ފާޠިމަތު ލަމްހާ
24 ޖަނަވަރީ 2026
އިސްރއީލުން ވެރިރަށް ކަމަށް ބަލާ ތައްލުއަބީބު: އިސްރާއީލީ ދައުލަތަކީ މުސްލިމުންގެ އަތުން ގާނޫނާ ޚިލާފަށް ފޭރިގެންފައިވާ ބިމެކެވެ.
ފަލަސްޠީނު، ފަލަސްޠީނުގެ ގޮތުގައި - މުސްލިމް ބިމެއްގެ ގޮތުގައި - އޮންނަތާ އެތައް ޤަރުނެއްވަނީ ވެފައެވެ. ޞަލީބީ ބައެއް ހަނގުރާމަތަކުގައި ފަލަސްޠީނުގެ ބައެއް ބިންތައް އެ މީހުންގެ އަޅުވެތިކަމުގައި އަހަރުތަކެއް ހޭދަކުރިއެއްކަމަކު ފަލަސްޠީނަކީ މުސްލިމުންގެ ބިމެކެވެ.
މި ހިސާބުން ތާރީޚަށް ބައްލަވާށެވެ!
މީލާދީން 1800ގެ ކުރީގައި ވެސް ފަލަސްޠީނު އެ ގޮތުގައި މުސްލިމު ބިމެއްގެ ގޮތުގައި އޮތެވެ. ނަމަވެސް އޭރު ޔަހޫދީންތައް ކޮބައިހެއްޔެވެ؟ އެބައިމީހުން އުޅެމުން އައީ ކޮންތަންތާކުހެއްޔެވެ؟ އޭރު އިސްރާއީލޭ މިކިޔާ، ކިޔާނު ނުވަތަ ދައުލަތް ކޮބައިހެއްޔެވެ؟ ހަމައެކަނި ޗާޓުގައި ނެތީއެއް ވެސް ނޫނެވެ. ވުޖޫދުގައިވެސް ނެތީއެވެ. ޔަހޫދީންވީ އެބައިމީހުންގެ މައްޗަށް ޤުރުއާނުގައިވާ ޢުޤޫބާތް ލިޔުއްވުނު ފަދައިން އަދި ނިކަމެތިކަމާއި ދެރަކަން ލިޔުއްވުނު ފަދައިން ނިކަމެތި ޙާލެއްގައެވެ.
ޔަހޫދީންނަށް ދައުލަތެއް ބިނާކުރުމުގެ ޚިޔާލު ވެރީންގެ ފެންވަރުގައި އެންމެ ފުރަތަމަ ހުށައެޅި ވެރިއަކީ އޭރުގެ ފަރަންސޭސި އިސްތިޢުމާރުގެ ވެރިއެއްކަމަށްވާ "ނަޕޯލިއަން"އެވެ. އެއީ މީލާދީން 1799ވަނަ އަހަރާ ހިސާބުގައި އޭނާ މިޞްރާއި ސޫރިޔާ އަޅުވެތިކުރި ދުވަސްވަރުގައެވެ.
ދެން އެއަށްފަހު އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުކަން ތަކުރާރުކޮށް ކޮށްފައިވާ "ހެންރީ ޖޯން ޓެމްޕަލް" ނުވަތަ (ލޯރޑް ޕަލްމަސްޓަން) އިނގިރޭސި ބޮޑުވަޒީރުކަމަށް އައިސް 1838މ. ގައި ފުރަތަމަ ފަހަރަށް އިނގިރޭސީންގެ ކޮންސިޔުލޭޓްއެއް ޤުދުސުގައި ޤާއިމްކުރިއެވެ. އަދި އޭނާގެ ޒަޢާމަތުގައި ޔަހޫދީން، ފަލަސްޠީނުގައި ވަޒަންވެރިވުމުގެ ހުއްދަ ރަސްމީ ސިފައެއްގައި ދޭންފެށިއެވެ. މީލާދީން 1880އާ ހަމައަށް އައިއިރު 22 ވަރަކަށް ޔަހޫދީން ވަނީ ފަލަސްޠީނުގެ ދަނޑުބިންތަކުގައި ވަޒަންވެރިކުރުވައިފައެވެ. އެ ޙަރަކާތުގެ ތެރޭގައި ބައެއް ބިންތައް އެބައިމީހުން ގަތްކަމަށް ވެއެވެ. އަދި ބައެއް ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ނެގިއެވެ. އަދިވެސް އިސްރާއީލޭ މި ކިޔުނު ދައުލަތް ވުޖޫދަކު ނެތެވެ. އެ ގޮތުގައި ގޮސް މުސްލިމުންގެ ޚިލާފަތު ވައްޓައިލި އިރު ވެސް ޔަހޫދީންނަކަށް މި ދުނިޔޭގެ ބިންމަތީގައި ދައުލަތެއް ނެތެވެ.
އިސްރާއިލަށް ދައުލަތެއްގެ ސިފަ ލިބި ޤައުމުތައް އެބައިމީހުން ބަލައިގަތީ މީލާދީން 1948 ހައި ހިސާބުގައެވެ. އޭގެ ކުރީގައި އިސްރާއީލަކީ ނެތްތަނެކެވެ. ވެރިވެގަނެގެން އެ އުޅެނީ ބަޔެއްގެ ބިމަކަށެވެ. ފޭރެމުން އެ ގެންދަނީ މުސްލިމުންގެ މުދާތަކާއި ބިންތަކެވެ.
ވީއިރު ޔަހޫދީންނަށް، ތަންތަން ފޭރި ލޫޓުވުމަކީ ޙައްޤެއްކަމަށް، މިއަދު [ދުނިޔޭގެ ޤާނޫނު]ކަމަށްވާ އެމެރިކާ އާއި އދ.އިން ކަނޑައަޅައި ހުޅަނގުން އެއަށް ވާގިދިނަސް، އިސްލާމީ އުންމަތަށް އެބައިމީހުންގެ ޙަޤީޤީތް އޮޅިގެންނުވާނެއެވެ. އަދި މިއަދު އިސްލާމީ އުންމަތުގެ ވާޖިބަކީ ހުޅަނގުގެ މި އިސްތިޢުމާރީން މިންޖުވުމަށް ޓަކައި ފާޅުގައި ތެދުވުމެވެ. މުސްލިމުން، މުސްލިމުންގެ ޙައްޤުތައް ހޯދުމަށް ބަޔަކުގެ (ޕަޕެޓު ވެރީންގެ) ގާތަށް ދިޔުމުގެ ބަދަލުގައި، އެ ކަމަށް އަމިއްލައަށް ނިކުތުމެވެ. އަދި އިސްތިޢުމާރީންގެ ލާބަޔާއި މަންފާއާ ގުޅިފައިވާ އެންމެހައި ކަންކަމެއް ނިމުމަކަށް ގެނައުމެވެ. އަޅުގަނޑުމެންގެ ބިންތަކާއި އެ ބިންތަކުގައިވާ މުއްސަނދިކަން ހުޅަނގުގެ އިސްތިޢުމާރީ ވަކިތަކުން މިންޖު ކުރުމެވެ.
ދެކޭށެވެ! މުސްލިމުންގެ ބިންތަކުގައި އެންމެހައި ޤުދުރަތީ މުއްސަނދިކަމެއް ﷲ ލައްވައިފައިވާ އިރު ދުނިޔޭގެ އެންމެ ފަޤީރު ބަޔެއްގެ ގޮތުގައި މުސްލިމުން އޮންނަ އޮތުން އެއީ އިއްތިފާގެއްހެއްޔެވެ؟ ނުވަތަ ބައެއްގެ މަކަރާއި ޙީލަތްހެއްޔެވެ؟