ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
8 ފެބްރުވަރީ 2026
ޖުޙާއާއި އޭނާގެ ޙިމާރު
އެއް ދުވަހަކު ޖުހާ ބާޒާރެއް ދިޔައެވެ. އަދި، ބާޒާރުގައި ހިމާރު ވިއްކާ ކޮށީގެ ކައިރިއަށް ޖެހިލި އިރު، ކޮށީގައި ވަރަށް ރީތި ހިމާރެއް އޮއްވައި ފެނުނެވެ. ދެން، ޖުހާ އެ ހިމާރު ގަނެގެން ގެއަށް ގެންދިޔައެވެ.
ޖުހާގެ ހިމާރާ މެދު ގަޔާވިލެއް ބޮޑު ކަމުން ޖުހާ ގަސްދުކުރީ ގޭގެ ފުރާޅަށް ހިމާރު އަރުވައި ވަށައިގެން ފެންނާން އޮތް ރީތި މަންޒަރު ހިމާރަށް ދައްކައިލައި ހިމާރު އުފާކޮށްލައިދިނުމަށެވެ. ދެން، ހިމާރު ފުރާޅަށް އެރުވިއެވެ. ޖުހާ ހިމާރަށް ކާންދީ އަދި ތަންތަން ދައްކައިލިއެވެ. މުޅި ދުވަސް ހިމާރު ހޭދަކުރީ މި ގޮތުގައި ފުރާޅު މަތީގައި ރީތި މަންޒަރަތައް ބަލައި އުފާކޮށް ހިތްހަމަޖެއްސުމުގައެވެ.
އިރު އޮއްސުމުން، ޖުހާ ބޭނުންވީ ހިމާރު ފުރާޅު މަތީން ބާލާށެވެ. ނަމަވެސް، މި ކަމާ ހިމާރު އިންކާރުކޮށް ފުރާޅު މަތީގައި ދުވާން ފެށިއެވެ. އަދި، ޖުހާ ގައިގައި ފައިން ތަޅާން ވެސް ފެށިއެވެ. ޖުހާގެ ހިމާރުގެ ހައިޖާނު ބޮޑުވެ، ދެން ފުރާޅު ވެއްޓިދާނެ ހެން ހީވުމުން، ޖުހާ ފުރާޅު މަތީން ފޭބިއެވެ. އަދި އަނބިދަރީން ވެސް ގެއިން ނެރުނެވެ. ދެން، ހިމާރުގެ ރުޅިގަދަވެ، ފުރާޅުމަތީ ފައިންތަޅައި ދުވުމުގެ ސަބަބުން، އިސާހިތަކު ޖހާގެ ގޭގެ ފުރާޅު ހަލާކުވެ، ގެވެސް ވެއްޓުނެވެ.
ދެން، ހިމާރު ކައިރިއަށް ގޮސް ހިމާރު ގާތު ޖުހާ ބުންޏެވެ. އޭ ހިމާރާއެވެ! އަހަރެންގެ ގޭގެ ފުރާޅު ހަލާކުވެ، ގެ ހަލާކުވެ، ވެއްޓި ދިޔުމުގައި ކަލޭގެ އެއްވެސް ކުށެއް ނެތެވެ. ހުރިހައި ވެސް ކުށެއް އޮތީ އަހަރެންގެ ކިބައިގައެވެ. ކަލޭގެ މަގާމަކީ ގޭގެ އެންމެ އުސް މަގާމެއް ނޫނެވެ. ނަމަވެސް، މިތާ ތިރީގައި ބިމުގައި މިހިރަ ގަސް ބުޑެވެ. ކަލެއަކީ މުދަލާއި މީހުން އުފުއްލާ އެއްޗެކެވެ. ނަމަވެސް، ކަލެއާ މާ ގަޔާވެވި، ކަލެއާ އެކަށޭނަ ނޫން މަގާމަކަށް އަހަންނަށް ކަލޭ ގެންދެވުނީއެވެ. އަދި، އެ ކަމުގެ ސަބަބުން އަހަރެންގެ ގެ ވެއްޓި ބޮޑު ގެއްލުމެއް އަހަންނަށް ލިބުނީއެވެ!
ޖުހާގެ މިވާހަކައިގެ މަތުލަބަކީ ކޮބައިހެއްޔެވެ؟ އެއިން ލިބެނީ ކޮން ފިލާވަޅެއްހެއްޔެވެ؟
ހިމާރެއް ދެކެ ލޯބިވެ، އެއާ މުނާސިބު ނޫން، އުސް ތަނަކަށް، އަރުވައި، އެއަށް މަތިވެރި މަގާމެއް ދީފި މީހާ، ހަނދާންކުރާން ޖެހެއެވެ. އެ ފަދައިން ކަންތައްކުރުމަށް ފަހު، ދެން، ހިމާރުގެ ފަރާތުން ގެއްލުމެއް ލިބުމުން، އެ ކަމުގެ ފުރިހަމަ ޒިންމާ އުފުލާން ޖެހޭނީ ހިމާރުގެ ވެރިޔާއެވެ. އެ ކަން ކުރި މީހާއެވެ. އެ ކަން އެ ގޮތަށް ދިމާވުމުން ހިމާރެއް ކުށްވެރިއެއް ނުކުރެވޭނެއެވެ!
ހަމަ އެފަދައިން އެއްވެސް އިޚުލާސްތެރިކަމެއް ނެތް، މަގުމަތީ ދުވަމުން ސިޔާސަތުތައް ކަނޑައަޅައިލާން އުޅޭ، ތަނެއް ދޮރެއް ނޭނގޭ، ނާގާބިލު މީހުން ކަންކަމާ މަތިކޮށް އެ ފަދަ މީހުންނާ ކަންކަން ހަވާލުކުރުމަށް ފަހު، ކަންކަން ނުކުރެވި، މުޅި ތަން ޚަރާބުވެ، ފުނޑުފުނޑުވެ ދިޔުމުން، އެ ކަމުގެ ޒިންމާ އުފުލާން ޖެހޭނީ އެ ކަންކަން، ތަނެއް ދޮރެއް ނުދަންނަ އެ ފަދަ ނާގާބިލު މީހުންނާ ހަވާލުކުރި ބަޔެކެވެ.