އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
31 ޖަނަވަރީ 2026
ޒުވާބުކުރުމަކީ މުސްލިމުންގެ ގޮތެއްނޫނެވެ.
ފުންކޮށް ވިސްނައިފި އެއްވެސް މީހަކަށް ވަންހަނާވެގެން ނުވާނޭ ފަދައިން މުޅި އިސްލާމް ދީން ބިނާވެފައިވަނީ ޞުލްޙަމަސަލަސްކަމާއި އަމާންކަމުގެ މައްޗަށެވެ. ފަރުދީ އަދި މުޖުތަމަޢީ މަޞްލަޙަތުގެ މައްޗަށެވެ. މުޅި ޝަރީޢާގެ މަޤާޞިދު ބިނާވެފައިވަނީ މި އަސާސްގެ މަތީގައެވެ. އާދޭހެވެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި [އިސްލާމީ ޝަރީޢާގެ މަގުސަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށް ޓަކައެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާ އެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.] (ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ). މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާ ނަމަ މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަގުސަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުންކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އެހެންކަމުން މަޞްލަޙަތަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މަޞްލަޙަތަކީ އެންމެ ސާދާކޮށް ދަންނަވާ ނަމަ، އެއީ އެންމެ ލާބަހުރި ގޮތެވެ. ނުވަތަ ފައިދާ ހުރި ގޮތެވެ. ނުވަތަ ބޭނުންވާ ގޮތެވެ. ޝައުޤުހުރި ގޮތެވެ. އިނގިރޭސިބަހުން މި ލަފުޒުގެ މާނައެއްކަމަށް އޮންނަނީ interest ނުވަތަ benefit ކަމުގައެވެ. އަނެއް މާނައަކީpeace އެވެ. އަމާންކަމެވެ. މިއިން ކޮންމެ މާނައަކީވެސް ސިޔާގަށް (ކޮންޓެކްސްޓަށް) ބަލައިގެން ކުރެވޭނެ މާނައެވެ. [މަޞްލަޙަތު]ގެ މާނައެއްކަމަށް [ދިވެހިބަހުގެ ރަދީފު] ބުނަނީ އެއީ [ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް]ކަމަށެވެ. ޢަރަބި-އިނގިރޭސި ޑިކްޝަނަރީތަކުގައި މި ލަފުޒު މާނަކޮށްފައި ހުންނަނީ ކުރިންވެސް ދެންނެވި ފަދައިން "ފައިދާ ހުރި ގޮތް"ކަމުގައެވެ. "އެންމެ ލާބަހުރި ގޮތް" ކަމުގައެވެ. ނުވަތަ "އެންމެ ބޭނުންވާ ގޮތް" ކަމުގައެވެ.
މުޅި އިސްލާމީ ޝަރީޢާ ބާވައިލެއްވީ ހިތްތަކުގެ ބަލިތަކަށް ތެދު މަގެއް ކަމުގައްޔާއި މުއުމިނުންނަށް ތެދުމަގާއި ރަޙުމަތެއްކަމުގައެވެ. [يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ] (سورة يونس 57) . އެހެންކަމުން އިސްލާމީ ޝަރީޢާ ބިނާވެފައިވަނީ އިންސާނީ މަޞްލަޙަތުގެ މައްޗަށްކަމާ މެދަކު ޝައްކެއް ނެތެވެ.
الإمام ابن القيم ވިދާޅުވެފައިވާ ގޮތުގައި މަޞްލަޙަތަކީ ހިތްހަމަޖެހުމާއި ލައްޛަތެވެ. އަދި ނިޢުމަތާއި އުފާވެރިކަމެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަންކަމެވެ. އާދޭހެވެ! "المصلحة هى اللذّة والنّعيم وما يقضى إليه"އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ނިޢުމަތާއި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންނެވެ. ހަމައެކަނި ދުނިޔޭގެ ވަގުތީ އުފާ ލިބުނަސް އެއީ (ޙަޤީޤީ) ހިތްހަމަޖެހުމެއްކަމަށް ނުވާނެއެވެ. އެހެންކަމުން ޙަޤީޤީ މަޞްލަޙަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. މަޞްލަޙަތުގެ މުރާދަކީ ދީނާއި ދުނިޔޭގެ މަޞްލަޙަތެވެ.
ކަންހުރީ މިހެންކަމުގައިވާ އިރު މި އަސާސާ ޚިލާފުވާ ގޮތަށް ކަންކުރުމަކީ ހަމަ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާނެ ކަމެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އާދައިގެ މައް މީހަކު އޭނާގެ އާދައިގެ ވިސްނުމަކުން ވިސްނިޔަސް އެއްވެސް ކަމެއްގެ މަޤުޞަދު ޙާޞިލުނުވާ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ހުއްދަވެގެންވާނެ ގޮތެއް ނޫނެވެ. ދީނުގެ ކަންކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ޚިލާފު އުފެދިގެންނުވާނެ ކަންކަމުގައި ވެސް ކުދިކުދި ރަށްރަށުގެ އަހުލުވެރީންގެ މެދުގައި ބައިބައިވުން އުފެދި ފިތުނަފަސާދައަށް މަގުފަހިވެފައި އެބަހުއްޓެވެ. މިއީ ހިތާމަހުރިކަމެކެވެ. މިސާލަކަށް ނަމާދުގައި އަލްޙަމްދާއި ސޫރަތް ކިޔާވާއިރު ބަސްމަލާ (`) ކިޔުމާއި ނުކިޔުމާއި ބާރަށް ކިޔުމާއި ސިއްރުން ކިޔުމުގެ މައްސަލައެވެ. ފަތިސް ނަމާދުގައި ޤުނޫތު ކިޔުމުގެ މައްސަލައެވެ. މޭމަތީގައި ޙަރަމްބަނުމާއި ފޫޅާއި ކަކުލާއި ދެމެދުގައި ޙަރަމްބަނުމާއި ފޫޅުންތިރީގައި ޙަރަމްބަނުމުގެ މައްސަލައެވެ. ދެން މިހެން ގޮސް މިފަދަ ކުދިކުރި މައްސަލަތައް ބިޔަ ބޮޑެތި ފަރުބަދަތަކަށް ހަދައިގެން ބައެއް މީހުން އެބަ އުޅެއެވެ. މި މައްސަލައިގައި ތިމާ ޤަބޫލުކުރާ ގޮތަށް ކަންކުރާ މީހާއަށް ސަނާ ކިޔައި އަނެކާ ކާފިރުކުރެވޭ ތަން އާދެއެވެ. ހަޤީޤަތުގައި މިއީ މިއިން އެއްވެސް ކަމަކުން ނުތަނަވަސްކަމެއް ހަމަ ނުޖެހުމެއް އުފެދިގެން ނުވާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގެ މައިގަނޑު މަޤުޞަދުތަކުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އިސްލާމް ދީނުގެ އަނެއް އަސާސަކީ ލުއި ފަސޭހަކަމެވެ. މާތް ﷲ ވަޙީކުރައްވައިވެއެވެ. "يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ" ("اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.") (سورة البقرة:185). އަދި މި ފަދައިން ވެސް ވަޙީކުރައްވައިފައިވެއެވެ. "لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ" ("اللَّه، އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނަފުސެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ ނަފުސަކަށް ވެއެވެ. އަދި، އެ ނަފުސެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ ނަފުސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ގަސްތެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތްނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ!") (سورة البقرة:286). އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ" ("އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.") (سورة الحجّ:78) ޞަޙީޙުލްބުޚާރީގައި ބަޔާންކުރައްވައިފައިވާ ގޮތުން މީސްތަކުންގެ މައްޗަށް ލުއިކުރެއްވުމާއި ފަސޭހަކުރެއްވުމަށް އިތުރު މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ލޯބިކުރައްވައެވެ. އަބޫ މޫސާ އަލްއަޝްޢަރީގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނާއި މުޢާޛު އިބްނި ޖަބަލް، ޔަމަން ކަރައަށް ފޮނުއްވި ހިނދު ޙަދީޘްކުރެއްވި އެވެ. "ތިޔަބައި މީހުން (މީސްތަކުންނަށް) ފަސޭހަކުރާށެވެ! ދަތި ނުކުރާށެވެ! އަދި އުފާވެރިކަމުގެ ޚަބަރުދޭށެވެ! އަދި ނަފުރަތު ނޫފައްދާށެވެ!] މާތް ﷲ ރުއްސުންލެއްވި ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެންވެއެވެ. [ކީރިތި ރަސޫލާއަށް އިޚުތިޔާރު ލިބިވަޑައިގެން ދެ ކަމެއް ހުށހެޅިއްޖެ ނަމަ، ފާފައެއްކަމުގައި ނުވާހައި ހިނދަކު އެކަލޭގެފާނު ޚިޔާރުކުރައްވަނީ އޭގެ ތެރެއިން އެންމެ ލުއި ފަސޭހަ ގޮތެވެ.]
ދީނުގެ ޙުކުމްތަކެއް ހަމަ އެކަނި ޙަދީޘެއްގެ ލަފުޒީ މާނަ ބަލައިލައިގެނެއް ނޭގޭނެކަމަށް ޤަބޫލުކުރާންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނަ އިޚުތިލާފުތައް އުފެދިފައި ހުރީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ (އަމުރުފުޅުތަކާއި އިރުޝާދުތަކުގެ) ޙާލަތަށް ރިޢާޔަތްކުރެއްވުމެއްނެތި، ބައެއް ޢިލްމުވެރީން ހަމައެކަނި ޙަދީޘްފުޅުތަކުގެ މާނައަށް ބައްލަވައިގެން ކަންކަން ނިންމަވާތީއެވެ. ކުރީގެ ބޮޑެތިބޮޑެތި އިމާމުން މި ފަދަ މައްސަލަތަކުގެ ރައުޔު ނެރުއްވައިފައިވާނީ ޤުރުއާނާއި ޙަދީޘަށް ބައްލަވައިގެން އެ އާޔަތެއް ބާވައިލެއްވި ސަބަބާއި، ރަސޫލާގެ ޙަދީޘްފުޅެއް ޙަދީޘްކުރެއްވި ޙާލަތަށް ރިޢާޔަތްކުރައްވައިގެންކަން ކަށަވަރެވެ. އެ ފަދަ ބޮޑެތި އިމާމުންނަކީ (މިސާލަކަށް އެކި މަޒުހަބުތަކުގެ އިމާމުންނަކީ) ވަރަށް ތެދުވެރި ދީންވެރި ޢިލްމުވެރީންނެވެ. ވީމާ އެކި މަޒުހަބުތަކުގައި ހުންނަ ފަރުޢީ ޚިލާފުތަކަކީ ވެސް މަޞްލަޙަތާއި ޙާލަތަށް ރިޢާޔަތްކުރައްވައިގެން ދީނުގެ ޙައްޤުގައި ނެރުއްވައިފައި ހުންނަ ރައުޔުކަމަށް އަޅުގަނޑުމެން ޤަބޫލުކުރާންޖެހެއެވެ. އެ ފަދަ ބޭކަލުން އެ ބޭކަލުންގެ ހަވާނަފުސަކަށް އެއްވެސް ފަތުވާއެއް ނުދެއްވާނެއެވެ. ރައުޔެއް ނުނެރުއްވާނެއެވެ. ވީމާ އެކި އިމާމުން ނެރުއްވައިވައިވާ ރައުޔުތަކުގައި ފަރުޢީ ޚިލާފުތައް ހުއްޓަސް އެއީ އެ ކަމާ އަޅުގަނޑުމެން ދެ ބަސްވެ އަރައިރުންވާންވީ ކަމެއްނޫނެވެ. ކަމެއް ކުރަންވީ ގޮތުގެ ތަފުޞީލެއް ރަސޫލާ ނުދެއްވައި އަދި އެ ކަމެއް ތަރުތީބުކުރާންވީ ގޮތާ މެދު ވަކި ގޮތަކަށް އިރުޝާދު ދެއްވައިފައިނުވާ ނަމަ، އެކަމުގެ ދާއިރާ ފުޅާވެގެންވާކަމަށް ދަލީލު ލިބެއެވެ. އިޚުތިލާފަކީ ރަޙުމަތެކޭ ބުނަނީ އެހެންވެއެވެ. މިސާލަކަށް ބަސްމަލާގެ ވާހަކަ ދައްކައިލަމާތޯއެވެ؟
އަލްއިމާމުއްޝާފިޢީ ރަޙިމަހުﷲ ވިދާޅުވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައި އަޑުހަރުކޮށް، އެ ނޫން ނަމާދުތަކުގައި ސިއްރުން ބަސްމަލާ ކިޔާންވާނެކަމުގައެވެ. އެއް ރިވާޔަތެއްގައިވާ ގޮތުން ޢުމަރުގެފާނާއި ޢަލީގެފާނާއި ޢައްމާރު ބްނު ޔާސިރު ވިދާޅުވަނީ، ސިއްރިއްޔަ ނަމާދެއްގައި ވިޔަސް ޖަހުރިއްޔަ ނަމާދެއްގައި ވިޔަސް ސިއްރުން ނޫނީ ބަސްމަލާއެއް ނުކިޔޭނެކަމުގައެވެ. އަހުލުބައިތުން ކުރެ ފިޤުހުވެރީންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވާކަމަށްނީ ހުރިހައި ނަމާދެއްގައި ވެސް ބިސްމި ކިޔާންވާނީ އަޑުހަރުކޮށެވެ. އެހެނަސް އިމާމު މާލިކުގެފާނުގެ ކިބައިން ރިވާވެފައިވާ އެއް ރިވާޔަތެއްގައިވާ ގޮތުން އަޑުހަރުކޮށް ވެސް ސިއްރުން ވިޔަސް ބިސްމިއެއް ނުކިޔޭނެއެވެ.
ޤުރުއާނުގެ ތަފާތު ޙަރުފުތަކެއް (ނުވަތަ ޤިރާއަތްތަކެއް) ހުރެއެވެ. ބައެއް ޤިރާއަތްތަކުގައި ބަސްމަލާއަކީ ސޫރަތުލްފާތިޙާގެ އާޔަތެއްނޫނެވެ. ނަމަވެސް އަޅުގަނޑުމެން މި ކިޔަވަނީ [މުޞްހަފު މަދީނާ]އިންނެވެ. އެއީ ޙަފްޞު ރިވާޔަތެވެ. ޢާޞިމް ޤިރާއަތެވެ. މި މުސްޙަފުގައި، މި ޤިރާއަތުގައި ބަސްމަލާއަކީ ސޫރަތުލްފާތިޙާގެ އާޔަތެކެވެ. އެ ޤިރާއަތުގައި ބަސްމަލާ (`) ކިޔަވަނީ ބާރަށެވެ.
ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް އަޅުގަނޑުމެން ގިނަ ކަންކަމުގައި ތަބާވަނީ ޝާފިޢީ މަޒުހަބަށެވެ. އެ ކަލޭގެފާނުގެ ރައުޔަކީ ޖަހުރިއްޔަ ނަމާދުތަކުގައި ބަސްމަލާ ބާރަށް ކިޔެވުމެވެ. އަޅުގަނޑުމެންގެ ގިނަ މީހުން ޢިބާދާތުގެ ކަންކަން އުނގެނުނީ ޝާފިޢީ މަޒުހަބުގެ ފިޤުހު ފޮތަކުންނެވެ. އެއީ ތަޢުލީމުއްދިޔާނާ 1، 2، 3އެވެ. ނުވަތަ އިރުޝާދުލްއަނާމު ކިޔާ ފޮތަކުންނެވެ. އިސްލާމީ އަޚުލާޤާއި ސުލޫކު ދަސްކޮށް އުނގެނުނީ [ދުރޫސުލްއަޚުލާޤު] ނަމަކަށް ކިޔާ ފޮތަކުންނެވެ. އެހެންވީމާ، މި ކަންކަމަށް ރިޢާޔަތްކޮށް އަޅުގަނޑު ކިޔަވާ އިރު، ބަސްމަލާ ބާރަށް ކިޔެވިޔަސް އެއީ އަޅުގަނޑުގެ ޖާހިލުކަމުން ނުވަތަ ނޭނގޭތީ ކުރާ ކަމެއްކަމަކަށް ނުބުނެވޭނެއެވެ.
މި ކަމުގައި ފާހަގަކޮށްލާންޖެހޭ ކަމަކީ އިސްވެ މި ދެންނެވި ކޮންމެ ބޭކަލަކުވެސް އެ ބޭކަލެއްގެ ރައުޔު ނެރުއްވައިފައިވާނީ އެ ބޭކަލަކަށް ފެނިވަޑައިގަތް ޝަރުޢީ ހެކިތަކެއްގެ އަލީގައި ނުހަނު އިޚުލާޞްތެރިކަމާއެކު ދީނަށް ޓަކައިކަމެވެ. ވީމާ މި ރައުޔުތަކުގެ ތެރެއިން އެ މީހަކު އެއްވެސް ތަޢައްޞުބެއްނެތި އިޚުލާޞްތެރިކަމާ އެކު ބުރަވި ރައުޔަކީ، އަޅުގަނޑު ބުރާވާ ގޮތްކަމަށް ނުވިޔަސް އެއީ ތިމާގެ އަނެއް އަޚާ ކާފިރުކޮށް ފަސާދަ އުފައްދާންޖެހޭނެ ކަމެއްނޫނެވެ. މިއިން އެއްވެސް ގޮތަކީ ގޯސް ގޮތެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެއެވެ. މި ފަދަ ޙާލަތުގައި ވެސް ދީނުގައި އޮންނަ އުޚުއްވަތްތެރިކަމާއި މުސާވާތުގެ ރީތި އުޞޫލު ދަމަހައްޓާންޖެހޭނެއެވެ. އަދި ދީނުގެ މައިގަނޑު އަސާސްކަމުގައިވާ މަޞްލަޙަތަށް އިސްކަންދޭންޖެހޭނެމެއެވެ. ރީތި އަޚުލާޤާއި ސުލޫކުގައި ދެމިތިބޭންވާނެއެވެ.
ކީރިތި ރަސޫލާގެ އަރިހުން އެކި ކަންކަމާ މެދު ސުވާލު ދެންނެވުމުން ގިނަ ފަހަރަށް ޖަވާބު ދެއްވައިފައި ހުއްޓައި ފެންނަނީ އެ ސުވާލު ދަންނަވާ މީހާ އެ ސުވާލެއް ދަންނަވާ ޙާލަތަކަށް ރިޢާޔަތްކުރައްވައިގެންނެވެ. މިސާލެއް ދަންނަވަންތޯއެވެ؟ ކީރިތި މާތް ނަބިއްޔާ (صلى الله عليه وسلم)ގެ އަރިހުގައި މީހަކު އެއް ދުވަހަކު ސުވާލެއް ދެންނެވިއެވެ. އެންމެ މާތްކަން ބޮޑީ ކޮން ޢަމަލެއްތޯއެވެ؟ ޙަދީޘްކުރެއްވި އެވެ. "ﷲ ގެ މަގުގައި ޖިހާދުކުރުމެވެ." އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙާދީޘްކުރެއްވިއެވެ. "(އެއީ) މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." އަދި އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. "މީސްތަކުންނަށް އުނދަގޫކުރުމުން ދުރުހެލިވުމެވެ." އަދިވެސް އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. "އެންމެ މާތްކަން ބޮޑު ޢަމަލަކީ ފަޤީރުންނަށް ޞަދަޤާތްކުރުމެވެ."
މި ޙާދިސާއަށް ވިސްނައިލުމުން އެނގެނީ، އެ ސުވާލު ދަންނަވާ މީހާއަށް ނިސްބަތްކޮށް އޭނާއަށް ޖަވާބުދެއްވައިފައިވާކަމާއި މި ދެންނެވުނު ހުރިހައި ޢަމަލަކީ ވެސް ހަމަ އެންމެ ހެޔޮ ޢަމަލުކަމެވެ. ފިނޑި މީހާގެ ފިޑިކަމާ ހަނގުރާމަކުރުމަށް ޓަކައި ﷲގެ މަގުގައި ޖިހާދުކުރުމަށް އިރުޝާދުދެއްވީއެވެ. ތިމާގެކަމުގެ ގުޅުން ކުޑަ އަދި މައިންބަފައިންނަށް ހެޔޮކޮށްހިތުން ކުޑަ މީހަކަށް އެ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. އެ މީހެއްގެ ފަރާތުން މީސްތަކުންނަށް އުނދަގޫ ފޯރާ މީހަކަށް އެ އަންގަވަނީ އެކަން ނުކުރުމަށެވެ. އަދި ދަހި މީހަކަށް އެ އަންގަވަނީ ދަހިވެތިކަމުގެ ނުބައިކަމުން ސަލާމަތްވުމަށް ޓަކައި ޞަދަޤާތްދިނުމަށެވެ. މިއީ މި ފަދަ ޙަދީޘްފުޅުތަކުން އަލްޙާފިޡު އިބްނި ޙަޖަރު ނަންގަވާ މާނައެވެ. ވީމާ ސުންނަތުން ސާބިތުވާ އެންމެ ހެޔޮ ޢަމަލަކީ މިވެނިކަމެކޭ، އެވެނިކަމެއް ނޫނޭ އަޅުގަނޑުމެންނަށް ބުނެވޭނެތޯއެވެ!!
ކީރިތި ރަސޫލާ (صلى الله عليه وسلم)ގެ ގިނަ ޙަދީޘުފުޅުތައް ހުންނަނީ ސަބަބާއި ޙާލަތަށް ރިޢާޔަތްކުރައްވައިފައިކަން ދޭހަވާ އެހެން މިސާލެއް ދަންނަވައިލާނަމެވެ. އަލްއިމާމުލްބުޚާރީ ރިވާކުރައްވައިފައިވެއެވެ. [އުޟުޙިޔާއަށް ކަތިލެވޭ ތަކެތީގެ މަހުގެ ތެރޭން އެއްވެސް މިންވަރެއް ތިން ދުވަހަށް ވުރެ ދިގު މުއްދަކަތަށް ރައްކާކޮށްފައި ބެހެއްޓުން އެއް އަހަރަކު ކީރިތި ނަބިއްޔާ (صلى الله عليه وسلم) މަނާކުރެއްވި އެވެ. ދެން އެ އަހަރު ނިމި އަނެއް އަހަރު އައުމުން އެ ފަދަ ތަކެތި، ފަހަށް ރައްކާކޮށްފައި ބެހެއްޓުމާ މެދު މީހުން ވާހަކަދައްކާން ފަށައިފިއެވެ. މި ގޮތަށް މި ކަމާ މެދު ވާހަކަދެއްކި މީހުންނާ މުޚާޠަބުކުރައްވައި ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. ތިޔަބައި މީހުން ހިތުހުރި ވަރަކަށް ކެޔަސް އަދި ފަހަށް ރައްކާކުރިޔަސް އެންމެ ރަނގަޅެވެ. ތިޔަބައިމީހުންނަށް މި ދިޔަ އަހަރު ތިމަން ކަލޭގެފާނު އެ ކަން މަނާކުރެއްވީ އެއީ މީސްތަކުންނަށް ދިމާވި ތަދުމަޑުކަމުގެ އަހަރެއް ކަމުގައިވާތީއެވެ. ވީމާ ތިމަން ކަލޭގެފާނުގެ ޤަޞްދަކަށްވީ އެ ކަމުގައި ތިޔަބައިމީހުން ފަޤީރުންނަށް އެހީތެރިވުމެވެ.]
އެހެން މިސާލަކަށް ބަލާއިރު، ގަޔަށް ޖަހާ ސެންޓުގައި އަލްކަޙޫލްގެ މާއްދާއެއްކަމަށްވާ އިސްފިރޭޓު ހިމެނޭތީ އެއީ ނަޖިހެއްކަމަށް ޤަބޫލުކުރާ ބަޔަކު އެބަ އުޅެއެވެ. އެއީ އެބައިމީހުންގެ ރައުޔެވެ. ޙަރާމްކުރެއްވިގެންވާ ރާއަށް އަސަރުފޯރުވާ ސަބަބަކީ އަލްކަޙޫލްގެ މާއްދާކަމަށް އެ މީހުން ޤަބޫލުކުރާތީއެވެ. މިއީ ދީނަށް އިޙުތިރާމްކުރުމުގެ ގޮތުން ނުވަތަ ބޮޑަށް ރައްކާތެރިވުމުގެ ގޮތުން އެ މީހުން ޢަމަލުކުރާ ގޮތެވެ. އެއީ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް މައްސަލައަކަށް ވަނީ މި ގޮތް ޤަބޫލު ނުކޮށް ސެންޓަކީ ނަޖިހެއް ނޫންކަމަށް ބަލައިގެން ސެންޓުޖަހައިގެން މިސްކިތަށް އަރާ މީހުން ކާފިރުކުރާ ހިސާބަށް ބައެއް މީހުން ގެންދާތީއެވެ. އަލްކަޙޫލް ހުންނަ ސެންޓު އެއީ ނަޖިހެއްކަމަށް ބަލާ ބަޔަކު އެ ގޮތަށް ބަލަނީ ވެސް އަޞްލަކަށް ބަލައިގެން ހަމަ ދީނަށްޓަކައެވެ. ހަމަ އެ ފަދައިން ސެންޓަކީ ނަޖިހެއް ނޫންކަމަށް ދެކޭ މީހުން އެ ގޮތަށް ބަލަނީ ވެސް ޖެއްސުމަކަށް ނޫނެވެ. އަޞްލެއްގެ މައްޗަށެވެ. މިބައިމީހުންނަށް ސާބިތުވެފައިވަނީ ކަމީރުވެފައިވާ ކާނާގެ ބާވަތްތަކަށް އަސަރުފޯރުވާ އެއްޗަކީ ވެސް މި އިސްފިރޭޓުގެ މާއްދާކަމަށް ވެފައި މިއީ ޙަލާލު އެއްޗެއްކަން އެ މީހުން ދަންނާތީއެވެ. މިސާލަކަށް ފުށްގަނޑު ކަމީރުކޮށްގެން ފިހާ ޕާނާއި ބަނަހާއި ޒިލޭބީ ފަދަ ތަކެތި އެއްވެސް މީހަކު ނަޖިސް އެއްޗެއްކަމަކަށް ނުބަލައެވެ. އަދި ޙަރާމް ކޮންމެ އެއްޗަކީ ނަޖިހެއްނޫންކަމަށާއި ކޮންމެ ނަޖިހަކީ މާއްދީ ނަޖިހެއް ނޫންކަން އެ މީހުންނަށް އެނގޭތީއެވެ. [ހަމަކަށަވަރުން މުޝްރިކުންނަކީ ނަޖިހެކޭ] އަންގަވައިފައި އޮތުމުގެ މާނައަކީ މާއްދީ ގޮތުން އެ މީހުން ނަޖިސްވާހަކައެއް ނޫނެވެ. އެ ފަދަ މީހަކާ ސަލާންކޮށްލިޔަސް ތިމާގެ އަތް ޖަޖިސްވާނޭ ވާހަކައެއް ނޫނެވެ. އެ އިޝަރާތްކުރައްވަނީ މާނަވީ ނަޖިހަށެވެ. އެ މީހުންގެ އަގީދާ ނަޖިސް ވާހަކައެވެ.
ބައެއް މީހުން، އެކި މުނާސަބަތުތައް ފާހަގަކުރުމަކީ، ޚާއްޞަކޮށް އުފަން ދުވަސް ފާހަގަކުރުމަކީ ބިދުޢައަކަށް އެބަ ހަދައެވެ. އެއީ ޣައިރު މުސްލިމުންނާ އެއް ގޮތްވެގަތުމެއްކަމަށް ދެކެގެންނެވެ. ނަމަވެސް މީހުން އުފަންދުވަސް ފާހަކަކުރަނީ މުޝްރިކުންނާ އެއްގޮތްވެގަންނާކަށް ނޫނެވެ. އެއީ ދުނިޔެވީ އުފަލަކަށް ޓަކައި ކުރާ ކަމެކެވެ. މާތް ނަބިއްޔާ (صلى الله عليه وسلم) ހޯމަދުވަހު ރޯދަފުޅު ހިއްޕަވަނީ އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަސްކަމަށްވާތީއްޔޭ އޮތީ ހަދީޘްކުރައްވައިފައެވެ. މި ކަމުން އެއީ ހުއްދަ ކަމެއްކަމަށް އެއް ބަޔަކު ދަލީލު ނަގައެވެ.
އެންމެ ހެއްވާ ކަމަކީ، އުފަންދުވަސް ފާހަގަކުރުން ޙަރާމްކަމަށް ނުވަތަ އެއީ ބިދުޢައެއްކަމަށް ބުނާ މީހުންގެ ނުކުތާއަކީ އެއީ ޣައިރުމުސްލިމުންނާ އެއްގޮތްވެގަތުމަށް ކުރާ ކަމެއްކަމަށެވެ. ނަމަވެސް މި ކަން ޙަރާންކަމަކަށް ނުވަތަ ބިދުޢަކަށް ހަދާ މީހުން، ބޫޓަށްއެރުމާއި ކޯޓުފަޓުލޫނު ލުމަކީ އެ މީހުންނާ އެއް ގޮތްވެގަތުމެކޭ ބުނުން މާ އައުލާކަން ބޮޑެވެ. ނަމަވެސް . . .
މާފުކުރައްވާށެވެ! މި ދައްކަނީ އަޅުގަނޑުގެ އިސްކޮޅަށް ވުރެ މާ އުސް ވާހަކައެއްކަން ވެސް އެނގެއެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ފަތުވާއެއް ދެނީކީ ނޫނެވެ. އަޅުގަނޑު ތިޔަ ހުރިހައި ބޭފުޅުންގެ ސަމާލުކަމަށް ގެނެވޭތޯ މި އުޅުނީ އެކި އިމާމުވެރި ބޭކަލުން ދެއްވައިވައިވާ ރައުޔު ތަފާތު ވިޔަސް އެއީ މައްސަލައެއް ނޫނޭ ދަންނަވައިލުމެވެ. އަދި ޙަދީޘެއްގެ ލަފުޒީ މާނައަށް އެކަނި ބަލައިގެން ކަންކަމުގެ ފަތުވާ ނެރެ ޚިޔާލުފާޅުކުރުމަކީ އިސްލާމްދީނުގެ އޮތް ލުއިފަސޭހަކަމާއި މަޞްލަޙަތަށް އިސްކަންދިނުމުގެ އަސާސްތަކާ ޚިލާފުވެދާނެކަމެކޭ ދަންނަވައިލުންވެސްމެއެވެ.
ވީމާ، ޢިލްމުވެރީންގެ ޞައްޙަ ރައުޔުގެ ތެރެއިން އެމީހަކަށް އެންމެ ގަބޫލުކުރެވޭ ރައުޔަކަށް އިޚުލާސްތެރިކަމާ އެކު އަމަލުކުރުމަކީ ދީނުގައި ލައްވައިފައިވާ ކިހައި ބޮޑު ރަޙުމަތެއްތޯއެވެ! މި ފަދަ ޚިލާފު ހުންނަ ފަރުޢީ މައްސަލަތަކަށް ވާޖިބެހޭ، ޙަރާމެކޭ ބިދުޢައެކޭ ބުނެގެން ކަމަކު ނުދާނެޔޭ އަޅުގަނޑު ދަންނަވާން ބޭނުމެވެ. އަޅުގަނޑުމެންނަށް ހަމައެކަނި ބުނެވޭން އޮންނާނީ އެއީ އިޚުތިލާފީ މައްސަލައެކޭއެވެ. އެހެންކަމުން މި ފަދަ ކަންކަމުގެ ސަބަބުން މަސްލަޓު ނަގައިނުލައި އެހެން މީހުންގެ ރައުޔަށް ވެސް އިޙުތިރާމް ކުރާން ދަސްކުރަމާތޯއެވެ! ވީމާ މި ފަދަ ފަރުޢީ ކުދިކުދި މައްސަލަތަކުގައި ޚިޔާލު ތަފާތުވެ ބައިބައިވުމަކީ ދީނީ އުޞޫލެއް ނޫންކަމަށް ގަބޫލުކުރަމާތޯއެވެ!