ad_banner
ރަމަޟާން މަހަށް އިސްތިޤުބާލުކުރާނީ ކިހިނެއް؟

ފާޠިމަތު ލަމްހާ

29 ޖަނަވަރީ 2026

ރަމަޟާން މަހުގެ ހަނދާންތަކެއް (ފޮޓޯ: ފަރަގު)

ރަމަޟާން މަސް މިހާރު މި ވަނީ ބޯމަތިވެފައެވެ. ރަމަޟާން މަހު ރޯދަހިފުމަށް ޓަކައި ތައްޔާރުވާންވީ ވަގުތު މި ވަނީ ކުޑަތަންވެފައެވެ. ރޯދައިގެ ޙުކުމްތަކާއި ސުންނަތްތަކާއި ރޯދަގެއްލޭ ކަންތައްތަކާއި މި ނޫނަސް ރޯދައާ ބެހޭ މަޢުލޫމާތު ހޯދައި ތައްޔާރުވާންވީއެވެ. ރޯދަ ހިފުމަކީ ހަމައެކަނި ވާޖިބެއް އަދާކޮށްލުމުގެ އިތުރަށް އެއީން ލިބޭ ރޫޙަނީ އަދި މާއްދީ ފައިދާތަކެއް ވެސް ވާކަން ދަނެ އެ ކަމަށް އަޅުގަނޑުމެން އަހުލުވެރިވާންވީއެވެ.

ރޯދަހިފުމުންވާ ފައިދާއަށް ބަލައިލާ އިރު ފާހަގަކޮށްލާންޖެހޭ ދެތިން ކަމެއް އެބައޮތެވެ. އެއް ކަމަކީ [އަލްޙަކީމް]އަކީ ﷲ ގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެކެވެ. މި ލަފުޒު އުފެދިފައިވަނީ [ޙުކުމް]އާއި [ޙިކްމަތް] މި ދެ ލަފުޒުންނެވެ. މިއިން ދޭހަކޮށްދޭ މާނައަކީ ހުރިހައި ޙުކުމެއް ކަނޑައަޅުއްވާ ފަރާތަކީ މާތް ﷲ ކަމެވެ. އަދި އެ ޙުކުމްތަކަށް އެއްވެސް އުނި އިތުރެއް ގެނާން ނުޖެހޭނެކަމާއި، އެއީ އެންމެ ފުރިހަމަ އެންމެ ޙިކުމަތްތެރި ޙުކުމްތައްކަމެވެ.

ދެވަނަ ކަމަކީ ﷲ ޙުކުމްފުޅެއް ކަނޑައަޅުއްވާނީ އޭގައި ބޮޑުވެގެންވާ ޙިކުމަތެއްވާތީއެވެ. އެ ޙިކުމަތަކީ ފަހަރެއްގައި އަޅުގަނޑުމެންގެ ސިކުނޑިތަކަށް ވިސްނައިގަނެވޭ ޙިކުމަތެއްކަމުގައި ވެސް ވެދާނެއެވެ. ނުވަތަ އެއީ އަޅުގަނޑުމެންގެ ވިސްނުންތަކަށް ނޭނގޭ ފަދަ ޙިކްމަތެއްކަމުގައިވެސް ވެދާނެއެވެ. ނޫނީ ޙިކްމަތުން ބައެއް އެނގި، ބޮޑު ބައެއް ފޮރުވިފައި ވެސް އޮވެދާނެއެވެ.

ތިންވަނަ ކަމަކީ، އިންސީންނާއި ޖިންނީންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ސަބަބާއި އޭގެ ޙިކުމަތް މާތް ﷲ ވަނީ އަންގަވައިފައެވެ. ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި އެކަލާނގެ އަންގަވަނީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށް ޓަކައެވެ.]

އެހެންކަމުން ރޯދައަކީ ތަޤްވާވެރިވުމަށް އޮތް މަގެކެވެ. ތަޤްވާވެރިކަމަކީ އެންމެ ކުރުކޮށް ބަޔާންކުރާ ނަމަ، އެ ކަމެއް ކުރުމަށް މާތް ﷲ އެންގެވި ކަންތައްތައް ކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުވެގެން ތިބުމެވެ.

ރޯދަ ހިފުމަކީ އިސްލާމްދީނުގައިވާ މަގުން ހިނގުމަށް ޓަކައި މީހާއަށް އެންމެ ބާރުއަޅައިދޭ އެއް ކަންތަކެވެ.

ތަޤްވާވެރިވުމުގައި ހުންނަންޖެހޭ ސިފަތަކަށް ބަލައި، ރޯދަ ހިފަންވީ ސަބަބުތައް ދީނީ ޢިލްމުވެރީން ވެސް ތަފުސީރުކޮށްދެއްވައިފައިވެއެވެ. އޭގެ ބޭނުމަކީ ރޯދަވެރިޔާ އެ ސިފަތަކަށް ސަމާލުކަންދީ އެ ސިފަތައް ހޯދައިގަތުމުގެ ބޭނުމުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

ރޯދަ ހިފުމުގެ ފަހަތުގައި ހިކުމަތްތެރި ސަބަބުތަކެއް ވެއެވެ.

ދުނިޔޭގައި އުޅުމުގައި ލިބޭ އުފަލާއި ހިތްހަމަޖެހުމަށް ޝުކުރެވިވުމަށް ރޯދަހިފުމުގެ ސަބަބުން ދަސްވެދެއެވެ. އެންމެ އުފާވެރިކަން ލިއްބައިދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކެއުމާއި ބުއިމާއި ޖިންސީ އެދުން ފުއްދުމުން ދުވާލުގެ ވަގުތުގައި ރޯދަވެރިޔާ ދުރުވެ ހުންނަންޖެހޭ ކަމެވެ. މި އެދުންތަކުން ދުރުވެ ހުންނާން ޖެހުމުން، އޭގެ އަގު އަޅުގަނޑުމެންނަށް ވަޒަންކުރެވެއެވެ. އެހެންކަމުން، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެވެއެވެ.

ރޯދަ ހިފުމަކީ ހަރާމްކަންތައްތަކުން ދުރުވުމަށް ލިބޭ ބާރެކެވެ. ސަބަބަކީ ﷲގެ ރުހިވޮޑިގަތުން ލިބިގަނެ، ގަދަފަދަވެގެންވާ އަޒާބުން ސަލާމަތްވުމަށް ޓަކައި ހަލާލު ކަންތައްތަކުން ދުރުވެވޭނަމަ، ހަރާމް ކަންތައްތަކުން ދުރުވެވުމުގެ ފުރުޞަތު މާބޮޑެވެ. އެހެންކަމުން، ރޯދައަކީ ނުބައިކަންތައްތަކުން ދުރުކޮށްދޭ ކަމެވެ.

ރޯދަހިފުމަކީ ތިމާ ހަވާނަފުސުގެ އެދުންތަކުން ދުރުކޮށްދޭ ކަމެކެވެ. މީހާ ކައިގެން ހުންނަ ވަގުތުގައި އޭނާގެ އެދުންތައް ދާނީ އިތުރުވަމުންނެވެ. ނަމަވެސް ބަނޑުހައިވެފައި ހުރެއްޖެ ނަމަ، މީހާ ވަރުބަލިވެ ހަވާނަފުސުގެ އެދުންތަކުން ދުރުކޮށްދެއެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރައްވާފައިވެއެވެ. [އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރެވޭނެ ގާބިލުކަން ލިބިފައިވާ މީހާ އެ ކަން ކުރާހުށިކަމެވެ. އެއީ މީހާގެ ބެލުން ތިރިކޮށްދީ، މީހާގެ ނަފުސު ތާހިރުކަންމަތީ ބެހެއްޓުމަށް ޓަކައެވެ. ނަމަވެސް، ކައިވެނިކުރެވޭނެ ފަދައެއް ނެތް މީހާ ދަންނާށެވެ. އޭނާ ރޯދަ ހިފާހުށިކަމެވެ. ރޯދައަކީ އޭނާއަށް އޮތް ރައްކާތެރިކަމެކެވެ.]

 ރޯދަ ހިފުމުގެ ސަބަބުން ފަގީރު ނިކަމެތިންގެ ހާލު އިހުސާސްކުރެވި، އެ މީހުންނާ މެދު ލޯބި އުފެދެއެވެ. ރޯދައަށް ހުންނައިރު ބަނޑުހައިހޫނުކަމުގެ އިޙުސާސް ވަގުތުކޮޅަކަށް ނަމަވެސް ކުރެވޭތީ އަބަދު އެހާލުގައި އުޅޭ މީހުންގެ މަތީން އޭނާ ހަނދާންވެއެވެ. އަދި އޯގާތެރިކަމާ އެކު އެ މީހުންނަށް އެހީވުމަށް އަވަސްވެގަނެވެއެވެ. އެހެންކަމުން ރޯދައަކީ ފަގީރުންނާ މެދު ހަމްދަރުދީއާއި ލޯބި އުފައްދައިދޭ ކަމެކެވެ.

އަބަދުވެސް ﷲ ބައްލަވައިވޮޑިގެންވާކަން ރޯދަވެރިޔާ ހަނދާންކޮށް އޭނާގެ ނަފުސު އެ ގޮތުގައި ތަމްރީނުކުރެވެ. ރޯދައަށް ހުރެ އެއްކިބާވާން ޖެހޭ ކަންތައްތަކަކީ އެއްވެސް މީހަކަށް ނޭނގި ސިއްރުން ވެސް ކޮށްލެވިދާނެ ކަމެއް ނަމަވެސް، ރޯދަވެރިޔާ އެ ކަންކަމުން ދުރުވެ އެ ހުންނަނީ ﷲ ބައްލަވައިވޮޑިގެންވާތީއެވެ. އެކަން ހަނދާންކޮށްގެނެވެ.

ރޯދައިގެ ސަބަބުން ދުނިޔެއަކީ އަދި ދުނިޔޭން ލިބޭ އުފާތަކަކީ މާބޮޑު މާނައެއް ނެތް، ވަގުތީ އުފާތަކެއްކަން ދަނެ، އެ ވިސްނުން އަށަގަނެއެވެ. އަދި ﷲގެ ހަޟުރަތުން ލިބޭން އޮތް ދާއިމީ އުފާ ލިބިގަތުމަށް މަސައްކަތްކުރެވެއެވެ.

ރޯދައިގެ ސަބަބުން ﷲއަށް އަޅުކަންކުރުމުގެ އާދަ އަށަގަނެއެވެ. ރޯދަވެރިޔާ އާންމު ގޮތެއްގައި ޤުރުއާން ކިޔެވުމާއި އަދިވެސް އެހެން އަޅުކަންތަކުގައި ޝާމިލުވެ އުޅުން ގިނައެވެ. އަދި މި ގޮތުގައި އެއް މަސް ދުވަސް ހޭދަކުރުމުން އެކަން އާދައެއްގެ ގޮތުގައިވެ، އެކަންތައްތަކަށް ލޯބިޖެހޭ ގޮތް ވެއެވެ.

މިއީ ރޯދަހިފުން ފަރުޟުކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ވަރަށް މަދު ބައެއް ސަބަބުތަކެވެ. ހުރިހައި ސަބަބެއް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲއެވެ.

މި މަޤުޞަދުތައް ހާސިލުވެ، ހެޔޮ ގޮތުގައި ﷲ އަށް އަޅުކަންކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! އާމީން.

ކޮމެންޓު