ޙަކީމް ސަލްމާނު ފަހުމީ
25 ޖަނަވަރީ 2026
ހަޖަމުކުރުމުގެ ނިޒާމު - ޕެޕުސިސް : އިންސާނާ ދިރިހުރުމަށް ޓަކައި އެންމެ މުހިންމު ނިޒާމަކީ މިއީއެވެ.
ޤަދީމީ ބޭސްވެރިކަމުގެ އުސޫލުތަކަށް ބަލާ އިރު، ދުޅަހެޔޮކަމަކީ އިއްތިފާގަކުން ލިބޭ އެއްޗެއް ނޫނެވެ. އަދި ބަލިމަޑުކަމަކީ ކުއްލިއަކަށް ދިމާވާ ހާދިސާއެއް ވެސް ނޫނެވެ. މި ދެ ކަންތަކަކީ ވެސް އިންސާނާގެ ހަށިގަނޑާއި ފުރާނައިގެ މެދުގައި އޮންނަ ތަވާޒުނު (ހަމަހަމަކަން) ނުވަތަ ނުތަނަވަސްކަމުގެ ނަތީޖާއެވެ. މި ދެންނެވި ހަމަހަމަކަމުގެ މަރުކަޒަކީ "ޕެޕްސިސް"އެވެ. މިއީ ޤަދީމީ ޔޫނާނީ ބޭސްވެރިކަމުގައި ކާނާ ބަލައިގަތުމާއި، ހަޖަމުކުރުމާއި، އެ ކާނާ ހަށިގަނޑަށް ބޭނުންވާ މާއްދާތަކަށް ބަދަލުކުރުމާއި، ހަށިގަނޑަށް ނެގުމާއި، އަދި ބޭނުންނުވާ ބައިތައް ބޭރުކުރުމުގެ މުޅި ނިޒާމަށް ކިޔާ ނަމެކެވެ.
ޕެޕްސިސްއަކީ ހަމައެކަނި ބަނޑުގައި ހިނގާ ހަޖަމުކުރުމުގެ މަސައްކަތެއް ނޫނެވެ. އެއީ ކާނާގެ ޒަރީއާއިން ލޭ އުފެދުމާއި، ހަކަތަ ލިބުމާއި، ސިކުނޑީގެ ތޫނުފިލިކަމާއި، ރޫހާނީ ވަރުގަދަކަން ލިއްބައިދޭ ދިރިހުރި ނިޒާމެކެވެ. މި ނިޒާމު ފުރިހަމައަށް މަސައްކަތްކުރާ ނަމަ ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމިހުރެއެވެ. ނަމަވެސް މި ނިޒާމު ބަލިކަށިވެއްޖެ ނަމަ، މަޑުމަޑުން ބަލިތަކުގެ އަސްލު ހަށިގަނޑުގައި މޫލާން ފަށައެވެ.
ޔޫނާނީ ހަކީމުން ބަޔާންކުރައްވާ ގޮތުގައި، ޕެޕުސިސް ކޮންޓުރޯލު ކުރަނީ ހަށިގަނޑުގެ އެތެރޭގައިވާ "އިގުނިސް" ނުވަތަ ފިތުރީ ހޫނުކަމުގެ އެހީގައެވެ. މިއީ ޚާލިޤުވަންތަ ﷲ އިންސާނާގެ ހަށިގަނޑުގައި ލައްވައިފައިވާ ހަކަތައެކެވެ. މި ހޫނުކަމުގެ އެހީގައި ކާނާ [ކައްކައިލައި]، ހަށިގަނޑުގެ ކޮންމެ ހަތާއަކަށް ބޭނުންވާ މިންވަރަށް ފައްކާކޮށްދެއެވެ. ހަޖަމުކުރުމުގެ މަރުހަލާ ބަނޑުން ފެށުނު ކަމުގައިވިޔަސް، އެ މަސައްކަތް ފުރަމޭގައްޔާއި، ލޭގެ ތެރޭގައްޔާއި، ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވެސް ހިނގަމުންދެއެވެ. މި ފިތުރީ ހޫނުކަން ހަމަހަމަކަންމަތީ ހުރެއްޖެ ނަމަ، ހަޖަމުކުރުން ފުރިހަމަވެ، ލިބޭ ފައިދާ ސާފުތާހިރުވާނެއެވެ. ނަމަވެސް މި ހޫނުކަން ދަށްވެއްޖެ ނަމަ، ކާނާ ފުރިހަމައަށް ހަޖަމުނުވެ، ހަށިގަނޑު ބަރުވުމާއި، ވިހަ މާއްދާތައް އުފެދުމާއި، ބަލިތަކަށް މަގުފަހިވެއެވެ.
މި ތިއަރީއާ ވަރަށް އެއް ގޮތް އުސޫލުތަކެއް އިސްލާމީ ބޭސްވެރިކަމުގެ (ޔުނާނީ ތިއްބު) ތެރޭގައި ވެސް ވެއެވެ. އެ ގޮތުން "ޤުއްވަތުލްހާޟިމާ" (ހަޖަމުކުރުމުގެ ބާރު) ހަތަރު މަރުހަލާއަކަށް ބެހިގެންވެއެވެ. އެއީ މައިދާގައި، ފުރަމޭގައި، ލޭހިނގާ ނިޒާމުގައި އަދި ގުނަވަންތަކުގެ ތެރޭގައި ހިނގާ ހަޖަމުކުރުމެވެ. ގިނަ ދުވަސްވީ ބަލިތަކުގެ އަސްލަކީ ހަޖަމުކުރުން ގޯސްވުންކަމުގައި ޢިލްމުވެރީން ފާހަގަކުރައްވައެވެ. ހަޖަމުކުރުން ހަލާކުވުމުން ހަށިގަނޑުގެ މާއްދާތައް (އަޚުލާޠު) ފަސާދަވެ، ލޭގެ ދައުރުވުމަށް ބުރޫއަރައި، ގުނަވަންތައް ބަލިކަށިވެއެވެ. އެހެންކަމުން، ޤަދީމީ ހުރިހައި ބޭސްވެރިކަމެއް އެއްބަސްވާ ގޮތުގައި ޝިފާ ލިބުން ފެށެނީ ހަޖަމުކުރުމުގެ ނިޒާމުންނެވެ.
ޖިސްމާނީ ހޫނުކަމުގެ އިތުރަށް، ޕެޕްސިސް ދަމަހައްޓައިދޭ ނުފެންނަ ބާރެއްވާކަން ވެސް ބޭސްވެރިކަމުގެ ހިކުމަތްތެރީން ގަބޫލުކުރެއެވެ. އެއީ ނޭވާލުމުގެ ތެރެއިން ލިބޭ ދިރުމުގެ ހަކަތައެވެ. މި ހަކަތަ ހަށިގަނޑުގެ އެތެރޭގެ ހޫނުކަން ދަމަހައްޓައިދެއެވެ. މި ހަކަތަ ފުރިހަމައަށް ހުރި ނަމަ، ކާހިތްވުމާއި، ހަޖަމުކުރުން ވަރުގަދަވުމާއި، ހަށިގަނޑަށް ލުއިކަން އިހުސާސްކުރެވޭނެއެވެ. ނަމަވެސް އެތެރޭގެ ހޫނުކަން ދަށްވެއްޖެ ނަމަ، މި ހަކަތަ ބަލިކަށިވެ، ބަނޑުފުއްޕުމާއި، ވަރުބަލިވުމާއި، ނަފުސާނީ ގޮތުން މާޔޫސްވުމާއި، (މި ފަދަ ސަބަބުތަކާ ހުރެ) ހަށިގަނޑުގައި ވިހަ މާއްދާތައް ޖަމާވާން ފަށައެވެ. ކިތަންމެ ރަނގަޅު ކާނާއެއް ކެއި ނަމަވެސް، ހަޖަމުކުރުމުގެ ބާރު ނެތް ނަމަ އެއީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށް ބަދަލުވެއެވެ.
މި ހަގީގަތް އިސްލާމީ ހިކުމަތްތަކުން ވަރަށް ފުރިހަމައަށް ފެންނަން އެބައޮތެވެ. ކެއުމުގައި މެދުމިންކަން އިޚްތިޔާރުކުރުމަށާއި، އިސްރާފު ނުކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ އަންގަވައިފައެވެ: [ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.] (އަލްއައުރާފު: 31).
މާ ގިނައިން ކެއުމަކީ ހަށިގަނޑުގެ އެތެރޭގެ ހޫނުކަން ނައްތައިލައި، ހަޖަމުކުރުމަށް ބުރަބޮޑުވެ، ދިރުން ބަލިކަށިވާ ކަމެކެވެ. މާތް ނަބިއްޔާ ﷺ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. [އާދަމުގެ ދަރިޔާ (އިންސާނާ)، އޭނާގެ ބަނޑަށް ވުރެ ނުބައިވެގެންވާ ކަންވާރެއް ފުރައިފައި ނުވެއެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ ބުރަކަށި ސީދާކޮށް ބެހެއްޓޭނެ މިންވަރުގެ މަދު އެތިކޮޅެއް (ކުޑަ ކާނާކޮޅެއް) ފުދެއެވެ. ފަހެ، އެއަށް ވުރެ އިތުރުކުރާން މަޖުބޫރުވެއްޖެ ނަމަ، ބަނޑުގެ ތިންބައިކުޅަ އެއްބައި ކެއުމަށެވެ. އަދި ތިންބައިކުޅަ އެއްބައި ބުއިމަށެވެ. އަދި އަނެއް ތިންބައިކުޅަ އެއްބައި ނޭވާލުމަށެވެ. (ނުވަތަ ހުސްކޮށް ބެހެއްޓުމަށެވެ)." މިއީ ހަޖަމުކުރުމުގެ ނިޒާމާއި، ހަށިގަނޑުގެ ދިރުން ދެމެހެއްޓުމަށް އޮތް އެންމެ ފުރިހަމަ ސިއްރު ބޭހެވެ.
ހަމައެއާއެކު، ހަޖަމުކުރުމުގެ ނިޒާމާއި ރޫހާނީ ދުޅަހެޔޮކަމާ ވެސް ގުޅުމެއްވެއެވެ. ﷲ ހަނދުމަކުރުމާ އެކު ކާން ފެށުމާއި، މަޑުމައިތިރިކަމާ އެކު ކެއުމާއި، ބަނޑުފުރެންދެން ނުކެއުމަކީ ހަޖަމުކުރުމުގެ ބާރު ރައްކާތެރިކޮށްދޭ ކަންކަމެވެ. ރޭގަނޑު މާ ލަސްކޮށް ކެއުމާއި، އެއްވެސް ފަރުވާލެއް ނެތި ކެއުމަކީ ހަށިގަނޑާއި ހިތް ވެސް ބަލިކަށިކޮށްލާ ކަމެކެވެ. ރަސޫލާ ﷺ ލޯބިކުރެއްވީ ސާދާ ކާނާއަށާއި ވަކި ނިޒާމަކަށް ކެއުމަށެވެ. މިއީ ވަރުގަދަ ހަޖަމުކުރުމުގެ ނިޒާމަކަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.
އިންސާނާގެ އިހުސާސްތަކަކީ ވެސް ޕެޕްސިސްއަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. ހިތާމަކުރުމާއި، ބިރުގަތުމާއި، ރުޅިއައުމާއި، މާޒީގެ ހިތްދަތިކަން އަބަދުމެ ހަނދާންކުރުމާއި، ހަށިގަނޑުގެ ހޫނުކަން ދައްވުމަކީ، ހަޖަމުކުރުމަށް ހުރަސްއަޅާ ކަންކަމެވެ. ހިތް ނުތަނަވަސްވުމަކީ ބަނޑު ނުތަނަވަސްވާ ކަމެކެވެ. ﷲ ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބޭކަމަށް ޤުރުއާނުގައި އޮންނަ އޮތުމަކީ، ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭހަށް ވުރެ ބޮޑު އެހީއެކެވެ.
ހަޖަމުކުރުމުގެ ނިޒާމު ބަލިކަށިވުމުން، އެކަން އަލުން ރަނގަޅުކުރުމަށް ޤަދީމީ ހަކީމުން ލަފާދެއްވަނީ ހަޖަމަށް ލުއިކާނާ ކެއުމަށާއި، ހޫނު ކާނާކެއުމަށާއި، ވަކި ނިޒާމަކަށް ކެއުމަށެވެ. މީގެ އިތުރަށް، ކަސްރަތުކުރުމާއި، ފުރިހަމަ ނިދި ހޯދުމާއި، ފުންކޮށް ނޭވާލުމާއި، ހެނދުނުގެ އަވީގައި އުޅުމަކީ މުހިންމު ކަންކަމެވެ. ބޭހާއި، ތަފާތު ފަތްޕިލާވެލި ބޭނުންކުރީ ހަމައެކަނި ހަޖަމުކުރުމަށް އެހީތެރިވުމަށެވެ. ހަގީގީ ޝިފާއަކީ ފިތުރަތާ އެއްގޮތަށް އުޅުމެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ޕެޕްސިސް ނުވަތަ ހަޖަމުކުރުމަކީ ދުޅަހެޔޮކަމުގެ މައި ނިޒާމެވެ. އެއީ ހަށިގަނޑާއި، ނޭވާއާއި، ރޫހު ބައްދަލުވާ ތަނެވެ. ހަޖަމުކުރުމުގެ ނިޒާމަށް އިހުތިރާމުކުރުމަކީ އަމިއްލަ ފުރާނައަށް އިހުތިރާމުކުރުމެވެ. މި ނިޒާމު ރަނގަޅުވުމުން، އިންސާނާގެ ހަށިގަނޑުގައި ﷲ ތަޢާލާ ލައްވައިފައިވާ އަމިއްލައަށް ބަލިތަކުން ފަސޭހަވުމުގެ ބާރު އަލުން އިއާދަވެ، ދުޅަހެޔޮކަން ހަށިގަނޑަށް އެނބުރި އަންނާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ހާދިސާ ނ. ކުއްލިޔަކަށް ހިނގާ އާދަޔާ ޚިލާފު ކަންތައް.
ނިޒާމު ނ. (1) އިންތިޒާމު. 2) ރޭވިފައިވާ ގޮތް. (3) ތަރުތީބު
ބަލިމަޑުކަން ނ. (1) އެ ބައްޔެއްގައި އުޅޭތާ ގިނަ ދުވަސްވެފައިވާ ބަލިބަލި. (2) ހަމުން ނަގާ ނުރައްކާތެރި ބަލި. (3) ރޯގާ. (4) ވެއްޓޭބަލި.
ދުޅަހެޔޮކަން ނ. (1)ޞިއްޙަތުގެ ރަނގަޅުކަން. (2) ގަދަވެ ހެޔޮޙާލުގައި ހުރިކަން.