ad_banner
ވޯޓުދިނުމަކީ ހައްގަކަށްވާ ފަދައިން އެއީ ވަރަށް ބޮޑު އަމާނާތެއްވެސްމެއެވެ.

އަބާ މުޙަންމަދު

3 ފެބްރުވަރީ 2026

ވޯޓުލާ މަންޒަރު ދައްކައިދޭ ކުރެހުމެއް

 

2008ވަނަ އަހަރުގެ ޤާނޫނު އަސާސީއަށް ފަހު، ދިވެހިރާއްޖޭގެ އިދާރީ ނިޒާމަށް އައި ބަދަލާއެކު ފުރަމާލޭގެ ނަމުން ފުރަތަމަ ދެ އަކުރު އުނިވެ މާލެއަކަށް ވެއްޖެއެވެ. އަދި ރަށްރަށުގައި ރަށު އޮފީހުގެ ބަދަލުގައި ކައުންސިލް، އަތޮޅު އޮފީހުގެ ބަދަލުގައި އަތޮޅު ކައުންސިލް އުފަންވެއްޖެއެވެ. އަތޮޅުގެތައް އިނގިރޭސިކޮށްލައި އެއީ "ސްޓޭޓް ހައުސް"ތަކަކަށް ވެއްޖެއެވެ. ރާއްޖޭގައި އެ ފަދަ އިސްޓޭޓްތަކެއް ނެތްކަމަށް ވިޔަސްވެހެވެ. އަދި ބައެއް ރަށްރަށުގައްޔާއި މާލޭގައި ސިޓީކައުންސިލް އުފަންވެ މާލެއަކީ "ސިޓީއަކަށް" ވެއްޖެއެވެ. މާލެ އޮތީ މާލެ އޮތް ގޮތަށެވެ. ބަދަލު އައީ ގާނޫނުގައި ލިޔެލި ލިޔެލުމަކަށެވެ. މާލެއަކީ "ސިޓީއަކަށް" ވުމުން ސިޓީ ކައުންސިލު އުފަންވެ، ކައުންސިލުގައި އެންމެ އިސްކޮށް ހުންނަވާ ވެރިޔާއަށް (އެހެން ތަންތާނގައި ވެސް ކިޔާތީ) މޭޔަރު ކިޔާން ޖެހިއްޖެއެވެ. ނަމަވެސް މާލެސިޓީއަކީ ހަމަ މާލެއެވެ. އެހެން ބަދަލެއް ނާދެއެވެ.

ދެން ފަހުން ފެނުނީ މާލޭ ދެކުނުފަރާތާއި އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން އަދި އުތުރު ފަރާތުން ތަންކޮޅެއް ހިމެނޭ ގޮތަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްގީކުރި ތަނެވެ. ވަށަމަގުގެ ގޮތުގައެވެ. ވަރަށް ފަހުން އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރިއެވެ. ދުވަސްކޮޅަކުން ތާރުގަނޑު ދިޔައިވެ ހަލާކުވެ މީހުންނަށް އެ މަގުގައި ދުއްވާ ވަރު ނުވެގެން އަލުން މަރާމާތުކުރިއެވެ. އަނެއްކާ ވެސް އެ މަގުގެ އެތައް ތަނެއް ވަނީ ހަލާކުވެފައެވެ. އަދި ގާ އެތުރި ގިނަ މަގުތައް ވަނީ ގާތައް އަރައިރުންވެ ތަކެތި ދުއްވާށާއި ހިނގައިބިނގާ ވާ މީހުންނަށް ނުރައްކާ ވާ ފަދަ ހާލަތެއްގައެވެ. މަގުމަތީގައި އެއްވެސް އުސޫލެއް ނެތި ދުއްވާ ތަކެއްޗާއި ޕާކުކުރާ ތަކެތި އިތުރުވެއްޖެއެވެ. ދުވާރުމަތީން ހިނގޭކަށް ނޯވެއެވެ. އުޑުމަތި ސާފު ދުވަސްދުވަހު ވެސް ރީތިވެގެން ހިނގައިފައި ދަނިކޮށް "ވާރެއިން" ތެމިދާނެއެވެ. ބައެއް ފަހަރު ގަސްގަހަށް ދޭ ފެނުންނެވެ. އަނެއްބައިފަހަރު ދޮންނަ މެޝިނުން ދޫކުރާ ފެނުންނެވެ. ނުވަތަ އިމާރާތްކުރާ ތަންތަން ގުންގުރެޓުކޮށްފައި، ހަރުކުރާން އަޅާ ފެނުންނެވެ. ނުވަތަ އެއާކޯނުން ފައިބާ ފެނުންނެވެ. ނުވަތަ ބެލްކަނީގައި ހުންނަ ގަސްތަކަށްދޭ ފެނުންނެވެ. މި ފަދަ ތަންތަނުން ވެއްޓޭ އެއްޗެހީން ޖެހި ދުއްވާ އެއްޗިއްސަށް ގެއްލުން ލިބުމުގެ އިތުރަށް މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައި އެބަ ހުއްޓެވެ. ވިޔަފާރިއަށް ޚާއްޞަ ސަރަހައްދެއް ނެތެވެ. މުޅި މާލޭގައި ފިހާރައެވެ. ދުއްވާ އެއްޗެހި މަރާމާތުކުރާ ގަރާޖުތައް ވެސް މުޅި މާލޭގައެވެ. ގުދަންތައް ވެސް ހަމަ އެހެންނެވެ. އަލަށް ޢިމާރާތެއް އެޅިޔަސް އެ ޢިމާރާތެއްގެ ތިރި ނުވަތަ އަޑި، އުޅަނދުތައް ޕާކުކުރާން ޚާއްޞަކުރެވޭނެ ނިޒާމެއް އޮތްހެނެއް ހިޔެއް ނުވެއެވެ. ކުރީން ގާއިމުކުރި ޓުރެފިކު ބައްތީގެ ނިޒާމު ވަނީ އުވައިލެވިފައެވެ. ރޯޑުވާރތީނަސް (މަގުމަތީގައި ދުއްވުން އެކަށީގެންވޭތޯ) ބަލައި އިސްޓިކަރެއް ވެސް ދުއްވާ ތަކެތީގައި ހަރުކުރާން ޖެހެއެވެ. ނަމަވެސް މޫނަށް ކަޅުދުން އަރުވަމުން ދުއްވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. މަގުމަތީގައި ސިނގިރޭޓު ބޮމުން، އެހެން މީހުންނަށް އޭގެ ދުމުން ގެއްލުން ލިބޭ ގޮތަށް ދުން ދޫކުރަމުން ދާންވީއެވެ. ހުއްޓުވޭނެ ގޮތެއް ނެތެވެ. ދެ ގާ ދޭތެރޭގައި ހުސް ތަންކޮޅެއް އޮވެއްޖިއްޔާ ރަތްކުޅު ވެސް ޖަހާންވީއެވެ. އެއީ މަނާ ކަމެއްކަމަށް ގާނޫނުގައި ލިޔެފައި އޮތަސްވެހެވެ. ސައިކަލެއްގައި ވަށިގަނޑެއް ހަރުކޮށްފައި ހުރެއްޖެ ނަމަ، އެއީ އަނެކާގެ ކުނިއަޅާ ވަށިގަނޑު ފަދައެވެ. ނުވަތަ ބައެއް ފަހަރަށް މި ފަދަ ވަށިގަނޑަކަށް ވަނީ މަގު އަރިމަތީގައި ހުންނަ ކަރަންޓު ފޮށިތަކެވެ. މިއީ އެ މާލެއެވެ. ލިޔެވިވައި އޮންނަ މާލެސިޓީއެވެ.

ކުރީން ވެސް ދެންނެވި ފަދައިން ބައެއް މަގުތަކުން ރީތިވެލައިގެން ދުއްވޭކަށް ނޯވެއެވެ. އަވިދޭ ދުވަސްދުވަހު ވެސް މަތީން [ވާރޭވެހެނީ]އެވެ. ޖަންކްޝަންތައް ފަޅައިގެން ގޮސް މަގުމައްޗަށް ހަޑި ފެން އެޅި ހަޑިވަނީއެވެ. ބައެއް މަގުމަގުގެ ދުވާރުމަތީން ހިނގޭކަށް ނޯވެއެވެ. މާލޭގައި ސައިކަލު ޕާކުކުރުމަކީ ހަމައެއް ލަމައެއް ނެތް ކަމަކަށް ވެއްޖެއެވެ. ކަފިހިކުރަހަކުން މަގު ހުރަސްކުރެވޭކަށް ނޯވެއެވެ. އެއީ މަގު ހިނގާ މީހުން ހުރަސްކުރާ ތަނެއްކަމެއް އުޅަނދުފަހަރު ދުއްވާ ގިނަ މީހުންނަށް ނޭނގޭ ކަހަލައެވެ. ހިނގާ މީހުން ވެސް، ޖެހިގެން ކަފިހިހުރަހެއް އޮތަސް ބޭނުން ދިމާއަކުން މަގު ހުރަސްކޮށްލާންވީއެވެ. ގަވާއިދަކީ ހަމައެކަނި ލިޔެވިފައި އޮތް އެއްޗަކަށް ވެއްޖެއެވެ. އެކަމަކު މިއީ ސިޓީއެކެވެ. މޭޔަރަކު ވެސް ހުންނަވައެވެ.

ސިޓީއަކީ ރަށަކަށް، އަތޮޅަކަށް ނުވަތަ ސަރަހައްދަކަށް ދޭ ދަރަޖައެކެވެ. ސުވާލަކީ މާލެއަކީ ހަމަ ހަގީގަތުގައި ވެސް ސިޓީއެއްހެއްޔެވެ؟ އާދޭހެވެ! ގާނޫނުގައި އެހެން އެބަ އޮތެވެ. ނަމަވެސް ސިޓީއަކުން ލިބޭން ޖެހޭ ހިތްހަމަޖެހުމާއި ފަސޭހަކަން އެބަ ލިބޭހެއްޔެވެ؟ އެ އަމާންކަމާއި ރައްކާތެރިކަން އެބަ އޮތްހެއްޔެވެ. ނުލިބެއެވެ. ނެތެވެ. ނަމަވެސް މާލޭގައި ސިޓީ ކައުންސިލެއް އޮވެފައި މޭޔަރަކު ވެސް ހުންނަވައެވެ. މިހާރު މިއީ މޭޔަރު ހޮވާ އިންތިޚާބަށް ދޮންވަމުންދާ ދުވަސްވަރެވެ. ވީމާ، މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑެވެ. ނަމަވެސް އެ ޒިންމާ ވޭތުވެ ދިޔަ ދައުރުގައި އަދާކުރެވިފައިވޭތޯ ބަލަނީ ކޮން ރައްޔިތެއްތޯއެވެ؟

ގިނަ މީހުން ވޯޓުދެނީ ޖަޒުބާތުގައެވެ. ނުވަތަ ޕާޓީގެ އަވާގައެވެ. އިޚުލާޞްތެރިކަމަކަށް އެ މީހެއްގެ ގައުމީ ޚިދުމަތަކަށް ނުވިސްނައެވެ. ވޭތުވެ ދިޔަ ދައުރުގައި ސިޓީ ސިޓީއަކަށް ހަދާން ކުރީ ކޮން ކަމެއްތޯއެއް ނުވިސްނައެވެ. ރަށު ކައުންސިލެއް ނަމަ، އެ ރަށެއްގެ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރީ ކީއްތޯ ކޮށްފައި ހުރީ ކޮން މަސައްކަތެއްތޯއެއް ނުބަލައެވެ.

ބައެއް މީހުން ވޯޓުދެނީ ޖަޒުބާތުގައެވެ. އަނެއްބަޔަކު ޕާޓީއަށް ވިސްނައިފައެވެ. ނުވަތަ ޢާއިލީ ގާތްކަމާއި ރަޙުމަތްތެރިކަމަށް ބަލައިގެންނެވެ. އަނެއް ބަޔަކު ވޯޓު ވިއްކާ ވާހަކަ ވެސް އަޑުއިވެއެވެ. ކޮންމެ ވޯޓަކަށް ވަކި ވަރެއް ކަނޑައަޅައިގެންނެވެ.

އާދޭހެވެ! ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މެންބަރުންނާއި ރައީސުންނާއި މޭޔަރުން ހޮވާން އަޅުގަނޑުމެންތައްޔާރުވަމުންދާ އިރު، މި ދެންނެވި ކަންކަމަށް ވިސްނާކަށް އަދިވެސް ނުވޭތޯއެވެ؟ ސިޓީއެކޭ ބުނޭލީމާ އަޅުގަނޑުމެން ފަޚުރުވެރިވެފައި ތިބޭންވީތޯއެވެ؟ ސަރުކާރާ އެއްކޮޅު އަދި ސަރުކާރާ އިދިކޮޅު ވާދައިގައި އެ ޖަޒުބާތުގައި ވޯޓުދިނުން ނިމުމަކަށް އަންނާކަށް ނުވޭތޯއެވެ! ސަރުކާރުން ކުރާ ރަނގަޅު ކޮންމެ ކަމަކަށް ވާގިދީ އެހީތެރިކަންދީ، އަދި ނުރަނގަޅު ކަމެއް ކުރާ ނަމަ، އެ ވާހަކަ ރީތި ގޮތުގައި ބަޔާންކޮށް އިސްލާހުކުރާ މީހަކަށް ރަށު ކައުންސިލުގެ ރައީސާއި ސިޓީ ކައުންސިލުގެ މޭޔަރު ވެގެން ނޫނީ ރަށަށް (ނުވަތަ ސިޓީއަށް) ހެޔޮ ބަދަލެއް އަންނާނެތޯއެވެ؟ ލޯކަލް ކައުންސިލު އިންތިޚާބުގައި އަދި އެހެން އިންތިޚާބުތަކުގައި ވެސް ޖަޒުބާތުގައި ވޯޓުދިނުމަކީ ވަރަށް ބޮޑު ގޯހެކެވެ.

ރާއްޖޭގެ ގިނަ މީހުން މި ދިރިއުޅޭ މާލެސިޓީއޭ މި ކިޔާ ރަށުގެ ޙާލަތަށް ވިސްނާކަށް ނުވޭތޯއެވެ! މުޖުތަމަޢުގެ ތަރައްގީއަށް ޓަކައި ހަގީގީ ސިޓީއަކަށް ހެދުމަށް ޓަކައި ވޭތުވެ ދިޔަ ދައުރުގައި ކުރެވުނު، އަދި ކުރާންޖެހި ނުކޮށް ހުރި ކަންކަމާ މެދު ވިސްނައި މިހާރު ހިނގާ ގޮތް ރަނގަޅު ނަމަ، ނުވަތަ ރަނގަޅު ނޫން ނަމަ، މޭޔަރަކަށް ހޯވާން، ކައުންސިލަށް ހޮވާން އެންމެ ރަނގަޅީ ކާކުތޯ އިޚުލާޞްތެރިކަމާ އެކު ވިސްނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. އަޅުގަނޑުމެންގެ ނިޔަތާއި ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ މާތް ﷲގެ ޙަޟުރަތުގައި އެ ކަމަށް ޓަކައި ވެސް އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭނޭ ދުވަހެއް އޮތްކަން ހަނދާންކުރާން ޖެހެއެވެ.

އަޅުގަނޑުމެން މި ވޯޓުދޭ ކެންޑިޑޭޓަކީ ހަގީގަތުގައި ވެސް އިޚުލާޞްތެރިއެއްތޯ މާޒީގައި އޭނާގެ ޢަމަލުތައް ހުރި ގޮތުގެ މައްޗަށް ބަލައި ވަޒަންކުރާންޖެހޭނެއެވެ. އެ ކެންޑިޑޭޓެއްގެ ފަތިފުށް ދެނެގަންނާން ޖެހޭނެއެވެ. ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް އެންމެ އެކަށީގެންވަނީ ކޮން ރައީސެއްތޯ ކޮން މޭޔަރެއްތޯ ވިސްނައި ފިކުރުކުރާން ޖެހޭނެއެވެ. އަމިއްލައަށް ކަނޑައަޅާން ނޭނގިއްޖެ ނަމަ، އެ ކަން ކަށަވަރުކުރުމަށް ޓަކައި ކޮންމެހެން މީހުން ކުރެން އަހާކަށް ނުޖެހޭނެއެވެ. އިޚުލާޞްތެރިކަމާ އެކު، އިސްތިޚާރާ ނަމާދެއްކޮށްފި ނަމަ، މާތް ﷲ އެ މީހަކަށް ހެޔޮ ގޮތް އިލްހާމުކޮށްދެއްވާނެއެވެ.

މާލެއަކީ ސިޓީއެއް ނަމަ، ސިޓީއެއްގެ އިޙުސާސް މި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރެވޭންޖެހޭނެއެވެ. އަމާންކަމާ އެކު، މަގުތަކުން ދުއްވޭންޖެހޭނެއެވެ. ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން އޮވެގެން މަގުތައް ހުރަސްކުރެވޭންޖެހޭނެއެވެ. ހަމަޖެހިލައިގެން ދުވާރުމަތީން ހިނގޭންޖެހޭނެއެވެ. ސާފުތާހިރުކަން ކަށަވަރުކުރެވޭން ޖެހޭނެއެވެ.

އެތައް ފަސް އަހަރެއް އަޅުގަނޑުމެން ހަމަ މިހެން ކިޔައިލަކިޔައިލައި ތިބޭންވީތޯއެވެ! ވޯޓުދިނުމަކީ ޙައްގަކަށް ބަލާ ފަދައިން އެއީ އަމާނާތެއްކަމަށް ވެސް އަޅުގަނޑުމެން ގަބޫލުކުރާނީ ކޮން ދުވަހަކުންތޯއެވެ؟!

ކޮމެންޓު