ad_banner
ކުށްވެރީން.

އަސްމާ އަބޫބަކުރު

18 ޖަނަވަރީ 2026

މުޅީން ވެސް ކުށްވެރީންނެވެ.

ޒައިނާއަށް ކެފޭއަށް އާދެވުނު އިރު ގަޑިން އިރުއޮއްސި ހަގަޑި ދިހައެކެވެ. މިއީ އާދަކޮށް ވެސް ޒައިނާއަށް އާދެވޭ ގަޑިއެވެ. މަސައްކަތް ހުންނަ ގޮތުން އޮފީހުގައި އިނދެވެނީ އެވެ. އޮފީސް ބަންދުކުރާން ޕިޔޯނު އަންނާނީ ހައެއް ޖަހާއިރުއެވެ. އެ ހިސާބުން ޒައިނާއަށް ޖެހެނީ ނިކުންނާށެވެ. ގެއަށް ދިއުމުގެ މަގުމަތީގައި ކޮންމެ ދުވަހަކު ކެފޭއަށް އައިސް ކޮފީއެއް ބޯން ވެގެން އެ ކެފޭއަށް ވަދެވެއެވެ. އެކަނިމައިއެކަނި ހަމަހިމޭންކަމާ އެކު އިނދެ ކޮފީތަށި ބޮއިގެން ޒައިނާ ދެއެވެ. ޒައިނާގެ ޙަރަކާތް ފާހަގަވީ ކެފޭގެ އޯނަރ ރަމްޒީއަށެވެ. ޒައިނާ އިސްޖަހައިގެން އިނދެ ބައެއް ފަހަރު ކޮފީ ބޮމުން ގެންދާ އިރު އަނެއް ބައި ފަހަރު ބޭރަށް ނަޒަރު ހުއްޓައިލައިގެން އިނދެ ކޮފީ ތަށި ބޮމުން ގެންދެއެވެ.

ވިއްސާރަ އަދި ބޯކޮށް ވާރޭވެހޭ ދުވަހެކެވެ. ގެއަށް ކިތަންމެ އަވަހަށް ދާން ބޭނުންވިއަސް ކެފޭ ހުރަސްކޮށްފައި ޒައިނާއަކަށް ނުދެވުނެވެ. ކުޑަ ލައްޕައިލުމަށް ފަހު ކެފޭތެރެއަށް ވަނެވެ. އެ ވަގުތު ޒައިނާއަށް ފާހަގަވީ އެ ތަން ފަޅުކަމެވެ. އެހެންނަމަވެސް ވެއިޓަރު ތަބަކަށް ލައިގެން ޒައިނާގެ ކޮފީތަށި ގެނެސްދިނެވެ. ރަމްޒީއަށް އެ ވަގުތު ފާހަގަވީ އެންމެ ކަމެކެވެ. އެހެން ކުދީންނާ ޚިލާފަށް މި އަންހެންކުއްޖާ ފޯނު އަތަށްލައިގެން ނަޒަރު ހުއްޓިފައި ނީންނަކަމެވެ.

"އޯހ ނޯ" ޒައިނާ އަތުން ކޮފީތަށި ބަންޑުން ދިޔައެވެ. އެ ވަގުތު ރަމްޒީ ދިއްކޮށްލީ ޓިޝޫއެކެވެ. އެ ޓިޝޫގައި ޒައިނާ ހިފި ވަގުތު ރަމްޒީ ބުންޏެވެ.

"ކޮފީތަށްޓަކަށް ވަކި މޮޅެއް ނުވެވޭނެ. ވެއިޓަރު ކޮފީތަށްޓެއް ގެނެސްދީ!" ޒައިނާ ގާތަށް ހިނިއައިސްގެން ހުރެ ރަމްޒީއަށް ބަލައިލެވުނެވެ. އެ ދުވަހަށްފަހު ޒައިނާ އެކަނި މޭޒުގައި އިންނަ މަންޒަރު ބަދަލުވެއްޖެއެވެ.  

އެމީހުން ފުރަތަމަ ދެއްކީ ކުދިކުދި ވާހަކަތަކެވެ.

ފޮތްތަކުގެ ވާހަކައެވެ.. ކަމުދާ މިއުޒިކެވެ. ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކުގެ ވާހަކައެވެ. ކުޑައިރުގެ އެންމެ ކަމުދާ ހަނދާންތަކެވެ.

ދެން މަޑުމަޑުން ހުވަފެންތަކާ ބެހޭ ގޮތުން ވާހަކަދައްކާން ފެށުނެވެ. މަޑުމަޑުން ވަގުތު އިތުރުވާން ފެށިއެވެ.

ބައެއް ދުވަސް ދުވަހު އެމީހުން އިށީނދެ ތިބޭ އިރު ހަމަހިމޭންކަން އިޚުތިޔާރުކުރެއެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއް ނުވެ ވާހަކަ ފެށި ފުންވެގެން ދެއެވެ. އެ ގޮތުގައި ދެ ހަފުތާ ވަރު ވޭތުވެ ދިޔައެވެ.

ރަމްޒީ އިންތިޒާރުކޮށްކޮށް ވަރުބަލިވީ އިރު ވެސް ޒައިނާއެއް މިއަދު ނައެވެ. ގަޑިއަށް ބެލުނު ޢަދަދެއް ވެސް ނޭނގެއެވެ. ރަމްޒީގެ ހިތަށް އުނދަގޫވާން ފަށައިފިއެވެ. އެންމެ ފަހުން މޭޒުކައިރީން ތެދުވެގެން ދިޔައީއެވެ. އެ ގޮތުގައި ތިންދުވަސް ފާއިތުވެ ދިޔަ އިރު ރަމްޒީއަށް ހަމަހިމޭކަން އަތުވެއްޖެއެވެ. އިސްޖަހައިގެން މޭޒުކައިރީ އެތައް އިރަކު އިނދެފައި ތެދުވެއެވެ.

 

ހަތަރުވަނަ ދުވަހު ރަމްޒީ މޭޒުކައިރީ އިނދެ ގަޑިން ހަގަޑި ދިހައެއް ހިނގުމުން ތެދުވީ ފުރާން ދާންވެގެންނެވެ. އެވަގުތު ދޮރުމަތީ ޒައިނާ ހުއްޓައި ފެނުނެވެ. ޒައިނާއާ ދިމާއަށް ރަމްޒީއަށް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ.

[އަހަރެން ބިރުގަތީ. ލޯބިވުމުގެ ނުރައްކާތެރިކަން ސިގުނަލްދޭން ފެށުމުން.]

[މިހައި ގާތް ގުޅުމެއް އުފެދިފައިވާ އިރު ލޯބިނުވެވުމަކީ މާނުރައްކާތެރިކަމެއް.] ޒައިނާއަށް ބަލައިލަމުން ރަމްޒީ ބުންޏެވެ. ޒައިނާ އައިސް އިށީނުމާ އެކު ރަމްޒީ ޒައިނާގެ އަތުގައި ހިފިއެވެ. ޒައިނާ ވެސް ރަމްޒީގެ އެ ޢަމަލަށް މަރުޙަބާކިޔެވެ.

ލޯތްބަކީ ވެސް ކޮފީތަށި ފަދައިން ލަހުން އަންނަ އެއްޗެކެވެ. ވަކި ވަގުތެއް ޖެހުމުންނެވެ. ދެ މީހުންގެ ދެމެދުގައި ވެސް އަވަސް އަރުވައިލައިގެން ލޯބި ހޯދާން އުޅުމުގެ ބޭނުމެއް ނެތެވެ. ލޯބީން ކުރެވުނު އެތައް ވަޢުދުތަކަކާ އެކު ރަމްޒީއާއި ޒައިނާގެ ޙަޔާތަށް ބަހާރު މޫސުން އަތުވެއްޖެއެވެ. ކައިވެންޏަށް ފަހު ޒައިނާ ބަދަލުވީ ރަމްޒީގެ ގެއަށެވެ. 

ރަމްޒީގެ ގޭގައި އުޅެނީ ރަމްޒީއާއި އެއްބަނޑު އެއްބަފާ ދައްތައެވެ. ރަމްޒީގެ ހުރިހާ ވެސް މީހަކީ އެއީއެވެ. [އަހަރެންގެ މަންމަ އަކީ ވެސް ދައްތަ. އަހަރެން ދައްތައަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ތައްޔާރު." ރަމްޒީގެ ޖުމްލަތަކުން އޭނާ ދައްތަ ދެކެ ލޯބިވާ މިންވަރު ހާމަކޮށްދިނެވެ.

ރަމްޒީއަށް ނޭނގުނީ އެންމެ ކަމެކެވެ. ދައްތަ ޒައިނާއާ މެދު ހިތްހަމަ ނުޖެހޭކަމެވެ. އެ ކަމެއް ދައްތަގެ މޫނު މައްޗަކުން ވެސް އުޅުމަކުން ވެސް ޒައިނާއަކަށް ނުދައްކައެވެ. އެހެންނަމަވެސް ދައްތަ ހުންނަނީ ޒައިނާއަށް ވަރަށް ބޮޑަށް ފާރަވެރިވެގެންނެވެ. އެ ކަން ޒައިނާއަށް ފާހަގަވީ އެ ގޭގައި އުޅޭތާ ދެތިން މަސް ފަހުންނެވެ. ވާހަކައިގެ ރާގާއި ބަހުރުވަ ހުންނަ ގޮތުންނެވެ. ދައްތައާ ދިމާއަށް ޒައިނާ އެއްވެސް އެއްޗެއް ނުބުނެއެވެ.

މެދު ފަންތީގެ ޢާއިލާއަކަށް އުފަން ޒައިނާ ތަރުބިއްޔަތު ވެފައި ވަނީ މަންމައާއި ބައްޕަގެ އޯގާވެރިކަމުގެ ހިޔަލުގައެވެ. ލޯބީގެ އުނގުތެރޭގައެވެ. ޒައިނާގެ މައިންބަފައިން ދިން ތަރުބިއްޔަތު ޒައިނާ ދުވަހަކު ވެސް ހަނދާނެއްނުނެތޭނެއެވެ. އަބަދުވެސް ޒައިނާގެ ހަނދާނުގައި ހުރެއެވެ. މަންމަ ވިސްނައިދީފައިވާ މުހިންމު ނަސޭހަތްތަކެވެ. ޒައިނާ އެހެން ގެއަކަށް ބަދަލުވާން އުޅުމަކީ މަންމަ ބޭނުންވާ ގޮތް ނޫންކަމުގައި ވިއަސް އަނބިމީހާގެ މައްޗަށް ގޮތް ކިޔާނީ ފިރިމީހާކަން އެ މަންމަ ދަނެއެވެ.

[ދަރިފުޅާ! ތިޔަ ދަނީ އެހެން ބަޔެއްގެ ގާތަށް. ރަމްޒީގެ ޢާއިލާގެ މީހަކަށް ދަރިފުޅު ފަރާތުން ދެރަ ބަހެއް ނުބުނައްޗޭ. މި މަންމަ ދިން ތަރުބިއްޔަތުގެ ބޭނުން ހިފައިގެން ދިރިއުޅޭތި! ކޮންމެ ކަމެއްގައި ވެސް ރިވެތި އަޚުލާޤުގައި ހިފަހައްޓާތި! ތިޔައީ މަންމަމެން ވަރަށް ލޯބިން ކޫރުމެއް ވެސް އެޅުނަނުދީ ބެލެހެއްޓި ދަރިއެއް. އެހެން މީހަކު ދަރިފުޅުގައިގައި ކޫރުމެއް އަޅާ ވަރުގެ ކަމެއް ނުކުރާތި." މަންމަ ލޮލުން ކަރުނަ ފޮހެމުން ނުރޯކަމަށް ހެދިގެން ދެއްކިވާހަކަތައް މިއަދު ވެސް ޒައިނާގެ ހިތުގައި ގުގުމަމުން ދެއެވެ.

އެއް ދުވަހަކު ރަމްޒީ ހޯދާން އެ ގެއަށް މީހަކު އައެވެ. އޭރު ރަމްޒީވީ ކަމަކު ބޭރަށް ގޮހެވެ. އެ ވަގުތު ޒައިނާ ނިކުތް ތަނުން އެ މީހަކަށް ޒައިނާ ފެނުނެވެ. އޭނާކަޅިނުޖަހައި ޒައިނާއަށް ބަލާ ތަން ދައްތައަށް ފެނުނެވެ.

[މީ ސަހަލު ކަމެއް ނޫން. ޒައިނާ ސަލާމާ ދިމާއަށް ބަލައިފައި ހޭންފަށާނީ ގުޅުމެއް އޮތީމަ. އެހެން ނޫން ނަމަ އެހެން ސަލާމް ވެސް ބަލަހައްޓައިގެން ނުހުންނާނެ.] ދައްތަ ހިތުން ވާހަކަ ދައްކަމުން ދިޔައެވެ.

އެންމެފަހުން އެވާހަކަ ހިތުހުރި ގޮތަކަށް ބަދަލުކޮށްގެން ދައްތަ ރަމްޒީ ގާތުގައި ދައްކައިފިއެވެ. އެ ވަރުން އަދި ނިމުނީކީ ނޫނެވެ. އަވަށްޓެރީންނަށް އެ ކަން އެނގިއްޖެއެވެ. ޒައިނާ އެ ކަން ދޮގުކުރިއެވެ. އެކަމަކު ރަމްޒީގެ ހިތުގައި  ދައްތައަށް އޮންނަ އިތުބާރެއްގެ ސަބަބުން ޒައިނާގެ ވާހަކަ ގަބޫލެއްނުކުރިއެވެ.

[ދައްތަ ނުދައްކާނެ ދޮގު ވާހަކައެއް. އަހަރެން އެންމެ ހިނދުކޮޅަކު ވެސް ޒައިނާ މި ގޭގައި ބަހައްޓާކަން ބޭނުމެއް ނޫން. ނިކުމޭ.] ރަމްޒީގެ ގެއިން ޒައިނާ ނެރެވުނީ ވަރަށް ހުތުރު ވާހަކަތަކެއް ބޮލުގައި އަޅުވައިފައެވެ. އެއީ ޒައިނާ ބަނޑުބޮޑުވީ ރަމްޒީއަށް ނޫންކަމާއި އެއީ ސަލާމްގެ ދަރިއެއްކަމަށް ކަނޑައެޅީ ދައްތައެވެ. އެ ހިސާބުން އަވަށްޓެރީން އެކަންޏެއް ނޫނެވެ. ރަށު އެންމެން އެ ވާހަކަ ގަބޫލުކުރިއެވެ. ސަލާމަކީ ޒައިނާ ދަންނަ މީހަކަށް ނުވިއަސް މިއަދު މުޖުތަމު ދެކެނީ އެއީ ސަލާމްގެ ދަރިއެއްކަމުގައެވެ.

ވިއްސާރަ ރެއެއްގައި ރަމްޒީ ގެއިން ޒައިނާ ނެރެ އެއްލައިލެވުނެވެ. ވަންނާނެ ތަނެއް ނެތިގެން ޒައިނާ ބޭރުގައި އެތައް އިރަކު އިނެވެ. އަމިއްލަ ގެއަށް މައިންބަފައިން ގާތަށް އެވަރުގެ ބަދުނާމަކާ އެކު ދާކަށް ޒައިނާ އަކަށް ނުކެރުނެވެ. އެންމެ ފަހުން އެހެން ގޮތެއް ނެތިގެން މަންމައަށް ގުޅައިފިއެވެ.

[މަންމާ!] ޒައިނާއަށް ރޮއިގަނެވެވުނެވެ.

[އަހަރެން ދިން ތަރުބިއްޔަތުގައި ކޮޅުފައިން ޖަހައިފައި އަދި އަހަރެމެން ބަދުނާމުކުރާކަށް މި ގެއަށް އައިސްގެން ނުވާނެ." މިއަދު އެ މަންމަ އަށް ވެސް ގޯސްވީ ޒައިނާއެވެ. އޭރު ޒައިނާގެ ބަނޑަށް ތަދުވަނީއެވެ. ވޭނުގައި ބިންމަތީގައި އޮވެ ރޮމުންރޮމުން ގެންދިޔައެވެ. ބަނޑުގައި އަޅާ ވޭނާއި ވެފައި ހުރި ހިތްދަތިކަމުގެ ސަބަބުން ޒައިނާއަށް ވާނުވާ ވެސް ނޭނގެއެވެ.

ހެނދުނު ލިބުނު ޚަބަރަކީ ޒައިނާ މަގުމައްޗަށް ވެއްޓިފައި އޮތީ މަރުވެގެންކަމެވެ. ރަމްޒީގެ ހިތް ހަލާކުވެއްޖެއެވެ. ޒައިނާ މި ދުނިޔެ ދޫކުރީ ރަމްޒީގެ ސަބަބުންކަމުގައި ރަމްޒީއަށް ހީވާން ފަށައިފިއެވެ. ދައްތައަށް ވެސް އޭނާގެ ކުށް އިޙްސާސްކުރެވޭން ފަށައިފިއެވެ. ޒައިނާގެ ކުށެއް ނެތްކަން އެނގެނީ ވެސް ދައްތަ އަށެވެ. ޒައިނާ ކަށުކަމާކެމީގެ ކަންތައް ނިންމައިފައި އައިސް ކޮޓަރިއަށް ވަން ގޮތަށް ރަމްޒީއެއް ކޮޓަރިއަކުން ނުނިކުތެވެ. ހިތާމައާއި ހިތްދަތިކަމުގައި ރޮއިރޮއި އޮތެވެ.

އޭގެ ދެ ދުވަސް ފަހުން ޒައިނާ އޮފީހުގައި އުޅޭ ސަނާޔާގެ ކޯލެއް ރަމްޒީ އަށްލިބުނެވެ. ބައްދަލުކޮށްލާން ބޭނުންވާކަމަށް ބުނެއެވެ. ރަމްޒީ ސަނާޔާ ބައްދަލްވުމުން ޒައިނާގެ ފަރާތުން އެނގި ހުރި ވާހަކަތައް ސަނާޔާ ކިޔައިދިނެވެ.

[ދައްތަ ޒައިނާއާ ހިތްހަމައެއްނުޖެހޭ. ޒައިނާއާ ދިމާއަށް އެކި ދުވަސް މަތިން ތަފާތު ބަސްތަކުން އެއްޗެހި ގޮވާކަމަށް ޒައިނާ ކިޔައިދިން. އަދި އެ ބުނާ ސަލާމް އެއީ ޒައިނާ ދަންނަ މީހެއް ވެސް ނޫން. އޭނާ ތިޔަ ގެއަށް އެއް ދުވަހަކު ދިޔައީ ވެސް ރަމްޒީ ހޯދާން."

[އަހަރެން ނުދަންނަން އެއްވެސް ސަލާމެއް.] ރަމްޒީ ވެސް ނުދަންނަ މީހަކު އެ ގެއަށް އައީ ކީއްވެގެންކަން އެ ދެ މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. އެންމެ ފަހުން ރަމްޒީ ނިންމީ ދައްތައާ ސުވާލުކުރާށެވެ. ދައްތައަށް ލޯމަރައިފައި އިތުބާރުކުރެވުނީއެވެ.

[ދައްތާ. ދައްތާ!] ރަމްޒީ ގޮވާ އަޑަށް ދައްތަ ކޮޓަރީން ނިކުތެވެ. ދުވަހަކު ވެސް އަޑު ބާރުކޮށް ނުގޮވާ ރަމްޒީ މިއަދު ހުރީ ހިތްހަމަނުޖެހިފައިކަން ދައްތައަށް އެނގިއްޖެއެވެ.

[ސަލާމް މިގެއަށް ޒައިނާ ހޯދާކަށް ނާންނާނެކަން އެނގިއްޖެ. އެއީ ޒައިނާ ދަންނަ މީހެއް ވެސް ނޫންކަން އަހަންނަށްއެނގޭ."

[އަހަރެން ބުނެގެން ސަލާމް އެހެން ހެދީ. އަހަރެން ބޭނުންވީ ޒައިނާ މި ގެއިން ނެރެން. އޭރު ހިތަކަށް ނާރާ ޒައިނާ މަރުވެދާނެ ކަމަކަށް. އަހަންނަށް މާފުކުރޭ!]

[ދައްތައެއްކަމަކު އެހާބޮޑު ދޮގު އިލްޒާމެއް އަޅުވާކަށް ނުވާނެއްނު!]

[އަހަރެން ހީކުރީ ދައްތަ ދެއްކީ ތެދު ވާހަކަ ކަމަށް.] އެ ދުވަހަށް ފަހު ރަމްޒީގެ އުޅުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އަސުލު ކުށްވެރިއަކީ ރަމްޒީކަމަށް ގަބޫލު ކުރެވުނެވެ. އެއީ އެ ވަރުގެ ދޮގު ތުހުމަތެއް ކުރުމަށް ފަހު ޒައިނާގެ ބަސް އެހުމެއްނެތި ވާރޭގެ ތެރޭގައި އެ ގެއިން ނެރެ އެއްލައިލެވުނީތީއެވެ. އަދި ދެފުރާނަ އެކީ މި ދުނިޔެއިން ވަކިވީއެވެ.

[އަހަންނަކީ ކުށްވެރިއެއް.] ރަމްޒީ ބުނަމުން ދިޔައެވެ.

[އަހަންނަކީ ކުށްވެރިއެއް.] ދައްތަ ބުނަމުން ދިޔައެވެ.

[އަހަންނަކީ ކުށްވެރިއެއް. އަމިއްލަ ދަރިފުޅު އެ ހާލުގައި ވަނިކޮށް ދުނިޔޭގެ ލަދަށް ޓަކައި ދަރިފުޅުގެ ވާހަކަތައް އަޑުނާހައި ގެއަށް ނުވެއްދީ އަހަރެން.] ޒައިނާގެ މަންމަ ބުނަމުން ދިޔައެވެ. މިއަދު ޒައިނާގެ ހަނދާން ފިޔަވައި އެކައްޗެއް ވެސް ނެތެވެ. (ނިމުނީ)

ކޮމެންޓު