ad_banner
އަހުރެންގެ ބޮޑާކަން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

30 ޖަނަވަރީ 2026

ބޮޑާކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި ވިޔަސް ސުވަރުގެ ނުވަންނަހުއްޓެވެ.

((قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ [1]- އެކަލާނގެ وحىކުރެއްވިއެވެ. އޭ إبليسއެވެ! ތިމަންރަސްކަލާނގެ يدقدرةފުޅުން (އެއްވެސް واسطއަކާ ނުލައި) ހެއްދެވި މީހަކަށް سجدةކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدةކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبرވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށް ވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށންނެވެ .އެކަލާނގެ وحىކުރެއްވިއެވެ. ފަހެ، ކަލޭ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمةން ބޭރުކުރައްވައިފައިވާ މީހެކެވެ.))  

ބޮޑާކަމަކީ އިންސާނާގެ ހެޔޮވިސްނުމަށާއި ބުއްދިއަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އޭނާ މޮޔަވެ ގަބުވެ ހެޔޮވިސްނުން ހަލާކުވެގެންދާންދެން މި ބަލި އޭނާގެ ނަފުސުން ވަކިވެގެންނެއްނުދާނެތެވެ.

 ބޮޑާކަމުގެ ]އަހުރެންވަންތަކަމުގެ[ މޫތައް އަޑިއަށް ފޭބުމުގެ ސަބަބުން އޭނާގެ ނަފުސު ނުތަނަވަސްވެގެންދެއެވެ. އޭނާގެ ބަހާއި ސުލޫކުން މި ކަމުގެ އަސަރު ފެންނާން ފަށައެވެ. އެންމެ ފަހުން އޭނާ ބަދަލުވާނީ ޙައްޤު ވަކިކުރާން ނޭނގޭ ތެދުމަގުގައި ކާލިއަޅާ މީހަކަށެވެ.

މިއީ ޙަޔާތުގެ ވާޤިޢާތަކުން ފެންނަ މަންޒަރެކެވެ. އިންސާނާ – ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް – ވިސްނުންތޫނުކަމާއި ހަރުދަނާކަންމަތީ ދެމިހުރެއެވެ. އޭނާގެ މައްޗަށް ބޮޑާކަން އަތްގަދަކޮށްފުމަށް ދާންދެނެވެ. އެ ހިނދު އޭނާ ބަހާއި ސުލޫކު ގަބު މީހަކަށް ފުރޮޅިގެން ދެއެވެ.

ބޮޑާކަމުގެ ޢުންޞުރުތައް އިބިލީހުގެ ވާހަކައިގައި ކީރިތި ޤުރްއާން ވަނީ މުލައްޚަޞްކޮށްދީފައެވެ. ބޮޑާކަމުގެ ނުވަތަ ކިބުރުވެރިކަމުގެ ޝައިޚަކީ މާތް ﷲ ލަޢުނަތްލެއްވި އިބިލީހެވެ. އާދަމުގެފާނަށް ސަޖިދަކުރުމަށް މާތް ﷲ އަމުރުކުރެއްވުމުން އެ ކަލޭގެ މި އަމުރުފުޅަށް އުރެދުނެވެ. މި ކަމާ ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ[2]-  އެކަލާނގެ وحىކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمرކުރެއްވި ހިނދު سجدةކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށް ވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.))

1-        މޮޅުވެގެން ބޮޑާވުން: އިބިލީސް އަމިއްލަ ނަފުސަށް އިޢުތިރާފުވެފައިވާ ފަދައިން އޭނާ ބޮޑާވާން ޖެހުނީ އާދަމުގެފާނަށް ވުރެ އޭނާ މަތިވެރިވެގެންވާތީއެވެ. އެހެނަސް މި މަތިވެރިކަމަކީ އޭނާ އަމިއްލައަށް ލިބިގަތް ކަމެއްނޫނެވެ. އެއީ ﷲ އޭނާއަށް ދެއްވި މަތިވެރިކަމެކެވެ. އެއީ (خَلَقْتَنِي مِنْ نَارٍ  -  އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ.) އެހެންވީމާ އޭނާ ބޮޑާވާންވީ ކީއްވެގެންހެއްޔެވެ؟ ކޮންމެ މަޚްލޫޤާކާ ވެސް ކުރާން ޖެހެނީ މި ސުވާލެވެ. އޭނާ ބާރުގަދަކަމުންހެއްޔެވެ؟ އޭނާގެ ރީތިކަމުންހެއްޔެވެ؟ އޭނާގެ މުއްސަނދިކަމުން ހެއްޔެވެ؟ އޭނާގެ މަޤާމުގެ އިސްކަމުންނެވެ؟ އޭނާގެ ނުފޫޒު ބޮޑުކަމުންހެއްޔެވެ؟ އޭނާއަށް އެ ކަމުގައި ބާރެއްނެތްކަމަކާ ހެދި ބޮޑާވަނީހެއްޔެވެ؟ އެއީ ﷲ ތަޢާލާ ދެއްވާ ނިޢުމަތްތަކެކެވެ. ހަދިޔާތަކެކެވެ. އެކަލާނގެ މި އެއްޗެހިތައް އެސްފިޔަޖަހައިލާހައި ހިނދުކޮޅެއްގެ ތެރޭގައި ގެންދަވައިފި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟

2-        ޢިލްމަކާ ނުލައި ﷲ ތަޢާލާގެ މައްޗަށް ދޮގުހެދުން: އިބިލީސް ބޮޑާކަމުގެ ސަބަބުން އޭނާގެ ނަފުސު މޮޅުކުރީއެވެ. ޢިލްމަކާ ނުލައި އޭނާ ﷲތައާލާއަށް ދޮގުހެދިއެވެ. އޭނާގެ ބޮޑާކަމުގެ ދުރުމިނުން އަލިފާނާ މަށި ޤިޔާސްކުރިއެވެ. އޭނާ ޤިޔާސްކޮށްފައި ބުނީ އަލިފާން މާ މޮޅެވެ. އޭނާއަށް މި ކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނާ ވަނީ ވިސްނުންތޫނުކަމުގެ ދަރަޖައިގައި އެންމެ އުސް ކުރިބޯށްޓާ ހަމައަށް ވާޞިލުވެފައެވެ. މި ތާނގައި އޭނާ އެ ވަނީ އޭނާގެ ޚާލިޤުގެ މައްޗަށް އުފުލިގެންފައެވެ. ﷲގެ އިޒުނައާ ނުލައި ޙުކުމެއް ނެރެފައެވެ. މިއީ އިންސާނާ ކޮށްގެންވާނޭ ކަމެއްނޫނެވެ. ﷲގެ ފަރާތްޕުޅުން އެއްވެސް މީހަކަށް ޙުކްމެއް ނުނެރެވޭނެއެވެ. އެއްވެސް ކަމެއް ޙަލާލެއް ވެސް އަދި ޙަރާމެއް ވެސް ނުކުރެވޭނެއެވެ. ކަންކަން ޙަލާލުކުރުމާއި ޙަރާންކުރުމުގެ ބާރު ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ޚާލިޤުވަންތަ ﷲއެވެ. އިބިލީހަށް އޭނާގެ ނަފުސު ފެނުނީ ޢިލްމުވެރި ޙުކުންދާރެއްގެ ގޮތުގައެވެ. އެކަލާނގެ ފަރާތްޕުޅުން އޭނާއަށް ޙުކުންތައް އިއްވިދާނެކަމަށް އޭނާ ހީކުރިއެވެ. މިއީ މި ޒަމާނުގައި ޤާނޫނުހަދާ މީހުންނާއި ވެރިކަންކުރާ  މީހުން ވިސްނާންޖެހޭ ކަމެކެވެ. ﷲގެ އަމުރުފުޅުތަކާ ޚިލާފު ޤާނޫނެއް ނުނެރެވޭނެއެވެ. އަދި މި ޤާނޫނަށް ޢަމަލުކޮށްގެން ވެސް ނުވާނެއެވެ.

3-        މުޠުލަޤު މާތްކަން: އިބިލީސް ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވީ މި ކަމުގެ ސަބަބުންނެވެ. އޭނާއަށް ވުރެ މާތް މީހަކު ނުވާ ތަން ފެނުމުންނެވެ. އޭނާގެ ފުރޫޒުގައި އެނާއަށް ވުރެ ހެޔޮކަން ބޮޑު މާތް އެހެން މަޚްލޫޤެއް ނުވެއެވެ. އޭނާ ބުންޏެވެ. ((أنا خيرٌ منه – އެކަލޭގެފާނަށް ވުރެ އަހުރެން މާ މޮޅެވެ.)) އިބިލީސް ދުށް ގޮތުގައި މާތް އެއްޗެއް އެއަށް ވުރެ ދެރަ އެއްޗަކަށް ޤަދަރުކުރާކަށް ނުޖެހޭނެއެވެ. އަހުރެން އޭނާއަށް ވުރެ މޮޅު އިރު އޭނާއަށް ސަޖިދަކުރުމަށް ﷲ އަންގަވާނީ ކިހިނެއްހެއްޔެވެ؟ ބޮޑާ މީހުންނަކީ އަބަދުވެސް އަމިއްލަ ނަފުސު ފެނިފައިވާ ބަޔެކެވެ. އެ މީހުންގެ ގާތުގައި ޙައްޤަކީ އެ މީހުންނެވެ. ބޮޑާ މީހުން އެހެން މީހުންނަށް އިޙުތިރާމެއް ނުކުރާނެއެވެ. އެ މީހުން ކިތަންމެ ވަރަށް "ޑިޕުލޮމާސީކަން" ދައްކާން އުޅުނަސް އެ މީހުންގެ އަނގައިން ބޭރުވާ ބަސްތަކުންނާއި ފެންނަ ޙަރަކާތްތަކުން އެ މީހުންގެ ދުލުކުރީން ނުކުންނަ ބަސްތަކުން އެ މީހުން ބޭޒާރުވެގެންދާނެއެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((الكِبْرُ بَطَرُ الحَقِّ، وغَمْطُ النّاسِ[3] - ކިބުރުވެރިކަމަކީ ޙަޤީޤަތް ވަންހަނާކުރުމެވެ. އަދި މީހުންނަށް ފުރައްސާރަކުރުމެވެ.))

4-        ﷲގެ އަމުރުފުޅާ ކުރިމަތިލުމުގައި އަމިއްލަ ރައުޔު ބޭނުންކުރުން: ލަޢުނަތްލެއްވި އިބިލީސް މި ވަނީ ﷲގެ އަމުރުފުޅާ ކުރިމަތިލުމުގައި އޭނާގެ ރައުޔު ބޭނުންކުރުމުގެ ސަބަބުން މަގުއޮޅިފައެވެ. އޭނާގެ ނުކިޔަމަންތެރިކަމަށް ބަހަނާދެއްކުމުގައި ސަބަބަކަށް  ހެދީ އޭނާގެ މި ދޯހަޅި ރައުޔެވެ. އިބިލީސް އޭނާގެ ރައުޔުން ޤިޔާސްކުރުމަށް ފަހު އޭނާގެ ރައުޔު ތިލަފަތުގެ އެއްފަރާތަށް މާތްﷲ އާދަމުގެފާނަށް ސަޖިދަކުރުމަށް ކުރެއްވި އަމުރުފުޅު އަނެއް ފަރާތަށް ލައި ކިރިއެވެ. ﷲގެ އަމުރުފުޅުގެ މައްޗަށް ބުރަކުރީ އޭނާގެ އަމިއްލަ ރައުޔެވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ. "އެންމެ ފުރަތަމަ ޤިޔާސްކޮށް ކުށްހެދި މީހަކީ އިބިލީހެވެ." ދީނުގެ ކަންތައްތައް އެ މީހެއްގެ އަމިއްލަ ރައުޔާ އެއް ގޮތަށް ޤިޔާސްކުރާ މީހަކީ އިބްލީހާ އެއް ފަދަ މީހެކެވެ. އިބްނު ސީރީން ވިދާޅުވިއެވެ." އިރަށް އަޅުކަންކުރާން ފެށުނީ ޤިޔާސުގެ ސަބަބުންނެވެ. "މި ޒަމާނުގައި  ﷲގެ  ޝަރީޢަތް ވަނީ "ކުޅިވަރު ކުޅޭ ދަނޑަކަށް" ހަދައިފައެވެ. ކޮންމެ މީހަކު ވެސް މި ދަނޑުގައި އޭނާގެ ހަވާނަފުސާ އެއް ގޮތަށް މިއަދު ދަނީކުޅެމުންނެވެ.

5-        ކަނުކަމާއި ކުށްހެދުން ވާރުތަވުން: އިބިލީހުގެ ބޮޑާކަމުން އޭނާ ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވުން ބިނާކުރީ ކުށް ޤިޔާސެއްގެ މަތީގައެވެ. އޭނާ ނިންމި ގޮތުގައި އަލިފާން މަށްޓަށް ވުރެ މާތެވެ. މަށީގެ މައްޗަށް އަލިފާން އަރައިގެންދާތީއެވެ. އަލްޤުރްޠުބީ ވިދާޅުވިއެވެ. "ﷲގެ ޢަދުއްވު އިބިލީސް މަށްޓަށް ވުރެ އަލިފާން މާތްކަމަށް ނިންމި ނިންމުމުގައި އެކަލޭގެއަށް ވަނީ އޮޅިފައެވެ. ހަމަކަށަވަރުން އަލިފާނަށް ވުރެ މަށި އެތައްއެތައް ގޮތަކުން މޮޅުވެގެންވެއެވެ. މަށްޓަކީ މަޑުމައިތިރި ސާބިތުކަން ބޮޑު އެއްޗެކެވެ. އެއީ ލަދުވެތި، ކެތްތެރި ރުޅިއިސްނުކުރާ އެއްޗެކެވެ. އާދަމުގެފާނު ﷲގެ އަމުރުފުޅާ ޚިލާފުވެވަޑައިގެންނެވުނު ހިނދު އެ ކަމަށް ދެރަފުޅުވެ ތަވާޟުޢުވެރިވެވަޑައިގަތީ މިހެންވެގެންނެވެ. އެކަލޭގެފާނު ތައުބާވެވަޑައިގެން އިސްތިޣުފާރުކުރެއްވީ މިހެންވެގެންނެވެ. މިއާ ޚިލާފަށް އަލިފާނަކީ ލުއި އެއްޗެކެވެ. ސާބިތުކަމެއް ނެތި ފަރާތްފަރާތަށް ލެނބި ހޫރޭ އެއްޗެކެވެ. ވަކި ތަނެއްގައި ހަމަޖެހުމެއް ނެތް އެއްޗެކެވެ. އިބިލީސް ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމަށް ފަހު މި ނުކިޔަމަންތެރިކަމުގައި ދެމިހުރީ މިހެންވެގެންނެވެ. މި ކަމުގެ ސަބަބުން އެކަލޭގެއަށް ހަލާކާއި ޢަޒާބާއި ލަޢުނަތާއި އަބާއްޖަވެރިކަން ވާރުތަވިއެވެ.

6-        ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ސުވަރުގޭގެ ވެއްޔަކީ ކަސްތޫރިއެވެ. ސުވަރުގޭގައި އަލިފާން ހުންނަ ވާހަކަ ޤުރްއާނުން ވެސް އަދި ސުންނަތުން ވެސް އެނގޭކަށް ނެތެވެ. އަދި ނަރަކައިގައި ވެލި ހުންނާނެ ވާހަކަ ވެސް އެނގޭކަށް ނެތެވެ.

7-        ﷲގެ ޢަދުއްވުންނަށް ޢަޒާބު ދެއްވަނީ އަލިފާނުންނެވެ. އެއްވެސް މަޚުލޫޤަކަށް ވެލީން ޢަޒާބެއް ނުދެއްވާނެތެވެ.

8-        ވެލި އަލިފާނަކަށް ބޭނުމެއް ނުވާނެއެވެ. އެހެނަސް އަލިފާނަށް ތަނެއް ބޭނުންވާނެއެވެ. މި ތަނަކީ ވެއްޔެވެ.  

9-        ވެއްޔަކީ އެތާނގެ މަތީގައި ނަމާދު ކުރެވޭ ޠާހިރު އެއްޗެކެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ((جُعِلَتِ الأرْضُ كلُّها لي ولأُمَّتي مَسجِدًا وطَهورًا[4]- ބިންމަތީގެ ހުރިހާ ތަނެއް ތިމަންކަލޭގެފާނަށާއި ތިމަންކަލޭގެފާނުގެ އުންމަތަށް މިސްކިތެއް ކަމުގައްޔާއި ޠަހޫރު އެއްޗެއް ކަމުގައި ލެއްވެވިއެވެ.)) މިއާ ޚިލާފަށް އަލިފާނަކީ އަމާން ތަނެއްނޫނެވެ. އަލިފާން ލެއްވީ ބިރުގެންވުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ [5] - اللَّه އަލިފާނުން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. ))

10-     އިބިލީސް، ޖަޙީމަށް (ނަރަކައަށް) ވަންނާން ޖެހުނު ބޮޑާކަމުގެ ޢުންޞުރުތަކާ ދުރަށްދެވޭތޯ މަސައްކަތްކުރާށެވެ! މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. ((حَاسِبُوا أنفسَكم قَبلَ أنْ تُحَاسَبوا، وَزِِنُوا أنفسَكم قبل أنْ تُوزَنُوا، فإنَّه أخفُّ عليكم في الحسابِ غدًا أن تُحاسِبوا أنفسَكم اليومَ [6]- ތިޔަބައިމީހުންގެ ހިސާބު ބެލެވުމުގެ ކުރީން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ހިސާބުކޮށް ބަލާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް މީޒާނަށް ލެވި ކިރައި ވަޒަންކުރުމުގެ ކުރީން ތިޔަބައިމީހުންގެ ނަފުސުތައް ކިރައި ވަޒަންކުރާށެވެ! ފަހެ ހަމަކަށަވަރުން މިއަދު ތިޔަބައިމީހުންގެ ނަފުސުތައް ހިސާބުކޮށް ބެލުން މާދަމާގެ ހިސާބުބެލުމަށް ވުރެ ލުއިކަން ބޮޑުވާނެއެވެ.)) މާދަމާގެ ހިސާބުބެލުމުގައި އެއްވެސް ކަމެއް ވަންހަނާވެގެން ނުވާނެއެވެ.

11-     އެ މީހެއްގެ ހިތުގައި ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވާ މީހާ ސުވަރުގެ ނުވެއްދެވުން: ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((لا يَدْخُلُ الجَنَّةَ مَن كانَ في قَلْبِهِ مِثْقالُ ذَرَّةٍ مِن كِبْرٍ[7] - އޭނާގެ ހިތުގައި ބޮޑާކަމުގެ ޒައްރެއްގެ މިންވަރު ވާ މީހާ ސުވަރުގެ ނުވަންނާނެތެވެ.))

 

ބައެއްލަފުޒުގެ މާނަ:

ބޮޑާކަން     ނއނ.  ތިމާގެ މިންވަރަށް ވުރެ މޮޅުވެގެން އުޅޭކަން.  

އުންސުރު    ނ.    (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. element

މީޒާން       ނ.    (1) ކިރައި ވަޒަންކުރާން ބޭނުންކުރާ އެއްޗެއް. scale (2) ހަމަހަމަ

ފުރޫޒު        ނ.    ދަލީލެއް ނެތް ހާލަތުގައި، ލިބިފައިވާ މައުލޫމާތު ނުވަތަ ތަޖުރިބާތަކަށް ނުވަތަ ލިސާންތަކަށް ބިނާކޮށް، ކަމެއް ހިނގައިފައިވާ ނުވަތަ ހިނގާނެ ކަމަށް ލަފާކުރާ ނުވަތަ ބުރަވާ ގޮތް. assumption

ޒައްރު        ނ.    (1) އެއްޗަކުން ވަކިވާ ހަމަލޮލަށް ނުފެންނަހާ ކުޑަ މިންވަރު. atom (2)   ވައިގެ ތެރޭގައި އުދުހޭ ކުދިކުދި އެތިއެތިކޮޅު.

 
މަރުޖާ

[1]  - ص: 75 - 77

[2]  - الأعراف: 12

[3] - أخرجه مسلم (٩١) و أبو داود (٤٠٩٢) وابن حبان (٥٤٦٧)، والحاكم (٧٥٧٠)

[4]  - أخرجه أحمد (٢٢١٣٧) والبيهقي (١٠٣٣)

[5]  - الزمر: 16

[6]  -  أخرجه أحمد في ((الزهد)) (٦٣٣)، وابن أبي الدنيا في ((محاسبة النفس)) (٢)

[7]  - أخرجه مسلم (٩١) والترمذي (١٩٩٩) وأحمد (٣٩٤٧) والحاكم (٥٧٥٧) والبيهقي في ((شعب الإيمان)) (٧٨٥٠)

ކޮމެންޓު