ad_banner
ޤުރުއާނަށް ލޯބިޖެހުމުން، އެ ކަލާމުފުޅު ހިތުގައި ބިންވަޅުނެގެއެވެ.

ޙަކީމް ސަލްމާނު ފަހުމީ

20 ޖަނަވަރީ 2026

ޤުރުއާން ހިތުދަސްކުރާން ﷲ ވަނީ ފަސޭހަކޮށްދެއްވައިފައެވެ.

ކޮންމެ މުއުމިނެއްގެ ހިތުގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކޮންމެވެސް ވަރެއްގެ އެދުމެއް ނުވަތަ ކެތްތެރިކަމެއް ނެތް އިންތިޒާރެއް ލައްވައިފައެވެ. އެއީ ހަމައެކަނި ޤުރުއާނާ ކައިރިވެގެން މެނުވީ ހިތްހަމަޖެހުމެއް ނުލިބޭނެ ފަދަ އިންތިޒާރެކެވެ. ﷲ ތަޢާލާ އިންސާނިއްޔަތަށް ކީރިތި ޤުރުއާން ހިތުދަސްކުރާން ދައުވަތުދެއްވަނީ، އެއީ އުނދަގޫކަމެއްނޫންކަން އަންގަވަމުންނެވެ. އަދި އަންގަވަނީ ﷲ ތައާލާގެ ރަޙުމަތާ އެކު އެއީ ފަސޭހަކަމެއްކަމަށެވެ.

 އެކަލާނގެ ވަޙީކުރެއްވިއެވެ: (وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ) މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ (ސޫރަތް ޤަމަރު 17). މި އާޔަތުން އެނގެނީ ހަމައެކަނި ފަސޭހަކޮށްދެއްވާނެކަމުގެ ވަޢުދެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ﷲއަށް ވަކީލުކޮށް ފުރަތަމަ ފިޔަވަޅު އެޅުމަށް ހިތްތަކަށް ގޮވައިލާ ގޮވައިލުމެކެވެ. ޤުރުއާން ހިތުދަސްކުރުމަކީ ހަމައެކަނި ބުއްދީގެ ތޫނުފިލިކަމުން ހާސިލުކުރެވޭ ކާމިޔާބީއެއް ނޫނެވެ. އެއީ އިޚުލާޞްތެރިކަމާ އެކު އެކަލާނގެއަށް ރުޖޫޢަވާ އަޅުންގެ ހިތްތަކުގައި ﷲ ލައްވާ ހަދިޔާއެކެވެ.

ޤުރުއާނަކީ ހިތް ހުސްކޮށް ބާއްވައިގެން ހަމައެކަނި ދުލުން ކިޔަވާ އެއްޗެއްކަމުގައި ވުމަކީ އެ ކަލާމުފުޅުގެ މަޤުޞަދެއް ނޫނެވެ. ﷲ ތަޢާލާ އެ ކަލާމުފުޅުގެ ޙަޤީޤީ މަޤާމު ބަޔާންކުރައްވަމުން ވަޙީކުރެއްވިއެވެ: (بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ) މާނައީ: "އަދި ކިއެއްތަ، އެއީ ޢިލްމު ލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާންވެގެންވާ އާޔަތްތަކެކެވެ." (ސޫރަތް ޢަންކަބޫތު: 49).

 ޤުރުއާން ހިތަށް ވަދެގެންދާ އިރު، އެއީ އިންސާނާގެ އެތެރެހަށި ބަދަލުކޮށްލާ ނޫރެކެވެ. އެއީ އަނދިރީގައި ލިބޭ އަލިކަމެކެވެ. ހާސްކަމުގެ ވަގުތުގައި ލިބޭ ހަމަޖެހުމެކެވެ. އަދި ދުނިޔޭގެ މަގު އޮޅޭ ހިނދު ލިބޭ ހިދާޔަތެކެވެ. އެ ފަދަ ހިތެއް ދުވަހަކު ވެސް އެކަނިވެރިއެއް ނުވާނެއެވެ. ސަބަބަކީ އެ ހިތުގައި ވަނީ އޭނާ ހެއްދެވި ފަރާތުގެ ކަލާމުފުޅުކަމުގައިވާތީއެވެ.

ރަސޫލުﷲ ވަނީ ޤުރުއާނާ ގުޅިފައިވާ މީހުންގެ ދަރަޖަ ބަޔާންކޮއްދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: (خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ޤުރުއާން އުނގެނި، އެ އުނގަންނައިދޭ މީހާއެވެ." އެހެންކަމުން، ޤުރުއާން ހިތުދަސްކުރުމަކީ ހަމައެކަނި އަމިއްލަ ދަތުރެއް ނޫނެވެ. ނަމަވެސް އެއީ މުޅި އުންމަތުގެ ކުރިމަތީގައި އޮތް މަސްއޫލިއްޔަތެކެވެ.

 ތަޢާލާ އެކަލާނގެ ފޮތް ރައްކާތެރިކުރައްވަނީ އެ ފަދަ ހިތްތައް މެދުވެރިކޮށެވެ. މީގެ އިތުރަށް، ރަސޫލާ ވަނީ ޤުރުއާން ދަސްކުރުމުގައި އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމަށް އުނގަންނައިދެއްވައިފައެވެ. އެކަލޭގެފާނު ހަނދާންކޮށްދެއްވީ ޤުރުއާނަކީ އަބަދުވެސް އެއާ ގުޅިފައި ހުންނާންޖެހޭ އެއްޗެއްކަމެވެ. ގޮށް މޮހައިލެވިފައިވާ ޖަމަލެއް ދުވެދާ ވަރަށް ވުރެ އަވަހަށް ޤުރުއާން ހަނދާނުން ކަސިޔާރުވެދާނެކަމަށް އިރުޝާދުދެއްވައި، އެކަލޭގެފާނު ދަސްކޮށްދެއްވީ ދަސްކުރުމުގެ ބާރު ގުޅިފައިވަނީ މުރާޖަޢާކުރުމާއި، ތަކުރާރުކުރުމާއި އަދި ފަރުވާތެރިވުމުގެ މައްޗަށްކަމެވެ. އެއީ މަޖުބޫރުކަމާއި އަވަސް އަރުވައިލުމުގެ މައްޗަށް އޮތް ކަމެއްނޫނެވެ.

އިމާމް އައްޝާފިޢީ (رحمه الله) ފަދަ ބޮޑެތި ޢިލްމުވެރީން ވަނީ ޤުރުއާން ދަސްކުރާން ބޭނުންވާ މީހުންނަށް އަގުހުރި އިރުޝާދުތަކެއް ދޫކުރައްވައިފައެވެ. އެކަލޭގެފާނު ދެކެވަޑައިގަތް ގޮތުގައި ހަނދާން ބަލިވުމަކީ ހަމައެކަނި ސިކުނޑީގެ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ ރޫޙާނިއްޔަތާ ގުޅިފައިވާ ކަމެކެވެ. އެކަލޭގެފާނުގެ ހަނދުމަފުޅު ބަލިވުމުގެ ޝަކުވާ އުސްތާޛު ވަކީޢު ބްނު އަލްޖަރާޙް (رحمهما الله)އަށް ހުށަހެޅުއްވުމުން، ދެއްވި ނަޞޭޙަތަކީ ފާފަތަކާ ދުރުހެލިވުމަށެވެ. ސަބަބަކީ ޢިލްމަކީ ނޫރެކެވެ. އަދި ﷲގެ ނޫރު ފާފަވެރި ހިތަކަށް ނުލިބޭނެތީއެވެ.

އެހެންކަމުން، އިމާމް ޝާފިޢީ ވަނީ އެކަލޭގެފާނުގެ ނަފްސު ރައްކާތެރިކުރައްވައި، ބޭކާރު އެދުންތަކާއި، ބޭކާރު ވާހަކަތަކާއި، އަދި ވަސްވާސްތަކަށް މަގުފަހިވާ ކަންކަމުން ދުރުހެލިވެވަޑައިގެންފައެވެ. ދަރިވަރުންނަށް އެކަލޭގެފާނު ދެއްވި އިރުޝާދަކީ މަޑުމައިތިރިކަމާ އެކު ދަސްކުރުމާއި، އެއް ފަހަރާ ގިނަ ޞަފުޙާތަކަކަށް ބެލުމުގެ ބަދަލުގައި އެއް ޞަފުޙާއަކަށް ސަމާލުކަންދިނުމާއި، އާޔަތްތައް ހިތުގައި ބިންވަޅުނެގެންދެން ތަކުރާރުކުރުމެވެ. އަދި ހިތް ހުޅުއްވައިދެއްވައި، ދަސްކުރާ އެއްޗެހި ހިތުގައި ސާބިތުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް ވެސް ބާރުއެޅުއްވިއެވެ.

ހިތުދަސްކުރާން ކިޔެވުމުގެ ކުރީންނާއި އަދި އަބަދު ވެސް މިފަދަ ދުޢާކުރުންހުއްޓެވެ. (اللَّهُمَّ افْتَحْ عَلَيْنَا حِكْمَتَكَ، وَانْشُرْ عَلَيْنَا مِنْ رَحْمَتِكَ، وَذَكِّرْنَا مَا نُسِّيْنَا، وَعَلِّمْنَا مَا يَنْفَعُنَا) މާނައީ: "ޔާ ﷲ! އަޅަމެންނަށް އިބަރަސްކަލާނގެ ޙިކުމަތުގެ ދޮރުތައް ހުޅުއްވައިދެއްވާފާނދޭވެ! އަދި އަޅަމެންގެ މައްޗަށް އިބަރަސްކަލާނގެ ރަޙުމަތް ފަތުރައިލަދެއްވާނދޭވެ! އަދި އަޅަމެން ހަނދާންނެތޭ ތަކެތި ހަނދާންކޮށްދެއްވައި، އަޅަމެންނަށް ފައިދާކުރަނިވި ޢިލްމު އުނގަންނައިދެއްވާނދޭވެ!"  (اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا) މާނައަކީ: "ޔާ ﷲ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނައިދެއްވި ޢިލްމުގެ ފައިދާ އަޅަމެންނަށް ދެއްވާނދޭވެ! އަދި އަޅަމެންނަށް ފައިދާކުރަނިވި ޢިލްމު އުނގަންނައިދެއްވާނދޭވެ! އަދި އަޅަމެންނަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!"

އަދި ހަށިގަނޑުގެ ދުޅަހެޔޮކަމާއި އަޚުލާޤަށް ވެސް އިމާމް ޝާފިޢީ އިސްކަންދެއްވިއެވެ. ބަނޑުފުރައި ކެއުމާއި، ބަރު ކާނާ ކެއުމާއި، ދަންވަރު ހޭލައިހުރުމުން ދުރުހެލިވުމަށް އިންޒާރުދެއްވިއެވެ. ސަބަބަކީ މި ކަންކަމުގެ ސަބަބުން ސިކުނޑި ކަސްތަޅުއެޅުވި، ސަމާލުކަން ކުޑަވާތީއެވެ. ޤަދީމީ ޢިލްމުވެރީން ދެކެވަޑައިގަތް ގޮތުގައި ހަށިގަނޑަކީ ފުރާނައިގެ ކަންވާރެވެ. ކަންވާރު ބަރުވެއްޖެ ނަމަ، ފުރާނަ އުދުހިގަންނާން އުނދަގޫވާނެއެވެ. މި ޙިކުމަތާ ޔޫނާނީ ބޭސްވެރިކަން ވެސް ނުހަނު ބޮޑަށް ގުޅެއެވެ.

ޔޫނާނީ ބޭސްވެރީން ބަޔާންކުރާ ގޮތުގައި ހަނދާންގަދަވުން ބިނާވެފައިވަނީ ސިކުނޑީގެ ތަބީޢަތުގެ ހަމަހަމަކަމުގެ މައްޗަށެވެ. މާމުޔާއި، ހިކިމޭބިސްކަދުރު ފަދަ ތަކެއްޗަކީ ހަނދާންގަދަކުރުމަށް އެހީތެރިވެދޭ ތަކެތިކަމުގައި އެ ބޭކަލުން ބަޔާންކުރައްވައެވެ. އަދި ބައެއް ކަހަލަ ފަތްޕިލާވެލީގެ ބޭސްތަކަކީ ސިކުނޑި ހަމަޖައްސައިދީ، ސަމާލުކަން އިތުރުކޮށްދޭ ތަކެތިކަމުގައި ބެލެވެއެވެ. ނަމަވެސް މިއީ ދުޢާއާއި މަސައްކަތުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ ދަސްކުރުމުގެ ދަތުރުގައި ލިބޭ އެހީތެރިކަމެކެވެ.

އިމާމް އިބްނު ޙަޖަރުލް ޢަސްޤަލާނީ (رحمه الله)ގެ ޙަޔާތްޕުޅަކީ ޤުރުއާނަށް އިޚްލާޞްތެރިވުމުން ލިބޭ ނަތީޖާގެ ވަރުގަދަ މިސާލެކެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުގެ ކުރީކޮޅުގައި ކިޔަވައިވިދާޅުވާން ނުހަނު އުނދަގޫފުޅުވިއެވެ. ނަމަވެސް ޤުރުއާނާއި ޢިލްމު އުނގެނުން ދޫކޮށެއްނުލައްވައެވެ. ކެތްތެރިކަމާއި، އަޚުލާޤާއި، ތަކުރާރުކޮށް މުރާޖަޢާކުރުމުގެ ސަބަބުން، ﷲ ތަޢާލާ އެކަލޭގެފާނަށް ދުނިޔެ ހައިރާންވާފަދަ ޢިލްމުގެ ދޮރުތައް ހުޅުއްވައިދެއްވިއެވެ. އެއީ އެ ޒަމާނުގެ އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިޔާއަށް ވެވަޑައިގަންނަވަންދެނެވެ. އެކަލޭގެފާނުގެ ވާހަކައިން އެނގެނީ ހަނދާން ބަލިވިޔަސް ޤުރުއާނަށް ޤަދަރުކުރާ އަޅަކަށް އެ މީހަކު އުންމީދު ނުކުރާ ފަދަ މަތިވެރިކަން ﷲ ތަޢާލާ ދެއްވާނެކަމެވެ.

ޤުރުއާނުގެ އަހުލުވެރީންނަށް އާޚިރަތުގައި ހުރި މަތިވެރި ދަރަޖަ ރަސޫލާ ވަނީ ބަޔާންކޮށްދެއްވައިފައެވެ. ޤިޔާމަތްދުވަހުން ޤުރުއާނުގެ އަހުލުވެރިޔާއަށް އެންގެވޭނެތެވެ: "ކިޔަވާށެވެ! އަދި (ސުވަރުގޭގެ ދަރަޖަތަކަށް) މައްޗަށް އަރާށެވެ! އަދި ދުނިޔޭގައިވެސް ތަރުތީލުން (ލަސްލަހުން އަކުރުތައް ހަމަކޮށް) ކިޔަވައިއުޅުނު ފަދައިން ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން ތިބާގެ މަޤާމަކީ ތިބާ ކިޔަވާ އެންމެ ފަހު އާޔަތާ ހަމައެވެ." ކޮންމެ އާޔަތަކީ ﷲއާ ކުއްތަންވުމަށް އެޅޭ ފިޔަވަޅެކެވެ. ދުނިޔޭގައި ބުރަކޮށް ކުރި މަސައްކަތް، އާޚިރަތުގައި ވެގެންދާނީ ދާއިމީ މަތިވެރި ނިޢުމަތަކަށެވެ. ޤުރުއާނަށްޓަކައި ކުރާ އެއްވެސް މަސައްކަތެއް ބޭކާރުވެގެންނެއްނުދާނެއެވެ.

މިހުރިހާ ކަމެއްގެ އަޞްލަކީ ހިތްތައް މަޑުމޮޅިކޮށްލާ ޙަޤީޤަތެކެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ: (أَهْلُ الْقُرْآنِ هُمْ أَهْلُ اللَّهِ وَخَاصَّتُهُ) މާނައީ: "ޤުރުއާނުގެ އަހުލުވެރިންނަކީ ﷲގެ އަހުލުވެރިންނެވެ. އަދި އެކަލާނގެ ޚާއްޞަ އަޅުންނެވެ." ﷲގެ ޚާއްޞަ އަޅުންގެ ތެރޭގައި ހިމެނުމަކީ ދުނިޔޭގެ ކޮންމެ ކާމިޔާބީއަކަށް ވުރެ ބޮޑު ޝަރަފެކެވެ. ޤުރުއާން ހިތުދަސްކުރުމަކީ ހަލުވިކަމުގެ ނުވަތަ މުބާރާތެއްގެ ވާދަވެރިކަމެއްނޫނެވެ. އެއީ ލޯތްބާއި، އިޚުލާޞްތެރިކަމާއި، ހިތުގެ ސާފުކަމާއި، އަދި ﷲއަށް ކުރާ އިތުބާރެކެވެ. ފަރުވާތެރިކަމާ އެކު ދަސްކުރާ އެންމެ އާޔަތެއްގައި ވެސް ނޫރުވެއެވެ.

 މި ފުރުޞަތުގައި، އަޅުގަނޑުގެ އަންހެން ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދިނުމުގައި ކެތްތެރިކަމާ އެކު އެހީތެރިވެދެއްވި ހާމިދު އުސްތާޛަށާއި، އަދި އަޅުގަނޑުގެ ދެ ފިރިހެން ދަރިންނަށް އިރުޝާދު ދެއްވައި ޤުރުއާނުގެ ދަތުރުގައި އެހީތެރިވެދެއްވި އިބްރާހީމް އުސްތާޛަށާއި މުޙައްމަދު އުސްތާޛަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. ﷲ ތަޢާލާ އެ ބޭފުޅުންނަށް ހެޔޮ ޖަޒާދެއްވައި، އެ ބޭފުޅުންގެ ދަރަޖަ އުފުއްލަވައި، މި މަސައްކަތަކީ އެބޭފުޅުންނަށް ޓަކައި ޤިޔާމަތާ ހަމައަށް ދެމިގެންވާ ޞަދަޤާތެއްކަމުގައި ލައްވާށިއެވެ!

ތަޢާލާ އަޅަމެންގެ ހިތްތަކުގައި އެކަލާނގެ ކަލާމުފުޅަށް އޮތް ލޯބި ވަރުގަދަކުރައްވައި، އަޅަމެންގެ ހިތްތަކަކީ ޤުރުއާން ރައްކާތެރިކުރާ ތަންތަންކަމުގައި ލައްވާށިއެވެ! އަދި އަޅަމެންނީ އިޚްލާޞްތެރިކަމާއެކު ޤުރުއާން ހިތުގައި ސާބިތުކޮށްދަމަހައްޓާ ބައެއްކަމުގައި ލައްވާށިއެވެ! އާމީން!

 

ބައެއް ލަފުޒުގެ މާނަ:

ތޫނުފިލިކަން     ނއނ. (1) ވިސްނުންތޫނުކަން ނުވަތަ ހިތްއަލިކަން. (2) މޫނުމަތީގައި އަނެކުންގެ ހިތްދަމައިގަތުމުގެ ބާރާއި ޖެހިލުންވާގޮތް ހުންނަކަން. (3) ކަޅިރަވައާއި މޫނުމަތި ރީތިކަން.

ޙާސިލުކުރުން     މ.   (1) ލިބިގަތުން. (2) ހޯދުން. (3) ފުއްދުން.

ކާމިޔާބީ        ނ.   (1) މޮޅުވާވުން. (2) ނަސްރު ލިބޭ ލިބުން. (3) ފަތަޙަ ލިބޭ ލިބުން

އިޚުލާޞްތެރިކަން ނއނ.  (1) އޮޅުވައިލުމާއި ދެފުށްދެގޮތްކަމެއް ނެތްކަން. (2) ވަފާތެރިކަން. (3) ތެދުވެރިކަން.

ކޮމެންޓު