ad_banner
އައު އެމެރިކާ – ދުނިޔެ ތިންވަނަ ބޮޑުހަނގުރަމައާ ވަރަށް ކައިރީގައި!؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

30 ޖަނަވަރީ 2026

ޓުރަންޕާއި ޕެންތަގަން، ނިޔުކުލިއަރު މިސައިލަކާ އެކު. (ޚިޔާލީ ކުރެހުމެއް)

އިރުއަރައި މެދުޖެހުމަށް ފަހު ދެން އޮއްސޭނީއެވެ. އޮއްސުމުގެ ކުރީން އަސުރު ދަމަށް ތިރިވާނެއެވެ. މައްޗަށް ގާބުރިއެއް އެއްލައިފި ނަމަ، އެ ފޮނުވައިލާ ބާރު ހުސްމީމާ ދެން ވެއްޓޭނީއެވެ. އަދި ވެއްޓޭލެއް ބާރުވެސްވާނެއެވެ. ދުނިޔޭގެ ޖާޒުބިއްޔަތުގެ ސަބަބުން ތިރިއަށް އަންނަ ބާރުމިން އިރުވަމުންދާނެތީއެވެ. މިއީ އެންމެ ދަންނަ ހަގީގަތްތަކެކެވެ.

ދުނިޔޭގެ ބާރުތަކަށް ވެސް ވަނީ އެހެންނެވެ. އެއް ދުވަސްވަރެއްގައި ޕޯޗުގަލަކީ ކަނޑުގެ ބާޒުގެ ގޮތުގައި ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުގެ ގޮތުގައި އޮތެވެ. އިނގިރޭސި އިސްތިއުމާރުތައް ފުޅާވެގެން ދިޔަލެއް ފުޅާކަމުން އެ މީހުންގެ ދިދައަށް އިރު ނޯއްސުނު ޒަމާނެއް ދިޔައެވެ. ޗައިނާއާއި ޖަޕާނަކީ އެންމެ ފެންވަރު ދަށް އުފެއްދުންތައް އުފައްދާ ގައުމުތަކުގެ ގޮތުގައި ލޭބަލުކުރެވުނު ޒަމާނެއް ވެސް ދިޔައެވެ.

ދާދި ފަހަކާ ޖެހެންދެން އެމެރިކާއަކީ ދުނިޔޭގެ އެންމެން ޖެހިލުންވި ގައުމަކަށްވިއެވެ. ނަމަވެސް މިއަދު . . . މި ކަންކަން އޭގެ އަނެއް ކޮޅަށް ވަނީ ޖެހިފައެވެ. ނުވަތަ އަނެއް ކޮޅަށް ޖެހެނީއެވެ. މިއަދު ޕޯޗުގަލާއި އިނގިރޭސިވިލާތަކީ ދުނިޔޭގައި [ބާރު]ގެ ގޮތުގައެއް މީހުންނެއް ނުބަލައެވެ. ޗައިނާއާއި ޖަޕާނަކީ އުފެއްދުންތެރިކަމާއި ފަންނިއްޔާތުގެ ގޮތުން ނަން ހިނގާ މަޝްހޫރު ގައުމުތަކެވެ. އެމެރިކާއާ ދެކޮޅަށް މަސްބުނެ ފިޔަވަޅުއަޅާ ގައުމުތައް އެމެރިކާއާ ޖެހިގެން ވެސް އެބަހުއްޓެވެ. ދުނިޔޭގެ މަސްރަހު ބަދަލުވީއެވެ.

މި ދަނޑިވަޅުގައި އެމެރިކާއިން، އެ ޤައުމުގެ ދިފާޢީ އިސްތިރާޖުގެ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ލިޔުމެއް އާންމުކޮށްފިއެވެ. 34 ޞަފުޙާގެ އެ ލިޔުން ޝާއިޢުކޮށްފައިވަނީ، ޕެންޓަގަންގެ ވެބްސައިޓުގައެވެ. އެ ލިޔުން އެންމެ ޖުމްލައަކުން ޚުލާޞާކުރާ ނަމަ، ދެންނެވޭނީ، [ދުނިޔެ ތެދުވެ އޮތީ ހަތިޔާރުގެ ޖުނޫނީ ރޭހާއި، އަދި އެމެރިކާގެ އެންމެ ފަހުގެ ނިންމުން ނިމިގެން ހިނގައިދާނެ] ހަނގުރާމައެއްގެ ކޮޅުމަތީގައެވެ.

އެމެރިކާގެ ދިފާޢީ އައު އިސްތިރާޖުގައި، އެމެރިކާއިން ވަނީ ކުރިއާ ޚިލާފަށް، އެކުވެރި ޤައުމުތަކުގެ ސަލާމަތާއި، ރައްކާތެރިކަމުގެ ޒިންމާ، އެމެރިކާއިން ދެން ނުނަގާނެކަމަށް ފުރަތަމަ ފަހަރަށް ފާޅުގައި އިޢުލާނުކޮށްފައެވެ. ވިލާތާއި، އޭޝިޔާ ބައްރުކަމުގައި ވިޔަސް، ކޮންމެ ޤައުމަކުން ވެސް، އެ ޤައުމެއްގެ ސަލާމަތާއި، ރައްކާތެރިކަމުގެ ޒިންމާ އުފުލާންޖެހޭނީ ޚުދު އެ ޤައުމަކުން އަމިއްލައަށެވެ. އާބާދީއާއި، ސައިންޓިފިކު ޤާބިލުކަމަށް ބަލާ އިރު، ވިލާތުގެ ޤައުމުތަކަކީ ރަޝިޔާއަށް ވުރެ، މާ ކުރިއަރައިފައިވާ ޤައުމުތަކަކަށް ވާތީ، އެ ޤައުމުތަކުން އަމިއްލައަށް އިތުރު ހަތިޔާރު އުފައްދާން ޖެހެއެވެ. ކުރިއަށް އޮތް ތަނުގައި، އެމެރިކާއިން ފޯރުކޮށްދޭނީ ވަރަށް މަޙުދޫދުކުރެވިފައިވާ އެހީތެރިކަމެކެވެ. އެމެރިކާއިން އައު އިސްކަމެއް ދޭނީ، ހަމަ އެކަނި އެ ޤައުމުގެ ސަރަޙައްދާއި، ހުޅަނގު ހެމިސްފިއާ ޙިމާޔަތްކުރުމަށެވެ.

ޗައިނާއާއި، އުތުރު ކޮރެއާގެ ނުރައްކަލާ މެދު ވޮޝިންޓަންގެ މަގާމު ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެ ލިޔުމުގައިވާ ގޮތުން، ދެކުނު ކޮރެއާއާއި ޖަޕާނުން އަމިއްލައަށް އުތުރު ކޮރެއާއާ ކުރިމަތިލާން ޖެހޭ އިރު، އެ ފަދަ ކުރިމަތިލުމެއްގެ ތެރެއަށް އެމެރިކާއިން ވަންނާނީ އިންތިހާއަށް ބޭނުންވާ ވަގުތުތަކުގައެވެ. އޭގެ އިތުރުން ވިލާތުގެ ޤައުމުތަކާ ބެހޭ ގޮތުން ޓުރަންޕު ކީފާޑުކިޔުންތަކާއި، ގުރީންލޭންޑު ހޯދުމަށް އޭނާ ބޭނުންވުމާއި، އަދި ޔުކުރޭނުގެ ބިންތައް ރަޝިޔާއަށް ދޫކޮށްލާން މަޖުބޫރުކުރުމަށް މަސައްކަތްކުރުމަކީ ފަރުދެއްގެ ޖަޒުބާތީ ނިންމުންތަކެއް ނޫންކަމަށާއި، އެއީ އެމެރިކާގެ އައު ސިޔާސަތުގެ ބައެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މިއީ މުޅިން [އައު އެމެރިކާ]އެކެވެ. އެމެރިކާގެ ބައެއް ރައީސުންނާ އެކު މަސައްކަތްކުރައްވައިފައިވާ ޤަޠަރުގެ ކުރީގެ ޚާރިޖީ ވަޒީރު ޙަމާދު ބިން ޖާސިމް ދެއްވި ދިގު އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މީގެ ކުރިން އެމެރިކާއިން ބާރު ދައްކާންނުޖެހޭކަމަށެވެ. އެއީ ބިޔަ ސުޕަރޕަވަރެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އެކަމަކު، މިހާރު މި ވަނީ ޙާލަތު ބަދަލުވެފައެވެ. ދުނިޔެ މަޑުމަޑުން އެމެރިކާގެ އަތުން ބީވެގެންދަނީއެވެ. ކުރިއަށް އޮތް ވިހި އަހަރު ތެރޭގައި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވެދާނެކަމަށާއި، އެމެރިކާއަށް ދުނިޔޭގެ ބާރުވެރިކަމުގެ ޒަމާން ނިމުމާއި ގާތްވެފައިވާކަން އެމެރިކާއަށް އެނގޭކަމަށެވެ. އެހެންވެ މިހާރު އިތުރު އިންޒާރުތައްދީ، ބާރުގެ ބޭނުން އިތުރަށް ކުރާނެކަމަށާއި، އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު، ދުނިޔޭގެ 80 ވަރަކަށް ޤައުމުގެ، އެކި ކަންކޮޅުތަކުގައި އެމެރިކާގެ 750އާއި 800އާ ދެމެދުގެ ޢަދަދަކަށް އަސްކަރީ މަރުކަޒު އެބަ ހުއްޓެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އެމެރިކާއިން ދުނިޔޭގެ ފުލުހެއްގެ ދައުރު އަދާކޮށް، ހުރިހައި ކަމެއްގެ ތެރެއަށް ތަދައްޚުލުވެ، އެކުވެރީންނަށް ބޮޑެތި ޢަދަދުތަކުން ޚަރަދުކޮށް، ދުނިޔެ ބައްޓަންކުރީ އޭގެ ބާރުގައެވެ. އެކަމަކު، އެ ފުޅާ އަސްކަރީ ފުޅާކުރުމުގެ ސަބަބުން، މިއަދު އެމެރިކާ ވަނީ މާލީ ގޮތުން، ނޭވާހާސްވެ، ވަރުބަލިވެފައެވެ. މިހާރު އެމެރިކާ 37 ޓުރިލިއަން ޑޮލަރުގެ އެތެރޭގެ ދަރަންޏެއްގެ ތެރެއަށް ޣަރަގުވަމުންދާ އިރު، ޗައިނާއިން ވަނީ މަޑުމަޑުން ސިނާޢަތާއި، ތަޢުލީމާއި، ފަންނިއްޔާތުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެއް ޒަމާނެއްގައި [އަގުހެޔޮ އުފެއްދުންތަކުގެ ފެކްޓަރީ]އެއްގެ ގޮތުގައި އޮތް ޗައިނާ، މިހާރު ވަނީ ފަންނިއްޔާތު އެކުސްޕޯޓުކުރާ ޤައުމަކަށް ވެފައެވެ. އެންމެ 40 އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު ވަނީ 230 ބިލިއަން ޑޮލަރުން ގާތްގަނޑަކަށް 20 ޓުރިލިއަން ޑޮލަރަށް ކުރިއަރުވައިފައެވެ. ޗައިނާއަކުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހަނގުރާމަތަކެއް ނުހިންގައެވެ. އެކަމަކު، ޒަމާނީ ލަޝްކަރަކާއި، ނިއުކުލިއަރު ހަތިޔާރާއި، މަތީންދާބޯޓު އުފުލާ މަނަވަރުގެ ބޮޑު އަރުމާދެއް ތަރައްޤީކޮށްފައިވެއެވެ.

އެމެރިކާގެ ބާރުވެރިކަން ދަށަށްދާ ދިޔުމުގެ ފައިދާ ރަޝިޔާއިން ވަނީ ރަނގަޅަށް ނަގައިފައެވެ. ޖޯޖިއާއާއި ކްރައިމިއާއި އޭގެ ފަހުން އިރުމަތީ ޔުކުރޭން އިސްތިޢުމާރުކުރުމަކީ އެމެރިކާއާއި ނޭޓޯގެ [ދިފާޢީ ބާރު] ކުރީން އޮތް ވަރުގެ ފައިދާ ހުރި ބާރެއްނޫންކަމުގެ ހެތްކެކެވެ. ހުޅަނގުގެ އާބާދީއާއި އިޤުތިސާދު ރަޝިޔާއަށް ވުރެ އެތައް ގުނައެއް ބޮޑު ނަމަވެސް، ޢަމަލީ މައިދާނުގައި، ރަޝިޔާ ހުއްޓުވުމަށް އެ މީހުން ވަނީ ނުކުޅެދިފައެވެ.

ކޮންމެ ޤައުމަކުން ވެސް އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އެ ޤައުމަކުން ކުރާން ޖެހޭނެ ކަމެއްކަމަށް، އެމެރިކާއިން ވަނީ ފާޅުގައި ބުނެފައެވެ. އެކަމަކު، އޭގެ އަސްލު މާނައަކީ ހަތިޔާރުގެ ރޭހެކެވެ. ޞުލްޙަވެރި ގައުމެއްގެ ގޮތުގައި ބެލެވުނު ޖަޕާނުން ވަނީ، އެ ޤައުމުގެ ތާރީޚުގައި ކަނޑައެޅި އެންމެ ބޮޑު ދިފާޢީ ބަޖެޓު ކަނޑައަޅައި، ހަތިޔާރު އެކުސްޕޯޓުކުރާން ފަށައިފައެވެ. ހަމައެކަނި އިޤުތިޞާދީ ބާރެއްގެ ގޮތުގައި ބެލެވުނު ޖަރުމަނުން މިހާރު ދަނީ އަސްކަރީ ސާމާނަށް ދިހަ ބިލިއަން ޑޮލަރު ޚަރަދުކުރަމުންނެވެ.

މިއީ ހަމައެކަނި އާންމު ހަތިޔާރުގެ ރޭހަކަށް ނުވެދާނެއެވެ. ޖަރުމަނާއި، ޖަޕާނާއި، ދެކުނު ކޮރެއާ ފަދަ ޤައުމުތަކުން ވެސް ކުރިއަށް އޮތް ތަނުގައި ނިއުކުލިއަރު ހަތިޔާރު ހޯދުމަށް މަސައްކަތްކުރާނެކަމަށް، ތަޖުރިބާކާރުން ދަނީ އިންޒާރުދެމުންނެވެ.

ހަމައެއާ އެކު، ދުޝްމަނުންގެ ނިޒާމުތައް ޕެރެލައިޒްކުރެވޭ އިލެކްޓްރޯމެގްނެޓިކް ހަތިޔާރު ހިމެނޭ ގޮތަށް، ޒަމާނީ އަދި ސިއްރު ހަތިޔާރު އުފެއްދުމުގެ މަސައްކަތް ވެސް އެމެރިކާއިން ދަނީ ކުރަމުންނެވެ. ފެންނަ ފެނުމުގައި، އެމެރިކާ ނާކާމިޔާބު ބާރެއްގެ ގޮތުގައި މިއަދު ފެނުނު ނަމަވެސް، ޙަޤީޤަތުގައި އެމެރިކާ ތައްޔާރުވަމުންދަނީ ދިގު އަދި ނުރައްކާތެރި ފަހުގެ ހަނގުރާމައަކަށެވެ. އެމެރިކާ ދުނިޔެއިން ފަހަތަށް ޖެހެމުން ދިޔަ ނަމަވެސް، އެއްކޮށް އިނދަޖެހުމުގެ ކުރީން ޗައިނާގެ ކުރިއެރުންވީ ކޮންމެ ގޮތަކުން ހުއްޓުވާން އެމެރިކާ ބޭނުންވެއެވެ. ވިލާތާއި، އޭޝިޔާއާއި، މެދުއިރުމައްޗާއި، ލެޓިން އެމެރިކާގެ ގައުމުތަކަކީ، މި ކޯޅުމުގެ މައިދާނަކަށް ވެދާނެއެވެ.

އަދި ޢަރަބި ދުނިޔެއަށް ބަލާ އިރު، މުޅި މި ތަބުދީލުގައި ފައިހަމަކުރުމުގައި، ޢަރަބީންވަނީ ނާކާމިޔާބުވެފައެވެ. އެ މީހުންގެ ވަސީލަތްތަކާއި، ބިންތަކާއި، ކަނޑުގެ މަގުތައް ދުނިޔޭގެ މި ބޮޑު ހަމަނުޖެހުމުގެ މަރުކަޒަކަށްވުމުގެ ނުރައްކާ އެބަ އޮތެވެ. އެމެރިކާ އިނދަޖެހިގެން ދާއިރު ޢަރަބީން ވެސް އަދި އާ ބާރަކުން ވެސް އެ މީހުން ސަލާމަތްވާނެ މަގެއް ފެންނާކަށްނެތެވެ.

މިއީ، ޓުރަންޕު ފަދަ މޮޔައެއްގެ ނިންމުމެއް ނޫނެވެ. މިއީ، މުސްކުޅި އަދި ޒަޚަމްވެފައިވާ ސުޕަރޕަވަރެއްގެ އެންމެ ފަހުގެ މަސައްކަތެވެ. މަރަށް ތެޅޭ ތެޅުމެކެވެ. ދުނިޔެއިން އަނެއްކާ ވެސް ބާރާއި ހަތިޔާރާއި ހަނގުރާމައިން ނިންމުމެއް ނިންމާނެއެވެ. މި ހުރިހައި ކަންކަމަކީ ދުރު މުސްތަގުބަލެއްގެ ތެރޭގައި ނިމިގެންދާނެ ކަންކަމެއް ނޫނެވެ. މިއީ ވަރަށް ހަލުވިކަމާ އެކު ކައިރިވަމުން އަންނަ ޙަޤީޤަތެކެވެ. ދުނިޔެ ބޮޑު ހަނގުރާމައަކާ ކުރިމަތިވަނީކަމުގެ ރަނގަބީލުގެ އަޑުއިވޭ ކަހަލައެވެ. ނަމަވެސް ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެ ނަމަ، އެއީ އާދައިގެ ކަމަކަށް ނުވާނެއެވެ. ނިޔުކުލިއަރު ހަނގުރާމައެއް ފެށިއްޖެ ނަމަ، ދުނިޔޭގެ ބޮޑު ބައެއްގެ ދިރުންތަކަށް ވާނެ ގޮތް އޮތީ ހީކޮށްލުމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. ނަމަވެސް ރައްކާވެގެން ތިބޭނީ ވަކި ކޮންތާކުތޯއެވެ؟ މި ފަދަ ހަނގުރާމައެއް ފެށިއްޖެ ނަމަ، . . . . (އެ ފަދަ ގޮތެއް އިރާދަނުކުރައްވާށިއެވެ!) އޭގެ ނޭދެވޭ އަސަރު ނުކުރާނެ ގައުމެއް ދުނިޔެއަކު ނޯންނާނެކަން ކަށަވެރެވެ.

ބައެއް ލަފުޒުގެ މާނަ:

ރޭސް       ނ.    އެކަކު އަނެކަކަށް ވުރެ ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް ވުރެ ކުރި ހޯދުމަށް ކުރާ ވާދަ.

އަރުމާދު     ނ.    އެކެއްގެ ވެރިކަމުގައި ބަޔަކާ ދެކޮޅަށް ނުވަތަ ހަނގުރާމައިގެ ބޭނުމެއްގައި ދަތުރުކުރާ އެއްއުޅަނދަށްވުރެ ގިނަ އުޅަނދު. (2) ގައުމެއްގެ އެންމެ އިސްވެރިޔާ ރަސްމީ އިއްޒަތުގައި ވަޑައިގަންނަވާ އުޅަނދާއި އެއުޅަނދު ޙިމާޔަތް ކުރުމަށް އެކުގައިދާ އުޅަނދުފަހަރު.

އިސްތިރާޖު   ނ.    ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.

ފަންނިއްޔާތު  ނ.    ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު.

ކޮމެންޓު