އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
3 ފެބްރުވަރީ 2026
އިނސާނީ ޙައްޤުތައް އިސްލާމްދީނުގައި އެންމެ ފުރިހަމައަށް އެބަ އޮތެވެ.
އެއްވެސް ޝައްކެއް ނެތެވެ. އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތާއި ރަޙުމަތެއްކަމުގައި މާތް ﷲގެ ޙަޟުރަތުން ބާވައިލެއްވި އިލާހީ ދީނެވެ. މާތްﷲ އެކަލާނގެ ޚަލީފާއިންކަމުގައި ބިމުގައި ލެއްވި އިންސާނުން އުޅެންވީ މަގު ބަޔާންކުރައްވައި ބާވައިލެއްވި ޝަރީޢަތެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެ އެވެ. "إنَّ الدِّين عِندَ الله الإسلام" ("ހަމަކަށަވަރުން، اللَّهގެ حضرةގައި، دينއަކީ، إسلام دينއެވެ.") (آل عمران:19)
އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. "ومن يبتغ غير الإسلام دينا فلن يقبل منه " ("دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبولއެއް ނުކުރައްވާ ހުށްޓެވެ.") (آل عمران:85) އެހެންވީއިރު ބިން ތަޢުމީރު ކުރެއްވުމަށްޓަކައި އިންސާނާ އުފެއްދެވި ޚާލިޤުވަންތަ އިލާހު، އެ ބިމުގައި އެކަލާނގެ ޚަލީފާއިންކަމުގައި ލެއްވި އިންސާނުންނަށް އެކަމަށްޓަކައި ބޭނުންވާނީ ހުރިހައި އިޚުތިޔާރަކާއި ބާރަކާއި ޙައްޤުތަކެއް ދެއްވައިފައިވާނޭކަމީ ޤަޠުޢީ ގޮތުން ބަލާއިރު ވެސް ޤަބޫލުކުރަންޖެހޭ ކަމެކެވެ.
އިސްލާމް ދީނަކީ އިންސާނުންގެ މަޞްލަޙަތު ޙިމާޔަތް ކުރައްވައިފައިވާ ދީނެވެ. އިސްލާމް ދީނުގެ މައިގަނޑު މަޤުޞަދަކީ ވެސް އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އެހެންކަމަށް ވާނަމަ އޭނާއަށް ހުރިހައި ޙައްޤުތަކެއް ވާނޭކަން ޤަބޫލުކުރާންޖެހެއެވެ. "އިންސާނީ ޙައްޤުތަކަކީ އޭނާއަށް ފިޠުރީގޮތުން ލިބިފައިވާ އެއްޗެކެވެ. އޭނާ ހެއްދެވި އިރު ދެއްވާފައިވާ ޙައްޤުތަކެކެވެ. އާދަމުގެފާނުން ފެށިގެން މުޙައްމަދު ނަބިއްޔާއާ ހަމައަށް ފޮނުއްވާފައިވާ ހުރިހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ގޮވައިލުންތަކުގައި މި ޙައްޤުތައް ހިމެނެއެވެ. އެކަމަކު އިންސާނީހައްޤުތަކާ ބެހޭ ނަޡަރިއްޔާތުތަކާއި ފިކްރުތައް އުފަންކުރެއްވި މޭސްތިރީންކަމަށް މަޝްހޫރުވެފައިވާ އަފްލާޠޫނާއި، އެރިސްޓޯއާއި، ސެސަރޯނާއި، މީކާވެލީ އާއި، ލުކާއި، ރޯސޯއާއި، މޮންޓެސްކިޔޯ ފަދަ ފިލޯސަފަރުންނާއި މުފައްކިރުންގެ ގޮވައިލުންތަކުގައި ވެސް މި ޙައްޤުތައް" ހިމެނިފައެއްނުވެއެވެ. ކަން މިހެން ހުރުމާއެކު، އިސްލާމް ދީނުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ ދަރަޖައިގެ މައްޗަށް ތަންކޮޅެއް ތަފުޞީލީ ގޮތެއްގައި ބަލައިލާނަމެވެ.
މިނިވަންކަމާއި ހަމަ ހަމަކަމުގެ ޙައްޤު:
އިންސާނުންގެ ޙައްޤުތަކާ ބެހޭ ޢާއްމު ޤަރާރު (ދަ ޔުނިވަރސާލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް) ގެ އެއް ވަނަ މާއްދާގައި "ހުރިހައި އިންސާނުން ވެސް ދުނިޔެ އަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބަޔެއްގެ ގޮތުގައެވެ. ހެޔޮ ވިސްނުމާއި، ހެޔޮ ބުއްދީގެ ބާރު އެ މީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު އެ މީހުން މުޢާމަލާތްކުރަންވާނީ އުޚުއްވަތްތެރިކަމުގެ ރޫޙެއްގައި" ކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ 10 ޑިސެމްބަރ 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާންކޮށްފައިވާ ޤަރާރެކެވެ. މިއީ މީގެ 14 ސަތޭކަ އަހަރު ކުރީން ކައު އިތުރު ރަސޫލާ މުހައްމަދު صلى الله عليه وسلم މުޅި އިންސާނިއްޔަތާ މުޚާޠަބުކޮށް އިޢުލާންކުރައްވައިފައިވާ އުޞޫލެކެވެ. ކައުއިތުރު ރަސޫލާ ހިޖުރައިން 10 ވަނަ އަހަރު ޛިލްޙިއްޖާ މަހު 9 ވަނަ ދުވަހު ޢަރަފާތުގައި ހުންވައި ގެން މުޅި އިންސާނިއްޔަތާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވި އެވެ. "لا فضل لعربي على عجمي ، ولا لعجمي على عربي ، ولا لأبيض على أسود ، ولا لأسود على أبيض إلا بالتقوى ، الناس من آدم ، وآدم من تراب." ("ތަޤުވާވެރިކަމުގެ ސަބަބުން ފިޔަވައި އެއްވެސް ޢަރަބީއަކަށް ޢަޖަމީއެއްގެ މައްޗަށް، އަދި ޢަޖަމީއަކަށް ޢަރަބީއެއްގެ މައްޗަށް، ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް، އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަކަށް މާތްކަމެއް ނެތެވެ. ހުރިހައި މީސްތަކުން އުފެދުނީ އާދަމުގެފާނުގެކިބަފުޅުންނެވެ. އާދަމުގެ ފާނު އުފެއްދެވީ މަށިންނެވެ.") އިންސާނުންގެ ހަމަހަމަ ކަމަށް ގޮވައިލައި ކަނޑައެޅިފައިވާ މިޔަށްވުރެ ވަކިން މަތިވެރި އުޞޫލެއް ކޮބައިތޯ އެވެ؟ އެހެންކަމުން އިންސާނުންގެ ހަމަހަމަ ކަމަށް އިސްލާމް ދީނުގައި އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތު ދީފައިވާކަން ހަމަ އެކަނި ރަސޫލާގެ މި ޙަދީޘުފުޅުންވެސް އެނގެއެވެ. ކީރިތި ރަސޫލާގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "النَّاسُ سَوَاسِيَةٌ كَأَسْنَانِ الْمِشْطِ " ("މީސްތަކުންނަކީ ފުނަލުގެ ދަތްތައް ފަދައިން ހަމަހަމަވެގެންވާ ބަޔެކެވެ.") އިސްވެ ދިޔަ ޙަދީޘްފުޅުތަކުގެ މާނައަށް ވިސްނައިލުމުން އެނގެނީ މިނިވަންކަމާއި ހަމަހަމަ ކަން އިސްލާމްދީނުގައި އެންމެ މަތިވެރި ދަރަޖައަށް ދެއްވައިފައިވާކަމެވެ. އެހެން އެއްވެސް ދީނެއްގައި ނުވަތަ އެހެން ފަލްސަފާއެއްގައި ވެސް މިޔަށްވުރެ ވަކި އިތުރަކަށް މި މިނިވަންކަން ދެވިފައި ނުވާ ކަމެވެ.
ދިރިހުރުމުގެ ޙައްޤާއި މިނިވަންކަމުގެ ޙައްޤު:
އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (UDHR) ގެ 3 ވަނަ މާއްދާގައި ވަނީ "ދިރިހުރުމާއި މިނިވަންކަމާއި އަމާންކަމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ"ކަމުގައެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑުގެ އެއް މަޤްޞަދަކީ ނަފުސާއި ފުރާނަ ޙިމާޔަތްކުރުމެވެ. ހަމަ އެކަނި އިރުޝާދުދެއްވައިފައިވަނީކީ ނޫނެވެ. އެ ކަމަށް ޓަކައި އިސްލާމްދީނުގައި ތަފާތު ފިޔަވަޅުތައް ވަނީ އަޅުއްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا" ("އެކަމަށްޓަކައި إسـرآءيـلގެދަރީންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفسއެއް މަރައިގެން، ނުވަތަ ބިމުގައި فسادއެއް އުފައްދައިގެން ނޫން ގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.") (سورة المائدة:32)
ޙައްޤަކާ ނުލައި މީހަކު މަރައިފި މީހަކަށް އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ހަރުކަށި ޢުޤޫބާތަކީ ވެސް އެކަން ކުރުމުން މީހުން ދުރުކުރުމަށް އަޅުއްވައިފައިވާ ބާރެއްކަން ކަށަވަރެވެ. يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالأُنثَى بِالأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاء إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ ("އޭ إيمانވެއްޖެ މީސްތަކުންނޭވެ! قتلކުރެވޭ މީހުންނާމެދު قصاصހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخއާގެ ފަރާތުން قصاصގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسانތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمةއެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوةތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.") (سورة البقرة:178) އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "وَلَكُمْ فِي الْقِصَاصِ حَيَاةٌ يَاْ أُولِيْ الأَلْبَابِ لَعَلَّكُمْ تَتَّقُونَ" ("އަދި قصاصހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهلވެރީންނޭވެ! (އެއީ) ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ.") (سورة البقرة:179)
އަޅުން ގެންގުޅުން މަނާކުރުމާއި މިނިވަންކަމުގެ ޙައްޤު:
އަޅުވެތިކަމާއި އަޅުން ގެންގުޅުމަކީ ޖާހިލިއްޔަ ޒަމާނުގައި ވަރަށް ޢާންމުކަމެއް ކަމުގައި ވީނަމަވެސް އިސްލާމްދީނުގައި އެކަން ހުއްޓުވުމަށް ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. މި ގޮތުން ވަރަށް ގިނަ ކުށްތަކެއްގެ ކައްފާރާއެއްގެ ގޮތުން އަޅަކު މިނިވަންކުރުން އިސްލާމީ ޝަރީޢަތުގައި ހިމެނުއްވި އެވެ. އަދި މިނިވަން އިންސާނަކު އަޅުވެތިކުރުމަކީ ކިހާ ނުބައިކަމެއްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: قَالَ اللَّهُ ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ رَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ .. މާތް ﷲ ވަޙީކުރެއްވިކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވި މި ޤުދުސިއްޔަ ޙަދީޘްފުޅުން ދޭހަވާ ގޮތުގައި ޤިޔާމަތް ދުވަހު 3 މީހެއްގެ ޚަޞްމެއްގެ ގޮތުގައި ﷲ ހިމެނިވޮޑިގެންވާނެކަމަށް އަންގަވައިފައިވެއެވެ. އެއިގެ ތެރެއިން އެކަކީ މިނިވަނަކު އަޅެއްގެ ގޮތުގައި ވިއްކައި އެ ވިއްކައިގެން ލިބު އެއްޗެއް ކެއް މީހާއެވެ. އެހެން ކަމުން އަޅުވެތިކުރުމަށް އިސްލާމް ދީން ދެކޮޅުހަދާ މިންވަރު މިޔަށްވުރެ ވަކިން ފުރިހަމަޔަށް ބަޔާންކުރާނީ ކިހިނެއްތޯ އެވެ؟ އަޅުންގެންގުޅުން މަނާކުރުމާއި މިނިވަންކަމުގެ ޙައްޤު އިސްލާމް ދީނުގައި ދެއްވައިފައިވާ މިންވަރަށް ވުރެ ބޮޑަށް، އެއްވެސް ދީނެއްގައި ނުވަތަ ފަލްސަފާއެއްގައިވެސް ނުވަތަ ޤަރާރަކުން ވެސް ދީފައި ނުވާކަމަށް ސާބިތުވެއެވެ.
އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވުމުގެ ޙައްޤު:
އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (UDHR) ގެ 5 ވަނަ މާއްދާގައި "އެއްވެސް މީހަކު، އަނިޔާވެރިކަމަށާއި އަނިޔާވެރި ނުވަތަ ލާއިންސާނީ ނުވަތަ އިންސާނީ ޤަދަރަށް ކުޑައިމީސްކަން ލިބެނިވި ގޮތްގޮތަށް ކުރެވޭ މުޢާމަލާތްތަކަށާއި އަދަބުތަކަށް ހުށަހޮޅިގެން ނުވާނެ"ކަމަށް ކަނޑައަޅައިފައި އޮތް އިރު މިއީ އިސްލާމް ދީނުގައި މާތް ﷲ މާކުރީން ކަނޑައަޅުއްވައި ބަޔާންކުރައްވައިފައިވާ ކަމެކެވެ. ޤުދުސިއްޔަ ޙަދީޘްފުޅެއްގައި މާތް ﷲ އެކަލާނގެ އަޅުތަކުންނާ މުޚާޠަބުކުރައްވައި ވަޙީކުރައްވައިފައިވެއެވެ. "يا عبادي إني حرمت الظلم على نفسي وجعلته بينكم محرما، فلا تظالموا" މި ބަސްފުޅުން ވަރަށް ސާފުކޮށް ކަނޑައަޅުއްވައިފައި މިވަނީ އަނިޔާވެރިކަމަކީ ޚުދު ﷲގެ ޛާތުފުޅަށް ވެސް އެކަލާނގެ ޙަރާމްކުރައްވައިފައިވާ ކަމެއް ކަމާއި، އަދި އެއީ އެކަލާނގެ އަޅުތަކުންނަށް ވެސް ޙަރާމްކުރައްވައިފައިވާ ކަމެއް ކަމެވެ. އަދި މި ދުނިޔޭގައި މީސްތަކުންނަށް ޢަޛާބު ދައްކާ މީހުންނަށް ޤިޔާމަތް ދުވަހުން ﷲ ގަދަފަދަ ޢަޛާބު ދެއްވާނެކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވަނީ إن الله يعذب الذين يعذبون الناس فى الدنيا މިފަދައިންނެވެ. އެހެންކަމުން އަނިޔާވެރިކަން މަނާކޮށް އަނިޔާއިން ސަލާމަތްވެގެން ތިބުމުގެ ޙައްޤު އެންމެ ބޮޑަށް ކަށަވަރު ކޮށްދީފައި ވަނީ ވެސް އިސްލާމް ދީނުގައިކަން މި އޮތީ ސާބިތުވެފައެވެ.
ކާވެނިކުރުމުގެ ޙައްޤު:
އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރ (UDHR) ގެ 16 ވަނަ މާއްދާގައި ކާވެނިކުރުމާއި ވަރިކުރުމުގެ ޙައްޤު ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާއިރު، ދުނިޔޭގެ ޣައިރު މުސްލިމު ބައެއް ޤައުމު ތަކުގައި މި ޙައްޤު ފިޠުތަރުގެ އުޞޫލާ ޚިލާފަށް ވެސް ލިބި ދީފައިވެ އެވެ. އެހެން ނަމަވެސް އިސްލާމް ދީނަކީ ފިޠުރަތާ ޚިލާފު ކަންތައްތަކެއް ލައްވައިފައިވާ ދީނަކަށް ނުވާތީ، އެއް ޖިންސުން "ކާވެނިކުރުމުގެ" ނަމުގައި ޣައިރު މުސްލިމުން ލިބިގެންފައި ވާ ހަޑިމުޑުދާރު ފިޠުރަތާ ޚިލާފު "ޙައްޤު" އެއީ އިސްލާމީ ނަޒަރަކުން ޙައްޤެއް ކަމަކަށް ޤަބޫލެއް ނުކުރެ އެވެ. އެއީ ކުށެކެވެ. ފާފައެކެވެ. ޖަރީމައެކެވެ. ފިޠުރަތާ އެއް ގޮތް ވާ ގޮތުގެ މަތީން ކާވެނިކުރުމަކީ އިސްލާމްދީނުގައި ބާރު އަޅުއްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ." "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفسތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (سورة الرّوم:21) މިއީ ކާވެނިކުރުމަށް އިސްލާމްދީނުގައި ތަރުޙީބުދެއްވައިފައިވާ މިންވަރު ކިތަންމެ ރީތިކޮށް ވެސް ހާމަވެގެންދާ ވަރަށް ފުރިހަމަ އާޔަތެކެވެ. އިސްލާމް ދީނުގައި ހަމައެކަނި ކާވެނިކުރުމުގެ މިނިވަންކަން ދީފައިވަނީކީ ނޫނެވެ. މީގެ އިތުރަށް ކާވެނިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އަމުރުވެސް ކުރައްވައިފައި ވަނީ އެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އެވެ. "يا معشر الشباب من استطاع منكم الباءة فليتزوج" ("އޭ ޒުވާނުންނޭވެ! ތިޔަބައި މީހުންގެތެރެއިން ކައިވެނިކުރުމުގެ ކުޅަދާނަކަން (ޞިއްޙީ ގޮތުންނާއި، ޖިންސީ ގޮތުންނާއި މާލީ ގޮތުން) ލިބިގެންވާ މީހުން ފަހެ ކާވެނިކުރާހުށިކަމެވެ.") ކާވެނިކުރުމަށް އިސްލާމްދީނުގައި ލިބިފައިވާ ޙައްޤުގެ މަތިވެރިކަމާއެވެ!!
ތަޢުލީމު ލިބުމުގެ ޙައްޤު:
އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (UDHR) ގެ 26 ވަނަ މާއްދާގައި ވަނީ "ހަމަ ކޮންމެ މީހަކަށްމެ ތަޢުލީމު އުނގެނުމުގެ ޙައްޤު ލިބިގެން"ވާ ކަމަށެވެ. އެހެން ނަމަވެސް އިސްލާމް ދީނުގައި ހަމަ އެކަނި މި ޙައްޤު ދީފައި ވަނީކީ ނޫނެވެ. އެކަމަށް އަމުރުކުރެއްވުމާއެކު އެކަމަށް މަޖުބޫރު ވެސް ވަނީ ކުރައްވައިފައެވެ. ކީރިތި ޤުރުއާނުގައި ފުރަތަމަ ބާވައިލެއްވި އާޔަތްވެސް ފައްޓަވައިފައިވަނީ "ކިޔަވާށޭ!" އަމުރުކުރައްވަމުންނެވެ. ތަޢުލީމު ޙާޞިލުކުރުމަށް އަމުރުކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. "طلب العلم فريضة على كل مسلم ومسلمة" ("ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފަރުޟެކެވެ.") އަދިވެސް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. "اطلبوا العلم ولو بالصين" ("ޗައިނާއިން ނަމަވެސް ޢިލްމު ޙާޞިލްކުރާށެވެ!") އާދެ! މި ޙަދީޘްފުޅުން މި އިޝާރަތްކުރައްވަނީ ކިތަންމެ ދަތި ޙާލަކުން ނަމަވެސް ތަޢުލީމު ޙާޞިލުކުރުމަށް އިސްލާމް ދީން ބާރު އަޅައިފައިވާ މިންވަރެވެ. އަދި ކޮންމެ މީހަކުވެސް އެ މީހެއްގެ މުޅި ހަޔާތުގައި (ދިރިހުރިހައި ހިނދަކު) ޢިލްމު ޙާޞިލުކުރުމުގައި ދެމިހުރުމަށް އަންގަވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. اطلبوا العلم من ا لمهد إلى اللحد ("މައިމީހާގެ އުނގުން ފެށިގެން ކަށްވަޅަށް ދާނދެން ޢިލްމު އުނގެނޭށެވެ!") މި ޙަޤީޤަތްތައް ހާމައަށް ހުރި އިރު ތަޢުލީމު އުނގެނުމުގެ ޙައްޤު އިސްލާމް ދީނުގައި އޮތް މިންވަރަށް ވުރެ ބޮޑަށް އެހެން ބަޔަކަށް މި ޙައްޤު ދެވިފައި ނެތްކަން ސާބިތުވެއެވެ. ޢިލްމު ޙާޞިލުކުރުމަށް އިސްލާމްދީނަށްވުރެ ވަކިން ބޮޑަށް ބާރުއަރުއްވައިފައިވަނީ އެހެން ކޮން ދީނެއްގައިތޯއެވެ؟ ނުވަތަ ކޮން ފަލްސަފާއެއްގައިތޯ އެވެ؟ ނޫންނަމަ ކޮން ޤަރާރެއްގައިތޯއެވެ؟
ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤާއި ޖަމާޢަތް ހެދުމުގެ ޙައްޤު:
އަދުގެ ޑިމޮކްރެސީގައި އޮންނާންވާނެކަމަށް އެންމެ ބޮޑަށް މިއަދު ގޮވައިލާ ޙައްޤަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމެވެ. ކޮންމެ އިންސާނަކަށް ވެސް މިނިވަންކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ލިބިގެންވާކަމަށް އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (UDHR) ގެ 20 ވަނަ މާއްދާގައި ވެއެވެ. މި ކަން މިހެން އޮތް އިރު އެއްވެ އުޅުމަށް ކީރިތި ރަސޫލާ ވަނީ މި އުންމަތަށް އިރުޝާދުދެއްވައިފައެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. عليكم بالجماعة فإنه يأكل الذئب من الغنم القاصية ތިޔަބައިމީހުންނަށް ވަނީ ޖަމާޢަތާ އެކުގައި ވުމެވެ. އެހެނީ ސިންގާ އައިސް ޖަހައިގަނެގެން ކައިލާނީ ބަކަރި އައިނުގެ ތެރެއިން ވަކިވެގެން ދުރުގައި އޮންނަ ބަކަރި އެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. لكل جعلنا منكم فرقة ومنهاجا ("ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ވަކި فرقة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ.") އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (UDHR) ގެ 23 ވަނަ މާއްދާގައި ވިޔަފާރި ޖަމާޢަތްތައް ހެދުމާއި ޖަމާޢަތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެން ވާކަމަށް ބަޔާންކޮށްފައިވާއިރު ކީރިތި ރަސޫލާ އެކަމަށް ބާރުއަޅުއްވައި ޙަދީޘްކުރައްވައިފައިވަނީ يد الله مع الجما عة (ﷲ ވޮޑިގެން ވަނީ ޖަމާޢަތާ އެކުގައެވެ.) އެހެންވީމާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމާޢަތް ހެދުމާއި ޖަމާޢަތުގައި ބައިވެރި ވުމުގެ ޙައްޤަކީ އިސްލާމްދީނުގައި ދެއްވައިފައިވާ ފުރިހަމަ ޙައްޤެކެވެ.
އިންސާނީ ކަރާމަތާއި އިންސާނުންނަށް މާތް ﷲ ދެއްވައިފައިވާ ޙައްޤުތަކާއި މިނިވަންކަން:
އިންސާނާ އުފައްދަވައިފައިވަނީ އެންމެ މަތިވެރި ގޮތުގައެވެ. އެންމެ ކަރާމާތްތެރި މަޚުލޫޤުގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً". ("ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެދަރީން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزقދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.").(:70) އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. "لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ" ("ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورةގައި އިންސާނާ ހެއްދެވީމެވެ.") (سورة التّين:5) މިފަދަ ފުރިހަމަ ގޮތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ޚާއްޞަ ގޮތެއްގައި އުފައްދަވައި ބިމުގައި ޚަލީފާކުރައްވައިފައިވާ އެކަލާނގެ ޚަލީފާއިންނަށް ދެއްވައި ދަރުމަކުރައްވައިފައިވާ ޙައްޤުތަކާއި ޢިނާޔަތްތަކަކީ އަޅުގަނޑުމެންނަށް ހިމަނައި ކޮޅުން ނުލާހައި މަތިވެރި ފުރިހަމަ ކަންތައްތަކެކެވެ. އިސްލާމް ދީނުގައި ނެތީ ކޮން ޙަޢްޤެއްތޯ އެވެ؟ އިންސާނީ ފިޠުރަތާ ޚިލާފު ނުވާ ހަމަ ކޮންމެ ޙައްޤެއްވެސް އިސްލާމް ދީން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އެންމެ ކުޑަމިނުން ދީނީ މިނިވަންކަން ވެސް އިސްލާމްދީނުގައިވަނީ ވަރަށް ފުރިހަމަޔަށް ދެއްވައިފައެވެ. މާތް ﷲ ދެމަގެއް (ތެދުމަގާއި ނުބައި މަގު) ދައްކަވައި އިޚުތިޔާރު ދެއްވި އެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ " وَهَدَيْنَاهُ النَّجْدَيْنِ" ("އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.") (سورة البلد:10) މި ފަދައިންނެވެ. އަދި އިސްލާމްދީނަށް ވެއްދުމަށް މަޖުބޫރު ކަމެއް ލައްވައިފައެއް ނުވާކަން އަންގަވައި ވަޙީކުރައްވައިފައިވެއެވެ. " لاَ إِكْرَاهَ فِي الدِّينِ " ("دين އަށް ވެއްދުމުގައި مجبورކުރުމެއް ނެތެވެ. ") (سورة البقرة:256) އެހެންނަމަވެސް އިސްލާމް ދީނަކީ ސަމާސާ ދީނެއްކަމަށްނުވާތީ އިސްލާމް ދީނަށް ވަނުމަށް ފަހު އެ ދީން ދޫކޮށްލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. އެހެނީ އެ ދީނަށް ވަނުމަށް މަޖުބޫރުކުރުމެއް ނެތި އެ މީހެއްގެ ވިސްނުމާއި ފިކުރަށް ފެނިގެން އެ ދީނަށް ވަނުމަށް ފަހު އެ ދީން ދޫކޮށްލުމުގެ ޙައްޤު ދީފި ނަމަ އެއީ ކުޅޭކުޅޭ ކަމަކަށް ވެދާނެއެވެ. މާތް ﷲ އެ ކަލާނގެ ދީން ޙިމާޔަތްކުރެއްވުމަށް ޓަކައި މި ކަމުގައިވެސް ޙައްދުތަކަކާއި އިންތަކެއް ކަނޑައަޅުއްވައިފައިވަނީއެވެ. އެހެންކަމުން އެ މީހަކު ބޭނުން ދީނެއް އިޚުތިޔާރުކުރުމުގެ ޙައްޤު ވެސް އިސްލާމް ދީނުގައި އެބަވެއެވެ. ބޭނުން މަގެއް އިޚުތިޔާރުކުރުމުގެ ޙައްޤު އެބަ އޮތެވެ. އެއްމަގަކީ ޖަހަންނަމައަށް ދިޔުމުގެ މަގެވެ. އަނެއް މަގަކީ ނިޢުމަތްތަކުގެ ސުވަރުގެއަށް ދިޔުމުގެ މަގެވެ. އިޚުތިޔާރު އޮތީ އިންސާނާގެ އިޚުތިޔާރަށް ދޫކޮށްލައްވައިފައެވެ. އިސްވެ ބަޔާންކުރެވުނު ދަލީލުތަކަށް ނަޒަރެއް ދެއްވައިފި ނަމަ އެއްވެސް އޮޅުމެއް ނެތި ހާމަވެގެންދާނީ އިންސާނީ ޙައްޤުތަކަށް އިސްލާމް ދީނުގައި ދެއްވައިފައިވާ ދަރަޖައިގެ މަތިވެރިކަމެވެ. އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް މަގުފަހިވާނޭ ހުރިހައި އުޞޫލުތަކެއް އިސްލާމް ދީނުގައި ވަނީ ކަނޑައަޅުއަވައިފައި ކަމެވެ. 10 ޑިސެމްބަރ 1948 ގައި އދ. ގެ ޢާއްމު މަޖިލީހުން ފާސްކޮށް އިޢުލާންކޮށްފައިވާ "އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު"ގެ 30 މާއްދާގައި ބަޔާންކޮށްފައިވާ އިންސާނީ ފިޠުރަތާ ޚިލާފުނުވާ ކޮންމެ ޙައްޤަކީ ވެސް އިސްލާމް ދީން ކަށަވަރުކޮށްދެއްވައިފައިވާ ޙައްޤުތަކެކެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ކުރީން މުޅި އިންސާނިއްޔަތާ މުޚާޠަބުކުރައްވައި މި ހުރިހައި ހައްޤުތަކެއް ވަނީ ބަޔާންކޮށްދެއްވައި އިޢުލާންކުރައްވައިފައެވެ. ޙައްޖަތުލްވިދާޢުގެ ޚުޠުބާގައެވެ. ސާދާ ޞަރީޙަ ބަލާޣާތްތެރި ޢިބާރާތަކުންނެވެ. އެ ޚުޠުބާގައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ހުރިހައި އިންސާނުންނަކީ އާދަމްގެފާނުގެދަރީންނެވެ. އަރަބީންނަކީ އެހެން އިންސާނުންގެ މައްޗަށް މާތްވެގެންވާ ބަޔެއް ނޫނެވެ. ހަމަ އެ ފަދައިން އެހެން ނަސްލުތަކުގެ އިންސާނުންނަކީ އަރަބިންގެ މައްޗަށް މާތްވެގެންވާ ބަޔެއް ނޫނެވެ. ދޮން މީހެއް ކަޅު މީހެއްގެ މައްޗަށް މާތްވެގެންނެއް ނުވެއެވެ. ހަމައެފައިން ކަޅު މީހަކު ދޮން މީހެއްގެ މައްޗަކަށްވެސް މާތްވެގެންނެއް ނުވެއެވެ. އެ މީހެއްގެ ހެޔޮ އަމަލާއި ތަޤްވާވެރިކަމުންމެނުވީއެވެ. ދަންނާށެވެ! ހުރިހައި މުސްލިމުންނަކީ އަޚުންނެވެ. ކޮންމެ މުސްލިމަކީ ވެސް އަނެއް މުސްލިމެއްގެ އަޚާއެވެ. އެއް މުސްލިމެއްގެ މުދާ އަނެއް މުސްލިމެއްގެމައްޗަށް ހުއްދަވެގެން ނުވެއެވެ. ހެޔޮ ހިތުން ދޭ ހިތުން ދިނުމުން މެނުވީއެވެ. އެހެންކަމުން، ތިޔަބައިމީހުން އަމިއްލަ ނަފްސުތައް އަދުލް އިންސާފުން ބޭރުވެ ނުގަންނަހުއްޓެވެ!" އަދިވެސް ޙަދީޘްކުރެއްވި އެވެ. "އޭ މީސްތަކުންނޭ! ތިޔަބައިމީހުންގެ މައްޗަށް އަންހެނުންނަށް އަދާކުރަން ޖެހޭ ހައްޤުތަކެއްވެއެވެ. ހަމަ އެފައިން އަންހެނުންނަށް ވެސް ތިޔަބައިމީހުންގެ މައްޗަށް ހައްޤުތަކެއް ވެއެވެ. ދަންނާށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނި އަޤްދުކުރެވިގެންވަނީ، މާތް ﷲގެ މަދަދާއި ރުއްސެވުމާއި އެކުގައެވެ. އެ ކަނބަލުން ތިޔަބައިމީހުންގެ ޙައްގުތައް އަދާކުރަމުން ދާ ހިނދު، ތިޔަބައިމީހުންގެ މައްޗަށް އޮތީ އެކަނބަލުންނަށް ކާންދީ އަންނައުނުދިނުމެވެ. އަންހެނުންނާ މެދު ހެޔޮކޮށް ކަންތައްކުރާހުއްޓެވެ! އަދި އަންހެނުންނާ މެދު އޯގާތެރިވާ ހުއްޓެވެ. އެ ކަނބަލުންނަކީ ތިޔަބައި މީހުންގެ ބައިވެރީންނެވެ. އަދި އެހީތެރިނެވެ. އެ ކަނބަލުންގެ ލަދުވެތި ގުނަވަންތައް ރައްކާތެރިކުރުމަށް އަންގާހުއްޓެވެ. އެ ކަނބަލުން ތިޔަބައިމީހުން ނުރުހޭ މީހަކާއި ބައްދަލުކުރުން ހުއްޓުވުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާކަމެކެވެ." މިއީ މި މައުޟޫޢުގައި ހުރި ހެކިތަކާއި ދަލީލުތަކުން ކުޑަ މިންވަރެކެވެ. ހަމަ އެކަނި މި މިންވަރުން އެކަނިވެސް "އިސްލާމް ދީނުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ ދަރަޖަ"އިގެ މަތިވެރިކަން ހާމަވާނެއެވެ. ޝައްކެއްނެތެވެ. އިންސާނީ ފިޠުރަތާ ޚިލާފު ނުވާ ގޮތުގެ މަތީން އިންސާނުންނަށް، ހުރިހައި ޙައްޤުތަކެއް އިސްލާމްދީނުގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވައިފައިވާ ޙައްޤުތަކެކެވެ. އެއްވެސް ޙާލެއްގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ 1948 ގައި ފާސްކުރި އދ.ގެ ޤަރާރަކުންނޫނެވެ. އެއީ 1400 އަހަރު ކުރިއްސުރެ އިސްލާމް ދީނުގައި ކަށަވަރުކޮށްދެއްވައިފައިވާ ޙައްޤުތަކެކެވެ.
މަރުޖާ:
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާ
ކީރިތި ޤުރުއާންކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ
http:/www.nabulsi.com/…/art.php?artsarora.tumblr.com/post/2593527986