ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
22 ޖަނަވަރީ 2026
އިސްރާއީލުގައި އަނބު ހައްދާ ދަނޑުވެރިއެއް ވިޔަފާރި ދަށްވެ މާޔޫސްވެފައި.
އިސްރާއީލުގެ ދަނޑުތަކުގައި ހައްދާ މޭވާ، ގަންނާނެ ބަޔަކުނުވެ، މޭވާތައް ކުނިވާން ފަށައިފިއެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ވިލާތުގެ ޤައުމުތަކުން އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމުގެ ސަބަބުން، އިސްރާއީލުގެ ދަނޑުވެރިކަމުގެ ސިނާޢަތް މުޅީން ފުނޑުފުނޑުވުމުގެ ބިރު އުފެދިއްޖެއެވެ.
އިސްރާއީލުގެ މޭވާ ހައްދާ ކުންފުނިތަކުގެ - ޚާއްޞަކޮށް އަނބާއި، އޮރެންޖު ހައްދާ ފަރާތްތަކުގެ - އެކްސްޕޯޓް ދަށްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި، އިސްރާއީލާ ދެކޮޅަށް ކުރިއަށް ގެންދާ ބޮއިކޮޓް ޙަރަކާތް ނުހުއްޓި ކުރިއަށްދާ ނަމަ، އިސްރާއީލުގެ ދަނޑުވެރިކަމުގެ ޞިނާޢަތު މުޅީން ނެތިގެން ހިނގައިދާނެއެވެ.
އިސްރާއީލުގެ ޤައުމީ ޓީވީ ޗެނެލް [ކާން 11]އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ ހަނގުރާމައާ ގުޅިގެން ވިލާތުގެ ޤައުމުތަކުން ގިނަ ޢަދަދެއްގެ އޯޑަރުތައް ކެންސަލުކުރުމާއި، އަދި ކަމޭދުން (ނުވަތަ ކަސްޓަމަރުން) ހިންގާ ބޮއިކޮޓް ޙަރަކާތުގެ ސަބަބުން، އިސްރާއީލުގެ ދަނޑުތަކާއި، ގުދަންތަކުގައި ހުރި އެތައް ޓަނެއްގެ މޭވާ ވަނީ ކުނިވެ ހަލާކުވެފައެވެ.
ގެލިލީގައި އަނބު ހައްދާ، އިސްރާއީލުގެ ދަނޑުވެރީން ބުނާ ގޮތުގައި، ވިލާތުގެ އަނބުގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކުން، އިސްރާއީލުގެ އަނބުގެ ބަދަލުގައި، އެހެން ޤައުމުތަކުގެ އަނބު އިންޕޯޓުކުރާންވަނީ ފަށައިފައެވެ. ވިލާތުގެ ގިނަ ކަމޭދުން މިހާރު ބުނަނީ [އެ މީހުން އިސްރާއީލުގެ އަނބު، ބޭނުން ނުވާ]ކަމަށެވެ.
އިސްރާއީލުގެ [ސިޓްރަސް ގްރޯވަރސް އެސޯސިއޭޝަންގެ] ސެކްރެޓަރީ ޖެނެރަލް ޑެނިއަލް ކްލަސްކީ ފާހަގަކުރި ގޮތުގައި، ޣައްޒާގެ ހަމަނުޖެހުމާ ގުޅިގެން ސްކެންޑިނޭވިއަން ޤައުމުތަކަށް އެކްސްޕޯޓްކުރުން ވަނީ މުޅިން ހުއްޓިފައެވެ. [ހަނގުރާމައިގެ ކުރިން އަހުރެމެން އެކްސްޕޯޓް ކުރިން. އެކަމަކު، އޭގެ ފަހުން އެންމެ ކޮންޓެއިނަރެއް ވެސް އެކުސްޕޯޓެއް ނުކުރެވޭ.]
އިސްރާއީލުގެ މޭވާ ބަގީޗާއެއްގެ މެނޭޖަރެއް ކަމަށްވާ ނިޓްޒާން ވައިސްބަރގް ކިޔައިދިން ގޮތުގައި، އިސްރާއީލުގެ މޭވާގެ ފެންވަރު ކިތަންމެ ރަނގަޅު ނަމަވެސް "ވިލާތުގެ ޤައުމުތަކުގައި، އިސްރާއީލުގެ މޭވާ ގަންނަން ކަމޭދުން ދަނީ ދެކޮޅު ހަދަމުންނެވެ." އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ ގެއްލުން ބޮޑުވެ، ދަނޑުވެރިކަމުގެ މަސައްކަތަށް މިވަނީ މުޅީން ހުއްޓައިލާން ޖެހިފައެވެ.
އިސްރާއީލުގެ ދަނޑުވެރިކަމުގެ ޙާލަތު މިހާ ގޯސްވެފައިވަނީ ޣައްޒާއާއި، ހުޅަނގު އައްސޭރީގެ ބާޒާރުތައް ވެސް ބަންދުވުމުގެ ސަބަބުންނެވެ. ހަނގުރާމައިގެ ކުރީން، އެ ބާޒާރުތަކުން ވެސް، އިސްރާއީލުގެ އުފެއްދުމުގެ ބޮޑު ބައެއް ނަގަމުން ގޮސްފައިވެއެވެ. ބެލްޖިއަމާއި އަޔަރލޭންޑާއި އިނގިރޭސިވިލާތުގެ ސުޕަރމާކެޓް ޗެއިންތަކުން ވަނީ ބޮއިކޮޓުގެ ސަބަބުން، އިސްރާއީލުގައި އުފައްދާ ތަކެތި ގަތުން މަދުކޮށް، ނުވަތަ ގަތުން ހުއްޓައިލައިފައެވެ. ސަރުކާރުގެ އެހީތެރިކަން ނުލިބިއްޖެ ނަމަ، އެ ދާއިރާ އިނދަޖެހި، ދުރު ސަރަޙައްދުތަކުގައި ދިރިއުޅޭ އިސްރާއީލުގެ އެތައް ސަތޭކަ ޢާއިލާއަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް "ފުރުޓް ގްރޯވަރސް އެސޯސިއޭޝަނުން"ވަނީ އިންޒާރުދީފައެވެ.
މި ކާރިސާއިން ދައްކުވައިދެނީ ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ނަސްލުހޭދުގެ ޖަރީމާގެ ދިގުދެމިގެންދާ އިޤުތިޞާދީ އަސަރުތަކެވެ.
ބައެއް ލަފުޒުގެ މާނަ
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
ބަގީޗާ ނ. ބާވަތް ބާވަތުގެ ގަސްތައް ތަރުތީބެއްގެ މަތީން އިންދައި ބަލަހައްޓާ ތަންގަނޑު.
ބާޒާރު ނ. (1) ތަކެތި ގަނެ ވިއްކައި އުޅޭ ތަން. (2) ފިހާރަތައް ހުންނަ ސަރަހައްދު
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ.
އަސަރު ނ. (1) ލިސާން. (2) ނިޝާން. (3) އިޙުސާސް
ފުނޑުފުނޑުވުން މ. ހަރު އެއްޗެއް ބޮޑަށް ހަލާކުވެ ކުދިކުދިވުން. (2) މީހަކު ރުޅިއައިސްގެން ހަލާކުވާ ވަރުވުން.
ސިނާއަތު ނ. ރޯ މާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް.
ޖަރީމާ ނ. ބޮޑެތި ކުށް