ފާޠިމަތު ލަމްހާ
5 ފެބްރުވަރީ 2026
ދިވެހި ދެ ދެމަފިރީންގެ ކރެހުމެއް ފެންކުލައިން
ދެބެއިން ދެ މީހަކާ ކައިވެނިކޮށްގެން ދިރިއުޅުން ކުރިޔަށް ގެންދަނީއެވެ. މި ދެބެއިންގެ ދިރިއުޅުން ވަކި ހިސާބަކަށް ދިޔަ ތަނުން އެކަކުގެ ހަޔާތުގައި މައްސަލަ ޖެހޭންފަށައިފިއެވެ. އަނބިމީހާ ފިރިމީހާގެ ބަސްނާހައި ފިރިމީހާއަށް ހިތު ހުރި ގޮތެއް ހަދާން ފަށައިފިއެވެ. މި ކަމުގެ ސަބަބުން މީނާއަށް ވަރަށް ބޮލަށް އުނދަގޫވާން ފަށައިފިއެވެ.
އަދި އެންމެ ކަންތައް ބޮޑުވީ ބޭބެ އެހައި އުފަލުގައި އުޅޭ އިރު މީނާގެ ދިރިއުޅުން މިހައި ހިތާމަވެރިކޮށް ދާތީއެވެ. ދެން ކޮންމެއަކަސް ބޭބެއާ މިކަމާ މަޝްވަރާކުރާން ނިންމައިފިއެވެ. ނަމަވެސް ވާހަކަދައްކާނެ ރަނގަޅު ފުރުސަތެއް ނުލިބިފައި ހުއްޓައި އެއް ދުވަހަކު ބޭބެއާ ރަނގަޅު ފުރުސަތެއްގައި ދިމާވެއްޖެއެވެ.
ކޮއްކޮ: ބޭބޭ ގާތުގައި ވަރަށް މުހިންމު ވާހަކައެއް ދައްކާން ވެފައި އެބައޮތް.
ބޭބެ: އާނ ބުނޭ އަނެއްކާ ކިހިނެއްވީ؟ ބަލިވީތަ؟
ކޮއްކޮ ނޫނެކޭ ބުނުމަށްފަހު ވީގޮތް ކިޔައިދީފިއެވެ. ދެން ބޭބެގާތު ސުވާލު ކުރިއެވެ. އަނެއްކާ ބޭބެގެ ދިރިއުޅުން ތިޔަ ހައި ކާމިޔާބީ ކޮން ކަމެއް ކުރީމާހެއްޔެވެ؟
ދެން ބޭބެކިޔައިދޭން ފެށިއެވެ. ތިމަންނާ މާބޮޑު ގޮތެއް ނަހަދަމެވެ.
ކާވެނިކުރި ރޭ ތިމަންނާ ކޮޓަރީ އެނދު ދަށަށް ބޭއްވީ ބުޅަލެއް ލައިފައެވެ. އަނބިމީހާއާ އެކު ނިދާން ވަން ގަޑީގައި ބުޅާ ގޮވައިލި އަޑު އިވުމާ އެކު ރުޅި ގަދަވެގެންކަމަށް ހަދައިފައި ކޮޓަރީ އަލާމާރި ތެރޭގައި އޮތް ލަޓި ބުރިއެއް ނަގައިފައި ބުޅާ ހޯދައިފައި އަނބިމީހާ ކުރިމަތީގައި މަރައިލީއެވެ.
މިހާރު އަނބިމީހާ އެހާ ކިޔަމަންތެރީ އެހެންވެގެންނެވެ. އަހަރެންނަކީ ފާޑުފާޑުކުރާނެ މީހެއް ނޫންކަން އަނބިމީހާ ފުރަތަމަރޭގައި އޮންނާނީ އަންގައިލައިފައެވެ. އެހެންވީމާ ދިރިއުޅުން ވެސް އެހާ ކާމިޔާބީ އެހެންވެގެންނެވެ.
މިއީ ޢަރަބި ބައެއް ރަށްފުށު ހިސާބުތަކުގައި މިހާރު ވެސް ކުރެވެމުން އަންނަ ކަމެކެވެ. މި ވާހަކައިން ލިބޭ ޢިބުރަތަކީ ފުރަތަމަ ފެންނަ އިރު ދޭ މެސެޖުގެ ނުފޫޒު ގަދަކަމެވެ. އެއްވެސް ހާލެއްގައި ކޮންމެހެން އެހެން ހަދާން ބާރުއަޅަނީއެއް ނޫނެވެ.
އިނގިރޭސި ބަހުން ބުނާނަމަ [ފަސްޓު އެކްސްޕުރެޝަންއަކީ މިހާ ބާރުގަދަ އެއްޗެކެވެ. ކޮންމެ މީހެއްގެ ހިތުގައި ވެސް އެއްޗަކާ މެދު ނުވަތަ މީހަކާ މެދު ނުވަތަ ތަނަކާ މެދު އޮންނަ އިހުސާސްތައް ބިނާވެފައި އޮންނާނީ އެ މީހަކަށް ފުރަތަމަ ފެންނަ ގޮތެއްގެ މައްޗަށެވެ. ބައެއް މީހުން ޕަރސެންޓޭޖުން ވެސް ކިޔައި އުޅެއެވެ. 80 ޕަސެންޓުކަމަށާއި އަދި 90 ޕަސެންޓުކަމަށް ވެސް ކިޔައި އުޅެއެވެ.
ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން މި ކަމާ މެދު ވިސްނާން ޖެހޭނެއެވެ. ވަޒީފާގެ ބަސްދީގަތުމަކަށް ދިޔަކަމުގައިވިޔަސް، އަދި އަލަތު ކައިވެނިކުރާ ރޭކަމުގައި ވިޔަސް، ނުވަތަ މުހިންމު ބަޔަކާއި ފުރަތަމަ ބައްދަލުކުރާކަމުގައިވީ ނަމަވެސް ތިމާގެ އަގު ނުވަތަ ކުރިޔަށް އޮތް ތަނުގައި އެ ދެމެދުގައި އޮންނަ ގުޅުން ބިނާވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ފުރަތަމަ ބައްދަލުވާ އިރު ދޭ މެސެޖު ވަރަށް މުހިންމެވެ. އެއީ ތިމާ ލައިގެން ހުރި ހެދުންކަމުގައި ވިޔަސް އަދި ތިމާގެ ބަހުރުވަކަމުގައި ވިޔަސް މެއެވެ. ކާމިޔާބު މީހަކަށް ތިބާ ބޭނުންވާން ބޭނުން ނަމަ މި ކަމާ މެދު ފުންކޮށް ވިސްނާށެވެ. ހަޑި ހެދުމެއްގައި ހުރެ ދަތް ނޫގުޅާ އަނގައިން ވަސްދުވާ ހާލު އެހެން މީހުންނާ ބައްދަލުނުކުރާށެވެ. ތިބާއަކީ ސާފުތާހިރު މީހެއް ނަމަވެސް އެ ކަން ފެނުނު މީހާ ހިތުގައި ތިބާއާ މެދު ދެކޭނީ ތިބާއަކީ ނުތާހިރު މީހެއްގެ ގޮތުގައެވެ. އެހެނީ ފުރަތަމަ ފެނުން އޮންނާނީ ކޮންމެ މީހެއްގެ ހިތުގައި ވެސް ބިންވަޅުނެގިފައެވެ. އެ ބިންވަޅުނެގޭ ގޮތް ބަދަލުކުރުމަކީ ފަސޭހަކަމެއް ވެސް ނޫނެވެ. ގިނަ ފަހަރަށް އޮންނާނީ ނާކާމިޔާބުވެފައެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢަށް ރަނގަޅުވެގެން އައުމުން ވެސް ބަލައިގަންނާން މީހުންނަށް ދަތިވަނީ މި ކަމުގެ ސަބަބުންނެވެ. ކުރީގެ ހަނދާންތައް އެ މީހުންގެ ހިތުގައި ބިންވަޅުނެގިފައި ވާތީއެވެ.
އަދި މީހަކާ ފުރަތަމަ ބައްދަލުވާ އިރުގައި އަދި އެ ނޫން ވަގުތުތަކުގައި ވެސް ވީހައި ވެސް އޯގާތެރިކޮށް، ހިނިތުންވުމާ އެކުގައި އަދި ރީތި ބަހުން މުޚާތަބުކުރާށެވެ. އޭރުން އަނެއް މީހާގެ ހިތުގައި ތިމާގެ މައްޗަށް އޮންނަ ގަދަރުބޮޑުވެ އިޙުތިރާމްކުރާނެއެވެ. އަނެއްމީހާ ލަދުގަންނުވައިނުލާށެވެ. އޭރުން އޭނާގެ ހިތުގައި އޮންނާނީ ނަފުރަތެވެ.
އެކަމުގެ އެންމެ ބޮޑު ހެތްކަކީ، މިސާލަކަށް ކުލާހަކަށް ކިޔަވައިދޭން އަންނަ މުދައްރިސެކެވެ. ފުރަތަމަ ދުވަހު މުދައްރިސަކީ ރަނގަޅު މުދައްރިސެއްކަން ނުވަތަ ގޯސް މުދައްރިސެއްކަން ވަގުތުން ދަރިވަރުން ކަނޑައަޅާނެއެވެ. މަދު ކުއްޖަކު ކަނޑަނޭޅި ކަމުގައިވިޔަސް ގިނަ ކުދީން ކަނޑައަޅާނެއެވެ. ހަމަ ކޮންމެ ދާއިރާއެއްގައި ވެސް ކަންތައް އޮންނަ އުސޫލަކީ މިއީއެވެ.
ފުރަތަމަ ފެނުމަކީ ފުރަތަމަ ތިމާގެ ގޮތް އެހެން މީހުންނަށް ބަޔާންކޮށްދޭ މިންގަޑެވެ. އެ ކަން ހަނދާންނައްތައިނުލާށެވެ. އޭރުން މުޖުތަމައުގެ ތެރޭގައި ކާމިޔާބު މީހަކަށްވުމަށް ތިމާއަށް ކޮށޭ މަގަކަށް އެ ކަން ވާނެއެވެ. ބަޔަކާ ނުވަތަ މީހަކާ މުޢާމަލާތް ކުރިކަމުގައި ވިޔަސް މި ގޮތް ބޭނުންކުރާން ހަނދާންކުރާށެވެ. އޭރުން ކުރިޔަށް އޮތް ތަނުގައި އެ ގުޅުމަކީ ބަދަހި ގުޅުމަކަށް ވާނެއެވެ. އިނގިރޭސި މުހާވަރާއެއްގައި ބުނާ ފަދައިން ފުރަތަމަ ފެނުމަކީ ފުރަތަމަ ތަސައްވަރެވެ. ފުރަތަމަ ތަޞައްވުރަކީ ވަރަށް މުހިންމު އެއްޗެކެވެ.