ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
16 ޖަނަވަރީ 2026
ޓުރަންޕު: މީނާއަށް އެމެރިކާގެ ރައްޔިތުންގެ އަޑެއް ނީވެއެވެ. އެ މުޒާހަރާތަކެއް ވެސް ނުފެނެއެވެ. ފެންނަނީ ތެޔޮވަޅުތަކާއި މަޢުދަންތަކުން މުއްސަނދިވެފައިވާ ގައުމުތަކެވެ.
ޓުރަންޕާއި ނަތަންޔާހޫ އީރާނުގައި އިންދި އޮށް، އެމެރިކާގެ ބިމުން ފަޅައިފިއެވެ. 2025 ވަނަ އަހަރު ނިމެމުން ދަނިކޮށް، އެމެރިކާއާއި އިޒުރޭލުން ދުނިޔޭގެ އެކި ތަންތަނުގައި ހަމަނުޖެހުން އުފައްދައި، ރޯކުރި އަލިފާންގަނޑުގެ ހުޅުތައް، އެންމެ ފަހުން އެމެރިކާއާއި ހަމައަށް ފޯރައި، އެމެރިކާގެ ބިމުގައި ރޯވެ އަނދާން ފަށައިފިއެވެ.
އެމެރިކާގައި މި ފެށުނު މަދަނީ ބަސްނޭހުންތަކުގެ އަސްލަކީ، އެތައް ދުވަހެއް ވަންދެން އެމެރިކާގެ ރައްޔިތުންގެ ހިތުގައި ކެކުޅެމުން ދިޔަ އުދާސްތައް ބަންޑުންވެ، ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން ފެށިގެން އުޅޭ ކަމެއްކަމަށް ފެނެއެވެ. މުޒާހިރާ ރާވައި ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި، ހަފުތާ ބަންދު ތެރޭގައި، ޓުރަންޕު އެޑްމިނިސްޓްރޭޝަނުގެ، އިމިގްރޭޝަން އެޖެންޑާއާ ދެކޮޅަށް، 1000އަށް ވުރެ ގިނަ މުޒާހަރާ އެމެރިކާގެ ހުރިހައި ސަހަރުތަކެއްގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ދާނެއެވެ. މިހާރު ހިނގަމުންދާ މުޒާހަރާތައް ގުޅިފައިވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި، އަދި މިނިއަޕޮލިސްގައި، އިމިގްރޭޝަން އެންޑް ކަސްޓަމް އެންފޯސްމަންޓް (އައިސް)ގެ އެޖެންޓަކު ބަޑިޖަހައި މިނިސޯޓާގެ އަންހެނެއްކަމަށްވާ ރެނޭ ނިކޯލް ގުޑް މަރައިލުމުގެ ޙާދިސާއާއެވެ. އޭގެ އިތުރަށް، ގްރީންލޭންޑް އިސްތިޢުމާރުކުރުމުގެ ޕުލޭނުކަމަށް ބުނާ "އޮޕަރޭޝަން ނޮދަރން ޝީލްޑް" ޑްރާފުޓްކުރުމަށް ނިންމުމާ އެކު، ބިރުވެރި [ޑޫމްސްޑޭ ޕުލޭން] އިންޒާރާއި، އީރާނާ ދެކޮޅަށް ނިއުކުލިއަރު ހަނގުރާމައެއް ފެށުމުގެ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ، އެމެރިކާގެ ގިނަ ބަޔަކު ދަނީ، މަގުތަކަށް ނުކުމެ މަދަނީ ބަސްނޭހުމާއި، އިތުރު ހަމަނުޖެހުތައް ހިންގަމުންނެވެ.
މުޙައްލިލުން އިންޒާރުދޭ ގޮތުގައި، ސިޔާސީ ބައިބައިވުން ވަނީ ބަހުސްގެ މަރުހަލާއިން ބޭރުވެ، ޖިސްމާނީ ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. މުޒާހަރާގެ ބައިވެރީން ހަމައެކަނި އަޑުއުފުލަނީ އެމެރިކާގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކާއި ދެކޮޅަށް އެކަންޏެއް ނޫނެވެ. މުޒާހަރާގެ ބައިވެރީން ގެންދަނީ ޓުރަންޕަށް ތާއީދުކުރާ މީހުންގެ ބިނާވެއްޓަށް ވެސް ހަމަލާދެމުންނެވެ. އެމެރިކާގެ މަދަނީ ބަސްނޭހުންތަކުގެ މިސްރާބު މި ވަނީ ވަރަށް ނުރައްކާތެރި ފައްތަރަކަށް ގޮސްފައެވެ. އަދި ސިޔާސީ ގޮތުން ވަކި ޖަމާއަތަކަށް ނުވަތަ ވަކި ފިރުޤާއަކާ ދެކޮޅަށް އުފެދިފައިވާ ހަމަނުޖެހުމަކަށް، މި ހަމަނުޖެހުން ވަނީ ބަދަލުވެފައެވެ. އެމެރިކާއިން، އެހެން ޤައުމުތަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދި އުފެއްދުމުގެ ހިތިރަހަ، އެންމެ ފަހުން އެމެރިކާގެ ކަރުބުޑުގައި ވެސް ލީތާއެވެ.
ދުނިޔޭގައި މުޒާހަރާ ކުރަނީ އީރާނުގައި އެކަންޏެއް ނޫނެވެ. ދުނިޔޭގައި ހުރިއްޔާ ހުރި، ހުރިހާ ޤުދުރަތީ މުއްސަދިކަމުގެ މައްޗަށް ވެރިވެ ގަންނާން މަސައްކަތްކުރާ ޝައިޠާނީ އެމެރިކާގައި ވެސް، އެ ޤައުމުގެ ރައީސް ޓުރަންޕުގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހިގެން، އެ ޤައުމުގެ ރައްޔިތުން ވެސް އެ ގެންދަނީ މުޒާހަރާކުރަމުންނެވެ. އެކަމަކު، ހިތާމައަކީ އަހުރެމެންގެ ތެރޭގައި ތިބި ސިޔާސީ ބައެއް މީހުންނަށް، އެ މަންޒަރުތަކާއި އަޑުތައް ނީވޭކަމެވެ. ގައިމު އެމެރިކާގެ ރައްޔިތުންގެ އަޑުއަހައި، އެމެރިކާގެ ރައީސްކަމުގައި ހުރި މީހާ ގާތު، އިސްތިޢުފާދީފައި ގެއަށް ދާށޭ ބުނެ ޓުވީޓެއް ކޮށްލާނެ ނަމަ، ކިހައި ރަނގަޅުވީސްހެއްޔެވެ؟ އީރާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ރައްޔިތުންނާ އެކު ހުރީމޭ ބުނާ މީހުންނަށް، އެމެރިކާގެ ސަރުކާރާ ދެކޮޅަށް އަޑު އުފާ ރައްޔިތުންނާ އެކު ހުރީމޭ ބުނާ ނަމަ، އެއީ އިޚުލާޞްތެރި، އިންސާފުވެރި ތަވާޒުނު ބުނުމެއްކަމަށް މީހުންނަށް ގަބޫލުކުރެވީއްޖައީސްތާއެވެ! އޭރުން ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވިދާނެ ތޯއްޗެކެވެ.