ފާޠިމަތު ލަމްހާ
27 ޖަނަވަރީ 2026
ދެމަފިރީން ކުޑަ ދަރިފުޅަކު އުރައިލައިގެން.
ދުނިޔެމަތީގައި ދެމަފިރިއަކަށް ދެއްވާނޭ އެންމެ ބޮޑު އެއް ނިޢުމަތަކީ އެ ދެމަފިރީންގެ ޙަޔާތް އުޖާލާކުރާނޭ ދަރިއަކު ދެއްވުމެވެ. ބަނޑުގައި ހޭދަވާ ނުވަ މަސްދުވަހުގެ ދިގު ދަތުރުގެ ތެރޭގައި ވޭނާއި އުނދަގުލާއި ކެކުޅުންތައް ތަޙައްމަލުކުރުމަށް ފަހު ﷲ ގެ ހެޔޮ ރަޙުމަތާއި ވާގިފުޅުން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ލޯބިލޯބި ރުއިމުގެ އަޑަކާ އެކު، އުފަންވާ ދަރިފުޅު ތަރުބިއްޔަތުކުރުމުގެ ބުރަ މައްސޫލިއްޔަތު އަޅުގަނޑުމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް ހަނދާންނެތެނީ ކީއްވެބާއެވެ؟ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެ މީހެއްގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅިފައިވާ ބަޔެއްކަމާއި އަދި ޤިޔާމަތް ދުވަހު އެ މަސްއޫލިއްޔަތުތަކާ މެދު ސުވާލުކުރެވޭނެ މީހެއްކަން ހަނދާންނެތެނީ ކީއްވެބާއެވެ؟
ހިތާމައަކީ މި ފަދަ ބޮޑު ނިޢުމަތެއް ދެއްވުމުން ވެސް އަހަރެމެންނަށް އެ ނިޢުމަތްތަކަށް އިޙުމާލުވެވޭކަމެވެ. ދަރީން ހެޔޮ ގޮތުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި މައިންބަފައިންނަށް ތަރުބިއްޔަތު ނުކުރެވި، މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލެވޭކަމެވެ. މުޖުތަމަޢުގައި މާރާމާރީއާއި ފިތުނަފަސާދަ އާދަކާދައަކަށްވެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަމަކީ ތާރީޚީ ކަމަކަށްވެ، މުޖުތަމަޢުގައި ހަރުލައިފައި ހުރި އިޖުތިމާޢީ ގިޔަމުތަކާއި އަޚުލާޤީ ރިވެތި ސިފަތައް ގެއްލެނީ ކޮން ބަޔެއްގެ ސަބަބުންތޯއެވެ؟ ވައްކަން ކުރުމާއި ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މީހުން މެރުމާއި ޒިނޭކުރުމާއި ކުޑަކުދީންނާ އެކު ބަދުއަޚުލާޤީ ޢަމަލުހިންގުމާއި މި ނޫން ވެސް ދިވެހި މުޖުތަމަޢު ސިފަކުރުމުގައި މިއަދު ބޭނުންކުރާން ޖެހިފައިވާ ކޮންމެ ހާދިސާއެއްގައި އެތައްއެތައް ކުޑަކުދީންނެއް ޝާމިލުވަމުން އެބަދެއެވެ. އެ ކުދީން މި ދުނިޔެއަށް އައިސްފައި އެވަނީ މައިންބަފައިން ނެތިތޯއެވެ؟ އެ ކުދީން އެ ކުރާ ކުށްތަކުގެ ޒިންމާ މައިންބަފައިން އުފުލާން ނުޖެހޭތޯއެވެ؟
އެންމެހައި ލޮބުވެތި މައިންބަފައިންނޭއެވެ! ފުށްގަނޑެއް އަޅުގަނޑުމެން ބޭނުން ގޮތަކަށް މޮޑެލެވޭ ބީދައިން ކުޑަ ދަރިފުޅު ވެސް އަޅުގަނޑުމެން ބޭނުން ގޮތަކަށް ތަރުބިއްޔަތު ކޮށްލެވިދާނެއެވެ. އެ ކުއްޖާއަކީ ރިވެހި އަޚުލާޤުގެ ވެރިޔަކަށް ހަދާން ބޭނުން ނަމަ އެ ކަން ވެސް ކުރެވިދާނެއެވެ.
ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާއަކީ ޚާއްސަކޮށް މަންމަގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ފިރިމީހާގެ މުދަލާއި ގޯތިގެދޮރާއި ދަރީން ބެލެހެއްޓުމަކީ އިސްލާމްދީނުގައި މައިމީހާގެ ވަޒީފާއެވެ. އަނބިދަރީންނަށް ކާންބޯންދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެހެންނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ތެރެއިން ފެންނަނީ އިސްލާމު ދީނުގެ ރިވެތި އުސޫލުތަކާ ޚިލާފަށް ކަންތައްވަމުންދާ މަންޒަރެވެ. މި ކާއިނާތާއި ކާއިނާތުގެ ތެރޭގައި ވާހައި އެއްޗެއް ޚަލްޤުކުރެއްވި ހުސްތާޙިރުވަންތަ، ޙިކުމަތްވަންތަ ޙަކީމުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކާއި ޚިލާފަށް އަޅުގަނޑުމެންގެ ނިކަމެތި ސިކުނޑިތަކުން ވިސްނާ ވިސްނުންތަކާ އެއް ގޮތަށް ޢަމަލުކުރަމުންދާ ތަނެވެ. ދެމަފިރީން ރެއާއި ދުވާލު ވަޒީފާގައި އުޅެމުން ދަރީން ކޮންމެވެސް ބޭރު ކަރައެއްގެ މީހެއްގެ ބެލުމުގެ ދަށުގައި ތަރުބިޔަތުކުރާން ދޫކޮށްލައިފައިވާ ހިތާމަވެރި މަންޒަރެވެ.
ހިތާމައެއްގެ ކޮޅެއްވެސް ނެތެއެވެ. މަންމަގެ ބަނޑުބޮޑުކަން އެނގުމާ އެކު، ފޮނި އުންމީދުތަކަކާ އެކު ލޯބީން ބަލައި ބޮޑުކޮށް ތަރުބިއްޔަތުކުރުމުގެ ހުވަފެންތައް ދެކެމުން އައި އެ މަންމަގެ އިޙުސާސްތަކާއި ޝުއޫރުތައް ވިހެއުމުގެ ބުރަތަކާއި އުނދަގޫތަށް ތަޙައްމަލުކުރުމަށް ފަހު، ޖަހާ ރާޅުތަކާއި ޖެހޭ ފިނިފިނި ވަޔާ އެކު ފަޒާގެ ތެރެއަށް ބުރުވައިލެވުނީބާއެވެ! ﷲ ތަޢާލާގެ ނިޢުމަތް ހަނދާންނެތުނީބާވައެވެ؟ މީހުންގެ އެސްފީނާތަކުންނާއި ބަދު ދުޢާތަކުން ސަލާމަތްކުރާން ލޯބިލޯބި އެނދެއްގެ ތެރޭގައި ބަލައި ބޮޑުކުރަމުން އައި ދަރިފުޅު އެންމެ ފަހުން ބޭރު މީހެއްގެ އުނގުގެ ތެރެއަށް ދާންޖެހުނީއެވެ. ބޭރުމީހެއް ކީއްކުރަންތޯއެވެ! ގިނަ ފަހަރަށް މުސްލިމު ނޫން މީހެއްގެ "ލާދީނީ" ތަރުބިއްޔަތުގެ ހިޔާވަހިކަމުގެ ތެރެއަށެވެ. ހަމަ ތެދެކެވެ. [ތިމާ ލޯބިކުރާ އެއްޗެއް ތިމާގެ ލޯމަތީން ބީވެގެން މެނުވީ ތިމާއަށް އޭގެ ހަޤީޤީ އިޙުސާސެއްނުކުރެވޭނެއެވެ.] ދަރީން ލިބުމުގެ ނަޞީބުން މަޙުރޫމުވެފައިވާ ކިތައްކިތައް މީހުން އެބަ އުޅޭތޯއެވެ؟ އެ މީހުންގެ އިޙުސާސްތައް ވަޒަންކުރެވޭބާއެވެ؟ އެހެންކަމުން ﷲ ތިބާއަށް ދަރީން ދެއްވުމުން އެ ނިޢުމަތަށް ޝުކުރުކުރުމަކީ އެ އަމާނާތުން ތިބާ އެއްކިބާވުންތޯއެވެ؟ ނޫނެކެވެ.
އަޅުގަނޑުމެންނަށް ޢިއްޒަތާއި ޤަދަރާއި ޝަރަފު ގެނެސްދިން މަތިވެރި އިސްލާމު ދީނާއި އެ ދީނުގެ ރިވެތި އަޚުލާޤާއި ސުލޫކާއި އެ ދީން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވި މި އުންމަތުގެ މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ރިވެތި އިރުޝާދުތަކަށް ރުޖޫޢަނުވާހައި ހިނދަކު އަޅުގަނޑުމެންނަށް ދުނިޔެއާއި އާޚިރަތުގެ ހެވެއްނެތެއެވެ.
އަޅުގަނޑުމެންގެ ތެރެއިން އިސްވެ ދިޔަ ޖީލުތަކުގެ ރަސޫލުންނާއި ނަބީންނާއި ސަލަފުއްޞާލިޙުންގެ ޙަޔާތުން ޢިބްރަތް ލިބިގަންނަމާތޯއެވެ! ހަމައެހެންމެ ސުވަރުގޭގެ ދާއިމީ ގޮވައްޗަށް އެދިގެން ދަރީން ތަރުބިޔަތުކުރި މަންމަގެ ބުރަ މަސައްކަތާއި ނަޞޭޙަތުގެ ބަސްތަކުން ޢިބުރަތް ލިބިގަންނަމާތޯއެވެ!