ad_banner
ދުނިޔޭގެ ބާރުވެރިކަން އެއް ގައުމެއްގެ އަތުން ގިނަ ގައުމުތަކަކަށް ބަދަލުވަނީ!!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1 ފެބްރުވަރީ 2026

(ކަނާތުން ވާތަށް) ޚާމަނާއީ، ޝީޖިންޕިންގ، ޕޫޓިން ޓުރަންޕު

ދުނިޔޭގެ މަސްރަޙަށާއި ބާރުވެރިކަމަށް ބަދަލުތަކެއް އަންނާން ފަށައިފިއެވެ. މުޅި ދުނިޔޭގެ މައްޗަށް އެއް ގައުމަކުން ބާރު ހިންގި ޒަމާން މާޒީގެ ތެރެއަށް ފޭދިގެންދަނީއެވެ. އާދޭހެވެ! އެމެރިކާގެ ނުފޫޒު ދުނިޔޭގައި ކުޑަވަނީއެވެ. ޗައިނާގެ އިގުތިސާދީ ބާރު ގަދަވަނީއެވެ.

އިނގިރޭސި ބޮޑުވަޒީރު ޗައިނާއަށް ވަޑައިގެންފިއެވެ. ކެނެޑާގެ ބޮޑުވަޒީރު ވެސް ޗައިނާއަށް ޒިޔާރަތްކުރައްވައިފިއެވެ. ރޫސީ ރައީސް ވެސް ހަމަ ޗައިނާއަށް ޒިޔާރަތެއްކުރައްވައިފިއެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ އެ ބޭފުޅުން ކޮންމެވެސް ގައުމަކަށް އަދި މުޅި ދުނިޔެއަށް ދެއްވި ޚާއްޞަ މެސެޖެކެވެ.

އެތައް ޒަމާނެއް ވަންދެން ދުނިޔޭގެ ގައުމުތަކުން ހީކޮށްގެން ތިބީ އެމެރިކައާ ގާތްކަން ބާއްވައިގެން ތިބެއްޖެ ނަމަ އެއީ ސަލާމަތާތައި ރައްކާތެރިކަމުގެ ގެރެންޓީކަމަށެވެ. ގުޅުންތައް އޮންނާނީ ހަރުދަނާކަންތީގައިކަމަށެވެ. ގާވައިދުތައް އޭރު ވަރަށް ސާފެވެ. ބައެއް ފަހަރު އުފެދޭ ދެބަސްވުންތައް ވެސް ވަރަށް އޮމާންކަމާ އެކު ޙައްލުވެއެވެ.

މިއަދު ކަންކަން ބަދަލުވެއްޖެއެވެ. ޑޮނަލްޑް ޓުރަންޕުގެ ދެވަނަ ޒައާމަތުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ވަރަށް ސާދާއެވެ. ކޮންމެ ކަމަކީ ވެސް ޑީލެކެވެ. ވުނަދާނައަކީ ޑީލެކެވެ. ވިޔަފާރިއަކީ ޑީލެކެވެ. ސަލާމަތާއި ރައްކާތެރިކަމަކީ ވެސް ޑީލެކެވެ. އެކުވެރިކަމާއި ރަޙުމަތްތެރިކަމަކީ ވެސް ޑީލެކެވެ. އެމެރިކާގެ ތަހާލުފުގެ ގައުމުތަކަށް މައުމޫލުން ބިރުދައްކަނީއެވެ. ބައިވެރީންގެ ގަދަރުކުޑަކޮށް އަގުވައްޓައިލުމަށް ޓަކައި އާންމު ތަންތާނގައި ވާހަކަދައްކަނީއެވެ. ދިގު ޒަމާންވީ އެކުވެރި ގައުމުތަކާ މެދު ވެސް އަމަލުކުރަނީ ވިޔަފާރީގެ އެއްބަސްވުމަކާ މެދު ޢަމަލުކުރާ ފަދައިންނެވެ.

ކަން މިހެން ހުރުމާ އެކު، ދުނިޔޭގެ އިސްވާރުން މި ކަންކަން އެހެން ގޮތަކަށް ހަމަޖައްސާން މަސައްކަތްކުރަނީއެވެ. މި ކަމަށް ޓަކައި އިނގިރޭސި ބޮޑުވަޒީރު ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ ކޮންމެހެން އިނގިރޭސިވިލާތުން ޗައިނާ ދެކެ ރުހޭތީއެއްނޫނެވެ. ކެނެޑާގެ ބޮޑުވަޒީރު ޗައިނާއަށް ޒިޔާރަތްކުރެއްވީ ކެނެޑާއިން މާބޮޑަށް ޗައިނާއަށް އިތުބާރުކުރާތީއެއް ނޫނެވެ. ރޫސީވިލާތުން ޝީޖިންޕިންގެ ޒަޢާމަތާ ގުޅިވަޑައިގެން މަސައްކަތްކުރައްވަނީ އެ ކައުމުގެ ޙިމާޔަތާއި ދެމިއޮތުން ކަށާވަރުކުރުމަށް ޓަކައެވެ. މި ހުރިހައި ބޭފުޅުން ވެސް އެ ކުރައްވަނީ ހަމަ އެއް ކަމެކެވެ. ބަދީލުތައް ހޯއްދަވަނީއެވެ. ބާރު ގަދަ އެންމެ ގައުމަކަށް ބަރޯސަވެގެން އޮންނާކަށް މިހާރު ހަމަ އެއްވެސް ގައުމަކުން ބޭނުމެއް ނުވެއެވެ. ޚާއްޞަކޮށް ކުއްލިއަކަށް އިރުއިރުކޮޅާ ފިކުރު ބަދަލުވާ ގައުމަކާ އެކު ގާތްގުޅުމެއް ބޭއްވުމަކީ ރައްކާތެރިކަމެއް ނޫންކަން މިހާރު ގައުމުތަކަށް ގަބޫލުކުރެވިއްޖެއެވެ.

މި ކަންކަން މި ހިނގާ ގޮތް ޗައިނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އެ ގައުމު އޮތީ ހިމޭނުންނެވެ. އެ މީހުންގެ ބަސްމަގު ހުންނަނީ ވަރަށް މަޑުމައިތިރި ގޮތެއްގައެވެ. އެ ބައިމީހުން އޮތީ އެ ބައިމީހުންގެ މާރުކޭޓާއި ބާޒާރު ހުޅުވައިލައިގެންނެވެ. ބޭނުން ބަޔަކަށް ލޯނާއި ވިޔަފާއިގެ ފުރުސަތު ފަހިކޮށްދީގެންނެވެ. ބޮޑެތި ބިޔަ މަޝްރޫޢޫތައް ހިންގާން ތައްޔާރުގައެވެ. އެހެންކަމުން އުފެދޭ ސުވާލުގެ ޖަވާބު އިންސާފުވެރިވެފައި ވަރަށް ސާފެވެ.

އުފައްދާ އަދި އުފެދޭ ސުވާލަކީ [ޓުރަންޕުގެ އުނދަގޫ އަދި ހަރުކަށި މުޢާމަލާތުގެ އުސްލޫބުގެ ސަބަބުން މުޅި ދުނޔެ ޗައިނާއާ ދިމާއަށް ކޮއްޕަނީހެއްޔެވެ؟] މި ސުވާލުގެ ޖަވާބަކީ ފަހަރެއްގައި [އާނއެކޭ]ކަމަށް ވެދާނެއެވެ. ނަމަވެސް އެއީކީ ކޮންމެހެން ޗައިނާ ރަނގަޅުވެގެންކަމަށް ނުވެދާނެއެވެ. ބައެއް ކަހަލަ ހަމަޖެހުން ނެތް ދަނޑިވަޅުތަކުގައި ބޭނުންކުރާނެ ވަސީލަތެއް ބާއްވާން ބޭނުންވާނެތީއެވެ.

ޢަލަމީ ސިޔާސިއްޔާތުގައި ގައުމުތައް ތަބާވަނީ ޖަޒުބާތަކަށް ނޫނެވެ. ނަމަވެސް ގައުމުތައް އިގުތިދާވާނީ ސަލާމަތާއި ރައްކާތެރިކަމާއި ނިމުތާއި އިޚުތިޔާރުތަކަށް ރިޢާޔަތްކޮށްގެންނެވެ. މި ހިސާބުން އަނެއްކާ އަޅުގަނޑުމެންނާ ކުރިވާނެ ސުވާލަކީ [ދުނިޔޭގެ އެންމެ މަތީ ބާރު (ސުޕަރ ޕަވަރ)ގެ ގޮތުގައި އެމެރިކާ އޮތް މަގާމު މަޑުމަޑުން ޗައިނާއިން ޙާސިލުކުރަނީހެއްޔެވެ؟] މި ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނީ ނޫނެކޭއެވެ. ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި އެމެރިކާ އޮތް މަގާމު ޗައިނާއަކުން ނުހޯދާނެއެވެ. ޗައިނާއިން ބިނާކުރަނީ އެ ތަނެއްގައި އެ މީހުން އެކަނި ވެރިކަންކުރާ ދުނިޔެއެއްނޫނެވެ. ޗައިނާއިން އެހީތެރިވަނީ ވަކި އެއްބާރަކާ ނުލައި ސުލްހަވެރިކަމާ އެކު ދިރިއުޅެވޭނެ ފަދަ ދުނިޔެއެއް އެންމެންނަށް ހޯދައިދޭށެވެ.

ވިސްނައިވަޑައިގަންނަވާށެވެ! މި ވޭތުވެ ދިޔަ ހަތް ދަހަރުގައި ދުނިޔޭގައި އޮތީ މަރުކަޒީ އެންމެ ބާރެކެވެ. އެއީ މި ކިޔާ އެމެރިކާއެވެ. ޔުނައިޓެޑު އިސްޓޭޓުސް އޮފު އެމެރިކާއެވެ. އެމެރިކާ ޙަރަކާތްތެރިވެފައިވަނީ [ދޮށީ ބޭބެ]ގެ ގޮތުގައެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެ ފިޔަވަޅުތަކަށް އެ ފިޔަވަޅުތައް ތަންފީޒުކުރާން މަޖުބޫރުކުރުމުގައެވެ. އެމެރިކާގެ ދީމުގުރާތީ ގިޔަމުތައް އެހެން ގައުމުތަކުގައި ގަދަކަމުން އިންދާށެވެ.

ގަވާއިދާއި އުސޫލުތައް ހަދަނީ އެމެރިކާއިންނެވެ. އެހެން ގައުމުތަކަށް މަޖުބޫރުކުރަނީ އެއަށް ތަބާވާށެވެ. ގައުމުތަކަށް އަދަބުދީ ނުވަތަ އިނާމުދީ ހަދަނީ އެމެރިކާއިންނެވެ. [އެމެރިކާ އެހީ] (އެމެރިކަން އެއިޑު) ހަދަމުން ގެންދިޔައީ އެމީހުންގެ ނިންމުންތަކަށް އެހެން ގައުމުތަކުން ބޯލަނބާން މަޖުބޫރުކުރާ ބާރަކަށެވެ.

މިހާރު މި ދެންނެވި ޒަމާން މަޑުމަޑުން މި ނިމުމަކަށް އަންނަނީއެވެ. މިހާރު އެހެން ގައުމުތަކަށް ކަންކަން މަޖުބޫރުކުރުމުގައި އެމެރިކާއިން ބޭނުންކުރަނީ [އެހީ]ގެ ބަދަލުގައި މައުމޫލެވެ. (ޓެރިފެވެ.) މި އާ ޑިޕުލޮމެޓިކު އުޢާމަލާތުގެ ސަބަބުން މުޅި ދުނިޔެ ޗައިނާއާ ދިމާއަށް ކޮށްޕަނީއެވެ.

ޗައިނާ ކުރިއަރައި ތަރައްގީވަނީތޯއެވެ؟ އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް އެމެރިކާ ފަދައިން ހުރިހައި ގައުމުތަކަށް ޗައިނާއަކުން ބާރެއްނުފޯރުވާނެއެވެ. ބާރު ފޯރުވާކަށް ނުވެސްއުޅޭނެއެވެ. ކުރިއަރައިދިޔުމުގެ މާނައަކީ އެހެން ބަޔެއްގެ މަގާމު ހޯދުމެއް ނޫނެވެ. އެ މަގާމު ހޯދާން މަސައްކަތްކުރުމެއް ވެސް ނޫނެވެ. ބައެއް މީހުން ފުރޫޒުކުރާ ގޮތަށް ޗައިނާއަކީ މުޅި ދުނިޔެއަށް ބާރު ފޯރުވާ ގައުމަކަށް ނުވާނެއެވެ. ޗައިނާއަކުން، އިންސާނީ ހައްގުތަކުގެ ނަމުގައި ނުވަތަ ޑިމޮކުރެސީގެ ނަމުގައި ނުވަތަ އެހެން ނަމެއްގައި ވެސް އެ މީހުންގެ ފިކުރާއި ފަލްސަފާ ދުނިޔެއަކަށް ނުވިއްކައެވެ. ޗައިނާއަކުން ދުނިޔޭގެ ފުލުސްމީހާއަށް ވާކަށް މަސައްކަތެއް ނުކުރެއެވެ. އެ ކަމަށް ބޭނުމެއްވެސް ނުވެއެވެ. ޗައިނާއަކުން އެހެން ގަމުތަކެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ނުވަތަ އަސްކަރީ ގޮތުން ބިރުދައްކައި އަސްކަރީ ހަރަކާރެއްގައި ޝާމިލުވާކަށް ބޭނުމެއް ނުވެއެވެ. ޗައިނާއިން އިސްކަންދެނީ ވިޔަފާރިއަށެވެ. ވުނަދާނައަށެވެ. ބިނާރަށެވެ. ޢަލަމީ މަސްއޫލިއްޔަތަށް ނުފޫޒުވޯރުވާކަށް ޗައިނާއަކުން ބޭނުމެއްނުވެއެވެ.

ދުނިޔޭގެ އިދާރުއްޔަތަކީ މިހާރު އަގުބޮޑު އެއްޗެކެވެ. މި ފަދަ [ވިޔަފާރީގެ] ބިލު ދައްކަދައްކައި އެމެރިކާ ވަރުބަލިވެއްޖެއެވެ. އެ ކަން ވާރުތަކުރާކަށް ޗައިނާއަކުން ބޭނުމެއްނުވެއެވެ. މިއަދު އަޅުގަނޑުމެން މި ވަންނަނީ، ބާރުތައް ގިނަ ގައުމުތަކަކަށް ބެހިފައިވާ (މަލްޓިޕޮލާރ) ދުނިޔެއަކަށެވެ. އެމެރިކާ އަދިވެސް ބާރުގަދައެވެ. އިގުތިސާސީ ގޮތުން ވަރަށް ގިނަ ސަރަހައްދުގައި ޗައިނާ ވަނީ ބާރު ހޯދައިފައެވެ. ރޫސީވިލާތުން އަސްކަރީ ގޮތުން އަދިވެސް ގައުމުތަކަށް އުނދަގޫކުރެއެވެ. ވިލާތުގެ ގައުމުތައް ވަނީ ބައިވައިވެފައެވެ. ނަމަވެސް އަދިވެސް އެ ގައުމުތަކުގައި ގާބިލުކަން އެބަހުއްޓެވެ. މެދުއިރުމަތީ ގައުމުތަކުން އެކި މައްސަލަތަކުގައި އެ ގައުމުތަކުގެ ފަރާތަށް ޖެހެނީއެވެ. މައްސަލައިގެ ބާވަތުން އެކި ފަހަރު އެކި ގައުމުތަކެވެ.

އެހެންވީމާ ހަގީގަތުގައި ޗައިނާއިން މި ކުރަނީ ކޮން ކަމެއްހެއްޔެވެ؟ ޗައިނާއިން މި ހުށަހަޅަނީ ބަދީލެވެ. އިސްވާރުކަމެއް ނޫނެވެ. އެމެރިކާއަކީ ނިމުތުކުރާން ނޭނގޭ ގައުމަކަށްވާތީއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް މިނިވަންކަމާ އެކު އަޅަނީއެވެ. ގައުމުތަކުން ޗައިނާ އިޚުތިޔާރުކުރަނީ އެމެރިކާގެ ބަދަލުގައެއް ނޫނެވެ. އެ ގައުމުތަކުން އެ ހޯދަނީ ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން އިޚުތިޔާރެކެވެ. މިއީ ޗައިނާއިން ދުނިޔޭގެ ބާރުވެރިކަން ހޯދުމެއް ނޫނެވެ. މިއީ އެމެރިކާއިން ދުނިޔެއަށް ބާރު ހިންގުމަށް ފަހު ދުނިޔެ އޮންނާނެ ގޮތެވެ.

މުސްތަކުބަލުގައި ދުނިޔޭގައި ހުންނާނީ އެންމެ [ވެރިއެއް]ނޫނެވެ. ދުނިޔޭގައި ހުންނާނީ ފައިސާގެ ބާރު ހިނގާ މަރުކަޒުތަކެކެވެ. މި ފަދަ ދުނިޔެއެއްގައި ސުލޫކާއި އިސްތިރާޖާއި މުއައްސަސާތައް ހުންނާނީ ނަމަކަށް ނޫނެވެ. ޢަމަލީ ގޮތެއްގައެވެ. ދުނިޔޭގައި [އެއް ފުލުހަކު] އަމުރުކުރުމުގެ ޒަމާން މާޒީގެ ތެރެއަށް ފޭދިގެންދަނީއެވެ.

އެތައް ބައިވަރު ވަރުގަދަ [ކުޅުންތެރީން]ގެ ޒަމާން މިހާރު ފެށުނީއެވެ.

ޢާލަމީ ސިޔާސިއްޔަތަށް ތަބާވުމާއެކު، ދުނިޔޭގެ ބާރުވެރިކަން ހޯދާން މާއުމޫލު ބޮޑުކުރުމުގެ ސިޔާސަތު [އަތަށް ގޮވާނެކަމަށް] ތިޔަބޭފުޅުން ގަބޫލުފުޅުކުރައްވަމުތޯއެވެ؟ އަދި މި ކަމުގެ ސަބަބުން ޗައިނާ އިތުރަށް ކުރިއަރައިގެން ނުދާނެކަމަށް ގަބޫލުކުރައްވަމުތޯއެވެ؟ އަދި އެމެރިކާގެ ބައިވެރީން ދުރަށް ދާން ބާރުއަޅަނީތޯއެވެ؟ އަދި އަލުން އިތުބާރު އަނބުރައި ހޯދާން ނޫޅޭނެތޯއެވެ؟ 

ޝައްކެއް ނެތެވެ. ދުނިޔެ ބަދަލުވެއްޖެއެވެ. ގައުމުތައް ކުރިއަށްވުރެ ބޮޑަށް ހޭލައިފިއެވެ. ވިލާތުގެ ގައުމުތައް ވެސް މި އޮތްހައި ދުވަހު އެބައިމީހުންގެ ދިފާޢީ ކަންކަން އެމެރިކާއަށް ބަރޯސާވެގެން އޮތް އޮތުން ނިމުމަކަށް އަތުވެއްޖެއެވެ. އެފުރިކާގެ ކުދި ގައުމުތައް ވެސް ވިލާތާއި އެމެރިކާއަށް ނޫނެކޭ ބުނާން ފަށައިފިއެވެ. އޭގެ ބަދަލުގައި ކޮންމެ ގައުމަކުން ވެސް މިހާރު މަސައްކަތްކުރަނީ އެ ގައުމެއްގެ ސިޔާސަތާއި އަމިއްލަވަންތަކަމަށް އިޙުތިރާމްކުރާ، އަދި އެހީތެރިވެދޭ ކޮންމެ ގައުމެއްގެ އަތުގައި ހިފުމަށެވެ. އެމެރިކާއާއި ވިލާތަށް ބަރޯސާވެގެން އޮތް އޮތުމުން ލިބުނީ ފަހި ނަތީޖާއެއް ނޫންކަން މިހާރު ގިނަ ގައުމުތަކުން ދެނެގެންފިއެވެ. ވާ ގޮތް ބަލާން ތިބެމާތޯއެވެ!

_____________________________

(ނޯޓު: މިއީ މީސްމީޑިއާގައި ވަރަށް ގިނަ ލިޔުންތައް ލިޔެ އަދި ވީޑިއޯ ޢާންމުކުރާ ޕްރިންސްވިލް ނަމަކަށް ކިޔާ އެފުރިކާ ދަރިކޮޅުގެ މީހަކު، 2026 ޖަނަވަރީ 30ގައި ފޭސްބުކުގައި ޝާއިޢުކުރި ލިޔުމެއްގައި ފާލުކޮށްފައިވާ ޚިޔާލެއްގެ މައްޗަށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. މި ލިޔުމުގައި މި ވަނީ އަޅުގަނޑުގެ ޚިޔާލެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ވެސް މި ޚިޔާލަށް ތާއީދުކުރާތީ ލިޔެލީއެވެ.)

 

ބައެއް ލަފުޒުގެ މާނަ:

ނިމުތު      މ.    (1) ކުރާ ލަފާ ނުވަތަ އަންދާޒާ. forecast (2) ވާން ހުންނަ ކަންކަން.

ނުފޫޒު      ނ.    މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި މަގާމާއި ދަރަޖައާއި ހައިސިއްޔަތުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު.

ބަރޯސާ      މ.    އޮންނަ އިތުބާރު

ބަދީލު      ނ.    (1) ކުރިމަގުގައި ހިނގައިފާނެކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް ބަލާ ޙާލަތު ނޫން ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާން ރާވާ ރޭވުން. (2) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު. alternative

ބާޒާރު      ނ.    (1) ތަކެތި ގަނެ ވިއްކާ އުޅޭ ތަން. (2) ފިހާރަތައް ހުންނަ ސަރަހައްދު.

ބިނާރު      ނ.    ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

އިޚުތިޔާރު    ނ.    (1) ކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު. (2) ކަމަކާމެދު ގޮތެއް ނިންމުމުގެ ބާރު.

އިސްވާރު    ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ. leader

އިސްތިރާޖު   ނ.    ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.stretagy

އުސްލޫބު    ނ.    އަދަބިއްޔާތާއި ފަންނާއި މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ ޢަމަލުތަކުގައި ހުންނަ ޚާއްސަ ގޮތްތައް ނުވަތަ ފާޑުވެރިކަން ނުވަތަ ތަރީގާ.  style

ވަސީލަތް    ނ.    ކަމެއް ކުރަން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް. resource

ވުނަދާނަ     ނއ.   ވިޔަފާރިވެރި

މުއައްސަސާ  ނ.    އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފައި ހުންނަ އިދާރާ. institution

ދަހަރު      ނ.    ދިހަ އަހަރު.   decade

ފުރޫޒު      ނ.    ދަލީލެއް ނެތް ހާލަތުގައި، ލިބިފައިވާ މައުލޫމާތު ނުވަތަ ތަޖުރިބާތަކަށް ނުވަތަ ލިސާންތަކަށް ބިނާކޮށް، ކަމެއް ހިނގައިފައިވާ ނުވަތަ ހިނގާނެ ކަމަށް ލަފާކުރާ ނުވަތަ ބުރަވާ ގޮތް. assumption

ތަންފީޒުކުރުން މ.    (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއްގޮތަށް ޢަމަލުކުރުން.  implement

ތަހާލުފު      ނ.   ވަކި މަގުސަދެއްގައި އެކުގައި މަސައްކަތްކުރުމަށް އެއްބައިވެގެން އުޅޭ ޖަމާޢަތަތަކެއް ނުވަތަ ގައުމުތަކެއް. coalition (މިއީ ރަދީފުގައި ނެތް، އެކަމަކު ލިޔުންތެރިޔާ މި މަގާލުގައި ބޭނުންކޮށްފައިވާ ލަފުޒެއް)

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

މައުމޫލު      ނ.    އިމްޕޯޓު ޑިޔުޓީ

މާރުކޭޓު      ނ.    (1) މުދަލެއް ވިއްކުމަށް ލިބިފައިވާ ފުރުޞަތު ނުވަތަ އަގު. (2) އެކިވައްތަރުގެ ތަކެތި ވިއްކަން ހާމައަށް އޮންނަ ތަން.       (3) އެތައް ބައެއްގެ ތަކެތި ބަހައްޓައިގެން ވިއްކާ ތަން. (4) ވިއްކާ އެއްޗެތި ހާމައަށް ބަހައްޓައިގެން ވިއްކާ ތަންތަން. market                    

ޒަޢާމަތު      ނ.    ޤައުމެއްގެ ނުވަތަ ޖަމާއަތެއްގެ ވެރިކަން.

ޖަޒުބާތު       ނ.    ކުރިމަތިވާ ކަމަކާ ނުވަތަ ކުރެވޭ ތަޖުރިބާއަކާ ގުޅިގެން މީހެއްގެ ހިތުގައި ހިލިގަންނަ ލޯތްބާއި ނަފުރަތު ފަދަ ވަރުގަދަ އިހުސާސާއި ޝުޢޫރު.

ކޮމެންޓު