އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
2 ފެބްރުވަރީ 2026
ސިނާރު ބޭނުންކުރާން ތިބި ޒުވާޏުންތަކެއް
މިއަދު ސިނާރަކީ އަޅުގަނޑުމެންގެ ޙަޔާތާ ގުޅިފައިވާ އެއިން ވަކިވެގަނެވޭންނެތް ފަންނިއްޔަތެކެވެ. މިއަދު އެޕުތަކާއި އެލޮގުރިޒަމުތަކަކީ ހަމައެކަނި ފަންނިއްޔަތުގެ މައިދާނަށް ޚާއްޞަ އެއްޗެހިތަކެއްނޫނެވެ. މާއްދީ މައިދާންތައް ފަހަނަޅައިގޮސް ސިނާރުގެ އެޕުތައް މިހާރު ވަނީ އަޚުލާޤާއި އިންސާނީ ގިޔަމުތަކުގެ މަޖާލަށް ވެސް ވަދެފައެވެ. މިއަދު މީހުން ކުރާ ސުވާލަކީ އާލަތްތަކަށް އުނގަންނައިދީގެން އެ އެއްޗެއްސަށް ޢަދުލުވެރިވާން އެނގޭނެހެއްޔެވެ؟ ސިނާރަށް ހެވާއި ނުބައި ވަކިކުރާން އެނގޭނެހެއްޔެވެ؟ އެލޮގުރިޒަމުތައް ކަނޑައަޅާ ޤަރާރުތަކުގެ ޒިންމާ އެ އެއްޗެއްސަށް އުފުލޭނެހެއްޔެވެ؟
ސުމޭކު އަޚުލާޤުގެ މަފުހޫމު
ސުމޭކު އަޚުލާޤަކީ ޢުރުފީ އަޚުލާޤުން ދެމިގެން އައިސް އެލެކުޓުރޯނީ ފަޒާއަށް ވާޞިލުވެފައިވާ އަޚުލާޤެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އެއީ އިންސާނާއާއި އާލަތާ ދެމެދުގައި އޮންނަ ގުޅުން އޭގެ މަތީގައި ޤާއިމުވެފައިވާ ފަލްސަފާއެވެ. އެއީ ފަންނިއްޔަތު ބޭނުންކުރުމުގައި ތަބާވާންޖެހޭ ގިޔަމުތަކާއި އުޞޫލުތަކެވެ. ފަންނިއްޔަތުގެ ދުރުމިއަކުންނެއްނޫނެވެ. އެހެނަސް އިންސާނީ ދުރުމީންނެވެ. އާލަތަށް އޭގެ ޒާތުގައި ވިސްނުމެއް ލިބިގެނެއްނުވެއެވެ. އެ އެއްޗަށް ކަންކަން ދެނެގަނެވެނީ އެ އެއްޗަށް ދެވޭ ޑޭޓާއާ އެއްގޮތަށެވެ. ސުވާލަކީ މެޝިނަށް އިންސާނާ މި ދަންނަ އަޚުލާޤުގެ މަފުހޫމު އެނގޭނެހެއްޔެވެ؟ ނުވަތަ ސުމޭކު އަޚުލާޤަކީ އިންސާނާގެ ސުލޫކުތައް ވަރަށް ސާދާ ގޮތަކަށް ތިލަފަށުން ދެނެގަތުމެއްހެއްޔެވެ؟
ސުމޭކު އަޚުލާޤަށް ބަލާ އިރު މެޝިނަށް ޑޭޓާ އަޅާ މީހުންނާއި އެ މެޝިން ޕުރޮގުރާމުކުރާ މީހުން ގިޔަމުތަކަށް ވަރަށް ސަމާލުވާންޖެހޭނެއެވެ. މީހުން ވަޒަންކުރާ އިރު ބޭނުންކުރާ ސިނާރީ އެލޮގުރިޒަމާ މެދު ވިސްނާންޖެހޭނެއެވެ. އެއީ މުސްތަޤިއްލު ފަނޑިޔާރެއްނޫނެވެ. އެއީ މިނިވަން މުފުތީއެއް ވެސް ނޫނެވެ. ޢަދުލުވެރިކަމާއި އޯގާވެރިކަމާއި އިޙުތިރާމުކުރުން ފަދަ އިންސާނީ އަސާސީ ގިޔަމުތަކާ މި މެޝިންތަކުގެ ޤަރާރުތަކާ އެއްފަސްވޭތޯ ބަލާންޖެހޭނެއެވެ.
ސުމޭކު އަޚުލާޤުގެ ފަލްސަފީ ގޮންޖެހުން
އަޚުލާޤަކީ ޕުރޮގްރާމުކުރެވިދާނެ ސާބިތު ގަވައިދުތަކެއްނޫނެވެ. އެހެނެއްކަމަކު އެއީ އިޖުތިމާޢީ ސަޤާފީ ޝަޚުޞީ މީޔާރުތަކެއްގެ ތައުގީދީ ވިޔުގައެކެވެ. ޒަމާނާއި ތަނާ އެއް ގޮތަށް ބަދަލުވަމުންދާނެ އެއްޗެއް ވެސް މެއެވެ. އިންސާނާއަކީ ތަފާތު ގިޔަމުތަކާ އެކު އަރާރުންވާ އެއްޗަކަށް ވާތީއެވެ. އެހެންވީމާ މެޝިނުގެ އަރާރުންތައް މާ ބޮޑުވެދާނެ ނޫންހެއްޔެވެ؟ މެޝިންތައް ނިންމުންތައް ނިންމާނީ އެ އެއްޗެއް އަޅައިދޭ މަޢުލޫމާތުތަކާ އެއް ގޮތަށެވެ. މި މަޢުލޫމާތުގެ ތެދުކަމާއި ނަޒާހަތްތެރިކަމާ އެއް ގޮތަށެވެ. ހުޅަނގުގެ އަޚުލާޤިއްޔާތާ އިރުމަތީގެ އަޚުލާޤިއްޔާތު ތަފާތުވާނެއެވެ. މުސްލިމުންގެ އަޚުލާޤާއި ހުޅަނގުގެ އަޚުލާޤު ތަފާތުވާނެއެވެ. މުސްލިމުން ޙަރާންކަމަށް އީމާންވާ ކިތަންމެ ކަމެއް ކާފިރުން ޙަލާލުކުރާނެއެވެ. އެހެންވީމާ އަޚުލާޤު ބަދުއަޚުލާޤަށް ބަދަލުވުމަކީ ވަރަށް ކައިރީގައި އޮވެދާނެކަމެކެވެ.
ސުމޭކު އަޚުލާޤާއި ތަރުބަވީ ދުރުމިންތައް
ތަރްބަވީ ނަޒަރުން ބަލާއިރު ސުމޭކު އަޚުލާޤު އުނގެނުމަކީ ހަމައެކަނި މެޝިނުގެ މަސްއޫލިއްޔަތެއްނޫނެވެ. އެއީ މި މެޝިނަށް ޑޭޓާ އަޅައިދޭ އިންސާނާގެ ވެސް މަސްއަލައެކެވެ. ދާރިސުން ބުނާގޮތުގައި މިއަދުގެ ތަޢުލީމީ މަންހަޖުގައި ސުމޭކު ތަޢުލީމު ހިމަނަން ޖެހޭނެއެވެ. ކުޑައިރުން ފެށިގެން ދަރިވަރުންނަށް ފަންނިއްޔަތު ޙިކުމަތްތެރިކަމާ އެކު ބޭނުންކުރަން ދަސްކޮށްދޭންވާނެއެވެ. އޭގެ އަޚުލާޤީ އަސަރުތަކާ މެދު ވިސްނާން ދަސްކޮށްދޭންވާނެއެވެ. ސުމޭކު އަޚުލާޤު ވާން ޖެހޭނީ ނާގިދު ފިކުރު ވަރުގަދަކޮށްދޭ އެއްޗަކަށެވެ.ގިޔަމަމުތަކާމެދު ހޭލުންތެރިކުރުވާ އެއްޗަކަށެވެ. އެއީ ހަމައެކަނި ފަންނިއްޔަތުގެ ގަވައިދުތަކަކަށް ވެގެންނުވާނެއެވެ. ރަނގަޅަށް ޑޭޓާތައް މެޝިނަށް އަޅައިފައިނުވާ ނަމަ، މި މެޝިން އަޅާ ފިޔަވަޅުތަކުގައި ވަކި އަތަކަށް ބުރަވެގެން ހިނގައިދާނެކަން ބުނެދޭން ޖެހޭނެއެވެ. ކުރިމަގުގެ ޖީލުތަކަށް ސުމޭކު ގިޔަމުތައް ކިޔަވައިދޭ އިރު މި މެޝިންތަކާއި އާލަތްތައް ބޭނުންކުރުމުގައި ޒިންމާދާރުވާންޖެހޭނެކަން ވެސް ކިޔަވައިދޭންޖެހޭނެއެވެ. ފަންނިއްޔަތު ބޭނުންކުރާން ޖެހޭނީ އިންސާނާގެ ޚިދުމަތުގައިކަމަށާއި އިންސާނާއަށް ގެއްލުންދިނުމުގައި ސިނާރުގެ އެޕުތައް ބޭނުންކޮށްގެން ނުވާނެކަން ވެސް އުގަންނައިދޭންވާނެއެވެ. ތަޢުލީމުދިނުމުގެ ފަލްސަފާއާއި ފަންނިއްޔަތުގެ އީޖާދުތަކާ ދެމެދުގައިވާ ފާލަމަކަށް ސުމޭކު ގިޔަމުތައް ވާނީ އޭރުންނެވެ. ސިނާރުގެ ބާރު ހިނގަމުންދާ ދުނިޔެއެއްގައި އަޅުގަނޑުމެން އިންސާނުންނަށް ވެވޭނީ އޭރުންނެވެ.
މެޝިންތަކަށް އަޚުލާޤު އުނގަންނައިދިނުމާއި ކުރިމަގު
މެޝިނަށް އަޚުލާޤު އުނގަންނައިދެވިދާނެހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އޮންނާނީ ތިބާ އަޚުލާޤު މާނަކުރާ ކުރުމެއްގެ މަތީގައެވެ. އަޚުލާޤަކީ ހަމައެކަނި ގަވައިދުތަކަކާއި ސުލޫކުތަކެއް ނަމަ، ޖަވާބަކީ [އާނއެކެވެ. ދަސްކޮށްދެވިދާނެއެވެ.] އެހެނަސް އަޚުލާޤަކީ ތިބާގެ އަމިއްލަ ވިސްނުމާއި މުޖުތަމަޢުގެ ވިސްނުމާ ގުޅިފައިވާ ކަމެއްކަމަށް ބުނާ ނަމަ، އެ ކަން އޮންނާނީ ސިނާރާ ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމެއްގެ ގޮތުގައެވެ. އެހެނަސް އިންސާނާގެ އަޚުލާޤު ހަރުދަނާކޮށްދޭ އަދާތަކަށް ސިނާރު ހެދިދާނެއެވެ. އަޚުލާޤީ ތައުގީދީ މަސްއަލަތައް ނަގައިގެން ޒިންމާދާރު ޤަރާރުތައް ކަނޑައެޅުމަށް ދަރިވަރުންނަށާއި ދާރިސުންނަށް ތަމްރީނުދެވިދާނެއެވެ.
ނިމުން ކަސްތޫރި
ސުމޭކީ އަޚުލާޤަކީ ހަމައެކަނި ފަންނިއްޔަތީ ސުވާލެއްނޫނެވެ. މީގެ އިތުރަށް އެއީ އިންސާނިއްޔަތާއި ފަންނިއްޔަތު އަތުގުޅައިލައިގެން ސަރާސަރު ދިގު މަގެއް ކަޑައްތުކުރާ ދަތުރެކެވެ. މެޝިނަށް އިންސާނީ ގިޔަމުތައް ކޮޕީކުރާން ދަސްކޮށްދޭން ޖެހޭނެއެވެ. ހަމަ އެ ފަދައިން މި މެޝިންތަކުން އިންސާނާ އޭނާގެ އަޚުލާޤީ ހޭލުންތެރިކަން ފުންކުރާން ދަސްކުރާންޖެހޭނެއެވެ. ޢަދުލުވެރިކަން ބޮޑު، އިންސާނިއްޔަތުކަން ފުޅައު ޢާލަމެއް ބިނާކުރުމުގައި އިންސާނާއާއި އާލަތް ގުޅިގެން މަސައްކަތްކުރާ ދެ ބައިވެރީންކަމުގައި ވުމަށް ޓަކައެވެ.
ބައެއް ލަފުޒުގެ މާނަ
ނާގިދު ނއ. ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ނުރަނގަޅު ސިފަތައް ފާޅުކުރާ. critical
ނާގިދު ނ. ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ރަނގަޅު ނުރަނގަޅު ސިފަތަކާ މެދު ޚިޔާލު ފާޅުކުރާ ނުވަތަ ފާޑުކިޔާ މީހާ. critic
ކަސްތޫރި ނ. ކާމަރަނގައެއް ހެން އަރިއަރިއަށް ހުންނަ ތޮޅިއެއް. މީގެ އޮށުގައި މީރުވަހެއް ދުވައެވެ.
އަދާތު ނ. (1) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލަތް. (2) އާލަތް
އާލަތް ނ. މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި.
އިންސާނިއްޔަތު ނ. އިންސާނެއްގައި ހުންނާންވީ ރަނގަޅު ސިފަތައް. މީގެ ތެރޭގައި ރަޙުމާއި އޯގާވެރިކަމާއި ކުލުނާއި އިޙްސާންތެރިކަން ފަދަ ސިފަތައް ހިމެނެއެވެ.
ފަންނިއްޔަތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އުފައްދާ އާލަތްތައް. Technological tool
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values
މަޖާލު ނ. އޭގެ މައްޗަށް ތިމާގެ ބާރު، ނުވަތަ ޙައްޤު ނުވަތަ ނުފޫޒު ފޯރުވޭ ދާއިރާ ނުވަތަ މައިދާން.
މަންހަޖު ނ. އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް. Curriculum
ދާރިސް ނ. (1) މަތީ ތައުލީމުދޭ މަރުކަޒެއްގައި ކިޔަވައިދޭ މީހާ. Lecturer (2) ދިރާސާކުރާ މީހާ. Researcher
ދުރުމި ނ. ދުރުން ފެންނަ ތަކެތި އެއިން ބެލީމާ ކައިރިކޮށް، އަދި ބޮޑުކޮށް ފެންނަ ގޮތަށް ހަދާފައިވާ އާލަތެއް binocular
ވިއުގަ ނ. މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު. Network
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. Standard
މީޔާރު ނ. އާންމު ހަމަ standard
މެޝީން ނ. ތަފާތު ބައިތަކެއް ރާވައިގެން ހަދައިފައި ހުންނަ، ޗާބީދީގެން ނުވަތަ ކަރަންޓުން ނުވަތަ ބެޓެރީން އަދި އެ ނޫން ވެސް ހަކަތައަކުން އަމިއްލައަށް ހިނގާ ވަކި ވާޖިބެއް އަދާކޮށްދޭ އެއްޗެއް. Mechine
ތައުގީދީ ނއ. (1) ދޭހަކުރާން ނުވަތަ ދެނެގަންނާން އުނދަގޫ. (2) އޮޅުންބޮޅުން ބޮޑު. Complicated
ސަރާސަރު ނއ. (1) އެއްކޮޅުން އަނެއްކޮޅަށް. (2) ނިވަލެއް ނެތް. (3) ހުރަހެއް ނެތް.
ސިނާރު ނ. ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް، ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި، ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު، އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. Artificial intelligence (AI)
ސިނާރީ ނއ. ނިނާރާ ގުޅޭ.
ސުމޭކު ނ. (1) ކޮމްޕިއުޓަރު މެދުވެރިކޮށް މަޢުލޫމާތަށް ބަދަލުގެނެވޭ. (2) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (3) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކުރާ. ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. ހިސާބުކުރުމާ ގުޅުން ހުރި. Dgital
ޑޭޓާ ނ. ދިރާސާކުރުމަށް ޓަކައި ނުވަތަ ފަހުން ބޭނުންކުރުމަށް ޓަކައި އެއްކުރެވޭ ނުވަތަ ރައްކާކުރެވޭ މައުލޫމާތާއި ތަފާސްހިސާބު. Data