އަސްމާ އަބޫބަކުރު
1 ފެބްރުވަރީ 2026
އަންހެންކުއްޖަކު ގެސްޓު ހޮޓަލަކުން ޚިދުމަތް ލިބިގަންނަނީ
ދެމަފިރީންގެ ދެމެދުގައި އުފެދޭ ގުޅުމަކީ އިތުބާރާއި އިހުތިރާމާއި ލޯބީގެ މައްޗަށް ބިނާވާ ގުޅުމެކެވެ. ކޮންމެ ކަމަކަށް ފެށުމަކާ ނިމުމެއް ވެއެވެ. ނަމަވެސް ހަގީގީ ލޯތްބެތް ނިމޭނެ ތާރީޚެއް ނޯވެއެވެ. ދިރިއުޅުމުގައި ދިމާވަނީ އުސްގަނޑާއި އަޑިގަނޑުތަކެވެ. އެ ކަންތަކުގެ ސަބަބުން އެތައް ތަޖުރިބާއެއް ކުރެވެއެވެ.
އަހަރެންގެ ދިރިއުޅުމުގައި މިފަދަ އެތައް ތަޖުރިބާތަކެއް ކުރެވިއްޖެއެވެ. ޢުމުރުން ވިހި އަހަރުގައި ކުރެވުނު ކައިވެންޏަށް ތިން ކުދީން ވެސް ލިބިއްޖެއެވެ. އަހަރެންގެ ދަރީންނަށް ނަންކިޔާފައި ވަނީ ވެސް އަހަރެންގެ ނަމާ ގުޅުވައިގެންނެވެ. އެއީ ތިން އަންހެން ކުދީންވީމައެވެ. އަހަރެންގެ ނަމަކީ ނާޒުނީނެވެ.
ފުރަތަމަ ތަޖުރިބާކުރާން ޖެހުނީ ހުސް އަންހެން ކުދީން ލިބުމުން އެކަމުގައެވެ. އަހަރެންމީ ނަސީބުދެރަ އަންހެނެކޭ ފިރިމީހާ ބުނެއެވެ.
[އަހަރެން ވަރަށް ބޭނުން ފިރިހެން ކުއްޖެއް.] އަހަރެންގެ ފިރިމީހާ އެއް ދުވަހަކު ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. ފިރިމީހާއަށް ހީވާ ކަހަލައެވެ. ދަރީންނަކީ ފިހާރައިން ގަނެގެން ގެންނަ އެއްޗެކެވެ. ބޭނުން ވައްތަރެއް ބޭނުން ޑިޒައިނެއް ގެންނަ ގޮތަށެވެ.
[ފިރިހެން ދަރީންނާއި އަންހެން ދަރީން ވެސް ދެއްވަނީ މާތްﷲ. މީގައި އަހަރެން ކުރާނެކަމެއް ނޯންނާނެ.] ފައިޞަލް ހިތްހަމަނުޖެހުނަސް އަހަރެން ކުރާނެ ކަމެއް ނެތެވެ. މީ ތަގުދީރުގެ ނިޔާއެވެ. ﷲގެ ރަހުމަތުން ތިން ކުދީންނަކީ ވެސް ބަސްއަހައިގެން އުޅޭ ކުދީންތަކެކެވެ. އެ ކުދީންގެ އެއްވެސް ކަމެއް ބައްޕައެއްގެ ހައިސިއްޔަތުން ވެސް ފައިޞަލްއަކަށް ކޮށްދެވޭކަމަކަށް ނުވެއެވެ. ކުރާ ޚަރަދުތައް ފިޔަވައެވެ. ބައެއް ފަހަރު އިސްކޫލަށް ކުދީން ގެންގޮސްދެއެވެ.
ފައިޞަލަކީ މަސައްކަތަށް ޝައުގުވެރި މީހެކެވެ. ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި އުޅޭތީ އޮފީހުގެ ވެރީން ވެސް ފައިސަލަށް ތަޢުރީފުކުރެއެވެ.
ހެނދުނު އޮފީހަށްދާ ގޮތަށް ނިމޭނީ ރޭގަނޑުއެވެ. އެ ދުވަހެއްގެ ހުރިހައި ކަމެއް ނިމުނީމާ ނޫނީ ގެއަކަށް ނާންނާނެއެވެ. އެހެންނަމަވެސް ފައިޞަލުގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭން ފަށައިފިއެވެ. އަހަރެން ބުނާ އެއްވެސް ކަމެއް ކޮށްދިނުމަށް ވަގުތު ނޯންނަނީއެވެ. އެ ކަން ފާހަގަވާން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ކަން ޔަގީންކުރުމަށް އަހަރެން މަސައްކަތް ފެށީމެވެ. ފައިސަލު ދާނެކަމަކަށް ވެސް ނޫނެވެ. ގޮތް ބަލައިލާން ވެގެން އަހަރެން އެއް ދުވަހަކު ބުނީމެވެ.
[މާދަމާ އަކީ ނިމްރާގެ ޕޭރެންޓް މީޓިންގ އޮންނަ ދުވަސް. ދެ މީހުންދާނީ ދޯ.] ފައިސަލްގެ މޫނަށް ބަލާން އިނދެ އަހަރެން އެހެން ބުނުމުން ފައިސަލް އަހަންނާދިމާއަށް ބަލައިލައިފައި ދެވޭން ނެތްކަމުގައި ބުންޏެވެ. ދެވަނަ ދަރިފުޅު ނިލްމާގެ އުފަން ދުވަހު ވެސް ޢާއިލާ އެކީގައި ކޭކެއް ފަޅައިފައި ފޮޓޯއެއް ނަގާން ބުނެގެން ވެސް ވަގުތު ނުވެގެން ނާދެވުނެވެ.
[ރިޝްމާއަށް އެނގޭނެތަ ރިޝްމާގެ ފިރިމީހާ އަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ އެއީ ކޮންކަހަލަ ބަދަލެއްކަން ފާހަގަކުރާން.] އަހަރެން ފޯނުން އެކުވެރިޔާއާ މަޝްވަރާއަކަށް ބޭނުން ވެގެން އެހުމުން ވަގުތުން ރިޝްމާއަށް އެކަން ފާހަގަވެއްޖެއެވެ.
[ފައިސަލަށް ކޮން ބަދަލެއް އަންނާން ފެށީ އަނެއްކާ. ނާޒު ތިޔަހެން އަހާނީ ކޮންމެ ވެސް ކަމެއްވީމާ." ރިޝްމާގެ ސުވާލުތައް ކުރިމަތިވާން ފެށުމުން ވީ ގޮތް ކިޔައިދޭން މަޖުބޫރުވެއްޖެއެވެ. މި ފަހަކަށް އައިސް ފައިސަލުގެ އުޅުން ހުންނަ ގޮތް ރިޝްމާއަށް ކިޔައިދިނީމެވެ.
[ތީގައި ބޮޑަށް ހީވަނީ ފައިސަލު ވަޒީފާގައި އުޅޭން ޖެހޭލެއް ބުރަކަމުން ވަގުތު ނުވަނީހެން. ހިޔެއް ނުވޭ ނުބައި މަގަކުން ހިނގާހެނެއް.] ހިތްހަމަޖެހުނީ ރިޝްމާގެ ވާހަކައިން ވެސް ފައިސަލްގެ މަސައްކަތް ބުރަވެގެން އުޅޭ ގޮތްކަމަށް ލަފާކުރެވުނީމައެވެ. އެއީ އަހަންނަށް ވެސް ހީވެފައި އޮތް ގޮތެވެ.
ހަގު ދަރިފުޅު ނީލީގެ ޔުނިފޯމް ފަހާން ދޭންވެގެން ފަހާ ތަނަށް ދިޔަ ދުވަހެކެވެ. އެ ތަނުގައި ފަހާން ތިބޭ ބޭރު މީހުންނާ އަހަރެން ރައްޓެހިވާނެއެވެ. އަބަދު އެއްޗެހި ހިފައިގެން ފަހާން ދާތީކަން ނޭނގެއެވެ. އެ މީހުން އަހަރެން ބުނާ ދުވަހަކަށް ފަހައިދޭނެއެވެ. ފަރިތަކޮށް ދިވެހީން ވާހަކަ ދައްކާ ފާރޫގު ކިޔައިދިން ގޮތުގައި ފައިސަލް ކޮންމެވެސް އަންހެންކުއްޖަކާ އެކީ ފަހާތަން ހުންނަ މި މަގުން އަބަދުހެން ފެނެއެވެ.
[ބޭބެ ވެސް ދެވަނަ ކައިވެނިކުރީތަ؟ ދައްތައަށް މިހާރު ފަސޭހަ ވާނެދޯ.] އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފައިޞަލުގެ ވާހަކަ ފާރޫގު އެ ދެއްކީ މާބޮޑު ކަމަކަށް ނުހަދައި މަޖަލަކަށެވެ. އެކަމަކު އަހަންނަށް އެ ކަން ވީ ބޮޑުކަމަކަށެވެ. އެއީ ކިހައި ވަރެއްގެ ތެދެއްތޯ ބަލާން އަހަރެންގެ ހިތް އެދޭން ފަށައިފިއެވެ.
ޖެހިގެން އައި ހަފުތާގައި އޮފީސް ދަތުރެއްގައި ލަންކާއަށް ދާންޖެހޭތީ ދަތުރުހަދާން ބުންޏެވެ. ދަނީ ފަސްވަރަކަށް ދުވަހަށެވެ. ފޮށްޓަށް އަންނައުނުތައް އަޅާން ހުރި އިރު ވެސް އަހަރެންގެހިތަށް އަރަމުންދިޔައެވެ. ފައިސަލް އެބަ ކޮންމެވެސް ކަމެއްކުރެއެވެ. މި ހުރިހާ ދުވަހު އަހަރެން މިއުޅެނީ ނޭނގުމެއްގެ ތެރޭގައެވެ.
ފައިސަލް ފުރައިގެން ދިޔަ ދުވަހު ނިމްރާގެ އަތަށް ތަދުވެގެން ރޯން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ އެނދުމަތީން ވެއްޓުނު ގޮތަކުން އަތް ގައިދަށުވެ އަތުގައި ރެނދެއް ލާފައިވާ ކަމުގައެވެ. އެ ކަމާ ހެދި އަބަދުހެން ނިމްރާ ކައިރީގައި ހުންނާން ޖެހެއެވެ. އޭނާއަށް އެހީތެރިވުމުގައެވެ. ފައިސަލް ލަންކާއަށް ގޮސް އައިއިރު ވެސް އަހަރެން އުޅުނީ އަވަދިނެތިއެވެ. ކަމަކާ ވިސްނައިލާނެ ވަގުތެއް އެ ދުވަސްކޮޅަކު ނުލިބުނެވެ.
ފައިސަލްގެ އަންނައުނުތައް ދޮންނާން ނަގަމުން ދިޔަ އިރު ޕާސްޕޯޓް ފެނުނެވެ. އަހަރެން ހިތުން ކުދިކިޔަމުން ގެންދިޔައީ އޭނާގެ އަތުން އެ އޮންނަ ތަނުގައި ނުބޭއްވީތީއެވެ. ކުއްލިއަކަށް ޕާސްޕޯޓް ހުޅުވައިލެވުނީ ބޯޑިންޕާސް ފެނުމުން އެ ނަގާންވެގެންނެވެ.
[ދިޔައީ ލަންކާ އަށް. އެކަމަކު...] ޕާސްޕޯޓުން ފެނުނީ މެލޭޝިޔާ އިމިގްރޭޝަން ތައްގަނޑެވެ. އެ ކަމާ އަހަރެން ހައިރާންވިއެވެ. ފައިސަލް ދޮގުހަދާން ފެށުމުންނެވެ. ކުދީންގެ ކަންތައްތަކާ އަޅައިނުލާ ފަދައިން މިހާރު ގޭތެރޭގެ އެއްވެސް ކަމަކާ ވެސް ފައިސަލް އަޅައެއްނުލައެވެ. ކަމަކަށް ފަހު ކަމެއް ފެންމަތިވަމުން ދިޔައެވެ.
[އޮފީހުން މުވައްޒަފުންގެ މުސާރަ ދަށްކޮށްފި. މި މަހުން ފެށިގެން ގޭގެ ޚަރަދުތަކަށް ބަލައްޗޭ. ފައިސަލް ބުނި ޖުމްލައިން ހީވަނީ އަހަރެން ބޭކާރު ޚަރަދުކުރާހެންނެވެ. އަހަރެން އެއްޗެއް ނުބުނަމެވެ.
ހުކުރު ދުވަހެއްގެ ރެއެވެ. ފައިސަލް ތައްޔާރުވެގެން އޮފީހުގެ މީޓިންއަކަށް ދަނީކަމަށް ބުނެ ގެއިން ނިކުތެވެ. އަހަރެން ވެސް ކުދީން ކޮޓަރީގައި ތިބުމުން މަޑުމަޑުން ކޮޓަރީން ނިކުމެގެން ދާ ތަނެއް ބަލާން ފަހަތުން ސައިކަލުގައި ހިނގައްޖައީމެވެ. ފައިސަލް ދިޔައީ އޮފީހަކަށް ނޫނެވެ. ފާރޫގު އެ ބުނި ހިސާބުން ފައިސަލް ގެއްލިއްޖެއެވެ. އަހަރެން އެ މަގުތަކުގައި އެނބުރިއެނބުރިފައި އައީ ދެން ނުފެންނާނެހެން ހީވެގެންނެވެ.
އެ ރެއަށް ފަހު އަހަރެން ވިސްނަމުން ދިޔައީ ފައިސަލްގެ އުޅުން ހުރި ގޮތުން ހަދާނެ ގޮތަކާ މެދުއެވެ. މިހާރަކަށް އައިސް ކުރެވޭ ޝައްކުތަކުން ކޮންމެ ވެސް ދުވަހަކުން އަހަރެން ދޫކޮށްފައި ފައިސަލް ހިނގައިދާނެއެވެ. އަމިއްލައަށް ތިން ކުދީން ގޮވައިގެން އުޅޭނެ ގޮތެއް ހޯދާންޖެހޭނެއެވެ. ކުރީން ވަޒީފާގައި އުޅުނަސް އަހަރެން ވަޒީފާއަށް ދިއުން ހުއްޓައިލީ ކުދީން ލިބުނީމައެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޔަތުގައި ވަޒީފާއަށް އެޕްލައިކުރަމުން ދިޔައިމެވެ.
ގެސްޓްހައުސްއެއްގެ ރިސަޕްޝަނިސްޓެއްގެ ވަޒީފާ ލިބުމުން އަހަރެން އެ ތަނަށް ދާން އެއްބަސްވީ މުސާރަ ރަނގަޅުވެފައި ކުދީން އިސްކޫލަށްދާ ގަޑީގައި ވަޒީފާއަށް ދެވޭތީއެވެ.
[އަހަރެން ވަޒީފާއަކަށް ދާން މިވިސްނަނީ.] ފައިސަލް އޮށޯވެ އޮތް ވަގުތު އަހަރެން އެހެން ބުނުމުން އާއެނކޭ ބުނެލިއެވެ. އޭރު ވެސް ފައިސަލް އޮތީ ފޯނުން އެއްޗެއް ލިޔާށެވެ. މެސެޖުގެ އަޑުން ޗެޓްކުރަނީކަން އެނގުނެވެ. އަހަރެންގެ ވާހަކައަށް މާބޮޑަށް އަޅައިނުލާކަން ފާހަގަވިއެވެ.
އަހަރެން ވަޒީފާއަށް ނިކުންނަތާ ހަފުތާއެއް ވެއްޖެއެވެ. އެ ގެސްޓްހައުސްއަކީ ފަތުރުވެރީންނަށް ޚާއްޞަކޮށްފައިވާ ތަނެއް ނަމަވެސް މަދުމަދުން ދިވެހިން ވެސް އާދެއެވެ. އެ ތަނުގެ އޯނަރ ވެސް ވަރަށް ރަނގަޅެވެ. ސައުވީސްގަޑި އިރު ޚިދުމަތްދޭ އެ ގެސްޓްހައުސް އެކި ޑިއުޓީތަކުގައި ބައިވަރު މުވައްޒަފުން ތިބެއެވެ. ކޮންމެ މުވައްޒަފަކަށް ޑިއުޓީކުރާންޖެހެނީ ހަ ގަޑިއިރުއެވެ. އަހަރެންގެ ހިތް ނުތަނަވަސްކަން މަސައްކަތުގައި އުޅޭއިރު ފިލައެވެ. ގޭތެރޭގައި އަބަދު އުޅޭން ވެއްޖެ ނަމަ ވިސްނައިވިސްނައި ބޯހަލާކުވެދާނެއެވެ.
ރިސެޕްޝަނަށް ބަޔަކު އައިއިރު އަހަރެން އިނީ އިސްޖަހައިގެން ފޯނާ ކުޅޭށެވެ.
[އެކްސްކިއުޒްމީ] އަހަރެން އިސްއުފުލައިލި އިރު ކުރިމަތީ ހުރި އަންހެން ކުއްޖާ ފެނުނެވެ.
[ސޮރީ] އަހަރެން އަހަރެން ބަލައިލި އިރު ފައިސަލް ހުރީ އަހަރެންގެ ކުރިމަތީގައެވެ. ގެސްޓްހައުސްއަށް އަންހެންކުއްޖަކާ އެކު އައިހެވެ. އެއީ އަހަރެންގެ ޢުމުރުން ވިހި އަހަރުން ފެށިގެން މިއަދާހަމައަށް ތެދުވެރިވި ފިރިމީހާއެވެ. މިއަދު އެ ހުރީ އަހަރެންގެ އަގުވައްޓައިލައިފައި ބޭވަފާތެރިވެ ގޮސް އެހެން އަންހެނެއްގެ ފަހަތުގައެވެ.
އަންހެން ކުއްޖާއަށްކަމެއް ފާހަގަވުމުގެ ކުރީން އަހަރެން ހަމައަކަށް އެޅޭ ގޮތް ދައްކައި އެ ކުއްޖާއަށް ހިނިތުންވެލީމެވެ.
[އައިޑީކާޑު ދެއްވާ!] އެ ކުއްޖާ ދަބަސް ހާވައިފައި އައިޑީ ކާޑު ނެތުމުން ޕާސްޕޯޓް ދިށްކޮއްލިއެވެ. އަހަރެން ފުރަތަމަ ވެސް ބަލައިލީ އެ ކުއްޖާ ދަތުރެއް ކޮށްފައިވޭތޯއެވެ. މެލޭޝިޔާގެއަށް ދިޔަކަން ޔަގީންވީ އެ ޕާސްޕޯޓް ފެނުމުންނެވެ.
[މިއޮތީ ރޫމް ކީ.] އަހަރެން ތަޅުދަނޑި ދިށްކޮށްލީ އަންހެން ކުއްޖާއަށެވެ. ފައިސަލްގެ ބޭވަފާތެރިކަން ފެނުމުން އަހަރެންގެ އެތެރެހަށި ކެކިގަތެވެ. ރުޅިއައި ނަމަވެސް ވަޒީފާގެ ގޮތުން ކެތްތެރިވާން މަޖުބޫރެވެ. އަހަރެންގެ ފިރިމީހާ އެ ދިޔައީ އަހަރެންގެ ކުރިމަތީން ހިލޭ އަންހެނަކު ގޮވައިގެންނެވެ.
އެ ރޭ ފައިސަލް ފޮނުވީ މެސެޖެކެވެ. އޮތީ ހަމައެކަނި [ސޮރީ]އެވެ. އެ ހައި ވަރަށް ދޮގުހަދައި އޮޅުވައިލައިފައި ވެސް ސޮރީއޭ ބުނެގެން ފުދޭނެހެއްޔެވެ؟ ދޮގުހެދުމާ ބޭވަފާތެރިވުމަކީ އެއް ބަޔަކަށްލިބިފައި އޮތް ޙައްގެއްބާވައެވެ. އަހަރެން ދުނިޔެ ބަލަމުން އައީ ފިރިމީހާގެ ލޮލުންނެވެ. މިއަދު ފައިސަލް ކަންތައްކުރި ގޮތުން އަހަރެން ފޫހިވެއްޖެއެވެ. ދަރީންގެ ޙައްގުގައި މިއަދު އަހަންނަށް އޮތީ މަޖުބޫރެވެ. ބޭވަފާތެރިއެއްގެ މަޅީގައި ޖެހިފައި އަހަރެން މި ވަނީ ގައިދުވެފައެވެ. އަބަދުގެ އަބަދަށެވެ. (ނިމުނީ)