ad_banner
އެމެރިކާ ޑޮލަރަށް އިރުއޮއްސެނީބާ؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

29 ޖަނަވަރީ 2026

ޓުރަންޕާއި ޖެރޯމް ޕަވަލްގެ އިގުތިސާދީ ކުރިމަތިލުމަކީ ދުނިޔޭގެ މާތީ ނިޒާމަށް އަސަރުކުރަނެ ކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާއި ޖެރޯމް ޕަވަލްގެ [ހަނގުރާމަ]އަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. އެއީ އެ ކަމުގެ ލޮޅުން މުޅި ޢާލަމީ ނިޒާމަށް އަންނާނެ ފަދަ [ހަނގުރާމަ]އެކެވެ.

މި ވަގުތު ދުނިޔޭގައި ދައުރުވަމުންދާ އެންމެ މުހިންމު ޚަބަރަކީ މާއްދީ ހަނގުރާމައެއްގެ ޚަބަރެއް ނޫނެވެ. އެ ޚަބަރަކާ ބޮމާއި މިސައިލަކާ އެއްވެސް ގުޅުމެއް ނެތެވެ. މި ވަގުތު ދުނިޔޭގައި ހިނގަމުންދާ ޙަޤީޤީ މާލީ ހަނގުރާމައަކީ ވައިޓް ހައުސްއާއި މަރުކަޒީ ބޭންކުތަކާ ދެމެދު ހިނގާ ހަނގުރާމައެވެ. އެއީ ހުޅަނގުގެ ސާމުރާޖީ ދައުލަތްތަކަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. މި ކޯޅުންގަނޑުގެ ސަބަބުން ހުޅަނގުގެ އެއްބައިވަންތަކަމާއި، ބާރު ނެތިގެން ހިނގައިދާނެއެވެ.

ޖެރޯމް ހޭޑަން "ޖޭ" ޕަވަލްއަކީ އެމެރިކާގެ މަރުކަޒީ ބޭންކަރެވެ. އޭނާއަކީ އެމެރިކާގެ ފެޑެރަލް ރިޒާވްގެ 16ވަނަ ޗެއަރމަނެވެ. އޭނާ އެ މަޤާމާއި ހަވާލުވީ 2018ވަނަ އަހަރުއެވެ. ޖެރޯމް ޕަވަލަކީ އެންމެ މީހެއް ނޫނެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުގެ ޗެއާމަނަކީ ޙަޤީޤަތުގައި ދުނިޔޭގެ ބޭންކަރުންގެ މަންދޫބެވެ. ބޭންކަރުންގެ އިއްތިހާދަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ޢާލަމީ މުއައްސަސާއެވެ. ވިލާތާއި، އެމެރިކާގެ އިއްތިހާދުކަމުގައި ވިޔަސް، ނުވަތަ ދުނިޔޭގެ މާލީ ނިޒާމުކަމުގައި ވިޔަސް، ހުރިހައި ކަމެއް އެ މީހުންގެ ކޮންޓުރޯލުގެ ދަށުގައި އޮވެ ހިނގަމުން އަންނަތާ ޤަރުނުތަކެއް ވެއްޖެއެވެ. އެއީ، ވިލާތުގެ ޤައުމުތަކާއި، އިނގިރޭސިވިލާތާއި، ކެނެޑާއާއި، އޮސްޓްރޭލިއާއާއި އެހެނިހެން ބޮޑެތި މަރުކަޒީ ބޭންކުތަކުން ފާޅުގައި ޕަވަލްގެ ފަހަތުގައި ތިބި ސަބަބެވެ.

ޓުރަންޕު ބޭނުންވަނީ ސޫދުގެ ރޭޓު ދަށްކުރާށެވެ. ޕަވަލް ވަނީ އެ ކަމަށް ފާޅުގައި ދެކޮޅުހަދައިފައެވެ. ފަހަކަށް އައިސް ޓުރަންޕު ވަނީ ޖެރޯމް ޕަވަލަށް ފިއްތުންތައް ކުރިމަތިކޮށް ޖިނާޢީ ތަޙުޤީގެއް ވެސް ފަށައިފައެވެ. އަދި، އެ ވަގުތުން ފެށިގެން ދުނިޔޭގެ މާލީ ބާޒާރަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އެއީ، ޕަވަލްގެ ޒާތީ މައްސަލައެއް ނޫނެވެ. އެއީ، އެމެރިކާ ޑޮލަރުގެ ނިޒާމަށް ކުރިމަތިވެފައިވާ އިމްތިޙާނެކެވެ. ފެޑްގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ވަރަކަށް، އެމެރިކާ ޑޮލަރުގެ އިތުބާރު ދާނީ ނެތެމުންނެވެ. އަދި، އެމެރިކާ ޑޮލަރު ދާނީ ހީނަރުވަމުންނެވެ. މިއަދު، ރަނާއި ރިހި މި ވަނީ އިންޝުއަރެންސްގެ ވަސީލަތަކަށް ވެފައެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި، ރަނާއި ރިހީގެ އަގު އަންނަނީ ބޮޑުވަމުންނެވެ.

ހުޅަނގުގައި ހިނގަމުންދާ ހަމަނުޖެހުމަކީ، މާލީ ނިޒާމު ފުނޑުފުނޑުވުމުގެ ފެށުމެވެ. މަރުކަޒީ ބޭންކުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އިޢުލާންކުރުމާއި، ޖެރޯމް ޕަވަލް ޙިމާޔަތްކުރުމުގެ މާނައަކީ، އެމެރިކާއިން ރަތް ރޮނގު ހުރަސްކޮށްފައިވާކަން އަންގައިދޭ ކަމެކެވެ. އަދި، އެއީ ވިލާތުގެ ސާމުރާޖީ ދައުލަތްތަކަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. އޭގެ އިތުރަށް، އެއީ އެމެރިކާގެ މާލީ ނިޒާމަށާއި، އެމެރިކާ ޑޮލަރަށް އިރުއޮއްސޭން އުޅޭކަމުގެ ބޮޑު ޢަލާމާތެކެވެ.

ކޮމެންޓު