ad_banner
ﷲގެ އެންމެ ރިވެތި އިސްމުފުޅުތައް (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

4 ފެބްރުވަރީ 2026

އިސްމުލްޖަލާލާ، އޮނަސައްތަ އިސްމުފުޅުން ލިޔެފައި.

ﷲ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތައް ދެނެގަތުމަކީ އެކަލާނގެ މަތިވެރި ސިފަފުޅުތައް ދެނެގަތުމަށް ލިބިގެންވާ ބޮޑު ދޮރެކެވެ. ޢިލްމާއި ޢަމަލާއި ދުޢާއިން އެކަލާނގެ ޙަޟުރަތާ ކުއްތަންވުމަށް ތަނަވަސްވެފައިވާ ރާސްތާއެކެވެ. މި އިސްމުފުޅުތަކުން އެކަލާނގެ ފުރިހަމަވަންތަކަމާއި އޯގާވަންތަކަމާއި ޢަދުލުވަންތަކަން ފާޅުވެއެވެ. މި އިސްމުފުޅުތަކުގެ ފުން އަސަރު އިންސާނާގެ ޙަޔާތަށް ކުރެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި މަދަދު، ﷲގެ ޙަޟުރަތުން ހޯދޭނެ މައިދާނަށް އިންސާނާ ނެރެދޭތީއެވެ. އެ ކަމަށް އިރުޝާދުދޭތީއެވެ.

ގެ އެންމެ ރިވެތި ނަންފުޅުތަކުގެ ތަޢުރީފު

ﷲ ތަޢާލާގެ އެންމެ ރިވެތި ނަންފުޅުތައް ވަރަށް ގިނައެވެ. މިއިން ކޮންމެ ނަންފުޅަކުން ވެސް އެނގެނީ އެކަލާނގެ މަތިވެރިވަންތަކަމާއި މާތްވަންތަކަމާއި ފުރިހަމަވަންތަކަމެވެ. ބައެއް ނަންފުޅުތައް އެނގެނީ ކީރިތި ޤުރުއާނުންނެވެ. އަނެއްބައި ނަންފުޅުތައް ކައު ރަސޫލާގެ ސުންނަތުންނެވެ. އަނެއްބައި ނަންފުޅުތައް ﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު އަރިހުން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((مَا أَصَابَ أَحَدًا قَطُّ هَمٌّ وَلَا حَزَنٌ فَقَالَ اللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِي بِيَدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي وَنُورَ صَدْرِي وَجِلاءَ حُزْنِي وَذَهَابَ هَمِّي، إِلاّ أَذْهَبَ اللَّهُ هَمَّهُ وَحُزْنَهُ وَأَبْدَلَهُ مَكَانَهُ فَرَجًا، قَالَ: فَقِيلَ: يَا رَسُولَ اللَّهِ أَلا نَتَعَلَّمُهَا؟ فَقَالَ: بَلَى يَنْبَغِي لِمَنْ سَمِعَهَا أَنْ يَتَعَلَّمَهَا[1] - މީހަކަށް ކަންބޮޑުވުމެއް ނުވަތަ ހިތާމައެއް ކުރިމަތިވުމުން - اللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِي بِيَدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي وَنُورَ صَدْرِي وَجِلاءَ حُزْنِي وَذَهَابَ هَمِّي- މި ދުޢާކޮށްފިނަމަ ﷲ އޭނާގެ ކަންބޮޑުވުމާއި ހިތާމަ ނުފިއްލަވައެއްނުދާނެތެވެ. އަދި އެ ކަން އުފާވެރިކަމަށް ބަދަލުނުކުރައްވައެއްނުދާނެތެވެ. އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން އެ ނަންފުޅުތައް ދަސްކުރާންވީތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ނޫނެކެވެ. އެ ނަންފުޅުތައް ދަސްކުރުން އޮތީ އަހާ މީހާގެ މައްޗަށެވެ.))

ދުޢާގެ މާނަ

މުހިންމު ދުޢާއަކަށް މި ދުޢާވާތީ މާނަ ވެސް ދަންނަވައިލާނަމެވެ. ((اللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِي بِيَدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي وَنُورَ صَدْرِي وَجِلاءَ حُزْنِي وَذَهَابَ هَمِّي – މާނަ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ހަމަކަށަވަރުން މި އަޅާއަކީ އިބަރަސްކަލާނގެ އަޅެކެވެ. އަދި އިބަރަސްކަލާނގެ ފިރިހެން އަޅެއްގެ ދަރިއެކެވެ. އަދި އިބަރަސްކަލާނގެ އަންހެން އަޅެއްގެ ދަރިއެކެވެ. މިއަޅާގެ ނިތްކުރި ވަނީ އިބަރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައެވެ. މިއަޅާގެ މައްޗަށް ހިނގަމުންދަނީ އިބަރަސްކަލާނގެ ޙުކުންފުޅެވެ. އިބަރަސްކަލާނގެ ނިޔާފުޅުގެ ޢަދުލުވެރިކަމެވެ. އިބަރަސްކަލާނގެ ޒާތުފުޅަށް އިބަރަސްކަލާނގެ ދެއްވައިފައިވާ ކޮންމެ ނަންފުޅަކުން ނުވަތަ އިބަރަސްކަލާނގެ ޚަލްޤުތަކުންގެ ތެރެއިން މީހަކަށް ދަސްކޮށްދެއްވައިފައިވާ ކޮންމެ އިސްމުފުޅަކުން ނުވަތަ އިބަރަސްކަލާނގެ ފޮތުގައި ބާވައިލައްވައިފައިވާ ކޮންމެ އިސްމުފުޅަކުން ނުވަތަ އިބަރަސްކަލާނގެ ޣައިބުގެ ޢިލްމުގައި އިބަރަސްކަލާނގެ ޒާތުފުޅަށް އެކަނި ޚާއްޞަކުރައްވައިފައިވާ ކޮންމެ އިސްމުފުޅަކުން ދަންނަވަމެވެ. މި އަޅާގެ ހިތުގެ ރަބީޢުކަމުގައި އަދި މި އަޅާގެ ހަށިގަނޑުގެ ނޫރުކަމުގައި އަދި ހިތާމަ ފިލުވައިދޭ އެއްޗެއްކަމުގައި އަދި މި އަޅާގެ ކަންބޮޑުވުން ނައްތައިލާ އެއްޗެއްކަމުގައި ޤުރުއާން ލައްވާނދޭވެ!

ޢަދަދުކުރާ މީހާ ސުވަރުގެ ވެއްދެވުން

ކީރިތި ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ﷲ ތަޢާލާގެ އިސްމުފުޅުތައް އެއް ސަތޭކައަށް ވުރެ ގިނަކަމަށް ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޚާއްޞަ 99 އިސްމުފުޅުވެއެވެ. މި އިސްމުފުޅުތައް ދަސްކޮށް އެއާ އެއް ގޮތަށް ޢަމަލުކުރި މީހާއަށް މަތިވެރި ސަވާބުތަކެއް ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. (إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلاّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ[2] - ހަމަކަށަވަރުން ﷲއަށް ނަވާނަވައި އިސްމުފުޅު ލިބިވޮޑިގެންވެއެވެ. އޮނަސައްތައެވެ. މި އިސްމުފުޅުތައް އަދަދުކުރި މީހާ ސުވަރުގެ ވަންނާނެތެވެ.))

އަދަދުކުރުމުގެ މާނައަކީ:

-    މި އިސްމުފުޅުތައް ހިތުދަސްކުރުން

-    މި އިސްމުފުޅުތަކުގެ މާނަ ދެނެގަތުން

-    މި އިސްމުފުޅުތަކާ އެއްގޮތަށް ޢަމަލުކުރުން. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެކަން އެނގޭ މީހާ ޝަރީކެއް ނުކުރާނެއެވެ. އެއްވެސް ކަމެއްގައި އެކަލާނގެއަށް ބައިވެރިއަކު ނުލާނެއެވެ. އެކަލާނގެއީ الرزّاق (ރައްޒާޤު)ކަން ދަންނަ މީހާ ރިޒްޤު ހޯދުމަށް އެހެން  ފަރާތެއްގެ ގާތަކަށް ނުދާނެއެވެ. އެހެން ފަރާތެއްގެ ކިބަޔަކުން ރިޒުޤަކަށް ނެދޭނެއެވެ. އެކަލާނގެއީ الرحيمކަން އެނގޭ މީހާ އެކަލާނގެ ރަޙުމަތުން މާޔޫސެއްނުވާނެއެވެ. މި ގޮތަށް މިގޮތަށެވެ.

-    މި އިސްމުފުޅުތަކުން ދުޢާކުރުން. މާތް ﷲ ވަޙީކުރެއްވިއެވެ. (وَلِلَّهِ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَا [3]- އެންމެ ރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللَّهއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرةއަށް دعاء ކުރާށެވެ! ) މިސާލަކަށް يا رحمن ارحمني - އޭ ރަޙްމާންވަންތަ ރަސްކަލާކޮ! މިއަޅާއަށް ރަޙުމަތްލައްވާނދޭވެ! يا غفور اغفر لي – އޭ ފާފަފުއްސަވާދެއްވާ ރަސްކަލާކޮ! މި އަޅާއަށް ފާފަ ފުއްސަވާނދޭވެ! يا توّاب تُبْ عليّ  - އޭ ތައުބާ ލައްވަވާ ރަސްކަލާކޮ! މި އަޅާގެ މައްޗަށް ތައުބާލައްވާނދޭވެ! ދުޢާކުރާ އިރު، ދަންނަވާނީ އެ އިސްމުފުޅަށް ال ނުލައެވެ.

އެންމެ ރިވެތި އިސްމުފުޅުތައް ދަސްކުރުމުގެ ސަވާބު

އިސްވެ ބަޔާންކުރި ޙަދީސުގައި މި އަންގަވަނީ (مَنْ أَحْصَاهَا دَخَلَ الْجَنَّة އަދަދުކުރި މީހާ ސުވަރުގެ ވަންނާނެތެވެ.

އެހެން ރިވާޔަތެއްގައި ވެއެވެ. (لِلَّهِ تِسْعَةٌ وتِسْعُونَ اسْمًا، مَن حَفِظَها دَخَلَ الجَنَّةَ - ﷲއަށް ނަވާނަވައި އިސްމުފުޅު ލިބިވޮޑިގެންވެއެވެ. މި އިސްމުފުޅުތައް ހިތުދަސްކުރި މީހާ ސުވަރުގެ ވަންނާނެއެވެ.)

މި ބަސްފުޅުތަކުގައި ރަސޫލުﷲ r މި ގޮވައިލައްވަނީ ﷲގެ އެންމެ ރިވެތި އިސްމުފުޅުތަކަށް ރައްކައުތެރިވުމަށާއި މި ނަންފުޅުތައް ދަސްކުރުމަށާއި މި ނަންފުޅުތަކާ މެދު ވިސްނައި ފިކުރުކުރުމަށާއި ގުނައި އަދަދުކުރުމަށެވެ. މި ކަމުގެ ސަބަބުން ޚުޝޫޢަތްތެރިކަމާއި ކިޔަމަންގަތުން އިތުރުވާނެތީއެވެ. ﷲގެ ޙައްޤުތައް އަދާކުރުމަށް އިސްކަންދެވޭނެތީއެވެ.

އިސްމުފުޅުތައް ކިޔާނީ ކޮން ވަގުތަކު؟

ﷲގެ އެންމެ ރިވެތި އިސްމުފުޅުތައް ކިޔުމަށް ވަކި ވަގުތެއް ވަކި އަދަދެއް ނުވެއެވެ. މި އިސްމުފުޅުތައް ކިޔުމަކީ މުސްތަޤިއްލު އަޅުކަމެއް ނޫނެވެ.

ﷲގެ އެންމެ ރިވެތި އިސްމުފުޅުތައް ގުނައި އަދަދުކުރުމުގެ މާނައަކީ އެއްޗެއް ގުނާ ގޮތަށް އެ ނަންފުޅުތައް ކިޔައި އަދަދުކުރުމެއް ނޫނެވެ. އެ ކަންތައް ކާފިރަކު ވެސް ކޮށްފާނެއެވެ. އިބްނު ބައްޠާލު ވިދާޅުވިއެވެ. މި ނަންފުޅުތައް ދަސްކޮށް އެއްޗެއް ކިޔައިލާ ގޮތަށް ކިޔައިލުމަކީ ޤުރްއާން ހިތުދަސްކޮށް އެއަށް ޢަމަލުނުކުރާ މީހަކާ އެއް ފަދަ މީހެކެވެ. ޚަވާރިޖުން ވެސް ޤުރްއާން ކިޔަވައެވެ. އެކަމަކު އެ މީހުން ކިޔަވާ ޤުރްއާނުން އެއްވެސް އެއްޗެއް އެ މީހުންގެ އަރުން އެތެރެއަކަށް ނުދެއެވެ.

(ނުނިމޭ)

ބައެއް ލަފުޒުގެ މާނަ:

ރާސްތާ      (1) މަގު. (2) ދުރުމިން.

އަސަރު      (1) ލިސާން. (2) އިޙުސާސް. (3) ނިޝާން.

މައިދާން     (1) ހާމަޔަށް އޮންނަ ތަނަވަސް ބިން. (2) ޚާއްޞަ ކަންކަމަށް ޓަކައި މީހުން ނުކުމެ ތިބޭ ތަން. (3) ވަކި ޚާއްޞަ ރޮނގެއް.

 

މަރުޖާ:

[1] - أخرجه أحمد (٣٧١٢)  وابن حبان (٩٧٢)، والطبراني (١٠/٢١٠) (١٠٣٥٢وابن أبي شيبة (٢٩٩٣٠)، والبزار (١٩٩٤)

[2] - أخرجه البخاري (٢٧٣٦)، ومسلم (٢٦٧٧

[3]  - الأعراف : 180

ކޮމެންޓު