫލުކުރުން. respond

ޖާޑި        ނ.    އަނގަމަތި ކުޑަކޮށް މަތިފަލަކޮށް ފުލަށް ތަންކޮޅެއް ހިމަކޮށް ހުންނަ މުށީގެ ބޮޑު ކަންވާރެއް. މި ހުންނަނީ މަރުތަބާނަށް ވުރެ ކުރުފަލަކޮށެވެ.

 

 

މަރުޖާ

[1] - الأنبياء: 25

[2]  - النحل: 2

[3]  - އިބްނު ހިޝާމު ގެ ސީރަތު ... މިޞްރުގެ ކުރީގެ މުފްތީ ޑރ. ޝައުޤީ ޢައްލާމު ބުރަވެވަޑައިގަންނަވަނީ މި ރައުޔަށެވެ.

[4]  -البقرة: 144

[5]  - البقرة: 142

[6]  - البقرة: 143

[7] -  އީމާންކަން ގެއްލެނިކުރެއްވުމުގެ މާނައަކީ ތިޔަބައިމީހުން ކުރާ ނަމާދުތަކުގެ ސަވާބު ގެއްލެނިނުކުރައްވާނެ ވާހަކައެވެ.

[8]  - تفسير النسفي: 1/ 138

[9]  - البقرة: 143

[10]  - البقرة: 143

[11]  - البقرة: 142

[12] - البقرة : 115

ކޮމެންޓު