އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2 ފެބްރުވަރީ 2026
ދެ ގިބުލަ މިސްކިތް (މަސްޖިދުލްޤިބުލަތައިނި)ގެ ކުރެހުމެއް
މިއީ ރަޖަބު މަހާއި ރަމަޟާންމަހާ ދެމެދުން އަންނަ ޝަޢުބާން މަހެވެ. މީސްތަކުން އެ މަހަކާ މެދު އެންމެ ޣާފިލުވާ މައްސަރެވެ. ރަމަޟާން މަސް ފިޔަވައި ކީރިތި ރަސޫލާ (صلى الله عليه وسلم) އެންމެ ގިނައިން ރޯދަފުޅުހިއްޕެވި މައްސަރެވެ. މީގެ އިތުރަށް މިއީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު ހާދިސާއެއް ހިނގައިފައިވާ މައްސަރެކެވެ. އެހެންކަމުން އެ ހާދިސާއަށް ބަލައިލާމް މިއީ ވަރަށް މުނާބު މައްސަރެއްކަން ކަށަވަރެވެ.
އާދޭހެވެ! ޔަހޫދީންނާއި ނަޞާރާއިން (ގެ ގިނަ މީހުން) އިތުރު އެކަލޭގެފާނަށް ތަބާނުވާކަމާއި އެއީ ރަސޫލު ބޭކަލެއްކަން ޤަބޫލުވެސްނުކުރާކަން (ނަޢޫޛު ބިﷲ) ކީރިތި ރަސޫލާ (صلى الله عليه وسلم)އަށް އެނގިވަޑައިގަތުމުން އިތުރު އެކަލޭގެފާނު އެބައިމީހުންނާ ދުރުވެވަޑައިގަތެވެ. އަދި ކުރީން ޢަމަލުކުރައްވަމުން ގެންދެވި ބައެއް އާދަތައް ވެސް ދޫކޮށްލެއްވިއެވެ.
ބަޔެއް ރިވާޔަތްތަކުން އެނގޭ ގޮތުގައި ކީރިތި ރަސޫލާ (صلى الله عليه وسلم) އެންމެ ފުރަތަމަ ކޮޅުގައި ޔަހޫދީން ރޯދަ ހިފާ ޢާޝޫރާ ދުވަހު ރޯދަފުޅުހިއްޕެވިއެވެ. އެހެންނަމަވެސް މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު ޔަހޫދީންގެ ރޯދަހިފުމާ ތަފާތުކުރެއްވިއެވެ.
އިބްނި ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. [ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގަތް އިރު އެ ރަށުގައި ތިބި ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ދެކެވަޑައިގަތެވެ. މި ކަމާ ބެހޭ ގޮތުން އެ މީހުންނާ ސުވާލުކުރެއްވުމުން އެ މީހުން ދެންނެވި އެވެ. 'މިއީ ވަރަށް ރަނގަޅު ދުވަހެކެވެ. މިއީ ބަނީ އިސްރާއީލްގެ މީހުން އެބައިމީހުންގެ ދުޝްމަނުންގެ ކިބައިން މާތް ﷲ ސަލާމަތްކުއްވި ބަރަކާތްތެރި ދުވަހެވެ. އެ ދުވަހު މޫސާގެފާނު ވެސް ރޯދަފުޅު ހިއްޕެވިއެވެ.' ކީރިތި ރަސޫލާ (صلى الله عليه وسلم)، (އެބައިމީހުންނަށް) ޙަދީޘްކުރެއްވިއެވެ. 'ތިޔަބައިމީހުންނަށް އޮތް ޙައްޤަށްވުރެ، މޫސާނުގެފާނުގެ މައްޗަށް އަހަރެމެންނަށް އޮތް ޙައްޤު މާ ބޮޑެވެ.' އެހެންކަމުން އެ ދުވަހު ކީރިތި ރަސޫލާ (صلى الله عليه وسلم) ރޯދަފުޅު ހިއްޕަވާން ފެއްޓެވި އެވެ. އަދި އެދުވަހު ރޯދަހިއްޕެވުމަށް (މުސްލިމުންނަށް) އަމުރުކުރެއްވި އެވެ. ]
އިބްނި ޢާއްބާސްގެ އަރިހުން ވާރިދުވެފައިވާ އެހެން ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) މަދީނާއަށް ވަޑައިގަތް އިރު މަދީނާގެ ޔަހޫދީން، ޢާޝޫރާ ދުވަހު (މުޙައްރަމްމަހު 10 ވަނަ ދުވަހު) ރޯދަ ހިފާކަމުގައިވިއެވެ. އަދި އެ މީހުން ދެންނެވިއެވެ. "މިއީ އެ ދުވަހެއްގައި މޫސާގެފާނަށް ފިރުޢައުނުގެ މައްޗަށް ކާމިޔާބީ ލިބިވަޑައިގަތް ދުވަހެވެ." އޭގެ މައްޗަށް ބިނާކުރައްވައި ރަސޫލާ (صلى الله عليه وسلم)، އެކަލޭގެފާނުންގެ އަޞްޙާބުން ނަށް ޙަދީޘްކުރެއްވި އެވެ. "މޫސާގެފާނުގެ ކާމިޔާބީ ފާހަގަކުރުން އެބައިމީހުންނަށްވުރެ، ތިޔަބައިމީހުން (މުސްލިމުން) ގެ މައްޗަށް މާ ޙައްޤުކަން ބޮޑެވެ." އެހެންވެ މުސްލިމުން ވެސް އެ ދުވަހު ރޯދަ ހިއްޕަވާން ފެއްޓެވި އެވެ.
އައްސައްޔިދާ ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ ކިބައިން ވާރިދުވެފައިވެއެވެ. "ރަމަޟާން މަހުގެ ރޯދަ ފަރުޟްކުރެއްވުމުގެކުރީން، ޢާޝޫރާ ދުވަހު (މުޙައްރަމް މަހު 10 ވަނަ ދުވަހު) މީސްތަކުން ރޯދަ ހިފައި އުޅުނެވެ. އަދި އެ ދުވަހަކީ ކަޢުމަތުﷲ ގެފުޅުގައި އުރަކޮޅެއް ލައި އުޅުނު ދުވަހެވެ. މުސްލިމުންނަށް ރަމަޟާން މަހުގެ ރޯދަ މާތް ﷲ ފަރުޟްކުރެއްވުމުން، ﷲގެ ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. "(ޢާޝޫރާ ދުވަހު) ރޯދަހިފާން އެދޭ މީހަކު ރޯދަ ހިފާހުށިކަމެވެ. އަދި އެ ރޯދަ ދޫކޮށްލާން އެދޭ މީހަކަށް އެކަން އެ ގޮތަށް ކުރެވޭނެ އެވެ."
އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. [ރަސޫލުﷲ (صلى الله عليه وسلم) މުޙައްރަމްމަހު 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު) ރޯދަފުޅުހިއްޕެވިއެވެ. އަދި އެ ދުވަހު ރޯދަހިފާން (މުސްލިމުންނަށް) އަމުރުކުރެއްވިއެވެ. އެހެންނަމަވެސް ރަމަޟާންމަހު ރޯދަ ފަރުޟުކުރެއްވުމުން ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕެވުން އިޚުތިޔާރަށް ދޫކޮށްލެއްވިއެވެ.] ޢަބްދުﷲ އިބްނި ޢުމަރު އޭގެ ފަހުން ޢާއްމުކޮށް ހިއްޕަވާ ރޯދައަކާ އެދުވަހާ ދިމާވެއްޖިއްޔާ ނޫނީ ޢާޝޫރާ ދުވަހަކު ރޯދަފުޅެއް ނުހިއްޕަވައެވެ.
މި ގޮތުގެ މަތީން ކީރިތި ރަސޫލާ (صلى الله عليه وسلم) މަދީނާއަށް ވަޑައިގަތްތާ ކުރީ ކޮޅުގައި، ޖެރޫސަލަމް(ގައި ހުންނަ މަސްޖިދުލްއަޤްޞާ) އާ ދިމާއަށް ކުރިމަތިލައި ނަމާދުކުރާން (މުސްލިމުންނަށް) އެކަލޭގެފާނު އަމުރުކުރެއްވި އެވެ. އެއީ ޔަހޫދީން ވެސް އެބައިމީހުން އަޅުކަންކުރުމުގައި ކުރިމަތިލާ ޤިބްލައެވެ. ނަމަވެސް ދުވަސްކޮޅެއްގެ ފަހުން އެކަން މަނާކުރައްވައި (މުސްލިމުން) ނަމާދުކުރާއިރު (މައްކާގައި ހުންނަ) ކަޢުބަތުﷲ ގެފުޅާ ދިމާއަށް ކުރިމަތިލާން އެންގެވިއެވެ.
ޤިބްލަ ބަދަލުކުރެއްވުން:
ޤިބްލައިގެ ލަފުޒީ މާނައަކީ މިޞްރާބެވެ. ނުވަތަ ކުރިމައްޗެވެ. ނުވަތަ ބޮސްދިނުމެވެ. ޝަރުޢީ އިޞްޠިލާޙުގައި ޤިބްލައަކީ (މުސްލިމުން) ނަމާދުކުރާއިރު އެ ދިމާއަކަށް ކުރިމަތިލައިގެންތިބޭ ދިމާއެވެ. ނުވަތަ ކަޢުބަތުﷲ އެވެ.
"قبلة" ޤިބުލައިގެ މާނައަކީ މިސްރާބެވެ. މައްކާ ހުންނަ ގެފުޅަށް މިސްރާބުކުރުމަށް ކިޔޭނަމެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މުސްލިމުން ނަމާދުކުރުމަށް ޓަކައި ގެފުޅަށް މިސްރާބުކުރެއެވެ. މިއީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. މިއީ ދުނިޔޭ އެންމެ ގިނަމީހުން ކުރިމަތިލާ މިސްރާބެވެ. މިސްކިތްތަކުގައްޔާއި، ނަމާދުކުރާން ޚާއްޞަ ތަންތަނުގައި ޤިބްލަ ފާގަކޮށްފައި ހުރެއެވެ. މިސްކިތްތަކުގެ ޤިބްލައާއި ދިމާވާ ބިތުގައި މިޙުރާބުގެ ހަދައިފައި ހުރެއެވެ. މުސްލިމުން ނަމާދުކުރުމުގެ އިތުރަށް، ޖަނަވާރު ކަތިލުމުގައްޔާއި، މަރުވާ މީހު ވަޅުލުމުގައި ޤިބްލަޔަށް މިސްރާބުކުރެއެވެ. ދުޢާކުރުމުގައްޔާއި ވުޟޫކުރާއިރު ވެސް ޤިބްލައަށް ކުރިމަތިލައެވެ. އެއީ ވާޖިބު ކަމަކަށް ނުވިޔަސް އެއީ މަންދޫބު (ސުންނަތްކަން ގަދަވެގެންވާ) ކަންކަމެވެ.
[ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވި އިރު ވެސް، ގެފުޅަކީ މުސްލިމުންގެ ގިބްލައެއް ނޫނެވެ. އަދި މި އުންމަތުގެ މައްޗަށް ނަމާދު ފަރުޟުކުރެއްވި އިރު ވެސް ޤިބްލައަކީ ގެފުޅެއް ނޫނެވެ. އަދި އިތުރު އެކަލޭގެފާނު މައްކާ އިން މަދީނާއަށް ހިޖްރަކުރެއްވި އިރު ވެސް މުސްލިމުންގެ ޤިބްލައަކީ ބައިތުލްމަގްދިސްގައި ހުންނަ މަސްޖިދުލްއަޤްސާއެވެ.
ނަމަވެސް ހިޖްރައިން ދެވަނަ އަހަރުގެ ތެރޭގައި މަސްޖިދުލްއަޤްސާއިން ކަޢުބަތުﷲއަށް ޤިބްލަ ބަދަލުކުރެއްވިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މުސްލިމުން ނަމާދުކުރާ އިރު ޤިބްލައެއްގެ ގޮތުގައި ކުރިމަތިލަނީ ގެފުޅަށެވެ. އަދި މިއަދާ ހަމައަށް ވެސް އެ ގެފުޅު މުސްލިމުންގެ އަތުން ބީވެގެންނެއް ނުދެ އެވެ.]
ޤިބުލަ ބަދަލުކުރެއްވުމުގެ އާޔަތް ބާވައިލެއްވި އިރު، ކީރިތި ރަސޫލާ (صلى الله عليه وسلم)އާއި ގިނަ އަސްޙާބުން ތިއްބެވީ ނަމާދުފުޅަށެވެ. އެ އަމުރުފުޅުއައުމާ އެކު ޤިބުލައާ ދިމާއަށް އެނބުރިބަޑައިގަތެވެ. އޭރު ނަމާދުފުޅުކުރައްވާން ހުންނެވި މިސްކިތަށް މިހާރު ކިޔަނީ ދެ ޤިބުލަ މިސްކިތެވެ.
ޤިބްލަ ބަދަލުކުރުމުގެ ޙާދިސާއަކީ އިސްލާމީ ތާރީޚުގައި ހިނގި އެންމެ މުހިންމު އެއް ޙާދިސާއެވެ. އެހެނީ މުސްލިމުން އެތައް ދުވަހެއް ވާނދެން ވަކި ދިމާއަކަށް ކުރިމަތިލައި އަޅުކަންކުރުމަށްފަހު، އެ މިޞްރާބު ބަދަލުކުރުމަކީ، ދީނުގެ ޢަދުއްވުންނަށް ވަރަށް ބޮޑު ކަމަކަށް ވާނެ އެވެ. ކުރީން ވެސް ދަންނަވައިލި ފަދައިން ކީރިތި ރަސޫލާ (صلى الله عليه وسلم) މަދީނާއަށް ވަޑައިގަތްތާ ކުރީ ކޮޅުގައި، ޖެރޫސަލަމް(ގައި ހުންނަ މަސްޖިދުލްއަޤްޞާ) އާ ދިމާއަށް ކުރިމަތިލައި ނަމާދުކުރާން (މުސްލިމުންނަށް) އެކަލޭގެފާނު އަމުރުކުރެއްވި އެވެ. އެއީ ޔަހޫދީން ވެސް އެބައިމީހުން އަޅުކަންކުރުމުގައި ކުރިމަތިލާ ޤިބްލައެވެ. ނަމަވެސް ދުވަސްކޮޅެއްގެ ފަހުން އެކަން މަނާކުރައްވައި (މުސްލިމުން) ނަމާދުކުރާއިރު (މައްކާގައި ހުންނަ) ކަޢުބަތުﷲ ގެފުޅާ ދިމާއަށް ކުރިމަތިލާން އެންގެވިއެވެ.
ޤިބްލަ ބަދަލުކުރެއްވުމުގެ ޝައުޤު ކީރިތި ރަސޫލާގެ ހިތްޕުޅުގައި ބޮޑުވި އެއްސަބަބުކަމަށް ހާމަވާ އެއް ސަބަބަކީ މަދީނާއަށް ވަޑައިގެން ޔަހޫދީންގެ ވެސް ޤިބުލަ ކަމަށްވާ ބައިތުލްމަޤްދިސާ ދިމާއަށް އެކަލޭގެފާނު ކުރިމަތިލެއްވުމުން ޔަހޫދީންގެ ފަރާތުން އިވުނު ނޭދެވޭ ބަސްތައްކަމުގައިވެއެވެ. ޔޫނުސް ބިން ޢަބްދުލްއަޢުލާ (1987) ބަޔާންކުރައްވައިފައިވާ ގޮތުގައި މަދީނާއަށް ވަޑައިގަތުމަށްފަހު 16 މަސް ދުވަސް ވާނދެން ބައިތުލް މަޤްދިސާ ދިމާއަށް ކުރިމަތިލައްވައިގެން ނަމާދުފުޅުކުރެއްވި އެވެ. މިކަމާ ގުޅިގެން ޔަހޫދީންގެ ފުށުން ރަސޫލާގެ ކަންފަތްޕުޅާ ހަމައަށް ފޯރި އަޑަކީ "މުޙައްމަދު ކީރިތި ރަސޫލާ (صلى الله عليه وسلم)އާއި އެކަލޭގެފާނުންގެ އަޞްޙާބުންނަށް ޤިބްލަ (އަކީ ކޮބައިކަން) އެނގިވަޑައިގަތީ ވެސް ތިމަންމެން ދަސްކޮށްދިނީމައެވެ." މި ފަދަ ޙަޤީޤާތާ ޚިލާފު އަޑުތަކުގެ ސަބަބުން ކަޢުބަތުﷲ އާ ދިމާއަށް ޤިބުލަ ބަދަލުވުމުގެ އުންމީދު އިތުރުކުރައްވައި އެކަމުގެ ޝައުޤުވެރިކަން ބޮޑުކުރެއްވި އެވެ. މި ދުވަސްވަރު "قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاء فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ" މި އާޔަތް ބާވައިލައްވައި ކީރިތި ރަސޫލާގެ ހިތްޕުޅަށް ތަސައްލީއެއްދެއްވީ އެވެ.
މުސްލިމުންގެ ޤިބުލަ ބަދަލުކުރުމުން ޢަރަބިކަރައިގެ މުޝްރިކުން ކުރި އިޢުތިރާޟް ކީރިތި ޤުރުއާނުގައި ވަރަށް ބަލާޣާތްތެރި ޢިބާރާތަކުން ބަޔާންކުރައްވައި އެއަށް ރައްދުދެއްވައިފައިވަނީ އަންނަނިވި އާޔަތުގައެވެ. "سَيَقُولُ السُّفَهَاء مِنَ النَّاسِ مَا وَلاَّهُمْ عَن قِبْلَتِهِمُ الَّتِي كَانُواْ عَلَيْهَا قُل لِّلّهِ الْمَشْرِقُ وَالْمَغْرِبُ يَهْدِي مَن يَشَاء إِلَى صِرَاطٍ مُّسْتَقِيمٍ" (މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި ޤިބުލަ ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! مشرقއާއި مغرب މިލްކުވެވޮޑިގެންވަނީ اللَّهއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ.)
ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، سَيَقُولُ السُّفَهَاءގެ މާނައީ "މީސްތަކުންގެ ތެރެއިން ބުއްދި ހަމަ ނުޖެހޭ މީހުން ބުނާނެތެވެ."މިއެވެ. ބައިތުލްމަޤްދިސުން، ގެފުޅަށް މުސްލިމުންގެ ޤިބްލަ ބަދަލުކުރެއްވުމުން ޔަހޫދީން ނުވަތަ ޢަރަބިކަރައިގެ މުޝްރިކުން ކުރާނެ އިޢުތިރާޟު މާތް الله އެ ވަނީ މި އާޔަތުގައި ކުރީން އަންގަވައިފައެވެ. މި ތަނުގައި ބުއްދި ހަމަނުޖެހޭ މީހުންގެ މުރާދަކީ ޢަރަބިކަރައިގެ މުޝްރިކުންނެވެ. މިއީ އައްޒައްޖާޖުގެ ބަސްފުޅެވެ. މުޖާހިދު ވިދާޅުވަނީ السُّفَهَاءގެ މުރާދަކީ ޔަހޫދީންގެ ދަންނަ ބޭކަލުންކަމުގައެވެ. އައްސުއްދީ ވިދާޅުވަނީ އޭގެ މުރާދަކީ މުނާފިޤުން ކަމުގައެވެ. އަލްޙާފިޡު އިބްނު ކަޘީރު ބުރަވެ ވަޑައިގަންނަވަނީ މި ހުރިހާ އެންމެން ވެސް އެ ލަފުޡުގައި ޝާމިލުވާ ކަމުގައެވެ. އަޅުގަނޑަށް ބުރަވެވެނީ މި ރައުޔަށެވެ. (والله أعلم). "عَن قِبْلَتِهِم" މިތާނގައި ޤިބްލައިގެ މުރާދަކީ ބައިތުލް މަޤްދިސެވެ. قُل لِّلّهِ الْمَشْرِقُ وَالْمَغْرِبُ"("ކަލޭގެފާނު ވިދާޅުވާށެވެ! މަޝްރިޤާއި މަޣުރިބު މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ.") މީގެ މާނައީ ހުރިހާތަނަކާއި ހުރިހާ ފަރާތެކެވެ. އެކަލާނގެ އެދިވޮޑިގަންނަވާ ފަރާތަކަށް ކުރިމަތިލައިގެންހުރެ އަޅުކަންކުރުމަށް އެކަލާނގެ އަޅުންނަށް އަމުކުރުމުގެ ޙައްޤު ލިބިވޮޑިގެންވެއެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް އޮތީ އެކަލާނގެ އަމުރުފުޅާ އެއްގޮތަށް ޢަމަލުކުރުމެވެ.
ޤިބްލަ ބަދަލުކުރެއްވުމުގެ ޙާދިސާއާ ގުޅޭ ގޮތުން ޢަބްދުﷲ އިބްނި ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ޤުބާ މިސްކިތުގައި މީސްތަކުން ފަތިސް ނަމާދު ކުރަނިކޮށް އެ މީހުންގެ ކައިރިއަށް މީހަކު އައިސް ގޮވައިލިއެވެ. ރޭގައި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު (صلى الله عليه وسلم)ގެ މައްޗަށް ޤުރުއާނުން ބައެއް ބާވައިލައްވައިފިއެވެ. އަދި އަޅުކަންކުރުމުގައި ގެފުޅާ ދިމާއަށް ކުރިމަތިލުމަށް ވެސް އަމުރުކުރެވިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ވެސް ގެފުޅާ ދިމާއަށް ކުރިމަތިލާހުށިކަމެވެ. އެމީހުން އޭރު ނަމާދުކުރާން ތިބީ ޝާމުކަރަޔާ ދިމާއަށް ކުރިމަތިލައިގެންނެވެ. ދެން އެބައިމީހުން ގެފުޅާ ދިމާއަށް އެނބުރުނެވެ.
ޤިބްލަ ބަދަލުކުރުމުގެ ހާދިސާއަކީ މުއުމިނުންނާއި މުނާފިޤުން ވެސް ފާހަގަވެގެންދިޔަ ޙާދިސާއެކެވެ. އެހެނީ އީމާންކަން ގަދަފަދަ މީހުން ﷲ އަށް ކިޔަމަންތެރިވުމުގައި ޝަކުވާއެއް ޝައްކެއް ނެތި ޝުކުރުވެރިކަމާއެކު ޤިބްލަ ބަދަލުކުރިއެވެ. ޤިބްލަ ބަދަލުކުރެއްވުމުގެ އެއް ޙިކުމަތަކީ އެއީކަމުގައި އަންނަނިވި އާޔަތުން ދަލީލު ލިބެއެވެ.
وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُواْ شُهَدَاء عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلاَّ لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَى عَقِبَيْهِ وَإِن كَانَتْ لَكَبِيرَةً إِلاَّ عَلَى الَّذِينَ هَدَى اللّهُ وَمَا كَانَ اللّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللّهَ بِالنَّاسِ لَرَؤُوفٌ رَّحِيمٌ (އަދި ހަމަ އެފަދައިން، މެދުމިން أمّةއެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامةދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި رسولއާ ވެވަޑައިގަތުމަށްޓަކައެވެ. އެއުރެންތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: دينން ބޭރުވެ مرتدވާ މީހުންނާއި) رسولއާއަށް تبعވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށްޓަކައި މެނުވީ، އެ قبلةއެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلةއެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ، އެކަންތައް އެއީ ކަށަވަރުންވެސް ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ އީމާންކަން ގެއްލެނި ކުރައްވާކަށެއް اللَّه ވޮޑިގެނެއް ނުވެއެވެ. ހަމަކަށަވަރުން، اللَّهއީ މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.) (سورة البقرة:143) މިތާނގައި وَسَطًا ގެ މާނައަކީ ޢަދްލު ކަމުގައި ގިނަ ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވައެވެ.
ޙަޤީޤަތުގައި މަސްޖިދުލްއަޤްޞާއިން ކަޢުބަތުﷲ ގެފުޅަށް ޤިބްލަ ބަދަލުކުރެއްވުމަކީ މާތް ﷲ ކީރިތި ރަސޫލާއަށް ދެއްވި ޚާއްޞަ ދެއްވުމެއް ކަމަށް ބެލިދާނެ އެވެ. އެއީ އެކަމަށް އެދިވަޑައިގެން އެކަމުގެ އެދުންފުޅުގައި އިންތިޒާރުކުރެއްވި ކަމެކެވެ. އެހެނީ އެކަލޭގެފާނު އެންމެ ބޮޑަށް އެދިވަޑައިގެންވީ އެކަލޭގެފާނު އެންމެ ބޮޑަށް ލޯބިފުޅުވާ ރަށުގައި ހުންނަ ﷲގެ ގެފުޅަކީ މުސްލިމުންގެ ޤިބުލަކަމުގައިވާށެވެ! އެތައް ދުވަހެއް ވަންދެން އެކަމަށް އުންމީދުކުރައްވައިގެން ﷲގެ ވަޙީ ބަސްފުޅަކަށް އެދިވަޑައިގެން އުޅުއްވި އެވެ.
އައްބައްރާއު އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ކީރިތި ރަސޫލާ (صلى الله عليه وسلم) ބައިތުލްމަޤްދިސަށް (މަސްޖިދުލްއަޤްޞާއާ ދިމާއަށް) ކުރިމަތިލައްވައިގެން ސޯޅަ މަސް ދުވަސް ނުވަތަ ސަތާރަ މަސް ދުވަހު ނަމާދުކުރެއްވި އެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ ގެފުޅާ ދިމާއަށް ކުރިމަތިލައްވައި ހުންނަވައި ނަމާދުފުޅުކުރައްވާށެވެ. އެކަމުގެ އަމުރުފުޅެއް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އައުމެވެ. މި ކަމަށް އުއްމީދުކުރައްވައިގެން މަތި ބައްލަވައި އެކި ދިމަދިމާއަށް މޫނުފުޅު އަނބުރުއްވައި އުޅުއްވިއެވެ. އެކަމަށް އެކަލޭގެފާނު އެހާ ބޮޑަށް އެދުންވެރިވެވަޑައިގެން އުޅުއްވި އެވެ. ޤިބްލަ ބަދަލުކުރެއްވުމަށް އަމުކުރައްވައި މާތް ﷲ ވަޙީކުރެއްވި އަންނަނިވި އާޔަތުން އެކަމަށް ދަލީލު ލިބެއެވެ.
قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاء فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّواْ وُجُوِهَكُمْ شَطْرَهُ وَإِنَّ الَّذِينَ أُوْتُواْ الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ وَمَا اللّهُ بِغَافِلٍ عَمَّا يَعْمَلُونَ (އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ ޤިބުލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: ޤިބުލައާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން އެންގެވި ޙައްޤުގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ ޢަމަލުތަކާމެދު، ޣާފިލުވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.) އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. " وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَإِنَّهُ لَلْحَقُّ مِن رَّبِّكَ وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُونَ" (އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާއިރު) حرمةތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އައިސްފައިވާ حقގޮތްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ކުރާ عملތަކާމެދު غافلވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.) ދެން އޮތް އާޔަތުގައި ޤިބްލަ އިތުރަށް ތަފުޞީލުކޮށްދެއްވަމުން އަންގަވަނީ، ދުނިޔޭގައި ކޮންމެ ތަނެއްގައި ތިއްބަސް ނަމާދުކުރާއިރު ކުރިމަތިލާންޖެހޭނީ حرمةތެރިވެގެންވާ މިސްކިތާ ދިމާޔަށްކަމެވެ. އެއީ ޤިބްލައާމެދު އެއްވެސް އޮޅުމެއް ނާރާހައި ތަފުޞީލުކޮށް އެކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވަނީ " وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّواْ وُجُوهَكُمْ شَطْرَهُ لِئَلاَّ يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلاَّ الَّذِينَ ظَلَمُواْ مِنْهُمْ فَلاَ تَخْشَوْهُمْ وَاخْشَوْنِي وَلأُتِمَّ نِعْمَتِي عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ" (އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދުކުރައްވާއިރު) حرمةތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެތަނާ ދިމާޔަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އެއީ، އެއުރެންގެ ތެރެއިން އަނިޔާވެރިވި މީހުން ފިޔަވައި އެހެންމީހުންނަށް ތިޔަބައިމީހުންގެ މައްޗަށް ދައްކާނޭ حجةއެއް ނެތުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! އަދި (ތިޔަބައިމީހުންނަށް قبلة އަންގައިދެއްވީ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ نعمة ފުރިހަމަ ކުރެއްވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.)
ޤިބްލައަށް މިއައި ބަދަލާ ގުޅިގެން މުޝްރިކުން ގެ ކާފަރުކަން އިތުރުވެގެން ދިޔަކަން ފާހަގަކުރެވެއެވެ. އަދި ޚާއްޞަކޮށް މުނާފިޤުންނާއި މުއުމިނުން ވަކިވެގެން ދިޔައެވެ. އެހެންކަމުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެގެން ދިޔަޔަސް ކޮންމެ ފަދަ ދަލީލެއް ދެއްކެވިޔަސް އަހުލުކިތާބީން އިތުރު އެކަލޭގެފާނާ ތަބަޢާނުވާނެކަން އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. وَلَئِنْ أَتَيْتَ الَّذِينَ أُوْتُواْ الْكِتَابَ بِكُلِّ آيَةٍ مَّا تَبِعُواْ قِبْلَتَكَ وَمَا أَنتَ بِتَابِعٍ قِبْلَتَهُمْ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ وَلَئِنِ اتَّبَعْتَ أَهْوَاءهُم مِّن بَعْدِ مَا جَاءكَ مِنَ الْعِلْمِ إِنَّكَ إِذَاً لَّمِنَ الظَّالِمِينَ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެއުރެންނަށް ފޮތް ދެއްވި މީހުންނަށް ހުރިހާ ބާވަތެއްގެ ހެތްކެއް ކަލޭގެފާނު ގެނެސްދެއްވިޔަސް ކަލޭގެފާނުގެ قبلةއަކަށް އެއުރެން تبعއެއް ނުވީހެވެ. އަދި އެއުރެންގެ قبلةއަށް تبعވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެސް ވެވަޑައިގެން ނުވަމުއެވެ. އަދި އެއުރެންގެ ތެރެއިން އެއްބަޔެއްގެ قبلةއަށް تبعވާނޭ ބަޔަކުކަމުގައި އެއުރެންގެ އަނެއްބަޔަކު ނުވެއެވެ. އަދި ކަލޭގެފާނުގެ އަރިހަށް علمގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައިގެންފިނަމަ، ހަމަކަށަވަރުން ކަލޭގެފާނު ވެވަޑައިގަންނަވާހުށީ އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ.) (سورة البقرة:145)
މިކަން މިހެން އޮތްކަމުގައި ވިޔަސް އޭރު ތިބި އަހުލު ކިތާބީންގެ މީހުންނަށް ވެސް ކިރިތި ރަސޫލާއަކީ ޙައްޤު ރަސޫލާކަން އެއްވެސް ޝައްކެއް ނެތި ޔަޤީންވެއެވެ. އެހެންނަމަވެސް އެ މީހުންގެ ހިތްތަކުގައިވާ ޙަސަދަވެރިކަމެއްގެ ސަބަބުން ރަސޫލާއާ ތަބަޢަވާން ޟަމީރު ދެކޮޅުހަދަނީއެވެ. އެހެން ނޫންނަމަ ކީރިރި ރަސޫލާއާ އެބައިމީހުން ތަބަޢަވީހެވެ. އަދި އެ މީހުން އިތުރު އެކަލޭގެފާނާ ތަބަޢަނުވާނޭކަން އިސްވެ ދިޔަ އާޔަތުގައި އެ ވަނީ ވަރަށް ޞަރީޙަކޮށް އަންގަވައިފައެވެ. މިއާ ވިދިގެން އޮތް އާޔަތުގައި، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ އަންގަވަނީ އެ ވާހަކައެވެ. އާދެ! އެ މީހުންނަށް (އަހުލު ކިތާބީންނަށް) ކީރިތި ރަސޫލާއަކީ ޙައްޤު ރަސޫލާކަން އެއްވެސް ޝައްކެއް ނެތި ޔަޤީންވާކަން އަންގަވައި މާތް ﷲ ވަޙީކުރައްވަނީ" الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءهُمْ وَإِنَّ فَرِيقاً مِّنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ" (ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: محمدގެފާނު) ދަންނާނެތެވެ. އަދި އޭގެތެރެއިން ބަޔަކު ދެނެތިބެގެންމެ، حق ވަންހަނާކުރާކަން ކަށަވަރެވެ.)
ޤިބުލަ ބަދަލުކުރެވުނު ޙާލަތާއި ތާރީޚު:
ގިނަ ރިވާޔަތްތަކުން ސާބިތުވާ ގޮތުގައި އެންމެ ފުރަތަމަ ގެފުޅާ ދިމާއަށް ކުރިމަތިލައްވައިގެން ހުންނަވައި ކުރެއްވި ނަމާދަކީ ޢަޞްރު ނަމާދެވެ. މި ޖަމާޢަތުގައި އަޞްޙާބު ބޭކަލުންގެ ޖަމާޢަތެއް ވެސް ބައިވެރިވެވަޑައިގަތެވެ. އަލްޙާފިޡު އިބްނި ކަޘީރު ވެސް ވިދާޅުވެފައިވަނީ މަޝްހޫރު ގޮތަކީ ޤިބްލަ ބަދަލުކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ގެފުޅާ ދިމާއަށް ކުރެވުނު ފުރަތަމަ ނަމާދަކީ ޢަޞްރު ނަމާދުކަމުގައެވެ.
ބައެއް ރިވާޔަތްތަކުގައިވަނީ އަންނަނިވި ފަދައިންނެވެ. ޤިބްލަ ބަދަލުކުރެއްވުމުގެ ޙާދިސާ ހިނގައިފައިވަނީ ކީރިތި ރަސޫލާ (صلى الله عليه وسلم) މަދީނާގައި ވަޒަންވެރިވެވަޑައިގަތްތާ ދެވަނަ އަހަރު ޝަޢުބާން މަހުގެތެރޭގައެވެ. (އެއީ 28 ޖެނުއަރީ 624 އެވެ.) ކުރީގެ ޢިލްމުވެރީން މި ތާރީޚަށް އެއްބަސްވެވަޑައެއްނުގަންނަވައެވެ. ޖުމްހޫރުން ވިދާޅުވަނީ ޤިބްލަ ބަދަލުވީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވިތާ 18 މަސް ފަހުން ޝަޢުބާން މަހެއްގެ މެދުތެރޭގައި ކަމުގައެވެ.
އިބްނި ސަޢުދު އަލްވާޤިދީ ހަމަ މި ރައުޔާ ވަރަށް ކައިރި ގޮތަކަށް ބަޔާންކުރައްވައިފައިވެއެވެ. ކަޢުބަތުﷲ ގެފުޅާ ދިމާއަށް ޤިބްލަ ބަދަލުކުރައްވައިފައިވަނީ އަނގާރަދުވަހެއްގެ މެންދުރުފަހުގައެވެ. އެއީ ޝަޢުބާން މަހެއް މެދުތެރެއެވެ.
އަބޫ ޖަޢުފަރު އައްޠަބަރީ ރިވާކުރައްވައިފައިވާ ގޮތުން، ބައިތުލްމަޤދިސުން މާތްވެގެންވާ ކަޢުބާއަށް ޤިބްލަ ބަދަލުކުރެއްވީ ހިޖުރައިގެ ޙާދިސާއަށް 16 މަސް ފާއިތުވީތަނާއެވެ. الإمام القرطبى ވިދާޅުވެފައި ވެއެވެ. ސަލާމާއި ޞާލަވާތްލެއްވި އިތުރު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށްފަހު ޤިބްލަ ބަދަލުކުރެވުނު ވަގުތަކާމެދު ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބުނެވެއެވެ. ޤިބްލަ ބަދަލުކުރެއްވުނީ ސަލާމާއި ޞާލަވާތްލެއްވި އިތުރުއެކަލޭގެފާނުަދީނާއަށް ވަޑައިގަތުމަށްފަހު ސޯޅަ މަސްދުވަސް ފަހުންނެވެ. ނުވަތަ ސަތާރަ މަސްދުވަސް ފަހުންނެވެ. އެއީ އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ އިސްވެ ބަޔާން ކުރެވުނު ރިވާޔަތުގައިވާ ފަދައިންނެވެ. ނަމަވެސް الدار قطنى، الرباء ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށްފަހު ތިމަންމެން އެކަލޭގެފާނާއެކު ސޯޅަމަސް ދުވަސްވަންދެން ބައިތުލް މަޤްދިސްއާ ދިމާއަށް ކުރިމަތިލައި ނަމާދު ކުރީމުއެވެ. الدار قطنى، މި ރިވާޔަތުގައި އެއްވެސް ޝައްކެއްނެތި މިވަނީ ސޯޅަ މަސް ދުވަސްކަމަށް ބަޔާންކުރައްވައިފައެވެ. އަލްއިމާމު މާލިކު، ޔަޙްޔާ ބުނު ސަޢީދުގެ އަރިހުން ރިވާކުރެއްވިއްވެ. ޔަޙްޔާ ވިދާޅުވިއެވެ. ސަޢީދު ބްނުލް މުސައްޔިބު ވިދާޅުވިއެވެ. ޤިބްލަ ބަދަލުކުރެއްވުނީ ބަދްރު ހަނގުރާމައިގެ ދެމަސް ދުވަސް ކުރީންނެވެ. އަބޫ ޙާތިމުލް ބުސްތީ ވިދާޅުވެފައި ވެއެވެ. މުސްލިމުން ބައިތުލްމަޤްދިސާ ދިމާއަށް ކުރިމަތިލައިގެން ނަމާދުކުރީ ސަތާރަ މަސްދުވަހާ ތިންދުވަހެވެ. އެއީ ސަލާމާއި ޞާލަވާތްލެއްވި އިތުރު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތީ ރަބީޢުލް އައްވަލުމަހުގެ ބާރަވީ ހޯމަދުވަހުއެވެ. ޤިބްލަ ބަދަލުކުރެއްވީ ޝަޢުބާން މަހުގެ ފަނަރަވީ އަންގާރަ ދުވަހުއެވެ. (ތަފުސީރުލް ޤުރްޠުބީ146 /2)
އަލްމުތަންނާ ބިން އިބްރާހީމް އަލްއަމޫލީ، އަލްޙައްޖާޖު، ޙައްމާދު ބިން ޔަޙުޔާ، ޤަތާދާ ގެ ރިވާޔަތަށް ބަލާއިރު ބަޔާންވެގެންވަނީ ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގަތުމުގެ ކުރީން ވެސް ޤިބްލައެއް ކަމުގައިވަނީ ބައިތުލްމަޤްދިސްކަމެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ހިޖުރައަށް ވަޑައިގަތުމަށްފަހު ވެސް 16 މަސް ދުވަސް ވަންދެން ޤިބްލައެއް ކަމުގައި ބައްލަވަމުން ގެންދެވީ ބައިތުލްމަޤްދިސެވެ. އޭގެފަހުން ކަޢުބަތުﷲ ގެފުޅާ ދިމާއަށް ޤިބްލަ ބަދަލުކުރެއްވިއެވެ.
މި ހުރިހާ ރިވާޔަތަކަށް ބަލާއިރު ވެސް އެއްވެސް އޮޅުމެއް ނެތް ގޮތަކީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވި ފަހުން ހަމަ ޔަޤީނުން ވެސް 16 މަސް ދުވަސް ވަންދެން ޤިބްލައެއް ކަމުގައި ބައިތުލްމަޤްދިސް ބައްލަވަމުން ގެންދެވިކަމެވެ.
ޤިބްލަ ބަދަލުކުރެއްވުމުގެ ފަހަތުގައިވާ ބައެއް ޙިކުމަތްތައް:
ﷲ ސުބްޙާނަހޫ ވަތަޢަލާގެ ޢަމަލުފުޅުތަކުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެހެންނަމަވެސް އެކަލާނގެ މީސްތަކުންނަށް ބާވައިލެއްވި އާޔަތްތަކުން ބައެއް ފަހަރު ވަރަށް ޞަރީޙަކޮށް، އަދި އަނެއްބައި ފަހަރު އެފަދަ އާޔަތްތަކުގެ ތަފުސީރުން އެފަދަ ކަންކަމުގެ ޙިކުމަތް މީސްތަކުންނަށް އަންގަވައިދެއްވައެވެ. ޤިބްލަ ބަދަލުކުރެއްވުމުގެ ބައެއް ޙިކުމަތްތައް سورة البقرة ގެ 143 ވަނަ އާޔަތުގެ އެއް ބައިން ހާމަވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
وَمَا جَعَلْنَا الْقِبْلَةَ الَّتِى كُنتَ عَلَيْهَآ إِلاَّ لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَى عَقِبَيْهِ وَإِن كَانَتْ لَكَبِيرَةً إِلاَّ عَلَى الَّذِينَ هَدَى اللَّهُ ("އެއުރެންތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: دينން ބޭރުވެ مرتدވާ މީހުންނާއި) رسولއާއަށް تبعވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށްޓަކައި މެނުވީ، އެ قبلة އެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلةއެއް ކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ، އެކަންތައް އެއީ ކަށަވަރުންވެސް ބޮޑުވެގެންވާ ކަމެކެވެ.") މި އާޔަތުގައި މާތް ﷲ ސުބްޙަނަހޫ ވަތަޢާލާ މި ބަޔާންކުރައްވަނީ އެންމެ ފުރަތަމަ ބައިތުލްމަޤްދިސް އެއީ ޤިބްލަކަމުގައި ކަނަޑައަޅުއްވައި އޭގެފަހުން އެ ޤިބްލަ ބަދަލުކުރެއްވީ އިތުރު އެކަލޭގެފާނަށް ތަބަޢަވާ މީހުންނާއި ކިޔަމަންތެރިވާ މީހުން ފާޅުކުރެއްވުމަށްޓަކައި ކަމުގައެވެ. އެކަލޭގެފާނަށް (އިޚުލާޞްތެރިކަމާއެކު) ތަބަޢަވާ ބަޔެއް ނަމަ، އެކަލޭގެފާނު މޫނުފުޅު ކުރިމަތި ކުރެއްވި ކޮންމެ ދިމާއަކަށް އެބައިމީހުންގެ މޫނުތައް ވެސް ކުރިމަތިލާނެކަމުގައެވެ. "مِمَّن يَنقَلِبُ عَلَى عَقِبَيْهِ" އިން ދޭހަވަނީ ދީނުން ބޭރުވެ މުރުތައްދުވުން ކަމުގައެވެ. "وَإِن كَانَتْ لَكَبِيرَةً" ދޭހަވަނީ ކުރިމަތިލައިގެން ތިބި ޤިބްލަ ބަދަލުކުރުމަކީ (މުޝްރިކުންނަށް) ވަރަށް ބޮޑުކަމެއްކަމުގައެވެ. އެހެންވީމާ ޤިބްލަ ބަދަލުކުރެއްވުމުގެ އެއް ޙިކުމަތަކީ މުނާފިޤުންނާއި މުއުމިނުން ފާޅުކުރެއްވުންކަން މި އާޔަތުން ދޭހަވާކަމުގައި ދެންނެވިދާނެ އެވެ.
އަނެއް ޙިކުމަތެއް ކަމުގައި ފެންނަން އޮތީ މުޝްރިކުންގެ ވާހަކަތަކަށް ރައްދު ދެއްވުމެވެ. އެހެނީ އިތުރު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތް އިރު މަދީނާގެ ޔަހޫދީން ވެސް އެބައިމީހުންގެ ޤިބްލައެއް ކަމުގައި ބަލަމުންގެންދިޔަ ބައިތުލް މަޤުދިސް އެއީ މުސްލިމުންގެ ޤިބްލަ ކަމުގައި ވެސް ބައްލަވަމުން ގެންދެވިއެވެ. މިހެންކަމުން ކީރިތި ރަސޫލާއަށް ޤިބްލަ ދަސްކޮށްދިނީ ވެސް ތިމަންނާމެންނޭ ބުނެ ޔަހޫދީން ވާހަކަދައްކާންފެށިއެވެ. ފަހުން ﷲގެ އެންގެވުމަށް ކަޢުބަތުﷲ އާ ދިމާއަށް ޤިބްލަ ބަދަލުކުރެއްވުމުން އެކަމާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަދައްކާންފެށިއެވެ. މި ވާހަކަތަކަށް ރައްދުދެއްވައި މާތް ﷲ ވަޙީކުރައްވައިފައިވަނީ މަޝްރިޤާއި މަޣުރިބު (މުރާދަކީ ހުރިހާތަނަކާއި ހުރިހާ ފަރާތެއް) މިލްކުވެ ވޮޑިގެންވަނީ މާތް ﷲ ކަމާއި އެކަލާނގެ އެދިވޮޑިގަންނަވާ ފަރާތަކަށް ކުރިމަތިލައިގެންހުރެ އަޅުކަންކުރުމަށް އެކަލާނގެ އަޅުންނަށް އަމުކުރުމުގެ ޙައްޤު އެކަލާނގެއަށް ލިބިވޮޑިގެންވާކަމަށެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް އޮތީ އެކަލާނގެ އަމުރުފުޅާ އެއްގޮތަށް ޢަމަލުކުރުން ކަމަށެވެ. އެހެންކަމުން އަހުލުކިތާބީންނަށް ވަރުގަދަ ރައްދެއް ދެއްވުމަކީ ވެސް މިކަމުގެ ޙިކުމަތެއް ކަމުގައި ވުމަކީ އެކަށީގެންވާކަމެކެވެ. (والله أعلم)
މިހާ ތަފުޞީލުކޮށް ޤިބްލަ އަންގަވައިދެއްވުމުގެ އަނެއް ޙިކުމަތެއް ކަމަށް ކީރިތި ޤުރުއާނުން ފެންނަން އޮތީ މުސްލިމުންނަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތް ފުރިހަމަ ކުރެއްވުމެވެ. އަދި އެބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. މިކަން އެނގެނީ "وَلأُتِمَّ نِعْمَتِي عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ" ("އަދި (ތިޔަބައިމީހުންނަށް قبلة އަންގައިދެއްވީ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ نعمة ފުރިހަމަ ކުރެއްވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.")މި ބަސްފުޅުންނެވެ.
ކޮންމެއަކަސް ކޮންމެ ކަމެއްގައިވެސް މަތިވެރި ޙިކުމަތްތަކެއް ވާ ފަދައިން ޤިބްލަ ބަދަލުކުރެއްވުމުގައިވެސް ވަރަށް މަތިވެރި ޙިކުމަތްތަކެއް ވާނެކަންކަށަވަރެވެ. މާތް ﷲ އެންގެވި ކަމެއް ނޫނީ އިންސާނުންނަކަށް ނޭނގޭނެ އެވެ.
ނިންމައިލަމުން:
ޤިބްލަ ބަދަލުކުރެއްވުމުގެ ޙާދިސާއަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ވަރަށް މުހިންމު ޙާދިސާއެކެވެ. ވަރަށް ގިނަ އާޔަތުގައި އެކަމަށް ސީދާ އަމުރުކުރައްވައިފައިވާ ކަމެކެވެ. ވަރަށް ގިނަ ތަފުޞީލުތަކާއެކު ކުރައްވައިފައިވާ އަމުރުތަކެއް ވެސް މެއެވެ. ޤިބްލަ ބަދަލުކުރެއްވުމާ ގުޅިގެން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައިވާ ގިނަ އާޔަތްތަކަށް ބަލާ އިރު، އެ ކަމުގެ ސަބަބުން މުސްލިމުންނާއި މުނާފިޤުން ވަކިވެގެންދިޔައެވެ. އަދި ކީރިތި ރަސޫލާގެ ހިތްޕުޅު ހަމަޖެހިގެންދިޔައެވެ. މުނާފިޤުން(ނާއި މުޝްރިކުން)ގެ ޙަސަދަވެރިކަން އިތުރުވިއެވެ. އެ ކަމަކީ މުސްލިމުންނަށް ލިބުނު ވަރަށް މަތިވެރި ނިޢުމަތެއް ވެސް މެއެވެ.
މަރުޖާ
1. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން.(2012) ކީރިތި ޤުރުއާނުގެ ތަފުސީރު. ("ދަރުމަ" މަޖައްލާ: ޖުލައި 2012)
2. އަޙުމަދު ޢަބްދުﷲ ސަޢީދު. (2015). ގެފުޅުގެ އާދަޔާ ޚިލާފު ރަން ތާރީޚު: އަޅުކަމުގެ އެންމެ މުހިންމު ބިނާ. ހަވީރު. 23 ސެޕްޓް 2015
3. ޞަޙީޙުލްބުޚާރީ، ވޮލިޔުމް:3، ފޮތް:31، ނަންބަރު:116
4. إسماعيل ابن كثير.(1980). تفسير ابن كثير، تفسير القران الكريم
5. www.qtafsir.com/index.php?option=com_content&task=view&id…
6. www.answering-islam.org/Shamoun/qiblah.htm
7. www.al-islam.org/the-message-ayatullah…/chapter-29-change-qiblah
8. http://dv.sciencegraph.net/wiki/