ad_banner
ކޮލަމް ހަމަ (53): "ހިތްވަރު"ތަ، ނޫނީ "ހިއްވަރު"ތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1 އޭޕްރިލް 2026

ކުދިކުދި ކަންތަކޭ ހީވިޔަސް މި ބާވަތުގެ ކަންކަމުގައި ވެސް ވަރަށް ބޮޑެތި ބަހުސް ހިނގައެވެ. ދީނީ ކަންކަމުގައި ޢިލްމުވެރީންގެ މެދުގައި އިޚުތިލާފުތައް ހުންނަ ފަދައިން މަސައްކަތުގެ ދާއިރާގައި ވެސް އިޚުތިލާފުތައް ހުރެއެވެ. ކޮންމެ ދާއިރާއެއްގައި ވެސް ހުންނާނެތާއެވެ! ހަމަ މި ބީދައިން އަދަބީ ކަންކަމުގައި ވެސް ބަހުގެ ގަވާއިދުގެ މައްސަލައިގައި ވެސް ބަހުގެ އުސްތާޒުންގެ މެދުގައި ވެސް ޚިޔާލު ތަފާތު މައްސަލަތައް ހުރެއެވެ. އެއީ ޠަބީޢީ ކަމެކެވެ. ކޮންމެ ބޭފުޅަކު ވެސް ބުރަވެވަޑައިގަންނަވަނީ އެ ބޭފުޅަކު ބުރަވެވަޑައިގަންނަވާ ކޮންމެވެސް އަސާސެއްގެ މައްޗަށެވެ. ކޮންމެހެން އަނެކަކާ ތަފާތު އެއްޗެއް ވިދާޅުވާކަށް ނޫނެވެ. ހަމަ އިޚުލާޞްތެރިކަމާ އެކު، އެ ބޭފުޅަކަށް ބުރަވެވަޑައިގެންނެވޭ ގޮތެއް ވިދާޅުވަނީއެވެ.

މިސާލަކަށް: ށަވިޔަނި ބަދަލުވާ ޓަވިޔަނީގެ ކުރީގައި އޮންނާން ޖެހޭ ސުކުނާ މެދު ވެސް އިޚުތިލާފުތައް އެބަ ހުއްޓެވެ. އަދި ބޮނބި، އަނބި ފަދަ ލަފުޒުތައް އެކަހެރި ކުރާއިރު، އިތުރުކުރާ ތާސުކުން އޮންނާނީ ކޮން ތާކުތޯއާއި ހުސްނޫނު އޮންނާނެ ތަނަކާ މެދު ވެސް ޚިލާފު އެބަ ހުއްޓެވެ. މި ތަފުސީލުތަކަށް ބަލައިލުމަކީ މިއަދު އަޅުގަންގެ މައުޟޫޢެއް ނޫނެވެ.

މިއަދު އަޅުގަނޑު މި މަގާލުގައި ކުރުކުރުކޮށް އެއްޗެއް ދަންނަވައިލާން މި އުޅެނީ [ހިތްވަރު/ހިއްވަރު] ލިޔާއިރު، މި ތަނުން ރަނގަޅު ގޮތަކީ ކޮބައިތޯ، ސުކުންކުރާންޖެހޭ އަކުރަކީ ކޮބައިތޯގެ މައްޗަށެވެ.

މީގެ ކުރީން އަދި މިހައިތަނަށް ވެސް އަޅުގަނޑު ބަލަމުން މި އަންނަނީ މި ދެ ގޮތް ވެސް އޭގެ ޒާތުގައި ރަނގަޅުކަމަށެވެ. ނަމަވެސް އަޅުގަނޑު ތަބާވަމުން އައީ އަޅުގަނޑުގެ ދިވެހި އުސްތާޒު އަލްފާޟިލް ޢަބުﷲ ޞާދިޤު (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ) ބުރަވެވަޑައިގަންނަވާ ގޮތަށެވެ. އެއީ [ހިތްވަރު] މި ގޮތަށް ތާގައި ސުކުން ކުރުމަށެވެ.

މި ގޮތަށް ބުރަވާ ސަބަބު ތިޔަ ބޭފުޅުން ބޭނުންފުޅުވާނެތީ އެ ވާހަކަ ދަންނަވައިލައިފައި މި މަގާލު މި ނިންމައިލަނީއެވެ. މާ ދިގެއް ނުކުރާނަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ކޮންމެ ބަހެއްގެ ވެސް އަސްލަކީ އެ ބަހެއްގެ ބަހުރުވަތަކެވެ. ބަހުރުވަތައް ޙިމާޔަތްކުރާންޖެހޭ އެންމެ މުހިންމު ސަބަބަކީ މިއީއެވެ.

އަޅުގަނޑުމެން ބައެއް އަކުރުގައި ޖެހޭ ފިއްޔާއި ސުކުންކުރާންޖެހޭ އަކުރުތަކަށް ބަލާ އިރު، ފުވައްމުލަކު ބަހުރުވައާއި ހުވަދުއަތޮޅު ބަހުރުވައަށް، އަދި އެހެން ބައެއް ގަވާއިދުތަކަށް ބަލާ އިރު ހައްދުންމަތީ ބަހުރުވައަށް ރިޢާޔަތްކުރަމުއެވެ.

ދެމޭފިއްޔަށް ނިމޭ ބައެއް ލަފުޒު އެކަހެރިކުރާ އިރު، ލ. ގައި ފިލިޖެހުމާއި ނުޖެހުމުގެ މައްޗަށް ގޮތެއް ނިންމާން ފުވައްމުލަކު ބަހުރުވަ ވަރަށް މުހިންމެވެ. އެ ގޮތަށް ލ. ގައި ފިލިޖެހޭ ލަފުޒުތަކުގައި ފުވައް މުލަކު ބަހުރުވައިގައި އޮންނާނީ ލާމު ސުކުނަކަށް ނިމިފައެވެ. މި ސާލަކަށް އަޅުގަނޑުމެން ލިޔެކިޔައި ހަދަނީ، ބަރަބޯ – ބަރަބޮލެއް، މާ – މަލެއް، ގާ - ގަލެއް، ދިމާ – ދިމާއަށް، ކުރުނބާ – ކުރުނބައެއް، މި ފަދަ ގޮތްގޮތަށެވެ. މި ލަފުޒުތައް ފުވައްމުލަކު ބަހުރުވައިން ކިޔަނީ ބަރްބޮލް، މަލް، ގަލް، ދިމާ، ކުރުނބާ، މިހެންނެވެ. ވީމާ، އެކަހެރިކުރާ އިރު ލާމުގައި ފިލިޖެހޭ ތަންތަން ވަރަށް ސާފުކޮށް އެ ބަހުރުވައިން ދެނެގަނެވޭނެއެވެ.

ހަމަ މިފަދައިން ށަވިޔަނީގައި ސުކުންކުރެވޭ ތަންތަނަށް ބަލާ އިރު، ހުވަދޫ (ގިނަ ރަށްރަށުގެ) ބަހުރުވައިގައި ޓަވިޔަނީގައި ފިލިޖެހެނީ ށަވިޔަނި ސުކުން އޮންނަ ތަންތާނގައެވެ. މިސާލަކަށް: މާވަށް – މާވަޓާ، ރަށް – ރަޓު، އަހަންނަށް - އަހަންނަޓެ، މި ފަދަ ގޮތްގޮތަށެވެ. އަދި ހަމަ މި ގޮތަށް ތާގައި ސުކުންކުރެވޭ ތަންތާނގައި އެ ބަހުރުވައިގައި ތާގައި ސުކުންކުރުމުގެ ބަދަލުގައި ތާގައި ޖަހާނީ ފިއްޔެކެވެ. ހުވަދުއަތޮޅުގެ ޢިލްމީ  ދެ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ހުވަދޫ ބަހުރުވައިގައި [ހިތްވަރު]ގެ ބަދަލުގައި ކިޔަނީ [ހިތެވަރޮ] މިހެންނެވެ. ނަމަވެސް އެ އަތޮޅުގެ ޢިލްމީ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ހިތަށް ނިސްބަތްކޮށް އެހެން ކިޔަސް އެއީ އުފާވުމަށް ވެސް ބޭނުންކުރާ ލަފުޒެކެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އެ ބަހުރުވައިގައި ތާގައި ފިލިޖަހައިގެން ބޭނުންކުރާ ލަފުޒެކެވެ. އެހެންކަމުން، އަޅުގަނޑުގެ މުދައްރިސް ޢަބްދުﷲ ޞާދިޤު ވިދާޅުވާ ފަދައިން [ހިތްވަރު]ގައި ޖަހާންޖެހޭނީ ތާސުކުނެއްކަން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. 

ބައެއް ބޭފުޅުން ލަފުޒީ މާނައަށް ބައްލަވައި އެއީ ހިތުގެ ވަރެއް ނޫނޭ، އެހެންވީމާ ތާގައި ސުކުނެއް ނުކުރެވޭނެޔޭ ވިދާޅުވެއެވެ. މިހެން ވިދާޅުވާ ބޭފުޅުންނަށް ނުހަނު އިޙުތިރާމާ އެކު ދަންނަވާން އޮތީ ތިޔަ ވިދާޅުވާ ވާހަކަފުޅާ އަޅުގަނޑު ދެކޮޅުހަދާކަށް ނޫޅެމެވެ. ނަމަވެސް އަޅުގަނޑުމެން [ބޯ ކޮށާ] އިރު، ކޮށާނީ ބޯ ނޫންކަން ވެސް ހަނދުމަފުޅު ބަހައްޓަވާންވާނެއެވެ. އަޅުގަނޑުމެން [ހިތަށް އަރައޭ] ބުނާ އިރު، އެ ބުނެވެނީ އެއްޗެއް ހިތަށް އަރާ ވާހަކަ ނޫންކަމާއި އެއީ ޚިޔާލަށް އަންނަ ގޮތްކަން ވެސް ދެނެގަންނާންޖެހެއެވެ. އަދި ހުނި ގާނާ އިރު، ގާނަނީ ކާށިކަން ވެސް ހަނދާނުގައި ބަހައްޓާން ޖެހެއެވެ. އަޅުގަނޑުމެން [ހިތުގެ އަޑީން] މީހުންނަށް ޝުކުރު އަދާކުރާ އިރު، މާއްދީގެ ގޮތުން [ހިތުގެ އަޑީން] އެ ޝުކުރު ނަޔަސް އެ ނިސްބަތްކުރަނީ ހިތަށެވެ. ދުނިޔޭގެ ހަމަ ގައިމު ވެސް ގިނަ ބަސްބަހުގައި ހިތަށް ނިސްބަތްކޮށް މި ބާވަތުގެ ލަފުޒު (ޤަލްބު، ހާރޓު، ހާތީ، ދިލް، ހަދަވަތަ، ހަރްދަޔާ ފަދަ ލަފުޒުތައް) ބޭނުންކޮށްފައި ހުރެއެވެ. އެއީ އިޚުލާސްތެރިކަމާއި، ހިތްވަރުގަދަކަމާއި ޢަޒުމަށް ނިސްބަތްކޮށް ބުނެ އުޅޭ ބުނުންތަކެކެވެ. މި ގޮތުން ބަލާ އިރު، އަޅުގަނޑުމެން [ހިތްވަރު] ކިޔަނީ (މާއްދީ ގޮތުން) ހިތުގެ ވަރަށް ނުވިޔަސް ވިޔަސް، އެހެން ކިޔަނީ ހިތަށް ނިސްބަތްކޮށްކަން އެނގެއެވެ.

މި ގޮތްގޮތަށް ވިސްނާ އިރު، އެއީ [ހިތުގެ ވަރަށް] ނުވިޔަސް މަޖާޒީ ގޮތުން އެ ބެލެވެނީ ހިތުގެ ވަރަށްކަން ގަބޫލުނުކުރާންވީ ކީއްވެގެންތޯއެވެ!

ކޮންމެއަކަސް ހުވަދޫ ބަހުރުވައަށް ރިޢާޔަތްކުރާ އިރު، އެ ބަހުން [ހިތްވަރަށް] (އެހެން މާނައެއްގައި ވެސް ބޭނުންކުރިޔަސް) [ހިތެވަރޮ] ކިޔާތީ [ހިތްވަރު] ލިޔާ އިރު، އެންމެ ރަނގަޅު ގޮތަކީ ތާގައި ސުކުންކުރުންކަން ހިތާ ދެކޮޅަށް ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރާން އެބަ ޖެހެއެވެ. މީގެ މާނައަކީ އެ ތާނގައި އަލިފުގައި ސުކުންކުރައްވާ ބޭފުޅުން އެ ލިޔުއްވަނީ ނުބައިކޮށޭ ދެންނެވުމެއް ނޫނެވެ. އެހެން ދަންނަވާނެ އެއްވެސް ހައިސިއްޔަތެއް އަޅުގަނޑަށް ލިބިފައި ނުވާތީ އެ ފަދައިން ލިޔުއްވާ ބޭފުޅުންނަށް ވެސް އަޅުގަނޑު އިޙުތިރާމްކޮށް އެ ގޮތާ ވެސް ދެކޮޅެއް ނަހަދަމެވެ. ނަމަވެސް އަޅުގަނޑު ލިޔަނީ އަދި ލިޔާނީ ވެސް ތާގައި ސުންކޮށްގެން [ހިތްވަރު]ކަމަށް ދަންނަވަމެވެ. މި ހެން މި ދަންނަވައިލީ މި ކަމުގައި އަޅުގަނޑުގެ ޚިޔާލު ހޯއްދަވާން ބައެއް ބޭފުޅުން ގުޅުއްވައި ސުވާލުކުރައްވާތީއެވެ. މި ގޮތަށް ތާގައި ސުކުންކުރާން އަޅުގަނޑު ނިންމި ސަބަބު އިސްވެ ދަންވައިލައިފައި އެ ވަނީއެވެ. 

ކޮމެންޓު