ޙަކީމް ސަލްމާނު ފަހުމީ
23 ޖަނަވަރީ 2026
ސައިނަހަކީ ވެސް އުނދަގޫތަކެއް ތަޙައްމަލުކުރަންޖެހޭ ޙަލަތެކެވެ.
ސައިނަސްގެ މައްސަލައަކީ ނޭފަތް ބެދުމާއި، މޫނުމަތީގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބޯ ބަރުވުމުގެ އިތުރަށް، ނޭފަތުން ގިނައިން އަރިދަފުސް ފޭބުން ފަދަ އުނދަގޫތައް މެދުވެރިކުރުވާ، ގިނަ ބަޔަކަށް ދިމާވާ އާންމު ބައްޔެކެވެ. މިއީ ހަށިގަނޑުގައި "ބަލްޣަމް" (ފްލެމް) އިތުރުވެ، ސައިނަސް ހުންނަ ހުސް ތަންތަނުގައި އެ ތަކެތި ޖަމާވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. މި ކަން އާންމުކޮށް މެދުވެރިވަނީ ފިނިވުމާއި، ހަޖަމުކުރުން ބަލިކަށިވުމާއި، ނުގުޅޭ ކާނާ ބޭނުންކުރުމުގެ އިތުރަށް ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންނެވެ. އަރިދަފުސް ބޯވެ، އެއް ތަނެއްގައި ގަނޑުވުމުން ސައިނަސްގެ މަގުތައް ބެދި، ދާއިމީކޮށް ބަލީގެ އަލާމާތްތައް ފެނުމާއި، ތަކުރާރުކޮށް އިންފެކްޝަން އުފެދުމަށް މަގުފަހިވެއެވެ.
ސައިނަސްގެ ގިނަ މައްސަލަތަކަކީ ފިނި އަދި ތެތް ސިފައެއް އެކުލެވޭ ކަންކަމަށްވާތީ، މީގެ ފަރުވާއަށް ބޭނުންވަނީ އަރިދަފުސް ވިރުވައިލައި ބެދިފައިވާ މަގުތައް ހުޅުވައިދޭނެ ހޫނު އަދި ހިކި ސިފަތައް އެކުލެވޭ ފަރުވާތަކެވެ. ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތައް އިސްލާހުކުރުމުގެ އިތުރަށް، ޔޫނާނީ ބޭސްވެރިކަމުގައި ގޭގައި ކުރެވިދާނެ ރައްކާތެރި އަދި ފައިދާހުރި ޠަބީޢީ ފަރުވާތަކަށް ވަރަށް ބޮޑަށް ބާރުއަޅައެވެ.
ބެދިފައިވާ ސައިނަސް ހުޅުވައިދިނުމަށް އެންމެ ފާހަގަކޮށްލެވޭ އެއް ފަރުވާއަކީ "ހޯސްރެޑިޝް" (Horseradish) އެވެ. ޔޫނާނީ ބޭސްވެރިކަމުގައި ހޯސްރެޑިޝްގެ މިޒާޖަކީ ހޫނު އަދި ހިކި މިޒާޖެކެވެ. މީގެ ސަބަބުން ބޯކޮށް އަރިދަފުސް ކަނޑުވައިލައި، ސައިނަސްގައި ހުންނަ ހުރަސްތައް ނައްތައިލުމަށް މިއީ ވަރަށް ބޮޑު އެހީއެކެވެ. މަދު މިންވަރެއްގެ ހޯސްރެޑިޝް ގާނައިލުމަށް ފަހު، މާމުޔާ އެއްކޮށްގެން ދުވާލަކު އެއްފަހަރު ބޭނުންކުރުމުން ނޭފަތް ބެދުމާއި ބޮލުގައި ރިއްސުމަށް ލުއި ލިބެއެވެ. އަދި ހޫނު ފެނަށް ހޯސްރެޑިޝް އަޅައިގެން އާވިއެރުވުމަކީ ނޭފަތުގެ މަގުތައް އަވަހަށް ހުޅުވި، ނޭވާލާން ފަސޭހަވާ ކަމެކެވެ. ނަމަވެސް މިއީ ބާރުގަދަ އެއްޗަކަށްވާތީ، ބޭނުންކުރަންވާނީ ވަރަށް މަދު މިންވަރަކަށެވެ.
މާމުޔަކީ ވެސް ސައިނަސް ބަލިމީހުންނަށް ޔޫނާނީ ބޭސްވެރިކަމުގައި ދެވޭ މުހިންމު ފަރުވާއެކެވެ. މިއީ ގުދުރަތީ ގޮތުން ހަށިގަނޑު ސާފުކޮށްދޭ އަދި އަރިދަފުސް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހެނދުނު ހޫނު ފެނަށް މާމުއި އަޅައިގެން ބުއިމުން ހަޖަމުކުރުން ރަނގަޅުވެ، އަރިދަފުސް އުފެދުން މަދުކޮށްދެއެވެ. ހަމައެހެންމެ، އިނގުރު ސައި ނުވަތަ އިނގުރު ޖޫސް ބޭނުންކުރުމުން ހަށިގަނޑު ހޫނުކޮށްދީ، އިތުރަށް އަރިދަފުސް އުފެދުން ހުއްޓުވައިދެއެވެ.
ކަޅުދިރިއަކީ ދާއިމީ ސައިނަސް މައްސަލަތަކަށް އޮތް ވަރަށް ރަނގަޅު ފަރުވާއެކެވެ. ކަޅުދިރި ތެޔޮ ނޭފަތް ކައިރީގައި އުނގުޅުމުން ނުވަތަ އޭގެ އާވި ނޭފަތަށް ދަމައިގަތުމުން ދުޅަ ތިރިވެ، ސައިނަސްގެ މަގުތައް ސާފުވެއެވެ. އަދި މާމުޔާ އެކު ކަޅުދިރި ކެއުމަކީ ހަށިގަނޑުގެ ދިފާއީ ބާރު ގަދަވެ، ތަކުރާރުކޮށް ބަލިޖެހުން ހުއްޓުވައިދޭ ކަމެކެވެ.
ކެއިންބުއިމުގައި ސަމާލުކަން ދިނުމަކީ ދާއިމީ ފަރުވާއަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސައިނަސް ބަލިމީހުން ފިނިފެނާއި، އައިސްކްރީމް، ކަރޑް (Curd)، ދޮންކެޔޮ އަދި ފޮނި އެއްޗެހި ބޭނުންކުރުމުން ދުރުވާންޖެހެއެވެ. އޭގެ ބަދަލުގައި ހޫނު ސޫޕް، ލުއި ކާނާ، އަދި ދިރިއާއި އަސޭމިރުސް އަދި ހަވާދު މަދު މިންވަރަކަށް ބޭނުންކުރުން ރަނގަޅެވެ. ރޭގަނޑު ލަހުން ކެއުމާއި ދުވާލު މާގިނައިން ނިދުމަކީ ހަޖަމުކުރުން ބަލިކަށިވެ، ސައިނަސްގެ މައްސަލަ ގޯސްވާ ކަންކަމެވެ.
ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަ ބަދަލުތަކަކީ ވެސް މުހިންމު ކަންކަމެވެ. ފިނި ވައިން ބޯ ރައްކާތެރިކުރުމާއި، ނޭފަތް ސާފުކޮށް ބެލެހެއްޓުމާއި، ކުޑަކޮށް ކަސްރަތުކުރުމާއި، ގަވާއިދުން ނިދުމަކީ ބަލި ތަކުރާރުވުން ހުއްޓުވައިދޭނެ ކަންކަމެވެ. ހޫނު ޒައިތޫނި ތެޔޮ ނުވަތަ ބަނަފުސާ ތެޔޮ ބޭނުންކޮށްގެން ނިތްކުރިމައްޗާއި ސައިނަސް ހުންނަ ސަރަހައްދުތައް މަސާޖުކުރުމަކީ ލޭދައުރުވުން ރަނގަޅުވެ، ރިހުން ކުޑަކޮށްދޭ ކަމެކެވެ. الله شافي