ad_banner
އަމިއްލައަށް ރުޤްޔާކުރުމާއި، ވަސްވާސްތަކާއި، ޖިންނި އާފާތްތައް

ޙަކީމް ސަލްމާނު ފަހުމީ

18 ޖަނަވަރީ 2026

އަމިއްލައަށް ރުޤުޔާކުރުމަކީ އީމާންކަން ވަރަުގަދަވާނޭ ކަމެކެވެ.

އިންސާނާގެ ދިރިއުޅުމަކީ ހަށިގަނޑާއި، ފުރާނައާއި (ރޫޙު)، އަދި ހިތުގެ (ޤަލްބު) މައްޗަށް އެކުލެވިގެންވާ ކަމެއްކަން އިސްލާމްދީން އުނގަންނައިދެއެވެ. އިންސާނާގެ ޙަޔާތް ގުޅިފައިވަނީ ފެންނާން ހުރި ޢާލަމްތަކާއި (ޢާލަމުއްޝަހާދާ) އަދި ނުފެންނަ ޣައިބުގެ ޢާލަމްތަކާ (ޢާލަމުލްޣައިބި)އެވެ.

އިސްލާމީ ޢަޤީދާގައި ކަށަވަރުކޮށްދޭ ޣައިބުގެ ޙަޤީޤަތްތަކުގެ ތެރޭގައި، ޖިންނީންގެ ވުޖޫދާއި، ވަސްވާސްތަކުގެ ޒަރީޢާއިން ޝައިޠާނާ ފޯރުވާ ނުފޫޒާއި، އަދި ވަޙީގެ މެދުވެރިކަމުން މާތްﷲ ދެއްވައިފައިވާ ރައްކާތެރިކަމާއި ޝިފާ ހިމެނެއެވެ. މި ފުރިހަމަ އޮނިގަނޑުގެ ތެރެއިން، [އަމިއްލައަށް ރުޤްޔާކުރުމަކީ] ސުންނަތުން ސާބިތުވާ، މުއުމިނާގެ ރޫޙާނީ ބާރުވެރިކަން އިތުރުކޮށްދޭ ކަމެކެވެ. މިއީ އެއްވެސް ބިރުވެރިކަމެއް ނުވަތަ ސިހުރުވެރިކަމެއް ނެތި، އަދި އެހެން މީހަކަށް ބަރޯސާވުމެއް ނެތި، ސީދާ މާތްﷲގެ ޙަޟުރަތުން ޝިފާއާއި ރައްކާތެރިކަން ހޯދުމަށް ޓަކައި އޮތް މަގެކެވެ.

ޝިފާދެއްވާ ހަމައެކަނި ފަރާތަކީ މާތްﷲކަމުގައި ޤުރުއާނުގައި ބަޔާންކުރައްވައިފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ މާނައީ: [އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ،ހަމަ އެކަލާނގެއެވެ.] (އައްޝުޢަރާ: 80)

ހަމަ އެހެންމެ، ޤުރުއާނުގެ އާޔަތްތަކަކީ ރޫޙާނީ ގޮތުން ނުހަނު ނުފޫޒުގަދަ ޝިފާއެއްކަން ކީރިތިޤުރުއާނުގެ މިއާޔަތުން ކަށަވަރުކޮށްދެއެވެ: ﴿وَنُنَزِّلُ مِنَ الْقُرآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ﴾ މާނައީ: [ތިމަންރަސްކަލާނގެ ޤުރުއާނުން މުއުމިނުންނަށް ރަޙުމަތާއި، ޝިފާއެއްކަމުގައިވާ ތަކެތި ބާވައިލައްވަމެވެ.] (އަލްއިސްރާ: 82)

އިބްނުލްޤައްޔިމް ފަދަ ދަންނަބޭކަލުން ތަފުސީރުކުރައްވާ ގޮތުގައި، މި ޝިފާއަކީ ހިތާއި، ބުއްދިއާއި، ހަށިގަނޑުގެ ބަލިތަކުގެ އިތުރުން، ވަސްވާހާއި، ބިރުވެރިކަމާއި، ޖިންނީންގެ ފަރާތުން ލިބޭ އުނދަގޫތަކުން ސަލާމަތްވުމަށް އޮތް ރައްކާތެރިކަމެކެވެ. އެހެންކަމުން، ރުޤްޔާއަކީ އިސްލާމީ ތައުޙީދުގެ ތެރެއިން އައިސްފައިވާ، ދީނުގައި އަލަށް އުފެއްދި ކަމެއް ނޫންކަން ސާބިތުވެއެވެ.

އަމިއްލައަށް ރުޤްޔާކުރުމަކީ، މާތްﷲގެ އެއްކައުވަންތަކަމާއި ޝިފާދެއްވުމުގެ ކުޅަދާނަކަމަށް ފުރިހަމައަށް އީމާންވެ ހުރެ، ޤުރުއާނުގެ އާޔަތްތަކާއި ސުންނަތުން ސާބިތުވާ ދުޢާތައް ކިޔަވައިގެން އަމިއްލަ ނަފުސަށް ފަރުވާކުރުމެވެ. މާތް ނަބިއްޔާ އަމިއްލަފުޅަށް ރުޤްޔާކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަފުޅުލެއްޕެވުމުގެ ކުރީން، އިޚުލާޞް، ފަލަޤި، އަދި ނާސް މި ތިން ސޫރަތް ކިޔަވައިވިދާޅުވެ، އަތްޕުޅަށް ފުމެލެއްވުމަށް ފަހު ހަށިކޮޅުގައި އަތްޕުޅު ފިރުއްމަވާކަމަށް ބުޚާރީގެ ރިވާޔަތްތަކުން އެނގެއެވެ. އިބްނު ތައިމިއްޔާ ފަދަ ބޭކަލުން ވިދާޅުވާ ގޮތުގައި، އެހެން މީހުންގެ ގާތުން ރުޤްޔާކޮށްދިނުމަށް އެދުމަށް ވުރެ އަމިއްލައަށް ރުޤްޔާކުރުން މާ މާތްވެގެންވެއެވެ. ސަބަބަކީ އޭގެ ސަބަބުން ތައުޙީދު ވަރުގަދަވެ، މާތްﷲއަށް އޮންނަ ވަކީލުކުރުން އިތުރުވެ، އެހެން މީހުންނަށް ބަރޯސާވުމުގެ ސަބަބުން އުފެދިދާނެ ކުށްހީތަކުން ސަލާމަތްކޮށްދޭތީއެވެ.

ކުށްހީތަކާއި ސިހުރުވެރިކަމާ ދުރުހެލިވެ، ހަމަ އެކަނި މާތްﷲއަށް ވަކީލުކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި ރަސޫލާ ކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ: [ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ހަތްދިހަ ހާސް މީހުން ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނާނެއެވެ. އެއީ އެހެން މީހުންގެ ގާތުން ރުޤްޔާކޮށްދިނުމަށް ނޭދޭ، އަދި ނުހޫސަތްތެރިކަން (ބަދުފާލު) ގަބޫލުނުކުރާ، އަދި ހަމައެކަނި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުންނެވެ.] (ޞަޙީޙް ބުޚާރީ)

މި ޙަދީޘުން އެނގެނީ، ރުޤްޔާކުރުމަށް އެހެން މީހުންނަށް މާބޮޑަށް ބަރޯސާވުމަކީ ތައުޙީދަށް އުނިކަން އަތުވެދާނެ ކަމެއްކަމެވެ. އަމިއްލައަށް ރުޤްޔާކުރުމަކީ އެންމެ ރައްކާތެރި އަދި އެންމެ ސަވާބު ބޮޑު ގޮތެވެ.

އަމިއްލައަށް ރުޤްޔާކުރުމުން ޙައްލުކޮށްދޭ އެންމެ ބޮޑު އެއް ކަމަކީ [ވަސްވާސް]އެވެ. ވަސްވާހަކީ ޝައިޠާނާގެ ފަރާތުން އިންސާނާގެ ހިތަށް ވައްދާ ބިރުވެރިކަމާއި، ޝައްކުތަކެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿مِن شَرِّ الْوَسْوَاسِ الْخَنَّاسِ ٱلَّذِي يُوَسْوِسُ فِي صُدُورِ ٱناسِ﴾  މާނައީ: "ފިލައި ހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ:ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ހަޟުރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އެ ޝައިޠާނާއީ، މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ." (އަންނާސް: 4-5)

މިފަދަ ވަސްވާސްތަކުގެ ސަބަބުން އީމާންތެރިކަމާއި، ނަމާދާއި، ނަފުސާނީ ހަމަޖެހުމަށް އަސަރުކޮށްފާނެއެވެ. ނަމަވެސް، ހިތަށް އަރާ މި ފަދަ ވަސްވާސްތަކަށް ޢަމަލުނުކުރާހައި ހިނދަކު ނުވަތަ ދުލުން ބޭރުނުކުރާހައި ހިނދަކު، އެއީ ފާފައެއް ނޫންކަން އިސްލާމްދީން އުނގަންނައިދެއެވެ. ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ: [ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ހިތަށް އަރާ ވަސްވާސްތަކަށް ނުހެއްލި، އެއަށް ޢަމަލުނުކުރާހައި ހިނދަކު ނުވަތަ އެ ވާހަކަ ނުދައްކާހައި ހިނދަކު، މާތްﷲ ވަނީ މާފުކުރައްވައިފައެވެ.] (ބުޚާރީއާއި މުސްލިމް)

އިމާމް ނަވަވީ ވިދާޅުވާ ގޮތުގައި، ޝައިޠާނާ މުއުމިނުންނަށް ވަސްވާސްދެނީ އެ މީހުންގެ އީމާންތެރިކަމުގެ ސަބަބުން އޭނާއަށް ނުރައްކާވާތީއެވެ. ވަސްވާސްތަކުން ސަލާމަތްވުމަށް އޮތް ގޮތަކީ އެ ކަންކަމަށް ފަރުވާނުބަހައްޓައި މާތްﷲގެ ރައްކާތެރިކަމަށް އެދުމެވެ.

އަމިއްލައަށް ރުޤްޔާކުރުމުން ހިތަށް ނޫރު ލިބި، ޝައިޠާނާގެ ނުފޫޒު ކުޑަވެގެންދެއެވެ. އަލްފާތިޙާ ސޫރަތާއި، އާޔަތުލްކުރުސިއާއި، މުޢައްވިޛަތައިނި (ފަލަޤް، ނާސް) ގަވާއިދުން ކިޔެވުމަކީ ރޫޙާނީ އައްޑަނައެއް ފަދަ ކަމެކެވެ.

ޖިންނި އާފާތްތަކާ ބެހޭ ގޮތުން ދަންނައެވެ. އެއީ މަދުން ނޫނީ ދިމާނުވާ ކަމެއްކަން އިސްލާމްދީން ބަޔާންކުރެއެވެ. ޖިންނީންގެ ވުޖޫދު ޤުރުއާނުން ސާބިތުވެއެވެ. އިބްނު ތައިމިއްޔާ ފަދަ ބޭކަލުން ވިދާޅުވާ ގޮތުގައި، މާތްﷲގެ އިޛުނަފުޅާ އެކު ޖިންނި އާފާތްތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގިނަ ބަލިތަކާއި ނަފުސާނީ މައްސަލަތަކަކީ ޠަބީޢީ ސަބަބުތަކާ ހުރެ ދިމާވާ ކަންކަމެވެ. އެހެންކަމުން، މި ކަމުގައި މާބޮޑަށް ބިރުގަނެ ހާސްވުމުގެ ބަދަލުގައި މެދުމިނުގެ ވިސްނުމެއް ގެންގުޅުން މުހިންމެވެ.

ރޫޙާނީ އުނދަގުލެއް ހުރިކަމަށް ޝައްކުކުރެވޭ ނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލައަށް ރުޤްޔާކުރުމެވެ. މީގެ އިތުރަށް ސިއްޙީ ފަރުވާ ހޯދުމަކީވެސް ދީން ހުއްދަކުރާ ކަމެކެވެ. ރަސޫލާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ:

]މާތްﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ. ފަހެ، މާތްﷲ ބައްޔެއް ލެއްވިނަމަ، އޭގެ ޝިފާ ވެސް ލެއްވިއެވެ.] (އަބޫ ދާވޫދު)

ޖިންނީންގެ އެހީ ހޯދުމާއި، ތަވީދު އެޅުމާއި، މާނަ ނޭނގޭ އެއްޗެހި ކިޔެވުމަކީ އިސްލާމްދީނުގައި ހަރުކަށިކޮށް މަނާކޮށްފައިވާ ކަންކަމެވެ. ސުންނަތުން ސާބިތުވާ ރުޤްޔާގެ ސަބަބުން އީމާންތެރިކަން ވަރުގަދަވެ، ނަފުސާނީ ދުޅަހެޔޮކަން ލިބެއެވެ.

ކޮންމެ ދުވަހަކު އަމިއްލައަށް ރުޤްޔާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ރޫޙާނީ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ﴾ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެ (ޝައިޠާނާގެ)އަކަށް ބާރު ލިބިގެނެއްނުވެއެވެ." (އަލްޙިޖްރު: 42)

ނިންމައިލަމުން ދަންނަވާނީ، އިސްލާމްދީނަކީ މި ފަދަ ކަންކަމުގައި ފުރިހަމަ ޙައްލު ދައްކައިދީފައިވާ ދީނެކެވެ. އަމިއްލައަށް ރުޤްޔާކުރުމަކީ މުއުމިނާ ބާރުވެރިކުރުވާ ކަމެކެވެ. ވަސްވާސްތަކަކީ އިމްތިޙާނެއްގެ ގޮތުގައި ބަލައި، ޖިންނި އާފާތްތަކާ މެދު، މާ ބޮޑަށް ބިރުނުގަނެ، މާތްﷲއަށް ވަކީލުކޮށްގެން އުޅުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގެކެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި، އީމާންތެރިކަމާއި ޒިކުރުގެ އެހީގައި، ރޫޙާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ކަމެކެވެ. ތިމާގެ ރައްބު އަދި އިލާހަކީ ﷲ ތަޢާލާކަން ވިސްނައި އެކަލާނގެ ރުއްސަވާނޭމަގުން ކަންކަން ބައްޓަންކުރުމަކީ ކާމިޔާބުވުމެވެ. [وَمَا تَوْفِيقِي إِلَّا بِاللَّهِ]

ކޮމެންޓު