އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
15 ޖަނަވަރީ 2026
އީރާނަށް ހުރިހައި ގެއްލުމެއް ދެމުން ޓުރަންޕު ބުނަނީ އޭނާ އީރާނަށް "އެހީވާން" ބޭނުންކަމަށް.
މި ދިޔަ މަހު 28ގައި އީރާނުގައި އިސްރާއީލުގެ މޮސާޑުގެ އެޖެންޓުންނާއި އެމެރިކާއިން ހުތްދީގެން ފެއްޓުވި މުޒާހަރާތަކުގައި އީރާނުގެ ހުރިހައި ކަންކޮޅެއްގެ މަގުތަކުގައި ފެތުރިގެން ދާ އިރު، މި ކަމުގެ ތެރެއަށް ތަދައްޚުލުވާން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ވަނީ ދީފައެވެ. މިއާ އެކުއެކީގައި މުޒާހަރާވެރީންނަށް [އެހީތެރިވާން] ބޭނުންވާކަމަށް ވެސް ވަނީ އިޢުލާނުކޮށްފައެވެ.
މި ދިޔަ ހޮނިހިރު ދުވަހު ޓުރަންޕު އޭނާގެ [ޓުރުތު ސޯޝަލް] މަންސައިގައި އާންމުކުރި މެސެޖެއްގައި ލިޔެފައިވަނީ [އީރާނުން ބަލަނީ މިނިވަންކަމަށްކަމަށާއި، ނަމަވެސް ފަހަރެއްގައި މީގެ ކުރީން ދުވަހަކު ވެސް ނުފެންނަ ފަދަ މިނިވަންކަމަކަށް ވެދާނެ]ކަމަށެވެ. [އެމެރިކާއިން މި އޮތީ އެހީތެރިވާން ތައްޔާރަށް!] ޓުރަންޕު ލިޔެފައިވެއެވެ. މި ބަޔާނަށް ފަހު ވެސް އޭނާ ވަނީ އޭނާގެ މި ޚިޔާލާއި ޝުޢޫރު އާންމު އެހެން ބަޔާންތަކުގައި ވެސް ތަކުރާރުކޮށްފައެވެ.
އެކަމަކު އީރާނުގެ ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާކަމަށް ޓުރަންޕު ބުނާ އިރު އީރާނުގެ ރައްޔިތުން އިހުމާލުކޮށް އެ މީހުންނަށް ޖެއްސުންކޮށް އުނދަގޫކޮށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިފައިވުމަކީ ހަގީގަތެކެވެ: ޓުރަންޕުގެ ވެރިކަމުގައި އެމެރިކާ އިސްވެ އޮވެ އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ހިމެނޭ ގޮތަށް ދިގު ޒަމާންތަކެއް ވަންދެން އީރާނަށް އިގުތިސާދީ ގޮތުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބުނު އަދި ލިބެމުންދާ އިގުތިސާދީ ގެއްލުންތަކުގެ މައިގަނޑު ހިއްސާދާރަކީ އަދި އަމުރުވެރިޔަކީ ޚުދު އެމެރިކާއެވެ. ޚާއްޞަކޮށް ޓުރަންޕެވެ.
އެމެރިކާއިން އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، މާޒީގައި އެމެރިކާއިން ދުނިޔެއަށް ދެއްކި ޢަމަލީ ޙަރަކާތްތަކަކީ މީހުންނަށް އެހީތެރިވުމުގެ ރެކޯޑެއްތޯ ބަލައިލުން ރަނގަޅެވެ.
އީރާނުގައި ހިނގަމުންދަނީ ކޮންކަމެއް؟
އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތައް ފެށީ 2025ވަނަ އަހަރު ޑިސެމްބަރު މަހު 28ވަނަ ދުވަހު ތެހެރާނުގެ ބޮޑު ބާޒާރުންނެވެ. އެއީ އެމެރިކާ ޑޮލަރާ އަޅައިބަލާ އިރު އީރާނުގެ ފައިސާ ރިޔާލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔުމުގެ ސަބަބުންކަމަށް ބުނެއެވެ. ނަމަވެސް މި ކަންތައްގަނޑު ފެއްޓުވީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އެޖެންޓުން އީރާނުގައި ސިއްރުން ޙަރަކާތްތެރިވެގެންނެވެ. މި މުޒާހަރާތަކުގައި ޙަރަކާތްތެރިވުމަށް ޓަކައި ފިހާރަތަކުގެ ފިހާރަވެރީން ވަނީ ވިޔަފާރިތައް ބަންދުކޮށްފައެވެ.
އޭގެ ފަހުން އީރާނުގެ އެހެން ވިލާޔަތްތަކަށް ވެސް މުޒާހަރާތައް ފެތުރި، ގައުމުގެ އިދާރިއްޔަތާއި ޤިޔާދަތަށް މިހާރުވަނީ ނުރައްކާވާ ހިސާބަށް މުޒާހަރާތައް ގޮސްފައެވެ.
މި ޖަނަވަރީ މަހު 12ވަނަ ދުވަހު ރިޔާލުގެ އަގު އެމެރިކާ ޑޮލަރަކާ އަޅައި ބަލާ އިރު ހުރީ 1.4 މިލިއަނަށެވެ. މިއީ 2025 ވަނަ އަހަރާ އަޅައި ބަލާ އިރު ނުވަލައްކައިގެ ތަފާތެކެވެ. އެހެނީ އޭރު ޑޮލަރެއް ހުރީ ހަތް ލައްކައަށެވެ. އަދި 2025ވަނަ އަހަރުގެ މެދުތެރޭގައި ޑޮލަރުގެ އަގު ހުރީ ނުވަ ލައްކައަށެވެ.
ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ގައުމުގެ ލާދަ އިތުރުވެ، ކާބޯތަކެތީގެ އަގު މިދިޔަ އަހަރަށް ވުރެ 72 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ކޮބާ؟
އީރާނަކީ ދުނިޔޭގައި އެންމެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ އެއް ގައުމެވެ. އެއީ މިހާރު މުސްލިމުންގެ އެންމެ ބާރުގަދަ ގައުމަށް އީރާނު ވާތީއެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާ ހަމައެކަނި ގައުމަކީ އެއީކަމަށްވާތީއެވެ.
1979 ވަނަ އަހަރު އާޔަތުﷲ ރޫޙުﷲ ޚުމޭނީ އިރާގާއި ފަރަންސޭސިވިލާތުގައި 14 އަހަރު ވަންދެން އަމިއްލަފުޅަށް އަރުވައިލެވިގެން އުޅުމަށް ފަހު އެނބުރި އީރާނަށް ވަޑައިގަތެވެ. އަދި ރައްޔިތުންގެ ފެންނަ/ނުފެންނަ ވޯޓަކަށް ފަހު އީރާނަކީ އިސްލާމީ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އިއުލާނުކުރެއްވިއެވެ.
އެމެރިކާއިން އެންމެ ފުރަތަމަ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ 1979ވަނަ އަހަރު ނޮވެމްބަރު މަހު، އީރާނުގެ ދަރިވަރުން ތެހެރާނުގައި ހުންނަ އެ ގައުމުގެ ސަފާރާއަށް ވަދެ، އެމެރިކާ މީހުން ރަހީނުކޮށްގެންކަމަށް ބުނެއެވެ.
1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގައި އޭރު ވެރިކަމުގައި ހުންނެވި ޝާހު ނުވަތަ ރަސްގެފާނު މުހަންމަދު ރިޒާ ޕަހެލަވީ ވެރިކަމުން ދުރުކުރިއެވެ. ޝާހުގެ ބާރުތަކުން، ވެރިކަން ދެމެހެއްޓުމަށް ޓަކައި ބާރާއި އަނިޔާވެރިކަން ބޭނުންކުރެއްވިކަމަށް މަޝްހޫރުވެފައިވެއެވެ. މުޙަންމަދު ރިޒާ ޕަހެލަވީއަކީ އެމެރިކާއާއި ހުޅަނގުގެ ތާއީދު އޮންނަ، ހުޅަނގުގެ ގޮނޑިކޮއްކޮ ވެރިއެކެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާތަކުން ތާއީދުކުރި ބަޣާވާތަކުން 1953ވަނަ އަހަރު އިންތިޚާބުވި އީރާނުގެ ދީމުޤުރާތީ ބޮޑުވަޒީރު މުޙަންމަދު މުޞައްދިޤު ވެސް ވެރިކަމުން ދުރުކުރުމަށް އެންމެ ބޮޑަށް އެހީތެރިވީ ޕަހެލަވީއަށް ތާއީދުކުރި އެމެރިކާއިންނެވެ. އަދި 1979ވަނަ އަހަރު އެމެރިކާއިން ވަނީ އީރާނުން ތެޔޮ އެތެރެކުރުން ހުއްޓުވައި، އީރާނުގެ މިލްކިއްޔާތުގައި ހުރި ހަރުމުދަލާއި 12 ބިލިއަން ޑޮލަރު ހިފަހައްޓައިފައެވެ. އީރާނުގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފައެވެ.
1995ވަނަ އަހަރު އޭރުގެ ރައީސް ބިލް ކުލިންޓަން ވަނީ އެމެރިކާގެ ކުންފުނިތަކުން އީރާނުގެ ތެލާއި ގޭހަށް ވުނަކުރުމާއި އީރާނާއެކު ވިޔަފާރިކުރުން މަނާކުރާ އިދާރީ ޤަރާރެއް ނެރެފައެވެ. އަދި އެމެރިކާއިން އީރާނާ އެކު ވިޔަފާރިކުރުމާއި އެ ގައުމުގައި ވުނަކުރުން މުޅީން މަނާކުރިއެވެ. އޭގެ އަހަރެއް ފަހުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އީރާނުގެ ހަކަތައިގެ ދާއިރާއަށް އަހަރަކު 20 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވުނަކުރާ ބޭރުގެ އެހެން ގައުމުގެ ކުންފުނިތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާން ޖެހޭ ބޭއިންސާފު ގާނޫނެއް ފާސްކޮށްފައެވެ.
ޑިސެންބަރު 2006ގައި އަލިފުދާލޭ މި ކިޔާ ކިޔާނުގެ ސަލާމަތީ މަޖިލީހުން ވަނީ އީރާނުން ނިއުކުލިއަރު ހަކަތައާ ގުޅުން ހުރި ތަކެއްޗާއި ފަންނިއްޔާތުގެ ވިޔަފާރިއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ކަމާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވާ ފަރުދުންނާއި ކުންފުނިތަކުގެ މުދަލާއި ފައިސާ ހިފަހައްޓައިފައެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ މައިގަނޑު ގޮތެއްގައި އީރާނުގެ ނިއުކުލިއަރު ޤާބިލިއްޔަތު އިތުރުވަމުން އަންނަ މިންވަރު ކުޑަކުރުމަށް ކުރި މަސައްކަތެއްކަމަށް އޮތީ ބެލިފައެވެ. ނަމަވެސް 2002ވަނަ އަހަރު އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމްތައް ހުއްޓައިލި ފަހުން، 2005ވަނަ އަހަރުގެ ފަހުކޮޅު އަލުން އެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާން ފެށިއެވެ. ވިލާތުގެ އިއްތިޙާދުން ވެސް އެ ގޮތަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. އެހެންވީމާ، އެމެރިކާއާއި ހުޅަނގުން، އދ. ވެސް ބައިވެރިކޮށްގެން އީރާނާ ދެކޮޅަށް މި އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ކޮންމެހެން ނިޔުކުލިޔަރު ހަތިޔާރު އުފައްދައިފާނެތީ އަޅާ ދަތިކުރުގެ ފިޔަވަޅުތަކެއް ނޫންކަން އެބަ ހާމަވެއެވެ. އެއީ މުސްލިމު ގައުމެއް ބާރުގަދަ، ކުރިއަރައިފައިވާ ގައުމެއްގެ ގޮތުގައި އޮންނާން އެމެރިކާއާއި ހުޅަނގުން ބޭނުންނުވާތީކަން އެނގެއެވެ. އަދި އިސްރާއީލަށް ފަހަރެއްގައި ވެސް ނުރައްކަލަކަށް ވެދާނެ ގައުމެއް މެދުއިރުމަތީ ސަރަހައްދުގައި އޮތަ ނުދިނުމަށް ޓަކައި ގެންގުޅޭ ސިއްރު (އެކަމަކު އެންމެންނަށް ވެސް އެނގޭ) އެޖެންޑާއެއްގެ ދަށުން ހިންގާ ޖަރީމާއެކެވެ.
2015 ވަނަ އަހަރު އެމެރިކާއާއި، ވިލާތުގެ އިއްތިހާދާއި، ޗައިނާއާއި، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ރޫސީވިލާތާއި އިނގިރޭސިވިލާތާ އެކު ނިއުކުލިއަރު ޑީލެއްގައި އީރާނުން ވަނީ ސޮއިކޮށްފައެވެ.
މި ޑީލުގައި އީރާނުގެ ފޯރޑޯ ނިއުކުލިއާ ފެސިލިޓީގައި ޔޫރޭނިއަމް މުއްސަނދިކުރުން މަނާކޮށްފައިވީ ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް މުޅީން އުވައިލާކަށް ނުބުނެއެވެ. މީގެ ބަދަލުގައި ހަކަތަ އުފެއްދުމަށް ޓަކައި ނިއުކުލިއަރު ފަންނިއްޔާތު ސުލްހަވެރި ބޭނުންތަކަށް ތަރައްގީކުރުމުގެ ހުއްދަދީފައި ވެއެވެ.
މި ދެންނެވި ޑީލުގެ ދަށުން [ފޯރޑޯ ނިޔުކުލިޔަރު މަރުކަޒުގައި ޔޫރޭނިއަމް ފައްކާކުރުމާއި އެ ކަމާ ބެހޭ ދިރާސާކުރުން ހުއްޓައިފައި ބޭއްވުމަށް އީރާނުން އެއްބަސްވެފައި އޮތީ 15 އަހަރުގެ މުއްދަތަށެވެ.
އަދި އެ ތަނުގައި ނިއުކުލިއަރު އެއްވެސް މާއްދާއެއް ނުބެހެއްޓުމަށް އެއްބަސްވުމާ އެކު، އޭގެ ބަދަލުގައި [ފޯރޑޯ މަރުކަޒަކީ ނިއުކުލިއަރާއި، ފަންނިއްޔާތާއި ފިޒިކުސް މަރުކަޒަކަށް ބަދަލުކުރުމަށް" ވެސް އީރާނުން އެއްބަސްވެފައި ވެއެވެ.
މި ޑީލުގެ ދަށުން ވެވިފައި އޮތް އެއްބަސްވުމަށް އީރާނުން އިޙުތިރާމުކޮށް ޢަމަލުކުރަމުން ގެންދަނިކޮށް 2018ވަނަ އަހަރު ޓުރަންޕުގެ ރިޔާސީ ފުރަތަމަ ދައުރުގައި ވަނީ މި ދެންނެވި ނިއުކުލިއަރު އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާކަން އިއުލާންކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އުވައިލި ދަތިކުރުމުގެ ހުރިހައި ފިޔަވަޅެއް އީރާނާ ދެކޮޅަށް އަލުން އިއުލާންކޮށްފައެވެ.
2019 ވަނަ އަހަރު ޓުރަންޕުގެ ވެރިކަމުގައި ވަނީ، އީރާނުގެ އިސްލާމީ އިންޤިލާބީ ގާޑް (އީރާނުގެ ދިފާޢީ އެންމެ މުހިންމު އެއް މުއައްސަސާ) ނުވަތަ އައިއާރުޖީސީއަކީ ބޭރުގެ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މީގެ އިތުރަށް އީރާނުގެ ޤުދުރަތީ ވަސީލަތްކަމަށްވާ ޕެޓުރޯކެމިކަލާއި، މަޢުދަން (ދަގަނޑު، އެލްމިނިއަމް، ލޮއި)އާ ދެކޮޅަށާއި އީރާނުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފައި ވެއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަކީ އީރާނާ ދެކޮޅަށް ޓުރަންޕު އެންމެ ބޮޑަށް ހިންގި ކެންޕޭނެވެ.
2020 ޖަނަވަރީ 3ގައި އެމެރިކާއިން ވަނީ އިރާގުގެ ބަޣުދާދަށް ދިން ޑުރޯނު ހަމަލާއެއްގައި އައިއާރުޖީސީގެ އެލައިޓު ޤުދުސް ފޯސްގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރަށް އެމެރިކާއިން ވަނީ އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅައިފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް 2021 އިން 2025 އަށް ވެރިކަމުގައި ހުރި ބައިޑެންގެ ވެރިކަމުގައި ވެސް އެ ގޮތުގައި ދެމެހެއްޓިއެވެ.
އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމާ ގުޅިގެން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައިފައިވަނީ އީރާނަށް އަޅައިފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވައިލުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ވޯޓުދީގެންނެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް އަސަރުކޮށްފައިވަނީ ކިހައި ވަރަކަށް؟
އާމްދަނީ: ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އީރާނުގެ ބޮލަކަށްޖެހޭ ޖުމްލަ އުފެއްދުންތެރިކަން (ޖީޑީޕީ) 2012ވަނަ އަހަރު 8،000 ޑޮލަރަށް ވުރެ މަތީގައި ހުއްޓެވެ. ނަމަވެސް 2017 ވަނަ އަހަރު އެ މިންވަރު ގާތްގަނޑަކަށް 6،000 ޑޮލަރަށް ވެއްޓުނެވެ.
އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ޓުރަންޕުގެ ކެމްޕޭންގެ ދަށުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ހަރުކަށިކޮށް، އީރާނުން ތެޔޮ ބޭރުކުރުމާއި ދުނިޔޭގެ މާލީ ފުރުޞަތުތައް މުޅީން ބަންދުކޮށްލުމުންނެވެ.
ތެޔޮ އެކުސްޕޯޓާއި އާމްދަނީ: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށްފަހު އީރާނުގެ ތެޔޮ އެކުސްޕޯޓު 60-80 ޕަސެންޓު ދަށްވެ، އޭގެ ކުރީން ތެލުން ސަރުކާރަށް އަހަރަކު ލިބޭ އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ނުލިބޭ ގޮތްވިއެވެ.
އީރާނުން 2011 ވަނަ އަހަރު ދުވާލަކު ގާތްގަނޑަކަށް 2.2 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އެކުސްޕޯޓުކުރަމުން ގެންދިޔަ ނަމަވެސް، 2018ވަނަ އަހަރަށް ފަހު އެކުސްޕޯޓު ވަރަށް ބޮޑަށް ދަށްވެ، 2020 ވަނަ އަހަރު އެ ޢަދަދު ދުވާލަކު 400،000 ފީފާއަށް ދަށްވިއެވެ.
2025ގައި އެކުސްޕޯޓުކުރާ ތެލުގެ މިންވަރު 1.5 ފީފާއަށް އިތުރުވީ ނަމަވެސް އެއީ 2018ވަނަ އަހަރާ އަޅައި ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.
ފައިސާގެ އަގުވެއްޓުން: އީރާނުގެ ރިޔާލުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. 2010ގެ އަހަރުތަކުގެ މެދުތެރޭގައި އެމެރިކާ ޑޮލަރަކަށް ލިބޭނީ ދިހަހާސް ރިޔާލެވެ. ނަމަވެސް 2025ވަނަ އަހަރުގެ ފަހުކޮޅަށް އައި އިރު ޑޮލަރަކަށް އެތައް ލައްކަ ރުފިޔާއެއް ލިބެއެވެ. މިހާރު، ޑޮލަރެއްގެ އަގު އުޅެނީ މިލިއަނަށްވުރެ މަތީގައެވެ.
އަގު ދަށްވެފައިވާ ފައިސާއަކުން ގައުމެއްގެ އެކުސްޕޯޓު ކުރިއެރުވުމަށް އެހީތެރިވެދެވިދާނެއެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އެކުސްޕޯޓުގެ ބޮޑު ބައެއް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުވައިފައި އޮތެވެ. މީގެ އިތުރަށް ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން އިންޕޯޓުކުރުގެ ޚަރަދު ބޮޑުވެ، ލާދަ އިތުރުވެ، ވުނޭރުންގެ އިތުބާރު ކުޑަވެފައިވެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް މާލީ ބާޒާރުތަކުން ޑޮލަރު ލިބުމުގެ ފުރުސަތު ވެސް ވަނީ ދަތިވެފައެވެ. ބައިނަލްއަގުވާމީ ވިޔަފާރީގައި ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ވައިގެ ދަތުރުފަތުރު: އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ޞިނާއަތަކީ އެގައުމުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއެވެ. 1979ވަނަ އަހަރު ފުރަތަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު، އީރާނުގެ ސަރުކާރަށް އާ މަތީންދާބޯޓެއް ގަނެވޭ ގޮތެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، 1980އާއި 1990ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ވެސް މަތިންދާބޯޓު އެކުސިޑެންޓުތައް އިތުރުވެ އެތައް ބަޔަކު މަރުވިއެވެ.
ޖެނީވާގައި ހުންނަ މަތީންދާބޯޓުގެ އެކުސިޑެންޓުގެ ތަކާ ބެހޭ އަރުޝީފު އޮފީސް (ބީ3އޭ) އިން ބުނާ ގޮތުގައި 1979 އާއި 2023 އާ ދެމެދު އީރާނުގައި މަތީންދާބޯޓު ވެއްޓުމުގެ ހާދިސާގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ފަސާދަ: އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ އެކު، އެ ޙާލަތުން ފައިދާއާއި އަނަފާ ހޯދާން މީހުން މަސައްކަތްކުރިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފަސާދައިގެ ފުރުޞަތުތައް ތަންމިނަށް ހުޅުވުނެވެ. ވިޔަފާރިއާއި މާލީ ޙަރަކާތްތައް ނުސީދާ ޗެނަލްތަކުން ހިނގާން މަޖުބޫރުވިއެވެ. މިސާލަކަށް ތެޔޮ ވިއްކާން ޖެހެނީ އެހެން ބަޔަކު މެދުވެރިކޮށް ވަގަށެވެ. މުދާ އެތެރެކޮށް ބޭރުކޮށް ހަދާން ޖެހެނީ ވެސް މި ފަދަ ނުސިޔާނު ގޮތްގޮތަށެވެ. ނަތީޖާއެއްގެ ގޮތުން ރަސްމީ ގާނޫނީ އެއްބަސްވުނތަކަށް ހުރަސް އެޅި ފަސާދައަށް ހުންނަ މަގުތައް ތަންމިނަށް ހުޅުވުނެވެ.
ޓުރަންޕު މި ކިޔަނީ ކީކޭ؟
މި ހުރިހައި ގެއްލުންތަކެއް އީރާނަށް މި ދިނީ އިސްރާއީލަށް ވުރެ އީރާނު ބާރުގަދަވެދާނެތީއާއި މުސްލިމު ގައުމެއް ބާރުގަދަ ގައުމެއްކަމަށް ވެދާނެތީއެވެ. ޢިރާގާއި ލީބިޔާ ވެސް ގިއްގަޅުވައިލި ފަދައިންނެވެ. ސޫރިއާގައި އަހުލީ ހަނގުރާމައެއް އުފައްދައި އެ ގައުމު ވެސް ހަލާކުކޮށްލި ފަދައިންނެވެ. މި ހުރިހައި ގެއްލުންތަކެއް އެމެރިކާއިން އީރާނަށް ދިނުމަށް ފަހު، މިއަދު ވެސް އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު ދެމުން، އީރާނުގެ ރައްޔިތުންނަށް ދޭން ތައްޔާރަށް އޮތްކަމަށް މި ބުނަނީ ކޮން ކަހަލަ އެހީތެރި ކަމެއްހެއްޔެވެ؟ އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ލީބިޔާގެ ރައްޔިތުންނަށް ވެސް ދިން ފަދަ އެހީތެރިކަމެކެވެ. ގައުމުގެ ނިޒާމު ރޫޅައިލައި، ވެރިކަން ވައްޓައިލައި ބިނާރު ހަލާކުކުރުމުގެ އެހީތެރިކަމެކެވެ. އޭރުން އެ ގެނައި ޢަރަބި ރަބީޢުގެ ތެރޭގައި އުފެއްދި ޢިރާޤަކަށް ނުވަތަ ލީބިޔާއަކަށް، އީރާނުވެސް ހަދައިލުމުގެ އެހީތެރިކަމެވެ. އެހެން ނޫން ނަމަ، މެދުއިރުމަތީގެ އެހެން ގައުމުތައް ފަދައިން އެމެރިކާއާއި އިސްރާއީލުގެ ގޮނޑިކޮއްކޮއަށް ވާންވީއެވެ.
ބައެއް ލަފުޒުގެ މާނަ:
ޚިޔާލު ނ. (1) ވިސްނުން. (2) ފިކުރު. (3) ކުރާ ބުއްދި. idea
ކިޔާނު ނ. (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް.entity
އަނަފާ ނ. ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާ ނެގުން. exploitation
އިދާރިއްޔަތު ނ. (1) ސަރުކާރުގެ ނުވަތަ އަމިއްލަ އޮފީހެއް ފަދަ އިދާރާއެއް ހިންގުމަށް ޓަކައި އެ ތަނެއްގައި ދުވަހުންދުވަހަށް ކުރާ އިދާރީ މަސައްކަތްތައް ރާވައި، އިންތިޒާމު ކޮށް، ހިންގުމުގެ އެކިއެކި ޙަރަކާތްތައް. (2) އިދާރީ ކަންކަން ހިންގާ ގޮތް. administration
ވުނަކުރުން މ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest
ވުނޭރު ނ. ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާ ވާ މީހާ. investor
މަންސަ ނ. ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. platform
ތަދައްޚުލުވުން މ. (1) ހިނގަމުންދާ ކަމެއްގެ ތެރެއަށް ވަނުން ނުވަތަ އެ ކަމުގެ ތެރޭގައި ޝާމިލުވުން. (2) ކަމެއް ރަނގަޅުކުރުމަށް ޓަކައި، ނުވަތަ ކަމެއް މަގުން ކައްސައިލިޔަ ނުދިނުމަށް ޓަކައި އެ ކަމުގެ ތެރެއަށް ވަނުން. (3) ދެ ޚަޞްމެއްގެ ދެމެދުގައި ހިނގަމުންދާ ޤަޟިއްޔާއެއްގެ ތެރެއަށް، އެ ކަމުގައި މަސްލަހަތު އޮތް ފަރާތަކުން ވަދެ ޝާމިލުވުން. intervene
ލާދަ ނ. ފައިސާގެ އަގު ދަށަށްދާ ދިއުމުން މުދަލުގެ އަގު ބޮޑުވުން. inflation
ޤިޔާދަތު ނ. (1) ޒަޢާމަތު. (2) ލީޑަރޝިޕު leadership
ޑީލު ނ. ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ. deal
ޖަރީމާ ނ. ބޮޑެތި ކުށް. crime