ad_banner
ޓުރަންޕު ފަޟީޙަތްވެ ބޭޒާރުވަނީބާ؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

19 ޖަނަވަރީ 2026

ޓުރަންޕަށް މިހާރު ނިދީމާ ހުވަފެނުން ވެސް ފެންނަނީ ގުރީންލޭންޑެވެ.

އަމްބަރާޠޫރިއްޔަތެއް ފުނޑިގެން ދާއިރު ލައްކަ އަޑު ހުންނާނެއެވެ. މިއަދު އަހުރެމެންނަށް ކޮންމެ ދުވަހަކު އިވެމުން މި ދަނީ އެ އަޑުތަކެވެ. މީގެ ކުރީން ވެސް، އަމްބަރާޠޫރިއްޔަތްތައް ފުނޑުފުނޑުވެ، މާޒީގެ ތެރެއަށް ދިޔައީ ބޮޑާކަމާއި، އަނިޔާވެރިކަން އިސްކުރުމުގެ ސަބަބުންނެވެ. މިއަދު، އަނެއްކާ ވެސް ތަކުރާރުވަމުން މި ދަނީ ހަމަ އެ މަންޒަރުތަކާއި، އަޑުތަކެވެ. އެމެރިކާގެ ރައީސުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯނުލެބުމަކީ އައު ކަމެއް ނޫނެވެ. އެއީ، އެމެރިކާގެ ތާރީޚުގެ ބައެކެވެ. ވަކީން ޚާއްސަކޮށް ޓުރަންޕު ބުނާގޮތުން، އޭނާއަކީ ޢާލަމީ އެއްވެސް ޤާނޫނެއް ޤަބޫލުކުރާ މީހެއް ނޫނެވެ. އޭނާ ބުނާ ގޮތުން، އެމެރިކާގެ އަސްކަރީ ފައުޖުތައް މެދުވެރިކޮށް ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގައި ވެސް، އޭނާ ބޭނުން ކަމެއްކުރުމުގެ ބާރާއި، އިޚުތިޔާރު އޭނާއަށް ލިބިގެންވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަމްޕު ވަނީ ގުރީންލޭންޑު ފޭރިގަތުމަށް ކުރާ މަސައްކަތް، އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުގެ މަތީން، ޑެންމާކުގެ އަތުން އެ ސަރަހައްދު ގަންނާން ކުރަމުންދާ މަސައްކަތް ހާސިލުކުރެވެންދެން، ވިލާތުގެ އަށް ގައުމަކުން އެމެރިކާއަށް އެކުސްޕޯޓުކުރާ މުދަލުން 25 އިންސައްތައާ ހަމައަށް، މައުމޫލު (ޓެރިފު) ނަގާނެކަމުގެ އިންޒާރު، މިދިޔަ ހޮނިހިރުދުވަހު ޑޮނަލްޑު ޓުރަންޕު ވަނީ ދީފައެވެ.

ޓުރަންޕު ބުނާ ގޮތުން މީގެ 500 އަހަރު ކުރީން، ބޯޓެއްގައި ޑެންމާކުން ގުރީންލޭންޑަށް ދިޔުމަކީ، ޑެންމާކަށް ގުރީންލޭންޑުގެ މިލްކުވެރިކަން ލިބޭންޖެހޭ ސަބަބެއް ނޫނެވެ. އެ މިންގަނޑުން މިނާ އިރު، 'ކްރިސްޓޮފަރ ކޮލަމްބަސް'އޭ ކިޔުނު މީހަކު، ނަވެއްގައި އެމެރިކާއަށް ދިއުމަކީ މިއަދު ޓުރަންޕަށް އެމެރިކާގެ މިލްކުވެރިކަން އޮންނާންޖެހޭ ސަބަބެއް ނޫންތާއެވެ. ޓުރަންޕު ދެކޭ ގޮތުގައި، އެމެރިކާއިން ގްރީންލޭންޑު ނުހޯދައިފި ނަމަ، ރަޝިޔާއާއި، ޗައިނާއިން ގުރީންލޭންޑަށް ވެރިވެގަންނާނެއެވެ. އެއީ، އެމެރިކާއަށް ތަޙައްމަލުކުރެވޭ ވަރަށް ވުރެ، ނުރައްކާތެރި ކަމެކެވެ.

ޓުރަންޕުގެ މި ބިރުދެއްކުން އަމާޒުކޮށްފައިވަނީ ޑެންމާކުގެ އިތުރަށް، ފާއިތުވި ދުވަސްތަކުގައި ޤުދުރަތީ މަޢުދަންތަކުން މުއްސަނދި ގުރީންލޭންޑަށް ސިފައިން ފޮނުވައިފައިވާ ނޭޓޯގެ މެންބަރު ޤައުމުތަކަށެވެ. ޓުރަންޕުގެ އިންޒާރުގެ ސަބަބުން ވިލާތުގެ އިއްތިހާދުގެ ތެރޭގައި ކުރީން އުފެދިފައި ނުވާފަދަ ބޮޑު ފިތުނައެއް އުފެދިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ޓުރަންޕު، އޭނާގެ "ޓުރޫތް ސޯޝަލް މީޑިއާ ޕުލެޓްފޯމުގައި" ލިޔުމުން އިޢުލާނުކޮށްފައިވާ ގޮތުގައި، 2026 ފެބްރުވަރީ 01އިން ފެށިގެން ޑެންމާކާއި ނޯވޭއާއި ސްވިޑެނުނާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތާއި، ނެދަލެންޑްސްއާއި ފިންލޭންޑުން އެމެރިކާއަށް އެކުސްޕޯޓުކުރާ ހުރިހައި މުދަލަކުން 10 ޕަސެންޓުގެ މައުމޫލެއް ނަގާނެއެވެ. ކޮންމެއަކަސް ކިބުރުވެރިކަމާ އެކު، ޓުރަންޕު އަމިއްލަ އެދުން ބޮޑުކޮށްގެން އުޅޭން ހަދައިގެން، އެންމެފަހުން އެ މީހުން އެ މީހުންނަށް ތަޅައި ފޮޅައި، އާޚިރުގައި ޓުރަންޕު ދުނިޔެއަށް ފަޟީޙަތްވެ ބޭޒާރުވެ، ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ވެސް ނުގެއްލިއްޖިއްޔާ ކިތަންމެ ހައި ވެސް ރަނގަޅެވެ.

ކޮމެންޓު