ad_banner
ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިނުވުމުގެ ގެއްލުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

31 ޖަނަވަރީ 2026

ފަލަސްތީނުގެ ބިން ގެއްލެމުން ދިޔަ ގޮތުގެ ޗާޓެއް

ވިހިވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގައި އެ ތަނުގެ އާބާދީގެ %92އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބީންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބީންގެ އަތްމަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ އެންމެ %8އެވެ. އެ މީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2އެވެ. ނަމަވެސް، 1920ވަނަ އަހަރުން ފެށިގެން މި އަދަދަށް ބަދަލުއަންނާން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސްވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި، އިނގިރޭސިވިލާތާއި ފަރަންސޭވިލާތުގެ ދެމެދުގައި ބަހައިލެވި، ފަލަސްތީނު އިނގިރޭސިވިލާތުގެ އަތްދަށަށް ދިޔުމުންނެވެ. އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެކޭ މި ދެންނެވީ، ތިމާމެންގެ އަމިއްލަ ނޫން ބިމެއް، އެ ބިމުގެ މިލްކުވެރި ފަރާތުގެ އިޒުނަޔަކާ ނުލައި، އެއާ މެދު، ތިމާމެން ބޭނުން ގޮތަކަށް ކަންތައްކުރާން ނިންމައިލެވުނީތީއެވެ.

މަތީގައި މި ދެންނެވި އެއްބަސްވުން އެއްބަސްވެވުނު އިރު، އަރަބި މެދުއިރުމަތީގެ ބިންތަކުގެ ތެރެއިން އިނގިރޭސީން ބޭނުންވީ އިރާގާއި ފަލަސްތީނެވެ. އިރާގު ބޭނުންވީ އިރާގުން އޭރު ތެޔޮ ފެނިފައިވުމުން، ތެލުގެ ބޭނުމުގައެވެ. ފަލަސްތީނު ބޭނުންވީ، 1917ގައި އިނގިރޭސިން ނެރުނު ބެލްފޯރގެ ވައުދުގެ ނަމުން މަޝްހޫރުވީ އިއުލާނުގެ ސަބަބުންނެވެ. އެ ވައުދަކީ ޔޫރަޕުގެ ޒަޔަނިސްޓުންނަށް، ފަލަސްތީނުގައި ޔަހޫދީންގެ 'ގައުމީ ވާސައެއް'، އެހެން ގޮތަކަށް ދަންނަވާ ނަމަ، ޔަހޫދީ ދައުލަތެއް، ގާއިމުކުރުމަށް އިނގިރޭސިން އެހީވެދޭނޭކަމުގެ ވައުދެވެ.

ދެން، އިނގިރޭސީންގެ އެދުމާ އެއް ގޮތްވާ ގޮތުގެ މަތީން، އަދި މި ކަމަށް ގާނޫނީ ސިފަ ގެނައުމުގެ ގޮތުން، ލީގް އޮފް ނޭޝަންސުން، ފަލަސްތީނު އިނގިރޭސިންނާ ހަވާލުކުރިއެވެ. އަދި 1920ގައި، ފަލަސްތީނުގެ އިދާރީ ބާރެއްގެ ގޮތުން، ފަލަސްތީނުގެ މައްޗަށް އިނގިރޭސިން ވެރިވިއެވެ. މިއަށް ފަހު، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު އިނގިރޭސިން ހުޅުވައިލިއެވެ. މައިގަނޑު ގޮތެއްގައި، ޔަހޫދީން، ފަލަސްތީނަށް ހިޖުރަކުރީ ޔޫރަޕުންނެވެ. މި ހިޖުރަކުރުން ހުޅުވައިލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީންކަމުގައި ވުމެވެ. އަދި 1948ގައި ފަލަސްތީނު، އ.ދ.ގެ ފަރާތުން ދެބައިކޮށް، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑުބައި ދީ، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރިއެވެ.

ފަލަސްތީނުގައި ޔޫރަޕުގެ ޔަހޫދީން، ދައުލަތެއް ބިނާކުރުމުގެ މަސައްކަތް 19ވަނަ ގަރުނުގެ ފަހުކޮޅު ފެށުނެވެ. އަދި ވިހިވަނަ ގަރުނަށް އެޅުނު އިރު، މި މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބުނެވެ. ޔޫރަޕުގެ އާންމުންނާއި ޚާއްސުންގެ ތެރޭގައި ވެސް، ޔަހޫދީންނާ ދެކޮޅުވެރިކަމުގެ ޝުއޫރުތަކާއި ހަރަކާތްތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 1897ގައި ސުވިޓްޒަރލަންޑުގެ ބާސިލްގައި ބޭއްވުނު ޔަހޫދީންގެ ފުރަތަމަ ބޮޑު ބައްދަލުވުމުގައި، އެ މީހުންގެ އޭރުގެ ޒައީމު، އަދި ފަހުން، އަދުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ، ތިއޯޑޯ ހެރްޒެލް، ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ އިއުލާނުކުރިއެވެ. އަދި، އެ ބައްދުލުވުމަށް ފަންސާސް އަހަރު ފުރުނުތަނާހެން، 1948ގައި، މި ކަން ހަގީގަތަކަށް ހަދައިލި ތަން ފެނުނެވެ.

މި ހުރިހައި ރޭވުމަކާއި ތައްޔާރީތަކެއްވަމުންދިޔަ އިރު، ޢަރަބީން ކޮބައިހެއްޔެވެ؟ އެ މީހުންގެ ގިނަ ބަޔަކު ތިބީ ނިދައިފައެވެ. ދުނިޔޭގައި އެ މީހުންނާ އިދިކޮޅަށް ރޭވެމުންދިޔަ ރޭވެމުންތައް ފާޅުގައި ރޭވެމުން ދިޔަކަމުގައި ވިޔަސް، އެ ކަން އެމީހުންނަށް އެނގޭކަމަކަށް ނުވެއެވެ. އަނެއްކޮޅުން، އެމީހުންގެ ލީޑަރުންކަމުގައި ބެލެވުނު، މީހުން ތިބީ ވެރިކަން ކޮށްލާނޭ ބިންކޮޅެއްގެ ދަހިވެތި ކަމުގައެވެ. އެހެންވެ، މި މީހުންގެ ދަހިވެތިކަމުގެ ބޭނުން އިނގިރޭސިން ވަރަށް ރަނގަޅަށް ހިފިއެވެ. އެ މީހުން ބޭނުންކޮށް، އުސްމާނީ ދައުލަތާ އިދިކޮޅަށް އެ މީހުން ބައިވެރިކޮށްގެން ހަނގުރާމަކުރިއެވެ. އަދި އުސްމާނީން ބަލިކޮށް، އަރަބި ދުނިޔެއިން އެ މީހުން ބޭރުކޮށްލައި، އިނގިރޭސިންގެ އަތް ދަށަށް ފަލަސްތީނު ގެނެސް، އެމީހުން ބޭނުންވި ގޮތަށް، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް މަގު ފަހިކޮށް، އެ ކަން ކުރުމަށް ޔަހޫދީންނަށް އެހީވެދިނެވެ.

ފަލަސްތީނު ގެއްލި ދިޔަ މައިގަނޑު ދެ ސަބަބުކަމުގައިވި، އާންމުންގެ ހޭލުންތެރިކަން ނެތުމާއި އަދި ޢަރަބީންގެ ޒައީމުންގެ ގޮތުގައި ތިބި މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، އިނގިރޭސީންގެ ހަގީގީ މަގުސަދު އޮޅުންނުފިލުން ހިމެނެއެވެ. ދެން، 1920ގައި އިނގިރޭސިން ފަލަސްތީނަށް އައިސް، އެ މީހުން، ޔަހޫދީންނަށް ހިޖުރަކުރުމުގެ ދޮރުހުޅުވައިލުމުން، ޢަރަބީންނަށް ވާނުވާ ސާފުވިއެވެ. އަދި އެ ހިސާބުން، އެ ކަމާ އިދިކޮޅު، ހަނގުރާމަވެރި ހަރަކާތްތަކެއް ފެށިއެވެ. މި ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނެވެ. އަދި، ތިރީހުގެ އަހަރުތައް ނިމުމަކަށް އައިއިރު، ފަލަސްތީނުގެ ކަންތައް، ފަލަސްތީނު މީހުން އެދޭ ގޮތަށް ވުން ކައިރިވެފައި އޮތް ވެސް މެއެވެ. އިނގިރޭސީންނާއި ޢަރަބީންނާ ދެމެދު ކުރެވުނު އެންމެ ފަހުގެ 'ހުދު ކަރުދާހުގެ' އެއްބަސްވުމުގެ މަތީންނެވެ. ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުން ހުއްޓުވައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ޢަރަބީންގެ މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމުގެ ވާހަކަ މި 'ހުދު ކަރުދާހުގައި' އޮތުމުންނެވެ.

ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އަދި މި ކަމުގެ ސަބަބުން، ދުނިޔޭގެ މަސްރަހު ބަދަލުވެގެން ދިޔައެވެ. ހިޓުލަރުގެ ކުރިއެރުމާއި ޔަހޫދީންނާ ދޭތެރޭ އޭނާ އަނިޔާވެރިވި އަނިޔާވެރިވުމާއި، ހަނގުރާމަ ނިމިނު އިރު، ދުނިޔޭގެ ބޮޑެތި ބާރުތައްކަމުގައި އެމެރިކާއާއި ސޯވިއެޓު ޔުނިއަން (މިހާރުގެ ރޫސީން) ވެގެން ދިޔައެވެ. އަދި، އޭރު އޮތީ، އިނގިރޭސިންގެ އެދުމުގެ މަތިން، އަރަބީންގެ ބައެއް ލީޑަރުން ބުނެގެން، ފަލަސްތީނު މީހުން ހަތިޔާރު ވެސް، ބަހައްޓައިފައެވެ. މި ހުރިހާ ކަންތަކެއްގެ ސަބަބުން، ކުރީން ދެންނެވި 1939ގެ ހުދުކަރުދާހަށް އަމަލު ކުރެވޭ ގޮތެއް ނުވިއެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔާގެ ބޮޑު ބާރަކަށް އެމެރިކާވެ، ޔަހޫދީންގެ މަދަދުގާރުކަމުގައި ވެސް އެމެރިކާވިއެވެ. ނަތީޖާއަކަށްވީ، ފަލަސްތީނުގެ ކަންތައް ބެލްފޯރގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭނެ ގޮތް ހެދުމަށް ފަހު، ފަލަސްތީނުގެ މައްސަލަ އަލިފުދާލާ ހަވާލުކޮށްފައި، އިނގިރޭސިން ފަލަސްތީނުން ފޭބުމެވެ. އަދި، ދުނިޔޭގެ އާ ބޮޑު ދެބާރުކަމުގައިވި، އެމެރިކާއާއި ސޯވިއެޓް ޔުނިޔަންގެ އެހީގައި، ފަލަސްތީނު ބައިކުރުމަށް، އދ.ގެ ފަރާތުން ނިންމައި، ޔަހޫދީ ދައުލަތެއް 1948ގައި، ފަލަސްތީނުގައި ގާއިމުވުމެވެ.

ދެން އައީ ޢަރަބީންނާއި އިޒުރޭލާއި ހަނގުރާމަތަކެއް ކުރެވުނުވުނު އަހަރުތަކަކެވެ. މީގެ ތެރެއިން 1948ގައްޔާއި 1967ގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކަށްވީ އ.ދ.އިން ފަލަސްތީނު މީހުންގެ ބައިކަމަށް ކަނޑައެޅިފައި އޮތް ބައިން ވެސް ބޮޑު ބައެއް ގެއްލިދިޔުމެވެ. މި ކަން ކުރުމަށް އޮތީ މާކުރީން ވެސް ރޭވިފައެވެ. ފަލަސްތީނު ބައިކޮށް، މުޅި ފަލަސްތީނަށް ހެން ޔަހޫދީން ވެރިވުމުގެ ރޭވުން އޮތީ މާކުރީން ވެސް ރާވައި ނިންމިފައެވެ. ފަލަސްތީނުގެ ޢަރަބީންގެ ބަޔަށް ވެސް، ޔަހޫދީން ވެރިވުމުގެ ރޭވުން، ކުރީން ކުރެވިފައި އޮތްކަން ޔަހުދީން ފުރަތަމަ ބޮޑުވަޒީރު، ބެން ގިޔޫރިއޯންގެ 'ހަނދާންތައް' (މެމުއާރސް)، މި ފޮތުން ފެންނާން އޮންނާނެއެވެ. އަދި، މި ކަމުގެ ހަގީގަތް މިއަދު، އަމަލީ މައިދާނުން އެ އޮތީ ފެންނާށެވެ. މިއަދު، ފަލަސްތީނު މީހުންނަށް އޮތީ ހަމައެކަނި ޣައްޒާއެވެ. އެހެން ހުރިހާ އަރަބި ބިންތަކެއް އޮތީ އިޒްރޭލްގެ އަތް ދަށުގައެވެ. ޣައްޒާއަކީ ވެސް ބޮޑު ޖަލެއް ކަހަލަ ތަނެކެވެ. އެ ތަން ވަނީ އިޒްރޭލާއި މިސުރުގެ ދަށުގައި ހިސޯރުކުރެވިފައެވެ. ޣައްޒާއަށް ވަދެނިކުމެގެ އުޅުމަކީ މިނިވަންކަމާ އެކު ފަލަސްތީނު މީހުންނަށް ކުރެވޭން އޮތްކަމެއް ނޫނެވެ. މިކަމަކީ އިޒްރޭލާއި މިސުރުގެ ބާރުގެ ދަށުގައި އޮތް ކަމެކެވެ. މިސުރުގެ އަތުގައި މިސުރާއި ޣައްޒާއާ ގުޅޭ ސަރައްހަދު ހުޅުވުމުގެ އިޚުތިޔާރު އޮތްކަމުގައި ވިޔަސް، މި ކަން، ގިނަ ފަހަރަށް ކުރެވެނީ، އިޒްރޭލުގެ ރުހުން ލިބިގެންނެވެ. ސަތޭކަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ ބިން ގެއްލި، އެ ތަނުގެ މީހުން ބިކަވެ، ނިކަމެތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮބައިހެއްޔެވެ؟ އާދޭހެވެ! އާންމުންގެ ހޭލުންތެރިކަން ނެތުމާއި ލީޑަރުންނަށް ތިބި މީހުން ވެރިކަމަށް ދަހިވެތިވުމެވެ. ވެރީންނަށް ތިބި މީހުންގެ އަމިއްލަ އެދުން ބޮޑުކަމެވެ.

އާދޭހެވެ! އަދި އެއްފަހަރު ތަކުރާރުކޮށް ލިޔެލަމެވެ. ފަލަސްތީނުގެ ހިތާމަވެރި، މައުސާވީ ހާދިސާއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ މިއެވެ. އާންމުންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބަން ގައުމުތަކަށް ދިމާވާ ނުރައްކަލެވެ. ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތެވެ. އާންމުންގެ ހޭލުންތެރިކަން ނެތި، އަދި އެހެންވެ، ގައުމީ ކަންކަމާ މެދު އަމިއްލައަށް ވިސްނައި ފިކުރުނުކުރުމުގެ ނަތީޖާއަކީ، ވެރިކަމުގެ ދަހިވެތިކަން ނޫންކަމެއް ނެތް، ތަނުގެ ލީޑަރުންނަށް ވެގެން އުޅޭ، ޣައްދާރުވެރި ފިނޑި ޚާއިނުންނަށް، ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކައިލުމުގެ ހިތްވަރާއި ކެރުން ލިބުމެވެ. ގައުމީ ކަންކަމާ މެދު، އާންމުން ލޯ މަރައިލައިގެން ތިބުމުން، އެފަދަ ޣައްދާރުންނާއި ޚާއިނުންނަށް، ޣަދަރާއި ޚިޔާނަތުގެ އަޚުލާގީ ގޮތުން އެންމެ ދަށު ދަރަޖައިގެ އަމަލު ހިންގައިލުމުގެ ފުރުސަތު ލިބުމެވެ. އާދޭހެވެ! މި ދެންނެވި ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ.

މި ފަދަ މަންޒަރެއް ރާއްޖެއިން ވެސް ފެނުމަކީ ދުރުކަމެކޭ މިހާރު ހީ ނުވާ ފަދަ ކަންތައްތަކެއް ރާއްޖެއިން ވެސް ފެންނާން ފެށިއެވެ. މި ކަމުގެ މައްޗަށް އަވަސް ކަޅިއެއް އެއްލުން ވަރަށް ވެސް މުހިއްމެވެ.

ދެހާހުގެ އަހަރުތައް ފެށުނީއްސުރެންހެން، އިންޑިޔާގެ ބާރުގެ ދަށަށް، ރާއްޖެ، ގެންދިޔުމުގެ މަސައްކަތް ބާރު އިސްޕީޑެއްގައި ފެށުނެވެ. ރާއްޖޭގައި އެ މީހުންގެ ވެރިކަން ގާއިމުކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެއްގެ، ދަހިވެތި އެދުމުގެ ފައިދާގެ ބޭނުން، އިންޑިޔާއިން އެންމެ ފުރިހަމައަށް ހިފައިގެންނެވެ. މި ކަންކަން ފާޅުގައި ކުރަމުން ދިޔައިރު، ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގައުމު އަތުލައިގަތުމުގެ ރޭވުންތައް ރާވަމުން ދިޔަ އިރު ނިދާފައި ތިބިފަދައިން، ދިވެހިން ވެސް ތިބީ ނިދައިފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވައިލުމުގެ ރޭވުންތައް ރޭވެމުންދިޔަކަމުގެ ކިތަންމެ ކިތަންމެ އިޝާރަތެއް ލިބެމުން ދިޔަ އިރު ވެސް އެ ކަން ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. މީގެ ބައެއް އިޝާރަތްތަކުގެ ވާހަކަ މި ތާނގައި ލިޔެލާން ގަސްތުކުރަމެވެ.

ފުރަތަމަ އިޝާރަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި ތިމާމެންގެ އަމިއްލަ ގައުމަށް ހަމަލާދީ، ހިފާން އައުމަށް ބަޔަކު ގޮވައިލި ގޮވައިލުމެވެ. ދެންމެ، ރާއްޖޭގައި އެމީހުންގެ ވެރިކަން ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެކޭ ދެންނެވި މީހުންނަކީ މިއީއެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު، އެ ބަޔެއްގެ ގައުމާ ބެހޭ ގޮތުން، މި ފަދަ އިއުލާނެއް ކުރި ނަމަ، އެ ބަޔަކު ވާނީ ބޮޑެތިބޮޑެތި މުޖުރިމުނަށެވެ. 1988 ނޮވެމްބަރު ތިނެއްގައި ހާޖަރާގޭ އަބްދުﷲ ލުތުފީ ޓެމިލް ޓައިގަރުން ރާއްޖެ ގެނެސް، ރާއްޖެއަށް ދިން ހަމަލައާއި މި މީހުން ގޮވި ގޮވުމާ އޮތް ތަފާތަކީ ކޮބައިތޯއެވެ؟ ހަމަ އެކަނި ތަފާތަކީ އެ މީހުންނަށް އަމަލީ ގޮތުން އެ ކަން ނުކުރެވުމެވެ. [ނިޔަތުގައި ތަފާތެއް ނެތެވެ.] ބައެއް ގައުމުތަކުގައި ގައުމަށް ޣައްދާރުވެ ޚިޔާނަތްތެރިވުމުގެ މިފަދަ ޖަރީމާތައް (ކުރައިމް އޮފް ޓްރީސަން) ހިންގާ މީހުންގެ އަދަބަކީ ދަންޖައްސައި މަރުމެވެ. އަނެއްބައި ގައުމުތަކުގައި މި ފަދަ މުޖުރިމުން އުމުރަށް ޖަލަށް ލެވެއެވެ. ދުވަހެއްގައި ވެސް އެ މީހުން މިނިވަނެއްނުކުރެވެއެވެ. އެ މީހުން މަރުވާންދެން އުޅޭން ޖެހެނީ ޖަލުގައެވެ. ނަމަވެސް ރާއްޖޭގައިތޯއެވެ؟ ގައުމު ވިއްކާން އުޅޭ މި ފަދަ ބޮޑެތި ޚާއިނު މުޖުރިމުންނަކީ ސަރުކާރު ހިންގާ ސަރުކާރުގެ އިސް މަގާމުތައް ފުރާން ތިބޭ ގައުމަށް މަގުދައްކާ މީހުންނެވެ! މިނިކާ ވަގުންގެ ބައިގަނޑަކަށް ބަކަރިކޮށި ބެލެހެއްޓުން ހަވާލުކުރުން ފަދަ ކަމެކެވެ! މިހެން ކަންތައްވާން ދިމާވަނީ ކީއްވެގެންތޯއެވެ؟ އާންމުންގެ ހޭލުންތެރިކަން ނެތުމުންނެވެ. ގައުމީ ކަންކަމާ މެދު، މިނިވަންކަމާއި އިޚުލާސްތެރިކަމާ އެކު ވިސްނައި ފިކުރުނުކުރާތީއެވެ.

ގައުމަށް ޚިޔާނަތްތެރިވުމުގެ މި ފަދަ ގޮވައިލުމެއް ގޮވައިލައި، ބޭރު ބައެއްގެ ކިބައިން، ގައުމަށް ހަމަލާދޭން އަންނާށޭ ބުނުމުގެ ހިތްވަރު ލިބެނީ ކީއްވެގެންތޯއެވެ؟ ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ މި ފަދަ ވާހަކަތައް، ކުރީން، މި ދެންނެވި ބޭރު ބަޔަކާ ދެކެވިފައި އޮތުމެވެ. މީގެ އެންމެ ބޮޑު ހެތްކަކީ، މި މީސް މީހުން އިންޑިޔާގެ އެކި މީސް މީހުންނާ ބައްދަލުކޮށްކޮށްފައި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވެރިކަން އެ މީހުންގެ އަތްމައްޗަށް ފުރޮޅައިލުމުގެ ވާހަކަ ދައްކަމުންދާތީ އެ ކަމާ ބޮލަށް އުނދަގޫވެގެން އިންޑިޔާގެ މަސްއޫލު މީހަކު ބުނި ބުނުމެވެ. 'މި މީހުން ކެތްނުލަވައިގެނެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ޅަ ނޫންހެއްޔެވެ؟ އަދިވެސް ވެރިކަން ލިބިދާނެ ނޫންހެއްޔެވެ؟' މި ވާހަކަތައް އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއުކުރެވެނެވެ. މި ތާނގައި އޭނާ އިޝާރަތްކުރަނީ ރާއްޖޭގައި އިންތިޚާބެއް [2018ގެ އިންތިޚާބު] ކައިރިވެފައި އޮތްކަމާއި އެ އިންތިޚާބު މި ކެތް ނުލެވިގެން އުޅޭ ބައިގަނޑަށް ކާމިޔާބުކުރެވިދާނޭކަމެވެ.

ދެވަނަ ސަބަބީ ތަނުގެ އާންމުންގެ ހޭލުންތެރިކަން ނެތުމެވެ. އަދި އެ ކަމުގެ ސަބަބުން، އެ ފަދަ ޚާއިނު މުޖުރިމުން މަތި އޮމާންކޮށް ދައްކާ ކޮންމެ ވާހަކައެއް، އަމިއްލަ ވިސްނުން ބޭނުންނުކޮށް އާންމުން ގަބޫލުކުރާނެތީއެވެ. އާންމުގެ ހޭލުންތެރިކަން ނެތުމުން، ކަންތައްތަކުގެ ހަގީގަތް ފޮރުވައި އޮޅުވައިލެވުމުގެ އެކަށޭންކަން ލިބިގެންވީ ބަޔަކަށް އާންމުން ވެފައި ތިބީމައެވެ. އާދޭހެވެ! އާންމުގެ ގިނަ މީހުންނަކީ ގުނބޯ ހެއްދޭނޭ ބަޔަކަށްވީތީއެވެ.

ދެވަނަ އިޝާރަތަކީ މޮހޮނަށް އޮޑިދިންހެން، ރާއްޖެއަށް އިންޑިޔާއިން ދެ ހެލިކޮޕުޓަރު ދިނުމެވެ. ހެލިކޮޕުޓަރު ބޭނުމެއްނެތްކަމާއި އަދި އެ ގެންދިޔުމަށް އެދުމުން ވެސް، އެ ދެ ހެލިކޮޕުޓަރު ނުގެންދިޔުމެވެ. އަދި، އެ ދެ ހެލިކޮޕުޓަރު އުދުއްސާންތިބި މީހުންގެ ވިސާ ހުސްވުމުން، އަދި ދިވެހި ބިމުން ފައިބާން އެންގުމުން، ނުފައިބައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމެވެ. މިއީ އެންމެންނަށް ވެސް އެނގުނު ކަމެކެވެ. ނަމަވެސް، އެންމެ ކުޑަވެގެން މި ވާހަކަ ނޫހެއްގައި ޖަހައިލާން ވެސް ނުކެރުނެވެ.

ތިންވަނަ އިޝާރަތަކީ ރާއްޖޭގެ ދާޚިލީކަންތައްތަކަށް އިންޑިޔާ ވަދެގަތުމެވެ. ސިޔާސީ ޕުރޮޓޮކޯލާއި ޚިލާފަށް، އެމީހުންގެ މަންދޫބަކު އައިސް، އަމިއްލައަށް ރާއްޖޭގެ ރައީސް އޮފީހަށް ވަދެގެނެ، މިވެނި ގޮތަކަށް ކަންތައް ކުރާން އަމުރުކުރާން ކެރުނުކަމެވެ. ފަހުން، މި މީހަކު، އެ ކަމާ އުޒުރުވެރިވެ، އަމިއްލަ ގޮތުން މާފަށްއެދުނުކަމަށް ވެއެވެ. އަދި، އޭނާ އެ ގޮތަށް ކަންތައްކުރީ، އިންޑިޔާ ސަރުކާރުން އަންގައިގެންކަމަށް ވެސް އޭނާ އިޝާރަތްކުރިކަމަށް ވެއެވެ.

ހަތަރު ވަނަ އިޝާރާތަކީ ރާއްޖޭގެ މީހުންނަށް ދެވޭނޭ ގައުމުތަކާއި ނުދެވޭނޭ ގައުމުތައް އިންޑިޔާއިން ކަނޑައަޅައިލުމުގެ އިޚްތިޔާރު އިންޑިޔާއަށް ލިބިދިނުމެވެ. ރާއްޖޭގެ ބަޔަކު، ގާނޫނުތަކާއި ގަވާއިދުތަކާ އެއް ގޮތްވާ ގޮތުގެ މަތީން، ގައުމެއްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، އިންޑިޔާ އެ ކަމާ ނުރުހިދާނެތީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެ ކަން ހުއްޓައިލުމަށް މި ބުނާ ބަޔަކަށް އެންގުމެވެ.

ފަސްވަނަ އިޝާރަތަކީ ޕޮލިސް އެކަޑަމީގެ ނަމުގައި ރާއްޖޭގެ އެތަންމިތަނުގައި އަސްކަރީ މަރުކަޒުތައް ހެދުމެވެ. އަދި، މި ކަމަކީ އެމީހުންގެ އަސްކަރުން ރާއްޖޭގައި ތިބުމުގެ ބަހަނާއަކަށް ހެދުމެވެ. ރާއްޖޭގައި އެތަންމިތާގައި ޕޮލިސް އެކަޑެމީ އަޅާންޖެހެނީ ކީއްވެގެންތޯއެވެ؟ މީގެ ބޭނުމަކީ ކޮބައިތޯއެވެ؟ ރާއްޖޭގެ ތަރައްގީއަށް އެ ވަގުތު އެންމެ މުހިންމީ އެ ކަންތޯއެވެ؟ އޭރު ވެސް، ރާއްޖޭގެ ބޭނުން ފުދޭ ވަރަށް، މި ކަންކަން ކުރާތަންތަން ރާއްޖޭގައި ހުއްޓެވެ. އެތަންތަން ތަރައްގީ ނުކުރެވެންވީ ކީއްވެގެންތޯއެވެ؟ ބޭރު ބައެއްގެ އަތް މައްޗަށް ގައުމުގެ މިފަދަ ހައްސާސީ ކަންތައްތައް ދޫކޮށްލާން ޖެހެނީ ކީއްވެތޯއެވެ؟ މިހުރީ ހައްތާ ވެސް ކުރާން ޖެހޭނޭ މުހިންމު ސުއާލުތަކެވެ.

ރާއްޖޭގައި ތަނެއް އަޅާން ޖެހޭ ނަމަ އަޅާންވީ މުދައްރިސުން ތަމްރީނުކޮށް ތައްޔާރުކުރާނޭ ތަންތަނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްތަކުރުމަށް ޓަކައި ދިވެހީން އަހުލުވެރިކުރެވޭނޭ ގޮތް ހެދޭނޭ ތަންތަނެވެ. ރާއްޖެ ތަރައްގީކުރުމަށް ޓަކައި، ރާއްޖޭގެ އެތަންމިތަނުގައި ޕޮލިސް އެކަޑަމީ ހެދުމަށް ވުރެ، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި ހޮޓަލް އިސްކޫލުތައް، ރާއްޖޭގެ އެކި ކަންކޮޅުގައި އެޅުން މާ މުހިންމެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު މި އޮތް ގޮތަށް ބަދަލުވިތާ ފަސްދޮޅަސް އަހަރުވީ އިރު ވެސް، އެކަށީގެންވާ ގާތުގެ އަދަދަކަށް ވެސް، ރާއްޖޭގެ އިސްކޫލުތަކުގައި މަސައްކަތްކުރާނޭ އަހުލުވެރިވެފައި ތިބި ދިވެހި މުދައްރިސުން ނެތުމުންނެވެ. ޓުއަރިޒަމްގެ މަސައްކަތް ރާއްޖޭގައި ފެށުނުތާ ފަންސާސް އަހަރުވީ އިރު ވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ 70 ނޫނީ 60 ޕަސެންޓަށް ވުރެ ގިނައީ ބޭރު މީހުންކަމަށްވާތީއެވެ.

ހަވަނަ އިޝާރަތަކީ އެ މީހުންގެ ގޮނޑިކޮއްކޮ ދިވެހި ސިޔާސީ ވެރީން، އިންޑިޔާއާ ޖަދަލުނުކުރުމަށް ގޮވުމެވެ. އިންޑިޔާއަކީ ރާއްޖެ ތަރައްގީކުރުމަށް ޓަކައި، މާތްކަލާނގެ ފޮނުއްވި ރަހުމަތެއްކަމުގައި ގަބޫލުކުރާން، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ މި ފަދަ ޣަދަރުވެރި ޚިޔާނަތްތެރި ސިޔާސީވެރީން ގޮވަމުންދިޔުމެވެ. އަޅުގަނޑުމެންގެ ތަރައްގީވުން އޮތީ އެ މީހުންގެ އަތްމަތީކަމުގައި ބުނެއެވެ. މި ކަމުގެ މައްޗަށް އިތުރު ވާހަކައެއް ދަންނަވައިލައި، އަލިއަޅުވައިލާން ގަސްތުކުރަމެވެ. މިއީ ޑިމޮކުރަސީގެ އުސޫލުތޯއެވެ؟ ވިސްނާން އެނގެނީ ފިކުރުކުރާން އެނގެނީ ހަމަ އެންމެ މީހަކަށްތޯއެވެ؟ ޖާދޫގެ ގޮނޑީގައި އިށީނުމުން، އޭނާއަށް 'ވަހީ ބަސްފުޅު' އިއްވެވެނީތޯއެވެ؟ މި ކަން ވެސް އަޅުގަނޑުމެން ހަމަ، ގަބޫލުކޮށް އަތްތިލަބަޑި ޖަހާންވީތޯއެވެ؟

ޝައްކެއްނެތް ގޮތުގައި، ތަފާތު މައިދާންތަކުގައި އިންޑިޔާވަނީ ކުރި ހޯދައިފައެވެ. އިލްމީ މައިދާނުގައެވެ. އުފެއްދުންތެރިކަމުގެ މައިދާނުގައެވެ. ވިޔަފާރީގެ މައިދާނުގައެވެ. ބޭސްވެރިކަމާއި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިދާނުގައެވެ. އަދި، ބޮޑެތި ބޮޑެތި މުއްސަނދިން އިންޑިޔާގައި އެބަތިއްބެވެ. ދުނިޔޭގައި އެންމެ ގިނަ މިލިޔަނަރުން ތިބި އެއް ގައުމަކީ އިންޑިޔާއެވެ.

ނަމަވެސް، އިޖުތިމާއި ކުރިއެރުމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަކީ އިންޑިޔާއަށް ހާސިލުކުރުން، އަދި، ވަރަށް ދަތި އުނދަގޫ ކަމެކެވެ. އިޖުތިމާއީ ކުރިއެރުމާއި އިޖުތިމާއީ އަދާލަތޭ މިތާ މި ދަންނަވާ ބަހުގެ މާނައަކީ މުޅި ގައުމުގެ އެންމެންގެ މެދުގައި ގައުމުގެ މުއްސަނދިކަން ބެހިގެން، އެންމެން ޝާމިލުވެގެން ކުރިއަރައިދާ ކުރިއެރުމެވެ. މި ފަދަ ކުރިއެރުމެއްގެ އަސާސަކީ، މުޅި މުޖުތަމައު، އެ މުޖުތަމައުގެ އެންމެންނަކީ ވެސް ހަމަހަމަ ބަޔެއްކަމުގައި ދުށުމެވެ. އިންޑިޔާގެ ހިންދީ ދީނީ ސަގާފަތް ނިޔާކުރާ ގޮތުން، އެ ތަނުގައި ކަންތައް އޮތީކީ، އަދި، މިހެންނެއް ނޫނެވެ. އެ ސަގާފަތް ނިޔާކުރަނީ އެންމެންނަކީ ހަމަހަމަ ބަޔެއް ނޫންކަމެވެ. ހިންދީ ސަގާފަތް ގަބޫލުކުރަނީ ވަކި ބަޔަކަށް، ގުދުރަތީ ގޮތުން، ޚާއްސަ އިމްތިޔާޒުތަކެއް (ޕުރިވިލެޖްތަކެއް) ލިބިދީފައި އޮންނާން ޖެހޭނޭކަމެވެ. އިންޑިޔާގައި، އެއް ކޮޅުން، ބޮޑެތިބޮޑެތި މުއްސަނދީން އުޅޭ އިރު، އަނެއް ކޮޅުން، ތަރައްގީގެ މަސައްކަތުގައި 70އެއްހާ އަހަރު ވޭތުވިއިރު ވެސް، ތަނުގެ އާބާދީގެ ބޮޑު ބަޔަކަށް، ފަސޭހައިން ފާޚާނާކޮށްލުމުގެ ނިޒާމެއް ތަނުގެ ސަރުކާރުގެ އިދާރާތަކުން ގާއިމުނުކުރެވިފައި އޮތުން ގުޅެނީ މި ދެންނެވި މުއައްސަސީ ތަފާތުކުރުމާއެވެ. (މި ދެންނެވި އިޖުތިމާއީ މައްސަލަތަކަށް އިޝާރަތްކުރެވި ހެދުނު ބައެއް ހިންދީ ފިލްމުގެ ދެތިން ލަވައެއް ފެންނަން އޮންނާނެއެވެ. ބައްލަވައިލެއްވުން މުހިންމެވެ!) މިހެން ކަންތައް އޮތް އިރު، އަދި ރާއްޖެއަށް ބޭނުންވާ ހަގީގީ ކުރިއެރުމަކީ އިޖުތިމާއީ އަދާލަތުގެ ކުރިއެރުންކަމަށްވާ އިރު، ރާއްޖޭގެ ކުރިއެރުން ގުޅެނީ އިންޑިޔާއާއޭ ބުނެވިދާނެތޯއެވެ؟ ޚުދު އިންޑިޔާގައި ނެތް އެއްޗެއް، އެ ތަނުން، އަޅުގަނޑުމެންނަށް ލިބޭނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންގެ ތަރައްގީއަކީ އަޅުގަނޑުމެން އަމިއްލައަށް ވިސްނައި ރާވައިގެން ކުރާން ޖެހޭ ކަމެކެވެ. އެހެންވެ، އަޅުގަނޑުމެންގެ ތަރައްގީ ގުޅެނީ އިންޑިޔާއާއޭ ބުނާ މީހަކު އެ ބުނަނީ ކަންކަމުގެ ހަގީގަތް އެނގިހުރެގެންނެއްނޫނެވެ. ނޫނީ ރާއްޖެ ކުރިއެރުވުމުގެ މަގުސަދެއްގައެއް ވެސް ނޫނެވެ. އެހެން އެ ބުނެ ގޮވަނީ މުޅީން އެހެން މަގުސަދެއްގައެވެ. ހަމައެކަނި ރާއްޖޭގެ މައްޗަށް އިންޑިޔާ ބާރުވެރިކުރުމަށް އެހީވެ، އެ ކަމަށް މަގުފައިކޮށްދިނުމުގެ މަގުސަދުގައެވެ.

ހަތްވަނަ އިޝާރަތަކީ ރާއްޖޭގައި ހަތިޔާރުއެޅި އިންޑިޔާގެ އަސްކަރީން ތިބުމުގެ ހުއްދަ ދިންކަމުގެ ވާހަކައެވެ. ކޮންމެވެސް އެހެން ނަމެއް ކިޔައިގެން، އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ ގެނައުމާއި އެ މީހުންގެ ބާރު ހިންގޭނޭ ވައިގެ ބަނދަރެއް އެ މީހުންނާ ހަވާލުކުރުމުގެ ވާހަކަތަކެވެ. މި ކަން ވުމުން، އިންޑިޔާއިން ބޭނުން ވަރަކަށް، އެމީހުން ބޭނުންވި ވަގުތެއްގައި، ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެވެ. އަދި، ރާއްޖޭގެ ދިފާއީ ބާރުތަކުގެ މައްޗަށް ވެރިވެގަތުމުގެ މަގު ހުޅުވިގެންދާނެއެވެ. މި ކަން ހިތަށް ގެނައުމުން، ރާއްޖޭގެ އޭރުގެ ސަރުކާރުގެ ފަރާތުން، ރާއްޖޭގެ ދިފާއި ބާރުތައް، ސިފައިންނާއި ފުލުހުން، ބަދުނާމުކޮށް އަބަދުއަބަދު ދައްކާ ވާހަކަތަކުގެ ހަގީގީ މަގުސަދު ވެސް ދޭހަވެއެވެ. ތަނެއްގެ ސަރުކާރުގެ ފަރާތުން އެ ތަނުގެ ދިފާއީ ބާރުތައް ބަދުނާމުވާ ގޮތަށް އަބަދާއި އަބަދު ވާހަކަދައްކައިފާނެތޯއެވެ؟ މައްސަލަތައް ހުރި ނަމަ، އެ ކަންވާނީ ގައުމުގެ ހައްސާސީ މައްސަލައަކަށެވެ. އެހެންވެ، އެ ފަދަ ވާހަކަތައްނުދައްކައި، އެ ކަންކަން އިސްލާހުކުރީމާ ނިމުނީ ނޫންތޯއެވެ؟ ނަމަވެސް، މި ކަން ނުކޮށް، އެ ފަދަ ބަދުނާމީ ވާހަކަތައް ދައްކަނީ ކީއްވެތޯއެވެ؟ މި ކަމުގެ ބޭނުމަކީ މަގުސަދަކީ، ތަނުގެ ދިފާއީ މުއައްސަސާއަކީ ބޭނުން ނެތް ތަނެއްކަމުގައި އާންމުންނަށް ދެއްކުމެވެ. އަދި، އެ ތަން އުވައިލެވެންޏާ އުވައިލައި، ނޫން ނަމަ، އެ ތަނުގެ އަމުރުވެރިކަން ވެސް ބޭރު ބަޔަކާ، އާދެ، އިންޑިޔާއާ ހަވާލުކުރުމެވެ. އެއް އިރެއްގައި ޖޯޑުންގެ ލަޝްކަރުގެ ބާރު އިނގިރޭސިންގެ އަތްމަތީ އޮތް ފަދައިންނެވެ. އަދި، މިހާރު، އިންޑިޔާގެ ބާރުގެ ދަށުގައި، ބޫޓާނުގެ ދިފާއީ ކަންތައްތަކާއި އަދި ޚާރިޖީ ކަންތައްތައް އޮތް ފަދައިންނެވެ. މި ކަން އޮތް ގޮތް، މި ބުނި އެއްޗެއްގެ ތެދުދޮގު އޮޅުންފިލުވައިލުމުގެ ގޮތުން، ކޮންމެ މީހަކު ވެސް އަމިއްލައަށް ބަލައިލުން މުހިންމެވެ. މިއީ ޚިޔާލީ ވާހަކަތަކެއް ނޫންކަން ދެނެގަތުމަށެވެ.

މި ދެންނެވި ހުރިހައި ކަމަކީ ވެސް ހަމަ ތަރައްގީގެ އެހީތެރިކަމާ ގުޅޭ ކަންކަންތޯއެވެ؟ މި ކަންކަން ނުކޮށް ވެސް، ރާއްޖެއާއި އިންޑިޔާއާއި އަދި އެހެން ގައުމުތަކާ ވެސް ގުޅި، ރާއްޖޭގެ ތަރައްގީގެ މަސައްކަތް ދިވެހީންނަށް ކުރެވޭނެއެވެ. ތަނެއްގެ ތަރައްގީގެ މަސައްކަތަކީ ބޭރު ބަޔަކަށް ކުރެވޭނޭ އަދި ކުރާނޭ ވެސް ކަމެއްނޫނެވެ. މި ކަން އެންމެ ސާފު ގޮތެއްގައި ވިދާޅުވީ ކާކުތޯއެވެ؟ އިންޑިޔާގެ މަހާތުމާ ގާނދީއެވެ! އިނގިރޭސީންގެ އަތުން އިންޑިޔާއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އެހީވެދޭން، ހެޔޮ އެދިގެން، އިނގިރޭސި ފާދިރީއަކު، އޭނާ އަރިހު ދެންނެވުމުންނެވެ. އެހެންވެ، އެހެން މީހުންގެ ތަޖުރިބާތަކުން ވެސް ފައިދާ ލިބިގަނެގެން، ދިވެހީންގެ ތަރައްގީގެ މަސައްކަތްކުރާން ޖެހޭނީ ދިވެހީން އަމިއްލައަށެވެ. އަދި، އެއީ، ކެރިގެން، އިޚުލާސްތެރިކަމާ އެކު، އެ ކަމާ ކުރިމަތިލައިފި ނަމަ، އިރާދަކުރެއްވިއްޔާ، ކުރެވޭނޭ ވެސް ކަމެކެވެ.

ދެން، ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެވި ދިޔުމުގެ އެތައްއެތައް އިޝާރާތްތަކެއްވަމުންދާ އިރު ވެސް، އާންމުން ހޭލުންތެރި ނުވަނީ ކީއްވެތޯއެވެ؟ ކޮންމެ ޖުލައި ސައްބީހެއްގައްޔާއި ނޮވެމްބަރު އެގާރާއެއްގައްޔާއި ރަބީއުލްއައްވަލު މަހު އެކެއްގައްޔާއި މި ފަދަ ގައުމީ މުނާސަބަތްތަކުގައި ގޮވާ ގޮވުންތަކާއި ޖަހާ ލަވަތަކުގައި ކިޔާ އެއްޗެހީގެ މާނައަކީ ކޮބައިތޯއެވެ؟ އެ ކިޔާ ގައުމު ދެކެ ލޯބިވާ ވާހަކައާއި ގައުމު ދިފާއުކުރުމަށް އެންމެން ތެދުވާނެ ވާހަކައިގެ މާނައަކީ ކޮބައިތޯއެވެ؟ ނޮވެންބަރު ތިނެއްގެ ހާދިސާގެ ފަހުން، ސަލްޓަން ޕާކު ބުރު ކައިރީގައި ލިޔެފައި ބެހެއްޓި ފިލާގައި ހުރި ލިޔުންތަކުގެ މާނައަކީ ކޮބައިތޯއެވެ؟ ގައުމީ އިހުތިފާލުތަކަކީ މާނައެއް ހުރި ކަމަކަމަށްވަނީ ނަމަ، އެ ކިޔޭ ލަވަތަކުގެ ބަސްތަކުގައި މާނައެއްވަނީ ނަމަ، އެ ފިލާގައި ލިޔެވިފައި އޮތް އެއްޗަކީ މާނައެއް ހުރި އެއްޗަކަށްވާ ނަމަ، ރާއްޖޭގެ މިނިވަންކަން ގެއްލާން އުޅޭ ވަގުތެއްގައި އަތްއުރައިލައިގެން ތިބޭން ހެޔޮވާނެތޯއެވެ؟ ޑިމޮކުރަސީއަށް ޓަކައި، އިންސާނީ ހައްގުތަކަށް ޓަކައި، އެންމެން މަގުތަކަށް ނިކުމެ ކުރި އިހުތިޖާޖުތައް ކޮބައިތޯއެވެ؟ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި، މަގުތަކަށް ނިކުމެ، އެ ފަދަ އިހުތިޖާޖުތައްކުރުން ހައްގުވެގެން ނުވަނީތޯއެވެ؟ މިނިވަކަން ގެއްލެމުންދާކަމުގެ އިޝާރަތްތައް ލިބެމުންދާ އިރު، ހެވިފައި ނޭނގޭކަމަށް ހަދައިގެން، މިއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ، ކަންނެތްކަން މަތީ ބޮޑުއަށިމަތީގައްޔާއި ހޮޅުއަށިތަކުގައްޔާއި ސައި ހޮޓާތަކުގެ މޭޒުތައް ދޮށުގައި ވައި އަނގަތަޅާން ތިބެއްޖެ ނަމަ، ފަލަސްތީނަށްވީ ގޮތް ރާއްޖެއަށް ވެސް ވުމަކީ ދުރުކަމެއްތޯއެވެ؟ ބަނޑުފައިވެފައި އޮތް ސިންގާއެއް އަނގަ ހުޅުވައިގެން ރާއްޖެއާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ވެސް މެއެވެ. އަދި، މުޅަ މަސްގަނޑަކަށް ރާއްޖެ ހަދައި، އެ ސިންގާގެ އަނގައަށް، ރުހުމުގައި، ރާއްޖެ ލަވައިދިނުމުގެ މަސައްކަތް، ބަޔަކު ހުއްޓުމެއް ނެތި ކުރަމުންދާ އިރު ވެސް މެއެވެ.

[ކުޑަކަމެއް ނޫނޭ އުފަން ގައުމު އަތުން ގެއްލުމަކީ

     ކުޑަ ކުދިންހެން ދިރިމެޓައެއް ލިބުނަސް ހެއްލުމަކީ

ކޮން ކަމެއްހޭ ނުވެގެން ސުވަރުގެ ނީލަން ކިޔަނީ

     ފުން  އަޒާބެއް ދެކިލުން ހެއްޔެ  ގަޔާވާ  ކަމަކީ

ބާޒު ވެސް ކުކުޅުފިޔޮއް އަތުޖެހުމުން ދެން ފުދެޔޭ

     ހާލި ސުންނާފަތި ކުރުމޭ  ބަލަ  ނުކުރާ ކަމަކީ]

( އާދަމް ނަސީރު އިބުރާހިމުގެ ޅެމަކުން ނަގައިފައިވާ ބައިތުކޮޅެއް.)

(ނިމުނީ)

 

ބައެއް ލަފުޒުގެ މާނަ

ހާސިލުކުރުން  މ.    (1) ލިބިގަތުން. (2) ހޯދުން. (3) ފުއްދުން.

ޚާއިނު       ނ.    އަމިއްލަ ވަތަނުގެ ސިޔާދަތު ގެއްލޭ ފަދަ ވާގިވެރިކަމެއް ބޭރު ބަޔަކަށް ދީ އެ ބަޔަކަށް ނަޞްރު ފަހިކޮށްދޭ މީހާ. traitor

ހޮޅުއަށި       ނ.    މީހުން އިށީނުމަށް ޓަކައި ބޭރުގައި، ކަށިކެޔޮ ހޮޅުން ނުވަތަ ރުއްފަޅިފަޅީން އަޅައިފައި ހުންނަ އަށި.

ހެލިކޮޕްޓަރު   ނ.    މަތިންދާބޯޓުގެ ބާވަތެއް. މީގެ ބުރަފަތި ހުންނާނީ މަތީގައެވެ. މި ވައްތަރުގެ ބޯޓަށް ވައިގެތެރޭގައި ހުއްޓާލައިގެން އޮވެވެއެވެ. މިއީ ބުރަފަތީގެ ބޭނުން ކޮށްގެން ސީދާ މައްޗަށް އެރޭ ބޭނުން ތަނަކަށް ތިރިކުރެވޭ އެއްޗެކެވެ.

ވާސަ        ނ.    ދިރިއުޅޭ ތަން. ދިރިއުޅޭ ވެށި. އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި. habitat

މުޅަ        ނއ.   ކުނިވާ ޒާތުގެ އެއްޗެހި ކުނިވާން ވެގެންވާނުބައި. ޝަރުޢީ ކަތިލުމަކުން ނޫން ގޮތަކުން މަރުވެފައިވާ. މަރުވެފައިވާ

ކޮމެންޓު