ad_banner
ސައިފުލްއިސްލާމް ގައްޒާފީ އަވަހާރަކޮށްލުން

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

5 ފެބްރުވަރީ 2026

ސައިފުލްއިސްލާމް ޣައްޒާފީ (ރަޙިމަހުﷲ)ގެ ފެންކުލައގެ ކުރެހުމެއް

ލީބިޔާގެ ކުރީގެ ލީޑާރު ކާނަލް މުޙަންމަރުލްޤައްޒާފީގެ އެންމެ މަޝްހޫރު ދަރިކަލުން އަވަހާރަކޮށްލުމަކީ ލީބިޔާގެ ސިޔާސީ މަސްރަޙު އޮޅުންބޮޅުންވާނެކަމެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސައިފުލްއިސްލާމަކީ މުޢަންމަރުލްޤައްޒާފީގެ ދެވަނަ ދަރިކަލުންނެވެ.

ލީބިޔާގެ ކުރީގެ ޒަޢީމު ކާނަލް މުޢައްމަރު ގައްޒާފީގެ ދަރިކަލުން، ސައިފުލްއިސްލާމް ޤައްޒާފީ އަވަހާރަކޮށްލި ޚަބަރު ލީބިޔާގެ ރަސްމީ އަދި އަމިއްލަ މީޑިއާތަކާ ޙާވާލާދީ އަލްޖަޒީރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ސައިފުލްއިސްލާމް ގައްޒާފީ އަވަހާރަކޮށްލައިފައިވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އުޅޭ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ 444ވަނަ ބްރިގޭޑާ އެކު ހިނގި ކުރިމަތިލުމެއްގައި ކަމަށް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް، 444ވަނަ ބްރިގޭޑުން ދަނީ އެ ކަމުގައި ބައިވެރިވިކަމަށް އިންކާރުކުރަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސައުފުލްއިސްލާމް އަވަހާރަކޮށްލީ، ޢަރަބި އިމާރާތާއި، އިސްރާއިލުގެ ޖާސޫސީ އިދާރާ މޮސާޑު ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

ސައިފުލްއިސްލާމަކީ ހުޅަނގާއި އެމެރިކާއިން ވަރަށް ބޮޑަށް އޭނާ [ހުއްޓުވާން] ބޭނުންވާ ބޭފުޅެކެވެ. ސަބަބަކީ ހުޅަނގާއި އެމެރިކާ ގުޅިގެން އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލި މައްސަލައާ ދެކޮޅަށް އަބަދު ވެސް އޭނާ އަޑުއުފުއްލަވަމުން ގެންދަވާތީއެވެ. ފަހަކަށް އައިސް، ސައިފުލްއިސްލާމް ވަނީ، ހުޅަނގުން ލީބިޔާ އިސްތިޢުމާރުކޮށް، އެ ޤައުމުގެ ޚަޒާނާގައި ހުރި 144 ޓަނުގެ ރަނާއި އަދި 07 ބިލިއަން ޑޮލަރުގެ ރިހި ވަގަށް ނަގައިފައިވާކަމަށް ވިދާޅުވެ، އެ ތަކެއްޗާއި، ބޭރުގެ އެކައުންޓުތަކުގައި ހުރި ލީބިޔާގެ ފައިސާ އަނބުރައި ދިނުމަށް ގޮވައިލައްވައިފައެވެ. އަދި، ހުޅަނގުގެ ދެފުށް ދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބައްޕާފުޅުގެ މަރުގެ ބަދަލު ހިއްޕަވާނެކަމަށް ވިދާޅުވެފައެވެ.

ސައިފުލް އިސްލާމްގެ މުޝީރު އަދި ކެބިނެޓްގެ ޗީފް ޢަބްދު الله އުސްމާން ޢަބުދުއްރަޙީމު، އަލްއަހުރާރު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހަތިޔާރުއެޅި ހަތަރު މީހަކު، ސައިފުލްއިސްލާމްގެ ގެކޮޅުގެ ސެކިއުރިޓީ ކެމެރާތައް ކަނޑައިލުމަށް ފަހު، ގެކޮޅަށް ވަދެ، ސައިފުލްއިސްލާމް އަވަހާރަކޮށްލައިފައިވާ ކަމަށެވެ.

މި ޚަބަރު ސައިފުލްއިސްލާމުގެ ގާނޫނީ ވަކީލު ޚާލިދު އައްޒައިދީއާއި، ސިޔާސީ މުޝީރު ޢަބްދުﷲ ޢުސްމާން އަންގާރަދުވަހު ފޭސްބުކުގައި ކުރެއްވި ވަކިވަކި ދެ ޕާސްޓެއްގައިވަނީ ޢުމުރުފުޅުން 53 އަހަރުގެ ސައިފުލްއިސްލާމް އަވަހާރަކޮށްލައިފިކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް މާ ބޮޑު ތަފުސީލުތަކެއް ނުދެއްވައެވެ.

މި ޚަބަރާ ގުޅިގެން އިޖުތިމާޢީ މަންސަތަކުގައި، ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ބައެއް ފަރާތްތަކުން ވަނީ، އެ ކަމުގެ ސަބަބުން ލީބިޔާގެ ސިޔާސީ މަސްރަހަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސައިފުލްއިސްލާމް ޤައްޒާފީ އަވަހާރަކޮށްލިކަމަށް ބުނާ ޙަމަލާގެ ތަފުސީލެއް، ލީބިޔާގެ ސަރުކާރަކުން ވެސް އަދި މިހައި ތަނަށް ހާމަކޮށްފައެއް ނުވެއެވެ. ލީބިޔާގައި ފާއިތުވި އަހަރުތަކުގައި ހަތިޔާރުއެޅި ޖަމާޢަތްތަކުގެ އަނިޔާވެރިކަން އިތުރުވެފައިވާއިރު، ޚާއްސަކޮށް ޓްރިޕޮލީގައި، އެ ޤައުމުގެ ބައިބައިވެފައިވާ ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ސަރަހައްދު ކޮންޓުރޯލުކުރާ ހަތިޔާރު އެޅި ޖަމާއަތްތައް ބައިވެރިވެއެވެ.

މަޙުމޫދު ހަމްޒާ އިސްކޮށް ހުރެގެން އުފައްދައިފައިވާ 444ވަނަ ބްރިގޭޑް ގުޅިފައިވަނީ، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއިން ޤަބޫލުކުރާ ލީބިޔާގެ އެއްބައިވަންތަ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލްހާމިދު ދުބެއިބާއާއެވެ. އެ ޖަމާއަތަކީ 2025ވަނަ އަހަރުގެ މެއި މަހު ސްޓެބިލިޓީ ސަޕޯޓް އޮތޯރިޓީގެ ލީޑަރު އަބްދުލްޣަނީ އަލްކިކްލީ އަވަހާރަކޮށްލި ޖަމާޢަތެވެ. އެ ފަހަރުގެ އެ ހަމަނުޖެހުމުގައި ޓްރިޕޮލީއިން އެކަނި މަދުވެގެން ހަ މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.

1972ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ސައިފުލްއިސްލާމް ގައްޒާފީއަކީ، 1969 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރު ޢަރަބި ބަހާރުގެ ހަމަނުޖެހުމުގައި ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާ ހަމައަށް ލީބިޔާގައި ވެރިކަންކުރެއްވި ކާނަލް މުޢައްމަރުލްޤައްޒާފީގެ ދެވަނަ ދަރިކަލުންނެވެ. ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން މަތީ ތަޢުލީމު ހާސިލްކުރެއްވި ސައިފުލްއިސްލާމް ގައްޒާފީއަކީ، އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި އިސްލާހީ މޭސްތިރިއެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގެވި ކަމުގެ ތުހުމަތުގައި، ސައިފުލްއިސްލާމް ގައްޒާފީ ހައްޔަރުކުރުމުގެ އަމުރެއް، 2011ވަނަ އަހަރުގެ ޖޫންމަހު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވަނީ ނެރެފައެވެ. އަދި، 2011 ވަނަ އަހަރު، ހަތިޔާރުއެޅި ޖަމާޢަތަކުން ސައިފުލްއިސްލާމް ހައްޔަރުކުރެއްވުމަށް ފަހު، 2017 ވަނަ އަހަރު ޢަފޫޢާންމުގެ އެއްބަސްވުމެއްގެ ދަށުން، އެ ޖަމާޢަތުން އޭނާ ދޫކޮށްލިއެވެ.

މިނިވަންވެވަޑައިގަތުމުން، ދުވަސްކޮޅަކު ފިއްލަވައިގެން އުޅުއްވުމަށް ފަހު، ސައިފުލްއިސްލާމް ވަނީ ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތުމުގެ ގޮތުން، 2021ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަމަށް ވެސް އިޢުލާންކުރައްވައިފައެވެ. ދެ އަންހެންބޭފުޅުން ހިމެނޭ ގޮތުން 98 ކެނޑީޑޭޓުން ވާދަކުރެއްވި އެ އިންތިޚާބު [ސަލާމަތީ ސަބަބުތަކަކަށް ޓަކައި] ވަނީ ފަސްކޮށްފައެވެ. ސައިފުލްއިސްލާމަށް ފާޑުކިޔާ މީހުން، ކުރީގެ ވެރިކަމުގައި ހިނގިކަމަށް ބުނާ އަނިޔާއާ އޭނާއާ ގުޅުވައެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކެމުން އައި ގޮތުގައި، ލީބިޔާ އެއްބައިވަންތަކުރެވޭނެ ހަމައެކަނި ލީޑަރަކީ ސައިފުލްއިސްލާމެވެ. ކޮންމެއަކަސް ސައިފުލްއިސްލާމަށް ތާއީދުކުރާ މީހުންގެ ހުވަފެންތައް މި ވަނީ ވިއްސިވިހާލިވެފައެވެ.

ކޮމެންޓު